-

މަދިރިއާއި، މީދަލާއ،ި ބަލިޖައްސާ ބާވަތުގެ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމުގައި އަމަލުކުރަންޖެހ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-63)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 އޮކްޓޫބަރު 2024)

 

ތައާރުފާއި މަގުސަދު 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 43 ވަނަ މާއްދާއާއި، އެ ގާނޫނުގެ 8 ވަނަ ބާބުގެ މާއްދާތަކަށާއި އެ ގާނޫނުގެ 44 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 96 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، "މަދިރިއާއި، މީދަލާއި، ބަލިޖައްސާ ބާވަތުގެ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު" އެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ، "މަދިރިއާއި، މީދަލާއި، ބަލިޖައްސާ ބާވަތުގެ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) މަދިރިއާއި މީދަލާއި، ބަލިފަތުރާ އެހެނިހެން ސޫފާސޫފީ ގެ ޒަރީއާއިން ފެތުރިދާނެ ބައްޔަކުން ނުވަތަ ސިއްހީ ނުރައްކަލަކުން މުޖުތަމައު ރައްކައުތެރިކުރުން.

(ށ) މީހުން ދިރިއުޅޭޭ ތަންތަނާއި، މީހުން ދިރިނޫޅޭ ތަންތަނާއި، އާންމު ތަންތަނާއި، މީހުން މަސައްކަތްކުރާ ތަންތަނުގައި، މަދިރިއާއި، މީދަލާއި، ބަލިފަތުރާ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން. 

(ނ) މި ގަވާއިދާ ހިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވައި، އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުން.

 

 

މަދިރި އުފެދި އާލާވާ ފަދަ ތަކެއްޗާއި ތަންތަން ނައްތައިލުން 

 

3 ވަނަ މާއްދާ - މީހުން ދިރިއުޅޭޭ ތަންތަނާއި މީހުން ދިރިނޫޅޭ ތަންތަނުގައި މަދިރި އުފެދޭ ތަކެއްޗާއި ތަންތަނާއި ހާލަތްތައް

މި ގަވާއިދުގެ ދަށުން، މީހުން ދިރިއުޅޭޭ ތަންތަނާއި މީހުން ދިރިނޫޅޭ އަމިއްލަ ތަންތަނުގައި ފެންހަރުލާ، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަނާއި ތަކެތި ކަމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ތަންތަނާއި ތަކެއްޗެވެ.

(ހ) ޖަމާވެފައިހުރި ކުންޏާއި، ފެން ހަރުލާގޮތަށް ހުރި އެންމެހައި ތަކެތި.

(ށ)  ފެންވަޅުތަކާއި ފެންތާނގީ ފަދަ ތަކެތި.

(ނ) ހަދަމުންދާ އިމާރާތްތަކުގެ ފައުންޑޭށަން އެޅުމަށް ކޮނެފައި ހުންނަ ވަޅުގަނޑު، ށީޓު، ލިފްޓު ގޮޅި، ފެންވަޅު، ދިޔަދޮވި އަދި ފެންއެޅޭ ގޮތަށް ހުންނަ އެހެނިހެން ތަންތަނާއި ތަކެތި.

(ރ) ފަތާފެންގަނޑު. 

(ބ) ސެޕްޓިކް ޓޭންކު.

(ޅ) އޮޅުކޮށްގެން ގެންގުޅޭ ދޫންޏާއި ޖަނަވާރު ފަދަ ތަކެއްޗަށް ބޯންދޭން އަޅައިފައި ހުންނަ ފެން.

(ކ) މަތީގައި ބަޔާންކޮށްފައިވާ ތަންތަނުގެ އިތުރުން، މީހުން ދިރިއުޅޭޭ ތަންތަނުގައިނުވަތަ މީހުން ދިރިނޫޅޭ އަމިއްލަ ތަންތަނުގައި ފެން ހަރުލާގޮތަށް ހުންނަ،  އެޖެންސީން ކަނޑައަޅާ އެ ނޫން ވެސް ތަންތަނާއި ތަކެތި

 

4 ވަނަ މާއްދާ - އާންމު ތަންތަނުގައި މަދިރި އުފެދޭ ތަކެއްޗާއި ތަންތަނާއި ހާލަތްތައް

މި ގަވާއިދުގެ ދަށުން، އާންމު ތަންތަނުގައި ފެންހަރުލާ، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަނާއި ތަކެތިކަމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ތަންތަނާއި ތަކެއްޗެވެ.

(ހ) ކުޅި، ކަނޑޫފާ، އޮޅު، ޗަސްބިން އަދި އާންމު ފެންގަނޑު ފަދަ ތަންތަން. 

(ށ) ކުޅިވަރުކުޅޭ ދަނޑުދަނޑުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި.

(ނ) ހުސް ބިންބިމުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި

(ރ) ޕާކުތަކާއި ހިތްފަސޭހަ މައިދާންތަކުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި

(ބ) މިސްކިތުގެ ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި.

(ޅ) ކުނިގޮނޑުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި

(ކ) މަގުތަކުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި

(އ) މާރުކޭޓުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި

(ވ) ހޭޅިފަށާއި ވަލުތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި.

(މ) ކާބޯތަކެތޭގެ ހިދުމަތްދޭ ތަންތަނުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި

(ފ) އުނގަންނައިދޭ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ އިމާރާތާއި ތަންތަނާއި އަދި ސަރުކާރުގެ އިމާރާތްތަކާއި ބިންތަކުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި

(ދ) ބަނދަރުތަކުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި

(ތ) ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި.

(ލ) ރިޒޯޓްތަކާއި ގެސްޓްހައުސް ފަދަ ތަންތަނުގައި މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި.

(ގ) މަތ ގައި ބަޔާންކޮށްފައިވާ ތަންތަނުގެ އިތުރުން، ފެން ހަރުލާގޮތަށް ހުންނ،ަ އެޖެންސީން ކަނޑައަޅާ އެހެނިހެން ތަންތަނާއި ތަކެތި.

 

5 ވަނަ މާއްދާ - މަދިރި އުފެދި އާލާވާ ތަންތަނާއި ތަކެތި ނައްތަ އިލައި ބަލަހައްޓަންޖެހޭ ފަރާތް

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މީހުން ދިރިއުޅޭޭ ތަންތަނުގައި މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމާއި ބެލެހެއްޓުމަކީ އެ ތަނެއްގައި ދިރިއުޅޭޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ޒިންމާއެކެވެ. އަދި މީހުން ދިރިނޫޅޭ ތަންތަނުގައި މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމާއި ބެލެހެއްޓުމަކީ އެ ތަނެއްގެ ވެރިފަރާތުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިމާރާތްކުރާ ތަންތަނުގައި އުފެދޭ ފެންގަނޑުގަނޑު ބަލަހައްޓައި ނައްތައިލުމަކީ އިމާރާތް ކުރަމުންދާއިރު، އިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތުގެ ޒިންމާއެކެވެ، އަދި އެ ނޫން ހާލަތްތަކުގައި އެ އިމާރާތުގެ ވެރިފަރާތެއްގެ ޒިންމާއެކެވެ.

(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ވ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އާންމު ތަންތަނުގައި މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމާއި ބެލެހެއްޓުމަކީ، އެ ތަނެއް ހިމެނޭ ސިޓީީ ގެ ސިޓީީ ކައުންސިލުގެ ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލުގެ ނުވަތަ އެ އިރެއްގައި އެ ތަންތަން ބެލެހެއްޓުން ހަވާލުވެފައިވާ އިދާރާއެއްގެ ޒިންމާއެކެވެ.

(ރ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (މ) ގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމާއި ބެލެހެއްޓުމަކީ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ.

(ބ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ފ)  ގައި ބަޔާންކޮށްފައިވާ އުނގަންނައިދޭ  މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ އިމާރާތްތަކާއި ސަރުކާރުގެ އެހެނިހެން އިމާރާތްތަކާއި ބިންތަކުގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމަކީ، އެ ތަންތަން ހިންގާ ފަރާތްތަކުގެ ޒިންމާއެކެވެ.

(ޅ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ބަނދަރުތަކުގައި މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމާއި ބެލެހެއްޓުމަކީ، ބަނދަރު ހިންގާ ފަރާތުގެ ޒިންމާއެކެވެ.

(ކ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމާއި ބެލެހެއްޓުމަކީ، އެ ތަންތަން ހިންގާ ފަރާތުގެ ޒިންމާއެކެވެ.

(އ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާ ރިޒޯޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަނުގައި މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމާއި ބެލެހެއްޓުމަކީ އެ ތަނެއް ބަލަހައްޓަމުންދާ ނުވަތަ ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ވެރިފަރާތުގެ ޒިންމާއެކެވެ. 

 

6 ވަނަ މާއްދާ - މަދިރި އުފެދި އާލާވާ ތަންތަނާއި ތަކެތި ނައްތައިލައި ބަލަހައްޓާނެ ގޮތް

މަދިރި އުފެދި އާލާވާ ތަންތަނާއި ތަކެތި ނައްތައިލަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 އާއި، ޖަދުވަލު 2 އާއި، ޖަދުވަލު 3 އާއި، ޖަދުވަލު 4 ގައިވާ ގޮތުގެ މަތީންނެވެ.

 

 

މީދަލާއި، ހިކަނދި ފަދަ ތަކެތިން ރައްކައުތެރިވުން 

 

7 ވަނަ މާއްދާ - މީދާ ފަދަ ތަކެތި އާލާވާ ތަންތަނާއި ތަކެތި 

މީހުން ދިރިއުޅޭ ތަންތަނާއި މީހުން ދިރިނޫޅޭ އަމިއްލަ ތަންތަނާއި އާންމު ތަންތަނުގައި މީދަލާއި ހިކަނދި ފަދަ ތަކެތި އާލާވާކަމުގައި މި ގަވާއިދުގެ ދަށުން ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ތަންތަނާއި ތަކެއްޗެވެ.

(ހ) ގޯތިތެރޭގައި ޖަމާކޮށްފައި ނުވަތަ އުކައިލައިފައި ހުންނަ ކުނި (ކާބޯތަކެތިން އުފެދޭ ކުނި ނުވަތަ ކަރުދާސް، ލަކުޑި، ފަން، ދަރު، ބޮނބި، އުނބު، ނާށި ފަދަ ތަކެތި).

(ށ) ގޯތިތެރޭގައި ވިނަޔާއި ގަސް ދިގުކޮށް ހައްދައިފައިވާ ތަންތަން. 

(ނ) ދަނޑުބިން.

(ރ) ގުދަން.

(ބ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ކާބޯތަކެތި ތައްޔާރުކޮށް ބަންދުކުރާ ތަންތަން.

(ޅ) ސިނާއ މަސައްކަތްކުރާ ތަންތަން.

(ކ) އިމާރާތްތަކާއި ބިންތަކުގައި މީދާ އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި.

(އ) ބަނދަރު.

(ވ) ކުނިގޮނޑު ނުވަތަ ކުނި އުކާލާ ސަރަހައްދު،

(މ) ހޭޅިފަށް، ވާ، ޖަންގަލި.

(ފ) މަތ ގައި ބަޔާންކޮށްފައިވާ ތަންތަނުގެ އިތުރުން، މީދާ އާލާވާ ގޮތަށް ހުންނ،ަ އެޖެންސީން ކަނޑައަޅާ އެހެނިހެން ތަންތަނާއި ތަކެތި.

 

8 ވަނަ މާއްދާ - މީދާ ފަދަ ސޫފާސޫފި އާލާވާ ތަންތަނާއި ތަކެތި ނައްތައިލައި ބަލަހައްޓަންޖެހޭ ފަރާތް

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ، މީހުން ދިރިއުޅޭ ތަންތަނުގައި މީދާ އާލާނުވާގޮތަށް ސާފުކޮށް ބެލެހެއްޓުމަކީ އެ ތަނެއްގައި ދިރިއުޅޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ޒިންމާއެކެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) ގައި ބަޔާންކޮށްފައިވާ، މީހުން ދިރިނޫޅޭ އަމިއްލަ ތަންތަނުގައި މީދާ އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތަ އިލުމާއި ބެލެހެއްޓުމަކީ އެ ތަނުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

(ނ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (އ) އާއި (ވ) އާއި (މ) ގައި ބަޔާންކޮށްފައިވާ އާންމު ތަންތަނުގައި މީދާ އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމާއި ބެލެހެއްޓުމަކީ އެ ތަނެއް ހިމެނޭ ސިޓީ ގެ ސިޓީ ކައުންސިލުގެ ނުވަތަ ރަށުގެ ރަށު ކައުންސިލުގެ ނުވަތަ އެ އިރެއްގައި އެ ތަންތަން ބެލެހެއްޓުން ހަވާލުވެފައިވާ އިދާރާއެއްގެ ޒިންމާއެކެވެ.

 

9 ވަނަ މާއްދާ - މީދާ ފަދަ ސޫފާސޫފި އާލާވާ ތަންތަނާއި އެ ފަދަ ތަންތަން ނައްތަ އިލައި ބަލަހައްޓާނެ ގޮތް

މީދާ އާލާވާ ތަންތަނާއި ތަކެތި ނައްތައިލަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 އާއި ޖަދުވަލު 6 ގައިވާ ގޮތުގެ މަތީންނެވެ.

 

 

މެހިން ރައްކައުތެރިވުން 

 

10 ވަނަ މާއްދާ - މެހި އާލާވާ ތަންތަނާއި ތަކެތި ނައްތަ އިލުން

(ހ) މީހުން ދިރިއުޅޭ ތަނެއްގައި ނުވަތަ އެފަދަ ތަނަކާ އިންވެގެން އޮތް އާންމު ތަނެއްގައި ނުވަތަ މީހުން ދިރިނޫޅޭ ތަނެއްގައި މެހި އުފެދި އާލާވާގޮތަށް ކާބޯތަކެތީގެ ކުނި ހާމަޔަށް އުކައިލައިފައި ނުވަތަ ޖަމާކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.

(ށ) މަސްމާރުކޭޓާއި މަސްކަނޑާ ތަންތަނާއި މަސްވިއްކާ ތަންތަނުގައި، މެހިން ރައްކައުތެރިވުމަށް، ކަރުގޮހޮރާއި މަހުގެ ބައިތައް އުކައިލެވެންދެން ބަހައްޓަންވާނީ، މަތިޖެހޭ ގޮތަށް ހުންނަ އެއްޗަކަށް އަޅައިފައި ނުވަތަ މެއްސަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

(ނ) މަސްކައްކާ ތަންތަނާއި، މަސްހިއްކާ ތަންތަނާއި، ލޮނު މަސްއެޅުމުގެ މަސައްކަތްކުރާ ތަންތަން ހުންނަންވާނީ، މެހީގެ ސަބަބުން އެ ތަކެތި ތަގައްޔަރުނުވާނޭ ފަދަ ރައްކައުތެރި (ކުނިގޮނޑާއި، ނަޖިސް އުކައިލެވޭ ތަންތަނާއި، ހާމަކޮށް ނަޖިސް ހުންނަ ތަންތަނާ ދުރު) މާހައުލެއްގައެވެ.

(ރ) ތަރުކާރީ އާއި މޭވާއާއި ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ވިއްކާ ތަންތަނުގައި ކުނިވެފައި ހުންނަ ތަކެތި ނުވަތަ ހަލާކުވެފައި ހުންނަ ތަކެތި އުކައިލެވެންދެން ބަހައްޓަންވާނީ، މަތިޖެހޭ ގޮތަށް ހުންނަ އެއްޗަކަށް އަޅައިފައި ނުވަތަ މެއްސަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

(ބ) ކުނިގޮނޑަށް ނުވަތަ ކުނިއަޅަން ކަނޑައަޅާ ސަރަހައްދަށް ކުނި ޖަމާކުރަންވާނީ ނުވަތަ ކުނި އުކައިލަންވާނީ، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހ ގަވާއިދު) ގައިވާ ގޮތުގެ މަތީންނެވެ.

 

11 ވަނަ މާއްދާ - މެހިން ރައްކައުތެރިވުމުގައި ޒިންމާވާ ފަރާތްތައް

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މީހުން ދިރިއުޅޭ ތަންތަނުގައި މެހިން ރައްކައުތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެ ތަނެއްގައި ދިރިއުޅޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ޒިންމާއެކެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ތަންތަނުގައި މެހިން ރައްކައުތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެ ތަނެއް ހިންގާ ފަރާތުގެ ނުވަތަ އެ މަސައްކަތެއް ކުރާ ފަރާތުގެ ޒިންމާއެކެވެ. އަދި މީހުން ދިރިނޫޅޭ ތަންތަނުގައި މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތައިލުމާއި ބެލެހެއްޓުމަކީ އެ ތަނެއްގެ ވެރިފަރާތުގެ ޒިންމާއެކެވެ.

(ނ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކުނިގޮނޑާއި ކުނިއަޅަން ކަނޑައަޅާ ސަރަހައްދުގައި މެހިން ރައްކައުތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެ ތަނެއްގެ ބެލެހެއްޓުން ހަވާލުވެފައިވާ އިދާރާއެއްގެ ޒިންމާއެކެވެ.

 

 

ބަލިޖައްސާ އަދި ބަލިފަތުރާ ނުވަތަ ސިއްހަތަށް ނުރައްކާވެދާނެ އެހެނިހެން ސޫފާސޫފި ނައްތައިލުން 

 

12 ވަނަ މާއްދާ - ބަލިޖައްސާ އަދި ބަލިފަތުރާ ނުވަތަ ސިއްހަތަށް ނުރައްކާވެދާނެ އެހެނިހެން ސޫފާސޫފި

(ހ) މީހުން ދިރިއުޅޭ ތަންތަނާއި މީހުން ދިރިނޫޅޭ ތަންތަނުގެ ގޯތިތެރެއާއި ގޭތެރޭގައި ހުންނަ ތަންތަނުގައި ކުރަފި، ފައިދިގު މަކުނު، ސެއްޅި، ތަންމަކުނު ފަދަ ތަކެތި އުފެދި އާލާނުވާނ ގޮތަކަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ. 

(ށ) ސަރުކާރުގެ އިމާރާތްތަކާއި، ގޯތިތަކާއި، ސިނާއ މަސައްކަތްކުރާ ތަންތަނާއި، ހޮޓާތަކާއި، ގެސްޓުހައުސްތަކާއި، ތަކެތި ރައްކައުކުރުމަށް ބޭނުންކުރާ ގުދަންތަކާއި، އެފަދަ އެހެން ތަންތަން، ކުރަފި، ފައިދިގު މަކުނު، ސެއްޅި، ތަންމަކުނު ފަދަ ތަކެތި އުފެދި އާލާނުވާނ ގޮތަކަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ.

 

13 ވަނަ މާއްދާ - ބަލިޖައްސާ އަދި ބަލިފަތުރާ ނުވަތަ ސިއްހަތަށް ނުރައްކާވެދާނެ އެހެނިހެން ސޫފާސޫފި ނައްތައިލައި ބަލަހައްޓަންޖެހޭ ފަރާތް

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މީހުން ދިރިއުޅޭ ތަންތަނުގައި، ކުރަފި، ފައިދިގު މަކުނު، ސެއްޅި، ތަންމަކުނު ފަދަ ތަކެތި އުފެދި އާލާނުވާނ ގޮތަކަށް ސާފުކޮށް ބެލެހެއްޓުމަކީ އެ ތަނެއްގައި ދިރިއުޅޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ޒިންމާއެކެވެ. 

(ށ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، މީހުން ދިރިނޫޅޭ ގޯތިތަކާއި އިމާރާތްކުރަމުންދާ ތަންތަން، ކުރަފި، ފައިދިގު މަކުނު، ސެއްޅި، ތަންމަކުނު ފަދަ ތަކެތި އުފެދި އާލާނުވާނ ގޮތަކަށް ސާފުކޮށް ބެލެހެއްޓުމަކީ އެ ތަނެއްގެ ވެރިފަރާތުގެ ޒިންމާއެކެވެ.

 

 

އުޅަނދުފަހަރުގައި މަދިރިއާއި މީދަލާއި ބަލިފަތުރާ އަދި ބަލިޖައްސާ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުން 

 

14 ވަނަ މާއްދާ - އުޅަނދުފަހަރުގައި މަދިރިއާއި މީދަލާއި ބަލިފަތުރާ އަދި ބަލިޖައްސާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި ކޮންޓްރޯލްކުރުން

(ހ) އެއްގަމު އުޅަނދުފަހަރުގައްޔާއި، ވައިގެމަގުން ދަތުރުކުރާ އުޅަނދުފަހަރުގައްޔާއި، ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި، މަދރިއާއި މީދަލާއި ބަލި ޖައްސާ އަދި ބަލި ފަތުރާ އެހެނިހެން ސޫފާސޫފި އާލާވާގޮތަށް ތަކެތި ބަހައްޓައިފައި ހުރެގެން ނުވާނެއެވެ. 

(ށ) އެއްގަމު އުޅަނދުފަހަރާއި، ވައިގެ މަގުން ރާއްޖެއަންނަ އުޅަނދުފަހަރާއި،ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި، މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި ކޮންޓްރޯލްކުރުމުގެ މަސައްކަތް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ކުރަންވާނެއެވެ. 

 

15 ވަނަ މާއްދާ - އުޅަނދުފަހަރުގައި މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމުގައި ކެމިކަލް ބޭނުންކުރުން

ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެ އަންނަ އުޅަނދުފަހަރުގައި މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމުގައި ކެމިކަލް ބޭނުންކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ގޮތުގެ މަތީންނެވެ.

 

 

އެހެނިހެން ކަންކަން 

 

16 ވަނަ މާއްދާ - ބަލައި ފާސްކުރާ ފަރާތް ނުވަތަ އިންސްޕެކްޓަރުން 

މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި އާލާވާގޮތަށް ހުންނަ ތަންތަން ބަލައި ފާސްކުރަންވާނީ، އެޖެންސީން ގަބޫލުކުރާ ތަމްރ ނެއް ހަދައިފައިވާ އަދި އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ހުއްދަ އޮތް ބައެކެވެ.

 

17 ވަނަ މާއްދާ - ބަލައި ފާސްކުރުމާއި އިސްލާހުކުރަން އެންގުން

(ހ) މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ސޫފާސޫފި އާލާވާގޮތަށް ހުންނަ ތަންތަން ބަލައި ފާސްކުރާނީ، މި ގަވާއިދުގެ ދަށުން އާންމުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) ވަކި ވަގުތެއްގައި ވަކި ހިސާބެއްގައިވާ، މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ އެހެންވެސް ތަނަކަށް ވަންނާނެކަން އާންމުކޮށް އިއުލާނުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ފަހުން ކޮންމެ ވަގުތެއްގައި ވެސް، މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި އާލާވާގޮތަށް ހުރިތޯ ބެލުމަށް، ބަލައި ފާސްކުރާ ފަރާތް ނުވަތަ ފަރާތްތަކަށް އެ ތަނަކަށް ވަދެ ބަލައި ފާސްކުރެވޭނެއެވެ.

(ނ) އެކި ހިސާބުތަކަށް ބަލައި ފާސްކުރުމަށް ދާނެ ތާރީހާއި ވަގުތު އަންގައިދ ތާވަލެއް، އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ދުރާލައި އާންމުކޮށް އެންގުމަށް އިއުލާނު ކުރެވިދާނެއެވެ. އަދި ބަލައި ފާސްކުރުން އިއުލާނުކުރާނީ، މި ގަވާއިދުގެ ދަށުން އާންމުކުރާ އުސޫލުގައިވާ ގޮތުގެ މަތީންނެވެ. 

(ރ) މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި އާލާވާގޮތަށް ހުންނަ ތަންތަން ބަލައި ފާސްކުރުމަށް އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ދިއުމުން، އެ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން، ތަނުގެ ވެރިން ނުވަތަ ތަނުގައި ދިރިއުޅޭ ފަރާތުން ނުވަތަ ފަރާތްތަކުން ދޭންވާނެއެވެ.

(ބ) މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި އާލާވާގޮތަށް ހުންނަ ތަންތަން އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ބަލައި ފާސްކުރާއިރު، މަދިރި ނުވަތަ މީދާ ނުވަތަ ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި އާލާވާ ފަދަ ތަނެއް ހުރެއްޖެނަމަ، ނުވަތަ އެފަދަ ތަންތަން ހުރި ނަމަ، އެ ތަނެއްގެ ނުވަތަ އެފަދަ ތަންތަނުގެ ނުވަތަ އެ ކަމެއްގެ ހާލަތަށް ބަލައި އެ ފަދަ ތަނެއް ނުވަތަ އެ ފަދަ ތަންތަން ނުވަތަ އެ ކަމެއް ނުވަތަ އެ ފަދަ ކަންކަން އިސްލާހުކުރުމަށް އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއްގެ ބަލަދުވެރި ފަރާތަށް އެންގޭނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިސްލާހުކުރަން އަންގާނެ ގޮތާއި އިސްލާހުކުރާނެ ގޮތް ކަނޑައަޅާނީ، މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުގައިވާ ގޮތުގެ މަތީންނެވެ.

(ކ) މި މާއްދާގެ (ބ) ގެ ދަށުން އިސްލާހުކުރަން އަންގާ މުއްދަތުގައި އިސްލާހުނުކޮށް ހުރެއްޖެ ނަމަ، އެފަދަ ފަރާތެއް، މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން 

(ހ) މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި އާލާވާގޮތަށް ހުންނަ ތަންތަނާމެދު ށަކުވާ ހުށަހަޅާނ، އެ ކަމަށް އެޖެންސީން ކަނޑައަޅައި އާންމުކުރާ ގޮތެއްގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ފަރާތަކުން ށަކުވާއެއް ހުށަހަޅައިފި ނަމަ، އެ ކަމެއް އެޖެންސީން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ފެންނަ ނަމަ ފިޔަވަޅު އަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - މަދިރި ނުވަތަ މީދާ ނުވަތަ ބަލިފަތުރާ ސޫފާސޫފި ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތް އެޖެންސީއަށް ރިޕޯޓުކުރުން 

މަދިރި ކޮންޓްރޯލްކުރުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިޔަށްގެންދާ މަސައްކަތުގެ ރިޕޯޓު، ކޮންމެ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން، އެ ސިޓީ އެއްގެ ސިޓީ ކައުންސިލުން ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލުން އެޖެންސީ އަށް ފޮނުވަންވާނެއެވެ.

 

20 ވަނަ މާއްދާ - މަދިރި ނުވަތަ ބަލިފަތުރާ ސޫފާސޫފި ކޮންޓްރޯލްކުރުމަށް ކެމިކަލް ބޭނުންކުރުން

(ހ) މަދިރި ކޮންޓްރޯލްކުރުމަށް ޓަކައި ރާއްޖެ އެތެރެކުރާ ކެމިކަލަކީ އެޖެންސީ ގަބޫލުކުރާ ކެމިކަލަކަށް ވާންވާނެއެވެ. އަދި މަދިރި ކޮންޓްރޯލްކުރުމަށް ޓަކައި އެޖެންސީން ގަބޫލުނުކުރާ ކެމިކަލެއް ރާއްޖޭގެ އެއްވެސް ތަނަކުން ވިއްކުމާއި ފޯރުކޮށްދިނުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.

(ށ) މީހުން ދިރިއުޅޭ ރަށްތަކުގައި މަދިރި ކޮންޓްރޯލްކުރުމަށް ޓަކައި އެޖެންސީން ކަނޑައަޅައިފައިވާ ކެމިކަލެއް ބޭނުންކުރަންވާނީ، އެޖެންސީ ގެ އިންސްޕެކްޓަރުން ނުވަތަ އެޖެންސީން ކަނޑައަޅައިފައިވާ ފަރާތަކުންނެވެ.

(ނ) ކެމިކަލް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެޖެންސީން ކަނޑައަޅައިފައިވާ ފަރާތަކުން ކެމިކަލް ބޭނުންކުރުމުގެ ކުރިން އެޖެންސީ ގެ ހުއްދަ ހޯދަންވާނެއެވެ. އަދި އެޖެންސީ ގެ ހުއްދަ ނުހޯދައި ކެމިކަލް ބޭނުންކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.

(ރ) ބަލިފަތުރާ ސޫފާސޫފި ކޮންޓްރޯލްކުރުމަށް ޓަކައި އަމިއްލަ ފަރުދަކު ނުވަތަ އަމިއްލަ ފަރާތްތަކުން އެޖެންސީން ހުއްދަނުކުރާ ބާވަތެއްގެ އެއްވެސްކަހަލަ ކެމިކަލެއް ބޭނުންކުރުމަކ މަނާކަމެކެވެ.

 

21 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން 

(ހ) ބަލައި ފާސްކުރުމަށް އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ދިއުމުން އެ ފަރާތުގެ މަސައްކަތަށް ހުރަސްއަޅައިފި ނަމަ ނުވަތަ ބިރުދައްކައިފި ނަމަ، އެ ތަނަކަށް ޒިންމާވާ ފަރާތެއް 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ތަނެއް އިސްލާހުކުރަން އެންގުމުން، އިސްލާހުކުރަން އަންގާ މުއްދަތުގެ ތެރޭގައި އިސްލާހުނުކޮށްފި ނަމަ، އެ ތަނަކަށް ޒިންމާވާ ފަރާތެއް 1,000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުންޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން އިސްލާހުކުރަން އަންގާ މުއްދަތުގައި އިސްލާހުނުކޮށް ހުރުމުގެ ސަބަބުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަންދާ ފަރާތަށް އެ ތަނެއް އިސްލާހުކުރަން ޖެހިއްޖެ ނަމަ، 1,000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން، އެކަމަށްހިނގި ހަރަދު، އެ ތަނަކަށް ޒިންމާވާ ފަރާތަކުން ދޭންޖެހޭ ނެއެވެ.

(ރ) ކުޅި ނުވަތަ ކަނޑޫފާތަކާއި އާންމު ފެންގަނޑުތައް ބަލަހައްޓަންޖެހޭ ފަރާތަކުން، މަދިރިއާއި މީދަލާއި ބަލިޖައްސާ އަދި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި އާލާވުން ހުއްޓުވުމަށް މި ގަވާއިދުގެ ދަށުން އާންމުކުރާ އުސޫލާ ހިލާފަށް އަމަލުކޮށްފި ނަމަ، އެ ކައުންސިލެއްގައި އެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހަކު ނުވަތަ އެ ކަމަކާ ހަވާލުވެފައިވާ ފަރާތަކުން އެ ކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

 

މާނަކުރުން 

 

22 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، ތިރީގައިވާ އަކުރުތަކުގައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ އެ އަކުރުތަކުގައިވާ މާނައެވެ.

(ހ) "ބަލިފަތުރާ ސޫފާސޫފި" ކަމުގައި ބުނެފައި އެވަނީ، ބަލީގެ ޖަރާސީމު ނުވަތަ ފަނި އުފުލައިދީ ނުވަތަ އުފުލައިދިނުމުގެ ކުޅަދާނަކަން ލިބިފައިވާ ކޮންމެ ސޫތްޕަކަށެވެ.

(ށ) "އާންމު ތަންތަން" ކަމުގައި ބުނެފައި އެވަނީ، މަގުމަގާއި، ހުސްމައިދާންތަކާއި، މީހުން އެއްވާ ތަންތަނާއި، މީހުން ދިރިނޫޅޭ އެ ނޫން ވެސް ތަންތަނަށެވެ.

(ނ) "އިމާރާތް" ކަމުގައި ބުނެފައި އެވަނީ، ބިމުގައި ބިނާކޮށްފައިވާ ތަންތަނާއި، ބިމަށް ހަރުކޮށްގެން ބިނާކޮށްފައިވާ ތަންތަނާއި، އެފަދަ ތަންތަނާ ގުޅިފައިވާ ގޯއްޗާއި، ދާއިމ ގޮތެއްގައި ނުވަތަ ދާއިމީ ނޫންގޮތެއްގައި ވެސް އެ ތަނަކާ ގުޅިގެން ބިނާކުރާ ތަންތަން ހިމެނޭ ގޮތުންނެވެ. އަދި އަންނަނިވި ތަންތަން ވެސް އެ މާނައިގައި ހިމެނެއެވެ.

  1. މީހުން ދިރިއުޅޭ ތަންތަން؛
  2. މީހުން ދިރިނޫޅޭ ތަންތަން؛
  3. ފެންގަނޑުގަނޑު؛
  4. އެއްގަމު އުޅަނދުފަހަރު؛
  5. ކަނޑުގައި ދުއްވާ އުޅަނދުފަހަރު؛
  6. ވައިގެ އުޅަނދުފަހަރު.

(ރ) "ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ތަނެއްކަމުގައި ބެލެވޭ ތަނެއްގައި އެ މީހާގެ ބެލުމުގެ ދަށުގައިވާ މީހާއާއި، އެ ތަނެއްގައި ދިރިއުޅޭ މީހާއާއި، އެ ތަނަކަށް ޒިންމާ އުފުލަންޖެހޭ މީހާއާއި، އެ ތަނެއް ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނެއްގައި ހިނގާ ހަރަކާތްތަކާއި އެ ތަނެއްގެ ހާލަތު ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނަށް ވަދެ އެ ތަނެއްގައި ތިބުމުގެ ހުއްދަ ލިބިގެންވާ މީހުންނަށެވެ. 

(ބ) "ދިރިއުޅޭ ތަން" ކަމުގައި ބުނެފައި އެވަނީ، މީހަކު ދިރިއުޅުމަށްޓަކައި ބޭނުންހިފާ ނުވަތަ ބޭނުންކުރާ އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ނުވަތަ ގޯއްޗަކަށް ނުވަތަ ގޯއްޗެއްގެ ބަޔަކަށެވެ. އަދި މި މާނަކުރުމުގައި ގެއާއި، ކޮންޑޮމީނިއަމާއި، އެޕާޓްމަންޓާއި، ކޮޓެޖާއި، މޯބައިލް ގެތަކާއި، ދިރިއުޅުމަށް ބޭނުންކުރާ ބޯޓުފަހަރާއި، އުޅަނދުފަހަރާއި، ބަސް ހިމެނޭ ގޮތަށެވެ.

(ޅ) "ދިރިނޫޅޭ ތަންތަން" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިއުޅުމަށް ބޭނުންކުރާ ތަންތަން ފިޔަވައި އެހެން ކޮންމެ ތަނަކަށެވެ.

(ކ) "ސަރަހައްދު" ކަމުގައި ބުނެފައި އެވަނީ، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ދާއިރާތަކަށެވެ.

(އ) "އެޖެންސީ" ކަމުގައި ބުނެފައި އެވަނީ، "ހެލްތު ޕްރޮޓެކްށަން އެޖެންސީ" އަށެވެ.

 

23 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 1

 މަދިރި އުފެދި އާލާވާ ތަންތަނާއި ތަކެތި ނައްތައިލައި ބަލަހައްޓާނެ ގޮތް 

 

ޖަދުވަލު 2

މަދިރި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ކެމިކަލް ފަދަ ބާވަތްތައް 

 

ޖަދުވަލު 3

 މަދިރި ކޮންޓްރޯލްކުރުމަށް ފޮގްކުރުމާއި ސްޕްރޭކުރުމުގައި އަމަލުކުރަންވީ ގޮތްތައް 

 

ޖަދުވަލު 4

ކެމިކަލް ގެންގުޅުމުގައި ސަމާލުވާންވާ ކަންތައް ތައް 

 

ޖަދުވަލު 5

 މީދާ އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތަ އިލުމާއި ބެލެހެއްޓުން 

 

ޖަދުވަލު 6 

 މީދަލާއި ހިކަނދި ކޮންޓްރޯލްކުރުމަށް ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 2012-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު