-

ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-72) އަށް 1 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-55)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 ޖަނަވަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2020-72 (ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް 10.

(ހ) ތަމްރީނު ދިނުމުގެ ބޭނުމުގައި ވިޔަސް، ނުވަތަ އާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައި ވިޔަސް، އަންނަނިވި ބާވަތްތަކުގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމަކީ މަނާކަމެކެވެ.

  1. ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް؛
  2. ތެލާއި ޕެޓްރޯލު ފޯރުވުމުގެ އަމަލީ މަސައްކަތްތައް؛
  3. ސިނގިރޭޓާއި، ދުންފަތުގެ އެހެނިހެން ބާވަތްތަކާއި، ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ އަމަލީ މަސައްކަތްތައް؛
  4. ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެށިނަރީ އޮޕަރޭށަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތައް؛
  5. ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްތައް؛
  6. ކޮންސްޓްރަކްށަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި، ސިމެންތިޖެހުން ފިޔަވައި އެހެން މަސައްކަތްތައް؛
  7. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް، ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތްތައް.

(ށ) ތަމްރީނު ދިނުމުގެ ބޭނުމުގައި ވިޔަސް، ނުވަތަ އާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައި ވިޔަސް، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަސައްކަތްތައް، އުމުރުން 16 (ސޯޅަ) އަހަރު ފުރިފައިވާ ކުދިން ލައްވާ ކުރުވަންވާނީ ނުވަތަ އެއިން މަސައްކަތެއްގައި ބައިވެރިކުރެވޭނީ، އެ ކުދިންގެ މަސައްކަތް ސުޕަވައިޒް ކުރާނެ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.

  1. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި،ކޮންސްޓްރަކްށަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުން، ސިމެންތިޖެހުން؛
  2. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ގަރާޖާއި ވޯކްށޮޕާއި ކާޕެންޓްރީއާއި ވެއަރހައުސްތަކުގައި ކުރާ އަމަލީ މަސައްކަތްތައް؛
  3. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ދަތުރުފަތުރު ކުރުމުގެ ހިދުމަތެއް އަމަލީގޮތުން ކޮށްދިނުމުގެ މަސައްކަތްތައް؛
  4. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތަކުގެ ތެރެއިން 2 (ދޭއް) ހަފުތާއަށްވުރެ ދިގުނުވާނޭ ގޮތަށް ކަނޑުމަތީގައި ހޭދަވާ މަސައްކަތްތައް؛
  5. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، ދިވެހިރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ އިދާރީ މަސައްކަތްތަކާއި، ޓެކްނިކަލް ބާވަތްތަކުގެ މަސައްކަތްތައް؛ 
  6. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި، އެއްވެސް 
    ބާވަތެއްގެ ކާނާއެއްގެ ފުޑް ޕްރޮސެސިންގ މަރުހާލަތަކުގައި ހިމެނޭ 
    މަސައްކަތްތައް؛
  7. ކުއްޖާގެ ކަންކަން ސުޕަވައިޒުކުރާނޭ ފަރާތަކާ އެކުގައި އެއްވެސް ބާވަތެއްގެ ދިރޭއެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި، އެފަދަ ދިރޭ އެއްޗެއްހި ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތެއް ކުއްޖަކު ލައްވައި ކުރުވާ ފަރާތެއްގެ މައްޗަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން ފިޔަވަޅު އެޅޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްގައި ކުޑަކުއްޖަކު ބައިވެރިކުރުވާނަމަ، ކުދިންގެ މަސައްކަތް ސުޕަވައިޒްކުރާނެ ފަރާތެއް ކަނޑައަޅައި، ކުދިންގެ މަސައްކަތްތައް ސުޕަވައިޒްކުރާ ފަރާތުން ކުދިންގެ މަސައްކަތްތައް ސުޕަވައިޒްކުރާގޮތް މޮނިޓަރކުރުމުގެ އެންމެހައި ޒިންމާތަކެއް އުފުލާނީ ވަޒިފާދޭ ފަރާތުންނެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތެއްގައި ކުދިން ބައިވެރިކުރުވޭނީ، އަންނަނިވި ކަންކަމުގެ މައްޗަށް ވަޒީފާދޭ ފަރާތާއި ކުއްޖާގެ ބެލެނިވެރި ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

  1. ކުއްޖާ ބައިވެރިކުރާ މަސައްކަތުގެ ބާވަތާއި ކުއްޖާ ކުރަންޖެހޭނެ މަސައްކަތުގެ ތަފުސީލު؛
  2. ކުއްޖާއަށް ކުއްލި ހާލަތެއްގައި ސިއްހީ ފަރުވާ ބޭނުންވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
  3. ކުއްޖާއާ ގުޅިގެން އެންމެހައި ކަންކަމުގައި ބެލެނިވެރި ފަރާތާއި،ވަޒީފާދޭ ފަރާތުން މުއާމަލާ ތުކުރާނެ ގޮތާއި، މުއާމަލާތުކުރާނެ ފަރާތެއްގެ މައުލޫމާތު؛
  4. ކުއްޖާ ބައިވެރިކުރުވާ މަސައްކަތުން ކުއްޖާއަށް ކުރާނެ ފައިދާތަކާއި ލިބިދެވޭނެ އެންމެހައި އި ނާޔަތްތައް؛
  5.  ކުއްޖާ ބައިވެރިކުރާ މަސައްކަތުގައި ކުއްޖާ ބައިވެރިކުރުވުމަށް ކުއްޖާގެ ބެލެނިވެރި ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހިމެނުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-72)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-72)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު