ލޮނުފެން މީރުފެނަށް ހަދާނިޒާމުގެ ހިދުމަތާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2002-00)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 އޮކްޓޫބަރު 2002 ގައި)
މި ގަވާއިދުގައި، ލޮނުފެން މީރުފެނަށް ހަދާ ނިޒާމުކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ލޮނުފެނުގައި ހުންނަ ލޮނުގެ މިންވަރު ދަށްކޮށް ބުއިމާއި، ކެއްކުމާއި، އެނޫންވެސް އާންމު އަސާސީ ބޭނުންތަކަށް ކަމުދާ ގޮތަށް ސިއްޙީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފެން އުފައްދާ މެށިނާއި އެއާ ގުޅޭ އެހެނިހެން ބައިތަކަށެވެ. މި ގަވާއިދުގައި މި ނިޒާމަށް ކިޔާނީ، ފެންހަދާ ނިޒާމެވެ.
1 ވަނަ މާއްދާ -
އެއްވެސް ފަރާތަކުން އެ ފަރާތުގެ އަމިއްލަ ބޭނުމަކަށް ނުވަތަ އެހެން ފަރާތެއްގެ ބޭނުމަކަށްވިޔަސް، ފެން ހަދާ ނިޒާމެއް ދިވެހިރާއްޖޭގައި ހިންގަންވާނީ، މި ގަވާއިދުގައިވާ ގޮތުގެ މަތިން މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭށަން އޮތޯރިޓީ (އެމް.ޑަބްލިޔު. އެސް. އޭ) ގައި ރަޖިސްޓްރީ ކޮށްގެންނެވެ.
2 ވަނަ މާއްދާ -
ފެންހަދާ ނިޒާމު ހިންގުމާއި ބެހޭ ގަވާއިދުގެ ދަށުން އެފަދަ ނިޒާމުތައް ހިންގުމަށްޓަކައި ރަޖިސްޓްރީކޮށްދެވޭނީ، އެ ނިޒާމަކީ، 200 މީހުންނަށްވުރެ ގިނަ މީހުން ބޭނުންކުރުމަށް ނުވަތަ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ނުވަތަ ފަތުރުވެރިކަން ނުވަތަ އިގްތިސާދީ ނުވަތަ ސިނާއީ މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކުރުމަށް ހިންގާ މަށްރޫއެއްގެ ދަށުން ބަހައްޓާ ނިޒާމެއް ކަމުގައި ވާނަމެއެވެ. ނުވަތަ ކަމުގެ ނުވަތަ މަށްރޫއުގެ ބާވަތުން ސަރުކާރަށް ފެނިވަޑައިގެންފި ހިނދެއްގައި، ހާއްސަ ހުއްދައެއްގެ ދަށުންނެވެ.
3 ވަނަ މާއްދާ -
ފެންހަދާ ނިޒާމް ހިންގުމަށްޓަކައި ރަޖިސްޓްރީ ކުރުމަށް އެމް.ޑަބްލިޔު. އެސް. އޭ އަށް ހުށަހަޅާއިރު، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ފެންހަދާ ނިޒާމް ބަލަހައްޓާ ތަނުގެ ރަށުގެ ފެނުގެ ޙާލަތު.
(ށ) ފެންހަދާ ނިޒާމް އެ ރަށަކަށް ނުވަތަ އެތަނަކަށް ބޭނުންވާ ސަބަބު.
(ނ) ފެންހަދާ ނިޒާމުން އުފައްދާ ފެން ބޭނުންކުރާނެ ގޮތާއި، އެ ފެނުގެ މިންވަރު.
(ރ) ފެންހަދާ ނިޒާމަށް ބޭނުންކުރާ ލޮނުފެން ހޯދާނެގޮތް.
(ބ) ފެންހަދާ ނިޒާމުން ބޭކާރުވާ ލޮނު، ބޭރުކުރާނެ ގޮތާއި ތަން.
(ޅ) ފެންހަދާ ނިޒާމުން ބޭކާރުވާ ލޮނު، އާންމު ނަރުދަމާގެ ނިޒާމަކަށް ބޭރުކުރާގޮތަށް ހަމަޖައްސާނަމަ، ނަރުދަމާގެ ނިޒާމުގެ ވެރިފަރާތުގެ ހުއްދަ.
(ކ) ފެންހަދާ ނިޒާމުގެ ފަރުމާއާއި ކުރެހުންތައް.
(އ) ފެންހަދާ ނިޒާމު ފަރުމާކޮށް ބަހައްޓާ ފަރާތުގައި، އެކަމުގެ ގާބިލިއްޔަތު ހުރި މިންވަރު.
(ވ) އުފައްދާ ފެނުގެ ފެންވަރުބަލައި، އެމް. ޑަބްލިޔު. އެސް. އޭއަށް ރިޕޯޓުކުރަމުން ގެންދިއުމަށް ހަމަޖައްސާފައިވާ އުސޫލު.
(މ) ފެންހަދާ ނިޒާމު ހިންގުމާ ހަވާލުވާ ފަރާތުގައި، އެކަމުގެ ހުނަރުވެރިކަމާއި ގާބިލިއްޔަތު ހުރި މިންވަރު.
4 ވަނަ މާއްދާ -
(ހ) ފެންހަދާ ނިޒާމެއް ގާއިމްކުރުމުގެ ކުރިން އެ ނިޒާމް ގާއިމްކޮށް ހިންގުމުގެ ސަބަބުން ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓެއް، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރރަންމަންޓުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށް، ހުށަހަޅައި އެ މިނިސްޓްރީން އެ ރިޕޯޓާ ބެހޭގޮތުން ދޭ ބަޔާނުގެ (އީ. އައި. އޭ ޑިސިށަން ނޯޓުގެ) ކޮޕީއާއި، ރިޕޯޓުގެ ކޮޕީއެއް، ފެންހަދާ ނިޒާމު ހިންގުމުގެ ހުއްދައަށް އެދޭއިރު އެމް.ޑަބްލިޔު.އެސް.އޭ އަށް ހުށަހަޅަންވާނެއެވެ.
(ށ) ފެންހަދާ ނިޒާމް ގާއިމުކުރަނީ، ވަކި މަށްރޫއެއްގެ ދަށުން ކަމަށްވާނަމަ، އެ މަށްރޫއުގެ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓާ ބެހޭގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާރޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ދީފައިވާ ބަޔާނުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓުގައި، ފެން ހަދާ ނިޒާމާ ބެހޭގޮތުން ހުށަހަޅާފައިވާ ބައިގެ ކޮޕީއެއްވެސް ހިމަނަންވާނެ ެއވެ. އެ މަށްރޫއުގެ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓްގައި މިބައި ހިމަނާފައި ނުވާނަމަ، ފެންހަދާ ނިޒާމަށް ވަކިން ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ.
5 ވަނަ މާއްދާ -
އެއްވެސް ހާލެއްގައި، ތަނެއްގައި ބަހައްޓާފައި ހުރި ފެންހަދާ ނިޒާމަކުން އެހެން ތަނަކަށް ނުވަތަ އެހެން ފަރާތަކަށް ފެން ގުޅައިދޭންވާނީ، އާންމުކޮށް ފެން ދޫކުރުމުގެ ހުއްދައެއް އެމް.ޑަބްލިޔު.އެސް.އޭ އިން ހޯދުމަށްފަހު، ހުއްދަކުރެވިފައިވާ ގޮތުގެ މަތިންނެވެ. މިގޮތުން އިސްތިސްނާވާނީ ކުއްލި ޙާލަތެއްގައި ސިފައިންގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ވަގުތީގޮތުން އާންމު ބޭނުންތަކަށް ފެން ދޫކުރަންޖެހޭ ޙާލަތްތަކެވެ.
6 ވަނަ މާއްދާ -
ފެންހަދާ ނިޒާމަށް ބޭނުންވާ ފެން ނަގަންވާނީ، ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
(ހ) ފެންހަދާ ނިޒާމަށް ފެން ނަގަންވާނީ، މޫދުން ނުވަތަ ކަނޑުން ނުވަތަ ބިމުންނެވެ.
(ށ) ކަނޑުން ފެން ނަގާނަމަ، އެ ފެން ފިލްޓަރުކުރެވޭނެ ނުވަތަ ސާފުކުރެވޭނެގޮތެއް ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި އެގޮތަށް ސާފުކުރުމަށް ފެން އަޅާ ކަންވާރަކީ ނުވަތަ ތާނގީއަކީ ފެންހަދާ ޕްލާންޓަށް ބޭނުންވާ ފެނުގެ މަދުވެގެން %50 ފެން އެޅޭވަރުގެ ކަންވާރަކަށް ނުވަތަ ތާނގީއަކަށް ވާންވާނެއެވެ.
(ނ) ކަނޑުން ފެން ނަގާނަމަ، ފެން ނަގާ ނިޒާމު ހަދާފައި ހުންނަންވާނީ، މޫސުން ގޯސްވުމުގެ ސަބަބުން ނުވަތަ އެނޫންވެސް އެފަދަ ޙާލަތްތަކުގައި އެ ނިޒާމަށް ގެއްލުން ނުލިބޭ ގޮތަކަށެވެ.
(ރ) ގޮނޑުދޮށުގައި ވަޅެއް ބަހައްޓައިގެން ފެން ނަގާނަމަ، އެ ވަޅު ހަދަންވާނީ އެމް.ޑަބްލިޔު.އެސް.އޭ އިން ދޭ ގައިޑްލައިނަކާ އެއްގޮތަކަށެވެ.
(ބ) ބިމުން ފެންނަގާނަމަ، ފެން ނަގަންވާނީ ބިމުގެ ފެންފަށަލަ، ގުދުރަތީގޮތުން އޮންނަ ހިސާބަށްވުރެ އަޑިއަށް ބޯހޯލް ހަދައިގެންނެވެ
(ޅ) ބިމުން ފެންނަގާނަމަ، މީރުފެން ނުވަތަ ބިމުގެ ފެންފަށަލައަށްވުރެ މަތީގައިވާ ބައިން މީރުފެން، ވަޅުގެ ތެރެއަށް ނުވަތަ ބޯހޯލްގެ ތެރެއަށް އެޅިގެން ނުވާނެއެވެ.
(ކ) ފެންހަދާ ނިޒާމަށް ނަގާ ފެނުގެ ފިނިހޫނުމިން ބަދަލުނުވާނެހެން ފެންނަގާ ނިޒާމު ފަރުމާކުރަން ޖެހޭނެއެވެ. ފެންނަގާ ނިޒާމުގެ
ހޮޅިތަކާއި އެހެނިހެން ކަންވާރުތައް ހުންނަންވާނީ، ހޫނުގެ ސަބަބުން ރައްކާތެރިކުރެވިފައެވެ. ނުވަތަ ޖައްވުގެ ހޫނުގެ ސަބަބުން ފެނަށް ބަދަލު ނާންނާނެފަދަ މާއްދާއަކުން ހަދާފައެވެ.
(އ) ބޯހޯލް ނުވަތަ ވަޅަކުން ފެންދެމުމުގެ ސަބަބުން އެ ވަޅުގައިވާ ފެނުގެ ލެވެލަށް އެންމެ ބޮޑުވެގެން 50 މިލިމީޓަރަށްވުރެ ބޮޑު ބަދަލެއް އައިސްގެން ނުވާނެއެވެ. ބޯހޯލަށް އަންނަ ބަދަލު، 24 ގަޑިއިރުވަންދެން އެމް.ޑަބްލިޔު.އެސް.އޭގެ ކަމާބެހޭ މުވައްޒަފެއްގެ ނުވަތަ އެ އޮތޯރިޓީން ހުއްދަކުރާ އެހެން ފަރާތެއްގެ ހާޒިރުގައި ޓެސްޓްކުރުމަށްފަހު އެފަދަ ބަދަލެއް ނާންނަކަމުގެ ލިޔުމެއް ހޯދަންވާނެއެވެ.
(ވ) ފެންނަގާ ނިޒާމު ހުންނަންވާނީ، ތަނުގެ މަންޒަރު ހަޑިނުވާގޮތަށް އަދި ތިމާވެއްޓާ އެކަށީގެންވާ ގޮތަކަށެވެ.
7 ވަނަ މާއްދާ -
ފެންހަދާ ނިޒާމު ފަރުމާކުރެވިފައި ހުންނަންވާނީ، ބޭނުންވާ ފެނުގެ އަދަދަށް ބަލައި، އެކަށީގެންވާ މިންވަރަށެވެ. ނުވަތަ ކެޕޭސިޓީއަށެވެ. ބޭނުންވާ ވަރަށްވުރެ ބޮޑު ކެޕޭސިޓީއެއްގެ ފެންހަދާ ނިޒާމެއް ބަހައްޓައިގެން ނުވާނެއެވެ. ބަހައްޓާ ފެންހަދާ ނިޒާމުގެ އެންމެ މަތީ ކެޕޭސިޓީ ކަނޑައަޅާނީ، ތިރީގައިވާ ގޮތުގެ މަތިންނެވެ.
(ހ) ދިރިއުޅުމުގެ ބޭނުންތަކަށް ކަމަށްވާނަމަ، ފެން ބޭނުންކުރާ މީހުންގެ އަދަދަށް ބަލައި، ކުރިޔަށްއޮތް 5 އަހަރުގެ ތެރޭގައި މީހުންގެ އަދަދަށް އަންނާނެ ބަދަލު ިހމެނޭގޮތުން، މީހަކަށް ދުވާލަކަށް 150 ލީޓަރުގެ ނިސްބަތުން.
(ށ) ދަނޑުގޮވާން ކުރުމުގެ ބޭނުންތަކަށްނަމަ، ދަނޑުގެ އަކަމިނަށް ބަލައި، އަކަމީޓަރަކަށް ދުވާލަކަށް 60 ލީޓަރުގެ ނިސްބަތުން ނުވަތަ އެ މަސައްކަތާބެހޭ ޓެކްނިކަލް މައުލޫމާތު ހުށަހެޅުމުން އެ މައުލޫމާތުގެ މައްޗަށް ބަލައި އެމް.ޑަބްލިޔު.އެސް.އޭ އިން ކަނޑައަޅާ ގޮތެއްގެ މަތިން.
(ނ) ޓޫރިސްޓް ރިޒޯޓަކަށްނަމަ، މީހަކަށް ދުވާލަކަށް 250 ލީޓަރުގެ ނިސްބަތުން.
(ރ) ސިނާއީ މަސައްކަތެއްނަމަ، އެ މަސައްކަތާބެހޭ ޓެކްނިކަލް މައުލޫމާތު ހުށަހެޅުމުން، އެ މައުލޫމާތުގެ މައްޗަށްބަލައި އެމް.ޑަބްލިޔު.އެސް.އޭ އިން ކަނޑައަޅާ ގޮތެއްގެ މަތިން މީގެ އިތުރުން ސްޓޭންޑްބައި ބޭނުމަށް، މަތީގައި ކަނޑައެޅިފައިވާ ކެޕޭސިޓީ 1/2 (ދެބައިކުޅަ އެއްބައި) ކެޕޭސިޓީގެ ފެންހަދާ ނިޒާމެއް ބެހެއްޓިދާނެއެވެ.
8 ވަނަ މާއްދާ -
ބިމުން ފެން ނަގަންވާނީ ނުވަތަ ޕަމްޕްކުރަންވާނީ، އެމް.ޑަބްލިޔު.އެސް.އޭ އިން އެކަމަށް ކަނޑައަޅާފައިވާ މިންގަނޑެއްގެ ދަށުންނެވެ. ނުވަތަ އެފަދަ މިންގަނޑެއް ނެތްނަމަ، އެ އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.
9 ވަނަ މާއްދާ -
(ހ) ބޭކާރުވާ ލޮނު ބޭރުކުރަންވާނީ، ފަރުން އެތެރެއިން މޫދަށް ނުވަތަ ފަރުން ފެށިގެން މަދުވެގެން 10 މީޓަރު ބޭރަށް ކަނޑަށް، މިކަމާ ބެހޭގޮތުން ކަނޑައެޅިފައިވާ ތިމާވެއްޓާބެހޭ ގަވާއިދުތަކާ އުސޫލުތަކުގެ މަތިންނެވެ. އެއްވެސް ހާލެއްގައި ފަރުމައްޗަށް ބޭރުކޮށް ނުވަތަ ބިމަށް ހިންދައިގެން ނުވާނެއެވެ.
(ށ) ނަރުދަމާއަކަށް ބޭރުކުރާނަމަ، އެ ނަރުދަމާގެ ވެރިފަރާތުގެ ހުއްދަ ހޯދަންވާނެއެވެ.
(ނ) ބޭކާރުވާ ލޮނު ބޭރުކުރާ ނަރުދަމާގެ ވެރިފަރާތަށް، ތިރީގައިވާ ގޮތުގެ މަތިން ފީއެއް ނެގިދާނެއެވެ. ފީ ނެގޭނީ ޕްލާންޓުން ދުވާލަކު ޖުމްލަކޮށް ފެންއުފެއްދޭވަރު (ޓޯޓަލް ކެޕޭސިޓީ) އަށްބަލާ، ކޮންމެ ކޮޑިމީޓަރަކަށް މަހަކު 50) ފަންސާސް) ރުފިޔާ ހަމައަށެވެ. މިސާލަކަށް، 50 ޓަނުގެ ޕްލާންޓަކަށްނަމަ އެންމެ ގިނަވެގެން ނެގޭނީ، މަހަކު 2،500 (ދެހާސް ފައްސަތޭކަ) ރުފިޔާއެވެ. މި ފީދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި ނުދައްކައިފިނަމަ، އެކަ ްނ ހަނދާންކޮށްދީ، އަދި އިތުރު މުއްދަތެއް ދިނުމަށް ފަހުވެސް ފީނުދައްކައިފިނަމަ، ނަރުދަމާގެ ގުޅުން ކަނޑާލުމުގެ އިހްތިޔާރު، ނަރުދަމާގެ ވެރިފަރާތަށް ލިބިގެންވެއެވެ.
10 ވަނަ މާއްދާ -
(ހ) ފެންހަދާ ނިޒާމު ބަހައްޓާފައި ހުންނަންވާނީ، އެކަމަށް އެކަށީގެންވާ ގޮތަކަށް ހަދާފައިވާ ހިޔާވަހިކަމެއްގައި ފެން ބޮޑުވުންފަދަ ކަމަކުން ނިޒާމަށް ގެއްލުމެއް ނުލިބޭނެހެން ހަމަބިމަށްވުރެ މަތީގައެވެ.
(ށ) ފެންހަދާ ނިޒާމު ބަހައްޓާފައި ހުންނަތަން ހަދާފައި ހުންނަންވާނީ އެތަނުގައި ގެންގުޅޭ ކެމިކަލް ނުވަތަ ނުރައްކާތެރި އެއްވެސް މާއްދާއެއްގެ ސަބަބުން މީހަކަށް ގެއްލުން ނުލިބޭނެ އަދި ތިމާވެއްޓަށް ބޭރުނުވާނެހެން ރައްކާތެރި ގޮތަކަށެވެ. މިގޮތުން އެކަށީގެންވާ ފެންވަރަށް ފަރުމާ ކުރެވިފައިވާ ކާނަކަށް، ފެން ފަހިވާ ގޮތަށް ތަޅުން އަޅާފައި ވާންވާނެއެވެ.
(ނ) ފެންހަދާ ނިޒާމު ބަހައްޓާފައި ހުންނަންވާނީ، ހިސާބުގައި އުޅޭ މީހުންނަށް އުނދަގޫ ނުވާނެހެން، ބޭރަށް އަޑުގަދަނުވާނެ ގޮތަށެވެ.
ފެންހަދާ ނިޒާމު ހުންނަތަނުގެ ތެރޭގައި ހުންނަ އަޑު (A(85dB އަށްވުރެ މަތިނަމަ، ތަނުގެ ތެރޭގައި މަސައްކަތްކުރާ މީހުންނަށް އަޑުން ސަލާމަތްވެވޭނެ ގޮތްތައް ހަމަޖައްސައިދޭން ޖެހޭނެއެވެ.
11 ވަނަ މާއްދާ -
ފެންހަދާ ނިޒާމުގެ ބައިތައް ހަދާފައި ހުންނަންވާނީ ދަބަރުނުޖަހާ (ކޮރޯށަން ރެސިސްޓަންޓް) މާއްދާއަކުންނެވެ.
12 ވަނަ މާއްދާ -
ފެންހަދާ ނިޒާމް ހިންގައި މަރާމާތު ކުރާނެ ގޮތުގެ އަތްމަތީފޮތެއް ނުވަތަ މެނުއަލެއް އޮންނަންވާނެއެވެ. ފެންހަދާ ނިޒާމް ހިންގާ މަރާމާތުކޮށްހަދާ ބަޔަކަށް މި ފޮތް ނުވަތަ މެނުއަލް ބޭނުންވާނަމަ ފަސޭހައިން ލިބެން އޮންނަންވާނެއެވެ.
13 ވަނަ މާއްދާ -
އާންމުންގެ ބޭނުންތަކަށް ފެން ދޫކުރާ ފަރާތްތަކުން އެ ދޫކުރާ ފެނުގެ ފެންވަރު، ގަވާއިދުން ބަލަމުން ގެންދަންވާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ނަގާ ފެނުގެ ފެންވަރު (އިންޓޭކް ވޯޓަރ ކޮލިޓީ) ބަލަމުން ގެންދަންޖެހޭނެއެވެ. މި ޓެސްޓްތަކުގެ ދުވަހުނަތީޖާ އެމް.ޑަބްލިޔު.އެސް.އޭ އަށް ލަސްނުކޮށް ހުށަހަޅުމުން ގެންދަންޖެހޭނެއެވެ. މި ގޮތުން ގަވާއިދުން ބަލަންޖެހޭ މާއްދާތަކާއި އޭގެ އިތުރުން ބަލަންޖެހޭ ކަންތައްތައް ކަނޑައަޅާނީ އެމް.ޑަބްލިޔު.އެސް.އޭ އިންނެވެ.
14 ވަނަ މާއްދާ -
އަމިއްލަ ބޭނުމަށް ފެން އުފައްދާ ފަރާތްތަކުންވެސް އެމް.ޑަބްލިޔު.އެސް.އޭ އިން ކަނޑައަޅާ ގޮތެއްގެ މަތިން ފެނުގެ ފެންވަރުބަލައި، ރިޕޯޓް ކުރަމުން ގެންދަން ޖެހޭނެއެވެ.
15 ވަނަ މާއްދާ -
މި ގަވާއިދުގެ ދަށުން ހިންގުމަށް ރަޖިސްޓްރީ ކޮށްފައިވާ ފެންހަދާ ނިޒާމެއް، އެ ނިޒާމް ހިންގުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްނޫން ފަރާތަކުން ހިންގަންވާނީ އެމް.ޑަބްލިޔު.އެސް.އޭ އަށް ލިޔެ ރަޖިސްޓްރީ ކޮށްގެންނެވެ.
16 ވަނަ މާއްދާ -
މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަހައްޓައި ހިންގަމުން ގެންގޮސްފައިވާ ފެންހަދާ ނިޒާމުތައް، މި ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްދިނުމަށް އެދި މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެ ނިޒާމެއް ހިންގާ ފަރާތުން އެމް.ޑަބްލިޔު.އެސް.އޭ އަށް ހުށަހަޅަންވާނެއެވެ.
17 ވަނަ މާއްދާ -
މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ހުރި ފެންހަދާ ނިޒާމެއްގެ ބަދަލުގައި ފެންހަދާ އެހެން ނިޒާމެއް ބަހައްޓައި ހިންގަން ބޭނުންވި ނަމަވެސް، އެ ނިޒާމެއްވެސް މި ގަވާއިދުގައިވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.އޭ ގައި ރަޖިސްޓްރީ ކުރަންވާނެއެވެ.
18 ވަނަ މާއްދާ -
18 .ފެންހަދާ ނިޒާމެއް ހިންގުމަށްޓަކައި ރަޖިސްޓްރީ ކުރަން އެދޭ ފަރާތްތަކަށް ފެންހަދާ ނިޒާމެއް ރަޖިސްޓްރީ ކޮށްދެވޭނީ 1،000 (އެއް ހާސް) ރުފިޔާގެ ފީއެއް އެމް.ޑަބްލިޔު.އެސް.އޭ އަށް ދެއްކުމުންނެވެ. މި ގަވާއިދުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުންވެސް، މި ފީ ދައްކަންވާނެއެވެ.
19 ވަނަ މާއްދާ -
ފެންހަދާ ނިޒާމެއް ހިންގާ ފަރާތަކުން މި ގަވާއިދާ ހިލާފުވާކަމަށް، ނުވަތަ އެމް.ޑަބްލިޔު.އެސް.އޭ އިން މިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފުވާކަމަށްވާނަމަ، ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާޒު، އެމް.ޑަބްލިޔު.އެސް.އޭ އަށް ލިބިގެންވެއެވެ.
(ހ) މި ގަވާއިދާއި ހުއްދަ ދެވިފައިވާ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފުވާ ކަންކަން ރަނގަޅުކުރަންދެން ރަޖިސްޓަރީ ހިފެހެއްޓުން. މި މާއްދާއަކީ އަދަބު/ޖޫރި ަމނާ ކަނޑައެޅި ބަޔާންކުރެވިފައިވާ މާއްދާއެއްކަމުގައި ވާތީ، މި މާއްދާ މިވަނީ މި ގަވައިދުން އުނިކުރެވިފައެވެ.
(ނ) ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ރަޖިސްޓްރީ ބާތިލުކުރުން.
މައި ގާނޫނު
ނެތް
ކިޔުންތެރިންގެ ހިޔާލު