-

ދިވެހިރާއްޖޭގެ ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-20) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-44)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 އެޕްރީލް 2024 ގައި)

މިއީ، ގަވާއިދު ނަންބަރު 2014-20 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ޕެންށަން ކޮންޓްރިބިއުށަނުގެ އަދާހަމަ މައުލޫމާތު ޖެނެރޭޓް ކުރުން 14.

ވަޒީފާދޭ ފަރާތުން ކޮންމެ މަހަކު ޕެންށަން ކޮންޓްރިބިއުށަނުގެ މައުލޫމާތު ގަވާއިދުން ހުށަހަޅަމުން ނުގެންދާނަމަ، ވަޒީފާދޭ ފަރާތުން އެހައިތަނަށް ޕެންށަން ކޮންޓްރިބިއުށަނުގެ މައުލޫމާތު ހުށަހަޅައިފައިވާ މަސްތަކުގެ ޕެންށަން ކޮންޓްރިބިއުށަނާއި ޖޫރިމަނާގެ ގޮތުގައި ވަޒީފާދޭ ފަރާތުން ދައްކަންޖެހޭ ފައިސާގެ އެންމެ އަދާހަމަ މައުލޫމާތު ޖެނެރޭޓް ކުރުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ ބައިގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާޙުކުރުން.

8 ވަނަ ބައި

ރިކޯޑު ބެލެހެއްޓުމާއި އިންސްޕެކްޓް ކުރުން

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާޙުކުރުމާއި، އެ މާއްދާއަށް (ހ) އާއި (ށ) އިތުރުކުރުން.

ރިކޯޑު ބެލެހެއްޓުން 28.

(ހ) ސްކީމު ހިންގުމަށް ބޭނުންވާ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތާއިލިޔެކިޔުންތަކުގެ ރިކޯޑުތައް އަދ/ިނުވަތަ ކިތާބީ ހެކި، މަދުވެގެން 6 (ހައެއް) އަހަރުދުވަސް ވަންދެން ވަޒީފާދޭ ފަރާތުން ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ރަޖިސްޓްރޭށަނާ ގުޅޭ އެންމެހައި މައުލޫމާތު؛
  2. މުވައްޒަފުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަންއަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރާއި، އުފަން ތާރީހާއި، ގުޅޭނެ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް؛
  3. މުވައްޒަފުންގެ ވަޒީފާ ފެށުނު ތާރީހާއި، ވަޒީފާ ނިމުނު ތާރީހާއި، އަދާކުރި މަގާމާއި، މުސާރައާއި އިނާޔަތްތަކުގެ ތަފުސީލު؛
  4. ޕެންށަން ކޮންޓްރިބިއުށަނުގެ އަދަދަށް ބަދަލު އަތުވެދާނެފަދަ ގޮތަކަށް ވަޒީފާގެ އެއްބަސްވުމަށް ނުވަތަ ވަޒީފާއަށް ގެނެސްފައިވާއެންމެހައި ބަދަލުތަކުގެ ތަފުސީލު؛
  5. ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތުން ތައްޔާރުކޮށްފައިވާ މުސަރާއިގެ ބަޔާންތަކާއި މުސާރަ ށީޓްތައް؛
  6. ޕެންށަން ކޮންޓްރިބިއުށަން މުސާރައިން އުނިކުރި ތާރީހުތަކާއި، ޕެންށަން ކޮންޓްރިބިއުށަނަށް ގެނެސްފައިވާ ހުރިހާ އެޖަސްޓްމެންޓްތައް؛
  7. ޕެންށަނަށް ބަލާ މުސާރަ ކަނޑައެޅުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތީން މުވައްޒަފެއްގެ ޕެންށަނަށް ބަލާ މުސާރައިން އުނިކޮށްފައިވާނަމަ، އެކަމާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް؛
  8. ވަޒީފާދޭ ފަރާތުން ޕެންށަން އޮފީހަށް ހުށަހަޅާ އެންމެހައި ލިޔެކިޔުމާއި، ޕެންށަން އޮފީހުން ވަޒީފާދޭ ފަރާތަށް ފޮނުވާލިޔެކިޔުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ލިޔެކިޔުންތައް ބެލުމަށް ޕެންށަން އޮފީހުން ބޭނުންވެއްޖެނަމަ، ޕެންށަން އޮފީހުން އަންގާ ގޮތެއްގެ މަތީން، ވަޒީފާދޭ ފަރާތުން އެ ފުރުސަތު ފަހިކޮށްދޭންވާނެއެވެ. މިކަމުގައި ވަޒީފާދޭ ފަރާތުން އެއްބާރުލުން ނުދޭނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާދޭ ފަރާތާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

އިންސްޕެކްޓް ކުރުމުގެ ބޭނުން 1-28.

އިންސްޕެކްޓް ކުރުމުގެ ބޭނުމަކީ، ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދާ އެއްގޮތަށް ވަޒީފާދޭ ފަރާތް އަމަލުކުރާ މިންވަރު ބެލުމާއި، އިސްލާޙު ކުރަންޖެހޭ ކަމެއްއޮތްނަމަ، އެ ކަމެއް އިސްލާޙު ކުރުމަށް ވަޒީފާދޭ ފަރާތަށް އިރުށާދު ދިނުމެވެ. މިގޮތުން، ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދާ އެއްގޮތަށް ވަޒީފާދޭ ފަރާތް އަމަލުކުރޭތޯ ބެލުމަށް ޓަކައި، ވަޒީފާދޭ ފަރާތް އިންސްޕެކްޓް ކުރުމުގެ އިހްތިޔާރ،ު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

އިންސްޕެކްށަނުގައި ބަލާނެ ކަންކަން 2-28.

ވަޒީފާދޭ ފަރާތް އިންސްޕެކްޓް ކުރުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުމާއި ބެލުމުގެ ފުރިހަމަ ބާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ރިކޯޑުތައް ބަލަހައްޓާތޯއާއި، ރިކޯޑުތަކުގެ ސައްޙަކަމާއި، ރިކޯޑުތަކާ ގުޅޭ ކިތާބީ ހެކި،

(ށ) މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލާއި، ޕެންށަން ކޮންޓްރިބިއުށަން ހިސާބުކޮށްފައިވާ ގޮތާއި، ޕެންށަން ކޮންޓްރިބިއުށަން ދައްކައިފައިވާ ގޮތް.

(ނ) މުވައްޒަފެއްގެ ވަޒީފާއަށް ނުވަތަ މުސާރައާއި އިނާޔަތްތަކަށް އައިސްފައިވާ ބަދަލުތައް.

(ރ) ޕެންށަން ކޮންޓްރިބިއުށަނާ ގުޅޭގޮތުން ހަދައި ފައިވާއެޖަސްޓްމެންޓްތައް.

(ބ) ޕެންށަން ކޮންޓްރިބިއުށަނާ ގުޅޭ މައުލޫމާތު ގަވާއިދުން އަދާހަމަކޮށް އިސްލާޙު ކޮށްފައިވާ ގޮތް.

(ޅ) އިންސްޕެކްށަނަކަށްފަހު ނުވަތަ އެ ނޫންގޮތަކަށް ވެސް، ޕެންށަން އޮފީހުން އިސްލާޙު ކުރުމަށް އަންގައިފައިވާ ކަންކަން އިސްލާޙު ކޮށްފައިވާ މިންވަރު.

(ކ) ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރު ކުރުމަށް ޕެންށަން އޮފީހުން ބަލަން ބޭނުންވާކަމަށް ކަނޑައަޅާ އެހެނިހެން ލިޔެކިޔުމާއި މައުލޫމާތު.

 

އިންސްޕެކްށަން ކުރިޔަށް ގެންދާނެ ގޮތް 3-28

(ހ) އިންސްޕެކްޓް ކުރަން ކަނޑައަޅައި ފައިވާ ތާރީހުގެ 10 (ދިހައެއް) ދުވަހުގެ ކުރިން އެކަމުގެ ނޯޓިސް، ޕެންށަން އޮފީހުން، ވަޒީފާދޭ ފަރާތަށްދޭންވާނެއެވެ. މި ނޯޓިހުގައި، އިސްޕެކްޓްކުރާނެ ގޮތާއި، ތާރީހާއި ގަޑި ބަޔާންކުރަންވާނެއެވެ. 
(ށ) ވަޒީފާދޭ ފަރާތުގެ އޮފީސް ނުވަތަ މަސައްކަތް ހިންގާ ތަނަށް ހާޒިރުވެގެންނުވަތަ ޕެންށަން އޮފީހުން އަންގާ ލިޔެކިޔުންތައް ވަޒީފާދޭ ފަރާތުން ޕެންށަން އޮފީހަށް ފޮނުވަން އަންގައިގެން އިންސްޕެކްށަން ކުރިޔަށް ގެންދެވިދާނެއެވެ. މިގޮތުން، ލިޔެކިޔުން ފޮނުވަން ޕެންށަން އޮފީހުން އަންގާ ތާރީހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ލިޔެކިޔުންތައް ވަޒީފާދޭ ފަރާތުން ޕެންށަން އޮފީހަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) އިންސްޕެކްށަން ނޯޓިހުގައިވާ ތާރީހާއި ގަޑި ބަދަލުކުރުމަށް މަގުބޫލު ސަބަބަކާ ގުޅިގެން ވަޒީފާދޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ނުވަތަ އިންސްޕެކްށަނަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުން ފޯރުކޮށްދިނުމަށްއިތުރު ވަގުތު ދިނުމަށް ވަޒީފާދޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، އެ ފުރުސަތު ދިނުމުގެ އިހްތިޔާރ،ު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

(ރ) އިންސްޕެކްށަން ކުރިޔަށް ގެންދިއުމަށް ޕެންށަން އޮފީހަށް ބޭނުންވާ އެންމެހައި އެއްބާރުލުމެއް، ވަޒީ ފާދޭ ފަރާތުން ފޯރުކޮށްދޭންވާނެއެވެ. މިގޮތުން، ރިކޯޑުތަކާއި ލިޔެކިޔުންތައް ބެލުމާއި، ކޮޕީ ނެގުމާއި، ކަމާބެހޭ ފަރާތްތަކާ މުއާމަލާތު ކުރުމުގެ ފުރުސަތ،ު ވަޒީފާދޭ ފަރާތުން، ޕެންށަން އޮފީހަށް ފަހިކޮށްދޭންވާނެއެވެ.

 

އިންސްޕެކްށަން ރިޕޯޓް 4-28.

(ހ) އިންސްޕެކްށަނުގެ ހޯދުންތައް ހިމެނޭ ރިޕޯޓެއް، އިންސްޕެކްށަން ނިމޭތާރީހުން ފެށިގެން، ގިނަވަގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި،ޕެންށަން އޮފީހުން، ވަޒީފާދޭ ފަރާތަށް ފޮނުވަންވާނެއެވެ. މި ރިޕޯޓުގައި، ހޯދުންތަކުގެ އިތުރުން އިސްލާޙު ކުރަންޖެހޭ ކަމެއް ވާނަމަ، އެ ކަންކަން އިސްލާޙު ކުރަންޖެހޭ މުއްދަތު ބަޔާންކުރަންވާނެއެވެ.

(ށ) އިންސްޕެކްށަނުގެ ހޯދުންތައް ހިމެނޭ ރިޕޯޓުގައި އެއްވެސް މައްސަލައެއް އޮތްކަމަށް ވަޒީފާދޭ ފަރާތަށް ގަބޫލު ކުރެވޭނަމަ، އެ ކަމެއް މުރާޖާކޮށްދިނުމަށް އެދި، ރިޕޯޓް ދޫކުރި ތާރީހުން ފެށިގެން ގިނަ ވަގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ޕެންށަން އޮފީހަށް، ވަޒީފާދޭ ފަރާތުން ލިޔުމުން ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އެފަދަ ހުށަހެޅުމެއް ވަޒީފާދޭ ފަރާތުން ހުށަހަޅައިފައި ނުވާނަމަ ބެލެވޭނީ، ރިޕޯޓުގައިވާ ކަންކަމަށް ވަޒީފާދޭ ފަރާތުން އެއްބަސްވާ ކަމަށެވެ. އިންސްޕެކްށަނުގެ ހޯދުންތައް ހިމެނޭ ރިޕޯޓް މުރާޖާ ކުރުމުގެ ހުށަހެޅުމެއް ލިބިއްޖެނަމަ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޕެންށަން އޮފީހުން ނިންމާ ގޮތ،ްވަޒީފާދޭ ފަރާތަށް ލަސްނުކޮށް ލިޔުމުން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އަންނަނިވި ގޮތަށް އިސްލާޙުކުރުމާއި، އެ މާއްދާއަށް (ރ) އިތުރުކުރުން.

ވަޒީފާދޭ ފަރާތް ރަޖިސްޓަރީ ނުކުރުމުން ނުވަތަ މުވައްޒަފުން ސްކީމުގައި ބައިވެރިނުކުރުމުން އަޅާނެ ފިޔަވަޅު 31.

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތް ސްކީމުގައި ރަޖިސްޓަރީކޮށްފައި ނުވާނަމަ، ނުވަތަ ސްކީމުގައި މުވައްޒަފުން ބައިވެރިކޮށްފައި ނުވާނަމަ، ވަޒީފާދޭ ފަރާތް ރަޖިސްޓަރީ ކުރުމަށް ނުވަތަ ސްކީމުގައިމުވައްޒަފުން ބައިވެރި ކުރުމަށް އަންގައި 15 (ފަނަރަ) ދުވަހުގެ ނޯޓިސްދެވޭނެއެވެ. މި ނޯޓިހުގެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ނުވަތަ ސްކީމުގައި މުވައްޒަފުން ބައިވެރިކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ވަޒީފާދޭ ފަރާތުން ފުރިހަމަ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ނޯޓިހަކާ ގުޅިގެން، ވަޒީފާދޭ ފަރާތް ސްކީމުގައި ރަޖިސްޓަރީ ކޮށްފައި ނުވަނީ ނުވަތަ ސްކީމުގައި މުވައްޒަފުން ބައިވެރި ކޮށްފައި ނުވަނ،ީ ސްކީމުގައި ބައިވެރިކުރަންޖެހޭ މުވައްޒަފެއް ވަޒީފާ އަދާނުކުރާތީ ކަމުގައި ވާނަމަ، ވަޒީފާދޭ ފަރާތުން ޕެންށަން އޮފީހަށް އެ މައުލޫމާތު ހިއްސާ ކުރަން ޖެހޭނެއެވެ. ވަޒީފާދޭ ފަރާތުން މިފަދަ ސަބަބެއް ހިއްސާ ކުރުމުން، އިތުރު ކަމެއް ސާފުކުރުމަށް ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ރިކޯޑުތައް ބެލުމަށް ޕެންށަން އޮފީހުން އެދިއްޖެނަމަ، ވަޒީފާދޭ ފަރާތުން ޕެންށަން އޮފީހަށް އެ ކަންކަން ކުރުމަށް ބޭނުންވާ އެއްބާރުލުން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ނޯޓިހާ އެއްގޮތަށް ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާދޭ ފަރާތުން އަމަލުކޮށްފައި ނުވާނަމަ، ވަޒީފާދޭ ފަރާތުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވާކަން އަންގައި، އެންމެ ފަހު ނޯޓިހުގެ ގޮތުގައި 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ވަޒީފާދޭ ފަރާތަށް ދެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދޭ ނޯޓިހާ އެއްގޮތަށް ވަޒީފާދޭ ފަރާތުން އަމަލުކޮށްފައި ނުވާނަމަ، އަދި އެ ވަޒީފާދޭ ފަރާތަކީ ސްކީމުގައި ރަޖިސްޓަރީ ކުރަންޖެހޭ ނުވަތަ މުވައްޒަފުން ސްކީމުގައިބައިވެރިކުރަންޖެހޭ ވަޒީފާދޭ ފަރާތެއްކަމަށް ޕެންށަން އޮފީހަށްއެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، ވަޒީފާދޭ ފަރާތުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރ،ު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާޙުކުރުމާއި، އެ މާއްދާއަށް (ރ) އާއި (ބ) އިތުރުކުރުން.

ކޮންޓްރިބިއުށަނުގެ މައުލޫމާތު ހުށަނޭޅުމުން ކުރެވޭ ޖޫރިމަނާ އާއި އަޅާނެ ފިޔަވަޅު 32.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާދޭ ފަރާތުން އެ މަހެއްގެ ކޮންޓްރިބިއުށަނުގެ މައުލޫމާތު ހުށަހަޅައިފައި ނުވާނަމަ، ކޮންޓްރިބިއުށަނުގެ މައުލޫމާތު ހުށަހެޅުމަށް ވަޒީފާދޭ ފަރާތަށް އަންގައި 15 (ފަނަރަ) ދުވަހުގެ ނޯޓިސް ދެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ދެވޭ ނޯޓިހުގެ މުއްދަތުގައި ކޮންޓްރިބިއުށަނުގެ މައުލޫމާތު ހުށަހަޅައިފައި ނުވާނަމަ، ވަޒީފާދޭފަރާތުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވާކަން އަންގައިއެންމެ ފަހު ނޯޓިހުގެ ގޮތުގައި 15 (ފަނަރަ) ދުވަހުގެ މުއްދަތެއް، ވަޒީފާދޭފަރާތަށް ދެވޭނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި، އެ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.

ރިކޯޑުތައް ނުބެލެހެއްޓުމުން އަޅާނެ ފިޔަވަޅު 34.

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ސްކީމާ ގުޅޭ މައުލޫމާތާއި ލިޔެކިޔުމުގެ ރިކޯޑުތައް ވަޒީފާދޭ ފަރާތުން ބަލަހައްޓައި ފައި ނުވާނަމަ، އެ ކަންކަން އިސްލާޙު ކުރުމަށް އަންގައި 15 (ފަނަރަ) ދުވަހުގެ ނޯޓިސް،ވަޒީފާދޭ ފަރާތަށް ދެވޭނެއެވެ. މި ނޯޓިހުގެ މުއްދަތުގެ ތެރޭގައި އިސްލާޙުކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށްފަހު، ވަޒީފާދޭ ފަރާތުން އެ ރިކޯޑުތައް ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ނޯޓިހާ އެއްގޮތަށް ވަޒީފާދޭ ފަރާތުން އަމަލުކޮށްފައި ނުވާނަމަ، ވަޒީފާދޭ ފަރާތުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވާކަމަށް ބަޔާންކޮށް އެންމެ ފަހު ނޯޓިހުގެ ގޮތުގައި 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި ނޯޓިހުގެ މުއްދަތުގައި ރިކޯޑުތައް އިސްލާޙު ކޮށްފައި ނުވާނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، ވަޒީފާދޭ ފަރާތުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެއިހްތިޔާރ،ު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

އިންސްޕެކްށަނަށް އެއްބާރުލުން ނުދިނުމުން އަމަލުކުރާނެ ގޮތް 1-34.

އިންސްޕެކްށަން ނޯޓިހަށް އިޖާބަނުދީފިނަމަ، ނުވަތަ އިންސްޕެކްށަނަށް ބޭނުންވާ އެއްބާރުލުން ވަޒީފާދޭ ފަރާތުން ނުދީފިނަމަ، ވަޒީފާދޭ ފަރާތުގެ މައްސަލަ ކޯޓަށްހުށަހެޅުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވާކަމަށް ބަޔާންކޮށް އެންމެފަހު ނޯޓިހުގެ ގޮތުގައި 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި ނޯޓިހުގެ މުއްދަތުގައި، ވަޒީފާދޭ ފަރާތުން ނޯޓިހުގައި ބަޔާންކޮށް ފައިވާ ގޮތަށް އަމަލުނުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، ވަޒީފާދޭ ފަރާތުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

އިންސްޕެކްށަން ރިޕޯޓާ އެއްގޮތަށް އަމަލުނުކުރުމުން އަޅާނެ ފިޔަވަޅު 2-34.

އިންސްޕެކްށަނުގެ ހޯދުންތައް ހިމެނޭ ރިޕޯޓުގައި ވަކި މުއްދަތެއްގެ ތެރޭގައި އިސްލާޙު ކުރުމަށް އަންގައިފައިވާ ކަންކަން ވަޒީފާދޭ ފަރާތުން އިސްލާޙުނުކޮށްފިނަމަ، ވަޒީފާދޭ ފަރާތުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވާކަމަށް ބަޔާންކޮށް 15 (ފަނަރަ) ދުވަހުގެ ނޯޓިސްދެވޭނެއެވެ. މި ނޯޓިހުގެ މުއްދަތުގައި ވަޒީފާދޭ ފަރާތުން ނޯޓިހުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާދޭ ފަރާތުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

ވަޒީފާދޭ ފަރާތުގެ ނަން ހާމަކުރުން 3-34.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަޒީފާދޭ ފަރާތަށް ދެވޭ އެންމެ ފަހު ނޯޓިހުގެ މުއްދަތުގައި، އެ ނޯޓިހާ އެއްގޮތަށް ވަޒީފާދޭ ފަރާތުން އަމަލުކޮށްފައި ނުވާނަމަ، ޕެންށަން އޮފީހުގެ ވެބްސައިޓުގައި، ގަވާއިދާ އެއްގޮތަށް އަމަލުނުކުރާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް ހާއްސަ ކޮށްފައިވާ ލިސްޓުގައި ވަޒީފާދޭ ފަރާތުގެ މައުލޫމާތު އާންމު ކުރެވޭނެއެވެ. ވެބްސައިޓުގައި މައުލޫމާތު ހާމަކުރުމަށްފަހު، ވަޒީފާދޭ ފަރާތުން މި ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން އެ ލިސްޓުން ވަޒީފާދޭ ފަރާތުގެ ނަން އުނިކުރަންވާނެއެވެ.

 

ނޯޓިސް ފޮނުވާނެ ގޮތް 4-34.

މި ގަވާއިދުގެ ދަށުން ނޯޓިސް ދެވޭނ،ީ ވަޒީފާދޭ ފަރާތުން ޕެންށަން އޮފީހަށް ހުށަހަޅައިފައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށެވެ. އެހެންކަމުން، ގަވާއިދުން އީމެއިލް ބެލުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މީގެ އިތުރުން، އީމެއިލް އެޑްރެސް ނުވަތަ ފޯނު ނަންބަރު ބަދަލުވެއްޖެނަމަ، އައު އީމެއިލް އެޑްރެސް ނުވަތަ ފޯނު ނަންބަރ،ު ޕެންށަން އޮފީހަށް، ވަޒީފާދޭ ފަރާތުން ހިއްސާ ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި، އެ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އަންނަނިވި ގޮތަށް އިސްލާޙުކުރުމާއި، އެ މާއްދާއަށް (ރ) އިތުރުކުރުން.

ޕެންށަން ކޮންޓްރިބިއުށަން ބަހައިލައިގެން ދެއްކުން 34.

(ހ) މި ގަވާއިދާ އެއްގޮތަށް ޕެންށަން ކޮންޓްރިބިއުށަން ދައްކައިފައިނުވާވަޒީފާދޭ ފަރާތްތަކަށް ލުޔެއްގެ ގޮތުގައި ސްކީމަށް ދައްކަންޖެހޭ ފައިސާ ބަހައިލައިގެން ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ އިހްތިޔާރު ޕެންށަންއޮފީހަށް ލިބިގެންވެއެވެ. ބަހައި ލައިގެން ފައިސާ ދެއްކުމަށް ވަޒީފާދޭ ފަރާތުން އެދުމުން، ފައިސާ ދައްކަންޖެހޭ ގޮތާއި، ފައިސާ ދައްކައިނިންމަންޖެހޭ މުއްދަތ،ު ވަޒީފާދޭ ފަރާތަށް ޕެންށަން އޮފީހުން އަންގަންވާނެއެވެ.

(ށ) ބަހައިލައިގެން ވަކި މަސްތަކެއްގެ ޕެންށަން ކޮންޓްރިބިއުށަނުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ފުރުސަތު ދެވިފައިވާ ވަޒީފާދޭ ފަރާތަކުން، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދައްކައި ނިންމައިފައިނުވާނަމަ، އަލުން އެ މަސްތަކުގެ ޕެންށަން ކޮންޓްރިބިއުށަން ބަހައިލައިގެން ދެއްކުމުގެ ފުރުސަތު ދެވޭނ،ީ އެ މަސްތަކުގެ ޕެންށަން ކޮންޓްރިބިއުށަނާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ ފައިސާގެ %10 (ދިހައެއް އިންސައްތަ) ޕެންށަން އޮފީހަށް އެކީ އެއްފަހަރާ ދެއްކުމުންނެވެ.

(ނ) ބަހައިލައިގެން ސްކީމަށް ދައްކަންޖެހޭ ޕެންށަން ކޮންޓްރިބިއުށަން ދެއްކުމުގެ ފުރުސަތު ދިން ނަމަވެސް، އެއްވެސް ހާލެއްގައި ސްކީމަށްދައްކަންޖެހޭ ޕެންށަން ކޮންޓްރިބިއުށަން ނުވަތަ އެއިން ބައެއް މައާފު ކުރީ ކަމުގައި ނުވަތަ އެ ފައިސާއިން ބައެއް އުނިކުރީ ކަމުގައި ބަލައިގެންނުވާނެއެވެ. މީގެ އިތުރުން، މި ގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާ ފައިސާ މައާފު ކުރީ ކަމުގައި ނުވަތަ ޖޫރިމަނާ ފައިސާއިން ބައެއް އުނިކުރީކަމުގައި ބަލައިގެން ނުވާނެއެވެ.

(ރ) ބަހައިލައިގެން ސްކީމަށް ދައްކަންޖެހޭ ޕެންށަން ކޮންޓްރިބިއުށަން ދެއްކުމަށް ދޭ ފުރުސަތާ އެއްގޮތަށް ވަޒީފާދޭ ފަރާތުން އަމަލުކޮށްފައި ނުވާނަމަ، ނުވަތަ ބަހައިލައިގެން ޕެންށަން ކޮންޓްރިބިއުށަން ދެއްކުމުގެ އިތުރު ފުރުސަތަކަށް ވަޒީފާދޭ ފަރާތުން އެދިފައި ނުވާނަމަ، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ޕެންށަން ކޮންޓްރިބިއުށަން ހޯދުމަށް ޓަކައި ވަޒީފާދޭ ފަރާތާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހް ތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާޙުކުރުމާއި، އެ މާއްދާއަށް (ނ) އިތުރުކުރުން.

ޕެންށަން ކޮންޓްރިބިއުށަން ދައްކަ އިފައި ނުވުމުން ކޯޓަށް މައްސަލަ ހުށަހެޅުން 38.

(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޕެންށަން ކޮންޓްރިބިއުށަނުގެ ފައިސާ ހޯދުމަށް ވަޒީފާދޭ ފަރާތާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނ،ީ ވަޒީފާދޭ ފަރާތުން 5,000 (ފަސްހާސް) ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ސްކީމަށް ނުދައްކާ އޮތްނަމައެވެ. އެހެންނަމަވެސް، މި މާއްދާގައި ބަޔާންކޮށް ފައިވާ އަދަދަށްވުރެ މަދު އަދަދެއްގެ ފައިސާ ވަޒީފާދޭ ފަރާތުން ނުދައްކާތ،ާ މީލާދީގޮތުން 12 (ބާރަ) މަސްދުވަސް ފާއިތުވެއްޖެނަމަ، އެފަދަ ވަޒީފާދޭ ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ދިވެހިރާއްޖޭގެ ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު