-

ކުނި އުކައިލުމާއި ކުނި ނައްތައިލުމާބެހޭ ގަވާއިދު - ބ. އޭދަފުށި

(ގަވާއިދު ނަންބަރު 2022-215)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 ނޮވެމްބަރު 2022 ގައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު އެ މާއްދާގެ  (ށ) ގެ ދަށުން ކައުންސިލުން އެކުލަވައިލައިފައިވާ ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ކުނި މެނޭޖުކުރާނެ ތަނެއް ކަނޑައެޅުން 

(ހ) މި ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު، މި ގަވާއިދުގެ ބޭނުމަށް ޓަކައި ރަށުގެ ލޭންޑްޔޫޒް ޕްލޭނާއި، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު) އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުނި މެނޭޖްކުރާނެ ތަނެއް ކަނޑައެޅުމަށްފަހު، (ތިނެއް) މަސްދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި ކުނި މެނޭޖްކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންފީޒުކުރާ އިދާރާއަށް ކައުންސިލުން ލިޔުމުން އެކަން އަންގަންވާނެއެވެ.

(ށ) ރަށުގެ ވަކި ތަނެއް އެއީ ކުނި މެނޭޖުކުރާ ތަން ކަމުގައި ކަނޑައެޅުމުގައި،ކައުންސިލުން، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ރަށުގައި ޖާގަ އޮތް މިންވަރަކުން، މީހުން ދިރިއުޅޭ ސަރަހައްދަށް ދަތިނުވާ ދުރުމިނެއްގައި، ކުނި އުފުލުމަށް ފަސޭހަ ހިސާބެއް ކަނޑައެޅުން؛
  2. ރައްކައުތެރި ގޮތެއްގައި ކުނި މެނޭޖުކުރެވޭ ފަދަ ތަނަކަށް ވުން؛
  3. އެ ތަނަށް ކުނި ޖަމާކުރުމުގެ ސަބަބުން، ރަށުގެ ވެއްޓަށާއި އާންމު ސިއްހަތަށާއި އިގްތިސާދަށް ކޮށްފާނޭ ނޭދެވޭ އަސަރު އެންމެ ކުޑަވާނޭ ސަރަހައްދެއް ކަނޑައެޅުން؛
  4. އަހަރުގެ ބޮޑު ބައިގައި، ރަށަށް ވައިޖެހޭ މިސްރާބަށް ބަލައި، ކުނީގެ ވަހާއި ދުމުގެ އަސަރު ރަށުތެރެއަށް ކުރާ މިންވަރު އެންމެ ކުޑަވާނެ ސަރަހައްދެއް ކަނޑައެޅުން؛
  5. ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ރަށުގައި ވާނަމަ، އެފަދަ ސަރަހައްދަކަށް ކުނީގެ ސަބަބުން ނެދެވޭ އަސަރު އެންމެ ކުޑަވާނެ ތަނެއް ކަނޑައެޅުން؛
  6. ކުނި މެނޭޖުކުރުމަށް ކަނޑައެޅޭ ސަރަހައްދަކީ، ކުނީގެ ސަބަބުން ރަށުގެ ގޮނޑުދޮށަށް އަސަރުނުކުރާނެ ސަރަހައްދެއް ކަމުގައި ވުން؛
  7. ފެންސު ޖަހައި، ނުވަތަ ވަށާ ފާރު ރާނައި، ނުވަތަ އެ ނޫންވެސް އެކަށީގެންވާ ގޮތަކަށް، ކުނި މެނޭޖުކުރުމަށް ކަނޑައަޅާ ސަރަހައްދު ވަކިކުރެވިފައިވުން؛
  8. ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ، ކުނި އެޅުން މަނާ ތަނެއްކަމަށް ކަނޑައަޅައިފައިވާ ފަދަ ތަނެއްކަމުގައި ނުވުން.

 

4 ވަނަ މާއްދާ - ކުނި އުފުލުން

(ހ) ކުނި އެޅުމަށް ކަނޑައަޅައިފައިވާ ތަނަކަށް ނުވަތަ އެނޫންވެސް ތަނަކަށް ކުނި ގެންދަންވާނީ، އާންމުންނަށް އުނދަގޫ ނުފޯރާ ގޮތަށް ރަނގަޅަށް ނިވާކޮށްގެންނެވެ. މީހެއްގެ އަތުންވިޔަސް ނުވަތަ ކުނި އުފުލާ ހާއްސަ އުޅަނދެއް، ނުވަތަ ލޮރީއެއް،ނުވަތަ ޕިކަޕެއް، ނުވަތަ ގާޑިޔަލެއް، ނުވަތަ ވީލްބަރޯ ފަދަ އެއްޗެއްގައި ވެސް ކުނި ގެންދަންވާނީ އެ ތަކެތި މަގުމައްޗަށް ނުފައިބާނޭހެން ރައްކައުތެރިކޮށްގެންނެވެ. އަދި ކުނި ގެންދާ އުޅަނދު، ގަވާއިދުން ދޮވެ ސާފުކޮށް ބަލަހައްޓަންވާނެއެވެ. އަދި ކުނި ގެންދާ އުޅަނދު ހުންނަންވާނީ ކުނީގެ ބާވަތްތައް ވަކިކުރެވޭނެ ގޮތަށެވެ.

(ށ) ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ، ވީހާވެސް އަވަހަކަށް އެ ތަނެއް ސާފުކުރަންވާނެއެވެ. އަދި ކުނި އެޅުނު ތަނެއް ސާފުނުކޮށްފިނަމަ، މި ގަވާއިދުގެ ބޭނުމަށް އެއީ މަގުމައްޗަށް ކުނި އެޅުންކަމުގައި ބެލެވޭނެއެވެ. އަދި ކައުންސިލުން އެ ތަނެއް ސާފުކުރުމަށް ދިޔަ ހަރަދު، އެ ކަމަށް ޒިންމާވާ މީހެއް ނުވަތަ ބައެއްގެ އަތުން އަތުލެވޭނެއެވެ.

 

5 ވަނަ މާއްދާ - ކުނިގޮނޑަށް ކުނި އެޅުމުގައި އަމަލުކުރަންޖެހޭ ގޮތް

ކުނި މެނޭޖްކުރާ ސެންޓަރަށް ކުނި އަޅަންވާނީ، އެ ސެންޓަރުގައި އެ ކުންޏެއް އެޅުމަށް ހާއްސަކޮށްފައިވާ ތަނަކަށެވެ. އަދި ވަކި ބާވަތެއްގެ ކުނި އެޅުމަށް ކަނޑައަޅައިފައިވާ ތަނަކަށް އެ ނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ، ކުނި އުކަން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނަކަށް ކުނި އެޅީކަމުގައި ބަލައި، މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

6 ވަނަ މާއްދާ - ކުނި އެންދުން

ކުނި އަންދަންވާނީ، އެ ނޫން އެއްވެސް ގޮތެއް ނެތްނަމައެވެ. އަދި ކުނި އަންދަން ޖެހިއްޖެ ހާލަތެއްގައި ކުނި އަންދަންވާނީ، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން، އާންމު ސިއްހަތަށާއި ތިމާވެށްޓަށް އެންމެ ގެއްލުން ކުޑަވާނޭ ގޮތެ އްގެ މަތީންނެވެ. ކުނި އަންދަންވާނީ، އެކަމަށް އެ ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ. އަދި ދުވަސް ކަނޑައަޅަންވާނީ، ވައި ދައުރުވާ ގޮތާއި، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހުގައެވެ.

 

7 ވަނަ މާއްދާ - ކުނި ޖަމާކުރުން

(ހ) މި ގަވާއިދަށް އަމަލު ކުރަން ފެށުމަށްފަހު، އެއްވެސް މީހަކު ގޯތީގައި އަދި ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގައި އަވަށްޓެރީންނަށް އުނދަގޫވެދާނެ ފަދަ ގޮތަކަށް ކުނި ޖަމާކުރުމަކީ، ނުވަތަ އުކައިނުލައި ގިނަކުރުމަކީ މަނާކަމެކެވެ.

(ށ) ކުނީގެ ތެރެއިން ނުބައިވަސްދުވާ ތަކެއްޗާއި، އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ ތަކެތި އުކައިނުލައި 1 (އެކެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ގޯތީގައި އަދި ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގައި ބަހައްޓައިފިނަމަ، އެ ކަމަކީ މި ގަވާއިދުގެ ދަށުން މަގުމައްޗަށް ކުނި އެޅުމާ އެއްފަދަ ކަމެއް ކަމުގައި ބަލައި، އެފަދަ ފަރާތްތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅުއެޅޭނެއެވެ.

(ނ) ގޯތީގައި ހުންނަ ކުނި އުކައި ލެވެންދެން ވެސް އެފަދަ ކުނި ޖަމާކޮށްފައި ބަހައްޓަންވާނީ، ކުނީގެ ބާވަތްތައް ވަކިކޮށްފައެވެ.

 

8 ވަނަ މާއްދާ - ކުނި މެނޭޖްކުރާ ތަން ފިޔަވައި އެހެން ތަނަކަށް ކުނި އެޅުން 

ކުނި މެނޭޖުކުރުމަށް ކައުންސިލުން ކަނޑައަޅާ ތަން ނޫން އެހެން ތަނަކަށް ކުނި އަޅައިފިނަމަ، އެކަން ކުރި ފަރާތަކާ މެދު މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ.

 

9 ވަނަ މާއްދާ - ޖޫރިމަނާ

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަމުގައި ފިޔަވަޅު އެޅޭނީ، އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައިވާ ގޮތުގެ މަތީންނެވެ. އަދި އެ ނޫން ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ، 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. އަދި ހަތަރު ވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ،ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

10 ވަނަ މާއްދާ - ކައުންސިލުން ކުރަންޖެހުނު ހަރަދު ހޯދުން

އެއްވެސް ފަރާތަކުން، މި ގަވާއިދާ ހިލާފަށް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކައުންސިލުން އެ ކަމެއް ރަނގަޅު ކުރަން ޖެހިއްޖެނަމަ، އެކަމަށް ދިޔަ ހަރަދު،އެ ކަން ކުރި ފަރާތަކުން ކައުންސިލަށް ދައްކަން ޖެހޭނެއެވެ.

 

11 ވަނަ މާއްދާ - ކުނީގެ ބޭނުން ހެޔޮގޮތުގައި ހިފުން 

ކުނިގޮނޑަށް އުކާލާ ތަކެތީގެ ތެރެއިން ކައުންސިލުގެ ނަޒަރުގައި ބޭނުން ހިފޭނޭ ތަކެތި ނަގައިގެން އެ ތަކެތި ވިއްކައި ނުވަތަ ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށާއި ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ނުކުރާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައި ބަޔާންކޮށްފައިވާ މާނަކުރުމެވެ.

13 (ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލަށެވެ.

(ށ) "ކުނި މެނޭޖުކުރާ ތަން" ނުވަތަ "ކުނި މެނޭޖުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން ކުނި އަޅާނޭ ތަން ކަމުގައި ކަނޑައަޅާ ތަންތަނަށެވެ.

(ނ) "ކުނި" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު) ގައި ކުނިކަމަށް މާނަކޮށްފައިވާ ތަކެއްޗަށެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު