ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެކިފެންވަރުގެ ސަނަދާއި، ށަރަފު ދިނުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 30/2016)
1 މާއްދާ – ތައާރުފު
(ހ) މިއީ، ގަނޫނު ނަން ބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގަނޫނު) ގެ 48 ވަނަ މާއްދާއިން ބާރު ލިބިގެން އެކަށައެޅިފައިވާ، ޔުނިވަރސިޓީގައި އެކިފެންވަރުގެ ސަނަދާއި ށަރަފު ދިނުމާބެހޭ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެކިފެންވަރުގެ ސަނަދާއި ށަރަފު ދިނުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގަވާއިދުގެ ބޭނުމަކީ، ޔުނިވަރސިޓީން ދޭ އެކިފެންވަރުގެ ސަނަދާއި ށަރަފު އާންމުކޮށް އަންގައިދީ، އެކަމުގައި ދެފުށް ފެންނާނޭގޮތަށް، މި ގަވާއިދުގައި އުސޫލުތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ޔުނިވަރސިޓީގެ ނަމުގައި ދެވޭ އިލްމީ ލިޔުން
(ހ) ދވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން، ދެ ބާވަތެއްގެ އިލްމީ ލިޔުން ދެވޭނެއެވެ.
- ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ފަރުމާކުރެވިފައިވާ މުގައްރަރެއް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓަރީވެ ހުރެ، ކިޔަވައި ނިންމުމުން ދެވޭ އިލްމީ ސަނަދާއި؛
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނުރަސްމީ ތައުލީމު ދިނުމުގެ ޕްރޮގްރާމުތަކުގައި ބައިވެރިވާ ފަރާތްތަކަށް ދެވޭ ހަނދާނީ ލިޔުމެވެ.
(ށ) މި މާއްދާގެ (ހ) ގެ 1 ގައިވާ ސަނަދުތައް ދެވޭނީ، ޔުނިވަރސިޓީގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ 2 ގައިވާ ހަނދާނީ ލިޔުން، ޔުނިވަރސިޓީގެ ކުއްލިއްޔާއެއްގެ ނުވަތަ ސެންޓަރެއްގެ ޑީންއަށް ފެންނަ ފަރާތަކަށް ދެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ހަނދާނީ ލިޔުމެއް ދޭންވާނީ، ޔުނިވަރސިޓީގެ ތަސައްވުރާއި، އިލްމީ ފެންވަރަށް އުނިކަމެއް ނާންނާނޭގޮތުގެ މަތީންނެވެ.
4 ވަނަ މާއްދާ - ކޯސް ފުރިހަމަކުރުމުން ސަނަދު ދިނުން
ޔުނިވަރސިޓީގެ ކުއްލިއްޔާއެއްގައި ނުވަތަ ސެންޓަރެއްގައި ކިޔަވާ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓަރީވެހުރެ، ޔުނިވަރސިޓީގެ މަޖިލިހުން ސަނަދު ދިނުމަށް ފާސްކޮށްފައިވާ ކޯހެއް، ފުރިހަމަކުރާ ކޮންމެ ފަރާތަކަށް، ޔުނިވަރސިޓީގެ މަޖިލީހުން ސަނަދެއް ދޭންވާނެއެވެ.
5 ވަނަ މާއްދާ – ޔުނިވަރިސިޓީން ދޭ ސަނަދުތަކުގެ ލިސްޓް
މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ޔުނިވަރސިޓީން ދަސްވެނިވާ ފަރާތްތަކަށް ދެވޭ ސަނަދުތަކާއި، ދަސްވެނިވުމުގެ ސިއްކަ ޖެހުމަށް ހުއްދަ ދެވިގެންވާ ސަނަދުތަކާއި، އެ ސަނަދުތަކުގެ ފެންވަރާއި، އެ ސަނަދުތަކަށް ކިޔާނެ ނަމާއި ، އެ ނަން އިނގިރޭސިބަހުން ލިޔާނެ ކުރުގޮތް، މިސިޔާސަތާ އެކުގައިވާ 1 (އެކެއް) ވަނަ ޖަދުވަލުގައި އެ ވަނީއެވެ.
6 ވަނަ މާއްދާ - ޔުނިވަރސިޓީގެ ނަމުގައި ދޫކުރުމަށް ހުއްދަދެވޭ ސަނަދުތަކުގެ ލިސްޓު ބެލެހެއްޓުމާއި ، އެ ލިސްޓަށް ބަދަލުގެނައުމާއި، އެ ސަނަދުތަކުގެ ފެންވަރު ހިފެހެއްޓުން
(ހ) މި ގަވާއިދުގެ ދަށުން، ޔުނިވަރިސީޓީގެ ނަމުގައި ދެވޭ ސަނަދުތަކުގެ ލިސްޓު ރައްކައުތެރިކަމާއެކު ބަލަހައްޓާނީ، ޑެޕިޔުޓީ ވައިސް ޗާންސެލަރ ފޮރ އެކަޑެމިކް އެފެއާޒެވެ.
(ށ) ޔުނިވަރސިޓީގެ ނަމުގައި ދެވޭ ސަނަދުތަކުގެ ލިސްޓަށް އެއްވެސް ބަދަލެއް ގެނެވޭނީ ޔުނިވަރސިޓީގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރާގޮތެއްގެ މަތީންނެވެ.
(ނ) ޔުނިވަރސިޓީގެ ނަމުގައި ދެވޭ ސަނަދުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނީ، ޔުނިވަރސިޓީގެ މަޖިލީހުން އަންގާގޮތެއްގެ މަތީން، ޔުނިވަރސިޓީގެ އެކަޑެމިކް ބޯޑުންނެވެ.
7 ވަނަ މާއްދާ - ޔުނިވަރސިޓީގެ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމުގައި މަރުޖައަ ކަނޑައެޅުން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރަސްމީ ތައުލީމުގެ ތެރޭގައި ހިމެނޭ ކޯސްތައް ފަރުމާ ކުރުމާއި، ފެންވަރު ހިފެހެއްޓުމުގައި، ޔުނިވަރސިޓީން ބޭރުން، މަރުޖައެއްކަމުގައި ބަލަންވާނީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކެވެ.
8 ވަނަ މާއްދާ - ޔުނިވަރސިޓީގެ ނަމުގައި ސަނަދު ދިނުމުގެ ހުއްދަ
ޔުނިވަރސިޓީގެ ނަމުގައި ދެވޭ ސަނަދާއި، އެ ސަނަދެއްގެ ހައްގުވެރިފަރާތް، ޔުނިވަރސިޓީގެ މަޖިލީހުން ކަނޑަނާޅާހައި ހިނދަކު، އެއްވެސް ސަނަދެއް ނުދެވޭނެއެވެ.
9 ވަނަ މާއްދާ - ޔުނިވަރސިޓީގެ ސަނަދުތަކުގައި ސޮއިކުރުން
(ހ) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރަސްމީ ތައުލީމުގެ ތެރޭގައި ހިމެނޭ ކޯސްތައް ނިންމުމުން، މި ގަވާއިދުގެ ދަށުން ދިނުމަށް ކަނޑައެޅިފައިވާ ކޮންމެ ސަނަދެއްގައި، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރާއި ރަޖިސްޓްރަރ ސޮއިކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ނަންގަނެވިގެންވާ ލިޔުންތަކުގައި، ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާގޮތެއްގެ މަތީން އެހެން ފަރާތަކަށްވެސް ސޮއިކުރެވިދާނެއެވެ.
10 ވަނަ މާއްދާ - ދަސްވެނިވުމަށް ބޭނުންވާ ކަންކަން ދަރިވަރު ފުރިހަމަކޮށްފިކަން ކަށަވަރުކުރުން
(ހ) އަންޑަރގްރެޖުއޭޓް ދަރިވަރު ދަސްވެނިވުމަށްޓަކައި ބޭނުންވާ އެންމެހައި، ބައިތައް ފުރިހަމަކޮށްފިކަން ޔުނިވަރސިޓީގެ މަޖިލީހަށް ރަސްމީގޮތުން ކަށަވަރުކޮށްދިނުމަކީ، ކުއްލިއްޔާގެ އަދި ސެންޓަރުގެ އެންމެ އިސްވެރިޔާގެ ޒިންމާއެކެވެ.
(ށ) ޕޯސްޓްގްރެޖުއޭޓް ދަރިވަރުން ހަދަންޖެހޭ ދިރާސާއާއި ދިރާސާއާގުޅޭ ތަމްރީނުތަކާއި، ކޯސްވާރކް ފުރިހަމަކޮށްފިކަން ރަސްމީގޮތެއްގައި ޔުނިވަރސިޓީގެ މަޖިލީހަށް ކަށަވަރުކޮށްދިނުމަކީ، ޕޯސްޓްގްރެޖުއޭޓް ސެންޓަރުގެ އެންމެ އިސްވެރިޔާގެ ޒިންމާއެކެވެ.
11 ވަނަ މާއްދާ - ޔުނިވަރސިޓީގެ ސަނަދުތަކުގައި ދަސްވެނިވުމުގެ ސިއްކަޖެހުމާއި ދަސްވެނިވުމުގެ ހަފުލާގެ ތާރީހު ކަޑައެޅުން
(ހ) ޔުނިވަރސިޓީން ދޫކުރާ، ކޮންމެ ސަނަދެއްގައި ޔުނިވަރސިޓީގެ ދަސްވެނިކަން ރަމްޒުކޮށްދޭ ސިއްކަޖެހިފައި އޮންނަންވާނެއެވެ. ދަސްވެނިކަމުގެ ސިއްކަޖެހިފައި ނެތް ކޮންމެ ސަނަދަކީ، ބާތިލު ލިޔުމެކެވެ.
(ށ) ޔުނިވަރސިޓީން ދަސްވެނިވުމުގެ ހައްގު ލިބިއްޖެކަމަށް ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ ފަރާތްތަކަށް ދޫކުރެވޭ ސަނަދުގައި، ދަސްވެނިވުމުގެ ސިއްކަޖެހުމުގެ ހައްގު ލިބިގެންވަނީ، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރަށެވެ.
(ނ) މި ގަވާއިދުގެ ދަށުން ދެވޭ ސަނަދާއި ޑިގްރީގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގުމާއި، ދެވޭނެ ސަނަދުގެ ނަން ކަނޑައަޅައި، ޔުނިވަރސިޓީގެ މަޖިލީހަށް ހުށަހަޅާނީ، ޔުނިވަރސިޓީގެ އެކަޑެމިކް ބޯޑުންނެވެ.
(ރ) ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފުލާގެ ތާރީހު ކަނޑައަޅާނީ، ޔުނިވަރސިޓީގެ އެކަޑެމިކް ބޯޑުގެ ލަފައާއެކު، ވައިސްޗާންސެލަރެވެ.
12 ވަނަ މާއްދާ - ދަސްވެނިކަމުގެ ލިޔުން ދޫކުރުން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިކަމުގެ އެންމެހާ ލިޔުންތައް މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ދޫކުރާނީ، ޔުނިވަރސިޓީގެ ސްޓޫޑެންޓް އެފެއާޒް އޮފީހުންނެވެ.
13 ވަނަ މާއްދާ – ކޯސް ނިންމިކަމުގެ ލިޔުން
ދަރިވަރު ރަޖިސްޓަރީވެގެން ކިޔެވި ކޯހުގެ ނަމާއި، އެ ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަކުރިކަން، ކޯސް ނިންމިކަމުގެ ލިޔުމުގައި، އެނގެން އޮންނަންވާނެއެވެ.
14 ވަނަ މާއްދާ – ކޯސް ނިންމިކަމުގެ ލިޔުން ދޫކުރުން
ކޯސް ނިންމާ ދަރިވަރުންނަށް، އެ ކޯސް ނިންމިކަމުގެ ލިޔުމާއި، ނުރަސްމީ ޓްރާންސްކްރިޕްޓް ދޫކުރަންވާނީ، މުޅި ކޯހުގެ ނަތީޖާ ނެރެ، އާންމުކުރުމަށްފަހުގައެވެ. އަދި ކޯސް ނިންމިކަމުގެ ލިޔުމާއި، ނުރަސްމީ ޓްރާންސްކްރިޕްޓް ދޫކުރަންވާނީ، އެކަމަށް ކަނޑައެޅިފައި އޮންނަ ފީ ދެއްކުމުންނެވެ.
15 ވަނަ މާއްދާ – ށަރަފުގެ ސަނަދު
(ހ) ށަރަފުގެ ސަނަދަކީ، ތައުލީމީ ރޮނގުން، ނުވަތަ އާންމު ހިދުމަތުގެ ދާއިރާއިން، ނުވަތަ ފާހަގަކޮށްލެވޭ ދިރާސާއެއްކުރުމުގައި ނުވަތަ އިސްލާމް ދީން އުނގަންނައިދީ، އެ ދީން ފެތުރުމުގެ ދާއިރާގައި، ނުވަތަ ސައިންސްގެ ރޮނގުން، ނުވަތަ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ މައިދާނުގައ، ނުވަތަ ވިޔަފާރިއާއި، އިގްތިސާދީ ދާއިރާގައި، ނުވަތަ ކުޅިވަރުގެ މައިދާނުގައި، ނުވަތަ މިނޫންވެސް ފަންނުވެރި ދާއިރާއެއްގައި، ދިވެހިރާއްޖެއަށް، ނުވަތަ ޔުނިވަރސިޓީގެ ތަރައްގީއާއި ކުރިއެރުމަށް އާދަޔާ ހިލާފު ހިދުމަތެއް ކޮށްދިން ފަރާތެއްގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ށަރަފެކެވެ.
(ށ) ޔުނިވަރސިޓީގެ ށަރަފުގެ ސަނަދު ދެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާވެގެންވާ ދާއިރާއަކުން އެންމެ މަދުވެގެން 10 (ދިހައެއް) އަހަރުގެ ހިދުމަތް ކޮށްފައިވާ ފަރާތަކަށެވެ.
(ނ) ދިރާސާއެއް ކުރި ފަރާތަކަށް އެންމެ މަތީ ށަރަފު ދެވޭނީ، އެ ދިރާސާއަކީ، ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ދިރާސާއެއްކަމުގައި ވެފައި، އެ ދިރާސާގެ ސަބަބުން ޔުނިވަރސިޓީއަށް ރީތި ނަމެއް ލިބޭ ދިރާސާއެއް ކަމުގައިވާނަމައެވެ.
(ރ) ޔުނިވަރސިޓީން ދޭ ށަރަފުގެ ސަނަދަކީ، މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންވެގެންވާ ކަންކަމަށް ރިއާޔަތްކުރުމާއެކު، ޔުނިވަރސިޓީގެ މަޖިލީހަށް ފެނިއްޖެ ކޮންމެ ހިނދެއްގައި ދެވޭނެ ސަނަދެކެވެ.
(ބ) މި މާއްދާގައި ބަޔާންވެގެންވާ، ށަރަފުގެ ސަނަދު ދިނުމާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ޔުނިވަރސިޓީގެ އެކަޑެމިކް ބޯޑުގެ ލަފާގެ މަތީން، ޔުނިވަރސިޓީގެ އެކަޑެމިކް އެފެއާޒް އޮފީހުންނެވެ.
16 ވަނަ މާއްދާ - ޔުނިވަރސިޓީގެ ކުއްލިއްޔާއަކުން ނުވަތަ ސެންޓަރަކުން ދޭ ށަރަފުގެ ސަނަދާއި، އެ ސަނަދު ދެވޭނެގޮތާއި، ށަރަފުގެ ސަނަދު ދެވޭނެ ފަރާތް
(ހ) ޔުނިވަރސިޓީގެ ކުއްލިއްޔާއެއްގެ ނުވަތަ ސެންޓަރެއްގެ ތަހައްސުސާގުޅޭ ދާއިރާއަކުން ނުވަތަ އެ ކުއްލިއްޔާއަކަށް ނުވަތަ ސެންޓަރަކަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއްކޮށްދިން ފަރާތަކަށް ށަރަފުގެ ސަނަދު ދެވިދާނެއެވެ.
(ށ) ށަރަފުގެ ސަނަދެއް ދެވޭނީ، އެކަޑެމިކް ބޯޑުގެ ލަފަޔާއެކު، އެ ކުއްލިއްޔާއަކުން ނުވަތަ ސެންޓަރަކުން، ޔުނިވަރސިޓީގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ހުއްދަ ލިބުމަށް ފަހުގައެވެ.
(ނ) ކޮންމެ ކުއްލިއްޔާއަކުންވެސް އަދި ސެންޓަރަކުންވެސް، ށަރަފުގެ ސަނަދު ދިނުމުގެ ދާއިރާއާއި، ސަނަދު ދެވޭނެ ފަރާތް، ކަނޑައެޅުމަށްޓަކައި އިޖުރާއަތެއް އެކުލަވައިލެވިފައި އޮންނަންވާނެއެވެ.
(ރ) ޔުނިވަރސިޓީގެ ކުއްލިއްޔާއަކުން ނުވަތަ ސެންޓަރަކުން ށަރަފުގެ ސަނަދެއް ދެވޭ ފަރާތަކީ، އެ ސެންޓަރުގައި، ނުވަތަ އެ ކުއްލިއްޔާގައި ވަޒީފާ އަދާކުރާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ.
(ބ) ޔުނިވަރސިޓީގެ އެކަޑެމިކް ބޯޑުން ކަނޑައަޅާ އިޖުރާއަތާ އެއްގޮތްވާގޮތުގެ މަތީން، ށަރަފުގެ ސަނަދެއް ދިނުމަށް، ޔުނިވަރސިޓީގެ މުވައްޒަފަކު، ނުވަތަ ޔުނިވަރސިޓީގެ ދަރިވަރަކު، ނުވަތަ އާންމު ފަރާތަކުން، ނުވަތަ ސަރުކާރުން، ނުވަތަ ޔުނިވަރސިޓީގެ މަޖިލިސް މެމްބަރަކަށް، އެހެން ފަރާތެއްގެ ނަން ހުށަހެޅިދާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކުރެވިފައިވާ އަންނަނިވި ފަރާތްތަކަކީ، ށަރަފުގެ ސަނަދެއް އެފަރާތްތަކަށް ދިނުމަށްޓަކައި ނަން ހުށަހެޅުން މަނާވެގެންވާ ފަރާތްތަކެވެ.
- ޔުނިވަރސިޓީގައި ވަޒީފާ އަދާކުރަމުންދާ ތައުލީމީ އަދި އިދާރީ މުވައްޒަފުންނާއި ކިޔަވަމުންދާ ދަރިވަރުން.
- ސިޔާސީ ނުވަތަ ސަރުކާރުގެ އިދާރީ މަގާމެއްގެ ހައިސިއްޔަތުން، އެމީހެއްގެ ފަރާތުން ޔުނިވަރސިޓީއަށް ހިދުމަތެއް ލިބިފައިވާ ނުވަތަ ހިދުމަތެއް ދިނުމަށް އައްޔަން ވެފައިހުރި ކޮންމެ ފަރާތެއް.
- ޔުނިވަރސިޓީގެ ތަސައްވުރަށް ނުވަތަ ޔުނިވަރސިޓީގެ ށަރަފުގެ ސަނަދަށް އުނިކަމެއް ގެނުވައިދޭނެ މީހެއް ކަމަށް، ޔުނިވަރސިޓީގެ މަޖިލީހަށް ފެންނަ ކޮންމެ މީހެއް.
17 ވަނަ މާއްދާ - ދުނިޔޭގައި ނެތް ފަރާތަކަށް ޔުނިވަރސިޓީގެ ށަރަފުގެ ސަނަދު ދިނުން
ޔުނިވަރސިޓީގެ ފަރާތުން، ށަރަފުގެ ސަނަދެއް ދިނުން ހައްގުވާ ފަރާތެއް ދުނިޔޭގައި ނެތް ނަމަވެސް، ޔުނިވަރސިޓީގެ މަޖިލީހަށް ފެނިއްޖެ ހާލަތުގައި، އެފަދަ ފަރާތަކަށް ށަރަފުގެ ސަނަދެއް ދެވިދާނެއެވެ.
18 ވަނަ މާއްދާ - ޔުނިވަރސިޓީން ދޭ ށަރަފުގެ ސަނަދު ބާތިލުކުރުން
ޔުނިވަރސިޓީގެ ތަސައްވުރަށް އުނިކަމެއް އެމީހެއްގެ ފުށުން ލިބިދާނެކަމަށް ޔުނިވަރސިޓީގެ މަޖިލީހަށް ފެންނަ ފަރާތަކަށް ދެވިފައިވާ ށަރަފުގެ ސަނަދު ބާތިލުކުރުމުގެ އިހުތިޔާރު ޔުނިވަރސިޓީގެ މަޖިލީހަށް ލިބިގެންވެއެވެ.
19 ވަނަ މާއްދާ - ށަރަފުގެ ސަނަދަށް ކިޔާ ނަންތައް
(ހ) ޔުނިވަރސިޓީގެ މަޖިލީހުން އެނޫންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އަދި ޔުނިވަރސިޓީގެ ފަރާތުން ދެވޭ ށަރަފުގެ ސަނަދަށް ކިޔާ ނަންނަމަށް ބަދަލު ނުގެންނަހައި ހިނދަކު، ޔުނިވަރސިޓީގެ ނަމުގައި ދެވޭ ށަރަފުގެ ސަނަދުގެ ނަމެއްގެ ގޮތުގައި ބޭނުންކުރާނީ "އޮނަރަރީ ޑޮކްޓަރޭޓް އޮފް (ހިދުމަތުގެ ދާއިރާ/ ދިރާސާކުރި ދާއިރާ)" މިގޮތަށެވެ.
(ށ) ޔުނިވަރސިޓީން ށަރަފުވެރި ދަރަޖައެއް ދެވިފައިވާ އެއްވެސް ފަރާތަކަށް، އިލްމީގޮތުން ލިބޭ ލަގަބެއް ފިޔަވައި، "ޑޮކްޓަރ" މި ލަގަބު ބޭނުމެއް ނުކުރެވޭނެއެވެ.
20 ވަނަ މާއްދާ – "އިމެރިޓަސް" ނުވަތަ "އިމެރިޓާ" ށަރަފު ދިނުން
(ހ) "އިމެރިޓަސް" ނުވަތަ "އިމެރިޓާ"ގެ ށަރަފަކީ، އާދަޔާ ހިލާފު ހިދުމަތްތަކެއް ޔުނިވަރސިޓީއަށް ކޮށްދިނުމަށްފަހު، ޔުނިވަރސިޓީގެ މުވައްޒަފަކު ރިޓަޔަރވުމުން، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ޔުނިވަރސިޓީގެ ކައުންސިލުން ދޭ ށަރަފެކެވެ.
(ށ) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހިދުމަތްކުރުމަށްފަހު ރިޓަޔަރވާ ފިރިހެނަކަށް "އިމެރިޓަސް" އަދި ރިޓަޔަރވާ އަންހެނަކަށް "އިމެރިޓާ"ގެ ށަރަފު ދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ށަރަފު ދެވޭނީ ތިރީގައިވާ ށަރުޠު ފުރިހަމަވާ ފަރާތަކަށެވެ.
- ރިޓަޔަރވީއިރު، އެސޯސިއޭޓް ޕްރޮފެސަރ ނުވަތަ ޕްރޮފެސަރެއްގެ މަގާމުގައި ހުރި މީހެއްކަމުގައިވުން؛
- ފާހަގަކުރެވޭ ހިދުމަތެއް، ޔުނިވަރސިޓީއަށް ކޮށްދިނުމުގައި މެދުކެޑުމެއްނެތި މަދުވެގެން 10 (ދިހައެއް) އަހަރު ހޭދަކުރުމަށްފަހު ރިޓަޔަރވީ މީހެއްކަމުގައިވުން؛
- ފާހަގަކޮށްލެވޭ އިލްމީ މަސައްކަތްތަކެއް ކޮށްފައިވުމާއެކު، ޔުނިވަރސިޓީގެ ފެކަލްޓީއެއްގައި ނުވަތަ ސެންޓަރެއްގައި ނުވަތަ ޖުމްލަކޮށް ޔުނިވަރސިޓީގައި އަމަލީގޮތުން ހަރަކާތްތެރިވެ އުފެއްދުންތެރި ނަތީޖާއެއް ނެރެދެއްވުމުގައި ބައިވެރިވެފައިވުން.
(ރ) ޔުނިވަރސިޓީގެ މަޖިލީހަށް ފެނިއްޖެ ހާލަތުގައި، ޔުނިވަރސިޓީގެ ޗާންސެލަރުކަމާއި ވައިސް ޗާންސެލަރުކަން ކުރާތާ 10 (ދިހައެއް) އަހަރުވުމަށްފަހު، ރިޓަޔަރވާ ފަރާތްތަކަށްވެސް، މި މާއްދާގެ (ހ) ގައި ނަންގަނެވިގެންވާ ށަރަފު ދެވިދާނެއެވެ.
22 ވަނަ މާއްދާ – "އިމެރިޓަސް" ނުވަތަ "އިމެރިޓާ" ގެ ށަރަފު ހައްގުވާ ފަރާތުގެ ނަން ހުށަހެޅުން
"އިމެރިޓަސް" ނުވަތަ "އިމެރިޓާ" ގެ ށަރަފު ދެވޭ ފަރާތްތަކަށް ލިބިގެންވާ އިނާޔަތްތައް ތިރީގައި ބަޔާންވެގެން މިވަނީއެވެ.
- ޔުނިވަރސިޓީގެ ކުއްލިއްޔާއެއް ނުވަތަ ސެންޓަރެއްގެ ޖަލްސާއެއްގައި، ވޯޓު ދިނުމުގެ ހައްގު ލިބިގެންނުވާގޮތަށް ބައިވެރިވުން
- ކުއްލިއްޔާ ނުވަތަ ސެންޓަރުގެ އައިޑެންޓިޓީ/އެކްސެސް ކާޑު ދިނުން
- ގްރެޖުއޭށަން ހަފުލާއާއި ގްރެޖުއޭށަން ޕްރޮސެށަންގައި ބައިވެރިވުން
- ޔުނިވަރސިޓީގެ ލައިބްރަރީގެ ހިދުމަތް ލިބުން
- ޔުނިވަރސިޓީގެ އީ -މެއިލް އެޑްރެސް ބޭނުންކުރުމުގެ ހުއްދަ އޮތުން
- ޔުނިވަރސިޓީގައި ޕާޓްޓައިމްކޮށް ކިޔަވައިދިނުން
- "އިމެރިޓަސް" ނުވަތަ "އިމެރިޓާ" ގެ ށަރަފު ދެވޭ ފަރާތްތަކަށް ޔުނިވަރސިޓީ މަޖިލީހުން ކަނޑައަޅާ އެންމެހާ ހައްގުތައް
23 ވަނަ މާއްދާ – "އިމެރިޓަސް" ނުވަތަ "އިމެރިޓާ" ގެ ށަރަފު ބާތިލުކުރުން
"އިމެރިޓަސް" ނުވަތަ "އިމެރިޓާ" ގެ ށަރަފު، ޔުނިވަރސިޓީން ދެވިފައިވާ ފަރާތަކުން، ޖިނާއީ ކުށެއް ކުރިކަން ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން ސާބިތުވެއްޖެނަމަ، ނުވަތަ، ޔުނިވަރސިޓީގެ ތަސައްވުރު ހުތުރުވާފަދަ އަމަލެއް ކުރިކަން ޔުނިވަރސިޓީގެ މަޖިލިހަށް ސާބިތުވެއްޖެނަމަ، އޭނާގެ ކިބައިން އެ ށަރަފު ބާތިލުކުރުމުގެ އިހުތިޔާރު މަޖިލީހަށް ލިބިގެންވެއެވެ.
24 ވަނަ މާއްދާ - ދަސްވެނިކަމުގެ ސިއްކަ ބެލެހެއްޓުން
ޔުނިވަރސިޓީގެ ދަސްވެނިކަމުގެ ސިއްކަ ރައްކައުތެރިކަމާއެކު ބަލަހައްޓާނީ، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ބިޔުރޯގެ އެންމެ އިސްވެރިޔާއެވެ.
25 ވަނަ މާއްދާ - ސަނަދުކަރުދާހުގެ މިން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނަދު ލިޔެވިފައި އޮންނަ ކަރުދާހުގެ މިނަކީ، ދިގުކޮށް އޮންނައިރު 23×32 ސެންޓިމީޓަރެވެ. އަދި، މާސްޓަރާއި ޑޮކްޓޯރަލް ޑިގްރީއާއި ށާރަފުވެރި ޑިގްރީ ލިޔެވިފައި އޮންނަ ކަރުދާހުގެ މިނަކީ، ދިގުކޮށް އޮންނައިރު، 3 އޭ ކަރުދާހުގެ މިނެވެ.
26 ވަނަ މާއްދާ - ޔުނިވަރސިޓީ ސަނަދު ލިޔެފައި އޮންނަންވީގޮތުގެ ނަމޫނާ
(ހ) ޔުނިވަރސިޓީގެ އަންޑަގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ސަނަދު އޮންނަންވާނީ ޔުނިވަރސިޓީ މަޖިލީހުން ފާސްކުރާ ފޯމެޓަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ށ) ޔުނިވަރސިޓީގެ ޑޮކްޓޯރަލް ސަނަދު އޮންނަންވާނީ، ޔުނިވަރސިޓީ މަޖިލީހުން ފާސްކުރާ ފޯމެޓަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ނ) ޔުނިވަރސިޓީގެ ޑިޕްލޮމާއާއި ޑިޕްލޮމާއަށްވުރެ ދަށުގެ ސަނަދުތައް އޮންނަންވާނީ، ޔުނިވަރސިޓީ މަޖިލީހުން ފާސްކުރާ ފޯމެޓަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
27 ވަނަ މާއްދާ - ޔުނިވަރސިޓީގެ ސަނަދުތައް ރައްކައުތެރިކަމާއެކު ޗާޕުކުރުން
(ހ) ޔުނިވަރސިޓީގެ ސަނަދުތައް ލިޔުމަށް ޗާޕުކުރެވޭ ކަރުދާސް ހުންނަންވަނީ، ރައްކައުތެރިކަމާއެކު، ރަޖިސްޓްރަރގެ ބެލެހެއްޓުމުގެ ދަށުގައެވެ. އަދި ނުބައިކޮށް ޗާޕުކުރެވޭ ސަނަދު ކަރުދާސްތައް، ރައްކައުތެރިކަމާއެކު ނައްތައިލެވެންދެން ހުންނަންވާނީ ރަޖިސްޓްރަރގެ ބެލެހެއްޓުމުގެ ދަށުގައެވެ.
(ށ) މަޖިލީހުން ފާސްކުރާ މި ސިޔާސަތާ އެކުގައިވާ ނަމޫނާ ސަނަދުތަކުގެ ކަރުދާސްތައް، އެ އަހަރަކަށް ބޭނުންވާނެކަމަށް ލަފާކުރެވޭ އަދަދަކަށް، ކޮންމެ އަހަރަކު ޗާޕުކުރަންވާނެއެވެ. އަދި މި ކަރުދާސް ޗާޕުކުރެވޭނީ ރަޖިސްޓްރަރއާއި އޭނާ އައްޔަންކުރާ، ޔުނިވަރސިޓީގެ އިދާރީ މުވައްޒަފެއްގެ ހާޒިރުގައެވެ.
(ނ) ކުށާއެކު ޗާޕުކުރެވޭ ސަނަދު ކަރުދާސްތައް ނައްތައިލާންވާނެއެވެ. އަދި ނައްތައިލާންވާނީ ރަޖިސްޓްރަރގެ ހާޒިރުގައި، އޭނާ އަންގާގޮތެއްގެ މަތީންނެވެ.
28 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަންފަށާނީ، މި ގަވާއިދު ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިރު ކުރާ ދުވަހުން ފެށިގެންނެވެ.
ގަވާއިދުގައި ނެތް ކަމެއް ދިމާވުމުން މި ގަވާއިދުގައި ނުހިމެނޭކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީ ޔުނިވަރސިޓީ މަޖިލީހުންނެވެ.
---------------
ޖަދުވަލް 1
ޔުނިވަރސިޓީގެ ސަނަދުތަކާއި އެ ސަނަދުތަކުގެ ދަރަޖައާއި އެ ސަނަދުތަކުގެ (އިނގިރޭސިއަކުރުން) ކުރު ނަން އަންގައިދޭ ޖަދުވަލް، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
މައި ގާނޫނު
އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 11/2015)
ކިޔުންތެރިންގެ ހިޔާލު