-

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-53)

(މި ގަވާއިދަށް އަމަލުކުރަނ ފެށީ 9 ޖޫން 2026 ގައި)

 

އެއްވަނަ ބާބު

ތައާރުފާއި، ނަން، މަގުސަދު، ގަވާއިދު ހިންގުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 125 ވަނަ މާއްދާއާއި 163 ވަނަ މާއްދާއާއި 154 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 185 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަހުލީލުކުރުމަށް ފޮނުވުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ ބޭނުމަކީ، އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.

(ހ) މަސްތުވާތަކެތީގެ މައްސަލައެއްގައި، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމަށް ހުއްދަ ދިނުމާއި، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގައި ސަބްސްޓިޓިއުޓެއް ބޭނުންކުރުމާއި، ކޮންޓްރޯލްޑް ޑެލިވަރީ ކުރިޔަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.

(ށ) މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި ދޭން އެންގޭނެ ހާލަތްތަކާއި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރީކަމަށް ބެލެވޭނެ ހާލަތްތަކާއި، ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ތަހުލީލުކުރުމަށް ޓަކައި ގެންދަންޖެހޭ ތަނަކަށް ގެންދިޔުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ދިވެހި ފުލުހުންގެ ހިދުމަތުން ތަންފީޒުކުރާ ގަވާއިދެވެ.

 

ދެވަނަ ބާބު

ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން

 

4 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހިންގުމުގެ ހުއްދައަށް އެދުމާއި، ހުއްދަ ދިނުން.

(ހ) ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނުވަތަ އެއަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ކިބައިން ކޮންޓްރޯލްޑް ޑެލިވަރީއެއް ހިންގުމުގެ ހުއްދައަށް، އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ނުވަތަ އެކަމަށް ހާއްސަކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދައަށް އެދެންވާނީ ކޮމިށަންޑް އޮފިސަރެކެވެ. އަދި އެގޮތުގެ މަތީން ހޯދާ ހުއްދައަކީ، ކޮންމެ ކޮންޓްރޯލްޑް ޑެލިވަރީއަކަށް، ހޯދާ ވަކި ހުއްދައެއް ކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންޓްރޯލްޑް ޑެލިވަރީއެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅޭގޮތުން ހުއްދައަށް އެދޭ ފަރާތުން ހުއްދަ ދޭ ފަރާތަށް، ބްރީފްކޮށްދޭންވާނެއެވެ. ބްރީފްކޮށްދިނުމުގެ ބޭނުމަކީ، އެ ކޮންޓްރޯލްޑް ޑެލިވަރީއާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާކަން ކަށަވަރުކުރުމެވެ.

  1. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ ގޮތާއި، ކުރަން އެދޭ މައިގަނޑު ކަންތައްތަކުގެ ތަފުސީލާއި އެ ކަންކަން ކުރަން ބޭނުންވާ ސަބަބާއި، އެކަމުން އަންދާޒާކުރެވޭ ނަތީޖާ؛
  2. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހިންގުމުގައި އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކާއެކު ގްރައުންޑް ކޮމާންޑަރ އެއްގެ ގޮތުން އެ އޮޕަރޭށަނާ ގުޅޭ ކަންކަން ނިންމުމުގައި ހަރަކާތްތެރިވާނެ އިސް އޮފިސަރާއި، އޮޕަރޭށަނުގައި ބައިވެރިވާނެ އެހެން އޮފިސަރުންނާއި، އޮފިސަރުންގެ ދައުރު؛
  3. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގައި، ފުލުހަކު ފިޔަވައި އެހެން ފަރާތެއް ބައިވެރިކުރާ ނަމަ އެ ފަރާތެއްގެ ދައުރު؛
  4. މަސްތުވާތަކެތީގެ ބަދަލުގައި، "ސަބްސްޓިޓިއުޓް" އެއް ބޭނުންކުރާ ނަމަ، އެ ބޭނުންކުރާ "ސަބްސްޓިޓިއުޓް" ގެ ތަފުސީލާއި، ބޭނުންކުރަން ރާވައިފައިވާ ގޮތް؛
  5. ކުރިން ހުއްދައަކަށް އެދިފައިވާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއް ކަމުގައި ވާ ނަމަ އެކަމުގެ ތަފުސީލް.

(ރ) މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންޓްރޯލްޑް ޑެލިވަރީއެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ހުއްދަ ދިނުމަށް ނިންމަންވާނީ، އެ ހުށަހެޅުމަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވޭތޯ ކަށަވަރު ކުރުމަށްފަހުގައެވެ.

  1. މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަމުގެ އެކަށީގެންވާ ހެކި؛
  2. ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ޒާތާއި ބާވަތަށް ބަލާއިރު އެއީ ކޮންޓްރޯލްޑް ޑެލިވަރީއެއް ހުއްދަކުރަންޖެހޭ ކަމެއްކަމުގެ އެކަށީގެންވާ ހެކި ހުރުން؛
  3. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގެ ތެރެއިން އޮފިސަރު ކުރަންޖެހޭ ކަމަކީ ކޮންޓްރޯލްޑް ޑެލިވަރީގެ ހުއްދައާ ނުލައި ގާނޫނާ ހިލާފުވާނޭ އަމަލެއް ކަމަށް ވީ ނަމަވެސް، އެ އަމަލަކީ މި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހިންގުމަށް ކޮންމެހެން ބޭނުންވާނެ ކަމެއް ކަމުގައި ވާ ނަމަ، އެ އަމަލުގެ ތަފުސީލު ލިޔެފައި އޮތުން؛
  4. ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަނުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗަކީ ނުވަތަ ސަބްސްޓިޓިއުޓަކީ އެ އޮޕަރޭށަން ނިމޭއިރު، އެ އޮޕަރޭށަނުގައި ބައިވެރިވި ފުލުހުންގެ ނުވަތަ ކަސްޓަމްސްގެ އޮފިސަރުންގެ ކޮންޓްރޯލުގެ ދަށުގައި ހުންނާނެ އެއްޗެހިކަން ކަށަވަރުކުރުމަށް ޒަކައި ކުރާނެ ކަންކަން ހިމެނިފައި ހުރުން؛
  5. ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އޮޕަރޭށަނުގައި ހިމެނޭ ފަރާތްތައް ކުރަން ނޫޅޭ ކުށެއް ކުރުމަށް ހިތްވަރު ލިބޭ ގޮތަކަށް ނޫންކަމަށްވުން؛
  6. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގައި ހިމެނޭ އެއްވެސް ފަރާތެއްގެ ސަލާމަތާއި ސިއްހަތަށް ނުރައްކާ ނުވާނެ ނުވަތަ އެއިން ފަރާތަކަށް ބޮޑު އަނިޔާއެއް ކުރިމަތި ނުވާނެ ގޮތަށް ކަމަށް ވުން.

 

5 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވޭނެ ފަރާތްތައް ކަނޑައެޅުން

(ހ) ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ ހުއްދަ ދެވޭނީ ކޮމިށަނަރ އޮފް ޕޮލިސްއަށް ނުވަތަ އެ ހުއްދަ ދެވޭނެ ކަމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހުންގެ އޮފިސަރަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އޮފިސަރުންނަކީ މަސްތުވާތަކެތީގެ މައްސަލަ ބެލުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރީ ބަހާއެއްގެ ވެރިއެއްގެ ނުވަތަ އިންޓެލިޖެންސްގެ މަސައްކަތްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރީ ބަހާއެއްގެ ވެރިއެއް ކަމުގައި ވާންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ ހުއްދަ ދެވޭނެ ކަމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އޮފިސަރުންގެ މައުލޫމާތު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރީ ބަހާތަކުގެ އެންމެ އިސްވެރިޔާއާ ހިއްސާކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއްގައި އެހެން ފަރާތެއް ބައިވެރިކުރުން

(ހ) ފުލުހުން ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއްގައި، ކަސްޓަމްސްގެ އޮފިށަލަކު ނުވަތަ ފުލުހުން ކަނޑައަޅާ އެހެން ފަރާތެއް ބައިވެރިކުރެވިދާނެއެވެ.

(ށ) ފުލުހުން ކަނޑައަޅާ އެހެން ފަރާތެއް ބައިވެރިކޮށްގެން ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއްގައި އެ ފަރާތުގެ ބައިވެރިވުން ކޮންޓްރޯލްޑް ޑެލިވަރީ ލޮގުގައި ލޮގުކުރަންވާނީ އެ ފަރާތަކީ ކާކުކަން ދެނެގަނެވޭނެ މައުލޫމާތު ހާމަ ނުވާނެ ގޮތެއްގެ މަތީންނެވެ.

 

7 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީއެއްގައި މަސްތުވާ އެއްޗެއްގެ ބަދަލުގައި ސަބްސްޓިޓިއުޓެއް ބޭނުންކުރުން

(ހ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއްގައި، މަސްތުވާ އެއްޗެއްގެ ބަދަލުގައި "ސަބްސްޓިޓިއުޓް" އެއް ބޭނުންކުރެވިދާނެއެވެ.

(ށ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއްގައި، މަސްތުވާ އެއްޗެއްގެ ބަދަލުގައި ބޭނުންކުރާ ސަބްސްޓިޓިއުޓް ވެސް ބެލެވޭނީ އެއީ ހަމަ މަސްތުވާތަކެތި ކަމަށެވެ.

(ނ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގައި ސަބްސްޓިޓިއުޓް ބޭނުންކުރާ ހާލަތުގައި އެ ތަކެއްޗާ ހަވާލުވާން އަންނަ ފަރާތް ހަވާލުވާން އައީ މަސްތުވާތަކެއްޗާ ކަމަށް، އަދި އެ ސަބްސްޓިޓިއުޓާ ހަވާލުވިޔަސް، އެ ފަރާތެއް އެ ހަވާލުވީ މަސްތުވާތަކެއްޗާކަމަށް ބެލެވޭނެއެވެ.

 

8 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށް ގެންދިއުން

(ހ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށް ގެންދިއުމުގައި، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށް ގެންދިއުމުގެ ހުއްދައަށް އެދުނު ކޮމިށަންޑް އޮފިސަރުގެ ނުވަތަ އެ އޮފިސަރު ކަނޑައަޅާ އެހެން ފުލުހެއްގެ ސީދާ ބެލުމުގެ ދަށުން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށް ގެންދިއުން؛
  2. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގެ އެކްޓިވިޓީ ލޮގްތައް ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑުކުރުން؛

(ށ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގެ އެކްޓިވިޓީ ލޮގްތައް ލިޔުމުން ރިކޯޑުކުރާ ހާލަތުގައި އޮޕަރޭށަން ލޮގް ށީޓް ލިޔެ ބެލެހެއްޓުމަށް އެ އޮޕަރޭށަނެއްގެ ތެރެއިން ކަނޑައަޅައިފައިވާ ފަރާތުން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ލިޔުމުން ރިކޯޑުކުރުމަށްފަހު، އޮޕަރޭށަނެއް ނިމުމަކަށް ގެންނަ ވަގުތުން ފެށިގެން ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، އެ އޮޕަރޭށަނަކާ ގުޅޭ ކޭސްގެ ލޮގުގައި ހިމަނަންވާނެއެވެ.

  1. ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަކޮށްފައިވާ ކޮމްޕިއުޓަރ ޕޯޓަލް އެޕްލިކޭށަނެއް މެދުވެރިކޮށް؛
  2. ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަކޮށްފައިވާ މޯބައިލް ފޯނު އެޕްލިކޭށަނެއް މެދުވެރިކޮށް؛
  3. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގައި ބައިވެރިވާ ފަރާތެއްގެ މޯބައިލް ފޯނުގައި މައުލޫމާތު ލިއެވޭނެ ނުވަތަ ރައްކައުކުރެވޭނެ ގޮތަށް ހުރި އެޕްލިކޭށަނެއް މެދުވެރިކޮށް؛
  4. އިލެކްޓްރޯނިކް ވަސީލަތެއް ނުވަތަ ކޮމްޕިއުޓަރު މެދުވެރިކޮށް؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގެ ލޮގް ލިޔުމުން ރިކޯޑުކުރުމަށްފަހު އޮޕަރޭށަނަކާ ގުޅޭ ކޭސްގެ ލޮގަށް އެ މައުލޫމާތު ހިމަނައިފައިވަނީ އޮޕަރޭށަން ލޮގުގައި އެ ކަމެއް ލޮގުކުރެވިފައިވާ ގޮތަށްކަން، އެ މައުލޫމާތު ބަދަލުކުރާ ފަރާތުން، ކަށަވަރު ކުރަންވާނެއެވެ. އެކަން ކަށަވަރުކުރުމުގެ ގޮތުން، ލޮގް ތައްޔާރުކުރި އޮފިސަރުގެ އެކަމަށް ހެކިކޮށްދޭ އެފިޑެވިޓެއް ލޮގާއެކު ހިމެނިދާނެއެވެ.

 

9 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހުއްޓައިލައި ކުރިޔަށް ގެންދަންޖެހުން

(ހ) ވަކި މަސްތުވާ އެއްޗަކާ ގުޅޭގޮތުން ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއްގައި ފުލުހުންނަށް ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތާއި އެ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށް ގެންދިއުމުގެ ތެރޭގައި ލިބުނު މައުލޫމާތާއި، ކަންހިނގައިދިޔަ ގޮތުގެ މައްޗަށް ބަލައި، ވަކި މީހަކު ނުވަތަ ބަޔަކު ހަވާލުވާން އުޅޭ މަސްތުވާތަކެއްޗާ ހަވާލުވީ އެ ތަކެއްޗާ ހަވާލުވާންޖެހޭ ފަރާތް ނޫން އެހެން ފަރާތެއްކަމަށް އެ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ކުރިޔަށްގެންދިއުމުގެ ހުއްދަ ލިބިފައިވާ ކޮމިށަންޑް އޮފިސަރަށް ފެނިއްޖެ ނަމަ، އެ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހުއްޓައިލައި ކުރިޔަށްގެންދިއުމަށް އެ ކޮމިށަންޑް އޮފިސަރަށް ނިންމިދާނެއެވެ.

(ށ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތަކީ، އިތުރު ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއް އަލުން ފެށުމެއް ނޫނެވެ. އަދި އެ ހާލަތުގައި އެ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހުއްޓައިލައި ކުރިޔަށްގެންދިއުމަށް ވަކި އިތުރު ހުއްދައެއް އޮތުން ލާޒިމެއް ނުކުރެއެވެ.

 

10 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ނިމުން

(ހ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހުއްޓައިލުމަށް ނިންމަންވާނީ ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ ހުއްދައަށް އެދުނު ކޮމިށަންޑް އޮފިސަރ ނުވަތަ އެ އޮޕަރޭށަން ކުރިޔަށްގެންދާ ހ ބަހާގެ ކަމާ ގުޅޭ އެ އޮފިސަރަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރެކެވެ.

(ށ) ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ނިމުމަކަށް ގެނައުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހިންގުމަށް ދީފައިވާ ހުއްދައިގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަސައްކަތްކޮށްފައިވާ މިންވަރު؛
  2.  ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން އިތުރަށް ކުރިޔަށް ގެންދިޔުމުގެ ބޭނުންތެރިކަން އޮތް މިންވަރު.
  3. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގައި ބޭނުންކުރި މަސްތުވާތަކެތި ނުވަތަ ސަބްސްޓިޓިއުޓް ފުލުހުންގެ ނުވަތަ ކަސްޓަމްސްގެ އޮފިސަރުގެ ކޮންޓްރޯލްގެ ދަށުގައި ހުރިކަން.
  4. ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނުގެ އެކްޓިވިޓީ ލޮގްތައް ރިކޯޑުކުރެވިފައި ހުރިކަން.

 

11 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަންތަކުގެ މައުލޫމާތު ރިޕޯޓުކުރުން

ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަން ހިންގުމަށް ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތަކާއި ހުއްދަދިނުމާއި އަދި ދެވޭ ހުއްދަތަކާ ގުޅޭ މައުލޫމާތު ރައްކައުކުރެވޭނެ ނިޒާމެއް ނުވަތަ ޕޯޓަލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމުކުރަންވާނެއެވެ.

 


ތިންވަނަ ބާބު

ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދުމާއި، އެ އެއްޗެހި ޓެސްޓުކުރުން

 

12 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދުން

(ހ) މަސްތުވާ އެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހި މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށް ޒަރޫރީ ބޭނުންވެއްޖެ ހާލަތެއްގައި، ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް، އެ މީހެއްގެ ގާތުގައި އެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދޭ ފަރާތުން، އެ ސާމްޕަލް، ފުލުހުންގެ ފޮރެންސިކް ލެބޯޓަރީ ނޫން އެހެން ލެބޯޓަރީއަކުން ޓެސްޓުކުރަން އެދުމުގެ ހައްގު، ސާމްޕަލްދޭ ފަރާތަށް ގާނޫނުން ލިބިދީފައިވާކަން ސާމްޕަލް ނެގުމުގެ ކުރިން އެ ފަރާތަށް ބުނެދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެންގުމުން، ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދެވަނަ ފަރާތަކުން ޓެސްޓުކުރަން ބޭނުންނުވާ ކަމުގައި އޭނާ ބުނެފި ނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފޯމުގައި އެކަން ފާހަގަކޮށް، އެ ފަރާތުން ދޭ ސާމްޕަލް ދެބަޔަކަށް ބެހުމަކާ ނުލައި ބަންދުކޮށް ސިލް ޖަހަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހައްގުގެ ބޭނުން ހިފުމަށް ކުޑަކަމުދާ އެއްޗެހި ދޭ ފަރާތުން ބޭނުންވާކަމަށް ބުނެފި ނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ޔާންކޮށްފައިވާ ފޯމުގައި އެކަން ފާހަގަކޮށް އިތުރު އެހެން ލެބޯޓަރީއެއް މެދުވެރިކޮށް، އެފަދައިން ޓެސްޓުކުރުމަށް، ހިނގާނެ އެންމެހައި ހަރަދެއް ކުރަން ޖެހޭނީ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދޭ ފަރާތުންކަން ސާމްޕަލް ނެގުމުގެ ކުރިން ފުލުހުން ބުނެދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ދިނުމަށް

މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުގައިވާ މީހެއްގެ ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދެވިދާނެ ހާލަތުތައް. "އެދެވޭނެ ހާލަތުތަކެއް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުގައި ނުވަތަ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވުން؛ ނުވަތަ

(ށ) މަސްތުވާއެއްޗެއް ކަމަށް ށައްކުކުރެވޭ އެއްޗެއް މީހެއްގެ އަތުން ފެނުން؛ ނުވަތަ

(ނ) މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ނުވަތަ ބޭނުންކޮށްގެން ހުރިކަމަށް މީހަކު އިއުތިރާފުވުން؛ ނުވަތަ

(ރ) މަސްތުވާތަކެތީގެ މައްސަލައެއް ފިޔަވައި، އެހެން ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވޭ ހާލަތުގައި އޭނާގެ އަމަލުތައް ހުރިގޮތުން، އޭނާ ހުރީ މަސްތުވާއެއްޗެއް ބޭނުންކޮށްގެންކަމަށް ބެލެވުން؛ ނުވަތަ

(ބ) ކުށުގެ އަމަލަކާ ގުޅިގެން ސުވާލުކުރެވޭ ނުވަތަ ކާކުކަން އަންގައިދިނުމަށް، ފުލުހުންނަށް މީހެއްގެ ކިބައިން އެދެވޭނެ ހާލަތެއްގައި ހުރި މީހަކާ އެ ބޭނުމަށް ސުވާލުކުރެވޭ ކުރުމުގައި އެ މީހާގެ އަމަލުތައް ހުރިގޮތުން އޭނާ ހުރީ މަސްތުވާއެއްޗެއް ބޭނުންކޮށްގެންކަމަށް ބެލެވުން.

 

14 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ދިނުމަށް

(ހ) ކުޑަކަމުދާ އެއްޗެހި ދިނުމަށް ފުލުހަކު އެންގުމުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް މީހަކު އިންކާރުކުރުން. އިންކާރުކުރީ ކަމުގައި ބެލެވެނީ އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމައެވެ.

  1. ކުޑަކަމުދާ އެއްޗެހި ނުދޭނެކަމަށް ކަނޑައެޅިގެން ބުނުން؛
  2. އެއްވެސް ސަބަބަކާހުރެ، އަދި ސަބަބަކާ ނުލައި ކުޑަކަމުދާ އެއްޗެހި ދިނުމަށް، އަންގާ ވަގުތުން ފެށިގެން 12 (ބާރަ) ގަޑިއިރު ހަމަވާއިރު ކުޑަކަމުދާ އެއްޗެހި ނުދިނުން؛
  3. ކުޑަކަމުދާ އެއްޗެހި، ހިނދި ހުރެ، އަމިއްލަ ހަށިގަނޑަށް ނުވަތަ އެހެންވެސް ތަނަކަށް ކުޑަކަމުދިއުން
  4. ކުޑަކަމުދާ އެއްޗެހި ދިނުމުގެ ތެރޭގައި އެ އެއްޗެހި ގަޑުބަޑުކުރުން ނުވަތަ ގަޑުބަޑުކުރުމަށް މަސައްކަތްކުރުން
  5. ކުޑަކަމުދާ އެއްޗެހި ދިނުމުގެ ތެރޭގައި ނުވަތަ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނަގާ ތަށްޓަށް/ކޮންޓެއިނަރަށް ކުޑަކަމުދާ އެއްޗެހި އެޅުމަށްފަހު، އެ ތަށި ސީލްކުރުމުގެ ކުރިން އެ އެއްޗެހި ނައްތައިލުން ނުވަތަ ނައްތައިލަން މަސައްކަތްކުރުން

(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދުމުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް މީހަކު އިންކާރުކުރި ނަމަ، އެކަން ބަޔާންކޮށް، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމުގެ އިޖުރާތު

މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމުގެ އިޖުރާތު ފުރިހަމަވީކަމުގައި ބަލާނީ، އަންނަނިވި ކަންކަން ފުރިހަމަވެފައިވާ ނަމައެވެ.

(ހ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އެންގުމާ ގުޅޭ މައުލޫމާތު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގައި ރިކޯޑުކޮށް ފޯމު ފުރިހަމަކޮށްފައިވުން

(ށ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނަގައިފައިވަނީ ފުލުހުންގެ މީހަކަށް ހަވާލުކުރި، އެކަމަށް ހާއްސަ "ޔޫރިން" އަޅާ ތަށި/ކޮންޓެއިނަރަށް ކަމުގައިވުން

(ނ) ނެގުނު ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލަކީ މަދުވެގެން 20 (ވިހި) މިލިލީޓަރު ހުރި ސާމްޕަލެއްކަން ކަށަވަރުކޮށްފައިވުން

 

16 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހި ނެގުމަށްފަހު އެއާމެދު އަމަލުކުރަންވީ ގޮތް

މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތުތައް ފުރިހަމަވެފައިވާ ކުޑަކަމުދާ އެއްޗެހީގެ ކޮންމެ ސާމްޕަލަކާމެދު އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ބަންދުކޮށް ސީލްކުރުން.

(ށ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދެބަޔަށް ބަހައި، އެ ދެބައި ވަކިން ބަންދުކޮށް، އެއިން ކޮންމެ އެއްޗެއް ވަކިން ސީލްކުރުން.

 

17 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ޓެސްޓުކުރާނެ ލެބޯޓަރީތައް ކަނޑައެޅުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުލުހުންގެ ލެބޯޓަރީ ނޫން އެހެން ލެބޯޓަރީއެއް މެދުވެރިކޮށް، މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށް ޓަކައި ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހަވާލުކުރެވޭނީ، އެފަދަ ޓެސްޓުތައް ހެދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަ ލިބިފައިވާ، އަދި އެފަދައިން ހަވާލުކުރެވޭ ސާމްޕަލެއްގެ ރައްކައްތެރިކަން ބެލެހެއްޓޭނެ ފަދައިން ލެބޯޓަރީގެ އިންތިޒާމުތައް ހަމަޖެހިފައި ހުރިކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބަލައިގަނެފައިވާ ލެބޯޓަރީތަކަށެވެ.

(ށ) މި ގަވާއިދުގެ ބޭނުމަށް ޓަކައި ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލްގެ ދެވަނަ ބައިގެ ޓެސްޓު ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަނޑައަޅާ ލެބޯޓަރީތަކުގެ ލިސްޓެއް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓާއި ދިވެހި ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ކުޑަކަމުދާ އެއްޗެހީ ގެ ސާމްޕަލް، ފުލުހުންގެ އިދާރާ ނޫން އެހެން ލެބޯޓަރީއަކުން ޓެސްޓުކުރުން

މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދެ ބަޔަށް ބައިކުރެވޭ ކުޑަކަމުދާ އެއްޗެހި ދޭ ފަރާތަކީ ފުލުހުންގެ ބަންދުގައި ހުރި ފަރާތެއް ނަމަ، އެ ފަރާތުން ދޭ ކުޑަކަމުދާ އެއްޗެހީގެ ތެރެއިން އެއްބައި، މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ އެހެން ލެބޯޓަރީއަކުން ޓެސްޓުކުރުމަށް ޓަކައި އެ ލެބޯޓަރީއަށް ދައްކަންޖެހޭ ހަރަދު، ކުޑަކަމުދާ އެއްޗެހި ދޭ ފަރާތުން ހަމަޖައްސައިދިނުމަށް އެ ފަރާތަށް ފުރުސަތު ދޭންވާނެއެވެ. އެ ފުރުސަތު ދިނުމުގެ ގޮތުން އަންނަނިވި ކަންކަން ކޮށްދޭންވާނެއެވެ.

  1. އެ ފަރާތުގެ އާއިލާގެ މީހަކަށް ފޯނުކުރުމުގެ ފުރުސަތު؛
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ދައްކައި ނިންމުމަށް 3 (ތިނެއް) ދުވަހުގެ މުއްދަތު.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހަރަދު ހަމަނުޖައްސައިފި ނަމަ ސާމްޕަލުގެ ދެވަނަ ބައި، އެހެން ލެބޯޓަރީއަކުން ޓެސްޓުކުރަން ބޭނުންނުވަނީ ކަމަށް ބަލައި، ސާމްޕަލްގެ ދެވަނަ ބައި ނައްތައިލުމުގެ އިހްތިއާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދެ ބަޔަށް ބައިކުރެވޭ ކުޑަކަމުދާ އެއްޗެހީގެ ތެރެއިން އެއްބައި، މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށް ޓަކައި ކުރަންޖެހޭ ހަރަދު، ކުޑަކަމުދާ އެއްޗެހި ދޭ ފަރާތުން ހަމަޖައްސައިދިނުމުން، އެ ފަރާތުން ދީފައިވާ ކުޑަކަމުދާ އެއްޗެހި މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށް ޓަކައި މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ އެހެން ލެބޯޓަރީއަކަށް ފޮނުވަންވާނެއެވެ.

(ރ) މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށް ޓަކައި ނެގޭ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލްގެ ތެރެއިން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެހެން ލެބޯޓަރީއަކަށް ފޮނުވެންދެން ރައްކައުތެރިކަމާއެކު ސާމްޕަލް ބަލަހައްޓަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެހެން ލެބޯޓަރީއަކަށް ޓެސްޓުކުރުމަށް ހަވާލުކުރެވޭ ކުޑަކަމުދާ އެއްޗެހި، އެ ހަވާލުކުރެވޭ ލެބޯޓަރީއަކުން ތަހުލީލުކުރުމަށްފަހު ޖެނަރޭޓްކުރާ މެށިން ރިޕޯޓާއި، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ޓެސްޓުކުރި ފަރާތުން ތައްޔާރުކުރާ ޓެސްޓު ރިޕޯޓު، އެ ލެބޯޓަރީއަކުން ދިވެހި ފުލުހުންގެ ހިދުމަތާ ލަސްކުރުމެއްނެތި ހަވާލުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ސާމްޕަލް އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ބެހެއްޓުން

(ހ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް، އެކެއްގެ އަތުން އަނެކެއްގެ އަތަށް ބަދަލުކުރަންވާނީ، ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ލިޔެ ފުރިހަމަކުރުމަށްފަހުގައެވެ.

(ށ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް އެއްތަނުން އަނެއްތަނަށް ގެންދަންވާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފެއްގެ ބެލުމުގެ ދަށުންނެވެ.

(ނ) ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ނެގުމަށްފަހު އެ ބަހައްޓަންވާނީ ފިނިކޮށްފައެވެ. އަދި ޓެސްޓުކުރުމަށް ޓަކައި ލެބޯޓަރީއާ ހަވާލުކުރުމަށް 3 (ތިނެއް) ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަވާ ނަމަ، އެ ސާމްޕަލް ބަހައްޓަންވާނީ ކަނޑުކޮށްފައެވެ.

(ރ) މާލެ ފިޔަވައި، އެހެން ރަށްރަށުގައި ހުންނަ ޕޮލިސް ސްޓޭށަންތަކުން ނަގާ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް މާލެއަށް ފޮނުވާ ނަމަ، ފޮނުވަންވާނީ އައިސް އަޅާފައިވާ ކޫލް ބޮކްސްއެއްގެ ތެރޭގައެވެ.

 

20 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި، ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ހެނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް، ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ށ) "ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ލެބޯޓަރީއާއި ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަ ލިބިފައިވާ އަދި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ފުލުހުންގެ ހިދުމަތުން ބަލައިގަނެފައިވާ ލެބޯޓަރީތަކަށެވެ.

(ނ) "ކޮންޓްރޯލްޑް ޑެލިވަރީއެއް" ހިންގުން ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައިވާ މަސްތުވާ އެއްޗެއް، އެ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށްޓަކައި، ފުލުހުން މޮނިޓަރކޮށް ސުޕަވައިޒްކުރާ އޮޕަރޭށަނެއްގެ ތެރެއިން، ހުއްދަކޮށްފައިވާ ފުލުހުންގެ އަދި/ނުވަތަ ކަސްޓަމްސްގެ އޮފިށަރަކު، އަދި/ނުވަތަ އެ ނޫން ފަރާތަކުން، އެ މަސްތުވާ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމަށެވެ. އޭގެ ތެރޭގައި، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 154 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ކުރުން ހިމެނެއެވެ.

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި ވާނެ)

 

ޖަދުވަލު 1

ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގެ ހުއްދަ

 

ޖަދުވަލު 2

ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ދިނުމަށް އެންގިކަމުގެ ލިޔުން

 

މައި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17)

ކިޔުންތެރިންގެ ހިޔާލު