-

ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-136)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 އޮގަސްޓް 2022 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން އެ މާއްދާގެ (ހހ) އަށް ރިއާޔަތްކޮށް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު ބަނދަރު ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ކައުންސިލުން ބަލަހައްޓާނީ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ބަނދަރާއި، އެ ބަނދަރާ ގުޅިފައިވާ ސަރަހައްދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިދާރާއިން ބަނދަރުގެ ސަރަހައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަހައްދު ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބަނދަރު ބެލެހެއްޓުން

(ހ) އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ބަނދަރު ބެލެހެއްޓުމަކީ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަންވާނީ މި ގަވާއިދާ އެއްގޮތަށެވެ.

(ށ) ކައުންސިލުގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި މި ގަވާއިދުގެ ދަށުން ނަގަންޖެހޭ ފީ ނެގުމަށްޓަކައި އެކަމަށް މީހަކު ނުވަތަ ބަޔަކު ހާއްސަ ކުރެވިދާނެއެވެ.

(ނ) ބަނދަރުގައި މަސްދޯނިފަހަރު އެޅުމާއި މުދާ ބޭލުމަށާއި އެހެނިހެން އުޅަނދުތައް އެޅުމަށް ސަރަހައްދުތައް ކަނޑައެޅުމުގެ އިހުތިޔާރު އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބަނދަރާއި، ބަނދަރު ސަރަހައްދާއި އުޅަނދުފަހަރުއެޅުމަށް ހާއްސަކުރާ ސަރަހައްދުތައް

(ހ) މި ގަވާއިދު ހިންގޭ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ބަނދަރުގެ ތެރޭގައި އުޅަނދުފަހަރު އެޅުމަށް ހާއްސަކުރާ ސަރަހައްދުތައް ވަކިވަކިން އެނގޭގޮތަށް އަރިއަތޮޅު ދެކުނުބުރީއޮމަދޫ ކައުންސިލުން ކަނޑައަޅައި އާންމުކޮށް ފެންނާނެ ފަދައިން ބަހައްޓަންވާނެއެވެ.

 

5 ވަނަ މާއްދާ - ބަނދަރަށް މުދާ ބޭލުމާއި، ބަނދަރުން މުދާ ބަރުކުރުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް، ނުވަތަ އެ ނޫންވެސް ބޭނުމަކު ކައުންސިލުން ކަނޑައަޅައިފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަންވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 1 ފޫޓާއި 69 ފޫޓާ ދެމެދުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 70 ފޫޓާއި 119 ފޫޓާ ދެމެދުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 120 ފޫޓަށްވުރެ ދިގު އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ.

(ބ) މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުސޫލުންނެވެ.

  1. 69 ފޫޓަށްވުރެ ކުރު އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ ގަޑިއިރަކަށް 8/50 (އަށް ރުފިޔާ ފަސްސާސް ލާރި) ރުފިޔާގެ މަގުންނެވެ.
  2. 70 ފޫޓާއި 99 ފޫޓާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ ގަޑިއިރަކަށް 12/50 (ބާރަ ރުފިޔާ ފަންސާސް ލާރި) ރުފިޔާގެ މަގުންނެވެ.
  3. 100 ފޫޓަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ ގަޑިއިރަކަށް 16/50 (ސޯޅަ ރުފިޔާ ފަންސާސް ލާރި) ރުފިޔާގެ މަގުންނެވެ.

(ޅ) މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ ބާއްވަންވާނީ، ތޮށިގަނޑުގެ ހުރަހަށެވެ.

(ކ) ސިމެންތިއާއި، ހިލަޔާއި، ހިލަވެއްޔާއި، ދޮންވެއްޔާއި، އަކިރިއާއި، ދަގަނޑާއި، ލަކުޑިއާއި، ތެލާއި، ގޭހާއި، ކާޑުގެ ބާވަތްތަކާއި، ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދުފަހަރުން އެފަދަ ތަކެތި އަރުވައި ބާލަންވާނީ، ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައެވެ. ތެލާއި ގޭސް ފިޔަވައި އެހެނިހެން ތަކެތި ބާލަންވާނީ، އެ ސަރަހައްދެއްގައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެން، އެންމެ ލަސްވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދު ސާފުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި، އުޅަނދުން ބޭލުމަށްފަހު ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ، އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ވ) މި މާއްދާގެ (އ) އާ ހިލާފަށް 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވާ ގޮތަށް ބަހައްޓާ މުދަލަކީ ދޫކޮށްލައިފައިވާ ތަކެތިކަމަށް ބަލައި، އެފަދަ ތަކެއްޗާމެދު އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ބަނދަރު ސާފުކުރުން

(ހ) ބަނދަރާއި ބަނދަރު ސަރަހައްދު އާންމުކޮށް ސާފުކޮށް ބެލެހެއްޓުމަކީ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލުގެ މަސްއޫލިއްޔަތެކެވެ.

(ށ) މުދާ އަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަހައްދަށް އެޅޭ ތެލާއި ކުނި ފަދަ ތަކެތި، އެ މަސައްކަތް ނިމުމުން، އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ މަސައްކަތް ކުރި ނުވަތަ ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

(ނ) ސިމެންތިއާއި، ދޮންވެއްޔާއި، ހިލައާއި، ހިލަވެއްޔާއި، ކާޑުގެ ބާވަތްތައް، ބަނދަރުގެއެއްގަމު ތޮށިމަތީގައި ޖައްސަންވާނީ، އެ ތަކެތި ބާލައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމުމުން ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި ސަތަރި ނުވަތަ ތަރަފާލު ނަގައި، ތަނަށް އެޅިފައިހުރި ތަކެއްޗާއެކުގައި ސާފުކުރަންވާނެއެވެ.

(ރ) ބަނދަރުގެ މުދާ ބޭލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި މުދާ ބެހެއްޓޭނީ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ. އަދި މިއަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ގަޑިއިރަކަށް 10 (ދިހައެއް) ރުފިޔާ ކައުންސިލަށް ދައްކަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކުރުން

އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި ނުވަތަ މުދާ ބޭލުމުގެ ތެރޭގައި ނުވަތަ މުދާ ބަރުކުރުމުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ، ތޮށިގަނޑަށް ގެއްލުން ވެއްޖެނަމަ، އެފަދައިން ލިބޭ ގެއްލުމަކަށް އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުންޒިންމާވާން ޖެހޭނެއެވެ. އަދި ތޮށިގަނޑަށް ލިބުނު ގެއްލުން ކައުންސިލުން ބަލައި، އެ ތަނެއް މަރާމާތުކުރުމަށް އަންގައިފިނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން، ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކޮށް ނުދިނުން

މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ތޮށިގަނޑަށް ލިބުނު ގެއްލުމަށް ޒިންމާވުމަށް ނުވަތަ ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދުއޮޕަރޭޓްކުރާ ފަރާތުން އިންކާރުކޮށްފިނަމަ އަމަލުކުރާނީ، ތިރީގައި ބަޔާންކުރެވިފައިވާ ގޮތުންކުރެގޮތަކަށެވެ.

(ހ) ށަރުއީ ކޯޓެއް މެދުވެރިކޮށް މައްސަލަ ހައްލުކުރުން.

(ށ) އެ އުޅަނދުގެ ސަބަބުން ބަނދަރުން ހަލާކުވި ތަން، އެ އުޅަނދަކަށް ޒިންމާވާ ފަރާތުން މަރާމާތުކުރަންދެން، އެ އުޅަނދަށް ބަނދަރުން ހިދުމަތް ނުލިބޭގޮތަށް ކަނޑައަޅައި ތަންފީޒީ އިދާރާ (ދިވެހި ފުލުހުންގެ ހިދުމަތް، ރަށު ކައުންސިލް ނުވަތަ ބަނދަރު ހިންގައި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާ) ތައް މެދުވެރިކޮށް އެކަން ތަންފީޒު ކުރުން

 

9 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމަށް ހިނގާހަރަދު

މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތަށް ކައުންސިލުގެ ފަރާތުން ކޯޓަށް ދާންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަށް ހިނގާ ހަރަދު އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން ދޭންވާނެއެވެ.

 

10 ވަނަ މާއްދާ - އެއްގަމަށް ވާ އެޅުމާއި ލޮތާރި އެޅުން

(ހ) އުޅަނދުތަކުގެ ވައު އައްސަންވާނީ، ކައުންސިލުގެ ފަރާތުން ބަނދަރުގައި ވައު އެޅުމަށް، ނުވަތަ ވައު އެއްސުމަށް ކަނޑައަޅައިފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައެވެ.

(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއްލައިގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - ވަކި ފަރާތަކަށް ބަނދަރު ހާއްސަވުން

(ހ) ބަނދަރުގެ ހިދުމަތަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވައިލައިގެން ދޭ ހިދުމަތަކަށްވުމުން، މުދާ ބޭލުމަށް ކައުންސިލުގެ ފަރާތުން ބަނދަރުން ކަނޑައަޅައިފައިވާ ބަނދަރު ސަރަހައްދުގެ ވަކި ދިމާއެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައެއް ނުބޭއްވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކޮންމެ ބަނދަރެއްގައި ވެސް ބަނދަރުގެ ޖާގަ އޮތް މިންވަރަކަށް ރިއާޔަތްކޮށްފައި، ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށްބަނދަރުގެ ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި، ފައްތިޔާ ބޭއްވުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިގޮތަށް ފައްތިޔާ އެޅުމަށް ވަގުތީ ނުވަތަ ދާއިމީ ހުއްދައެއް ދިނުމަށް ކައުންސިލުން ވަކި އު ސޫލެއް ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ނ) މުދާ އަރުވައި ބޭލުމަށާއި، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށްބަނދަރުގެ ވަކި ސަރަހައްދެއް ކަނޑައެޅުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ކަނޑައަޅާ ސަރަހައްދުގައި ފީ ނުދައްކައި ބޭއްވޭނެ ވަގުތު މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ބ) މުދާ އަރުވައި ބޭލުމަށާއި، މީހުން އަރައި ފޭބުމަށާއި ފެރީ އުޅަނދުތައް ގާތް ކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައި އެ ނޫން އެހެން ބޭނުމަކު އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.

 

12 ވަނަ މާއްދާ - ފަޅުތެރޭގައި ވައު އެޅުން

(ހ) ފަޅުތެރޭގައި ވައު އެޅުމާއި ލޮތާރި އެޅުން ފަދަ ކަންތައްތައް ކުރަންވާނީ، ވައު އެޅުމާއި ލޮތާރި ލުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އުސޫލާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ރަސްމީ ފާލަން ނުވަތަ ޖެޓީ ސަރަހައްދު

(ހ) ރަސްމީ ޖެޓީ ނުވަތަ ރަސްމީ ފާލަމުގެ ބޭނުން ހިފުމަށް ދަތިވާގޮތަށް، ފާލަން ނުވަތަ ޖެޓީ ކައިރީގައި އެއްވެސް އުޅަނދެއް އަޅައިފައި ބާއްވައިގެން ނުވާނެއެވެ.

(ށ) ކައުންސިލުން ހުއްދަ ދޭ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދު "ރަސްމީ ފާލަން" ނުވަތަ "ރަސްމީ ޖެޓީ" އަށް ކައިރިކޮށް، ފަސިންޖަރުންނާއި ފަސިންޖަރުންގެ ފޮށި ތަންމަތި އަރުވައި ބޭލުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރުނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ބަނދަރު ތެރޭގައި މަސްކިރުން

(ހ) ބަނދަރުތެރޭގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސްކިރުވަންވާނީ، ބަނދަރުތެރޭގައި މަސްކިރުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން، ކައުންސިލަށް ހުށަހަޅައިގެން ލިޔުމުން ހުއްދަ ލިބިފައިވާ މަސްކިރާ ފަރާތްތަކަށެވެ. މިގޮތުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުން މި އުސޫލުތައް ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ށ) މަސްކިރުމުގެ ތެރޭގައި ވެސް، ބަނދަރުތެރެއަށް، ކުންޏާއި މަހުގެ ބާވަތްތަކާއި މި ނޫންވެސް މިފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ފަތުރުވެރިންގެ އުޅަނދުފަހަރު

(ހ) ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ބަނދަރަށް ވަދެނުކުމެ ހަދަންވާނީ، ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. މިގޮތުން، ބަނދަރަށް ވަންނަ އުޅަނދުފަހަރު، ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 50:00 (ފަންސާސް) އެމެރިކާ ޑޮލަރު ނުވަތަ 50:00 (ފަންސާސް) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ، އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސް ފައިސާ ނަގާނީ، 24 (ސައުވީސް) ގަޑިއިރަށެވެ.

(ށ) ފަތުރުވެރިން ދަތުރުކުރާ އުޅަނދު ބަނދަރުގެ ނެރުން ވަނުމަށްފަހު، އުޅަނދު ނެރުން ނުކުންނަންދެން، އޭގައި ތިބި ފަސިންޖަރުންނާއި، ފަޅުވެރިން އާންމުކޮށް ފެންނަ ގޮތަށް އުޅަނދުގައި ތިބެންޖެހޭނީ އެކަށީގެންވާ ހެދުމެއްގައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ރ) ސިއްހީ ކުއްލި ފަރުވާއެއް ހޯދުމަށް ފަތުރުވެރިއަކު ގޮވައިގެން ދަތުރުކުރާ އުޅަނދު ފަހަރަކީ މި މާއްދާގައި ބުނާ ފަތުރުވެރިން ދަތުރުކުރާ އުޅަނދެއްކަމުގައި ނުބެލެވޭނެއެވެ.

 

16 ވަނަ މާއްދާ - ހާއްސަ ހާލަތެއްގައި އުޅަނދު އަޅައިފައިވާ ސަރަހައްދުން ނެގުން

(ހ) ހާއްސަ ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ ފަރާތުން، އުޅަނދެއް އޮތްތަނުން ނަގަން ބޭނުންވެއްޖެނަމަ، އެ އުޅަނދެއް ނަގަންޖެހޭ ހާއްސަ ހާލަތު ބަޔާންކޮށް ލިޔުމަކުން އުޅަނދުގެ ވެރި ފަރާތަށް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި ހާއްސަ ހާލަތުތައްކަމުގައި އަންނަނިވި ކަންތައްތައް ބެލެވިދާނެއެވެ.

  1. ވަކި ރަސްމިއްޔާތަކާ ގުޅިގެން އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރަން ޖެހުން؛
  2. ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން؛
  3. ބަނދަރުތެރެ ސާފުކުރުމަށް ރާވައިފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާ ގުޅިގެން؛
  4. ބަނދަރު މަރާމާތުކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން އުޅަނދު ނަގަންޖެހުން.

(ނ) މި ގޮތަށް ހާއްސަ ހާލަތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގައި، އިމަރޖެންސީ ހާލަތެއްގައި ނަގަންޖެހޭ ޖެހުން އިސްތިސްނާވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އެންގުން އެ އުޅަނދުގެ ވެރިފަރާތާ ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކާ ހަވާލު ކުރުމުން، ނުވަތަ އެއިން މީހަކު ނެތްނަމަ އެ އުޅަނދުގެ ފަޅުވެރިޔަކާ ހަވާލުކުރުމުން، ފަޅުވެރިޔަކުވެސް ނެތްނަމަ ނުވަތަ، އެ ނޯޓިސްއާ ހަވާލުވުމަށް އުޒުރުވެރިވާނަމަ، އެ އުޅަނދުގައި އެ ލިޔުން އާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން އެ އުޅަނދު ނެގުމަށް އެންގުނީ ކަމަށް ބަލަންވާނެއެވެ.

(ބ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ވާގޮތުގެމަތިން އެ އުޅަނދެއް ނަގަން އެންގުމުން އެ އެންގުމާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - އިންޖީނަށް ގެއްލުން ލިބުން ފަދަ ދަތުރު ނުކުރެވޭ ހާލަތު މެދުވެރިވާ އުޅަނދު

އިންޖީނަށް ގެއްލުން ލިބުން ފަދަ ކަންކަމުގައި ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ވެސް ތޮށިގަނޑު ކައިރީގައި ތޮށިގަނޑު ދިގަށް ބޭއްވޭނީ ކައުންސިލުގެ ހުއްދައާއެކު، ގިނަވަގެން 5 (ފަހެއް) ދުވަސް ވަންދެންނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަ ނުވިކަމުގައި ވިޔަސް، 5 (ފަހެއް) ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ، 24 (ސައުވީސް) ގަޑިއިރަށް ފީ ނެގޭ މިންވަރަށެވެ. މި މާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނީ، ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިޔުމަކުން ހުށަހެޅުމުންނެވެ. އަދި މި ގޮތަށް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން އުޅަނދަށް ޖަވާބެއް ދޭންވާނެއެވެ.

 

18 ވަނަ މާއްދާ - ބަނދަރާއި ބަނދަރު ސަރަހައްދަށް ކުނި އެޅުން

(ހ) އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަހައްދަށް ކުންޏާއި އެފަދަ އެހެން ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ އުކައިލެވޭ ބައިތަކާއި، ކަރުގޮހޮރު ފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަހައްދަށް ގަޟާހާޖަތް ކުރުމަކީވެސް މަނާކަމެކެވެ.

(ށ) އުޅަނދުގެ އަޑީގައި ހުންނަ ތެޔޮ އެކުލެވޭ ނުވަތަ ތެޔޮ ފަދަ އެއްޗަކާއެކު ތަޣައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު ބަނދަރުތެރެއަށް ހިއްކުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި މަސްކެނޑުން

(ހ) މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަން ފިޔަވައި ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި މަސް ކެނޑުމާއި މަސް ވިއްކުމަކީ މަނާކަމެކެވެ.

(ށ) މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަނަށް މަސް ގެންދިއުމުގައި ނުވަތަ މަސް އުފުލުމުގައި، ބަނދަރުގެ އެއްގަމުތޮށްޓާއި ބަނދަރު ސަރަހައްދުގައި އަޅައިފައިވާ ގާތަށް ހަޑިވާގޮތަށް އެކަން ކުރުމަކީ މަނާކަމެކެވެ. އަދި އެ ފަދަ ކަމެއް ދިމާވެއްޖެނަމަ، އެ ހަޑިވި ތަނެއް ސާފުކުރުމަކީ އެކަން ކުރި ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 
5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ބަނދަރުތެރޭގައި އެންކޮށްޓާއި ދިރޭމަސް ގެންގުޅުން

(ހ) ބަނދަރުތެރޭގައްޔާއި ބަނދަރު ސަރަހައްދުގައި އެން ކޮށްޓާއި ދިރޭމަސް، ކޮށީގައި ބަހައްޓައިގެން ދާއިމީކޮށް ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، މޫސުމީ މަސްވެރިކަމަށް މަސްވެރިން ގެންގުޅޭ ދިރޭމަސް ދޯނީގައްޔާއި ދޯނީގައި ހަރުކޮށްފައި ހުންނަ ދާތަކުގައި ވަގުތީގޮތުން ގެންގުޅުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. އަދި މި ގޮތަށް މަސް ގެންގުޅެންވާނީ، އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެ ގޮތަށެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ފުރަތަމަ ފަހަރުނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް ފެތޭ އުޅަނދު

(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އުޅަނދެއް އަޑިއަށް ހިނގައްޖެނަމަ، އެ އުޅަނދެއް ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަހައްދަށް ފެތިފައި ނުވަތަ އަޑިއަށް ގޮސްފައި އޮވެ 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނެގުމަށް ކައުންސިލުގެ ފަރާތުން އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދެއްގެ އޮޕަރޭޓަރަށް އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ ހަވާލުވެހުރި ފަރާތް ނޭނގޭނަމަ، އެ ފަރާތެއް ހޯދުމަށް ޓަކައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އަންގާތާ ނުވަތަ އިއުލާނު ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ ހަވާލުވެ ހުރި ފަރާތުން އެއްވެސް ހަބަރެއް ނުވެއްޖެނަމަ، ނުވަތަ އެ ފަރާތް އެނގިގެން، މި މާއްދާގެ (ހ) ގައިވާ އެންގުން އެ ފަރާތަށް އެންގުމަށްފަހު ވެސް އެ އުޅަނދު އޮތް ސަރަހައްދުން ނުނަގައިފިނަމަ، އެ އުޅަނދެއް ބަނދަރު ސަރަހައްދުން ނަގައި ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ހުއްދަ، ކޯޓު އަމުރެއްގެ ދަށުން ހޯދައި އެ ތަނަކަށް އުޅަނދު ގެންދަންވާނެއެވެ. އަދި މި ގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ އުސޫލުން ނަގާ އުޅަނދުތައް ނެގުމަށާއި، އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިއުލާނު ކުރުމަށާއި، އުޅަނދު އެ ސަރަހައްދުން ނެގުމަށް ދިޔަ ހަރަދާއި، އެ އުޅަނދަށް އިތުރު އެއްވެސް ފީއެއް ދައްކަންޖެހި ނުދައްކައިވާނަމަ، އަދި ޖޫރިމަނާއެއް ކުރެވި އެ ފައިސާ ނުދައްކައިވާނަމަ، އެ ކަންކަމުގެ ފައިސާ ދައްކައި ހަލާސްކޮށް، ފައިސާ ދެއްކިކަމުގެ ލިޔުމާއި އެ އުޅަނދާބެހޭ ރަސްމީ ލިޔުންތައް ހުށަހެޅުމުން، އުޅަނދުގެ ވެރިފަރާތާ އެ އުޅަނދެއް ހަވާލުކުރަންވާނެއެވެ.

(ރ) އުޅަނދު ނަގާތާ 15 (ފަނަރަ) ދުވަސްވުމުން ދެން އުޅަނދު ދޫކުރެވޭނީ، މި މާއްދާގެ (ނ) ގައިވާ ފީއާއި، ޖޫރިމަނާގެ ފައިސާއާއި، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 75 (ހަތްދިހަފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މި ގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނައްތައިލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކައިލުމުގެ އިހުތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ކަންތައް ކުރާނީ، އާންމުކޮށް އިއުލާނުކުރުމަށްފަހު، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ނައްތައިލެވޭ އުޅަނދުތަކަށް، ޖޫރިމަނާއާއި ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމަށް އެ އުޅަނދުގެ ވެރިފަރާތާމެދު ދައުވާކުރުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ފަޅުތެރެއިން ނަގާ އުޅަނދުތައް ނެގުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ބަނދަރު ސަރަހައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން، ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

  1. އުޅަނދު އޮތް ތަނުން ނެގުމުގެ ކުރިން، ފޮޓޯ ނަގަންވާނެއެވެ. ނުވަތަ ވީޑިއޯ ކުރަންވާނެއެވެ.
  2. އުޅަނދު ނެގުމުގެ ކުރިން، އުޅަނދު އޮތް ހާލަތު ބަޔާންކުރާ ރިޕޯޓެއް ތައްޔާރުކޮށް، ރިޕޯޓު ތައްޔާރުކުރި ފަރާތާއި، އެ އުޅަނދުގެ ހާލަތު ވަޒަންކުރި، ކައުންސިލުގައި ނުހިމެނޭ އިތުރު ދެ މީހަކު ހެކީންގެ ގޮތުގައި، ރިޕޯޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވައިލުމުގައި 

ފުލުހުންގެ އެހީތެރިކަން ހޯދަންވާނެއެވެ.

 

23 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް މޫދަށް އެރި އުޅުން

(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް އާންމުކޮށް މޫދަށް އެރި އުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، އެކަން ތަކުރާރުކޮށްފިނަމަ، އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، މި ގަވާއިދުގެ ދަށުން، ކައުންސިލަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ފަޅުތެރޭގައި އުޅަނދު ދުއްވަންޖެހޭ ސްޕީޑް

ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ، ދިމާވެދާނެ ނުރައްކައުތެރި ހާދިސާއަކަށް އެންމެ އެކަށީގެންވާ މިންވަރަށް ރައްކައުތެރިވެގެންނެވެ. މިގޮތުން ގަޑިއަކު 4 ނޯޓިކަލް މޭލަށްވުރެ ބާރު ސްޕީޑުގައި ފަޅުތެރޭގައި އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

 

25 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި އޮޑިދޯނިފަހަރު މަރާމާތުކުރުން

ބަނދަރު ސަރަހައްދުގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނީ، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލުގެ އިދާރާގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. އަދި މިފަދަ ހުއްދައަކަށް އެދި އެކަށީގެންވާ ސަބަބާއެކު އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، މި ގަވާއިދުގެ ދަށުން ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލުގެ މަތިން އެ މަސައްކަތެއް ކުރުމުގެ ހުއްދަ ލަސްނުކޮށް ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ސަބަބެއްނެތި ބަނދަރުގައި ބއަޅައިފައި ބާއްވާ އުޅަނދުތައް

(ހ) އެކަށީގެންވާ ސަބަބެއް ނެތި އުޅަނދުފަހަރު ބަނދަރުގައި އަޅައިފައި، ބޭނުންނުކޮށް ބޭއްވޭނީ، އެންމެ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި، ކައުންސިލަށް ލިޔުމަކުން ހުށަހަޅައިގެން، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތީން، އިތުރު މުއްދަތެއް ދެވިދާނެއެވެ. އަދި މުއްދަތު އިތުރުކުރިކަން އަންގައި ކައުންސިލުން ދޭ ލިޔުން އާންމުކޮށް ފެންނާނޭ ގޮތަށް އުޅަނދުގައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތަކުގެ އުޅަނދުފަހަރު ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ނެގޭނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރު ހަމަނުވެ އޮންނަ ވަގުތަށް ވެސް ފީ ނެގޭނީ، 24 (ސައުވީސް) ގަޑިއިރަށެވެ.

 

27 ވަނަ މާއްދާ - ޖޫރިމަނާ

(ހ) އެހެން ގާނޫނަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، މި ގަވާއިދުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް މި ގަވާއިދުގައި ހިމެނިފައިވާކަމެއް ކުރުމުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އެ ކުށެއް ކުރި ފަރާތަކާމެދު އަމަލުކުރުމުގެ އިހްތިޔާރު އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރެވޭނީ، އެ ފަރާތެއް އެ ކުރި ކުށް އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލުން ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ފަރާތުން ބަލައި، ކުށުގެ ހާދިސާ ދިރާސާކޮށް، އެކަން ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލުން އެ ފަރާތެއް ޖޫރިމަނާ ކުރުމަށް ކަނޑައެޅުމުންނެވެ.

(ނ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލަށް ނުވަތަ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

28 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުސޫލުތައް

މި ގަވާއިދު ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާ ގުޅޭ ގޮތުން ހަދަންޖެހޭ އުސޫލުތައް ހަދައި، މި ގަވާއިދަށް އަމަލުކުރަންފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ އުސޫލުތައް އާންމުކޮށް ށާއިއުކުރަންވާނެއެވެ. އަދި މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން އެކަމެއްގައި ގޮތެއް ކަނޑައެޅުމުގެ ބާރު އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި 
އިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުންއިންތިހާބުކޮށްފައިވާ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލަށެވެ.

(ށ) "ތަންފީޒީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި ކައުންސިލާއި ބަނދަރު ހިންގައި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.

(ނ) "މޫދަށް އެރި އުޅުން" ކަމަށް ބުނެފައި އެވަނީ، ހުސް ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ނުވަތަ މަޖާކޮށްލުމުގެ ބޭނުމުގައި މޫދަށް އެރި އުޅުންފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ކައުންސިލުގެ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށް އެރުން މި މާނައިގެ ތެރެޔަކު ނުހިމެނެއެވެ.

(ރ) "ވަގުތީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ބަނދަރު ސަރަހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ބ) "ދާއިމީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ބަނދަރު ސަރަހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އެއްވެސްފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ޅ) "ރަސްމީ ޖެޓީ" ނުވަތަ "ރަސްމީ ފާލަން" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން ރަސްމީ ފާލަން ނުވަތަ ޖެޓީ ކަމުގައި ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ފާލަމަށް ނުވަތަ ޖެޓީއަށެވެ.

(ކ) "އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ބަޔަކު އާންމުކޮށް އަޅައި އުޅޭ ނުވަތަ އެއާ އެއްގޮތް އެހެން ހެދުމަކަށެވެ.

(އ) "ބަނދަރު ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އާންމުކޮށް އިއުލާނުކުރާ ސަރަހައްދަށެވެ.

(ވ) "އުޅަނދު އޮޕަރޭޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއް ދުއްވާ ފަރާތާއި އުޅަނދު ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ހިންގާ ފަރާތަށެވެ.

(މ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތައް ތަފުސީރުކުރުމުގައި، މީހުންނާއި، ފަރާތްތަކުގެ މާނައިގައި، ކުންފުނި، ގުރޫޕު، އޮފީސް، ޖަމްއިއްޔާ، ޖަ މާއަތްތައް ފަދަ މީހުންނާއި ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށް ނުވަތަ އެއް ޖިންސަކަށް ބޭނުންކޮށްފައިވާ ލަފުޒުތައް އެ ލަފުޒެއް ބޭނުންކޮށްފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ. 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު