-

ގަލާއި ވެއްޔާއި އަކިރި ނެގުމައި ބޭނުން ކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 0000-00)

(މިގަވާއިދަށް ނަންބަރެއް ދެވިފައިނުވާއިރު އަމަލުކުރަންފެށި ތާރީހެއްވެސް އެނގެންނެތް) 

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

މިގަވާއިދަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ފަޅުފަޅުންނާއި، ފަރުފަރުންނާއި ހާހަލުންނާއި، އަދި އެނޫންވެސް ގުދުރަތީ ގޮތުން ގަލާއި، ވެއްޔާއި، އަކިރި އުފެދޭ ތަންތަނުން، ގަލާއި ވެއްޔާއު، އަކިރި ނެގުމާ ބެހޭގޮތުންނާއި، އެގުދުރަތީ ވަސީލަތްތައް ދިވެހިރާއްޖޭގެ ތިމާވެއްޓަށް ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާބެހޭ ގޮތުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަލާއި ވެއްޔާއި އަކިރި ނެގުން

(ހ) ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ފަޅުފަޅުންނާއި، ފަރުފަރުންނާއި ހާހަލުންނާއި، އަދި އެނޫންވެސް ގުދުރަތީ ގޮތުން ގަލާއި، ވެއްޔާއި، އަކިރި  އުފެދޭ ތަންތަނުން، ގަލާއި، ވެއްޔާއި، އަކިރި ނަގަންވާނީ މިގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން، ހުއްދައިގައި ބުނެފައިވާ ގޮތުގެ މަތީންނެވެ.

(ށ) ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުންނާއި މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުން، މިގަވާއިދުން އިސްތިސްނާވާނެއެވެ. ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ، "ދިވެހިރާއްޖޭގެ ފަޅުރަށްރަށުންނާއި ގާނޫނު" (ގާނޫނު ނަންބަރު 1998-20)  އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ "ދިވެހިރާއްޖޭގައި ފަޅުރަށްރަށާބެހޭ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނަގަންވާނީ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ގާނޫނު" (ގާނޫނު ނަންބަރ  77/1978) އާ އެއްގޮތްވާގަޮތުގެ މަތިންނެވެ.

 

ގައު

 

3 ވަނަ މާއްދާ - ގާ ނެގުން މަނާވުން

ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގާ ނެގުމަކީ މަނާކަމެކެވެ.

 

އަކިރި 

 

4 ވަނަ މާއްދާ - އަކިރި ނެގުން މަނާ ތަންތަނާއި ހުއްދަ ތަންތަން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ރަށްރަށުންނާއި ތަންތަނުން އަކިރި ނެގުމަކީ މަނާކަމެކެވެ.

  1. ސިނާއީ މަސައްކަތްތަކަށާއި، އެހެނިހެން މަސައްކަތް ކުރުމަށް ވަކި މުއްދަތަކަށް ކުއްޔަށް ދީފައިވާ ރަށްރަށުންނާއި އެރަށްރަށުގެ ގޮނޑުދޮށުންނާއި ފަޅުން.
  2. އަތޮޅު ވަށައިގެން އޮންނަ މައި ތޮށީންނާއި ތޮށީގެ ބޭރުން.

(ށ) މިގަވާއިދުގެ ދަށުން އަކިރި ނެގުމަށް ހުއްދަ ދެވޭނީ މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރަށްރަށުންނާއި ތަންތަނުން ފިޔަވައި އެހެނިހެން ރަށްރަށުގެ ގޮނޑުދޮށުންނާއި ފަޅުން.

(ނ) ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން  ރަށްރަށުގެ ފަޅުފުންކުރާ ކުރުމާއި ސިނާއީ މަސައްކަތް ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ގޮނޑުދޮށާއި ފަޅު ސާފުކުރުމުގެ ގޮތުން އަކިރި ނަގާ ނެގުން މިމާއްދާގައި ބުނެފައިވާ އަކިރި ނެގުމުގެ ތެރެއަކު ނުހިމެނެއެވެ.

 

ވެލި

 

5 ވަނަ މާއްދާ - ވެލިނެގުން މަނާ ތަންތަނާއި ހުއްދަ ތަންތަން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ރަށްރަށުންނާއި ތަންތަނުން ވެލި ނެގުމަކީ މަނާކަމެކެވެ.

  1. ސިނާއީ މަސައްކަތްތަކަށާއި، އެހެނިހެން މަސައްކަތް ކުރުމަށް ވަކި މުއްދަތަކަށް ކުއްޔަށް ދީފައިވާ ރަށްރަށުންނާއި އެރަށްރަށުގެ ގޮނޑުދޮށުންނާއި ފަޅުން.

(ށ) މިގަވާއިދުގެ ދަށުން ވެލި ނެގުމަށް ހުއްދަ ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ތަންތަނުންނެވެ.

  1. މިމާއްދާގެ (ހ) ބައި ބަޔާންކޮށްފައިވާ ރަށްރަށުންނާއި ތަންތަނުން ފިޔަވައި އެހެން ރަށްރަށުގެ ފަޅުން. 
  2. ރަށްރަށާ ނުގުޅި ވަކިން ހުންނަ ފަޅުފަޅުން.

(ނ) ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ރަށްރަށުގެ ފަޅުފުންކުރާ ކުރުމަށް ވެލި ނަގާ ނެގުން މިމާއްދާގައި ބުނެފައިވާ ވެލި ނެގުމުގެ ތެރެއަކު ނުހިމެނެއެވެ.


6 ވަނަ މާއްދާ - ހުއްދަ ހޯދުން

މިގަވާއިދުގެ ދަށުން ވެއްޔާއި އަކިރި ނެގުން ހުއްދަ ކަމަށް ބުނެފައިވާ ތަންތަނުން، ވެއްޔާއި އަކިރި ނަގަންވާނީ މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ވެއްޔާއި އަކިރި ނެގުމުގެ ހުއްދައަށް އެދޭ ފޯނު ފުރިހަމަކޮށް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުގައެވެ. މިގޮތުން މިނިސްޓްރީން ހުއްދަ ދޫކުރާނީ މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ. 

 

7 ވަނަ މާއްދާ - ހުއްދަދެވޭ މުއްދަތު

މިގަވާއިދުގެ ދަށުން ވެލި ނުވަތަ އަކިރި ނެގުމުގެ ހުއްދަ ދެވޭނީ ހުއްދަ ދޫކުރާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސް ދުވަހަށެވެ. ނަމަވެސް، ވެލި ނުވަތަ އަކިރި ނަގަން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކުރަން މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، އިތުރު 1 (އެކެއް) މަސް ދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކޮށް ދެވިދާނެއެވެ.

 

8 ވަނަ މާއްދާ - ރިޕޯރޓް ފޮނުވުން

(ހ) މިގަވާއިދުގެ ޖަދުވަލް 3 ގައިވާ ވެއްޔާއި އަކިރި ނެގިގޮތުގެ ރިޕޯރޓް ފޯމް (ވެއްޔާއި އަކިރި ނެގުމުގެ ހުއްދައާއެކު ދޫކުރެވޭ ރިޕޯޓް ހުށަހަޅާ ފޯމް) ފުރިހަމަ ކުރުމަށްފަހު، އެ ރިޕޯޓް ހުއްދަ ލިބުނު ފަރާތުން އެތަކެތި ނެގުމުގެ ހުއްދަ ދެވުނު އަތޮޅެއްގެ އަތޮޅު އޮފީހަށް ކޮންމެ މަހަކު ހުށަހަޅަންވާނެއެވެ. މިގޮތުން ހިނގާ މަހުގެ ރިޕޯޓް ހުށަހަޅަންވާނީ ޖެހިގެން އަންނަ މަހުގެ 15 ގެ ކުރިންނެވެ. 

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓް ލިބުމުން، އެ އަތޮޅު އޮފީހަކުން ރިޕޯޓްގައިވާ މައްލޫމާތު ސައްހަކަމަށް ބަލާ ސައްހަކަމަށް ބަލާ ސޮއި ކުރުމަށްފަހު، އެމަހެއްގެ ރިޕޯޓް ޖެހިގެން އަންނަ މަހުގެ 15 ގެ ކުރިން މިނިސްޓްރީއަށް ފޮނުވަން ވާނެއެވެ.

 

9 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުން

ކޮންމެ އަތޮޅު އޮފީހެއްގައި، އެ އަތޮޅުކުން ވެއްޔާއި އަކިރި ނަގާ ތަންތަނާއި އެތަކެތި ނަގާ ބޭނުމާއި، އަދަދާއި ތާރީހު އެނގޭގޮތަށް، މިގަވާއިދުގެ ޖަދުވަލު 4 ގައިވާ ނަމޫނާ ފޯމެޓާ އެއްގޮތްވާ ގޮތަށް ތައްޔާރުކޮށްފައިވާ، ވަކި ދަފްތަރެއްގައި އެމައުލޫމާތި ބަލަހައްޓަންވާނެއެވެ.

 

10 ވަނަ މާއްދާ - އަދަބު

މިގަވާއިދުގެ މާއްދާތަކާ ހިލާފުވާ ފަރާތްތަކާއި، މިގަވާއިދުގެ ދަށުން ދޫކުރެވޭ ހުއްދައިގައި ބަޔާންކޮށްފައިވާ ށަރުތުތަކާ ހިލާފުވާ ފަރާތްތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

(ހ) ފުރަތަމަ ފަހަރު، ހިލާފުވުމުގެ ކުޑަބޮޑުމިނަށް ބަލައި، - 5،000ރ. (ފަސްހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން  އަދަދަކުން ޖޫރިމަނާ ކުރުން.

(ށ) ދެވަނަ ފަހަރު، ހިލާފުވުމުގެ ކުޑަބޮޑުމިނަށް ބަލައި، - 10،000ރ. (ދިހަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން  އަދަދަކުން ޖޫރިމަނާކުރުން.

(ނ) ތިންވަނަ ފަހަރު، ހިލާފުވުމުގެ ކުޑަބޮޑު މިނަށް ބަލައި - 15،000 (ފަނަރަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން  އަދަދަކުން ޖޫރިމަނާކޮށް، އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުކުރުމާއެކު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށް ވެލި ނުވަތަ އަކިރި ނެގުމުގެ ހުއްދަ ދޫނުކުރުން.

 

11 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މިގަވާއިދަށް އަމަލުކުރަން ފަށާނީ މިގަވާއިދުގެ އާންމުކޮށް އިއުލާންކުރާ ތާރީހުން ފެށިގެންނެވެ.

 

12 ވަނަ މާއްދާ - އުވާލެވޭ ގަވާއިދުތައް

މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގަލާއި ވެއްޔާއި، އަކިރި ނެގުމާބެހޭގޮތުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތައް، މިގަވާއިދަށް އަމަލުކުރަން ފެށުމާއެކު ބާތިލްވީއެވެ.

13 ވަނަ މާއްދާ - މާނަ

މިޤަވާޢިދުގައި

(ހ) "ފަރު" ކަމަށް ބުނެފައި އެވަނީ، ގަލާއި މުރަކައިގެ މައްޗަށް ބިނާވެގެން ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ގުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކާ ރަށްރަށަށް ނިސްބަތްވާ ގޮތަށް ކަނޑުގެ ލޮނުގަނޑުގެ ބޮޑުދިޔައިގެ މަތީ މިންވަރުން ފެށިގެން އަޑީގައިވާ އެންމެހައި ތަންތަނަށެވެ. މިގޮތުން، އަތޮޅު ނުވަތަ ރަށްރަށުގެ ދުނިފަރާއި (އެތެރެއާއި، ބޭރުފަރާތް) އެފަރުފަރާ ގުޅިގެން ހުންނަ ފަޅަފަޅާއި ވިލުވިލާއި އަތޮޅު ތެރެއާއި ވިލުވިލުގައި ހުންނަ ގިރި، ހާ އަދި ގާގަނޑު ފަދަ ތަންތަނާއި، ރަށްރަށާއި ގުޅިގެންނާއި ނުގުޅި ހެދިފައި ހުންނަ އާނު/ާމޑު މިމާނަގައި ހިމެނެއެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް، މާލެ، ދިވެހިރާއްޖެ އަށެވެ.

 

މި ގައވާއިދުގެ ދަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގާނޫނު

ނެތް

 

ގުޅުންހުރި ގާނޫނު

ރާއްޖެތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-77)

 

ނޯޓް:

މިގަވާއިދަށް އަމަލުކުރަންފެށި ތާރީހެއް އެނގޭކަށް ނެތް. ނަމަވެސް "މިނިސްޓްރީ" މާނަކޮށްފައިވާ ގޮތުން މިއީ ދާދި ފަހުގެ ގަވާއިދެއްކަން އެނގޭ

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު