-

ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި

(ގަވާއިދު ނަންބަރު 2024-73)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 އޮގަސްޓު 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު، ބަނދަރުތައް ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ކައުންސިލުން ބަލަހައްޓާނީ، ކުޅުދުއްފުށީގެ ބަނދަރުތަކާއި، އެ ބަނދަރުތަކާ ގުޅިފައިވާ ސަރަހައްދެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ، "ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި" އެވެ.

 

2 ވަނަ މާއްދާ -  މަގުސަދު

މި ގަވާއިދަށް ކިޔާނީ، "ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި" އެވެ. 

(ހ) ބަނދަރުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ބަނދަރާއި ބަނދަރުތަކުގެ ސަރަހައްދު ބޭނުންކުރުމުގެ މަގުފަހިކޮށްދިނުން.

(ށ) ބަނދަރާއި ބަނދަރުތަކުގެ ސަރަހައްދުތައް ބޭނުންކުރުމުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، ބަނދަރުތަކާއި ބަނދަރުތަކުގެ ސަރަހައްދުގެ ރައްކައުތެރިކަން ކަށަވަރުކުރުން. 

 

3 ވަނަ މާއްދާ - ކުރީގައި ހިނގައިފައިވާ ކަންކަމަށް މި ގަވާއިދު ހިންގުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި ގަވާއިދުގައި ވަކިކަމެއް ލާޒިމުކޮށްފައިވާ ނަމަ، އެ ކަމެއް މި ގަވާއިދުގެ ދަށުން ހިނގާނެއެވެ. 

 

4 ވަނަ މާއްދާ - ބަނދަރުތައް ބެލެހެއްޓުން 

(ހ) ބަނދަރާއި ބަނދަރުތަކުގެ ސަރަހައްދު ބެލެހެއްޓުމަކީ ކައުންސިލުގެ ނުވަތަ ކައުންސިލުން އެކަމަށް މަތިކޮށްފައިވާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ބަނދަރުތަކަށް ލަފާފުރާ އުޅަނދުތަކާއި އޮޑިއެހެލާ ސަރަހައްދަށް އޮޑިފަހަރު އެހެލައި ބޭލުމުގައި އަމަލުކުރަންވާނީ މި ގަވާއިދާ އެއްގޮތަށެވެ. 

(ށ) ކައުންސިލުގެ ފަރާތުން ބަނދަރާއި ބަނދަރުތަކުގެ ސަރަހައްދު ބެލެހެއްޓުމަށާއި، މި ގަވާއިދުގެ ދަށުން ނަގަންޖެހޭ ފީ ނެގުމުގެ މަސައްކަތްކުރާނީ، ކައުންސިލުން ނުވަތަ ކައުންސިލުން އެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތަކުންނެވެ.

(ނ) ބަނދަރުތަކުގައި އުޅަނދުފަހަރު އެޅުމާއި މުދާ ބޭލުމުގެ ސަރަހައްދުތައް ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ރ) ބަނދަރުތަކުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނޭހެން ބަނދަރުތަކުގެ ހޮޓްލައިން ނަންބަރު އެނގޭނޭ ބޯޑެއް އާންމުކޮށް ފެންނާނޭހެން ހަރުކޮށްފައި ނުވަތަ ބަހައްޓައިފައި ހުންނަންވާނެއެވެ. 

 

5 ވަނަ މާއްދާ - އުޅަނދުފަހަރު އެޅުމަށް ހާއްސަކުރާ ސަރަހައްދުތައް

(ހ) ބަނދަރުތަކުގެ ތެރޭގައި އުޅަނދުފަހަރު އެޅުމަށް ހާއްސަކުރާ ސަރަހައްދުތައް ވަކިވަކިން އެނގޭގޮތަށް ބަހައްޓައިފައިވާ ބޯޑުތަކާ އެއްގޮތަށް، ބަނދަރުތައް ބޭނުންކުރާ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ށ) ބަނދަރުތައް ބޭނުންކުރާ އުޅަނދުފަހަރުގައި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ސްޓިކަރޖެހުމާއި، އެ އުޅަނދުފަހަރުން ފީއާއި ޖޫރިމަނާ ނެގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގަވާއިދުގެ ދަށުން ޖޫރިމަނާ ފީ ނަގާނެ ގޮތް މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާނެއެވެ.

 

6 ވަނަ މާއްދާ - އުޅަނދު، ތޮށިގަނޑުގެ ދިގަށް ބިތްކުރާ ސަރަހައްދު

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު، މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް ނުވަތަ އެ ނޫން ވެސް ބޭނުމަކު އަޅައިފައި ބޭއްވޭނީ، ހަމައެކަނި އެކަމަށް ކަނޑައަޅައިފައިވާ ސަރަހައްދުގައެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދު ބިތްކުރެވޭނީ، ކައުންސިލުން ނުވަތަ ކައުންސިލުން ބަނދަރުތައް ބަލަހައްޓަން ކަނޑައަޅައިފައިވާ ފަރާތުގެ ހުއްދަ ހޯދައިގެންނެވެ. އަދި ހުއްދަ ދެވޭނީ، ފަޅަށް އުޅަނދު ވަނުމަށްފަހު، ހުއްދައަށް އެދޭ ތަރުތީބުންނެވެ.

(ނ) ލޯޑިން ނުވަތަ އަންލޯޑިންގެ މަސައްކަތެއް ނުކޮށް އޮންނަ ހާލަތެއްގައި ކައުންސިލުން އަންގައިފި ނަމަ، އުޅަނދު ބިތްކުރާ ސަރަހައްދުން ދުރުކުރަންޖެހޭނެއެވެ.

 

7 ވަނަ މާއްދާ - ރޭމްޕް

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު، މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް ނުވަތަ އެ ނޫންވެސް ބޭނުމަކު ރޭމްޕް ބޭނުންކުރާ ނަމަ ބޭނުންކުރެވޭނީ، ކައުންސިލުން ހުއްދަ ލިބިގެންނެވެ. އަދި ރޭމްޕް ބޭނުންކުރުމަށް ހުއްދައަށް އެދުމުން، އުޅަނދު ފަޅަށް ވަންނަ ތަރުތީބުން، ރޭމްޕް ބޭނުންކުރުމުގެ ހުއްދ،ަ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ދެވޭނެއެވެ.

(ށ) ލޯޑިން ނުވަތަ އަންލޯޑިންގެ މަސައްކަތެއް ނުކޮށް އޮންނަ ހާލަތެއްގައި ކައުންސިލުން އަންގައިފި ނަމަ، އުޅަނދު ބިތްކުރާ ސަރަހައްދުން ދުރުކުރަންޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ކެރޭނާއި ފޯކްލިފްޓާއި ޕިކަޕާއި ކާރު ފަދަ ވެހިކަލް ބަނދަރުތަކުގެ ސަރަހައްދު ބޭނުންކުރުން

(ހ) ކެރޭނާއި ފޯކްލިފްޓާއި ޕިކަޕާއި ކާރު ފަދަ ތަކެތި ބޭނުންކޮށްގެން މުދާ އުފުލަންވާނީ، ކައުންސިލުގެ އިދާރާއަށް އެންގުމަށްފަހު، ކައުންސިލުގެ އިދާރާއިން އަންގާ ގޮތެއްގެ މަތީންނެވެ.

(ށ) ބަނދަރުގައި ކެރޭން ބޭނުންކުރެވޭނީ، ހަމައެކަނި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައެވެ.

(ނ) ބަނދަރުތަކުގެ ސަރަހައްދުގައި، ބަނދަރު އޮފިސަރުން އަންގާ ގޮތެއްގެ މަތީން ޕިކަޕް ކައިރިކޮށްގެން މުދާ އަރުވައި ބޭލުމުގެ ފުރުސަތު ލިބިދެވޭނެއެވެ.

(ރ) ފަސިންޖަރުން ދަތުރުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ކާރު ކައިރިކުރުމާއި ކާރު ކިއު ހަދަންވާނީ، ބަނދަރު އޮފިސަރުން އަންގާ ގޮތެއްގެ މަތީން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭހެންނެވެ.

(ބ) އުތުރު ބަނދަރު ސަރަހައްދަކީ މުދާ އުފުލާ ބަނދަރަކަށް ވާތީ، ކާރާއި ސައިކަލް ފަދަ ވެހިކަލްތައް އެ ސަރަހައްދަށް ވަނުމަކީ މަނާކަމެކެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތް ނަމަވެސް، ހާއްސަ ހާލަތްތަކުގައި ކާރާއި ސައިކަލް ފަދަ ވެހިކަލްތައް ވަނުމުގެ ހުއްދަ ދިނުމުގެ އި ހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބަނދަރުތަކުން، ތެލާއި ފެނާއި، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން

(ހ) ބަނދަރުތަކުން ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނީ، ބަނދަރު އޮފިސަރުންގެ ލަފާގެ މަތީން، އެ ހިދުމަތް ފޯރުކޮށްދިނުމަށް، ކައުންސިލުން ތިންވަނަ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

(ށ) ބަނދަރުތައް ބޭނުންކުރާ އުޅަނދުފަހަރަށް ތެޔޮ ބަރުކުރުމަށް ބައުޒަރު ކައިރިކުރެވޭނީ އެކަމަށް ހުއްދަދެވޭ ސަރަހައްދުތަކުގައި، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

10 ވަނަ މާއްދާ - ރަސްމީ ފާލަން 

(ހ) ރަސްމީ ފާލަމަށް ކައިރިކުރެވޭނީ، ކައުންސިލުން ނުވަތަ ބަނދަރުތައް ބެލެހެއްޓުމަށް ކައުންސިލުން މަތިކޮށްފައިވާ ފަރާތުން ހުއްދަދީފައިވާ އުޅަނދުފަހަރަށް އެކަންޏެވެ.

(ށ) ރަސްމީ ފާލަމަށް ދަތިވާގޮތަށް އެއްވެސް އުޅަނދެއް އަޅައިފައި ބޭއްވުމަކީ ނުވަތަ އުޅަނދެއްގެ ވަލެއް އައްސައިފައި ބޭއްވުމަކީ މަނާކަމެކެވެ. މި ސަރަހައްދަށް އުޅަނދެއްގެ ވަލެއް ނުވަތަ އެނޫންވެސް އެއްޗެއް ދޫކޮށްލައިފައިވާ ނަމަ، އިތުރު އެންގުމަކާ ނުލައި އެފަދަ ތަކެތި ނަގައި އެ ތަކެތި ނައްތައިލެވޭނެއެވެ.

(ނ) ކައުންސިލުން ހުއްދަ ދޭ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދުފަހަރު ރަސްމީ ފާލަމާ ކައިރިކޮށް، ފަސިންޖަރުންނާއި ފަސިންޖަރުންގެ ފޮށިތަންމަތި އަރުވައި ބޭލުމަކީ މަނާކަމެކެވެ.

 

11 ވަނަ މާއްދާ - ރަތް ޖެޓީ 

(ހ) ރަތްޖެޓީ ސަރަހައްދަކީ ހަމައެކަނި ފަސިންޖަރުން އަރުވައި ބޭލުމަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.

(ށ) ރަތްޖެޓީއަށް ދަތިވާގޮތަށް އެއްވެސް އުޅަނދެއް އަޅައިފައި ބޭއްވުމަކީ ނުވަތަ އުޅަނދެއްގެ ވަލެއް އައްސައިފައި ބޭއްވުމަކީ މަނާކަމެކެވެ. މި ސަރަހައްދަށް އުޅަނދެއްގެ ވަލެއް ނުވަތަ އެނޫންވެސް އެއްޗެއް ދޫކޮށްލައިފައިވާ ނަމަ، އިތުރު އެންގުމަކާ ނުލައި އެފަދަ ތަކެތި ނަގައި އެ ތަކެތި ނައްތައިލެވޭނެއެވެ.

 

12 ވަނަ މާއްދާ - ލަކުޑި ފާލަންތައް

މި ފާލަންތަކަކީ ފަސިންޖަރުން އަރައި ފޭބުމަށް ކުދި ދޯނިފަހަރާއި ލޯންޗުފަހަރު ވަގުތީގޮތުން ގާތްކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި އަޅައިފައިވާ އުޅަނދުތައް، ކައުންސިލުން އެންގުމުން ނަގަންވާނެއެވެ. 

 

13 ވަނަ މާއްދާ - މަސް މާރުކޭޓު ސަރަހައްދު 

(ހ) މި ސަރަހައްދަކީ ހަމައެކަނި އައިސް ބަރުކުރުމަށް ނުވަތަ މަސްދޯނިތަކުން މަސް މާރުކޭޓަށް މަސްގެންދިއުމަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. 

(ށ) މި ސަރަހައްދުގައި މަސްދޯނިފަހަރު ފިޔަވައި އެހެން އުޅަނދުތައް އަޅައިފައި ބޭއްވުމަކީ މަނާކަމެކެވެ. މަސްދޯނިފަހަރު މި ސަރަހައްދުގައި އަޅައިފައި ބޭއްވިނަމަވެސް، އައިސް އެޅުމަށް ނުވަތަ މަސް ގެންދިއުމަށް ދަތިވާ ފަދަ ގޮތަކަށް އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.

(ނ) މި ސަރަހައްދުގައި އުޅަނދު ބިތްކުރެވޭނީ ހަމައެކަނި އައިސް ބަރުކުރުމަށް ނުވަތަ މަސް ގެންދިއުމަށެވެ.

 

14 ވަނަ މާއްދާ - ބަނދަރު ތެރޭގައި މަސްކިރުން

(ހ) ބަނދަރުތެރޭގައި އެއް އުޅަނދު އަނެއް އުޅަނދަށް މަސްކިރުވަންވާނީ، ބަނދަރުތެރޭގައި މަސްކިރުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން، ކައުންސިލަށް ހުށަހަޅައިގެން ލިއުމުން ހުއްދަ ލިބިފައިވާ މަސްކިރާ ފަރާތްތަކަށެވެ.

(ށ) މަސްކިރުމުގެ ތެރޭގައި ވެސް، ކުންޏާއި މަހުގެ ބާވަތްތަކާއި މި ނޫންވެސް މިފަދަ ތަކެތި ބަނދަރުތެރެއަށް އެޅުމަކީ މަނާކަމެކެވެ.

 

15 ވަނަ މާއްދާ - ފަތުރުވެރިންގެ އުޅަނދުފަހަރު

(ހ) ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު ބަނދަރަށް ވަދެނުކުމެ ހަދަންވާނީ، ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދުފަހަރު، ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް 50 (ފަންސާސް) އެމެރިކާ ޑޮލަރު ނުވަތަ 50 (ފަންސާސް) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސ،ާ އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސް ފައިސާ ނަގާނީ، 24 (ސައުވީސް) ގަޑިއިރަށެވެ.

(ށ) ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު، ބަނދަރުގެ ނެރުން ވަނުމަށްފަހު، އެ އުޅަނދު ނެރުން ނުކުންނަންދެން، އޭގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން އާންމުކޮށް ފެންނަގޮތަށް އުޅަނދުގައި ތިބެންޖެހޭނީ އެކަށީގެންވާ ހެދުމެއްގައެވެ.

(ނ) ސިއްހީ ކުއްލި ފަރުވާއެއް ހޯދުމަށް ފަތުރުވެރިޔަކު ގޮވައިގެން ދަތުރުކުރާ އުޅަނދުފަހަރަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ފަތުރުވެރިން ދަތުރުކުރާ އުޅަނދެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

16 ވަނަ މާއްދާ - ހާއްސަ ހާލަތެއްގައި އުޅަނދު އަޅައިފައިވާ ސަރަހައްދުން ނެގުން

(ހ) ހާއްސަ ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ ފަރާތުން، އުޅަނދެއް އޮތް ތަނުން ނަގަން ބޭނުންވެއްޖެ ނަމަ، އެ އުޅަނދެއް ނަގަންޖެހޭ ހާއްސަ ހާލަތް ބަޔާންކޮށް، އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި ހާއްސަ ހާލަތުތައް ކަމުގައި އަންނަނިވި ކަންތައްތައް ބެލެވިދާނެއެވެ.

  1. ވަކި ރަސްމިއްޔާތަކާ ގުޅިގެން އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރަން ޖެހުން؛
  2. ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން؛
  3. ބަނދަރުތެރެ ސާފުކުރުމަށް ރާވައިފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާ ގުޅިގެން؛
  4. ބަނދަރު މަރާމާތުކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން އުޅަނދު ނަގަންޖެހުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިމަރޖެންސީ ހާލަތެއް މެދުވެރިވެގެން އުޅަނދު އޮތް ތަނުން ނަގަން ޖެހިއްޖެ ހިނދެއްގައި، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުމަކުން އެންގުމެއްނެތި އެކަން ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ވެސް އުޅަނދުގެ ވެރިފަރާތަށް ފޯނުން އެކަން އަންގަންވާނެއެވެ. އަދި އުޅަނދު ނެގުމަށްފަހު، އުޅަނދު ނެގިކަން، އުޅަނދުގެ ވެރިފަރާތަށް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން އެ އުޅަނދުގެ ވެރިފަރާތާ ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކާ ހަވާލުކުރުމުން، ނުވަތަ އެއިން މީހަކު ނެތް ނަމަ އެ އުޅަނދުގެ ފަޅުވެރިޔަކާ ހަވާލުކުރުމުން، ނުވަތަ ފަޅުވެރިޔަކު ވެސް ނެތް ނަމަ، ނުވަތަ އެ ލިޔުމާ ހަވާލުވުމަށް އުޒުރުވެރިވާ ނަމަ، އެ އުޅަނދުގައި އެ ލިޔުން އާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން، އެ އުޅަނދު ނެގުމަށް އެންގުނީކަމަށް ބަލަންވާނެއެވެ.

 

17 ވަނަ މާއްދާ - ބޯސާ އެޅުމަށް ޖާގަދޫކުރުން 

(ހ) ރަށުގައި ދުއްވާ އަދި ރަށުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކަށް ބޯސާ އެޅުމަށް ޖާގަ ދޫކުރެވޭނީ އޮޑިތަކުގެ ބޮޑުމިނަށް ބަލައި ޖާގަ ލިބޭ މިންވަރަކުންނެވެ.

(ށ) ބޯސާ ޖަހާނެ އިތުރު ޖާގަ ތަނަވަސްކުރުމަށް ޓަކައި ދޯނީގެ ދެކޮޅަށް ބޯސާ ޖަހަންވާނެއެވެ.

(ނ) ބޯސާގައި އޮންނަ އުޅަނދު އޮންނަންވާނީ، އޮޔަށާއި ވަޔަށް ނޭނބުރޭ ގޮތަށް، އެ އުޅަނދަކަށް ދޫކޮށްފައިވާ ޖާގައިގައެވެ.

(ރ) ބޯސާ އެޅުމަށް ޖާގަ ދޫކުރެވިފައިވާ އުޅަނދުތައް އަޅައިފައި ހުންނަންވާނީ ބޯސާގައެވެ. އަދި ބޯސާތައް ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށް ކައުންސިލް އިދާރާގައި ރަޖިސްޓަރީކޮށްފައެވެ. ބޯސާއިން ފީ ނެގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ބ) އޮޑި އެޅުމަށް ހާއްސަކޮށްފައިވާ ބޯސާގައި، އޮޑިއަށް އެރުމަށް ބޭނުންކުރާ ކުދި އުޅަނދުފަހަރު އަޅައިފައި ބޭއްވިދާނެއެވެ.

 

18 ވަނަ މާއްދާ - ޖެޓީމަތީގައި މުދާ ބެހެއްޓުން

އޮޑިދޯނިފަހަރަށް އަރުވައި ބާލާ މުދާ ޖެޓީ މައްޗަށް ދޫކޮށްލައިފައި ބެހެއްޓުމަކީ މަނާކަމެކެވެ. މިގޮތަށް ދޫކޮށްލައިފައި ހުންނަ މުދާ، އިތުރު އެންގުމަކާ ނުލައި ނަގައި ނައްތައިލެވޭނެއެވެ. 

 

19 ވަނަ މާއްދާ - ބަނދަރުތަކުގެ ސަރަހައްދުގައި މުދާ ބެހެއްޓުން

(ހ) އުޅަނދުފަހަރުން ބާލާ މުދަލާއި އުޅަނދުފަހަރަށް އަރުވާ މުދާ، ބަނދަރުތަކުގެ ސަރަހައްދުގައި ބަހައްޓާ ނަމަ ބެހެއްޓޭނީ، ކައުންސިލުން ހުއްދަ ހޯދުމަށްފަހު، އެކަމަށް ޓަކައި ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަހައްޓާ މުދަލަށް ފީ ނެގުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަހައްޓާ ތަކެތި އެ ސަރަހައްދުގައި ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމެކެވެ.

 

20 ވަނަ މާއްދާ - ބަނދަރަށް މުދާ ބޭލުމާއި، ބަނދަރުން މުދާ ބަރުކުރުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު، މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް ނުވަތަ އެ ނޫންވެސް ބޭނުމަކު، ކައުންސިލުން ކަނޑައަޅައިފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަންވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް ފީ ނުދައްކައި އުޅަނދު ބިތްކޮށްފައި ބޭއްވޭނީ، ގިނަވެގެން 6 (ހައެއް) ގަޑިއިރަށެވެ.

(ނ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، މާލެއިން އަންނަ އޮޑިފަހަރު ބަނދަރުކުރާ ސަރަހައްދުގައި މުދާ އަރުވައި ބޭލުމަށް ފީ ނުދައްކައި ބިތްކޮށްފައި ބޭއްވޭނީ،ގިނަވެގެން 36 (ތިރީސް ހައެއް) ގަޑިއިރަށެވެ.

(ބ) މި މާއްދާގެ ދަށުން ފީނެގޭނީ، ފީ ނެގުމަށް ކައުންސިލުން ފާސްކުރާ ތާރީހުން ފެށިގެންނެވެ. މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުސޫލުންނެވެ.

  1. 3 (ތިނެއް) މީޓަރާއި 21 (އެކާވީސް) މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް، ކޮންމެ ގަޑިއެއްގެއިރަކަށް 3 (ތިނެއް) ރުފިޔާގެ މަގުންނެވެ.
  2. 22 )ބާވީސް( މީޓަރާއި 36 (ތިރީސްހައެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް، ކޮންމެ ގަޑިއެއްގެއިރަކަށް 5 (ފަހެއް) ރުފިޔާގެ މަގުންނެވެ.
  3. 37 (ތިރީސްހަތެއް) މީޓަރަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް، ކޮންމެ ގަޑިއެއްގެއިރަކަށް 7/50 (ހަތެއް ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

(ޅ) މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާ ނަމަ ބާއްވަންވާނީ، ތޮށިގަނޑުގެ ހުރަހަށެވެ.

(ކ) ސިމެންތިއާއި، ހިލަޔާއި، ހިލަވެއްޔާއި، ދޮންވެއްޔާއި، އަކިރިއާއި، ދަގަނޑާއި، ލަކުޑިއާއި، ތެލާއި، ގޭހާއި، ކާޑުގެ ބާވަތްތަކާއި، ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދުފަހަރުން އެފަދަ ތަކެތި އަރުވައި ބާލަންވާނީ، ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައެވެ. އަދި ތެލާއި ގޭސް ފިޔަވައި އެހެނިހެން ތަކެތި ބާލަންވާނީ، އެ ސަރަހައްދެއްގައި ސަތަރި ނުވަތަ ތަރަފާލު ނުވަތަ އެފަދަ އެހެން އެއްޗެއް އަޅައިގެންނެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި އުޅަނދުން ބޭލުމަށްފަހު ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ، އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ބަހައްޓާ ތަކެއްޗަކީ ދޫކޮށްލައިފައިވާ ތަކެތި ކަމަށް ބަލައި، ކައުންސިލުގެ ބެލުމުގެ ދަށަށް އެ ތަކެތި ގެނެވޭނެއެވެ. އަދި މި ގަވާއިދުގެ 36 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށްފަހު، އެ ތަކެތި އަނބުރާ ގެންދިއުމަށް އާންމުކޮށް އަންގައި އިއުލާނުކޮށް، އެ ތަކެތި ގެންދިއުމަށް 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި އެ ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ، އިތުރު އެންގުމަކާ ނުލައި އެ ތަކެތި ނީލަން ކިޔުމުގެ ނުވަތަ ނަގައި ނައްތައިލުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވ

 

21 ވަނަ މާއްދާ - ފަޅުތެރޭގައި ވައު އެޅުން ނުވަތަ ވައު އެއްސުން

(ހ) އުޅަނދުތަކުގެ ވައު އައްސަންވާނީ ކައުންސިލުގެ ފަރާތުން ބަނދަރުތަކުގައި، ވައު އެޅުމަށް ނުވަތަ ވައު އެއްސުމަށް ކަނޑައަޅައިފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައެވެ.

(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް ލައިގެން ނުވާނެއެވެ.

 

22 ވަނަ މާއްދާ - ވަކި ފަރާތަކަށް ބަނދަރު ހާއްސަވުން

(ހ) ބަނދަރުގެ ހިދުމަތަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވައިލައިގެން ދޭ ހިދުމަތަކަށްވާތީ، މުދާ ބޭލުމަށް ކައުންސިލުގެ ފަރާތުން ބަނދަރުން ކަނޑައަޅައިފައިވާ ބަނދަރު ސަރަހައްދުގެ ވަކި ދިމާއެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައެއް ނުބޭއްވޭނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮންމެ ބަނދަރެއްގައި ވެސް ބަނދަރުގެ ޖާގަ އޮތް މިންވަރަކަށް ރިއާޔަތްކޮށްފައި، ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި، ފައްތިޔާ ބޭއްވުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތުން ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ބޭއްވުމަށް ހުއްދަ ދިނުމުގެ ކުރިން، ދަތުރުވެރީން ރަށަށް އަރައި ފޭބުމަށާއި މުދާ އަރުވައި ބޭލުމަށް އެހެން އުޅަނދުތަކަށް އެކަށީގެންވާ ޖާގަ ހުރިކަން ނުވަތަ ނެތްކަން ކައުންސިލުން ކަށަވަރުކުރަން ވާނެއެވެ.

(ނ) މުދާ އަރުވައި ބޭލުމަށާއި، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގެ ވަކި ސަރަހައްދެއް ކަނޑައެޅުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުން ހާއްސަކުރާ ސަރަހައްދުގައި އުޅަނދު ބޭއްވޭނެ ވަގުތު ކަނޑައެޅުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ބ) މުދާ އަރުވައި ބޭލުމާއި، މީހުން އަރައި ފޭބުމާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައި އެ ނޫން އެހެން ބޭނުމަކު އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.

 

23 ވަނަ މާއްދާ - ފަޅުގައި ބާއްވައިގެން އުޅަނދުތައް މަރާމާތުކުރުން

(ހ) ފަޅުގައި ބާއްވައިގެން އުޅަނދު މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަންވާނީ، އެކަމަށް ކައުންސިލުން ހުއްދަ ހޯދުމަށްފަހު، އެ ހުއްދައިގައިވާ ށަރުތުތަކާ އެއްގޮތަށެވެ. 

(ށ) މަރާމާތުކުރުމަށް ފަޅުގައި ބާއްވާ އުޅަނދުފަހަރުން ފީ ނެގުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. 

 

24 ވަނަ މާއްދާ - އިންޖީނަށް ގެއްލުން ލިބުންފަދަ، ދަތުރު ނުކުރެވޭ ހާލަތު މެދުވެރިވާ އުޅަނދު

އިންޖީނަށް ގެއްލުން ލިބުން ފަދަ ކަންކަމުގައި ދަތުރުނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރުބަނދަރުގައި ނުވަތަ ފަޅުގައި ބޭއްވޭނީ، ކައުންސިލުގެ ހުއްދަޔާއެކު، ގިނަވަގެން 5 (ފަހެއް) ދުވަސް ވަންދެނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 100 )އެއްސަތޭކަ( ރުފިޔާގެ ފީއެއް، ކައުންސިލަށް ދައްކަންވާނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސް، 5 (ފަހެއް) ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ، 24 (ސައުވީސް) ގަޑިއިރަށް ފީ ނެގޭ މިންވަރަށެވެ. މި މާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނީ، ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިޔުމަކުން ހުށަހެޅުމުންނެވެ. އަދި މި ގޮތަށް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ކަމާބެހޭ ފަރާތަށް ކައުންސިލުން ޖަވާބެއް ދޭންވާނެއެވެ. މި މާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ހުށަހެޅުމުންނެވެ.

 

25 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކުރުން

(ހ) އެއްވެސް އުޅަނދެއް ބަނދަރުގެ ތަނެއްގައި ޖެހިގެން ނުވަތަ މުދާ ބޭލުމުގެ ތެރޭގައި ނުވަތަ މުދާ ބަރުކުރުމުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ސަބަބަކާހުރ،ެ ބަނދަރަށް ނުވަތަ ބަނދަރުގެ ތަނަކަށް ގެއްލުންވެއްޖެ ނަމަ، އެފަދައިން ލިބޭ ގެއްލުމަކަށް އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދަކާ ހަވާލުވެފައިވާ ފަރާތަކުން ޒިންމާވާން ޖެހޭނެއެވެ. އަދި ބަނދަރަށް ލިބުނު ގެއްލުން ކައުންސިލުން ބަލައި، އެ ތަނެއް މަރާމާތުކުރުމަށް އަންގައިފި ނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދަކާ ހަވާލުވެފައިވާ ފަރާތަކުން، ބަނދަރަށް ލިބުނު ގެއްލުން މަރާމާތު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދެފަރާތުން އެއްބަސްވެވިފައިވާ ގޮތަށް، އުޅަނދުގެ ވެރި ފަރާތުން ނުވަތަ އުޅަނދާ ހަވާލުވެފައިވާ ފަރާތުން ބަނދަރު މަރާމާތުކޮށް ނުދީފި ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކަށް އަމަލުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. 

  1. ލިބުނު ގެއްލުމެއް މަރާމާތުކުރުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުން އިންކާރުކުރާ ހާލަތުގައި އެ މަރާމާތެއް ކުރުމަށް އަންގައި އަމުރުކޮށްދިނުމަށް އެދި ށަރުއީ ކޯޓަށް ހުށަހެޅުން ނުވަތަ އެ މަރާމާތެއް ކައުންސިލުން ކުރުމަށްފަހު، އެކަމަށް ހިނގި ހަރަދު ހޯދުމަށް ށަރުއީ ކޯޓަށް ހުށަހެޅުން؛
  2. އެ އުޅަނދުގެ ސަބަބުން ބަނދަރުން ހަލާކުވި ތަން، އެ އުޅަނދުގެ ޒިންމާ އުފުލާ ފަރާތުން މަރާމާތުކުރަންދެން، އެ އުޅަނދަށް ބަނދަރުތަކުން ހިދުމަތް ނުލިބޭނެ ގޮތަށް ކަންކަން ހަމަޖައްސައި، ތަންފީޒީ އިދާރާއެއް މެދުވެރިކޮށް އެކަންކަން ތަންފީޒުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ދެފަރާތުން ވާހަކަދައްކައިގެން މައްސަލަ ހައްލުނުވެގެން ކައުންސިލުގެ ފަރާތުން ށަރީއަތަށް ދާންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމަށް ހިނގާ ހަރަދު، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދާ ހަވާލުވެހުރި ފަރާތަކުން ދޭންވާނެއެވެ. 

 

26 ވަނަ މާއްދާ - ބަނދަރުތަކުގެ ސަރަހައްދުގެ ފަޅުތެރެއަށް ފެތޭ އުޅަނދު

(ހ) ބަނދަރުތަކުގެ ސަރަހައްދަށް އުޅަނދެއް ފެތިއްޖެ ނަމަ، އެ އުޅަނދެއް، ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ނަގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަމަލުނުކޮށްފި ނަމަ، ކައުންސިލުގެ ފަރާތުން އެ އުޅަނދެއް ނަގައި، އެކަމަށް ދިޔަ ހަރަދު، ޖޫރިމަނާއާއެކު، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދަކާ ހަވާލުވެހުރި ފަރާތުން ކައުންސިލަށް ދައްކަން އެންގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބަނދަރު ސަރަހައްދުން ކައުންސިލުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން، ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

  1. އުޅަނދު އޮތް ތަނުން ނެގުމުގެ ކުރިން އެ އުޅަނދާއި އުޅަނދު އޮތް ތަނުގެ ފޮޓޯ ނުވަތަ ވީޑިއޯ ނަގަންވާނެއެވެ.
  2. އުޅަނދު ނެގުމުގެ ކުރިން އުޅަނދު އޮތް ހާލަތު ބަޔާންކުރާ ރިޕޯޓެއް ތައްޔާރުކޮށް، ރިޕޯޓު ތައްޔާރުކުރި ފަރާތާއި، އެ އުޅަނދުގެ ހާލަތު ވަޒަންކުރި ކައުންސިލުގައި ނުހިމެނޭ އިތުރު 2 (ދޭއް) މީހަކު ހެކިންގެ ގޮތުގައި، ރިޕޯޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން، އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދާ ހަވާލުވެހުރި ފަރާތުން ދައްކަންޖެހޭ ހަރަދާއި ޖޫރިމަނާ ދައްކަންދެން، އެކަމަށް ޒިންމާވާ ފަރާތަށް ބަނދަރުތަކުން ހިދުމަތް ނުލިބޭނެ ގޮތަށް ކަންކަން ހަމަޖައްސައި، ތަންފީޒީ އިދާރާއެއް މެދުވެރިކޮށް އެ ކަންކަން ތަންފީޒުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް މޫދަށް އެރި އުޅުން

ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް ކޮންމެހެން އެރެން ޖެހިގެން މެނުވީ ފަޅުތެރެއަށް ފައިބައި މޫދަށް އެރިއުޅުމަކީ މަނާކަމެކެވެ.

 

28 ވަނަ މާއްދާ - ަނދަރު ސަރަހައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވޭނެ ސްޕީޑް

ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ، ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެވޭވަރުގެ ރައްކައުތެރި ސްޕީޑެއްގައެވެ. 

 

29 ވަނަ މާއްދާ - ބަނދަރު ސާފުކުރުން 

މުދާ އަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި ބަނދަރު ސަރަހައްދަށް އެޅޭ ތެލާއި ކުނި ފަދަ ތަކެތ،ި އެ މަސައްކަތް ނިމުމުން، އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ މަސައްކަތްކުރި ނުވަތަ މަސައްކަތް ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވ

 

30 ވަނަ މާއްދާ - އޮޑި އެހެލާ ސަރަހައްދު 

(ހ) އޮޑިއެހެލާ ސަރަހައްދަށް އޮޑިފަހަރު އެހެލައި ބޭލުމުގައި އަމަލުކުރަންވާނީ، މި މާއްދާގެ އަންނަނިވި އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ކޮންމެ އުޅަނދެއް ވެސް އެހެލައި ބާލަންވާނީ، ކައުންސިލުން އެކަމަށް ކަނޑައަޅާ ގޮތެއްގެ މަތީން ހުއްދަ ހޯދުމަށްފަހުގައެވެ.

(ނ) އޮޑިއެހެލާ ސަރަހައްދަށް އެހެލާ އުޅަނދުތަކުން، އުޅަނދެއް އެހެލައިފައި ހުންނަތާ 48 (ސާޅީސްއަށެއް) ގަޑިއިރު ވެއްޖެ ނަމަ، އެ އުޅަނދަކުން ފީނެގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ރ) ކުއްލި ހާލަތެއް މެދުވެރިވެގެން އުޅަނދެއް އެހެލަން ޖެހިއްޖެ ނަމަ، ބަނދަރު އޮފިސަރުންގެ އިރުށާދުގެ ދަށުން އެ އުޅަނދެއް އެހެލިދާނެއެވެ. ނަމަވެސް މިފަދައިން އެހެލާ އުޅަނދުފަހަރަށް ވެސް މި މާއްދާގެ (ށ) ގެ ދަށުން އަމަލުކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - އޮޑިއެހެލާ ސަރަހައްދުގެ ސާފުތާހިރުކަން

(ހ) އެއްވެސް ފަރާތަކުން އޮޑިއެހެލާ ސަރަހައްދުގެ މޫދާއި އެއްގަމުގެ ސާފުތާހިރުކަން ގެއްލޭ ފަދަ ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ށ) އޮޑިއެހެލައި ބޭލުމުގެ ސަބަބުން އޮޑިއެހެލާ ސަރަހައްދަށް އެޅޭ ކުނިބުނި، އެ އޮޑިއެއް އެހެލި ފަރާތަކުން ދުވަހުން ދުވަހަށް ނަގައި ސާފުކުރަންވާނެއެވެ.

(ނ) އޮޑިފަހަރު އެހެލައި ބޭލުމުގެ މަސައްކަތަށް ގެންނަ ކަނދާއި އެ ނޫން ވެސް ތަކެތި ބަހައްޓަންވާނީ، އެހެން އޮޑިފަހަރަށާއި، ތަނުގެ ޖާގައަށް ދަތިނުވާނެ ގޮތެއްގެ މަތީންނެވެ. އަދި ހަރުގެވަޅު ދޫކޮށްފައިވާ ފަރާތްތަކުން ގެންނަ ތަކެތި ބަހައްޓަންވާނީ ހަރުގެވަޅުގެ އެތެރޭގައެވެ.

 

32 ވަނަ މާއްދާ - ބައުވެގެން ބޭނުން ނުކުރެވޭ އުޅަނދުފަހަރު އެހެލައިފައި ބެހެއްޓުން

(ހ) ބައުވެގެން ނުވަތަ ހަލާކުވެގެން ބޭނުން ނުކުރެވޭ ހާލަތަށް ގޮސްގެން އެހެލާ އުޅަނދުފަހަރު އެހެލާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ނަގައިގެން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތަށް ގޮސްގެން އެހެލާ އުޅަނދުފަހަރު 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއްވެސް ސަބަބަކާހުރެ ނުނެގިއްޖެ ނަމަ، ނުނެގުނު ސަބަބާއެކު ލިޔުމަކުން އެކަން ކައުންސިލަށް އަންގަންވާނެއެވެ. އަދި އެ ސަބަބަށް ރިއާޔަތްކޮށް، ކައުންސިލުން އެ މުއްދަތު އިތުރުކޮށްދީފި ނަމަ ކައުންސިލުން އިތުރުކޮށްދޭ މުއްދަތެއްގެ ތެރޭގައި އުޅަނދު ނެގުމަށްފަހު ތަން ސާފުކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ކައުންސިލުގެ ހުއްދަނެތި ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ އުޅަނދުތައް ނަގައި ނައްތައިލުން

އޮޑި އެހެލާ ސަރަހައްދަށް އެހެލައިފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން ކައުންސިލުގެ ހުއްދަނެތި ނުވަތަ ކައުންސިލުން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރު، އިތުރު އެންގުމަކާ ނުލައި ނަގައި ނައްތައިލުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ހިދުމަތްތަކުން ފީ ނެގުން 

(ހ) މި ގަވާއިދުގެ ދަށުން ނަގާ ފީތައް، ކައުންސިލުން ފާސްކޮށް އާންމުކުރާ ފީ ސްޓްރަކްޗަރއާ އެއްގޮތަށް ނެގޭނެއެވެ. އަދި ފީ ނެގުމުގެ މި ސްޓްރަކްޗަރއަށް ބަދަލުގެނައުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފީ ނެގުމުގެ ސްޓްރަކްޗަރގައި ބަޔާންކޮށްފައިވާފީއެއް ނުވަތަ ފީތަކެއް ނަގަން ފެށުމާއި، އެފަދަ ފީއެއް ނުވަތަ ފީތަކެއް ނެގުން ހުއްޓައިލުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

35 ވަނަ މާއްދާ - ކައުންސިލުން ކަނޑައަޅާ ކަންކަން އާންމުކުރުން

މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން ކައުންސިލުން އާންމުކޮށް އިއުލާނުކުރުމާއެކު، އެ ކަންކަމަކީ ކޮބައިކަން އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

36 ވަނަ މާއްދާ - ފިޔަވަޅު އެޅުން 

(ހ) މި ގަވާއިދާއި ހިލާފުވެއްޖެ ނަމަ، އެ ފަރާތުގެ އުޅަނދުގައި ސްޓިކަރ ޖެހުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ. ސްޓިކަރ ޖަހާ ކޮންމެ ފަހަރަކު، ޖޫރިމަނާގެ ގޮތުގައި 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ ނެގޭނެއެވެ. އަދި މި ޖޫރިމަނާ ދެއްކުމަށް ދޭ މުއްދަތުގައި ޖޫރިމަނާ ނުދައްކައިފި ނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް މި ޖޫރިމަނާގެ %5 (ފަހެއް އިންސައްތަ) އިން ޖޫރިމަނާކުރެވޭނެއެވެ. މި ސްޓިކަރގެ ސާމްޕަލ،ް މި ގަވާއިދުގެ ޖަދުވަލު 4 ގައި ހިމަނައިފައި ވާނެއެވެ. 

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކޮށްފި ނަމަ، ނުވަތަ މި ގަވާއިދުގެ ދަށުން ކުރުން މަނާކަމެއް ކޮށްފި ނަމަ، ނުވަތަ މި ގަވާއިދުގައި ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައިވާ ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފި ނަމަ، އަދި އެކަމުގައި އެހެން ގާނޫނެއްގެ ދަށުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައި ނުވާ ނަމަ، ތިރީގައިވާ ގޮތުގެ މަތީން އެ ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުން؛
  2. ދެވަނަ ފަހަރު 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  3. ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  4. ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  5. ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ރ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާ ކުރެވޭނީ، އެ ފަރާތެއް އެ ކުރި ކުށް ކައުންސިލުން ބަލައި، އެ ފަރާތެއް ޖޫރިމަނާ ކުރުމަށް ކައުންސިލުން ކަނޑައެޅުމުންނެވެ.

(ރ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

37 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތައް ތަފުސީރުކުރުމުގައި، މީހުންނާއި ފަރާތްތަކުގެ މާނައިގައި، ކުންފުނ،ިގުރޫޕ،ު އޮފީސް، ޖަމުއިއްޔާ، ޖަމާއަތްތައް ފަދ،ަ މީހުންނާއި ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށް ނުވަތަ އެއްޖިންސަކަށް ބޭނުންކޮށްފައިވާ ލަފުޒުތައް އެ ލަފުޒެއް ބޭނުންކޮށްފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށް ގިނަމީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލަށެވެ.

(ށ) "ތަންފީޒީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި ކައުންސިލަށެވެ."ރަސްމީ ފާލަން" ކަމަށް ބުނެފައި އެވަނީ، އިއްޒަތްތެރީން ލަފާ ފުރުމަށް ހާއްސަކޮށްފައިވާ، "ރަސްމީ ފާލަން" މިފަދައިން ބޯޑުން ފާހަގަކޮށްފައިވާ ފާލަމަށެވެ.

(ނ) "ފަތުރުވެރިންގެ އުޅަނދުފަހަރު" ކަމަށް ބުނެފައި އެވަނީ، އެކި ބޭނުންތަކަށް ފަތުރުވެރިން ބޭނުންކުރާ އުޅަނދުފަހަރަށެވެ.

(ބ) "އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ އަންނައުނަށެވެ.

(ކ) "އުޅަނދުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އުޅަނދުގެ މިލްކުވެރި ފަރާތަށެވެ."އުޅަނދު އޮޕަރޭޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އުޅަނދު ދުއްވުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަށެވެ.

(އ) "ބަނދަރު" ކަމުގައި ބުނެފައި އެވަނީ، އިންޓަރނޭށަނަލް ބަނދަރު )ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް( ފިޔަވައި، ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ބަނދަރުތަކަށެވެ. އެއީ އަންނަނިވި ބަނދަރުތައް ހިމެނޭގޮތުންނެވެ.

  1. އުތުރު ބަނދަރު؛
  2. ބޮޑު މުހައްމަދުކަލޭފާނު ބަނދަރ.

 

38 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު 

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ކައުންސިލުން މި ގަވާއިދު ފާސް ކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

39 ވަނަ މާއްދާ - އަމަލުކުރަމުން އަންނަ ގަވާއިދު އުވައިލުން

މި ގަވާއިދަށް އަމަލުކުރަން ފަށާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ކައުންސިލުގެ އިދާރާއިން، ބަނދަރުތަކުގެ ސަރަހައްދާއި ބަނދަރުތަކާ ގުޅޭ ފަޅުގެ ސަރަހައްދު ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

ޖަދުވަލު 1

ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި އުޅަނދު މަރާމާތުކުރުމަށް އެދޭ ފޯމު 

 

ޖަދުވަލު 2

"ބަނދަރު ބެލެހެއްޓުމާބެހޭ ގަ ވާއިދު – ހދ. ކުޅުދުއްފުށި" ގެ ދަށުން ހިދުމަތުން ނެގޭ ފީތަކާއި ޖޫރިމަނާތައް 

 

ޖަދުވަލު 3

ބޯސާ އެޅުމަށް ޖާގަ ދޫކުރުމުގެ ފޯމު 

 

ޖަދުވަލު 4

"ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި" އާ ހިލާފުވުން

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު