-

ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-71)

(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 20 މޭއި 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި، ދިވެހިރާއްޖޭގެ އެއްރަށުން އަނެއްރަށަށް ނުވަތަ އެއްތަނުން އަނެއްތަނަށް ކަނޑުމަގުން މުދާ 
އުފުލުމުގައި އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރުމާބެހޭގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1978-69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގެ (ނ) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން، އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުން.

(ށ) ދިވެހިރާއްޖޭގައި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އެއްރަށުން އަނެއްރަށަށް ނުވަތަ އެއްތަނުން އަނެއްތަނަށް ކަނޑުމަގުން މުދާ އުފުލުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުން.

(ނ) ކަނޑުމަގުން މުދާ އުފުލުމުގައި، އެ އުޅަނދުފަހަރުގެ ވެރިފަރާތު ގެ މަސްއޫލިއްޔަތުތަކާއި ކެޕްޓަނުންގެ މަސްއޫލިއްޔަތުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - އިސްތިސްނާ

ގާނޫނު ނަންބަރު 1978-69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުތަކާއި، ދިވެހިރާއްޖެއަށް އަންނަ ބޭރު ގައުމުތަކުގެ އަސްކަރީ އުޅަނދުތަކާއި، ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިގެން އަންނަ އުޅަނދުތައް، މި ގަވާއިދުން އިސްތިސްނާ ވެގެންވެއެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކޮށް ހިންގާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

 

5 ވަނަ މާއްދާ - ހުއްދަ ދީފައިވާ އުޅަނދު

(ހ) ދިވެހިރާއްޖޭގައި ކަނޑުމަގުން މުދާ އުފުލަންވާނީ ނުވަތަ މީހުންނާއެކު މުދާ އުފުލަންވާނީ، ގަވާއިދު ނަންބަރު 2016-06 (ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގެ ދަށުން ރަޖިސްޓަރީކޮށް، ހުއްދަ ދީފައިވާ، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރުގައި ވަކި ހާއްސަ ބާވަތެއްގެ މުދާ އުފުލުމަށް އެހެން ގާނޫނެއްގެ ދަށުންނުވަތަ ގަވާއިދެއްގެ ދަށުން އިތުރު ހުއްދައެއް ނަގަންޖެހޭ ކަމުގައި ވާނަމަ، އެފަދަ މުދާ އުފުލަންވާނީ ނުވަތަ މީހުންނާއެކު މުދާ އުފުލަންވާނީ، ކަމާބެހޭ އިދާރާއަކުން ދޫކުރާ ހާއްސަ ހުއްދަ ހޯދުމަށްފަހުގައެވެ.

 

6 ވަނަ މާއްދާ - މުދާ އުފުލާ އުޅަނދެއްގައި ނުވަތަ މީހުންނާއެކު މުދާ އުފުލާ އުޅަނދެއްގައި ހުންނަންޖެހޭ ސެޓުފިކެޓުތައް

ދިވެހިރާއްޖޭގައި ކަނޑުމަގުން މުދާ އުފުލާ އުޅަނދުފަހަރަކީ، ނުވަތަ މީހުންނާއެކު މުދާ އުފުލާ އުޅަނދުފަހަރަކީ، ތިރީގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުތައް ލިބިފައިވާ އުޅަނދުފަހަރަށް ވާންވާނެއެވެ.

(ހ) ސީވާދިނަސް ސެޓުފިކެޓު.

(ށ) ބަރުމަރުކާ ސެޓުފިކެޓު.

(ނ) ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލާ އުޅަނދެއް ނަމަ، ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓު ނުވަތަ ޑޭންޖަރަސް ގުޑްސް ސެޓުފިކެޓު.

(ރ) 30 (ތިރީސް) މީޓަރަށްވުރެ ދިގު އުޅަނދެއްނަމަ، ނޭށަނަލް ސްވޭޖް ޕޮލިއުށަން ޕްރިވެންށަން ސެޓުފިކެޓު.

(ބ) ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 (އެއްސަތޭކަ) ގްރޮސްޓަނަށްވުރެ ބޮޑު އުޅަނދެއް ނަމަ، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓު.

 

7 ވަނަ މާއްދާ - އުޅަނދުގެ ވެރިފަރާތުގެ ޒިންމާ 

(ހ) ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދާ ރައްކައުތެރިކަމާއެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކާ ހަމަޔަށް ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ށ) އުޅަނދުގެ ވެރިފަރާތުގެ އިހުމާލުން ނުވަތަ އުޅަނދުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީ ކަންކަން ނުބެހެއްޓުމުގެ ސަބަބުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ، އުޅަނދުގެ ވެރިފަރާތުން އުފުލަންޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ކެޕްޓަނުގެ އާންމު ޒިންމާތައް 

(ހ) މުދާ އުފުލުމަށް ހުއްދަ ދީފައިވާ އުޅަނދެއްގެ ކެޕްޓަނަކީ، އެފަދަ އުޅަނދެއް ދުއްވުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ށ) މުދާ އުފުލާ އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން އަމަލުކުރަންވާނީ، މީހުންނާއި ފަޅުވެރިންނާއި މުދަލުގެ ރައްކައުތެރިކަން ކަށަވަރުވާނެ ގޮތަށެވެ.

(ނ) ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދާ އެރުވުމުގައްޔާއި ބޭލުމުގައި އުޅަނދުގެ ފަޅުވެރިން އަމަލުކުރަމުންދަނީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ބެލުމަކީ އުޅަނދުގެ ކެޕްޓަނުގެ ޒިންމާއެކެވެ.

 

9 ވަނަ މާއްދާ - މުދަލާ ގުޅޭ މައުލޫމާތު

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދަކަށް މުދާ ބަރުކުރުމުގެ ކުރިން، އެ މުދަލަކާ ގުޅޭ އަންނަނިވި މައުލޫމާތުތައް، އުޅަނދުގެ ފަޅުވެރީންނަށް ނުވަތަ ކެޕްޓަނަށް،މުދަލުގެ ވެރިފަރާތުން ނުވަތަ މުދާ ގެންނަ ފަރާތުން ދޭންވާނެއެވެ.

(ހ) މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު.

(ށ) މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު.

(ނ) މުދަލުގެ ބާވަތް.

(ރ) ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލެއްކަން ނުވަތަ ނޫންކަން.

(ބ) ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދަލެއްނަމަ، އެ މައުލޫމާތު.

 

10 ވަނަ މާއްދާ - މުދަލުން ނާލު ނެގުން 

(ހ) ދިވެހިރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ނުވަތަ އެއްތަނުން އަނެއްތަނަށް ކަނޑުމަގުން މުދާ އުފުލުމަށް ނާލު ނެގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެ އުޅަނދަކުން ނަގާ ނާލުގެ ތަފުސީލު އެނގޭނެ ފަދައިން ލިސްޓުކޮށް އާންމުންނަށް ފެންނާނޭ ހެން ބަހައްޓަންވާނެއެވެ.

 

11 ވަނަ މާއްދާ - މުދާ ބަންދުކޮށްފައި ހުންނަންވާނެ ގޮތް

(ހ) ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އުފުލާ މުދާ ހުންނަންވާނީ، އެ މުދަލުގެ ޒާތަށާއި ބާވަތަށް ރިއާޔަތްކޮށް، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ބަންދުކޮށްފައެވެ.

  1. ބަސްތާގައި ބަންދުކޮށްފައި؛
  2. ފޮށިގަނޑުގައި ބަންދުކޮށްފައި؛
  3. ކޮންޓެއިނަރުގައި ބަންދުކޮށްފައި؛
  4. އުޅަނދުން ނުވެއްޓޭފަދަ ރައްކައުތެރިގޮތަކަށް މުދާ ބަންދުކޮށްފައި.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ބަންދުނުކުރެވޭ މުދަލެއްނަމަ، އެ މުދަލެއް ހުންނަންވާނީ، ރަނގަޅަށް އައްސައި ބަންޑެލިކުރެވިފައެވެ.

 

12 ވަނަ މާއްދާ - އުޅަނދަށް މުދާ އަރުވައި ބޭލުން 

(ހ) އެ އުޅަނދެއްގެ ވެރިފަރާތުން ވަކި ގޮތަކަށް ކަނޑައަޅައިފައި ނުވާހައިހިނދަކު، އުޅަނދަށް މުދާ އަރުވައި، އުޅަނދުން މުދާ ބާލާނީ، ދެފަރާތް އެއްބަސްވާ ގޮތަކަށެވެ.  

(ށ) އުޅަނދަށް މުދާ އަރުވައި ބޭލުމުގައި މުދަލަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލައި ޗެކް ކުރަންވާނެއެވެ. އަދި ގެއްލުމެއް ލިބިފައިވާނަމަ، އުޅަނދުގެ ކެޕްޓަނަށް، ފަޅުވެރިން އެކަން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - އުޅަނދަށް މުދާ އެރުވިކަމުގެ ލިޔުން

ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދަލެއް އެރުވުމަށްފަހު، އެ މުދަލެއް އެރުވިކަމުގެ ލިޔުމެއް، މުދަލުގެ ވެރިފަރާތުން ނުވަތަ މުދާ ގެންނަ ފަރާތުން ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ލިޔުމެއް، އުޅަނދުގެ ކެޕްޓަނުން، އެ ފަރާތަކަށް ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - އުޅަނދުގައި މުދާ ބެހެއްޓުމުގައި އަމަލުކުރާނެ އުސޫލު

(ހ) ދިވެހިރާއްޖޭގެ އެއްރަށުން އަނެއްރަށަށް ނުވަތަ އެއްތަނުން އަނެއްތަނަށް ކަނޑުމަގުން މުދާ އުފުލާ އުޅަނދުގައި މުދާ ބަހައްޓަންވާނީ، އުޅަނދަށާއި، އުޅަނދުގައި ތިބި މީހުންނަށް ގެއްލުމެއް ކުރިމަތިނުވާނެ ފަދަ ރައްކައުތެރި ގޮތަކަށެވެ.

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، ލޮނުވެލި ފިޔަވައި، ބަސްތާގައި ބަންދުކޮށްފައިވާ މުދަލެއްނަމަ، އެ ބަސްތާތައް ހުންނަންވާނީ، އުޅަނދުގެ ފަލްކާގައި، ގެގަނޑުގެ ތެރޭގައި ނުވަތަ ތައްޓުމަތީގައި އަވި ނުދޭގޮތަށާއި، ވާރޭ ނުވެހޭގޮތަށާއި، ލޮނުވިއްސުމުން ސަލާމަތްވާނެފަދަ ގޮތަކަށެވެ.

(ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ފޮށިގަނޑުގައި ބަންދުކޮށްފައިވާ މުދަލެއްނަމަ، އެ ފޮށިގަނޑުތައް ހުންނަންވާނީ، އުޅަނދުގެ ފަލްކާގައި ނުވަތަ ގެގަނޑުގެ ތެރޭގައި ނުގުޑާގޮތަށް އަދި ދަށުގައިވާ ފޮށިގަނޑުތައް ހަލާކުނުވާ ގޮތަށެވެ. އަދި އަވި ނުދޭގޮތަށާއި، ވާރޭ ނުވެހޭގޮތަށާއި، ލޮނުވިއްސުމުން ސަލާމަތްވާނެ ފަދަ ގޮތަކަށެވެ.

(ރ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންޓެއިނަރުގައި ބަންދުކޮށްފައިވާ  މުދަލެއްނަމަ، އުޅަނދުގައި އެ ކޮންޓެއިނަރު ބަހައްޓަންވާނީ ،ރަނގަޅަށް ލައިސަންކޮށްފައެވެ.

(ބ) މެށިނަރީއާއި، ވެހިކަލާއި، ބަންޑަލިކޮށްފައިވާ މުދަލާއި ނުވަތަ ޕްރޮޖެކްޓް މުދާ އުޅަނދުގައި ބަހައްޓަންވާނީ، ލައިސަންކޮށް ނުގުޑާނޭހެން ރަނގަޅަށް ޑެކުމަތީގައި ހަރުކޮށްފައެވެ. އަދި އެ މުދަލަކީ، އަތްވާއި، ވާރެއާއި ލޮނުވިއްސުމުން ރައްކައުތެރިކުރަންޖެހޭ މުދަލެއްނަމަ، އެފަދަ މުދާ ބަހައްޓަންވާނީ، އަވި ނުދޭގޮތަށާއި، ވާރޭ ނުވެހޭގޮތަށާއި، ލޮނުވިއްސުމުން ސަލާމަތްވާނެ ފަދަ ގޮތަކަށެވެ.

(ޅ) އުޅަނދުގައި މުދާ ބަރުކުރާއިރު، މުދަލުގެ ބަރުދަނަ ށް ބަލައި، ބަރުކޮށް ހުންނަ މުދަލުގެ މައްޗަށް ލުއި މުދާ ލުމަށް އިސްކަންދޭންވާނެއެވެ.

(ކ) މުދަލުގެ ބާވަތުން އެއީ އެހެން ބާވަތެއްގެ މުދަލާ އެއްކޮށް ބެހެއްޓުން ރައްކައުތެރި ނޫން މުދާ ކަމުގައި ވާނަމަ، އެ މުދާ ބަހައްޓަންވާނީ ވަކިންނެވެ.

(އ) އުޅަނދުގައި މުދާ ބަހައްޓަންވާނީ، އެ އުޅަނދެއްގެ ކެޕްޓަނުންނާއިފަޅުވެރީންނަށް ރައްކައުތެރިކަމާއެކު އުޅަނދު ދުއްވުމަށް ޓަކައި ބޭރު ފެންނާނޭ ފަދަ ގޮތަކަށެވެ.

(ވ) އެކި ބާވަތްތަކުގެ މުދާ އުފުލާ އުޅަނދެއްނަމަ، އުޅަނދުގައި މުދާ ބަރުކޮށްފައި ހުންނަންވާނީ، އެކި ބާވަތްތަކުގެ މުދާ ވަކިވާ ގޮތަށެވެ.

 

15 ވަނަ މާއްދާ - ހާއްސަ ރައްކައުތެރިކަމާއެކު މުދާ ބެހެއްޓުން

(ހ) ބިއްލޫރި ނުވަތަ ފަސޭހައިން ހަލާކުވާ ޒާތުގެ މުދާ ބަހައްޓަންވާނީ، ރަނގަޅަށް ބަންދުކޮށް، ލައިސަންކޮށް، އެއީ އެފަދަ މުދަލެއްކަން އެނގޭނެ ފަދައިން ލޭބަލްކޮށްފައެވެ.

(ށ) ވަކި ފިނިހޫނުމިނެއްގައި ފިނިކޮށްފައި ބަހައްޓަންޖެހޭ މުދާ ބަހައްޓަންވާނީ، އެފަދައިން ފިނިކޮށް ބެހެއްޓޭނެ ފަދަ އެއްޗެއްގައެވެ.

(ނ) ބޯރުދޫ ހުންނަ އުޅަނދުފަހަރުގައި، އޮއްސާ މުދާ އުފުލަންވާނީ، ބޯރުދޫއަށްވުރެ މައްޗަށް މުދާ ނާރާ ގޮތަށް އަދި ވަޔަށް ބުރައިގެން ނުދާނޭ ފަދަ ގޮތަކަށް ބަންދުކޮށްގެންނެވެ.

 

16 ވަނަ މާއްދާ - އުޅަނދުގައި މުދާ ބަހައްޓާ ތަންތަން

(ހ) އުޅަނދުގެ ފަލުކާގައި މުދާ ބަހައްޓާނަމަ މުދާ ބަހައްޓަންވާނީ ،ފަލުކާގައި ޖައްސައިފައެވެ. އަދި ކުއްލި ހާލަތެއްގައި ފަލުކާއަށް ވަދެ ނުކުމެވޭނެފަދަ ގޮތަކަށެވެ.

(ށ) އުޅަނދުގެ ގެގަނޑުގެ ތެރޭގައި މުދާ ބަހައްޓާނަމަ، މުދާ ބަހައްޓަންވާނީ، އަތްވާއި ވާރެއާއި ލޮނުން ސަލާމަތްވާނެ ފަދަ ގޮތަކަށެވެ.

(ނ) އުޅަނދުގެ ތައްޓުމަތީގައި މުދާ ބަހައްޓާނަމަ، މުދާ ބަހައްޓަންވާނީ، ލައިސަންކޮށްފައެވެ.

 

17 ވަނަ މާއްދާ - ހާއްސަ ބާވަތުގެ މުދާ

ތިރީގައި ބަޔާންކޮށްފައިވާ މުދާ، ދިވެހިރާއްޖޭގެ އެއްރަށުން އަނެއްރަށަށް ނުވަތަ އެއްތަނުން އަނެއްތަނަށް ކަނޑުމަގުން އުފުލުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ އިތުރުން އެ މުދާ އުފުލުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ. އަދި މި ގަވާއިދާއި އެފަދަ ހާއްސަ ގަވާއިދަކާ ފުށުއަރާނަމަ އިސްކަންދޭނީ، އެ ހާއްސަ ގަވާއިދަކަށެވެ.

(ހ) ނުރައްކައުތެރި މުދާ.

(ށ) ކާބޯތަކެތި.

(ނ) ތެލުގެ ބާވަތްތަކާއި ކެމިކަލް.

(ރ) ދިރޭ ޖަނަވާރާއި ގަސް.

(ބ) ކުނި.

 

18 ވަނަ މާއްދާ - ނުރައްކައުތެރި މުދާ

މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނުރައްކައުތެރި މުދާ އުފުލާ އުޅަނދުފަހަރުގައި މުދާ އުފުލުމުގައި އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) ނުރައްކައުތެރި މުދާ އުފުލާ އުޅަނދުފަހަރުގައި، ނުރައްކައުތެރިމުދަލުގެ ނިށާން ތަކާބެހޭ މައު ލޫމާތު އާންމުކޮށް ފެންނާ ނޭހެން ބަހައްޓައިފައި ހުންނަންވާނެއެވެ.

(ށ) ނުރައްކައުތެރި މުދާ އުފުލާ، ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގައި ހެޗްތަކާއި އެގްޒިޓްތައް ހުންނަންވާނީ ،އިންޓަރނޭށަނަލް ކޯޑް އޮފް ސިގްނަލްއާ އެއްގޮތަށް ލޭބަލްކޮށްފައެވެ.

(ނ) އަލިފާން ނިއްވާ ނިޒާމާއި އަލިފާން ނިއްވާ ސާމާނު ހުންނާނެ ތަންތަން ފާހަގަކޮށް، އެކަން އާންމުކޮށް ފެ ންނާނޭ ގޮތަށް ބަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - ތެޔޮ އުފުލާ އުޅަނދުފަހަރު

މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ތެޔޮ އުފުލުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރުން އަމަލުކުރަންވާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ތެލުގެ ބާވަތްތައް 10،000 (ދިހަހާސް) ލީޓަރަށްވުރެ ގިނައިން އެއްރަށުން އަނެއް ރަށަށް އުފުލަންވާނީ، ގަވާއިދު ނަންބަރު 2016-06 (ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގެ ދަށުން ތެޔޮ އުފުލާ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށް ހާއްސަކޮށްފައިވާ ކެޓަގަރީގައި ރަޖިސްޓަރީ ކޮށްފައިވާ ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދެއްގައެވެ.

(ށ) ތެލުގެ ބާވަ ތްތައް 10،000 (ދިހަހާސް) ލީޓަރަށްވުރެ މަދުން އެއްރަށުން އަނެއް ރަށަށް އުފުލަންވާނީ، އެ އުޅަނދުގައި ހުރި ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ ތާނގީތަކުގައެވެ.

(ނ) ތެޔޮ އުފުލާ އުޅަނދު ބަނދެފައި ހުންނަންވާނީ، އުޅަނދުގެ ބޭރު އޮނިގަނޑު 6 (ހައެއް) މިލިމީޓަރަށް ވުރެ ތުނި ނޫން ދަގަނޑުފިލައިންނެވެ.

(ރ) ތެޔޮ އުފުލާ އުޅަނދުގެ އިންޖީނު ކޮޓަރިއާއި ތެޔޮ ޓޭންކާ ދެމެދު ނުވަތަ ކޮފެޑަމްގެ ދިގުމިނުގައި އެންމެ މަދުވެގެންވެސް 24 (ސައުވީސް) އިންޗި ނުވަތަ 2 (ދޭއް) ފޫޓު ހުންނަންވާނެއެވެ. އަދި އެ ތަނަށް ވަދެނުކުތުމަށް އެންމެ ކުޑަވެގެން ވެސް 18 (އަށާރަ) އިންޗި ދިގު އަދި 18 (އަށާރަ) އިންޗި ފުޅާމިން ހުންނަންވާނެއެވެ.

(ބ) ތެޔޮ އުފުލާ އުޅަނދުގައި ބޭނުންކުރާ ތެޔޮ ޕަމްޕުކުރާ މޯޓަރަކީ، ތެޔޮ ޕަމްޕުކުރާގޮތަށް ފަރުމާކޮށްފައިވާ ޕަމްޕަކަށް ވާންޖެހޭނެއެވެ.

(ޅ) ތެޔޮ އުފުލާ އުޅަނދުގެ ތެޔޮތާނގީތަކާ ގުޅިފައިވާ، ޕްރެށަރ ރިލީފު ވޭލެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ކ) ތެޔޮ އުފުލާ އުޅަނދުގައި ކުއްލި ހާލަތެއް މެދުވެރިވާހިނދު ބޭނުންކުރާނެ އެ ލާރމްސްއާއި، ގޭސް ޑިޓެކްޓަރސް ހަރުކޮށްފައި ހުންނަންވާނެއެވެ.

(އ) ތެޔޮ އުފުލާ އުޅަނދަށް ތެޔޮ ބަރުކުރަންވާނީ، ބަންދުކޮށް ފައިވާ ނިޒާމެއްގެ ތެރެއިންނެވެ. އަދި ތެޔޮ އުފުލާ އުޅަނދަށް ތެޔޮ އަރުވައިބާލާ އުޅަނދުގައި ހުންނަ ހޮޅިތައް ރަނގަޅަށް ފާހަގަކޮށްފައި ހުންނަންވާނެއެވެ.

(ވ) ތެޔޮ އުފުލާ އުޅަނދުގައި ބޭނުންކުރާ ބައްތިއާއި ބޮކި ފަދަ ތަކެތި ހުންނަންވާނީ އެކްސްޕްލޯށަން ޕްރޫފްކޮށްފައެވެ.

(މ) ތެޔޮ އުފުލާ އުޅަނދުފަހަރު، މަދުވެގެން ކޮންމެ 36 (ތިރީސްހައެއް) މަހަކުން އެއްފަހަރު އެއްގަމަށް އެހެލައި، އުޅަނދުގެ ފުލާއި އޮނިގަނޑު ސަރވޭކޮށް ތުނިވެފައިވާވަރު ބަ ލައި، އުޅަނދު ބަނދެފައިވާ ފިލާ އެކަށީގެންވާ ވަރަށްވުރެ ތުނިވެފައިވާނަމަ، އެ ތަނެއް ނުވަތަ އެ ފިލައެއް ބަދަލު ކުރަންވާނެއެވެ. މިގޮތުން އުޅަނދުގެ ފުލުގެ އެއްވެސް ހިސާބެއް އެ ފިލައެއްގެ އަސްލު ބޯމިނަށްވުރެ %35 (ތިރީސްފަހެއް އިންސައްތަ) އަށްވުރެ ތުނި ނަމަ އަދި އުޅަނދުގެ އަރިމަތީ ފިލާގެ އެއްވެސް ހިސާބެއް އެ ފިލާގެ އަސްލު 
ބޯމިނަށްވުރެ %40 (ސާޅީސް އިންސައްތަ) ތުނިވެފައިވާނަމަ، އެ ތަނެއް ބަދަލުކުރަންވާނެއެވެ.

(ފ) ތެޔޮ އުފުލާ އުޅަނދުގައި ބޭނުންކުރާ ވޭލްތަކަކީ ތެލަށް ބޭނުންކުރާ ވޭލްތަކަކަށް ވާންވާނެއެވެ. އަދި ތެޔޮ އުފުލާ އުޅަނދުގެ ތައްޓާއި ބޯރުދޫ ހުންނަންވާނީ، ތައްޓުމައްޗަށް ތެޔޮ ލީކުވެއްޖެނަމަ، އެ ތެޔޮ ކަނޑަށް ނޭޅޭނެ ގޮތަކަށެވެ.

(ދ) ލީކުވާ ތެޔޮ، ތައްޓުމައްޗަށް އެޅުނަ ނުދިނުމަށް ޓަކައި ތެޔޮހޮޅި ގުޅައި ،މެނިފޯލްޑް ދަށުގައި އުފުލާ ގެންގުޅޭ ކަހަލަ ކޮންޓޭނަރެއް ބަހައްޓަންވާނެއެވެ.

(ތ) ތެޔޮ އުފުލާ އުޅަނދުގެ އެންމެ ކުޑަ ފްރީބޯޑަކީ އުޅަނދުގެ ފުންމިނުގެ 1/5 (ފަސްބައިކުޅަ އެއްބައި) އެވެ.

(ލ) ތެޔޮ އުފުލާ އުޅަނދުގައި ވެލް ޑްކުރުމާއި، ކެފުމާއި، ގްރައިންޑް ކުރުމާއި، އަލިފާން ބޭނުންކޮށްކޮށްގެން ކުރާ އެއްވެސް މަސައްކަތެއް ކުރަންވާނީ، އުޅަނދުން ގޭސް ފްރީކޮށް، ގޭސްފްރީ އަދި ހޮޓްވާރކް ޕާރމިޓް ޗެކްލިސްޓް ފުރިހަމަކޮށް، ކެޕްޓަނުގެ ހުއްދަ ލިބިގެންނެވެ.

(ގ) ތެޔޮ އުފުލާ އުޅަނދުފަހަރާއި، އަޅައިފައި ބާއްވައިގެން އޮޕަރޭޓްކުރާ ތެޔޮ އުފުލާ އުޅަނދުފަހަރުގެ ޕައިޕްލައިނާއި ޓޭންކްތަކާއި ފަޔަރ ހައިޑްރަންޓް ސިސްޓަމަށް މިނިސްޓްރީ އޮފް ޑިފެންސް ނުވަތަ އެމިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ނުވަތަ މިނިސްޓްރީން ގަބޫލުކުރާކްލެސިފިކޭށަން ސޮސައިޓީއަކުން ބަލައި، އެ ފަރާތަކުން ހުއްދަ ދީފައި އޮންނަންވާނެއެވެ.

(ޏ) ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 150 (އެއްސަތޭކަފަންސާސް) ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދުފަހަރުގައި ޑީސަލް އުފުލާނަމަ، މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ށިޕްބޯޑް އޮއިލް ޕޮލިއުށަން އިމަރޖެންސީ ޕްލޭން (ސޮޕެޕް) ސްޕިލް ކިޓް ހުންނަންވާނެއެވެ.

(ސ) ތެޔޮ އުފުލާ އުޅަނދުފަހަރުގައި، މުއްދަތު ހަމަނުވާ ހަލް އެންޑް މެށިނަރީއާއި ސަލްވޭޖު ހިމެނޭގޮތަށް، މެރިން އިންށޫރަންސް ޕޮލިސީ އޮންނަންވާނެއެވެ.

 

20 ވަނަ މާއްދާ - އުޅަނދުން ތެޔޮ އުފުލުން

(ހ) ތެޔޮ އުފުލާ އުޅަނދުފަހަރުގައި ތެޔޮ އުފުލުމުގައި އަމަލުކުރާނީ،ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

  1. ތެޔޮ އުފުލާ އުޅަނދުގައި އެ އުޅަނދަކީ ނުރައްކައުތެރި މުދާ އުފުލާ އުޅަނދެއްކަން އަންގައިދިނުމަށް ޓަކައި ވަށައިގެން ފެންނާނޭހެން ރަތް އައްޔެއް، ރޭގަނޑު ދިއްލައިފައި ހުންނަންވާނެއެވެ. އަދި ދުވާލު ގަޑީގައި "އިންޓަރނޭށަނަލް ކޯޑް ފްލޭގް ބީ" ރަމްޒުކޮށްދޭ ރަތް ދިދައެއް ނަގައިފައި ހުންނަންވާނެއެވެ.
  2. ތެޔޮ އުފުލާ އުޅަނދުފަހަރުން، އެހެން ބާވަތެއްގެ މުދަލެއް އުފުލައިގެން ނުވާނެއެވެ.
  3. ރޭގަނޑުގެ ވަގުތުތަކުގައި އަތޮޅެއްގެ އަތޮޅުން ބޭރަށް ތެޔޮ އުފުލާ އުޅަނދުފަހަރު ދަތުރުކުރާނަމަ، މަދުވެގެން 
    12 (ބާރަ) މޭ ލުގެ ދުރު ފެންނަ ރާޑަރެއް އުޅަނދުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
  4. ތެޔޮ އުފުލާ އުޅަނދުފަހަރުގައި ހުންނަ ލައިފްރާފްޓް ނުވަތަ 
    ރެސްކިއު ބޯޓު ގަވާއިދުން ސަރވިސް ކުރަންވާނެއެވެ.

(ށ) އުޅަނދުގެ ތައްޓުމައްޗަށް ތެޔޮ ލީކުވެ ބަންޑުންވެއްޖެ ނަމަ، އުޅަނދުން ބޭރަށް ތެޔޮ ދިޔަނުދީ ހިފަހައްޓަންވާނެއެވެ. އަދި އެޅުނު ތެޔޮތައް ސާފުކޮށް ނަގައިފައި އަޅާނެ ކޮންޓޭނަރަކާއި، ފޮހެ ސާފުކުރުމަށް ޓަކައި، ތިރީގައި މިވާ ތަކެތި، ސޮޕެޕް ސިޕިލް ކިޓުގައި ހުންނަންވާނެއެވެ.

  1. 250 (ދުއިސައްތަ ފަންސާސް) އޮއިލް އޮންލީ އެބްޒޯ ބެންޓް ޕެޑްސް 480x430mm؛
  2. 1 (އެކެއް) ރޯލް (ހަމައެކަނި ތެޔޮ ނެގޭގޮތަށް ހުންނަ އެބްޒޯބެންޓް ރޯލް) 500mm x 50mm 
  3. 10 (ދިހައެއް) ބާލީސް (ހަމައެކަނި ތެޔޮ ނެގޭ ގޮތަށް ހުންނަ އެބްޒޯބެންޓް ޕިލޯ) 450mm x 450؛
  4. 10 (ދިހައެއް) ގޯނި (ކޮންޓެމިނޭޓެޑް ވޭސްޓް އެޅުމަށް)؛ 
  5. 2 (ދޭއް) އޮއިލް ރެސިސްޓެންޓް އަންގި؛ 
  6. 2 (ދޭއް) ޑިސްޕޯސަބަލް އޯވަރރޯލްސް؛ 
  7. 1،000 (އެއްހާސް) ލީޓަރުގެ ލޮކަބަލް ވެދަރ ޕްރޫފް ކޮންޓެއިނަރ.

 

21 ވަނަ މާއްދާ - ތެޔޮ އުފުލާ އުޅަނދުގެ ކެޕްޓަނާއި ފަޅުވެރިން

(ހ) ތެޔޮ އުފުލާ އުޅަނދުފަހަރުގައ، ތިރީގައި ބަޔާންކޮށްފައިވާ އަދަދަށް ކެޕްޓަނުންނާއި ފަޅުވެރިން ތިބެންވާނެއެވެ.

  1. 1 (އެކެއް) ކެޕްޓަން؛
  2. މަދުވެގެން 3 (ތިނެއް) ފަޅުވެރިން؛ 
  3. 1 މެރިން މެކޭނިކް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކެޕްޓަން ނުވަތަ ޑްރައިވަރަކީ، އެންމެ ދަށް ވެގެން ނިޔަމިކަމުގެ ސެޓުފިކެޓު 1ނުވަތަ އެއަށްވުރެ މަތީ ފާހެއްގެ ކޯހެއް ފުރިހަމަކުރުމަށްފަހު،މިނިސްޓްރީން ދޫކުރާ ލައިސަންސް ކެޓަގަރީ "ސީ" ނުވަތަ "ޑީ" ކެޓަގަރީ އެންޑޯޒްކޮށްފައި އޮތް ފަރާތެއްކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަޅުވެރިންނަކީ،ފަޅުވެރިކަމުގެ ސަނަދު އޮތް ފަރާތްތަކަކަށް ވާންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާމެރިންގ މެކޭނިކަކީ، މެރިން މެކޭނިކް ސެޓުފިކެޓު ނުވަތަ މެކޭނިކަލް ދާއިރާއިން މެރިން މެކޭނިކް ސެޓުފިކެޓަށްވުރެ މަތީ ސެޓުފިކެޓެއް އޮތް ފަރާތްތަކެއްކަން، އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުން ކަށަވަރު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަރާތްތަކަކީ ތިރީގައި ބަޔާންކޮށްފައިވާ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވާންވާނެއެވެ.

  1. ޓޭންކަރ ފެމިލަރައިޒޭށަން ކޯސް؛
  2. ޕަރސަނަލް ސަވައިވަލް ޓެކްނީކްސް؛ 
  3. ފަޔަރ ޕްރިވެންށަން އެންޑް ފަޔަރފައިޓިންގ؛
  4. އެލިމެންޓަރީ ފަސްޓްއެއިޑް؛ 
  5. ޕަރސަނަލް ސޭފްޓީ އެންޑް ސޯށަލް ރެސްޕޮންސިބިލިޓީސް.

 

22 ވަނަ މާއްދާ - ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރު ގައި މުދާ އުފުލުން

(ހ) ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގައި މުދާ އުފުލުމުގައި އަދި އެ އުޅަނދަކީ އަޅައިފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދެއް ނަމަވެސް، އެފަދަ އުޅަނދުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ވާންވާނެއެވެ.

  1. ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގައި ހެޗްތައް ހުންނަންވާނީ، ފެން ނުވަން ނާނޭހެން ރަނގަޅަށް ބައްދައިފައިކަން (ވޯޓަރ ޓައިޓްކޮށްކަން) ޔަގީންކުރަން ވާނެއެވެ. 
  2. ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގައި އިމަރޖެންސީއެއް ދިމާވެއްޖެ ހާލަތެއްގައި އެ އުޅަނދުގެ ހުރިހާ ފަޅުވެރީންނަށް އެރޭވަރުގެ ލައިފްރާފްޓް ނުވަތަ ރެސްކިއު ބޯޓު ހުންނަންވާނެއެވެ. 
  3. ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގައި ހުންނަ ލައިފްރާފްޓް ނުވަތަ ރެސްކިއު ބޯޓު ގަވާއިދުން ސަރވިސް ކުރަންވާނެއެވެ. 
  4. ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ 24 (ސައުވީސް) މީޓަރަށްވުރެ ދިގު ނުވަތަ 100 (އެއްސަތޭކަ) ގްރޮސްޓަނޭޖާ ހަމަޔަށް ނުވަތަ 10،000 (ދިހަހާސް) ލީޓަރަށް ވުރެ ގިނައިން ތެޔޮ އުފުލާ އުޅަނދުފަހަރުގެ ކެޕްޓަނުންނަކީ ނިޔަމިކަމުގެ ސަނަދު އޮތް ކެޕްޓަނަކަށް ވާންވާނެއެވެ. 
  5. ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ 24 (ސައުވީސް) މީޓަރަށްވުރެ ދިގު ނުވަތަ 100 (އެއްސަތޭކަ) ގްރޮސްޓަނޭޖާ ހަމަޔަށް ނުވަތަ 10،000 (ދިހަހާސް) ލީޓަރަށްވުރެ ގިނައިން ތެޔޮ އުފުލާ އުޅަނދުފަހަރުގައި ޓޭންކަރ ކޯސް ފުރިހަމަކޮށްފައި ހުރި މީހަކު ހުންނަންވާނެއެވެ.
  6. ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 (އެއްސަތޭކަ) ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެންވާނީ،ދަށްވެގެން ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ (ސީ.އޯ.ސީ) 3000GT އޮތް ފަރާތެކެވެ. 
  7. ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 (އެއްސަތޭކަ) ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދުފަހަރުގެ ހުރިހާ ފަޅުވެރިންނަކީ ބޭސިކް ސީމޭން ޓްރެއިނިންގ ކޯސްތަކާއި (ފަޔަރ ޕްރިވެންށަން އެންޑް ފަޔަރ ފައިޓިންގ، ސަރވައިވަލް ޓެކްނިކްސް، ޕަރސަނަލް ސޭފްޓީ އެންޑް ސޯށަލް ރެސްޕޮންސިބިލިޓީ އަދި އެލެމެންޓަރީ ފަސްޓް އެއިޑް) އެޑްވާންސް ފަޔަރފައިޓިންގއާއި ޓޭންކަރ ކޯސް ހަދައިފައިވާ ފަރާތްތަކަށް ވާންވާނެއެވެ. 
  8. ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގައި މުއްދަތު ހަމަނުވާ ހަލް އެންޑް މެށިނަރީއާއި ސަލްވޭޖު ހިމެނޭގޮތަށް، މެރިން އިންށޫރަންސް ޕޮލިސީއެއް އޮންނަންވާނެއެވެ.

(ށ) ދަގަނޑުން ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 (އެއްސަތޭކަ) ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދުފަހަރުގައި މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓު އޮންނަންވާނެއެވެ. އަދި މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓުގައި، ތިރީގައި ބަޔާންކޮށްފައިވާ ރޭންކްތަކުގެ މީހުން، އެންމެ މަދުވެގެން ވެސް ތިބެންވާނެއެވެ.

  1. މާސްޓަރ؛
  2. ވޮޗްކީޕިންގ އިންޖިނިއަރ؛ 
  3. ވޮޗްކީޕިންގ އޮފިސަރ؛
  4. ޑެކްރޭޓިންގ 2 (ދޭއް) މީހުން؛ 
  5. އިންޖީނު ރޭޓިންގ 2 (ދޭއް) މީހުން.

 

23 ވަނަ މާއްދާ - ސްޓެބިލިޓީ ހިފެހެއްޓުމާއި، އުޅަނދަށް މުދާ ބަރުކުރުން

(ހ) މުދާ އުފުލާ އުޅަނދުފަހަރަކީ، އެ އުޅަނދެއް ކަނޑުމަތީގައި ހަރުލައި ހުރުމަށް (ސްޓެބިލިޓީ) ބޭނުންވާ މިންގަނޑުތައް ކަމަށް "އިންޓެކްޓް ސްޓެބިލިޓީ ކޯޑު 2008 "ގެ A PART ގެ 2.1 އާއި 2.2 ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ބަނދެފައިވާ އުޅަނދެއް ކަމުގައި ވާންވާނެއެވެ.

(ށ) މުދަލުގެ ގޮތުގައި ލަކުޑި އުފުލާ އުޅަނދުފަހަރަކީ، އެ އުޅަނދެއް ކަނޑުމަތީގައި ހަރުލައި ހުރުމަށް (ސްޓެބިލިޓީ) ބޭނުންވާ މިންގަނޑުތައް ކަމަށް "އިންޓެކްޓް ސްޓެބިލިޓީ ކޯޑު 2008 ގެ PART A ގެ  3.3، 3.3.2 އާއި  PART B ގެ 6.2 ގައި ބަޔާންކޮށްފައިވާ މިންގަނޑަށް އަމަލުކުރާ އުޅަނދެއް ކަމުގައި ވާންވާނެއެވެ.

(ނ) މުދަލުގެ ގޮތުގައި ލަކުޑި އުފުލާ އުޅަނދުފަހަރުގައި މުދާ ބަރުކުރަންވާނީ، އިންޓަރނޭށަނަލް ކޮންވެންށަން އޮން ލޯ ޑްލައިންސް 1966 ގެ ގަވާއިދު 42 ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ރ) މުދާ އުފުލާ އުޅަނދުފަހަރުގައި މުދާ ބަހައްޓާ ތަންތަނާއި މުދާ ބަހައްޓާ ފަލުކާތަކުގެ ހުޅުވުންތައް (ހެޗްވޭ) މޫސުމުން ރައްކައުތެރިކުރުމުގެ ގޮތުން ހުންނަންވާނީ، އިންޓަރނޭށަނަލް ކޮންވެންށަން އޮން ލޯ ޑްލައިންސް 1966 ގެ ގަވާއިދު 14 އާއި، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

24 ވަނަ މާއްދާ - ބަރުމަރުކާއާއި ޓަނޭޖް 

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި މުދާ އުފުލަންވާނީ، އެ އުޅަނދަކަށް ކަނޑައަޅައިފައިވާ ބަރުމަރުކާއެއްގެ މެދުން އުޅަނދުގެ ދިގުގޮތަށް ދަމައިލެވޭ ރޮނގުގެ މަތީކައިރިއަށްވުރެ ބަރުނުވާ ގޮތަކަށެވެ.

(ށ) ކަނޑުދަތުރުފަތުރުކުރާ އުޅަނދުގެ ފަލުކާއާއި، ގެގަނޑުގެ އެތެރެއާއި ތައްޓުމަތީގައި މުދާ އުފުލަންވާނީ، އެ ތަންތަނުގައި މުދާ އުފުލުމަށް ކަނޑައަޅައިފައިވާ މިންގަނޑަށްވުރެ ބަރުނުވާ މިންވަރަށެވެ.

 

25 ވަނަ މާއްދާ - ހަވާލުވެފައިނުވާ މުދާ

ކަނޑު ދަތުރުފަތުރުކުރާ އުޅަނދަކަށް އަރުވާ މުދަލެއް ކަނޑައަޅައިފައިވާ ބަނދަރަށް ބޭލުމަށްފަހު އެ މުދަލާ ހަވާލުވާންޖެހޭ ފަރާތުން މުދަލާ ހަވާލުވެފައި ނުވާނަމަ، އުޅަނދުގެ ކެޕްޓަނުގެ ބެލުމުގެ ދަށުގައި އެ މުދާ ބަހައްޓާނީ، އެ މުދަލެއް އެ އުޅަނދަކަށް އެރުވިއިރު ދެފަރާތުން އެއްބަސްވެފައިވާ މުއްދަތަކަށް އަދި އެއްބަސްވެފައިވާ ގޮތަކަށެވެ.

 

26 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ކަނޑު ދަތުރުފަތުރުކުރާ އުޅަނދަކަށް އަރުވާ މުދަލާ ގުޅޭ އަންނަނިވި މައުލޫމާތު،އުޅަނދުގެ ކެޕްޓަން، ދުވަހުން ދުވަހަށް ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ހ) މުދާ އެރުވި ބަނދަރު.

(ށ) އުޅަނދަށް އެރުވުމުގެ ކުރިން މުދަލަށް ގެއްލުމެއް ލިބިފައިވާނަމަ، އޭގެ ތަފުސީލު.

(ނ) އެ އުޅަނދަކަށް އެރުވި މުދަލުގެ އަދަދު.

(ރ) އެ އުޅަނދަކަށް އެރުވި މުދަލުގެ ސީ.ބީ.އެމް ނުވަތަ ބަރުދަން ކިލޯގްރާމުން ނުވަތަ ގްރޮސްޓަނުން.

(ބ) ކޮންޓެއިނަރުގައި ހުންނަ މުދާނަމަ، ކޮންޓެއިނަރުގެ އަދަދާއި، ކޮންޓެއިނަރުގެ ސައިޒް.

(ޅ) އެ އުޅަނދަކަށް އެރުވި މުދަލުގެ ބާވަތްތައް.

(ކ) މުދަލުގެ އަގުގެ ގޮތުގައި ކޮންމެ ޔުނިޓަކަށް ވަކިންޖެހޭ އަދަދު.

(އ) މުދަލަށް ދައްކަންޖެހޭ އަގު ލިބިފައިވާކަން.

(ވ) ނުރައްކައުތެރި މުދާ ހުރިނަމަ، އެ މުދަލުގެ ތަފުސީލު.

(މ) ދަތުރުގެ ތެރޭގައި މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގެ ތަފުސީލު.

(ފ) މުދާ ބޭލި ބަނދަރު ނުވަތަ ބަނދަރުތައް.

(ދ) މުދަލާ ހަވާލުވި ފަރާތުގެ މައުލޫމާތު.

(ތ) ވެރިފަރާތުން ހަވާލުވެފައިނުވާ މުދަލެއް ހުރިނަމަ، އެ މުދަލަކާ ގުޅޭ މައުލޫމާތު.

(ލ) އުޅަނދަށް އަރުވާ ތެލުގެ މައުލޫމާތު.

 

27 ވަނަ މާއްދާ - މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު 

(ހ) އުޅަނދަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި ކެޕްޓަނުން ނުވަތަ ފަޅުވެރިންގެ އިހުމާލުން މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދަކާ ހަވާލުވެހުރި ފަރާތަކުން، މުދަލުގެ ވެރިފަރާތަށް ދޭންޖެހޭނެއެވެ.

(ށ) އުޅަނދުގައި މުދާ އުފުލުމުގެ ތެރޭގައި ކެޕްޓަނުން ނުވަތަ ފަޅުވެރިންގެ އިހުމާލުން މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދަކާ ހަވާލުވެހުރި ފަރާތަކުން، މުދަލުގެ ވެރިފަރާތަށް ދޭންޖެހޭނެއެވެ.

 

28 ވަނަ މާއްދާ - ބާރުނުފޯރުވޭ ހާދިސާއަކާ ގުޅިގެން ލިބޭ ގެއްލުން

ދިވެހިރާއްޖޭގައި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އެއްރަށުން އަނެއްރަށަށް ނުވަތަ ކަނޑުމަގުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި، އުޅަނދުގެ ކެޕްޓަނުން ކަނޑު ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަރުވާތެރިކަމާއެކު ދަތުރުކުރަމުން ދަނިކޮށް އުޅަނދުގެ ކެޕްޓަނުގެ ނުވަތަ ވެރިފަރާތުގެ ގަސްތަކާ ނުލައި ދިމާވާ ހާދިސާއަކާ ގުޅިގެން މުދަލަށް ލިބޭ ގެއްލުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދާ ހަވާލުވެ ހުންނަ ފަރާތުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

 

29 ވަނަ މާއްދާ - ސަލާމަތީ ކަންކަން

މުދާ އުފުލުމުގައި ރައްކައުތެރިވުމަށް ޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް، ގަވާއިދު ނަންބަރު 2015-229 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަޅަންވާނެއެވެ.

 

30 ވަނަ މާއްދާ - މަނާ ކަންކަން

ދިވެހިރާއްޖޭގައި ކަނޑުމަގުން މުދާ އުފުލުމުގައި، އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.

(ހ) އުޅަނދުގައި މުދާ ބަރުކޮށްފައިވާ ތަންތަނުގައި އަލިފާން ގެންގުޅުން.

(ށ) އުޅަނދަށް ކަނޑައަޅައިފައިވާ ބަރުމަރުކާއަށް ވުރެ އިތުރަށް މުދާ އުފުލުން.

(ނ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ ފަދަ މުދަލެއް އުފުލުން.

 

31  ވަނަ މާއްދާ - އަދަބު ކަނޑައެޅުން

(ހ) މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފިނަމަ، އެ އަމަލެއް ކުރި ފަރާތެއް އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދާ ހަވާލުވެހުރި ފަރާތެއްގެ އަދަބަކީ، 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

(ށ) މި ގަވާއިދާ ހިލާފުވާ ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 1،000 (އެއްހާސް) ރުފިޔާއާއި 2،000 (ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޖޫރިމަނާކުރުމަށްފަހު، އެ އަމަލެއް ތަކުރާރުކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދުގެ އިތުރުން، 1،000 (އެއްހާސް) ރުފިޔާ ނެގުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 3( ތިނެއް( މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

33 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ލައިސަންލުން" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް އަރުވައިފައި ހުންނަ މުދާ، ކަނޑު ގަދަވެގެން ފުރޮޅައިލައިފާނެތީ، ވަރުގަދަޔަށް އެ އުޅަނދުގެ އެކިއެކި ތަންތަނަށް ލައްވައި ބާރަށް ބަނދެ ހަރުކުރުމަށެވެ.

(ށ) "ސީ.ބީ.އެމް" ކަމަށް ބުނެފައި އެވަނީ، ކިއުބިކު މީޓަރަށެވެ.

(ނ) "ބޯރުދޫ" ކަމަށް ބުނެފައި އެވަނީ، މައިތައްޓުން މައްޗަށް އުސްކޮށް ޖަހައިފައި ހުންނަ ފަށްގަނޑަށެވެ.

(ރ) "ބަރުމަރުކާ" ނުވަތަ ޕްލިމްސަލް މާކް ކަމަށް ބުނެފައި އެވަނީ، އުޅަނދު އެންމެ ބޮޑަށް ބަރާކުރެވޭނެ މިންވަރު ފާހަގަކުރަންއުޅަނދުގައި ޖަހައިފައިވާ ނިށާނަށެވެ.

(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކަނޑު ދަތުރުފަތުރު ކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޅ) "ތެލުގެ ބާވަތްތައް" ކަމަށް ބުނެފައިވަނީ، ޕެޓްރޯލާއި، ޑިސަލާއި، ސާފުތެލާއި ބޭނުންކޮށްފައިވާ ރެސިޑިއުސް ފަދަ ތެލުގެ ބާވަތްތަކަށެވެ.

(ކ) "ސީވާދިނަސް ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ސަރވޭ ކުރުމަށްފަހު، އުޅަނދުގައި ސަލާމަތީގޮތުން ހުރުން ލާޒިމުވާ ތަކެއްޗާއި ކަންކަން ފުރިހަމައަށް ހުރިނަމަ، އެ އުޅަނދަށް ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ސަލާމަތީ ސެޓުފިކެޓަށެވެ.

(އ) "ބަރުމަރުކާ ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް ކޮންވެންށަން އޮން ލޯޑް ލައިންސް 1966 ގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުފަހަރު ސަރވޭކުރުމަށްފަހު، އެ އުޅަނދަކުން މުދާ އުފުލޭނެ މިންވަރު ބަޔާންކޮށްފައި ދޫކުރާ، މުއްދަތު ހަމަނުވާ ބަރުމަރުކާ ސެޓުފިކެޓަށެވެ.

(ވ) "ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން މުދާ އުފުލާ އުޅަނދުފަހަރުގައި އެއްވެސް ބާވަތެއްގެ ނުރައްކައުތެރި މުދަލެއްނުވަތަ ފަސޭހައިން އަލިފާން ހިފާ ބާވަތުގެ އެއްވެސް އެއްޗެއް އުފުލާނަމަ، އެ އުޅަނދުފަހަރުގައި ނުރައްކައުތެރި މުދާ ބަހައްޓާ ތަންތަނާއި އެ މުދާ ގެންގުޅޭނެގޮތް ފަޅުވެރިންނަށް ބުނެދީފައިވުމާއެކު،އެ މުދާ އިންޓަރނޭށަނަލް މެރިޓައިމް ޑޭންޖަރަސް ގްޑުސް (އައި.އެމް.ޑީ.ޖީ) ކޯޑުގައި ބަޔާންކޮށްފައިވާ ގޮތަށް ލޭބަލްކޮށްފައި ހުރުމާއެކު، އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ލޭބަލްތައް ފެންނާނޭ ގޮތަށް އެ އުޅަނދުފަހަރުގައި ބަހައްޓައިފައި ހުރިކަން ޔަގީން ކުރުމާއެކު، އެ އުޅަނދަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ނުރައްކައުތެރި މުދާ ނުވަތަ ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމުގެ ސެޓުފިކެޓަށެވެ.

(މ) "ނޭށަނަލް ސްވޭޖް ޕޮލިއުށަން ޕްރިވެންށަން ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން 30 (ތިރީސް) މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރު ނުވަތަ "އޭ" ޒޯނަށް ސަރވޭކޮށް ސަލާމަތީ ސެޓުފިކެޓު ދޫކުރުން ލާޒިމުކޮށްފައިވާ އުޅަނދުފަހަރުގައި ފާހާނާ ނިޒާމާއެކު ސްވޭޖް ޕްލާންޓް ހުރުމާއެކު، އެ ސްވޭޖު ރައްކައުކުރުމަށް ހޯލްޑިންގޓޭންކާއި ޑިސްޗާޖިންގ ޕައިޕްލައިން މާޕޯލް މުއާހަދާގެ އެނެކްސް IV ގެ ރެގިއުލޭށަން 9 ނުވަތަ 10 ގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިކަން ނުވަތަ އެންމެ ދަށްވެގެން ހޯލްޑިންގ ޓޭންކް ނުވަތަ ޑިސްޗާޖިންގ ޕައިޕްލައިން ގާއިމުކޮށްފައިވާކަން ސަރވޭކޮށް ޔަގީންކުރުމަށްފަހު، އެ އުޅަނދަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސްވޭޖު ސެޓުފިކެޓަށެވެ.

(ފ) "މިނިމަމް ސޭފު މޭނިންގ ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ،ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި އެންމެ މަދުމިނުން އުޅަނދު އޮޕަރޭޓުކުރުމަށް ބޭނުންވާ ކްރޫއިން (ކެޕްޓަނުންނާއި ފަޅުވެރީންނާއި އިންޖީން ޑިޕާޓުމަންޓުގައި މަސައްކަތްކުރާ އެހެނިހެން ފަރާތް ތައް) އެ މީހުން ހާސިލުކުރަންޖެހޭ ތައުލީމާއި ތަމްރީނު ފުރިހަމަކުރުމަށްފަހު ހޯދަންޖެހޭ ސެޓުފިކެޓުހޯދައިފައިވާކަން ޔަގީންކުރުމަށްފަހު އެ އުޅަނދަށް ދޫކޮށްފައިވާ،މުއްދަތު ހަމަނުވާ މޭނިންގ ސެޓު ފިކެޓަށެވެ.

(ދ) "ޕްރޮޖެކްޓް މުދާ" ކަމަށް ބުނެފައި އެވަނީ، ހާއްސަ މުދަލެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ވަކި ހާއްސަގޮތްތަކަށް ކަނޑައަޅައިފައިވާ ބައެއްގެ ބެލުމުގެ ދަށުން ބަލަހައްޓަންޖެހޭ ގޮތަށް ކަނޑައަޅައިފައިވާ މުދަލަށެވެ.

(ތ) "ނުރައްކައުތެރި މުދާ" (އައި.އެމް.ޑީ.ޖީ. ކާގޯ) ކަމަށް ބުނެފައި އެވަނީ، އުޅަނދުން އުފުލާ މު ދަލުގެ ތެރޭގައި ހިމެނޭ މުދަލެއްގެ ސަބަބުން އުޅަނދާއި އުޅަނދުން އުފުލާ މުދަލަށާއި މީހުން ނަށް ނުރައްކައުވެދާނެ ގޮތަށް ނުރައްކައުތެރި މުދަލުގެ ގޮތުގައި ލިސްޓުކޮށްފައިވާ މުދަލުގެ ގޮތުގައި ހިމެނޭ ކޮރޯސިވް، ކޮމްބަސްޓަބަލް، ރޭޑިއޯ އެކްޓިވް، ޕޮއިޒަނަސް ނުވަތަ ޕޮލޫޓިންގ ތަކެތި ހިމެނޭ ތަކެއްޗަށެވެ.

(ލ) "އިންޓަރނޭށަނަލް ކޯޑް އޮފް ސިގްނަލް" ކަމަށް ބުނެފައި އެވަނީ،ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ކުރާ މަސައްކަތެއް ނުވަތަ އެ އުޅަނދުފަހަރަށް ދިމާވާ ހާލަތެއް އެހެން ފަރާތްތަކަށް އަންގައިދިނުމަށް ޓަކައި (ނެވިގޭށަނަލް ސޭފްޓީ) މުއާސަލާތު ކުރުމުގެ ވަސީލަތެއްގެ ގޮތުން ބޭނުންކުރާ ދިދަތަކާއި އަޑުތަކާއި ނިށާންތަކަށެވެ.

(ގ) "އެކްސްޕްލޯށަން ޕްރޫފް" ކަމަށް ބުނެފައި އެވަނީ، އެއްޗެއް ބޭނުންކުރުމުންނާއި އަދި އުޅަނދުގައި ހިނގާ އެކްސްޕްލޯށަނެއްގެ ސަބަބުން ގޮވުމެއް ނުގޮވާ ގޮތަކަށް ތައްޔާރުކޮށްފައި ހުންނަ ހުރުމަށެވެ.

(ޏ) "އުޅަނދުގެ ފްރީބޯޑް" ކަމަށް ބުނެފައި އެވަނީ، އުޅަނދު އެންމެ ބަރުކޮށް އޮންނައިރު އުޅަނދުގެ ފުންމިނުގެ ދިގުމިނުގެ ފެންފަށަލައާއި އުޅަނދުގެ މައިތައްޓާ ދެމެދުގައިވާ ޖާގައަށެވެ.

(ސ) "އުޅަނދު ގޭސް ފްރީކުރުން" ކަމަށް ބުނެފައި އެވަނީ، ތެޔޮ ނުވަތަ ގޭސް އުފުލާ އުޅަނދުފަހަރުގެ ޓޭންކުތަކުގައި ހުރި ވޭޕަރސްތައް ހުސްކުރުމަށެވެ.

(ޑ) "ކްލެސިފިކޭށަން ސޮސައިޓީ" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީސް (އައެކްސް) ގައި ހިމެނޭ ފުލް މެންބަރުންނަށެވެ.

(ޒ) "ސޮޕެޕް ސްޕިލް ކިޓް" ކަމަށް ބުނެފައި އެވަނީ، ތެޔޮ އުފުލާ އުޅަނދުފަހަރުން ތެޔޮ ބޭރުވެއްޖެ ހާލަތެއްގައި މާޕޯލް މުއާހަދާގެއެނެކްސް 1 ،ރެގިއުލޭށަން 37 ގައި ބަޔާންކޮށްފައިވާ ތެޔޮ ބޭރުވުން ހުއްޓުވުމަށް ޓަކައި ނުވަތަ މަދުކުރުމަށް ޓަކައި ބޭނުންވާ އެކި ވައްތަރުގެ ތެޔޮ އެބްޒޯބެންޓްސްއާއި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި ބޭނުންކުރާ ތަކެތި ހިމެނޭ ކިޓަށެވެ.

(ޓ) "ހަލް އެންޑް މެށިނަރީ އަދި ސަލްވޭޖު ހިމެނޭ މެރިން އިންށޫރަންސް ޕޮލިސީ" ކަމަށް ބުނެފައި އެވަނީ، މެރިން އިންށޫރަންސްގެ ގޮތުގައި އެ އުޅަނދަށް ލިބޭ ނުރައްކައުތެރި އަދި އުޅަނދު ހަލާކުވެދާ ފަދަ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށާއި،އުޅަނދު އުރިގެން ނުވަތަ ފެތިގެން ދިމާވާ ހާދިސާތަކުން އުޅަނދު ސަލްވޭޖު ކުރުން ހިމެނޭގޮތަށް ނަގާ އިންށޫރަންސް ޕޮލިސީއަށެވެ.

(ޔ) "އިންޓަރނޭށަނަލް ކޯޑް ފްލެގް ބީ" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް ކޯޑް އޮފް ސިގްނަލްގައި ހިމެނޭ "ބްރާވޯ" ދިދައަށެވެ. ބްރާވޯ ދިދައިން ދޭހަކޮށްދެނީ، އެ އުޅަނދުން ނުރައްކައުތެރި މުދާ އުފުލަމުންދާކަން ނުވަތަ ނުރައްކައުތެރި މުދާ އަރުވައި ބާލަމުންދާކަމުގެ ސިގްނަލަށެވެ.

(ޕ) "އިންޓެކްޓް ސްޓެބިލިޓީ ކޯޑު 2008" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސްޓެބިލިޓީއާ ގުޅޭ މިންގަނޑުތަކާއި އުޅަނދު އޮޕަރޭޓުކުރުމުގައި އުޅަނދަށާއި އުޅަނދުން އުފުލާ މީހުންނަށާއި ބަރުކުރާ މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބައިނަލްއަގްވާމީގޮތުން އެކުލަވައިލައިފައިވާ ކޯޑަށެވެ.

(ޖ) "އިންޓަރނޭށަނަލް ކޮންވެންށަން އޮން ލޯޑް ލައިންސް 1966" ކަމަށް ބުނެފައި އެވަނީ، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި މުދާ އުފުލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް އަންގައިދިނުމުގެ ގޮތުން ދުނިޔޭގެ ކަނޑު ދަތުރުފަތުރާ ބެހޭ ޖަމްއިއްޔާއިން އެކުލަވައިލައިފައިވާ މުއާހަދާއަށެވެ.

 

ޖަދުވަލު 1

 

އުޅަނދަށް މުދާ އެރުވިކަމުގެ ލިޔުން

މުދލުގެ ވެރި ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު

 

މުދާ ހަވާލުކުރި ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު

 

އުޅަނދަށް އެރުވި މުދަލުގެ ބާވަތާއި ވޮލިއުމް

 

އުޅަނދަށް އެރުވި މުދަލުގެ އަދަދު

 

އުޅަނދުގެ ނަން

 

އުޅަނދު އޮތް ބަނދަރު

 

އުޅަނދަށް މުދާ އެރުވި ތާރީހާއި ގަޑި

 

މުދަލާ ހަވާލުވާެނ ފަރާތް

 

މުދަލަށް ދައްކާފައިވާ ފައިސާގެ ތަފުސީލު

 

މުދާ ބާލަންޖެހޭ ބަނދަރު

 

މަތީގައި ބަޔާންކޮށްފައިވާ މުދަލާ، މި އުޅަނދުގެ ފަރާތުން އަހުރެން ހަވާލުވެއްޖައީމެވެ. 

ނަން:

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު:

ދާއިމީ އެޑްރެހާއި މިހާރު އުޅޭ އެޑްރެސް:

ފޯނު ނަންބަރު:

ސޮއި:

 

 

ޖަދުވަލު 2

Article 14

Initial and Periodical Surveys and Inspections

  1. A ship shall be subjected to the surveys and inspections specified below:
        1. A surevy before the ship is put in service, which shall include a complete inspection of its structure and equipment in so far as the present Convention covers the ship. This survey shall be such as to ensure that the 
    1. A periodical survey at intervals specified by the Administration, but not exceeding five years, which shall be such as to ensure that the structure, equipment, arrangements, material, and scantlings fully comply with the requirements of the present Convention. 
    2. A periodical inspection which three months either way of each annual anniversary date of the certificate, to ensure that alterations have not been made to the hull or superstructures which would affect the calculations determining the position of the load line and so as to ensure the maintenance in an effective condition of fittings and appliances for:

i. protection of openings;

ii. guard rails;

111. freeing ports; and 

iv. means of access to crew's quarters.

2. The periodical inspections referred to in paragraph (1)(c) of this Article shall be endorsed on International Load Line Certificate (1966) or on the International Load Line Exemption Certificate issued to a ship exempted under paragraph (2) of Article 6 of the present Convention. 

 

މައި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-69)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު