-

ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ށައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-58)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 ޖަނަވަރީ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ށައްކުކުރެވިއްޖެނަމަ، އެ ފަރާތެއް ދިވެހިރާއްޖެއަށްއެތެރެވުމަށް ހުއްދަ ދިނުމާމެދު ގޮތެއް ކަނޑައެޅުމުގައި، ކަމާބެހޭ ފަރާތްތައް ގުޅިގެން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ށައްކުކުރެވޭ ހާލަތްތަކުގައި، އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދު ތަންފީޒުކުރާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންފީޒީ އިދާރާތަކުގެ މަށްވަރާއާއެކު، މޯލްޑިވްސް އިމިގްރޭށަނުންނެވެ.

 

2 ވަނަ މާއްދާ - ބާރު ލިބިދޭ ގާނޫނު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 29 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 35 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީން، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ށައްކުކުރެވޭ ހާލަތްތަކުގައި، ކަމާބެހޭ މުއައްސަސާތައް ގުޅިގެން، އެފަދަ މީހުންނާމެދު އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(ށ) ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއެއްގެ ލަގެޖުގައި ނުވަތަ ހަށިގަނޑުގެ ތަނެއްގައި ފޮރުވައިގެން މަސްތުވާއެއްޗެއް އެތެރެކުރަން އުޅެފިނަމަ، އެ މީހަކާމެދު އަމަލުކުރެވޭނެ އުސޫލު ބަޔާންކުރުން.

(ނ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 153 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވާ ފަރާތްތައް ދެނެގަތުމަށް ޓަކައި، ކަމާބެހޭ ފަރާތްތަކުން ގުޅިގެން ހިންގާ އޮޕަރޭށަންތަކަށް އެހީތެރިވުމުގެ ގޮތުން، މަސްތުވާތަކެތި ހިފައިގެން ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީން، އެ ތަކެއްޗާއެކު ދިވެހިރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ދެވޭނެ އުސޫލުތައް ކަނޑައެޅުން.

(ރ) ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅޭކަމަށް ށައްކުކުރެވިގެން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން، އެ ކަމުގެ ބާވަތަށް ބަލައި، ދިވެހިރާއްޖޭގެ އިމިގްރޭށަނުގެ ގާނޫނުގައިވާ ގޮތުގެ މަތީން، އެ މީހާ އެތެރެވުމުގެ ފުރުސަތު ނުދީ، އެ މީހާ އައި ފްލައިޓުން އަނބުރާ ފޮނުވައިލަންޖެހޭ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރު ން.

(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ހިންގުމުގައި، ކަމާ ގުޅޭ ތަންފީޒީ އިދާރާތައް ގުޅިގެން އަމަލުކުރަންޖެހޭ ހާލަތްތަކުގައި އެ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި ކަމާ ގުޅޭ ދާއިރާތަކުން ފޯކަލް ޕޮއިންޓުން ކަނޑައެޅުން.

 

4 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދެވޭނެ ހާލަތްތައް

(ހ) ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަމަށް ށައްކު ކުރެވިއްޖެނަމަ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ފޯކަލް ޕޮއިންޓުންގެ މަށްވަރާއާއެކު، އަންނަނިވި ހާލަތްތަކުގައި، އެ މީހަކު ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.

  1. އެ މީހަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު، ދިވެހި ފުލުހުންގެ ހިދުމަތަށް ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިފައިވުން؛
  2. އެ މީހެއްގެ ލަގެޖުގައި މަސްވުތާ އެއްޗެއް ހުރިކަމަށް ށައްކުކުރެވުން؛
  3. އެ މީހަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓަކައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭނުންކުރާ ނުވަތަ ކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުން.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ ކަމާ ގުޅޭ ތަންފީޒީ އިދާރާތަކުން ހިންގާ އޮޕަރޭށަނަކާ ގުޅިގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވާރކްތައް ދެނެގަތުމަށް ޓަކައި، މަސްތުވާތަކެއްޗާއެކު މީހަކު ދިވެހިރާއްޖެ އެތެރެވުމުގެ ފުރުސަތު ދިނުމަކަށް މި މާއްދާގެ (ހ) އިން ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކަށް ދިވެހިރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ނުދީ ހިފެހެއްޓޭ ހާލަތުގައި، އަންނަނިވި 2 (ދޭއް) ގޮތުންކުރެ ގޮތެއްގެ މަތީން އަމަލުކުރަންވާނެއެވެ. އަދި އަމަލުކުރާނެގޮތް ކަނޑައަޅާނީ،ފޯކަލް ޕޮއިންޓުންގެ މެދުގައި މަށްވަރާކުރުމަށްފަހުގައެވެ.

  1. އެ މީހަކު ކޮށްފައިވާ ޖިނާއީ ކުށް ތަހުގީގުކުރުމަށާއި ހައްޔަރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުން؛
  2. މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެ މީހަކު އައި އެއަރލައިނާ މަށްވަރާކޮށްގެން އެ މީހާ އަނބުރާ ފޮނުވައިލުން.

 

5 ވަނަ މާއްދާ - މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ މަސައްކަތުގައި އެއްބާރުލުން ދޭން އެއްބަސްވާ ހާލަތުގައި ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދިނުން

ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާތަކެތި ދިރުވައިލައިގެން ނުވަތަ އެ ވަގުތު އަތުލެވެން ނެތް ގޮތަކަށް ހަށިގަނޑުގެ ތަނެއްގައި ރައްކައުކޮށްގެން ދިވެހިރާއްޖެ އެތެރެކުރަން އުޅޭކަމަށް ށައްކު ކުރެވުނު ނަމަވެސް، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކޮންޓްރޯލްޑް ޑެލިވަރީ ހެދުމަށް އެއްބަސްވާނަމަ، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ދައުލަތުން ކުރާ މަސައްކަތުގައި އެއްބާރުލުން ދޭން އެއްބަސްވާނަމަ، އަދި މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯކަލް ޕޮއިންޓުންގެ މެދުގައި ވެވޭ މަށްވަރާއިން، އޭނާ މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިދާނެ ކަމަށް ފެންނަނަމަ، އެ މީހާ އައި އެއަރލައިނާ މަށްވަރާކޮށްގެން، އެ މީހާ އަނބުރާ ފޮނުވައިލުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހު، އެ މީހަކު ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭން ނިންމިދާނެއެވެ.

 

6 ވަނަ މާއްދާ - އެތެރެވުމުގެ ހުއްދަ ދެވޭ ފަރާތްތައް ބެލެހެއްޓުން

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭ ފަރާތްތައް މެދުވެރިކޮށް ކުރަން ބޭނުންވާ އެންމެހައި ކަންތައްތައް ކޮށް ނިމެންދެން އެ މީހަކަށް ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަން ފޯރުކޮށްދީ، އެ މީހެއްގެ އެންމެހައި ކަންތައްތައް ބަލަހައްޓާނީ، ދިވެހި ފުލުންގެ ހިދުމަތުންނެވެ. އެއަށްފަހު، މޯލްޑިވްސް އިމިގްރޭށަނުގެ ބެލުމުގެ ދަށުން އެ މީހަކު އަނބުރާ ފޮނުވައިލަންވާނެއެވެ.

 

7 ވަނަ މާއްދާ - އަނބުރާ ފޮނުވައިލަންޖެހޭ ބިދޭސީން

(ހ) ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީންގެ ތެރެއިން، އެ މީހެއްގެ ލަގެޖުން ނުވަތަ ހަށިގަނޑުގެ ތަނަކުން މަސްތުވާތަކެތި ފެނިގެން ނުވަތަ އެފަދަ ތަނެއްގައި ފޮރުވައިފައި ހުރިކަމަށް ށައްކުކުރެވިގެން، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯކަލް ޕޮއިންޓުންގެ މެދުގައި މަށްވަރާކޮށް، އެ މީހަކު އެތެރެވުމުގެ ހުއްދަ ދީފިނަމަ ދިމާވެދާނެ ކަންކަމުގެ މައްޗަށް ބަލައި، އެންމެ ރަނގަޅުގޮތަކީ އެ މީހާ ދިވެހިރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދީ، އެ މީހާ ގެނައި މަސްތުވާ ތަކެތި ނުވަތަ އެ މީހާ އަތުގައި ހުރިކަމަށް ށައްކު ކުރެވޭ މަސްތުވާ ތަކެތި، ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަތުލުމަށްފަހު، އެ މީހާ އައި ފްލައިޓުން އެ މީހާ އަނބުރާ ފޮނުވައިލުން ކަމަށް ފެނިއްޖެނަމަ، އެކަން އެގޮތަށް ކުރުމުގެ އިހްތިޔާރު،ކޮންޓްރޯލަރ އޮފް އިމިގްރޭށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މީހާ ދިވެހިރާއްޖެ އައި ފުލައިޓުން އެ މީހާ ރާއްޖެއިން ފޮނުވައިލަން ޖާގަ ނުލިބޭނަމަ، އެ މީހާ ދަތުރުކުރި އެއަރލައިނާ ނުވަތަ އެ މީހާއަކީ އޭޖެންޓެއް މެދުވެރިވެގެން ދިވެހިރާއްޖެ އައި މީހެއްނަމަ، އެ އެޖެންޓަކާ ވާހަކަދައްކައިގެން އެ މީހާ އަނބުރާ ފޮނުވައިލުމުގެ އިންތިޒާމާއި، އެ ހައިތަނަށް އޭނާ ބެހެއްޓުމުގެ އިންތިޒާމާއި، އެކަމަށް ޓަކައި ކުރަންޖެހޭ އެންމެހައި ހަރަދުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ މީހާ ފޮނުވައިލެވެންދެން މޯލްޑިވްސް އިމިގްރޭށަނުން އޭނާ ބަހައްޓަންޖެހޭ ހާލަތުގައި، އެ ބަހައްޓާ ތަނެއްގައި އޭނާ ހުންނައިރު، އޭނާގެ ރައްކައުތެރިކަން، ދިވެހި ފުލުހުންގެ ހިދުމަތުން ބަލަހައްޓަންވާނެއެވެ.

 

8 ވަނަ މާއްދާ - ފޯކަލް ޕޮއިންޓް ކަނޑައެޅުން

(ހ) މި ގަވާއިދަށް އަމަލުކުރުމަށް ޓަކައި ކުރަންޖެހޭ މުއާމަލާތުތައް ކުރުމަށާއި، ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި، ތަންފީޒީ އިދާރާތަކުން، ޑިރެކްޓަރެއް ނުވަތަ ސެކްށަނުގެ އިސްވެރިޔާ، ހާއްސަ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އަދި ފޯކަލް ޕޮއިންޓު ނެތް ހާލަތުގައި ނުވަތަ އެ މީހާއަށް އެ ވާޖިބު އަދާކުރެވެން ނެތް ހާލަތުގައި އެ މީހާގެ ދައުރު އަދާކުރާނެ، ޑިރެކްޓަރެއް ނުވަތަ ސެކްށަނުގެ އިސްވެރިޔާ، ބަދަލު ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ކަނޑައަޅައި، އެ އިދާރާތަކުގެ މެދުގައި ހިއްސާކުރަންވާނެއެވެ. އަދި ފޯކަލް ޕޮއިންޓުންގެ ގޮތުގައި ކަނޑައަޅާ މުވައްޒަފުން ބަދަލުކުރާނަމަ، ލަސްނުކޮށް އެކަން ވެސް ހިއްސާކުރަންވާނެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާމެދު ފޯކަލް ޕޮއިންޓުންގެ މެދުގައި މަށްވަރާކޮށްގެން ގޮތެއް ނިންމާއިރު، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެ ފަރާތެއް ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭނަމަ، ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލަ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ލިބެން ހުރިތޯ؛
  2. އެފަދަ މީހަކު ބަހައްޓައިގެން މައްސަލަ ބެލުމަށް ޓަކައި ހިނގާނެ ހަރަދު؛
  3. ށައްކުކުރެވޭ މީހާގެ އަތުން މަސްތުވާ ތަކެތި ނުފެނުނު ނަމަވެސް،
    ޑިސްޓްރިބިއުށަނަށް ތަކެތި ފޯރުވާކަމަށް ބެލެވިފައިވާ މައުލޫމާތަށް.

(ނ) މި ގަވާއިދު ފުރިހަމަގޮތުގައި ތަންފީޒު ކުރެވޭކަން ކަށަވަރު ކުރުމަށް ޓަކައި، މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު، ފޯކަލް ޕޮއިންޓުންގެ މެދުގައި މަށްވަރާ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމުގައި ކަމާބެހޭ 3 (ތިނެއް) އިދާރާއިން ވެސް މި ގަވާއިދުގެ ދަށުން އަމަލުކުރެވޭ މަސްތުވާތަކެތީގެ މައްސަލަތަކުގެ "ޓްރެންޑް އެނަލިސިސް" އެއް ހަދައި، އެ ބައްދަލުވުމުގައި މަށްވަރާކުރަންވާނެއެވެ. އަދި 
މި ގަވާއިދަށް އެއްވެސް އިސްލާހެއް ގެންނަންޖެހޭކަމަށް ފާހަގަކުރެވޭނަމަ، އެ އިސްލާހެއް ގެނައުމަށް ހުށަހަޅަންވާނެއެވެ.

(ބ) ފޯކަލް ޕޮއިންޓުންގެ މަސްއޫލިއްޔަތަކީ ކޮންމެ ވަގުތެއްގައި ވެސް އަދާކުރަންޖެހިދާނެ މަސްއޫލިއްޔަތެއްކަމުން "އޮން ޑިއުޓީ" ގައި ހުންނަ މުވައްޒަފާއި، ފޯކަލް ޕޮއިންޓަކާ ދެމެދު މުއާސަލާތު ކުރެވޭނެ އިންތިޒާމު އަބަދުވެސް ހަމަޖެހިފައި އޮންނަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ ދަށުން ގޮތެއް ނިންމަންޖެހޭ ކަންކަމުގައި، އެ އިދާރާއަކުން ކަނޑައަޅައިފައިވާ ފޯކަލް ޕޮއިންޓު ދޭ މަށްވަރާ ދޭންވާނީ ލިޔުމުންނެވެ. އަދި އެ މަށްވަރާ ދިނުމުގައި އެ އިދާރާއެއް ހިންގާ އެންމެ އިސްވެރިޔާގެ ލަފާ ހޯދަންވާނެއެވެ. ނަމަވެސް، އިސް ވެރިޔާއާ ނުގުޅުމުގެ ސަބަބުން ލަފާ ލިބުން ލަސްވެ، ގޮތެއް ނިންމަންޖެހޭ ހާލަތެއްނަމަ، ފޯކަލް ޕޮއިންޓުގެ މަށްވަރާއާއެކު ގޮތެއް ނިންމަންވާނެއެވެ.

 

9 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

މި ގަވާއިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ ދަށުން އަމަލު ކުރެވޭ ފަރާތްތަކާމެދު އަމަލު ކުރިގޮތުގެ ރިކޯޑު، ކަމާބެހޭ ތަންފީޒީ އިދާރާތަކުން ބަލަހައްޓަންވާނެއެވެ.

 

10 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުންގެ މައުލޫމާތު އެންގުން

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަންފީޒީ އިދާރާތަކުން ކަނޑައަޅާ ފޯކަލް ޕޮއިންޓުންގެ މައުލޫމާތު، އެއް އިދާރާއިން އަނެއް އިދާރާއަށް އަންގަންވާނެއެވެ. އަދި އެ މައުލޫމާތު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި ތަންފީޒީ ކޮންމެ އިދާރާއެއްގެ ބެލެނިވެރި ވުޒާރާއަށް އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ - ގަވާއި ދަށް އަމަލު ކުރަންފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަސް ފަހުންނެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށް ޓަކައި އަންނަނިވި ލަފުޒުތައް މާނަކުރެވޭނީ އަންނަނިވި ގޮތަށެވެ.

(ހ) "ބިދޭސީން" ކަމުގައި ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ އިމިގްރޭށަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހި ރައްޔިތުން ނޫން މީހުންނަށެވެ.

(ށ) "ކަމާބެހޭ އިދާރާ" އަދި "ތަންފީޒީ އިދާރާ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އިމިގްރޭށަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ދިވެހި ފުލުހުންގެ ހިދުމަތަށެވެ.

(ނ) "ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އަށެވެ.

(ރ) "ފޯކަލް ޕޮއިންޓް" ކަމަށް ބަޔާންކޮށްފައި އެވަނީ، މޯލްޑިވްސް އިމިގްރޭށަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ދިވެހި ފުލުހުންގެ ހިދުމަތުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ މަށްވަރާތައް ކުރުމަށް ކަނޑައަޅައިފައިވާ ފަރާތްތަކަށެވެ.

(ބ) "ޑިސްޓްރިބިއުށަން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް މަސްތުވާތަކެތި ފޯރުކޮށްދެވިދާނެ އެއްވެސް އަމަލެއް ހިންގުމަށެވެ.

(ޅ) "ޓްރެންޑް އެނެލިސިސް" ކަމަށް ބުނެފައި އެވަނީ، މަސްތުވާތަކެތި އެތެރެކުރަން އުޅޭ ފަރާތްތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފާނެކަމަށް ބެލެވޭ ފަރާތްތައް އިތުރަށް ބަލައި ވަޒަންކުރުމުގެ ގޮތުން ކުރެވޭ ދިރާސާއަށެވެ.

 

މައި ގާނޫނޫ

އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2007-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު