-

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނު ންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-138)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ޖުލައި 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ނުވަތަ އިންޑަސްޓްރިއަލް ބޭނުންތައް ފިޔަވައި، އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ބ) އަށާއި (ޅ) އަށާއި، އެ ގާނޫނުގެ 1-21 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ދާއިރާ

މި ގަވާއިދު ހިނގާނީ، އަންނަނިވި ދާއިރާތަކަށް ނުފެތޭ ގޮތުން ދޫކުރާ ފަޅުރަށްރަށުގެ މައްޗަށެވެ.

(ހ) ގާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށް.

(ށ) މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް.

(ނ) އިގުތިސާދީ އަދި/ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ދޫކުރެވޭ ފަޅުރަށްރަށް.

(ރ) ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް.

 

3 ވަނަ މާއްދާ - ފަޅުރަށްރަށް ކަނޑައެޅުން

މި ގަވާއިދުގެ ދަށުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ދޫކުރ،ާ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސި ލުގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ. 

 

4 ވަނަ މާއްދާ - ފަޅުރަށްރަށް ދޫކުރާ ފަރާތް

(ހ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް ދޫކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.

(ށ) ފަޅުރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް ދޫކުރާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މިނިސްޓްރީންނެވެ.

 

5 ވަނަ މާއްދާ - ފަޅުރަށްރަށް ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން، ފަޅުރަށްރަށް ނުވަތަ ރަށަކުން ބައެއް ދޫކުރަންވާނީ، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ފަޅުރަށްރަށް ދޫކުރާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. މި ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާން ކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް؛ ނުވަތަ 
  2. ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު، މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހެޅުމުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަނޑައަޅާ ފަރާތަކަށް؛ ނުވަތަ
  3. ސަރުކާރުގެ އިސްނެގުމަށް، ފަޅުރަށެއް ބެލެހެއްޓުން، ވަކި ށަރުތުތަކަކާއެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިހްތިސާސް ލިބިގެންވާ ފަރާތަށެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަށްރޫއު ހިންގާ ރަށްރަށާއި، ސަރުކާރުގެ %100 (ސަތޭކަ އިންސައްތަ) ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން، އެކިއެކި މަސައްކަތް ހިންގާ ރަށްރަށް، މި މާއްދާގެ (ހ) އާއި (ށ) އިން އިސްތިސްނާވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ފަޅުރަށްރަށް ދޫކުރާ ހާލަތުގައި މި ގަވާއިދުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއަށް އަމަލުކުރުން ލާޒިމްވެގެން ނުވެއެވެ.

 

6 ވަނަ މާއްދާ - ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެން ހުށަހެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުރާ އިއުލާނުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ކުއްޔަށް ދޫކުރާ ރަށް ނުވަތަ ކުއްޔަށް ދޫކުރާ ރަށުގެ ބައި؛
  2. ކުއްޔަށް ދޫކުރާ ބޭނުން؛
  3. ކުއްޔަށް ދޫކުރެވޭ ރަށުގެ ނުވަތަ ރަށުގެ ބަޔަށް ކުލީގެ ގޮތުގައި ކަނޑައެޅޭނެ އެންމެ ދަށް އަދަދު؛
  4. ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން؛
  5. ފަޅުރަށް ދޫކުރާ ފަރާތުން ހުށަހަޅަން ބޭނުންވާ މިނޫ ންވެސް އިތުރު ބައިތައް.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށް އިސްކަންދިނުން؛
  2. ފަންނީ ގާބިލުކަން ހުރި މިންވަރަށް ބެލުން؛
  3. މަސައްކަތުގެ ސަބަބުން ވަށައިގެންވާ މުޖުތަމައަށާއި ތިމާވެށްޓަށާއި ސަގާފަތަށް ފައިދާ ކުރާނެ މިންވަރު ބެލުން.

 

7 ވަނަ މާއްދާ - ތަފުސީލު ރިޕޯޓަކާއެކު ހުށަހެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ރިޕޯޓުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ކުއްޔަށް ހިފަން ބޭނުންވާ ރަށް ނުވަތަ ރަށުގެ ބައި؛
  2. ކުއްޔަށް ހިފާ ބޭނުން؛
  3. ކުއްޔަށް ހިފަން ހުށަހަޅާ ކުލި؛
  4. ސަރުކާރުގެ ތަރައްގީގެ ޕްލޭނާއި ރަށުގެ ތަރައްގީގެ ޕްލޭނާ ގުޅުންހުރި މިންވަރު؛
  5. ކޮސްޓް ބެނެފިޓް އެނަލިސިސް (މަސައްކަތުގެ ސަބަބުން މުޖުތަމައަށާއި ތިމާވެށްޓަށާއި ސަގާފަތަށް ކުރާނެ އަސަރު އެނގޭނެގޮތަށް)؛
  6. ހުށަހަޅާ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާނެ އެހީތެރިކަމުގެ ތަފުސީލު؛
  7. ހުށަހަޅާ ފަރާތުގެ މާލީ ތަނަވަސްކަން އަންގައިދޭ ލިޔުން. މިގޮތުން ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން ދޫކުރ،ާ މާލީ ހާލަތު ބަޔާންކޮށްދޭ ލިޔުމެއް، މި ބޭނުމަށް ހުށަހެޅިދާނެއެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ކަނޑައެޅުމުގައި ގާނޫނުގެ 12 ވަނަ މާއްދާގައި ހިމަނައިފައިވާ ށަރުތުތަކުގެ އިތުރުން، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ހުށަހަޅާ ކުއްޔަކީ އެކަށީގެންވާ ކުއްޔެއް ކަން؛
  2. ފަންނީ އަދި މާލީ ގާބިލުކަން ހުރި މިންވަރަށް ބެލުން؛
  3. މަސައްކަތުގެ ސަބަބުން ވަށައިގެންވާ މުޖުތަމައަށާއި ތިމާވެށްޓަށާއި ސަގާފަތަށް ފައިދާ ކުރާނެ މިންވަރު ބެލުން.

 

8 ވަނަ މާއްދާ - ކައުންސިލުގެ އިހްތިސާސް ގައި ނުހިމެނޭ ރަށެއް ހޯދުމަށް އެދުން

(ހ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށެއް ހޯދުމަށް އެދި ކައުންސިލަކުން ހުށަހަޅައިފިނަމަ އަމަލުކުރާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުން ރިޕޯޓު ހުށަހެޅުމުގައި ކުއްޔާބެހޭ ބައިތައް އުނިކޮށް، ރިޕޯޓު ހުށަހެޅިދާނެއެވެ. އަދި މި ހާލަތުގައި ފަޅުރަށް ނުވަތަ ރަށުގެ ބައި ކުއްޔަކާ ނުލައި ދޫކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ހޮވޭ ފަރާތް ކަނޑައެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށް ކުއްޔަށް ހިފުމަށް ހޮވޭ ފަރާތް ކަނޑައަޅާނީ ފަޅުރަށް ދޫކުރާ ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން މިނިސްޓްރީން ދޫކުރާ ފަޅުރަށްރަށް ދޫކުރުމުގެ ކުރިން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ހުއްދަ ހޯދަންވާނެއެވެ.

 

10 ވަނަ މާއްދާ - ފަޅުރަށްރަށް ދޫކުރާ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ފަޅުރަށްރަށް ދޫކުރާނީ މީލާދީ 21 (އެކާވީސް) އަހަރުދުވަހުގެ މުއްދަތަށެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެއަށް ވުރެން ކުރު މުއްދަތަކަށް ދޫކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދުގެ ދަށުން ހަދާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަޅުރަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ޓަކައި، މުއްދަތު ހަމަވުމުގެ 12 (ބާރަ) މަސްދުވަހާއި 24 (ސައުވީސް) މަސްދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައި، ފަޅުރަށް ދޫކުރާ ފަރާތަށް، ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ދޫކުރެވިފައިވާ މުއްދަތު ޖުމުލަ 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ފަޅުރަށް ދޫކުރާ ފަރާތަށް، ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ފަޅުރަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ފަޅުރަށް ދޫކުރާ ފަރާތުން ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުން، އަދި މިގޮތުން މަސައްކަތުގެ މަދުވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވުން؛ އަދި 
  2. ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތަކަށް ކުރަން ހުށަހަ ޅައިފައިވ،ާއިންވެސްޓްމަންޓުގެ އަދަދުގެ މަދުވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) ފައިސާ އިންވެސްޓް ކޮށްފައިވުން.

 

11 ވަނަ މާއްދާ - އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން

މި ގަވާއިދުގެ ދަށުން ފަޅުރަށެއް ދޫކުރާއިރު، ފަޅުރަށް ދޫކުރާ ފަރާތާއި، ފަޅުރަށާ ހަވާލުވާ ފަރާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އަދި މި އެއްބަސްވުމުގައި އެންމެ މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ހަވާލުކުރާ މުއްދަތު، އަދި މުއްދަތު އިތުރުކުރުމުގެ ށަރުތެއްވާނަމަ، އެފަދަ ށަރުތެއް ނުވަތަ ށަރުތުތައް؛

(ށ) ކުއްޔަކާއެކުނަމަ ކުލީގެ އަދަދާއި، ކުލި ދައްކާނެ ގޮތް؛

(ނ) ރަށުގައި ހިންގާނެ މަސައްކަތާއި، އެ މަސައްކަތް ހިންގާނެ ގޮތ،ް އަދި މަސައްކަތްތައް ހިންގާނެ ށެޑިއުލް؛

(ރ) ހަވާލުވި ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެނަމަ، އަމަލުކުރާނެ ގޮތް؛

(ބ) އެއްބަސްވުން ބާތިލުކުރެވޭ ގޮތް؛

(ޅ) އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ނުވަތަ އެއްބަސްވުން ބާތިލުވުމުން، އެ ރަށުގައި ހުންނަ އިމާރާތްތަކާއި ތަކެއްޗާމެދު އަމަލުކުރެވޭނެ ގޮތް.

 

12 ވަނަ މާއްދާ - ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް، ކުއްޔަށް ހިފައިފައިވާ ފަރާތުން އެހެން ފަރާތަކަށް ވިއްކައިލެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާކަން ކަށަވަރުކޮށް، އެކަމުގެ ހުއްދަ ފަޅުރަށް ކުއްޔަށް ދޫކުރާ ފަރާތުގެ ކިބައިން ކުއްޔަށް ހިފާ ފަރާތުން ލިޔުމުން ހޯދުމަށް ފަހުގައެވެ.

(ހ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުން، އަދި މިގޮތުން މަސައްކަތުގެ ށެޑިއުލުގެ މަދުވެގެން %65 (ފަސްދޮޅަސް ފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވުން.

(ށ) އިންވެސްޓްމަންޓް ގަންނަ ފަރާތުގެ ކިބައިގައި، ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް ހިންގުމުގެ ގާބިލުކަމާއި، ކުރަން ހުށަހެޅި އިންވެސްޓްމަންޓް ކުރުމުގެ ގާބިލުކަން ހުރުން.

(ނ) ރަށާ ގުޅޭގޮތުން ނުވަތަ އެއްބަސްވުމުގެ ދަށުން ހަވާލުވާ ފަރާތުގެ ހައްގުތައް ރަހުނުކުރެވިފައިވާނަމަ، ރަހުނު ކޮށްފައިވާ ފަރާތުން، އިންވެސްޓްމަންޓް ވިއްކައިލުމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުމެއް ހުށަހެޅުން. އަދި

(ރ) ހަވާލުވާ ފަރާތަށް ރައްދުވާ އެއްވެސް ދައުވާއެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެކަމަކަށް ޒިންމާވާނެ ކަމުގެ ގެރެންޓީ ދިނުން.

 

13 ވަނަ މާއްދާ - އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދައަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ، ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދައަށް އެދި ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅާއިރު، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ކަށަވަރު ކުރުމަށް ޓަކައި، މިނިވަން ސެޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭނެ ތަފުސީލު ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅަންވާނެ އެވެ.

(ށ) ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދައަށް އެދި ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހެޅުމުން، ހުއްދަ ދޫކުރުމުގެ ކުރިން ރަށާއި ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް، އިންސްޕެކްޓް ކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުމުން، އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދަ ދެވޭނީ، އެ ތަނަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް ވޭތޯ ބެލުމަށް ކުއްޔަށް ދޫކުރާ ފަރާތުން އާންމުކޮށް އިއުލާނުކުރުމަށްފަހު، އެފަދަ މައްސަލައެއް އޮތްނަމަ، އެ ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން، އެ މައްސަލައެއް ހައްލުކުރުމުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިއުލާނުކުރުމުން، އެ ތަނަކާ ގުޅިގެން ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ނުވަތަ ދައުލަތަށް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްކަމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދަ ދެވޭނީ، އެ ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ކުލީގެ އެއްބަސްވުން ބަދަލުކުރުމަށް ވެވޭ އެއްބަސްވުމުގައި، ކުލީގެ އެއްބަސްވުން ބަދަލުކުރެވޭ ދުވަހާ ހަމައަށް، އެ ރަށަކާ ނުވަތަ ރަށުގެ ބަޔަކާ ގުޅިގެން ސަރުކާރަށް ނުވަތަ ދައުލަތަށް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއަށާއި، ދަރަންޏަށް ޒިންމާވާނެކަމަށާއި، އެ ރަށާގުޅޭ އެންމެހައި މައްސަލަތަކަށް ޒިންމާވާނެކަމަށާއި، އެ މައްސަލައެއް ހައްލުކުރާނެކަމުގެ ޔަގީންކަން ދ،ީ އެކަމުގެ ޒިންމާ ނަގާނެކަމަށް އިންވެސްޓްމަންޓް ގަންނަ ފަރާތުން އެއްބަސްވެ އެކަމުގެ ޔަގީންކަން ދީފައިވާނަމަ، އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - އެއްބަސްވުން ބަދަލުކުރުން

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް، ހަވާލުވާ ފަރާތުން އެހެން ފަރާތަކަށް ވިއްކައިލާއިރު، ފަޅުރަށް ކުއްޔަށް ދޫކުރާ ފަރާތާއި ހަވާލުވާ ފަރާތާ ދެމެދު ކުރެވިފައިވާ އެއްބަސްވުން، އިންވެސްޓްމަންޓް ގަންނަ ފަރާތަށް ބަދަލުކުރެވޭނެއެވެ. 
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބަދަލުކުރާއިރު، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެއްބަސްވުމުގެ މާއްދާތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުން (ސަބްލީސް ކުރުން)

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރަށެއް ނުވަތަ ރަށުން ބައެއް، ހަވާލުވާ ފަރާތުން އެހެން ފަރާތަކަށް ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަކުރުމަށްފަހު ފަޅުރަށް ދޫކުރާ ފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ހ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުން، އަދި މިގޮތުން މަސައްކަތުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ފުރިހަމަކޮށްފައިވުން.

(ށ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތަކަށް ކުރަން ހުށަހަޅައިފައިވާ އިންވެސްޓްމަންޓުގެ އަދަދުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ފައިސާ އިންވެސްޓް ކޮށްފައިވުން.

(ނ) ރަށާ ހަވާލުވާ ދެވަނަ ފަރާތުގެ ކިބައިގައި، ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް ކުރުމުގެ ގާބިލުކަމާއި ހަވާލުވާ ފަރާތުން ކުރަން ހުށަހެޅި ހަރަދު ކުރުމުގެ ގާބިލުކަން ހުރުން.

(ރ) ރަށް ނުވަތަ ރަށުން ބައެއް ދެވަނަ ފަރާތަކަށް ދެވޭ ބޭނުމަކީ، ރަށް ދޫކުރެވުނު ބޭނުމުގ،ެމަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވުން.

 

16 ވަނަ މާއްދާ - ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ ހުއްދައަށް ހުށަހެޅުން

(ހ) ރަށެއް ނުވަތަ ރަށުން ބައެއް، ހަވާލުވާ ފަރާތުން އެހެން ފަރާތަކަށް ދިނުމުގެ ހުއްދައަށް އެދ،ި ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅާއިރު، މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ކަށަވަރު ކުރުމަށް ޓަކައި، މިނިވަން ސެޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭނެ ތަފުސީލު، ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅަންވާނެއެވެ.

(ށ) ރަށެއް ނުވަތަ ރަށުން ބައެއް، ހަވާލުވާ ފަރާތުން އެހެން ފަރާތަކަށް ދިނުމުގެ ހުއްދައަށް އެދި ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހެޅުމުން، ހުއްދަ ދޫކުރުމުގެ ކުރިން ރަށާއި ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް އިންސްޕެކްޓް ކުރުމުގެ އިހުތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުމުން، ސަބްލީސް ކުރުމުގެ ހުއްދަ ދެވޭނީ، އެ ތަނަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް ވޭތޯ ބެލުމަށް ކުއްޔަށް ދޫކުރާ ފަރާތުން އާންމުކޮށް އިއުލާނުކުރުމަށްފަހ،ު އެފަދަ މައްސަލައެއް އޮތްނަމަ، އެތަން ކުއްޔަށް ހިފައިފައިވާ ފަރާތުން، އެ މައްސަލައެއް ހައްލުކުރުމުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިއުލާނުކުރުމުން، އެ ތަނަކާ ގުޅިގެން ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ނުވަތަ ދައުލަތަށް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްކަމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، ސަބްލީސް ކުރުމުގެ ހުއްދަ ދެވޭނީ، އެ ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ކުލީގެ އެއްބަސްވުން ބަދަލުކުރުމަށް ވެވޭ އެއްބަސްވުމުގައި، ކުލީގެ އެއްބަސްވުން ބަދަލުކުރެވޭ ދުވަހާ ހަމައަށް، އެ ރަށަކާ ނުވަތަ ރަށުގެ ބަޔަކާ ގުޅިގެން ސަރުކާރަށް ނުވަތަ ދައުލަތަށް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއާއި، ދަރަންޏަށް ޒިންމާވާނެކަމާއި، އެ ރަށާގުޅޭ އެންމެހައި މައްސަލަތަކަށް ޒިންމާވާނެކަމަށާއި، އެ މައްސަލައެއް ހައްލުކުރާނެކަމުގެ ޔަގީންކަން ދ،ީ އެކަމުގެ ޒިންމާ ނަގާނެކަމަށް ކުއްޔަށް ހިފާ ތިންވަނަ ފަރާތުން އެއްބަސްވެ އެކަމުގެ ޔަގީންކަން ދީފައިވާނަމަ، ސަބްލީސް ކުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ލިބިގެންވެއެވެ.

(ޅ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ސަބްލީސް ކުރުމުގެ ހުއްދަ ދޭ ހާލަތުގައި ވެސް ކުއްޔަށް ދޫކުރާ ފަރާތުން ފޮނުވާ އެންމެހައި އެންގުންތަކާއި ލިޔުންތައް ފޮނުވާނީ، ކުއްޔަށް ހިފާ (ހެޑްލީސްގައިވާ) ފަރާތަށެވެ. އަދި އެންގުންތަކާއި ލިޔުންތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ކުއްޔަށް ހިފާ ތިންވަނަ ފަރާތުން (ސަބްލީސްކުރާ ފަރާތުން) އަޅާކަން ކަށަވަރުކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.

 

17 ވަނަ މާއްދާ - ފަޅުރަށް ދޫކުރާ ފަރާތަށް އެއްބަސްވުން ހުށަހެޅުން

މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަށް ނުވަތަ ރަށުން ބައެއް، ހަވާލުވާ ފަރާތުން ދެވަނަ ފަރާތަކަށް ކުއްޔަށްދޭއިރު، ހަވާލުވާ ފަރާތާއި ދެވަނަ ފަރާތާ ދެމެދު ސޮއިކުރާ އެއްބަސްވުމުގެ ކޮޕީއެއް ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަ ޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ރަހުނުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރަށަކާ ގުޅޭގޮތުން ނުވަތަ އެއްބަސްވުމުގެ ދަށުން ރަށާ ހަވާލުވާ ފަރާތަށް ލިބިދޭ ހައްގުތައް (ލީސްހޯލްޑް ރައިޓްސް) ރަހުނުކުރުމުގެ ހައްގު، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަށާ ހަވާލުވާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދޫކޮށްފައިވާ ރަށަކާ ގުޅޭގޮތުން ނުވަތަ އެއްބަސްވުމުގެ ދަށުން ރަށާ ހަވާލުވާ ފަރާތަށް ލިބިދޭ ހައްގުތައް ރަހުނުކުރުމުގެ ކުރިން، ފަޅުރަށް ދޫކުރާ ފަރާތުގެ ހުއްދަ ހޯދައި، ރަހުނުކުރުން ފަޅުރަށް ދޫކުރާ ފަރާތުގައި ދަފުތަރު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން ރަހުނުކުރުމަށް އެދި ހުށަހެޅޭނީ ރަށް ކުއްޔަށް ދިނުމަށް އެކުލަވައިލައި ފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް މަދުވެގެން 1 (އެކެއް) އަހަރުދުވަސް ބާކީ އޮތްނަމައެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ރަހުނުކުރުމަށް އެދި ހުށަހަޅާނަމަ، އެކަމުގެ ހުއްދައަށް އެދި ކުއްޔަށް ދޫކުރާ ފަރާތަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، ރަހުނު ކުރުމުގެ ހުއްދަ ދެވޭނީ ރަށް ދޫކޮށްފައިވާ ފަރާތަށް ގާނޫނީގޮތުން ލިބިދޭ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެ ގޮތަށްކަމާއި، އަދި ރަހުނު ކުރުމުގެ ހުއްދަ ދެވެނީ އިތުރު ށަރުތުތަކާއެކުނަމަ، އެ ށަރުތުތައް، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

 

19 ވަނަ މާއްދާ - މޮނިޓަރކުރުމާއި އިންސްޕެކްޓް ކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ފަޅުރަށްރަށުގައި ކުރަމުންގެންދާ މަސައްކަތްތަކާއި، އެ ރަށެއްގައި ހިންގާ ހަރަކާތްތައް ބެލުމަށާއި، އަދި ރަށް ދޫކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާތަކާ ހިލާފު ނުވާކަން ކަށަވަރު ކުރުމަށް ޓަކައި، ފަޅުރަށް ދޫކުރާ ފަރާތުން ރަށް އިންސްޕެކްޓް ކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، އަންނަނިވި ގޮތުގެ މަތީން ކުރެވޭ އިންސްޕެކްށަންތައް ކުރުމަށް ޓަކައި ފަޅުރަށް ދޫކުރާ ފަރާތުގެ އޮފިށަލުން ރަށަށް ދަތުރުކޮށް، ރަށުގެ އިންސްޕެކްށަން ހެދުމަށް ބޭނުންވާ ހަރަދުތަކާއި ދަތުރުގެ އިންތިޒާމުތައް، ހަވާލުވާ ފަރާތުގެ ހަރަދުގައި ހަމަޖައްސައިދޭންވާނެއެވެ.

(ނ) އެއްވެސް ގާނޫނަކާ ހިލާފު ނުވަތަ އެއްބަސްވުމުގެ މާއްދާއަކާ ހިލާފު އެއްވެސް އަމަލެއް ނުވަތަ ކަމެއް ރަށުގައި ހިނގާކަން، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފަޅުރަށް ދޫކުރާ ފަރާތަށް ގަބޫލުކުރެވިއްޖެނަމަ، މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހ،ު ރަށަށް އަރައި ރަށް އިންސްޕެކްޓް ކުރުމުގެ ބާރާއި އިހުތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - އެއްބަސްވުން ބާތިލުކުރުން

އަންނަނިވި ހާލަތްތައް ފިޔަވައި، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރަށެއް މުއްދަތު ހަމަވުމުގެ ކުރިން، ފަޅުރަށް ދޫކުރާ ފަރާތުން ބޭނުންވެގެން އެއްބަސްވުން ބާތިލުކުރަންވާނީ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.

(ހ( ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހިނދެއްގައި؛

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކައުންސިލަކާ ހަވާލުކުރެވޭ ރަށެއް، ސަރުކާރުގެ ބޭނުމަށް އަނބުރާ ނަގަން ޖެހިއްޖެ ހާލަތުގައި.

 

21 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) ގާނޫނުގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފަށް ފަޅުރަށް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ރަށް ނުވަތަ ރަށުން ބައެއް ބޭނުންކޮށްފި ކަމުގައި ވާނަމަ، އެއްބަސްވުމުގައި އެކަމުގައި ކަނޑައަޅައިފައިވާ ފިޔަވަޅުގެ އިތުރުން 1,000,000 (އެއް މިލިއަން) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އިންވެސްޓްމަންޓް ވިއްކައިލައިފިނަމަ ނުވަތަ ދެވަނަ ފަރާތަކަށް ދޫކޮށްފިނަމަ 1,000,000 (އެއް މިލިއަން) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ހާލަތްތަކުގެ އިތުރުން ގާނޫނާއި ނުވަތަ މި ގަވާއިދާއި ނުވަތަ ކަމާގުޅޭގޮތުން އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އަމަލެއް ކޮށްފި ކަމުގައި ވާނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި 1,000,000 (އެއް މިލިއަން) ރުފިޔާއަށް ވުރެން ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ރ) ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފަށް ކުރި އަމަލަކީ ޖިނާއީ ކުށެއް އެކުލެވިގެންވާ އަމަލެއްނަމަ، ކަމާ ގުޅުންހުރި ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ކަމާބެހޭ ފަރާތްތަކަށް ފަޅުރަށް ދޫކުރާ ފަރާތުން ހުށަހަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި މިވަނީ، ތިރީގައިވާ އަކުރުތަކަށް ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ނުވަތަ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު" ކަމަށް ބަޔާންކޮށްފައިވަނީ، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އިސްލާހުކޮށް އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭ ގޮތުންނެވެ.

(ށ) "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ކަމަށް ބަޔާންކޮށްފައިވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އިސްލާހުކޮށް އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭ ގޮތުންނެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައިވަނީ، މި ގަވާއިދު ހިންގައި، ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަ ށެވެ.

(ރ) "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމަށް ބަޔާންކޮށްފައިވަނީ، ވަޒީރުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ގޮތެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކަށެވެ.

 

23 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1998-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު