-

ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-71)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 މޭ 2022 ގައި)

 

ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 19 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، 71 ވަނަ މާއްދާގެ (ނ) ގެ (10) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ ނަމަކީ، "ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މަތީ ތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމުގެ އުސޫލުތައް ކަނޑައަޅައި އާންމުކުރުމެވެ.

 

3 ވަނަ މާއްދާ - ސަނަދުގެ ފެންވަރުބެލުމަށް ހުށަހެޅުން

(ހ) ސަނަދެއްގެ ފެންވަރު ބެލުމަށް ޓަކައި ހުށަހަޅަންޖެހޭ ލިޔުންތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ސަނަދުގެ ފެންވަރު ބެލުމަށް އެދި ހުށަހެޅުމަށް ޓަކައި އެމް.ކިއު.އޭ. އިން ށާއިއުކުރާ ފޯމު.
  2. ސަނަދުގެ ފެންވަރު ބެލުމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހުރިހާ ލިޔުމެއް.

(ށ) ސަނަދުގެ ފެންވަރު ބެލުމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހުރިހާ ލިޔުމެއް ހުށަނާޅައިފި ނަމަ، ފޯމު ބަލައެއް ނުގަނެވޭނެއެވެ.

(ނ) ސަނަދެއްގެ ފެންވަރު ބެލުމަށް ޓަކައި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހުށަހަޅަންޖެހޭ އެ ލިޔުންތަކުގެ އަސްލުތައް ޗެކް ކުރުމަށް ފަހު ވެރިފަރާތާ ހަވާލުކުރެވޭނެއެވެ.

(ރ) ސަނަދުގެ ފެންވަރު ބެލުމަށް އެދި ހުށަހަޅާ ފޯމުގައި ހުށަހަޅަންޖެހޭ ޓްރާންސްކްރިޕްޓް ނުވަތަ މާކްށީޓްތަކުގައި ސެމިސްޓަރ ބްރޭކްއައުޓެއް ވާނަމަ މިކަން ސާފުކޮށް ބަޔާންކޮށްދޭ ޓްރާންސްކްރިޕްޓް ނުވަތަ މާކްށީޓެއް ހުށަހަޅަން ވާނެއެވެ. އަދި ކިޔެވި މަރުކަޒަކުން އެ ފަރާތަށް އެގްޒެމްޕްށަނެއް ދީފައިވާނަމަ، އެކަންވެސް އެނގޭނޭ ގޮތުގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

 

4 ވަނަ މާއްދާ - ސަނަދުގެ ފެންވަރުބެލުމުގެ އިޖުރާއަތުތައް

(ހ) އެމް.ކިއު.އޭ. އިން ސަނަދެއްގެ ފެންވަރު ބަލާނީ، އެ ސަނަދެއްގެ ފެންވަރު ބެލުމަށްމި ގަވާއިދުގެ 3 މާއްދާގައި ވާ ގޮތަށް އެމް.ކިއު.އޭ. އަށް ހުށަހެޅުމުންނެވެ.

(ށ) ފެންވަރު ބެލުމަށް އެދި ހުށަހަޅާ ސަނަދަކާ މެދު އެމް.ކިއު.އޭ. އިން ޖަވާބުދާރީވާނީ،އެ ސަނަދެއް ހުށަހެޅި ސަނަދުގެ ވެރިފަރާތަށެވެ. މިފަދަ ސަނަދަކާ މެދު އެހެން ފަރާތަކުން މައުލޫމާތު ހޯދުމަށް އެދުނުކަމުގައި ވިޔަސް، އެފަދަ ފަރާތަކަށް ޖަވާބުދާރީވުމަކީ އެމް.ކިއު.އޭ. ގެ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ނޫނެވެ.

(ނ) ސަނަދެއްގެ ފެންވަރު ބަލާނީ، އެ ސަނަދެއް ހާސިލުކުރި މަތީ ތައުލީމު ދޭ މަރުކަޒާއި، އެ ޕްރޮގްރާމަކާ ބެހޭ ފުރިހަމަ މައުލޫމާތު، އެ ސަނަދެއްގެ ވެރި ފަރާތުން ހުށަހެޅުމުންނެވެ.

(ރ) ފެންވަރު ބެލުމަށް އެމް.ކިއު.އޭ. އަށް ހުށަހަޅާ ސަނަދުތަކުގެ ތެރެއިން ސްޓޭންޑަޑް ތައުލީމީ ހަރުފަތްތައް ތަރުތީބުން ގިރާކޮށްގެން ހާސިލުކޮށްފައިވާ ސަނަދުތަކާއި، ކުރިން "ސެޓްފިކެޓް ޕެނެލް" އިން އެއްގޮތަކަށް ނިންމައިފައިވާ ކަމަށް ރިކޯޑުތަކުން ދައްކާ އެއް ވައްތަރުގެ ސެޓުފިކެޓުތަކާއި، އެމް.ކިއު.އޭ. އިން ޕްރޮގްރާމް ހިންގުމުގެ ހުއްދަ ދީގެން ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ފެންވަރު ބެލުމުގައި އެމް.ކިއު.އޭ. ގެ އިތުރު ގުނަވަނަކަށް ހުށަހެޅުމެއްނެތި އިދާރީގޮތުން ވެލިޑޭޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނެއެވެ.

(ބ) ހުށަހަޅާ ސަނަދުތަކުގެ ތެރެއިން ސުވާލު އުފެދޭ ސަނަދުތަކުގެ ފެންވަރު ބެލުމުގައި ގޮތެއް ނިންމުމަށް ފުރަތަމަ މަރުހަލާގެ ގޮތުން އެމް.ކިއު.އޭ. ގެ އިންޓަރނަލް ޕެނަލުގައި މަށްވަރާ ކުރަންވާނެއެވެ.

(ޅ) ފެންވަރު ބެލުމަށް އެމް.ކިއު.އޭ. އަށް ހުށަހަޅާ ސަނަދުތަކުގެ ތެރެއިން އެމް.ކިއު.އޭ. ގެ ސަނަދު ގަބޫލުކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީ ން އެ ފަރާތަކުން ހުށަހެޅި ފެންވަރަކަށް ފެންވަރު ކަނޑައެޅުމުގައި އެމް.ކިއު.އޭ. ގެ "އިންޓަރނަލް ޕެނަލް" އަށް ދަތިވެއްޖެނަމަ، އެފަދަ ސެޓުފިކެޓުތަކުގެ ފެންވަރު ކަނޑައަޅާނީ،އެކަމަށް އައްޔަނުކޮށްފައިވާ "ސެޓްފިކެޓް ޕެނަލް" އިންނެވެ.

(ކ) ހާއްސަ ދާއިރާތަކުގެ ސަނަދުތަކުގެ ފެންވަރު ބެލުމުގައި، ކަމާބެހޭ ލައިސެންސިންގ އިދާރާތަކާއި ޕްރޮފެށަނަލް އިދާރާތަކުގެ ލަފަޔާއި އިރުށާދު އެމް.ކިއު.އޭ. އިން ހޯދިދާނެއެވެ.

 

5 ވަނަ މާއްދާ - އިންޓަރނަލް ޕެނަލް

(ހ) އެމް.ކިއު.އޭ. ގެ "އިންޓަރނަލް ޕެނަލް" ގައި ހިމެނޭނީ، އެމް.ކިއު.އޭ. ހިންގުމާ ހަވާލުވެ ހުންނަ ވެރިޔަކު އައްޔަނުކުރާ އެމް.ކިއު.އޭ. ގެ މުވައްޒަފުންނެވެ.

(ށ) އެމް.ކިއު.އޭ. ގެ "އިންޓަރނަލް ޕެނަލް" ގެ އަދަދަކީ 3 (ތިނެއް) އެވެ.

(ނ) އެމް.ކިއު.އޭ. ގެ "އިންޓަރނަލް ޕެނަލް" ހިންގުމާއި، އެ ޕެނަލުގެ ބައްދަލުވުންތައް ބޭއްވުމާއި، އެ ޕެނަލުގެ ނިންމުންތަކާ ގުޅޭ އުސޫލުތައް، މި ގަވާއިދުގެ ދަށުން ހަދާ "އިންޓަރނަލް ޕެނަލްގެ ހިންގާ އުސޫލު" ގައި ބަޔާންކުރަން ވާނެއެވެ.

 

6 ވަނަ މާއްދާ - ސެޓްފިކެޓް ޕެނަލް

(ހ) އެމް.ކިއު.އޭ. ގެ "ސެޓްފިކެޓް ޕެނަލް" އެކުލަވައިލައި، ސެޓްފިކެޓް ޕެނަލްގެ ޗެއަރޕަރސަން އައްޔަނު ކުރާނީ، މަތީ ތައުލީމުގެ ކަންތައް ބަލަހައްޓާ ވަޒީރެވެ.

(ށ) އެމް.ކިޔޫ.އޭ. ގެ "ސެޓްފިކެޓް ޕެނަލް" ގެ އަދަދަކީ 9 (ނުވައެއް) އެވެ.

(ނ) ސަނަދުގެ ފެންވަރު ބެލުމުގައި "ސެޓްފިކެޓް ޕެނަލް" އިން ނިންމާ ނިންމުމަކީ، އެ މައްސަލައެއްގެ އެންމެ ފަހު ނިންމުމެވެ.

(ރ) އެމް.ކިއު.އޭ. ގެ "ސެޓްފިކެޓް ޕެނަލް" ހިންގުމާއި، އެ ޕެނަލުގެ ބައްދަލުވުންތައް ބޭއްވުމާއި، އެ ޕެނަލުގެ ނިންމުންތަކާ ގުޅޭ އުސޫލުތައް، މި ގަވާއިދުގެ ދަށުން ހަދާ "ސެޓްފިކެޓް ޕެނަލްގެ ހިންގާ އުސޫލު" ގައި ބަޔާންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ސަނަދު ގަބޫލުކުރުމުގެ މިންގަނޑުތައް

އެމް.ކިއު.އޭ. އިން ގަބޫލުކުރާނީ، އަންނަނިވި މިންގަނޑުތަކަށް ފެތޭ ސަނަދުތަކެވެ.

(ހ) ކިޔަވާ މަތީ ތައުލީމުދޭ މަރުކަޒަކީ، އެމް.ކިއު.އޭ. ގަބޫލުކުރާ މަރުކަޒަކަށް ވުން.

(ށ) ސެޓުފިކެޓު އެވޯޑުކުރާ މަތީ ތައުލީމުދޭ މަރުކަޒަކީ، އެމް.ކިއު.އޭ. ގަބޫލުކުރާ މަރުކަޒަކަށް ވުން.

(ނ) ފެންވަރު ބެލުމަށް ހުށަހަޅާ ސަނަދަކީ، ހުއްދަ ދިނުމާއި، އެކްރެޑިޓްކުރުމުގެ ނިޒާމުގެތެރެއިން ވަކިވަކި ޕްރޮގްރާމްތަކަށް ހުއްދަ ހޯދަންޖެހޭ އަދި އެ މައުލޫމާތުތައް ށާއިއުކޮށްފައިވާ ގައުމެއް ނަމަ، ކިޔަވައިދޭ އަދި އެވޯޑްކުރާ ޔުނިވަރސިޓީއަކަށް އެ ގައުމެއްގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހިންގުމުގެ ހުއްދަ ދީފައިވާ ނުވަތަ އެކްރެޑިޓްކޮށްފައިވާ މަތީ ތައުލީމުގެ ޕްރޮގްރާމެއް ފުރިހަމަކޮށްގެން ދީފައިވާ ސަނަދަކަށް ވުން.

(ރ) ފެންވަރު ބެލުމަށް ހުށަހަޅާ ސަނަދަކީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ސަނަދަކަށް ވުން.

(ބ) ފެންވަރު ބެލުމަށް ހުށަހަޅާ ސަނަދަށް ކިޔެވި މަތީ ތައުލީމުގެ ޕްރޮގްރާމަށް ވައްދައިފައިވަނީ، އެމް.ކިއު.އޭ. ގެ "މިނިމަމް ކްރައިޓީރިއާ ފޮރ އެމް.އެން.ކިއު.އެފް ކޮލިފިކޭށަންސް" ގައި ކަނޑައަޅައިފައިވާ ށަރުތުތަކާ އެއްގޮތަށް ކަމުގައި ވުން.

 

8 ވަނަ މާއްދާ - ގަބޫލުކުރާ މަތީ ތައުލީމު ދޭ މަރުކަޒުތައް

ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން އެމް.ކި އު.އޭ ގަބޫލުކުރާ މަރުކަޒުތައް ކަމަށް ބެލެވޭނީ، ތިރީގައިވާ މިންގަނޑުތަކަށް ފެތޭ ތަންތަނެވެ.

(ހ) އެ މަރުކަޒަކީ އެ ގައުމެއްގެ ސަރުކާރުގެ މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ތަނަކަށް ވުން؛ އަދި

(ށ) އެ މަރުކަޒަކީ އެ ގައުމެއްގެ ސަރުކާރުގެ ނުވަތަ ސަރުކާރު ގަބޫލުކުރާ އެކްރެޑިޓޭށަން އޮތޯރިޓީއަކުން އެކްރެޑިޓްކުރާ ނުވަތަ ގަބޫލުކުރާ ތަނަކަށް ވުން.

 

9 ވަނަ މާއްދާ - ޖަވާބުދިނުމުގައި އަމަލުކުރާނެ އުސޫލު

(ހ) ފެންވަރު ބެލުމަށް ހުށަހަޅާ ސަނަދަކީ، އެމް.ކިއު.އޭ. އަށް ގަބޫލުނުކުރެވޭ ފަދަ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސަނަދެއް ނަމަ، ހުށަހެޅި ސަނަދަކީ، "އެމް.ކިއު.އޭ. އިން ގަބޫލުނުކުރާ މަރުކަޒަކުން ހާސިލުކޮށްފައިވާ ސަނަދަކަށް ވާތީ، އެ ސަނަދު ގަބޫލުކުރެވެން ނެތް" ކަމަށް ނުވަތަ ހުށަހެޅި ސަނަދަކީ، "ފެންވަރު ބަލައިދެވޭފަދަ ސަނަދެއް ނޫން" ކަމަށް "ފޯމުގެ ޖަވާބު 1 (އެދިފައިވާ ފެންވަރަށް، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށުން ސަނަދު ގަބޫލު ނުކުރެވޭތީ އެކަން އަންގައި، ދޭ ޖަވާބު)" ގައި، ހުށަހެޅި ފަރާތަށް ޖަވާބު ދެވޭނެއެވެ. މިގޮތަށް ޖަވާބު ދޭއިރު، ސަބަބު ބަޔާންކުރަންވާނެއެވެ.

(ށ) ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ސަނަދެއްގެ ފެންވަރު ބެލުމަށް ފަހު، އެ ސަނަދަކީ އެމް.ކިއު.އޭ. ގެ ސަނަދު ގަބޫލުކުރުމުގެ މިންގަނޑުތަކުގެ ދަށުން، ގަބޫލުކުރުމަށް އެދި ހުށަހެޅި ފެންވަރުގެ ސަނަދެއް ކަމަށް ވިޔަސް، އިތުރު މައުލޫމާތު ފޯރުކޮށްދިނުމުން ،ނިންމުން ބަދަލުކުރުމުގެ ފުރު ސަތު އޮވެއްޖެނަމަ، އެމް.ކިއު.އޭ . އިން ޖަވާބު ދޭނީ "ފޯމުގެ ޖަވާބު 2 (ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށުން ސަނަދުގަބޫލުކުރުމަށް، އިތުރު މައުލޫމާތު ބޭނުންވާތީ އެކަން އަންގައި ދޭ ޖަވާބު)" ގައެވެ. މިގޮތަށް ޖަވާބު ދޭއިރު، ގަބޫލު ނުކުރެވުނު ސަބަބާއި، އިތުރަށް ހުށަހަޅަންޖެހޭ ލިޔުންތަކާއި، މައުލޫމާތު ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާ ގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ޖަވާބު 2 އިން ހުށަހަޅަން އަންގާ މައުލޫމާތުތައް، އެންމެ ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އެމް.ކިއު.އޭ. އަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ހުށަހަޅަން އެންގި މައުލޫމާތުތައް އެމް.ކިއު.އޭ. އަށް ހުށަނާޅައިފިނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ޖަވާބު 1 އިން، ހުށަހެޅި ފަރާތަށް ޖަވާބު ދެވޭނެއެވެ.

(ރ) ސަނަދުތަކުގެ ފެންވަރު ކަނޑައަޅާނީ، އެ ސަނަދަކާ މެދު ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ބަލާއިރު، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ނުފެތޭކަމަށް މައުލޫމާތުތަކެއް ލިބިއްޖެ ހާލަތެއްގައި އެ ސަނަދެއް ގަބޫލުކުރާނީ އެންމެ ފަހުގެ މައުލޫމާތަށް ރިއާޔަތްކޮށެވެ.

(ބ) މަތީ ތައުލީމު ދޭ މަރުކަޒުތަކުން ދޭ ސްޓޭންޑަޑް ކޮލިފިކޭށަންތައް ކަމުގައިވާ، ބެޗްލަރސް ޑިގްރީއާއި، ޕޯސްޓް ގުރެޖުއޭޓް ސެޓުފިކެޓާއި، ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާއާއި، މާސްޓަރސް ޑި ގްރީއާއި، ޑޮކްޓޯރަލް ޑިގްރީ ފިޔަވައި، އެހެން ސަނަދުތައް، މުއްދަތާއި، ކްރެޑިޓާއި، އެންޓްރީ ކްރައިޓީރިއާއަށް ރިއާޔަތްކޮށް، ފެތޭ ދަށް ލެވެލާ އެއްވަރުކަމަށް ގަބޫލުކުރެވިދާނެއެވެ.

 

10 ވަނަ މާއްދާ - ޖަވާބު ދިނުމުގެ މުއްދަތު

(ހ) ހުރިހާ ލިޔުމެއް ހުށަހަޅައިފައިވާ އަދި ކިޔެވި ޕްރޮގްރާމް ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ހާލަތްތަކުގައި، ސަނަދުގެ ފެންވަރު ބެލުމަށް ހޭދަވާނީ އާންމު ގޮތެއްގައި ރަސްމީ 4 (ހަތަރެއް) ދުވަހެވެ.

(ށ) ސަނަދެއްގެ ފެންވަރު ބެލުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ސަނަދުގެ ވެރިފަރާތުން ހުށަނާޅާ ހާލަތްތަކުގައި ސަނަދުގެ ފެންވަރު ބެލުމަށް ހޭދަވާ ދުވަސްތަކަކީ އެމް.ކިއު.އޭ. އިން ޒިންމާ އުފުލަންޖެހޭ މުއްދަތެއް ނޫނެވެ. އަދި މިގޮތަށް ގިނަ ދުވަސް ހޭދަވުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ، އެ ސަނަދެއް ހުށަހަޅާ ފަރާތަކުންނެވެ.

(ނ) ސަނަދެއްގެ ފެންވަރު ބެލުމަށް އެމް.ކިއު.އޭ. އިން އިތުރު މައުލޫމާތެއް ހޯދަންޖެހޭނަމަ، އެ މައުލޫމާތެއް ހުށަހެޅުމަށް އެ ފަރާތަކަށް ލިޔުމުން (ފޯމުގެ ޖަވާބު 2 އިން) އަންގަންޖެހޭނެއެވެ. މި ގޮތަށް އެންގުމުން، އެ ސަނަދެއް ހުށަހެޅި ފަރާތަކުން އެ މައުލޫމާތެއް ހުށަހަޅަންޖެހޭނެއެވެ. މިގޮތުން ހުށަހަޅަންޖެހޭ މައުލޫމާތެއް ހުށަނާޅައި ގިނަ ދުވަސްވެ، އެ ސަނަދެއްގެ ފެންވަރު ބެލުން ލަސްވާ ލަސްވުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެ ސަނަދެއް ހުށަހެޅި ފަރާތުންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ސަނަދުގެ ފެންވަރު ބެލުމަށް ދީފައިވާ މުއްދަތުން އިސްތިސްނާވާ ހާލަތްތައް، ތިރީގައި މިވަނީއެވެ. މި ގޮތަށް ލަސްވާނަމަ، އެކަން ލިޔުމުން (ފޯމު 2 އިން) ހުށަހެޅި ފަރާތަށް އަންގަންޖެހޭނެއެވެ.

  1. މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ؛
  2. ސެޓްފިކެޓް ޕެނަލަށް ހުށަހަޅައިގެން ފެންވަރު ބަލަންޖެހޭ ސަނަދުތަ އް؛
  3. އެމް.ކިއު.އޭ. ގެ ފަރާތުން ރާއްޖެއިން ބޭރުގެ އިދާރާއަކުން އިތުރު މައުލޫމާތު ހޯދަންޖެހޭ ސަނަދުތައް.

 

11 ވަނަ މާއްދާ - ސަނަދު ގަބޫލުކުރާކަމަށް ޖަވާބު ދިނުން

(ހ) ސަނަދުގެ ފެންވަރު ބެލުމަށް ހުށަހަޅާ، ދިވެހިންގެ ސަނަދުތަކުގެ ފެންވަރު ބެލުމަށްފަހު ގަބޫލުކުރެވޭނަމަ، އެ ސަނަދެއްގެ ކޮޕީއެއްގައި ވެލިޑޭށަން ތައްގަނޑު ޖަހައި، އެ ތައްގަނޑުގައި އެ ސަނަދު ފެތޭ އެމް.އެން.ކިއު.އެފް. ގެ ފެންވަރު ލިޔެ، އެމް.ކިއު.އޭ. ގެ މަސްއޫލު ފަރާތެއް ސޮއިކޮށް، ސޮއިކުރާ ދުވަހުގެ ތާރީހު ޖަހަންވާނެއެވެ. ސަނަދުގެ ވެރިފަރާތަށް ދޫކުރާނީ، މިގޮތަށް ތައްގަނޑުޖަހައިފައިވާ އަސްލު ކޮޕީއެވެ. މި އަ ސްލުގެ ކޮޕީއެއް، އެމް.ކިއު.އޭ. ގައި ފައިލުކުރަންވާނެއެވެ.

(ށ) ސަނަދުގެ ފެންވަރު ބެލުމަށް ހުށަހަޅާ ރާއްޖެއިން ބޭރުގެ މީހުންގެ ސަނަދުތަކުގެ ފެންވަރު ބެލުމަށްފަހު ގަބޫލުކުރެވޭނަމަ ދޫކުރާނީ، "ކޮލިފިކޭށަން ރިކޮގްނިށަން ރިޕޯޓް" އެވެ.

 

12 ވަނަ މާއްދާ - އިތުރު ކޮޕީ

އެމް.ކިއު.އޭ. އިން ސަނަދެއްގެ ފެންވަރު ބެލުމަށްފަހު ސަނަދުގެ ވެރިފަރާތަށް ދޫކުރާ، މިކަމަށް ހާއްސަކޮށްފައިވާ ތައްގަނޑު ޖަހައިފައިވާ ސަނަދުގެ ކޮޕީ ގެއްލުމުން ނުވަތަ އެހެން ސަބަބަކާ ހެދި ނަމަވެސް، އިތުރު ކޮޕީއެއް ހައްދަންވެއްޖެ ނަމަ، ވެލިޑޭށަން ތައްގަނޑު ޖަހައިދެވޭނީ، އެކަމަށް އެދި ތައްޔާރުކޮށްފައިވާ ފޯމު (ފެންވަރު ބަލައިފައިވާ ސަނަދުގެ އިތުރު ކޮޕީއަކަށް އެދި ހުށަހެޅުމަށް ޓަކައި އެމް.ކިއު.އޭ. އިން ށާއިއުކުރާ ފޯ މު) ފުރިހަމަކުރުމަށްފަހު، އެމް.ކިއު.އޭ. އަށް ހުށަހެޅުމުންނެވެ. ހިދުމަތް އަވަސްކުރަން ބޭނުންނަމަ، ކުރީގައި ތައްގަނޑު ޖަހައިފައި ދޫކޮށްފައިވާ އަސްލުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހެޅުމުން، އެ ކޮޕީގައި ޖަހާ ތައްގަނޑުގައި ލިޔަންވާނީ، ފުރަތަމަ ކޮޕީގައި ޖެހި ތައްގަނޑުގެ ރިފަރެންސް ނަންބަރާއި، އެ ތައްގަނޑުގައި ސޮއިކުރާ ދުވަހުގެ ތާރީހެވެ.

 

13 ވަނަ މާއްދާ - ސަނަދުތަކުގެ ރިކޯޑު ބެލެހެއްޓުމާއި މައުލޫމާތު ފޯރުކޮށްދިނުން

އެމް.ކިއު.އޭ. އިން ސަނަދެއްގެ ފެންވަރު ބެލުމަށްފަހު ސަނަދުގެ ވެރިފަރާތަށް ތައްގަނޑުޖަހައިފައިވާ އަސްލު ދޫކުރުމަށްފަހު، އެމް.ކިއު.އޭ. ގައި ފައިލުކުރާ ކޮޕީއަކީ، އެމް.ކިއު.އޭ. ގެ ރިކޯޑު ރައްކައު ކުރުމަށް ޓަކައި ފައިލުކުރާ އެމް.ކިއު.އޭ. ގެ ކޮޕީއެވެ. މިކޮޕީ އެހެން ފަރާތަކަށް ދުލެއް ނުކުރެވޭނެއެވެ. އެކަމަކު، މި ކޮޕީގެ ކޮޕީއެއް ނުވަތަ އޭގައިވާ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް ކޮންމެހެން ބޭނުންވެގެން ނުވަތަ އެމް.ކިއު.އޭ. އިން ހުއްދަދޭ ކޯސް ހިންގާ މަރުކަޒަކުން ބަލަންޖެހޭ ކަމެއް ކަމަށް އެމް.ކިއު.އޭ. އަށް ގަބޫލުކުރެވޭ ކަމެއް ބެލުމުގެ ބޭނުމުގައި ސިޓީއަކުން އެދިއްޖެ ހާލަތެއްގައި އެ އިދާރާއަކަށް މައުލޫމާތު ދޫކުރެވިދާނެއެވެ.

 

14 ވަނަ މާއްދާ - ހިދުމަތުގެ ފީ

(ހ) ސަނަދުގެ ފެންވަރު ބެލުމަށް ދިވެހިންގެ އަތުން ނަގާ ފީއަކީ، ފުރަތަމަ ކޮޕީއަށް 100 (އެއްސަތޭކަ) ރުފިޔާއެވެ. އިތުރު ކޮޕީއެއްގައި، ފެންވަރު ބެލުމަށްފަހު ޖަހާ ތައްގަނޑު ޖަހާނަމަ، އިތުރު ކޮންމެ ކޮޕީއަކަށް ނަގާ ފީއަކީ، 50 (ފަންސާސް) ރުފިޔާއެވެ.

(ށ) ސަނަދުގެ ފެންވަރު ބެލުމަށް ރާއްޖެއިން ބޭރު މީހުންގެ އަތު ން ނަގާ ފީއަކީ 500 (ފަސް ސަތޭކަ) ރުފިޔާއެވެ. އިތުރު ކޮޕީއަކަށް ނަގާ ފީއަކީ، 250 (ދުއިސައްތަ ފަންސާސް) ރުފިޔާއެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އެމް.ކިއު.އޭ" ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީއަށެވެ.

(ށ) "ސަނަދުގެ ފެންވަރު ބެލުން" ކަމަށް ބުނެފައި އެވަނީ، ސަނދުގެ ފެންވަރު ބެލުމަށް މީހަކު ހުށަހަޅާ ސަނަދަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ސަނަދެއްތޯ ބެލުމަށް ކުރާ މަސައްކަތަށެވެ.

(ނ) "ސަނަދު ގަބޫލުކުރުން" ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސަނަދުގެ ފެންވަރު ބެލުމަށްފަހު ސަނަދު ގަބޫލުކުރުމަށް ނިންމާ ނިންމުމަށެވެ.

(ރ) "ވެލިޑޭށަން" ކަމަށް ބުނެފައި އެވަނީ، ސަނަދުގެ ފެންވަރު ބެލުމަށްފަހު، އެ ސަނަދަކީ ވަކި ފެންވަރެއް ކަމަށް ކަނޑައަޅައި ނިންމާ ނިންމުމަށެވެ. އަދި އެކަމަށް ތައްގަނޑެއް ޖަހާނަމަ ނުވަތަ ރިޕޯޓެއް ދޫކުރާނަމަ އެކަމަށެވެ.

(ބ) "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުގެ ހަރުފަތްތަކާއި، އެ ހަރުފަތްތަކުގެ ފެންވަރާއި، އެއިން ކޮންމެ ހަރުފަތަކަށް ވާސިލުވެވޭނެ ގޮތްތަކާއި، އެއިން ކޮންމެ ހަރުފަތެއްގައި ހާސިލުވާންޖެހޭ މިންވަރާއި، އެއިން ކޮންމެ ހަރުފަތެއް ފުރިހަމަކުރުމުން ލިބޭނޭ ސަނަދުތަކުގެ އޮނިގަނޑަށެވެ.

(ޅ) "އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށެވެ.

(ކ) "ފޯމުގެ ޖަވާބު 1" ކަމަށް ބުނެފައި އެވަނީ، ސަނަދުގެ ފެންވަރު ބެލުމަށް ހުށަހެޅުމުން، އެ ސަނަދަކީ ގަބޫލުކުރެވޭ ފަދަ ސަނަދެއް ނޫންނަމަ، އެދިފައިވާ ފެންވަރަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށުން ސަނަދު ގަބޫލުނުކުރެވޭތީ، އެ ހުށަހެޅި ފަރާތަކަށް އެކަން އެންގުމަށް ދޭ ޖަވާބަށެވެ.

(އ) "ފޯމުގެ ޖަވާބު 2" ކަމަށް ބުނެފައި އެވަނީ، ސަނަދުގެ ފެންވަރު ބެލުމަށް ހުށަހެޅުމުން، އެ ސަނަދެއްގެ ފެންވަރު ބެލުމަށް ޓަކައި އިތުރު މައުލޫމާތު ބޭނުންވާތީ، އެ ހުށަހެޅި ފަރާތަކަށް އެކަން އެންގުމަށް ދޭ ޖަވާބަށެވެ.

 

16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު