ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ށަރީއަތްކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2022-187)
(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 6 މާޗް 2023 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގެ ދަށުން ކުރެވޭ ދައުވާތަކާގުޅޭ ށަރީއަތް ހިންގުމުގައާއި، އެ ގާނޫނުގެ ދަށުން ށަރުއީ ކޯޓުތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ އުސޫލުތައް ބަޔާންކޮށް، އެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ށަރީއަތްކުރުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.
(ހ) ޖިންސީ ކުށުގެ ގާނޫނުން ޖިންސީ ކުށްތަކާގުޅިގެން އަމަލުކުރުމަށް އެކަށައެޅިފައިވާ ހާއްސަ ނިޒާމުގެ ދަށުން ކޯޓުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭ އުސޫލުތައް ބަޔާންކުރުން؛
(ށ) ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ރައްކައުތެރިކަމުގެ އަމުރު ނެރުމުގެ އުސޫލުތައް ބަޔާންކުރުން؛
(ނ) ޖިންސީ ކުށުގެ ގާނުނުގެ ދަށުން ޖިންސީ ކުށްތަކާ ގުޅޭ ށަރީއަތް ކުރުމުގެ އުސޫލުތައް ބަޔާންކުރުން؛
(ރ) ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ބަދަލު ނަގައިދޭނެ އުސޫލުތައް ބަޔާންކުރުން؛
ރައްކައުތެރިކަމުގެ އަމުރު
3 ވަނަ މާއްދާ - ރައްކައުތެރިކަމުގެ އަމުރު
(ހ) ޖިންސީ ކުށުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކުށެއްގެ ތުހުމަތުގައި ހިންގާ ތަހުގީގެއް ހިންގޭނީ ނުވަތަ ށަރީއަތެއް ކުރެވެނީ އެ ކުށުގެ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓައިގެން ނޫން ގޮތެއްގައި ކަމުގައިވާނަމަ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާގުޅޭ ށަރީއަތް ނިމުމާހަމައަށް، ކުށުގެ ށިކާރައަށްވީ މީހާއާ ގުޅޭގޮތުން، އަންނަނިވި ކަންކަން ނުވަތަ އޭގެ ތެރެއިން ވަކި ކަމެއް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އޭނާގެ މައްޗަށް ރައްކައުތެރިކަމުގެ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ.
- ކުށުގެ ށިކާރައަށްވީ މީހާ، ދިރިއުޅޭ ގެއަށް ނުވަތަ މަސައްކަތްކުރާ ތަނަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ނުވަތަ ކިޔަވައިދޭ ތަނަށް ނުވަތަ ކިޔަވަންދާ ތަނަށް ނުވަތަ އެނޫންވެސް އޭނާ އާންމުކޮށް ޒިޔާރަތްކުރާ ތަނަށް، ވަދެނުކުތުމަށް ހުރަސްއެޅުން؛
- ކުށުގެ ށިކާރައަށްވީ މީހާ ފަހަތުން ހިނގުމާއި، އޭނާ ދާ ތަންތަނަށް ދިއުމާއި، އޭނާ ހުއްޓުވުމާއި، އޭނާއަށް ގޯނާކުރުމާއި، އޭނާއަށް ވަށްބަހުން ހަމަލާ ދިނުން؛
- ކުށުގެ ށިކާރައަށްވީ މީހާ ކަނޑައެޅިގެން ސާފުބަހުން އޭނާގެ ރުހުން ދީގެން މެނުވީ، އޭނާ ދިރިއުޅޭ ގެއަކަށް ނުވަތަ އޭނާ ހުރި ތަނަކަށް، ވަނުން ނުވަތަ އެ ތަނެއްގައި އުޅުން؛
- ފޯނު މެދުވެރިކޮށް ނުވަތަ ސިޓީ މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން ކުށުގެ ށިކާރައަށްވީ މީހާއާ އެއްވެސް މުއާމަލާތެއް ކުރުން؛
- ކުށުގެ ށިކާރައަށްވީ މީހާއަށް، ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން އެއްވެސް އަނިޔާއެއް ކުރުން؛
- ކުށުގެ ށިކާރައަށްވީ މީހާއަށް ޖިންސީގޮތުން ނުވަތަ ޖިސްމާނީގޮތުން އެއްވެސް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛
- ކުށުގެ ށިކާރައަށްވީ މީހާގެ އެއްވެސް މުދަލަކަށް ގެއްލުމެއް ދިނުން، ނުވަތަ އެފަދަ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން؛
- ކުށުގެ ށިކާރައަށްވީ މީހާ ބިރުގެންނެވުމުގެ ގޮތުން، ނުވަތަ އޭނާ ލަދުގެންނެވުމުގެ ގޮތުން ނުވަތަ އޭނާއަށް ނަފްސާނީގޮތުން އަނިޔާ
ކުރުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުން ނުވަތަ އެފަދަ އަމަލެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛ - ކުށުގެ ތުހުމަތުކުރެވޭ މީހާ ނުކުރުމަށް އަންގާ އެއްވެސް ކަމެއް އެހެން މީހަކު މެދުވެރިކޮށް ނަމަވެސް، އެ އަމުރު ނިސްބަތްވާ ފަރާތުން ކުރުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމުރެއްކުރަންވާނީ، އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ ކުށެއް ތަހު ގީގު ކުރެވެމުންދާ ހާލަތުގައި ނުވަތަ އެފަދަ ދައުވާއެއް އުފުލިފައިވާ ހާލަތުގައި އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުންނެވެ.
(ނ) ތުހުމަތު ކުރެވިފައިވާ މީހާގެ ބަހެއް ހޯދުމަކާ ނުލައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ.
(ރ) ރައްކައުތެރިކަމުގެ އަމުރެއް ކޯޓުން ކޮށްފިނަމަ، އެ އަމުރު ކުރި ކޯޓުން އެ އަމުރު ނިސްބަތްވާ ފަރާތަށް އަމުރު ރައްދުކޮށްދޭންވާނެއެވެ. އަދި އަމުރު ނިސްބަތްވާ ފަރާތް ހުރީ އެހެން ރަށެއްގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން އަމުރު ނިސްބަތްވާ ފަރާތާ އަމުރު ހަވާލުކުރުމަށްޓަކައި އެ މެޖިސްޓްރޭޓް ކޯޓަކަށް އަމުރު ފޮނުވަންވާނެއެވެ.
4 ވަނަ މާއްދާ - ރައްކައުތެރިކަމުގެ އަމުރަށް އެދޭ ފަރާތް
(ހ) ރައްކައުތެރިކަމުގެ އަމުރަށް އެދޭ ވަގުތު، ތުހުމަތުކުރެވިފައިވާ މީހާގެ ތަހުގީގު ނިމިފައިނުވާނަމަ، އެ އަމުރަށް އެދި ކޯޓަށް ހުށަހަޅާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންނެވެ. އަދި ތުހުމަތުކުރެވުނު ކުށުގެ ތަހުގީގު ފުރިހަމަކޮށް، އެ ކުށުގެ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާނަމަ، އެ އަމުރަށް އެދޭނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ އަންނަނިވި މައްސަލަތައް ކޯޓުން ބަލަންވާނެއެވެ.
- ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވިފައިވާ މިހާގެ ތަހުގީގު މަރުހަލާގައި ލިބޭ މައުލޫމާތަށް ބަލާއިރު، ރައްކައުތެރިކަމުގެ އަމުރަކަށް އެދެންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް ބެލެވިދާނެ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ފުލުހުންނަށް ގަބޫލުކުރެވިގެން ހުށަހަޅާ މައްސަލަތައް؛
- ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހާގެ ތަހުގީގު ފުރިހަމަކޮށް އެ ކުށުގެ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ މަރުހަލާގައި ނުވަތަ ށަރީއަތުގެ މަރުހަލާގައި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއާ ގުޅިގެން ކުށުގެ ށިކާރައަށްވީ މީހާ އިތުރު ށަކުވާއެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުގެ ސަބަބުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ މައްސަލަތައް؛
- ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހާގެ ތަހުގީގު ފުރިހަމަކޮށް، އެ ކުށުގެ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ މަރުހަލާގައި ނުވަތަ ށަރީއަތުގެ މަރުހަލާގައި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއާ ގުޅިގެން ކުށުގެ ށިކާރައަށްވީ މީހާ އިތުރު ށަކުވާއެއް މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ މައްސަލަތައް؛
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ރައްކައުތެރިކަމުގެ އަމުރަކަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު (އެކެއް) ގައިވާ ފޯމުންނެވެ.
5 ވަނަ މާއްދާ - ރައްކައުތެރިކަމުގެ އަމުރާ މެދު ގޮތެއް ނިންމުން
(ހ) ރައްކައުތެރިކަމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިއްޖެނަމަ، އެ ހުށަހެޅުމެއް ހުށަހެޅޭތާ ގިނަވެގެން 48( ސާޅީސް އަށެއް( ގަޑިއިރުގެ ތެރޭގައި އެ އަމުރު ކުރުމާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ށ) ރައްކައުތެރިކަމުގެ އަމުރާމެދު ކޯޓުން ނިންމާ ގޮތަކީ އެ އަމުރު ކުރުންކަމަށްވާނަމަ، އެ އަމުރުގެ އަ ސްލެއް އަމުރު ރައްދުވާ ފަރާތަށް ވީ އެންމެ އަވަހަކަށް ކޯޓުން ފޯރުކޮށްދޭންވާނެއެވެ. އަމުރު ރައްދުވާ ފަރާތަކީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުއްޖެއްނަމަ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޒިންމާދާރު ބަލަދުވެރިއަކު ނުވަތަ އެނޫންވެސް އެފަދަ ކުއްޖަކު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކާ ނުވަތަ ކުއްޖާގެ މަ ސްލަހަތުގައި މަސައްކަތްކުރާ ފަރާތަކާ އެ އަމުރުގެ އަސް ލެއް ފޯރުކޮށްދޭންވާނެއެވެ.
(ނ) ރައްކައުތެރިކުރުމުގެ އަމުރު އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 2 (ދޭއް) ގައިވާ ނަމޫނާއާ އެއްގޮތަށެވެ.
6 ވަނަ މާއްދާ - ރައްކައުތެރިކުރުމުގެ އަމުރާ ގުޅިގެން އިސްތިއުނާފުކުރުން
(ހ) ޖިންސީ ކުށުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އެއްވެސް އަމުރެއް ކޮށްފި ހިނދެއްގައި، އެ އަމުރަކާމެދު ހިތްހަމަ ނުޖެހޭ ފަރާތުން ނުވަތަ އަމުރެއް ނުކޮށްފިނަމަ އެ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތުން އިސްތިއުނާފުކުރުމަށްއެދި މައްސަލަ ހުށަހަޅައި، މައްސަލަ ރަޖިސްޓަރީވާ ތާރީހުން ފެށިގެން 10( ދިހައެއް( ދުވަހުގެ ތެރޭގައި މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ށ) ރައްކައުތެރިކަމުގެ އަމުރަށް އެދުނު ފަރާތުން އަމުރާމެދު ހިތްހަމަނުޖެހިގެން ނުވަތަ އަމުރު ނުކުރުމަށް ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން އިސްތިއުނާފުކުރުމަށް އެދި މައްސަލަ ހުށަހަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންނެވެ.
7 ވަނަ މާއްދާ - ކަމާބެހޭ އިދާރާތަކަށް ރައްކައުތެރިކުރުމުގެ އަމުރު ފޮނުވުން
ރައްކައުތެރިކުރުމުގެ އަމުރެއް ކޯޓުން ކުރާ ވަގުތުން ފެށިގެން ގިނަވަގެން 24 (ސައުވީސް) ގަޑިއިރު ތެރޭގައި، އަމުރު ކުރި ކޯޓެއްގެ ރަޖިސްޓްރަރ ނުވަތަ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެ ހުރި ފަރާތަކުން، އެ އަމުރުގެ ކޮޕީއެއް އަންނަނިވި ފަރާތްތަކަށް ފޮނުވަންވާނެއެވެ.
- ދިވެހު ފުލުހުންގެ ހިދުމަތް؛
- ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ؛
- މިނިސްޓްރީ؛
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް.
8 ވަނަ މާއްދާ - ރައްކައުތެރިކުރުމުގެ އަމުރާ ހިލާފުވުމުން ފިޔަވަޅު އެޅުން
(ހ) ރައްކައުތެރިކަމުގެ އަމުރު ރައްދުވާ ފަރާތުން އެ އަމުރާ ހިލާފުވެއްޖެނަމަ، އެ ކަމެއްގެ ށަކުވާ ކުށުގެ ށިކާރައަށްވީ މީހާ ނުވަތަ ކުށުގެ ށިކާރައަށްވީ މީހާގެ ފަރާތުން ކަމާބެހޭ އިދާރާއަކަށް ހުށަހެޅުމުން، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ މީހާ ބަންދުކުރުމުގެ އަމުރަކަށް އެދި އަންނަނިވި ފަރާތްތަކުން ޖިންސީ ކުށުގެ ގާނޫނުގެ ދަށުން މައްސަލަ ބެލުމުގެ އިހްތިސާސް ލިބިފައިވާ ކޯޓަކަށް ހުށަހެޅިދާނެއެވެ.
- ރައްކައުތެރިކުރުމުގެ އަމުރާ ހިލާފުވި މީހާއަކީ ތަހުގީގު މަރުހަލާގައި ހުރި މީހެއްނަމަ، އެ މީހަކު ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަންވާނީ ފުލުހުންގެ ހިދުމަތުގެ ފަރާތުންނެވެ.
- ރައްކައުތެރިކުރުމުގެ އަމުރާ ހިލާފުވި މީހާގެ މައްސަލައިގެ ތަހުގީގު ނިމި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާނަމަ، އެ މީހަކު ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންނެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ކަމާބެހޭ އިދާރާތަކަކީ، ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީއެވެ.
ށަރީއަތް ހިންގުން
9 ވަނަ މާއްދާ - މައްސަލަ ނިންމުމުގެ މުއްދަތު
(ހ) ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކޯޓަށް މައްސަލަ ހުށަހަޅައި، ރަޖިސްޓަރީވާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެއެވެ.
(ށ) ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުރާ ހުކުމެއް އިސްތިއުނާފުކު ރުމަށް އެދި މައްސަލަ ހުށަހަޅައި، ރަޖިސްޓަރީވާ ތާރީހުން ފެށިގެން 9 (ނުވަދިހަ) ދުވަހުގެ ތެރޭގައި މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
10 ވަނަ މާއްދާ - ކުށުގެ ށިކާރައަށްވީ މީހާގެ ހެކިބަސް ނެގުން
(ހ) ކުށުގެ ށިކާރައަށްވީ މީހާ ކޯޓަށް ހާޒިރުކުރުމުގައި ނަފްސާނީގޮތުން އޭނާ އިތުރަށް ބަލިކަށިވިޔަ ނުދިނުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތާއި ކުށުގެ ށިކާރައަށްވީ މީހާ، އެއް ހާޒިރެއްގައި ތިބުމުގެ ބަދަލުގައި، ކޯޓުގެ ދެ ތަނެއްގައި ތިބުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސަންވާނެއެވެ.
(ށ) ކުށުގެ ށިކާރައަށްވީ މީހާއަށް ރައްކައުތެރިކަން ލިބިދިނުމުގެ ގޮތުން އޭނާއަށް ތުހުމަތުކުރެވޭ މީހާ ނުފެންނަ ގޮތަށް ށަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސް، ހެކިބަސް ނެގިދާނެއެވެ. މިގޮތަށް ށަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަންވާނީ، އޯޑިއޯ ވީޑިއޯ ލިންކުގެ އެހީގައި ށަރީއަތް ހިންގާ ކޯޓުގެ މާލަމާއި ކުށުގެ ށިކާރައަށްވީ މީހާ ހުރި މާލަމަކާ ގުޅުވައިލައިގެންނެވެ.
(ނ) ކުށުގެ ށިކާރައަށްވީ މީހަކު މައްސަލައިގެ ހެކިބަސްދޭ ހާލަތުގައި ކްރޮސް އެގްޒަމައިންކުރުމާއި ރީ-އެގްޒަމައިންކުރުމުގެ ގޮތުން ސުވާލުކުރަންވާނީ އާންމު އުސޫލުން ހެތްކަކާ ސުވާލުކުރާ ހާލަތަށްވުރެ ހާއްސަ ފަރުވާތެރިކަމަކާއެކުގައެވެ. މިފަދައިން ސުވާލުކޮށް ހެދުމުގައި އިބާރާތްތަކާއި ބަސްމަގު ބައްޓަންކުރުމުގައި ކުށުގެ ށިކާރައަށްވީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ނުކުރާނެ ފަދަ ގޮތަކަށް އޭނާއާ ސުވާލުކުރުމަށް މައްސަލައިގެ ހަސްމުންނާއި، ވަކީލުންނާއި ކޯޓުން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
(ރ) ކުށުގެ ށިކާރައަށްވީ މީހާއާ ސުވާލުކުރުމުގައި ދައުވާ ލިބޭ ފަރާތާއި އެ ފަރާތުގެ ދިފާއީ ވަކީލު އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.
- ދައުވާގެ އުންސުރުތައް ސާބިތުވުމާއި ނުވުން ސީދާގޮތުން ގުޅިފައިނުވާ ކަމެއްގައި ސުވާލުކުރުން؛
- ކުށުގެ އަމަލުތަކާ ގުޅިގެން ސުވާލުކުރުމުގައި ބޭނުންކުރެވޭ ރާގާއި ބަސްމަގުގައި ބޭއިހްތިރާމްކުރުމުގެ ސިފަތައް ބެހެއްޓުން؛
- އެއްކަމަކާ ގުޅިގެން ތަކުރާރުކޮށް ސުވާލުކުރުން.
(ބ) ކުށުގެ ށިކާރައަށްވީ މީހާގެ ހެކިބަސް ނެގުމުގައި މި މާއްދާގެ (ނ) އާއި
(ރ) އާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާނަމަ، އެކަމެއް ވަގުތުން ހުއްޓައިލުމަށް ކޯޓުން އަންގަންވާނެއެވެ.
11 ވަނަ މާއްދާ - ރައްކައުތެރިކަން ލިބިދޭ ހެކިން
(ހ) ޖިންސީ ކުށުގެ މައްސަލައެއްގައި އަންނަނިވި ފަރާތެއްގެ ހެކިބަސް ނަގަން ޖެހިއްޖެނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަރާތްތަކަށް ހިމާޔަތާއި ރައްކައުތެރިކަން ލިބިދޭ ގޮތަށް އެ ފަރާތްތަކުގެ ހެކިބަސް
ނެގިދާނެއެވެ.
- ކުށުގެ ށިކާރައަށްވީ މީހާގެ އާއިލާ މީހެއް ނުވަތަ އޭނާއާ އާއިލީގޮތުން އަދި/ނުވަތަ ރަހްމަތްތެރިކަމުގެ ގޮތުން ގުޅުންހުރި އެހެން މީހެއް؛
- ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއް.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހެކިންނަކީ ކާކުކަން އެނގިދާނެ ފަދަ ލިޔެކިޔުންތައް ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ހާމަނުކުރުމުގެ ނުވަތަ ހާމަކުރުން ފަސްކުރުމުގެ އަމުރަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުގައި އެދެވިދާނެއެވެ. އަދި އެފަދަ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ ކޮބައިކަން ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް އެނގުމަކީ، ވަކިގޮތަކަށް ހެކިބަސްދިނުމަށް އެ ފަރާތްތަކަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެގެން ހިނގައިދާނެ ކަމެއްކަމުގައި ކޯޓުން ބަލަންވާނެއެވެ.
(ނ) ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއްގެ ހެކިބަސް ހޯދަންވާނީ އެ މީހަކު ބުނާ އެއްޗެއް ތަރުޖަމާކޮށްދެވޭނެ
ގާބިލުކަންހުރި މީހަކާއި އިޖްތިމާއީ ހުދުމަތްދޭ ފަރާތެއްގެ މުވައްޒަފެއްގެ ހާޒިރުގައެވެ.
(ރ) އިޖްތިމާއީ ހިދުމަތްދޭ ފަރާތެއްގެ މުވައްޒަފަކީ މިނިސްޓްރީން ކަނޑައަޅާ މީހެކެވެ.
2ވަނަ މާއްދާ - ކުޑަކުދިންގެ ހެކިބަސް ނެގުން
(ހ) ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުޑަކުދިންގެ ހެކިބަސް ނެގުމުގައި އެ ކުދިންނަށް ރައްކައުތެރިކަމާއި ހިމާޔަތް ލިބިދިނުމަށް ކޯޓުން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ކުޑަކުއްޖެއްގެ ހެކިބަސް ކޯޓުން ހޯދާކަމަށްވާނަމަ، އެ ކުއްޖެއްގެ ހެކިބަސް ހޯދަންވާނީ، ކޯޓުން ބޭރުގައި، ށަރީއަތުގެ މަޖިލީހުން ބޭރުގައި، އެ ކުއްޖާއަށް ފަރިތަ މާހައުލެއްގައި، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ފަރާތެއްގެ ހާޒިރުގައި، އިންޓަރވިއުކޮށްގެން، އެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑުކޮށްގެން، ނުވަތަ އެ ކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެ ކުއްޖަކު ބުނާ އެއްޗެއް
ތަރުޖަމާކޮށްދެވޭނެ ކަމުގެ ގާބިލުކަންހުރި މީހެއްގެ ހާޒިރުގައި، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ފަރާތެއްގެ ހާޒިރުގައި އިންޓަރވިއުކޮށްގެން، އެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑުކޮށްގެންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކުއްޖާގެ ހެކިބަސް ހޯދަންވާނީ، އިޖްތިމާއީ ހިދުމަތްދޭ ފަރާތެއްގެ މުވައްޒަފެއްގެ ހާޒިރުގައެވެ.
(ށ) އޯޑިއޯ ވީޑިއޯ ރިކޯޑުކޮށްގެން ކުއްޖާދޭ ހެކިބަސް ށަރީއަތުގެ މަޖިލީހުގައި، ހަސްމުންގެ ހާޒިރުގައި އިއްވަންވާނެއެވެ.
(ނ) ކުއްޖާދޭ ހެކިބަހާ ގުޅިގެން މައްސަލައިގެ ހަސްމުން ކުއްޖާއާ ސުވާލުކުރަން އެދޭނަމަ، އެ ސުވާލުތައް ކުރަންވާނީ މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ ކޯޓުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް އެ ހަސްމަކު ކުރި ސުވާލު އެ ފަރާތުން ކުރިގޮތަށެވެ. އެ ކުއްޖާގެ އުމުރަށާއި އެ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށް، ކުޑަކުދިންނާ ރައްޓެހި ބަސްމަގަކުން ސުވާލުކުރުމުގެ ގޮތުން، އެ ސުވާލުގެ އިބާރާތް ބަދަލުކުރުމަށްފަހު މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ ކޯޓުން ކަނޑައަޅާ ފަރާތަށް އެ ކުއްޖާއާ ސުވާލުކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޖާއާ ސުވާލުކުރަންވާނީ އޯޑިއޯ ވީޑިއޯ ލިންކުގެ އެހީގައި ށަރީއަތް ހިންގާ ކޯޓުގެ މާލަމާއި ކުއްޖާ ހުރި މާހައުލަކާ ގުޅުވައިލައިގެންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން، ކުއްޖާ ހުރި މާހައުލަކަށް މައްސަލަ ބަލާ ފަނޑިޔާރު ގޮސް ކުއްޖާއާ ސުވާލުކުރެވިދާނެއެވެ. ކުއްޖާ ހުރި މާހައުލަށް ފަނޑިޔާރު ގޮސް ހެކިބަސް ނަގާއިރު، ކުއްޖާ ހުރި މާހައުލާއި ށަރީއަތް ކުރާ މާލަމް ހުންނަންވާނީ އޯޑިއޯ ވީޑިއޯ ލިންކު މެދުވެރިކޮށް ގުޅުވައިލައިފައެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޖާއާ ސުވާލުކުރާއިރު، ކުއްޖާ ހުންނަންވާނީ ކުއްޖާއަށް ދެކެފަރިތަ މާހައުލެއްގައި، އެ ކުއްޖާއަށް އިތުބާރުކުރެވޭ މީހަކާއި އިޖްތިމާއީ ހިދުމަތްދޭ ފަރާތެއްގެ މުވައްޒަފެއްގެ ހާޒިރުގައެވެ.
(ކ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޖާއާ ސުވާލުކުރުމުގައި ކުއްޖާއަށް އެއްވެސް އުނދަގުލެއް ކުރިމަތިވާކަމަށް ކޯޓަށް ފާހަގަވެއްޖެނަމަ،އެ ކުއްޖާއާ ސުވާލުކުރުން ވަގުތުން މެދުކަނޑަންވާނެއެވެ. އަދި ކުއްޖާއާ ސުވާލުކުރުން އަލުން ފަށަންވާނީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށް، ކުއްޖާއަށް ހެކިބަސް ދެވިދާނެކަން ޔަގީން ކުރުމަށްފަހުގައެވެ.
13 ވަނަ މާއްދާ - މެދުކެނޑުމެއްނެތި ށަރީއަތް ހިންގުން
މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހެކީންގެ ހެކިބަސް ނަގައި، މެދުކަނޑުމެއްނެތި ށަރީއަތް ހިންގުމަށް ކޯޓުން ސަމާލުކަންދޭންވާނެއެވެ.
ބަދަލު ނަގައިދިނުން
14 ވަނަ މާއްދާ - ބަދަލު ހޯދުމަށް ދައުވާކުރުން
(ހ) ޖިންސީ ކުށުގެ ގާނޫނުގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން، ކުށުގެ ށިކާރައަށްވީ މީހާއަށް، ކުށުގެ ތުހުމަތުކުރެވިފައިވާ ފަރާތުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުވާކުރެވުމާއެކު، އޭނާގެ ކިބައިން އަންނަނިވި ބާވަތުގެ ގެއްލުމަށް ބަދަލު ހޯދުމުގެ މަދަނީ މައްސަލައެއް އެފަދަ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިފައިވާ ކޯޓަކަށް ހުށަހެޅިދާނެއެވެ. ބަދަލު ހޯދުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
- ޖިންސީ ކުށުގެ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އިގްތިސާދީ ބަދަލު.
- ޖިންސީ ކުށުގެ ގާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ޣައިރު އިގްތިސާދީ ބަދަލު.
(ށ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިގްތިސާދީ ބަދަލު ނަގައިދިނުމުގައި އަންނަނިވި ކަންތައްތަކަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
- ކޮންސަލްޓޭށަން މެމޯ؛
- ކުށުގެ ށިކާރައަށްވީ މީހާއަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ހަދައިފައިވާ އަދި ހަދަންޖެހޭ ޓެސްޓުތަކާއި ސްކޭންތަކާއި އެކްސް-ރޭތައް ފަދަ ސިއްހީ ލިޔެކިޔުންތައް؛
- ބޭސްސިޓީތަކާއި ސިއްހީ ހިދުމަތްދޭ ފަރާތެއްގެ ލިޔެކިޔުންތައް؛
- ކުށުގެ ށިކާރައަށްވީ މީހާއަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ކޮށްފައިވާ އަދި ކުރަންޖެހޭ ފަރުވާތަކުގެ ތަފުސީލުތައް؛
- އަތޮޅުތެރޭގައި ނަމަ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ދަތުރެއް ކުރަންޖެހޭނަމަ އެ ދަތުރުގެ ތަފުސީލު؛
- ދިވެހިރާއްޖޭގައި ފަރުވާދެވެން ނެތިގެން ރާއްޖެއިން ބޭރަށް ދާން ކުރަންޖެހުނު ހަރަދާއި ހުރުމުގެ ހަރަދާއި ކުރި ފަރުވާގެ ތަފުސީލު؛
- ކުށުގެ ށިކާރައަށްވީ މީހާއަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދަން އެހީތެރިއަކާ ނުލައި ދަތުރު ނުކުރެވޭވަރަށްވުރެ އެ މީހާގެ ހާލު ދެރަނަމަ، އަދި ކުށުގެ ށިކާރައަށްވީ މީހާއާއެކު އެހީތެރިއަކު ދަތުރުކުރަންޖެހޭނަމަ، އެ ދަތުރުގެ ތަފުސީލު؛
- ގާނޫނު ނަންބަރު 2011-15 (އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގެ ދަށުން ކުށުގެ ށިކާރައަށްވީ މީހާއާއި އޭނާއާއެކު ދަތުރުކުރާ އެހީތެރިޔާއަށް ލިބޭ މާލީ އެހީތެރިކަމުގެ ތަފުސީލު؛
- އަދި މިނޫންވެސް މިބާވަތުގެ އެހެނިހެން ލިޔެކިޔުންތައް.
(ނ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޣައިރު އިގްތިސާދީ ބަދަލު ނަގައިދިނުމުގައާއި ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި، ކުށުގެ ށިކާރައަށްވީ މީހާއަށް ލިބުނު އަނިޔާގެ ބާވަތަށް ރިއާޔަތްކޮށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވިދާނެ މިންގަނޑުގެ ގޮތުގައި މި ގަވާއިދުގެ ޖަދުވަލު 3 (ތިނެއް) ގައި ހިމަނައިފައިވާ ތާވަލަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ބަދަލު ހޯދުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅުމަށްޓަކައި، ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ ލާޒިމުކަމެއް ނޫނެވެ. އެހެންނަމަވެސް، ބަދަލު ހޯދުމުގެ ދައުވާ ބެލެންސް އޮފް ޕްރޮބެބިލިޓީގެ މިންގަނޑުން ސާބިތުކޮށްދިނުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެކެވެ.
15 ވަނަ މާއްދާ - ދައުވާކުރުމުގެ ވަގުތު
މި ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ދައުވާކުރުމުގެ ލިމިޓޭށަން ހަމަވެފައިވާ ކުށެއްކަމުގައިވާ ހާލަތެއްގައިވެސް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.
ޖިންސީ ކުށް ކުރާ މީހުންގެ ދަފުތަރު
16 ވަނަ މާއްދާ - ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރު ލިޔެ، ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުން
ޖިންސީ ކުށުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރު" ވަޒީރުގެ އިރުށާދުގެ ދަށުން ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގައި ލިޔެ ބެލެހެއްޓުމަށްޓަކައި، އެ މާއްދާގެ (ށ) އިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ނަންބަރު 2019-1011 (ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގެ ގަވާއިދު) އާއެއްގޮތަށް ކޯޓުން އަމަލުކުރަންވާނެއެވެ.
17 ވަނަ މާއްދާ - ދަފުތަރުން ނަން އުނިކުރުން
(ހ) ޖިންސީ ކުށުގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެފައިވާނަމަ، ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުން މީހެއްގެ ނަން އުނިކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހެޅުމަށްޓަކައި، އަންނަނިވި ފަރާތްތަކަކީ ކަމުގެ މަސްލަހަތު އޮތް ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
- ދަފުތަރުގައި ނަން ހިމެނިފައިވާ މީހާ؛
- ދަފުތަރުގައި ނަން ހިމެނިފައިވާ މީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ އުފަންދަރިއެއް ނުވަތަ ދޮން ދަރިއެއް ނުވަތަ ޒިންމާދާރު ބަލަދުވެރިއަކު ނުވަތަ އެނޫންވެސް އެފަދަ މީހަކު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތް.
(ށ) ނަން އުނިކުރުމުގެ މައްސަލައެއް ހުށަހަޅަނީ، މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތެއްނަމަ، އެ މީހާއާއި ނަން ހިމެނިފައިވާ މީހާއާ އޮތް ގުޅުން ކޯޓަށް ސާބިތުކޮށްދޭންވާނެއެވެ. އަދި ނަން ހިމެނިފައިވާ މީހާ އަމިއްލައަށް މައްސަލަ ހުށަހެޅުމުގެ ބަދަލުގައި، އެހެން ފަރާތަކުން އެ މައްސަލަ ހުށަހަޅާ ސަބަބުވެސް ކޯޓަށް ސާފުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ދަފުތަރުން ނަން އުނިކުރުމަށް އެދި ހުށަހަޅާނީ، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިފައިވާ ކޯޓަކަށެވެ.
(ރ) ޖިންސީ ކުށުގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުން ނަމެއް އުނިކުރުމަށް ކޯޓުން އަމުރެއްކޮށްފިނަމަ، އަމުރެއް ކޯޓުން ކުރާ ވަގުތުން ފެށިގެން ގިނަވަގެން 24 (ސައުވީސް) ގަޑިއިރު ތެރޭގައި، އަމުރު ކުރި ކޯޓެއްގެ ރަޖިސްޓްރަރ ނުވަތަ ޗީފް އެޑްމިނިސްޓްރޭޓަރ ނުވަތަ އެ މަސްއޫލިއްޔަތާ އެ ވަގުތަކު ހަވާލުވެ ހުރި ފަރާތެއް، އެ އަމުރުގެ ކޮޕީއެއް މިނިސްޓްރީއަށާއި ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.
ޖިންސީ ކުށުގެ ށިކާރައަށްވީ މީހާގެ ތަފުސީލު ހާމަނުކުރުން
18 ވަނަ މާއްދާ - ޖިންސީ ކުށުގެ ށިކާރައަށްވީ މީހާގެ ތަފުސީ ލު ހާމަކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން
(ހ) ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ ފަދައިން، ރޭޕްކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހުގީގެއް ނުވަތަ ށަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެއްގައި ބަޔާންކުރުމުގައި ނުވަތަ ށާއިއުކުރުމުގައި، އެ ކުށުގެ ށިކާރައަކަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ހުށަހަޅާނީ ބަންޑާރަ ނާއިބުގެ ފަރާތުން މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިފައިވާ ކޯޓަކަށެވެ.
އާންމު އުސޫލުތައް
19 ވަނަ މާއްދާ - ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ކޯޓުން ބައިވެރިވުން
(ހ) ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލާ ފަނޑިޔާރުންނާއި ކޯޓުގެ އިދާރީ މުވައްޒަފުންނަކީ ޖިންސީ ކުށުގެ ށިކާރައަށްވީ މީހުންނާއި އެފަދަ ކުށްތަކާ ގުޅިގެން ހެކިބަސްދޭ މީހުންނާއި ކުޑަކުދިންނާއި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުއާމަލާތް ކުރުމުގައި ހާއްސަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭ ފަރާތްތަކަކަށް ވާތީ، އެ ފަރާތްތަކަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހިންގާ ހާއްސަ ތަމްރީނު ޕްރޮގްރާމްތަކުގައި ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން ބައިވެރިވާންވާނެއެވެ.
(ށ) ޖިންސީ ކުށުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، އެ ގާނޫނުގެ ދަށުން ހިންގޭ މައްސަލަތަކުގެ ށަރީއަތްކުރުމާގުޅޭ ކަންކަމަށް ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން ބައިވެރިވާންވާނެއެވެ.
20 ވަނަ މާއްދާ - ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނާ މައުލޫމާތު ހިއްސާ ކުރުން
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުރާ ހުކުމްތަކާއި ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުން މީހެއްގެ ނަން އުނިކުރުމަށްކުރާ އަމުރުތައް މި ގަވާއި ދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކޮންމެ 3 (ތިނެއް) މަހުން އެއްމަހު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނާ ކޯޓުން ހިއްސާ ކުރަންވާނެއެވެ.
21 ވަނަ މާއްދާ - މުއްދަތު ގުނުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދެއްގައި މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
22 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކޯޓަށް ހުށަހަޅައިފައިވާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް
(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކޯޓަށް ހުށަހަޅަފައިވާ މައްސަލަތަކުގެ ތެރެއިން ހިންގަން ފަށައިފައިނުވާ މައްސަލަތައް ހިންގަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކޯޓަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރެއިން، ހިންގަން ފަށައިފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކުރިއަށް ގެންދެވެން އޮތްނަމަ، އެ މައްސަލަތައް ކުރިއަށް ގެންދަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
23 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ހަމަވާ ތާރީހުގައެވެ.
24 ވަނަ މާއްދާ - ގަވާއިދު މުރާޖައާކުރުން
މި ގަވާއިދަށް އަމަލުކުރާ ތާރީހުން ފެށިގެން ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން މި ގަވާއިދު މުރާޖައާކޮށް، މި ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތައް ގެންނަންވާނެއެވެ.
25 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަ ކުރެވޭނީ ތިރީގައި އެވާ ގޮތަށެވެ.
(ހ) "ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 118 ވަނަ މާއްދާގެ (ޏ) ގައިވާ ބަޔާންކޮށްފައިވާ ފަދައިން، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށާއި، އެ ކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި، ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ގާޑިއަން އެޑް-ލިޓެމް އާއި އަމިކަސް-ކިއުރިޔައި ގެ ދައުރު އަދާކުރުމަށް ކޯޓުން ހުއްދަދޭ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި އަދި ކުއްޖާގެ
މަސްލަހަތު ހިމާޔަތްކުރެވިދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެނިހެން ފަރާތްތަކެވެ.
(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އަންހެނުންގެ ދައުރާއި އާއިލާގެ ގުޅުން ގައުމީ ފެންވަރެއްގައި އިސްލާހުކޮށް ރައްކައުތެރިކޮށްދީ ތަންފީޒުކޮށްދިނުމުގެ މަސްއޫލިއްޔަތާ ހަވާލުވެގެންވާ ވުޒާރާއަށެވެ.
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުހިގައި ހިމެނިފައި
ޖަދުވަލު 1 - (ރައްކައުތެރިކަމުގެ އަމުރަށް އެދި ހުށަހަޅާ ފޯމު)
ޖަދުވަލު 2 - (ރައްކައުތެރިކަމުގެ އަމުރު)
ޖަދުވަލު 3 - (އަނިޔާގެ ބަދަލު ނަގައިދެވޭނެ މިންވަރު ބަޔާންކޮށްދޭ ތާވަލު)
ކިޔުންތެރިންގެ ހިޔާލު