މީޑިޔާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު
(ގަވާއިދު ނަންބަރު 2025-15)
(މި އުސޫލަށް އަމަލުކުރަން ފެށީ 19 އޮގަސްޓް 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހައި އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމަށް އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔަނީ، "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މައިގަނޑު މަގުސަދަކީ، ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަކީ، މާލީގޮތުން ފުދުންތެރި، މާލީ މިނިވަންކަން ލިބިފައިވާ މީޑިއާތަކެއްކަން ކަށަވަރުކުރުމާއެކު ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ހަމަހަމައަށް މާލީ އެހީ ލިބޭކަން ކަށަވަރުކުރުމެވެ.
3 ވަނަ މާއްދާ - އުސޫލު ތަންފީޒުކުރާ ފަރާތް
މި އުސޫލު ހިންގައި ތަންފީޒުކުރާނީ، ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި އިލެކްޓްރޯނިކް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެ ދާއިރާތައް ތަރައްގީކުރުމަށް މަގުފަހިކޮށްދިނުމާބެހޭ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއިންނެވެ.
4 ވަނަ މާއްދާ - ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޫކުރާނެ މީޑިއާތައް
ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޫކުރާނީ އަންނަނިވި މީޑިއާތަކުގެ ތެރެއިން ށަރުތު ހަމަވާ މީޑިއާތަކަށެވެ.
(ހ) ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އަމިއްލަ މީޑިއާތައް.
(ށ) ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ މީޑިއާތައް.
5 ވަނަ މާއްދާ - މާލީ އެހީ ދޫކުރުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް
މި އުސޫލުގެ ދަށުން މާލީ އެހީ ދޫކުރެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ މީޑިއާތަކަށެވެ.
(ހ) ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން ނުވަތަ ހިދުމަތް ދިނުމަށް ޓަކައި ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައި ވުން.
(ށ) ރަޖިސްޓަރީ ނުވަތަ ލައިސަންސް ހޯދުމަށްފަހު، މެދުނުކެނޑި ހިންގާތާ މަދުވެގެން 3 (ތިނެއް) އަހަރުދުވަސް ވެފައި ވުން.
(ނ) އާންމު ފަރާތްތަކުން މީޑިއާއާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ގާއިމުކޮށް، އެ މައުލޫމާތު އާންމުކޮށްފައިވުން.
(ރ) މީޑިއާގެ ކޯޑް އޮފް އެތިކްސްއާއި، އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައިވުން.
(ބ) ޓެކުހާ ގުޅޭ ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން އަންނަ ފަރާތަކަށް ވުމާއި ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަމުން އަންނަ ފަރާތެއްކަމުގައި ވުން.
(ޅ) ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވެ ސްކީމަށް ފައިސާ ދައްކަމުން އަންނަ ފަރާތަކަށް ވުން.
(ކ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތަށް، މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާންތައް އެކުލަވައިލައި، މުވައްޒަފުންގެ މުސާރަ މަހުންމަހަށް އެ މުވައްޒަފެއްގެ އެކައުންޓަށް ބޭންކު މެދުވެރިކޮށް ޖަމާކުރާ ފަރާތެއްކަމުގައި ވުން.
(އ) މީޑިއާގެ މަސްއޫލުވެރި ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން އަންނަ ފަރާތެއް ކަމުގައި ވުން
6 ވަނަ މާއްދާ - އެހީގެ ގޮތުގައި ފައިސާ ދޭ މިންވަރު
މި އުސޫލުގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދޫކުރާނީ، 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ހިމަނައިފައިވާ ފައިސާ ނުހިމަނައި ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) އަށްވާ ފައިސާއެވެ. އެ ފައިސާ ދޫކުރާނެ ގޮތް ތިރީގައި މިވަނީއެވެ.
(ހ) ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ބްރޯޑްކާސްޓް މީޑިއާތަކަށް ކަނޑައެޅޭ މިންވަރުގެ %35 (ތިރީސްފަހެއް އިންސައްތަ)
(ށ) ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ޕްރިންޓް/އޮންލައިން މީޑިއާތަކަށް ކަނޑައެޅޭ މިންވަރުގެ %65 (ފަސްދޮޅަސްފަހެއް އިންސައްތަ)
7 ވަނަ މާއްދާ - އެހީއަށް އެދި ހުށަހެޅުން
(ހ) މި އުސޫލުގެ ދަށުން މާލީ އެހީއަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް މިނިސްޓްރީން އަހަރަކު އެއްފަހަރު އިއުލާނު ކުރަން ވާނެއެވެ.
(ށ) މި އުސޫލުގައިވާ ގޮތުގެ މަތީން މާލީ އެހީއަށް އެދި ހުށަހަޅާ ފަރާތަކީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާތައް ހިންގާ ފަރާތެއް ކަމުގައި ވާ ނަމަ، އެ ފަރާތަކަށް އެހީއަށް އެދި ހުށަހެޅޭނީ މި އުސޫލުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ބާވަތަކުން 1 (އެކެއް) މީޑިއާއަށެވެ.
(ނ) މާލީ އެހީތެރިކަން ހޯދުމަށް ހުށަހަޅާ ފަރާތުގައި، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ރ) މި އުސޫލުގެ ދަށުން މާލީ އެހީއަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އިއުލާނު ކުރުމުން، އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ "އޮންލައިން ޕޯޓަލް" މެދުވެރިކޮށް، ރަޖިސްޓަރީވެ، އޭގައި ބަޔާންކުރާ ހުރިހައި ލިޔެކިޔުންތަކާ އެކުގައެވެ. މާލީ އެހީ ހޯދުމަށް އެދޭ ކޮންމެ މީޑިއާއަކުން ވެސް ޕޯޓަލުގައި ރަޖިސްޓަރީވާން ޖެހޭނީ 1 (އެކެއް) ފަހަރުއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕޯޓަލުގައި ރަޖިސްޓަރީވެފައިވާ މީޑިއާތަކުން، މާލީ އެހީ ހޯދުމަށް އެދި، "ޕޯޓަލް" މެދުވެރިކޮށް، ކޮންމެ އަހަރަކު އެޕްލިކޭށަން ހުށަހަޅަންވާނެއެވެ.
(ޅ) މާލީ އެހީއަށް އެދި މީޑިއާތަކުން އެޕްލިކޭށަން ހުށަހެޅުމާއެކު އެ އެޕްލިކޭށަނަކަށް ލިބޭ ވަގުތީ ޕޮއިންޓު ޕޯޓަލުގެ ތެރެއިން އެ މީޑިއާއަކަށް ފެންނަން ހުންނާނެއެވެ.
(ކ) މީޑިއާތަކުން ހުށަހަޅާ ލިޔެކިޔުންތަކާއި މައުލޫމާތުގެ ސައްހަކަން މިނިސްޓްރީން ކަށަވަރުކުރުމަށްފަހު އެހީއަށް އެދި ހުށަހެޅި ފަރާތަށް ލިބުނު ޕޮއިންޓު، އެހީއަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، "ޕޯޓަލް" މެދުވެރިކޮށް،
އެހީއަށް އެދި ހުށަހެޅި ފަރާތަށް އެންގުމާއެކު އާންމުކޮށް، ފެންނާނޭހެން އަދާހަމަކޮށްފައި ހުންނަންވާނެއެވެ.
(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވެރިފިކޭށަނަށްފަހު މިނިސްޓްރީން އަންގާ އެންގުމާ ގުޅިގެން އެޕްލިކޭށަން ހުށަހެޅުމަށް ހުޅުވައިލައިފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭށަނުގައި ހުށަހެޅި ލިޔެކިޔުމެއް އިސްލާހުކުރުމުގެ ފުރުސަތު އެހީއަށް އެދި ހުށަހެޅި ފަރާތަށް އޮންނާނެއެވެ.
(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެޕްލިކޭށަން ހުށަހެޅުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު އެޕްލިކޭށަނުގައި ހުށަހެޅި ލިޔެކިޔުމެއް އިސްލާހުކުރުމަށް ލިބޭނީ ރަސްމީ ބަންދުނޫން 2 (ދޭއް) ދުވަހުގެ މުއްދަތެކެވެ. އަދި މި މުއްދަތުގައި އިސްލާހުކުރެވޭނީ 1 (އެކެއް) ފަހަރުއެވެ.
(ވ) މި މާއްދާގެ (އ) ގެ ދަށުން ދެވޭ މުއްދަތުގައި ލިޔެކިޔުމެއް އިސްލާހުކޮށްފައި ހުށަނޭޅިއްޖެ ނަމަ، އެ ލިޔެކިޔުމެއް ހުށަހަޅަން ބަޔާންކޮށްފައި އޮންނަ ސެކްށަނަށް އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތަށް ކަނޑައަޅައިފައިވާ ޕޮއިންޓުން އެ ނިސްބަތުން އެ ޕޮއިންޓެއް އުނިވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ލިޔެކިޔުން ހުށަހެޅުމުގެ ސަބަބުން ޕޮއިންޓަށް ބަދަލެއް އަތުވެއްޖެ ނަމަ، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެހީއަށް އެދި ހުށަހެޅި ފަރާތަށް ލިބުނު ޕޮއިންޓުގެ އަދާހަމަ ލިސްޓަށް ބަދަލު އަންނާނެއެވެ.
8 ވަނަ މާއްދާ - ޕޮއިންޓް ދޭ މުއްދާ
މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބޭ މީޑިއާތައް ކަނޑައެޅުމަށް ޕޮއިންޓު ދިނުމުގައި ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ. މި ކަންތައްތަކަށް ރިއާޔަތްކޮށް ޕޮއިންޓު ދެވޭ މިންގަނޑު، މި އުސޫލުގެ ޖަދުވަލު 1 ގައި ހިމަނައިފައި ވާނެއެވެ.
- ފާއިތުވި މާލީ އަހަރުގެ ޕަރފޯމަންސް؛
- ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ މުއްދަތު ނުވަތަ ގާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިގެން ހިންގާ މުއްދަތު؛
- ޗެނަލް/ނޫހުގެ މިހާރުގެ އޮޕަރޭށަންސް؛
- ޗެނަލް/ނޫސް ކުރިއެރުވުމަށް ރާވައިފައިވާ ކަންކަން؛
- މީޑިއާގެ މުވައްޒަފުންނަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާ؛
(ށ) "މީޑިއާ" ހިމެނޭ ގޮތުން، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2008-15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު) ގެ ދަށުން ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އެ މީޑިއާއަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައި، އެ އެޅި ފިޔަވަޅެއް އާންމުކޮށްފައިވާ ނަމަ، އެ މީޑިއާއަކުން ހުށަހެޅި އެޕްލިކޭށަނުން ކޮންމެ ފިޔަވަޅަކަށް (ތިނެއް) 3 ޕޮއިންޓުގެ މަގުން ޕޮއިންޓު އުނިކުރެވޭނެއެވެ.
9 ވަނަ މާއްދާ - މާލީ އެހީ ލިބޭނެ ފަރާތްތައް ކަނޑައެޅުން
(ހ) މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ މި އުސޫލުގެ 7 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ވެރިފިކޭށަނަށްފަހު 60 (ފަސްދޮޅަސް) ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓު ލިބޭ މީޑިއާތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ މީޑިއާއަކަށް ލިބޭ މާލީ އެހީ ކަނޑައަޅާނީ މި އުސޫލުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީންނެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ މާލީ އެހީގެ ތަފުސީލު މި އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން މުރާޖާކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާއި ހުށަހަޅާ ށަކުވާތައް ބެލުމަށްފަހު، އެ ކަމެއް ހުށަހެޅި ފަރާތަށް ޕޯޓަލް މެދުވެރިކޮށް އެންގުމާއެކު، އާންމުކުރަންވާނެއެވެ.
10 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި މުރާޖާކުރުން
(ހ) މި އުސޫލުގެ ދަށުން ލިބޭ ޕޮއިންޓާމެދު ހިތްހަމަނުޖެހޭ ނަމަ، ލިބޭ ޕޮއިންޓް އާންމުކުރާތާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، އެކަން މުރާޖާކުރުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
(ށ) މި އުސޫލުގެ ދަށުން މުރާޖާކުރަން ހުށަހެޅޭނީ، އެހީއަށް އެދި ހުށަހެޅި ފަރާތަކަށެވެ.
(ނ) މި އުސޫލުގެ ދަށުން އެހީ ލިބޭ ފަރާތަކާމެދު އެއްވެސް ށަކުވާއެއް އޮތް ނަމަ، މި އުސޫލުގެ 7 ވަނަ މާއްދާގެ (ކ) ގެ ދަށުން ލިބޭ ޕޮއިންޓް އާންމުކުރާތާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، އެ ށަކުވާއެއް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
(ރ) މި އުސޫލުގެ ދަށުން ށަކުވާއެއް ހުށަހެޅޭނީ މީޑިއާއަކާ ގުޅޭގޮތުން މަސްލަހަތު އޮތް ފަރާތަކަށެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ ށަކުވާތަކާއި، މި މާއްދާގެ (ހ) ގެ ދަށުން މުރާޖާކުރުމަށް ހުށަހަޅާ ހުށަހެޅުންތަކަށް، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ޕޯޓަލް މެދުވެރިކޮށް، މިނިސްޓްރީން ޖަވާބު ދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ނިންމާ ނިންމުމަކާ ގުޅިގެން މި އުސޫލުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެހީގެ ޖުމުލަ ޕޮއިންޓަށް ބަދަލެއް އަންނަ ނަމަ، އެހީ ލިބޭ ފަރާތަށް އެ ކަމެއްގެ ތަފުސީލު އަންގަންވާނެއެވެ.
11 ވަނަ މާއްދާ - ކޮމިޓީ އެކުލަވައިލުން
(ހ) މި އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން މުރާޖައާކުރަން ހުށަހަޅާ ކަންކަމާއި، ށަކުވާ ބެލުމަށް 5 (ފަހެއް) މެންބަރުންގެ ކޮމެޓީއެއް، މިނިސްޓަރު އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީގައި ހިމެނޭ މެންބަރުން އައްޔަނުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ:
- ކޮމިއުނިޓީ އެމްޕަވަރމަންޓަށް މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- ބްރޯޑްކާސްޓިންގ ކޮމިށަނުން ކަނޑައަޅާ ފަރާތެއް؛
- މޯލްޑިވްސް މީޑިއާ ކައުންސިލުން ކަނޑައަޅާ ފަރާތެއް؛
- ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާ އެސޯސިއޭށަނަކުން ކަނޑައަޅާ ފަރާތެއް؛
- މާލީ ކަންކަމާބެހޭ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ ފަރާތެއް.
12 ވަނަ މާއްދާ - މާލީ އެހީ ދޫކުރުން
(ހ) މި އުސޫލުގެ ދަށުން މާލީ އެހީ ލިބޭ މީޑިއާތަކަށް، ފައިސާ ޖަމާކޮށްދޭނީ އެ މީޑިއާއެއްގެ ނަމުގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަށެވެ. ވަކި ފަރުދެއްގެ ނަމުގައި އޮންނަ ބޭންކު އެކައުންޓަކަށް ފައިސާ ޖަމާކޮށެއް ނުދެވޭނެއެވެ.
(ށ) މި އުސޫލުގެ ދަށުން މާލީ އެހީ ލިބޭ މީޑިއާތަކަށް ފައިސާ ދޫކުރާނީ، މީޑިއާއަކަށް ލިބޭ ޖުމުލަ އަދަދު، ގިނަވެގެން 3 (ތިނެއް) ޕޭމަންޓަކަށް ބަހައިލައިގެން، މާލީ ކަންކަމާބެހޭ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ކަނޑައަޅާ މާލީ އަހަރުގެ ތެރޭގައެވެ.
(ނ) މާލީ އެހީ ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ޖުމުލަ އަދަދުގެ %50 (ފަންސާސް އިންސައްތަ) ޖަމާކުރުމަށްފަހު، ބާކީ އޮންނަ ޕޭމަންޓް 2 (ދޭއް) ބަޔަށް ބަހައިލައިގެން ފަހަރަކު %25 (ފަންސަވީސް އިންސައްތަ) ދޫކުރާ ގޮތަށް، މާލީ އަހަރުގެ ނުނިމި އޮތް ބައިގައި އެ ޕޭމަންޓްތައް ދޫކުރަންވާނެއެވެ.
(ރ) މި އުސޫލުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެހީގެ ގޮތުގައި ލިބޭނެ މިންވަރު އެނގޭނެ ސްލިޕެއް، ޕޯޓަލް މެދުވެރިކޮށް އެ ފަރާތްތަކަށް ފޮނުވުމާއެކު އެހީގެ ފައިސާ ދޫކުރާނީ ފައިސާ މާލީ އެހީތެރިކަން ލިބޭ ފަރާތުން، މި އުސޫލުގެ ޖަދުވަލު 3 ގައި ބަޔާންކުރާ އިގްރާރުގައި، އެ ފަރާތަކުން ސޮއިކުރުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިގްރާރުގައި މާލީ އެހީތެރިކަން ލިބިގަތުމާއި އެ އެހީތެރިކަން ބޭނުންކުރުމުގައި މި އުސޫލުގައި ކަނޑައަޅައިފައިވާ ކަންކަމަށް މާލީ އެހީ ލިބޭ ފަރާތުން އެއްބަސްވާކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން ފުރަތަމަ ޕޭމަންޓް މި އުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މައުލޫމާތު އާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެކައުންޓަށް، މާލީ ކަންކަމާބެހޭ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ޖަމާކުރަންވާނެއެވެ.
(ކ) މި އުސޫލުގެ ދަށުން މީޑިއާތަކަށް ދެވަނަ ޕޭމަންޓާއި، ތިންވަނަ ޕޭމަންޓް ދޫކުރެވޭނީ ކޮންމެ ޕޭމަންޓެއް ދޫކުރި މުއްދަތު ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ޕަބްލިކް ސަރވިސް ކޮންޓެންޓް ހިމެނޭހެން އުފެއްދި ކޮންޓެންޓާއި ވަސީލަތްތައް ތަރައްގީކޮށް ނުވަތަ އިތުރުކުރި ނަމަ އެ ކަމާއި، އިތުރު މުވައްޒަފުންނަށް ވަޒީފާދީ އަދި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ކުރި ކަންކަން އެނގޭނެ ތަފުސީލު ރިޕޯޓު ހުށަހެޅުމުންނެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ސްޓޭޓަސް ރިޕޯޓު އިވެލުއޭޓުކުރުމުގައި، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވޭތޯއާއި، މީޑިއާގެ ކޮންޓެންޓު ށާއިއުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަން ބަލައި ކަށަވަރުކުރާނީ މި އުސޫލު ތަންފީޒުކުރާ މިނިސްޓްރީންނެވެ.
(ވ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިގްރާރުގެ މުއްދަތު ހަމަވުމުގެ ކުރިން މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތެއް އެހީއަށް އެދި ހުށަހަޅައިފައިވާ މީޑިއާއެއްގެ ކިބައިން އުނިވެފައިވާކަން ފާހަގަކުރެވިއްޖެ ނަމަ، އިގްރާރު ބާތިލުކޮށް އެ މީޑިއާއަކަށް އިތުރަށް އެއްވެސް ފައިސާއެއް ދޫކުރެވޭނެއެވެ.
(މ) މި އުސޫލުގެ ދަށުން ފައިސާ ލިބޭ މީޑިއާއަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރާއްޖޭގައި ހެދިފައިވާ ގާނޫނަކާ ހިލާފުވެއްޖެކަމަށް ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން މިނިސްޓްރީގެ ސަމާލުކަމަށް އެކަމެއް ގެނެސްފި ނަމަ އިގްރާރު ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ފ) މި މާއްދާގެ (ނ) އާއި (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މާލީ އެހީދިނުމުގެ ޕްރޮގްރާމުގެ ތެރެއިން މި އުސޫލުގެ ދަށުން މި އަހަރު (2025) އިއުލާނުކުރާ ޕްރޮގްރާމުގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، އެ މީޑިއާއަކަށް ލިބޭ ޖުމުލަ އަދަދު (އެކެއް) ޕޭމަންޓުގެ ގޮތުގައި މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
13 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން
މި އުސޫލުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ އެ ކަމެއް ހައްލުކުރާނީ މި މިނިސްޓްރީންނެވެ.
14 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ:
(ހ) "މީޑިއާ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަމިއްލަ މީޑިއާތަކާއި، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށެވެ.
(ށ) "ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ ޕޯޓަލަށެވެ.
(ނ) "އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން މާލީ އެހީ ދިނުމަށާއި ލިބިގަތުމަށް އެއްބަސްވެ، ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީއާއި އެ މީޑިއާއަކާ ދެމެދުގައި ވެވޭ އެއްބަސްވުމަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި އިލެކްޓްރޯނިކް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެ ދާއިރާތައް ތަރައްގީކުރުމަށް މަގުފަހިކޮށްދިނުމާބެހޭ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ބ) "މާލީ ކަންކަމާބެހޭ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ޅ) "ބްރޯޑްކާސްޓްކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އަށެވެ.
(ކ) "ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނު) އަށެވެ.
(އ) "މަސްލަހަތު އޮންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް އިރަކު މީޑިއާއެއްގައި މަސައްކަތްކޮށްފައިވާ މީހަކަށެވެ.
15 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މި އުސޫލުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ
ޖަދުވަލު 1 - މި އުސޫލުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންމެ މީޑިއާއަކަށް ޕޮއިންޓު ދިނުމުގައި ބަލާނެ މިންގަނޑު ތިރީގައި މިވަނީއެވެ.
ޖަދުވަލު 2 - މި އުސޫލުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކޮންމެ މީޑިއާއަކަށް ލިބޭ މާލީ އެހީ- ކަނޑައަޅާނެ ގޮތުގެ ފޯމިއުލާ، ތިރީގައި މިވަނީއެވެ.
މައި ގާނޫނު
ނެތް
ކިޔުންތެރިންގެ ހިޔާލު