ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފެލޯށިޕާއި، ސްކޮލަރށިޕާއި، ފައިސާގެ އެހީ ދިނުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 31/2016)
1 ވަނަ މާއްދާ – ތައާރުފު
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރ 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) ގެ 48 ވަނަ މާއްދާއިން ބާރު ލިބިގެން ހަދާފައިވާ، ފެލޯށިޕާއި، ސްކޮލަރށިޕާއި ފައިސާގެ އެހީދިނުމުގެ ގަވާއިދެވެ.
(ށ) ޔުނިވަރސިޓީންނާއި މިގަވާއިދުގެ ދަށުން ކަންކަމަށް އެދޭ އެންމެހައި ފަރާތްތަކުން މި ގަވާއިދަށް އަމަލުކުރަންވާނެއެވެ.
(ނ) ފެލޯށިޕާއި ސްކޮލަށިޕާއި ފައިސާގެ އެހީ ދޭންވާނީ މިގަވާއިދާ އެއްގޮތަށް އެއްވެސް ތަފާތު ކުރުމެއްނެތި އެންމެނަށް ހަމަހަމަ އުސޫލަކުންނެވެ.
2 ވަނަ މާއްދާ – ނަން
މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭ އިސްލާމީ ޔުނިވަރސިޓީގެ ފެލޯށިޕާއި، ސްކޮލަރށިޕާއި ، ފައިސާގެ އެހީ ދިނުމާބެހޭ ގަވާއިދު" އެވެ.
3 ވަނަ މާއްދާ – މަގުސަދު
މި ގަވާއިދުގެ ބޭނުމަކީ، ދެފުށް ފެންނަ ގޮތަކަށް ފެލޯށިޕާއި، ސްކޮލަރށިޕާއި، ފައިސާގެ އެހީ ދިނުމުގައި އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އަމަލުކުރުމެވެ.
4 ވަނަ މާއްދާ – މާނަކުރުން
މި ގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާނަމަ؛
(ހ) 'ޔުނިވަރސިޓީ' ލިޔެވިފައިވާ ކޮންމެ ތަނެއްގެ މާނައަކީ، ގާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ 'ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ' އެވެ.
(ށ) 'އެހީ' ލިޔެފައިވާ ކޮންމެ ތަނެއްގެ މާނައިގައި ފެލޯށިޕް ނުވަތަ ސްކޮލަރށިޕް ނުވަތަ ފައިސާގެ އެހީ ހިމެނެއެވެ.
(ނ) 'ކިޔެވުމުގެ ހަރަދު' ލިޔެފައިވާ ކޮންމެ ތަނެއްގެ މާނައަކީ، ކޯސް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދެވެ.
(ރ) 'ކޮމެޓީ' ލިޔެފައިވާ ކޮންމެ ތަނެއްގެ މާނައަކީ، 'ސްކޯލަރށިޕް އެންޑް ގްރާންޓްސް ކޮމެޓީ' އެވެ.
5 ވަނަ މާއްދާ - ސްކޮލަރށިޕް އަދި ފައިސާގެ އެހީ ދިނުމުގެ މަގްސަދު
ޔުނިވަރސިޓީން ދޭ ސްކޮލަރށިޕް އަދި ފައިސާގެ އެހީ ދިނުމުގެ ބޭނުމަކީ، ތައުލީމުގެ ފުރުސަތު ފުޅާކުރުމާއި، އިލްމީ ދިރާސާކުރުން އާންމު ކުރުމާއި، އަދި ދަރިވަރުންގެ ކިޔެވުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
6 ވަނަ މާއްދާ - ސްކޮލަރށިޕް އަދި ފައިސާގެ އެހީދެވޭނެ ގޮތްތައް
ޔުނިވަރސިޓީއިން ސްކޮލަރށިޕް އަދި ފައިސާގެ އެހީ ދޭނެ ގޮތްތައް ތިރީގައި މިވަނީއެވެ. އެއީ:
(ހ) ޔުނިވަރސިޓީ ފުލް ސްކޮލަރށިޕް.
(ށ) ޔުނިވަރސިޓީ ޕާށަލް ސްކޮލަރށިޕް.
(ނ) ޔުނިވަރސިޓީން ދޫކުރާ ލޯން އެންޑް ސްޓަޑީ ގްރާންޓް.
7 ވަނަ މާއްދާ - ޔުނިވަރސިޓީގެ ފުލް ސްކޮލަރށިޕް
(ހ) ޔުނިވަރސިޓީގެ ފުލް ސްކޮލަރށިޕަކީ، ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ، މާސްޓަރސް، އަދި ޕީ.އެޗް.ޑީ އަށް ކިޔަވަން ދެވޭ ސްކޮލަރށިޕެކެވެ. މި ސްކޮލަރށިޕްގައި ހިމެނެނީ ކިޔެވުމާއި ހުރުމާއި އެހެނިހެން ހަރަދުތަކެވެ.
(ށ) މިމާއްދާގެ (ހ) ގައ ބަޔާން ކޮށްފައިވާ 'އެހެނިހެން ހަރަދު' ތައް ކަ ނޑައަޅާނީ 'ސްކޮލަރށިޕް އެންޑް ގްރާންޓްސް ކޮމެޓީ' އިންނެވެ.
8 ވަނަ މާއްދާ - ޔުނިވަރސިޓީ ޕާށަލް ސްކޮލަރށިޕް
ޔުނިވަރސިޓީގެ ޕާށަލް ސްކޮލަރށިޕަކީ، ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ، މާސްޓަރސް، އަދި ޕީ.އެޗް.ޑީ އަށް ކިޔަވަން ދެވޭ ސްކޮލަރށިޕެކެވެ. މި ސްކޮލަރށިޕްގައި ހިމެނެނީ ކިޔެވުމުގެ ހަރަދުތައް އެކަންޏެވެ.
9 ވަނަ މާއްދާ - ޔުނިވަރސިޓީން ދޫކުރާ ލޯން އެންޑް ސްޓަޑީ ގްރާންޓް
(ހ) ޔުނިވަރސިޓީން ދޫކުރާ ލޯނު އަދި ސްޓަޑީ ގްރާންޓަކީ، ކަ ނޑައަޅާފައިވާ އުސޫލެއްގެ މަތިން، ޔުނިވަރސިޓީގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ދެވޭ ލޯން ނުވަތަ ފައިސާގެ އެހީއެކެވެ.
(ށ) މިމާއްދާގެ (ހ) ގައ ބަޔާންކޮށްފައިވާ އަދަދު ކަ ނޑައަޅާނީ، ޔުނިވަރސިޓީގެ 'ސްކޮލަރށިޕް އެންޑް ގްރާންޓްސް ކޮމެޓީ' އިންނެވެ.
10 ވަނަ މާއްދާ - ސްކޮލަރށިޕް އަދި ފައިސާގެ އެހީ ދިނުން
ޔުނިވަރސިޓީގެ ސްކޮލަރށިޕް އަދި ފައިސާގެ އެހީ ދެވޭނެ އަދަދާއި، އެހީއަށް ކުރިމަތިލެވޭނެ ށަރުތުތައް ކޮމެޓީންން ކަނޑައަޅައި، ޔުނިވަރސިޓީގެ މަޖިލީހުން ފާސްކުރަންވާނެއެވެ.
11 ވަނަ މާއްދާ - ސްކޮލަރށިޕް އަދި ފައިސާގެ އެހީ ދިނުމުގެ ށަރުތުތައް
(ހ) ސަރުކާރުގެ ނުވަތަ އަމިއްލަ މުއައްސަސާއަކުން، ރާއްޖޭގެ ނުވަތަ ބޭރުގެ ޖަމްއިއްޔާ ޖަމާއަތަކުން، ނުވަތަ އަމިއްލަ ފަރުދެއްގެ ފަރާތުން، ސްކޮލަރށިޕެއް ލިބިފައިވާނަމަ، ނުވަތަ ފުރިހަމަކުރަމުންދާނަމަ، މި ގަވާއިދުގެ ދަށުން ދެވޭ އެއްވެސް އެހީއެއް ނުލިބޭނެއެވެ. މިތަނުގައި ސްކޮލަރށިޕް 'ލިބިފައިވުން' ގެ މާނައަކީ، ސްކޮލަރށިޕެއް ލިބި އަދި ކިޔެވުން ނުފަށައި ހުރުމެވެ.
(ށ) ސަރުކާރުގެ ނުވަތަ އަމިއްލަ މުއައްސަސާއަކުން، ރާއްޖޭގެ ނުވަތަ ބޭރުގެ ޖަމްއިއްޔާ، ޖަމާއަތަކުން، ނުވަތަ އަމިއްލަ ފަރުދެއްގެ ފަރާތުން ފައިސާގެ އެހީއެއް ލިބެމުންދާނަމަ، ނުވަތަ ލިބިފައިވާ ނަމަ، ނުވަތަ ލިބެން ހަމަޖެހިފައިވާ ނަމަ، މި ގަވާއިދުގެ ދަށުން ދެވޭ އެއްވެސް އެހީއެއް ނުލިބޭނެއެވެ.
(ނ) މިމާއްދާގެ (ހ) އަދި (ށ) ގައި އެފަދައިން ބަޔާން ކުރެވިފައިވީ ނަމަވެސް، އެހީއަށް އެދޭ ދަރިވަރަށް އެހީ ދިނުމަށް ނުވަތަ ނުދިނުމަށް ނިންމާނީ ކޮމެޓީގެ ލަފާގެ މަތިން ޔުނިވަރސިޓީގެ މަޖިލީހުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ އެހީ ދޭން ނިންމާއިރު، ޔުނިވަރސިޓީގެ މަޖިލީހުން މިގަވާއިދުގެ 17 ވަނަ މާއްދާގެ 1 2 3 ގައި ބަޔާން ކުރެވިފައިވާ ކަންކަމުގެ އިތުރަށް މަޖިލީހަށް ފެންނަ އެހެނިހެން ކަންކަމަށް ރިއާޔަތް ކުރެވިދާނެއެވެ.
(ބ) ޔުނިވަރސިޓީން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެހީ ލިބޭ ދަރިވަރު ކޯހުގެ އެންމެހައި ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.
(ޅ) ޔުނިވަރސިޓީން ސްކޮލަރށިޕް އަދި ފައިސާގެ އެހީ ދިނުމުގައި ޔުނިވަރސިޓީގެ ވަގުފު ފަންޑުން ހަރަދު ކުރެވިދާނެއެވެ.
(ކ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ އެހީތަކުގެ ތެރެއިން، އެހީ ލިބޭ ދަރިވަރަށް އެއްވަގުތެއްގައި ލިބޭނީ އެއިން ކޮންމެވެސް އެއްވައްތަރެއްގެ އެހީއެކެވެ.
(އ) ޔުނިވަރސިޓީގެ ސްކޮލަރށިޕް އަދި ފައިސާގެ އެހީ ލިބެން ހަމަޖެހުމުން، އެދަރިވަރު މަގުބޫލު އުޒުރަކާ ނުލައި ކިޔަވަން ފެށުން ލަސްކޮށްފިނަމަ އެ އެހީ ކެންސަލްވާނެއެވެ.
(ވ) ޔުނިވަރސިޓީގެ ސްކޮލަރށިޕް އަދި ފައިސާގެ އެހީ ލިބޭ ދަރިވަރު ކޯސް ނުވަތަ ޕްރޮގްރާމް ބަދަލުކޮށްފިނަމަ އެ އެހީ ކެންސަލް ވާނެއެވެ.
(މ) މިމާއްދާގެ (ވ) ގައި މިފަދައިން ބަޔާން ކުރެވިފައިވީ ނަމަވެސް އެ އެހީ ކެންސަލް ކުރުމާއި ނުކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ޔުނިވަރސިޓީގެ 'ސްކޮލަރށިޕް އެންޑް ގްރާންޓްސް ކޮމެޓީ' އަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - ހުށަހަޅަންޖެހޭ ގޮތް
ޔުނިވަރސިޓީގެ ފުލް ސްކޮލަރށިޕް، ޔުނިވަރސިޓީގެ ޕާށަލް ސްކޮލަރށިޕް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލޯނު އަދި ގްރާންޓްސްއަށް އެދި ހުށަހަޅާނީ މިކަމަށް ކަނޑައެޅިފައިވާ ފޯމަކުންނެވެ. މިފޯމު ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
13 ވަނަ މާއްދާ - ސްކޮލަރށިޕް/ލޯނު އަދި ސްޓަޑީ ގްރާންޓް ލިބޭނޭ ފަރާތްތައް ކަ ނޑައެޅުން
(ހ) ޔުނިވަރސިޓީގެ ފުލް ސްކޮލަރށިޕް، ޔުނިވަރސިޓީގެ ޕާށަލް ސްކޮލަރށިޕް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލޯން އަދި ގްރާންޓް ދެވޭ ދަރިވަރުން ހޮވާނީ ކޮމެޓީންނެވެ. އަދި ކޮމެޓީގެ ލަފައާއެކު އެހީއަށް އެދޭ ފަރާތް ހޮވުނުކަމަށް ޔުނިވަރސިޓީގެ މަޖިލީހުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ނިންމުމާމެދު އިސްތިއުނާފު ކުރުމުގެ އިހުތިޔާރު އެހީއަށް އެދޭ ދަރިވަރަށް ލިބިގެންވެއެވެ. އެހީއަށް އެދޭ ދަރިވަރު، އެދަރިވަރަށް އެހީ ލިބެންޖެހޭކަމަށް ގަބޫލުކޮށް، ކިތާބީ އަދި އެހެނިހެން ހެއްކާއެކު ޔުނިވަރސިޓީއަށް ހުށަހެޅުމުން، ޔުނިވަރސިޓީގެ މަޖިލީހުން އެކަމާމެދު ގޮތެއް ނިންމަން ވާނެއެވެ.
(ނ) ފެލޯށިޕާއި، ސްކޮލަރށިޕާއި އަދި ފައިސާގެ އެހީ ލިބޭ ދަރިވަރު ކަ ނޑައަޅާތާ މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި އެފަރާތްތަކަށް އަންގަންވާނެއެވެ.
14 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން
ސްކޮލަރށިޕް ލޯނު އަދި ސްޓަޑީ ގްރާންޓްސް ދިނުމުގައި ށާމިލުވާ އެއްވެސް ފަރާތަކުން އެފަރާތެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް ކަމެއް ނިންމުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ ކަމެއް އެފަރާތަކަށް އެނގޭހިނދުން ފެށިގެން ރިޔާސަތަށް އެންގުމާއެކު، އެކަމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވާންވާނެއެވެ.
15 ވަނަ މާއްދާ - ފެލޯށިޕް، ސްކޮލަރށިޕް، އަދި ފައިސާގެ އެހީ ދެވޭ މުއްދަތު
(ހ) ފެލޯށިޕާއި، ސްކޮލަރށިޕާއި ފައިސާގެ އެހީ ދެވޭ މުއްދަތު ކަ ނޑައަޅާނީ 'ސްކޮލަރށިޕް އެންޑް ގްރާންޓްސް ކޮމެޓީ' އިންނެވެ.
(ށ) ސްކޮލަރށިޕް ދެވޭ މުއްދަތު ސްކޮލަރށިޕް އެގްރީމެންޓްގައި ބަޔާން ކުރެވިފައި ވާންވާނެއެވެ.
16 ވަނަ މާއްދާ - ފެލޯށިޕާއި، ސްކޮލަރށިޕާއި، ފައިސާގެ އެހީގެ މުއްދަތު އިތުރުކުރުން
(ހ) ފެލޯށިޕާއި، ސްކޮލަރށިޕާއި ފައިސާގެ އެހީ ލިބޭ ދަރިވަރަށް މިގަވާއިދުގެ 17 (ސަތާރަ) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އެހީ ދިނުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރު ކުރެވިދާނެއެވެ.
(ށ) އެހީ ލިބޭ ދަރިވަރަށް އެހީ ލިބޭ މުއްދަތު އިތުރު ކުރުމަށް ބޭނުންވާނަމަ، އެކަން އެންމެ މަދުވެގެން އެހީގެ މުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަސް ކުރިން ޔުނިވަރސިޓީއަށް ލިޔުމަކުން އަންގަންވާނެއެވެ.
(ނ) ކޯސް ފުރިހަމަ ކުރުމަށް އެންމެ ގިނަވެގެން ދެވޭ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ނުކުރެވޭނަމަ، ނުވަތަ ކޯސް ފުރިހަމަ ކުރެވިދާނެކަމަށް މަޖިލީހަށް ގަބޫލު ނުކުރެވޭނަމަ، އެހީގެ މުއްދަތު އިތުރެއް ނުކުރެވޭނެއެވެ.
(ނ) އެހީލިބޭ ފަރާތަށް އިތުރު ކުރެވޭ މުއްދަތު ކަ ނޑައަޅާނީ، ޔުނިވަރސިޓީގެ 'ސްކޮލަރށިޕް އެންޑް ގްރާންޓްސް ކޮމެޓީ' ގެ ލަފާގެ މަތިން ޔުނިވަރސިޓީގެ މަޖިލީހުންނެވެ.
17 ވަނަ މާއްދާ - ފެލޯށިޕާއި، ސްކޮލަރށިޕާއި، ފައިސާގެ އެހީގެ މުއްދަތު އިތުރުކުރުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތައް
މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރު ކުރުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި:
- ދަރިވަރުގެ ތައުލީމީ ހިސްޓްރީ؛
- ދަރިވަރުގެ ކިޔެވުން ގޮސްފައި އޮތް ހިސާބާއި އަދި ކިޔެވުން ނުނިމި އޮތްބައި ނިންމަން ރޭވިފައިވާގޮތް؛
- ދަރިވަރުގެ ސިއްހީ ހާލަތު؛ އަދ
- ދަރިވަރަކީ މަސައްކަތުން ވީއްލިފައިވާ ފަރާތެއް ކަމުގައިވާނަމަ، މުއްދަތު އިތުރު ކުރުމުގައި ވަޒީފާ ދިން ފަރާތުގެ އިއުތިރާޒެއް ނެތްކަން، ހިމެނެއެވެ.
18 ވަނަ މާއްދާ - ކޯހުގެ މުއްދަތު ނިމުމުގެ ކުރިން ކޯހުން ވަކިވެއްޖެނަމަ އަމަލުކުރާނެ ގޮތް
(ހ) އެހީ ދެވުނު ދަރިވަރު ކޯހުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯހުން ވަކިވާން ބޭނުންނަމަ، އެކަން ޔުނިވަރސިޓީއަށް ލިޔުމަކުން އަންގަންވާނެއެވެ.
(ށ) ކޯހުގެ މުއްދަތު ހަމަވުމުގެ ކުރިން، މަގްބޫލު އުޒުރެއްނެތި ކޯހުން ވަކިވެއްޖެނަމަ، މުޅި ކޯހަށް ދިޔަ ހަރަދު ޔުނިވަރސިޓީން ކަނޑައަޅާ އުސޫލެއްގެ މަތިން ދައްކަން ޖެހޭނެއެވެ.
19 ވަނަ މާއްދާ - ފެލޯށިޕް، ސްކޮލަރށިޕް، އަދި ފައިސާގެ އެހީގެ އެގްރީމެންޓް
ފެލޯށިޕާއި، ސްކޮލަރށިޕާއި ފައިސާގެ އެހީ ލިބޭ ދަރިވަރު ޔުނިވަރސިޓީއާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.
20 ވަނަ މާއްދާ - ފެލޯށިޕް، ސްކޮލަރށިޕް، އަދި ފައިސާގެ އެހީ ދިނުމުގައި ފައިސާގެ މުއާމަލާތް ކުރާނެގޮތް
(ހ) މި ގަވާއިދުގެ ދަށުން ލިބޭ ފެލޯށިޕާއި ސްކޮލަރށިޕާއި ފައިސާގެ އެހީ ފޮނުވާނީ، އެހީ ލިބޭ ދަރިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށެވެ. ނަމަވެސް ލިބޭ އެހީގެ ތެރޭގައި ޓިއުށަން ފީ ހިމެނޭނަމަ، އެ އެހީ ފޮނުވާނީ ޔުނިވަރސިޓީގެ އެކައުންޓަށެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެހީ އެއްފަހަރާ ދެވޭނީ އެންމެ ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެހީ، ކަނޑައެޅިފައިވާ ތާރީހުން ފެށިގެން، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފޮނުވަންވާނެއެވެ.
21 ވަނަ މާއްދާ - ފެލޯށިޕް، ސްކޮލަރށިޕް، އަދި ފައިސާގެ އެހީ ސަސްޕެންޑްވުން
(ހ) ފެލޯށިޕާއި، ސްކޮލަރށިޕާއި ފައިސާގެ އެހީ ލިބިފައިވާ މުއްދަތުގެ ތެރޭގައި، ސްޓަޑީ ނުވަތަ މެޑިކަލް ލީވްއެއް ނަގައިފިނަމަ، އެދަރިވަރަކަށް ލިބެމުންދިޔަ އެހީގެ އެންމެހައި ޢިނާޔަތްތައް، އެ ލީވް ނެގި މުއްދަތަށް ސަސްޕެންޑް ވީއެވެ.
(ށ) ދަރިވަރަކު ސެމިސްޓަރއަކު އެންމެ މަދުވެގެން ކްރެޑިޓް އަވަރސް ނަގަންޖެހޭ މިންވަރަށްވުރެ މަދުން ނަގައިފިނަމަ، އެ ސެމިސްޓަރއަށް ސްކޯލަރށިޕް ސަސްޕެންޑް ވީއެވެ.
22 ވަނަ މާއްދާ - ފެލޯށިޕް، ސްކޮލަރށިޕް، އަދި ފައިސާގެ އެހީ ކެންސަލްވުން
(ހ) އެހީ ލިބިފައިވާ ދަރިވަރު ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ގަވާއިދުތަކާއި، އަދި ޔުނިވަރސިޓީގެ ގަވާއިދަކާ ހިލާފުވެއްޖެކަމަށް ޔުނިވަރސިޓީގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެނަމަ، އެހީ ލިބޭ ފަރާތް އެ އެހީއިން ކެންސަލް ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު މަޖިލީހަށް ލިބިގެންވެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތަށް މަޖިލީހުން އަމަލުކުރާއިރު، އެހީ ކެންސަލްކުރާ ދަރިވަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ.
(ނ) މަގުބޫލު އުޒުރަކާ ނުލައި ކަ ނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަރިވަރުގެ ކިޔެވުން ފުރިހަމަ ނުކޮށްފިނަމަ، ސްކޮލަރށިޕް ނުވަތަ ފައިސާގެ އެހީ ދިނުން ހުއްޓާލެވޭނެއެވެ.
(ރ) މަގުބޫލު އުޒުރެއްނެތި އަދި ޔުނިވަރސިޓީގެ ހުއްދައާ ނުލައި ކިޔެވުން ސެމިސްޓަރއަކަށް ނުވަތަ އެއަށްވުރެ ގިނަދުވަހަށް ފަސްކޮށްފިނަމަ ސްކޮލަރށިޕް ކެންސަލްވީއެވެ.
23 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަންފަށާނީ، މި ގަވާއިދު ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިރު ކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަންވާނެއެވެ.
24 ވަނަ މާއްދާ - މިގަވާއިދުގައި ނެތް ކަމެއް ދިމާވުމުން
މިގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ، އެކަޑެމިކް ބޯޑުގެ ލަފާގެ މަތިން ޔުނިވަރސިޓީ މަޖިލީހުންނެވެ.
މައި ގާނޫނު
އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 11/2015)
ކިޔުންތެރިންގެ ހިޔާލު