-

ކޮލިފިކޭށާންސް އޮތޯރިޓީގެ ގުރްއާން ޕެނަލުގެ ހިންގާ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-61)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ގުރްއާން ޕެނަލުގެ ހިންގުމާއި، އެ ޕެނަލުގެ ޖަލްސާތައް ބޭއްވުމާއި، އެ ޕެނަލުގެ ނިންމުންތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 7/2021 (މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ގުރްއާން ޕެނަލުގެހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަ ގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ގުރްއާން ޕެނަލް ހިންގުމާއި،އެ ކޮމިޓީގެ ޖަލްސާތައް ބޭއްވުމާއި، އެ ކޮމިޓީގެ ނިންމުންތަކާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ" އަށެވެ.

(ށ) "މަތީ ތައުލީމު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.

(ނ) "ޕެނަލް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީގެ ގުރްއާން ޕެނަލަށެވެ.

 

4 ވަނަ މާއްދާ - ޕެނަލުގެ މެންބަރުން

މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ގުރްއާން ޕެނަލް އެކުލެވިގެންވަނީ، އޮތޯރިޓީން އައްޔަނުކުރާ، އަންނަނިވި 7 (ހަތް) މެންބަރުންގެ މައްޗަށެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ)ކަނޑައަޅާ އޮތޯރިޓީގެ މުވައްޒަފެއް .

(ށ) މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭށަނުން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް.

(ނ) ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ފަރާތުން ކަނޑައަޅާ އެ މަރުކަޒުގެ 2 (ދޭއް) މުވައްޒަފުން.

(ރ) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކަނޑައަޅާ އެ ޔުނިވަރސިޓީގެ 2 (ދޭއް) މުވައްޒަފުން.

(ބ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ކަނޑައަޅާ، ގުރްއާނުގެ އިލްމުގެ ދާއިރާގެ މެންބަރެއް؛

 

5 ވަނަ މާއްދާ - ޗެއަރޕާސަން

(ހ) ގުރްއާން ޕެނަލުގެ ޗެއަރޕާސަނަކީ، "މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ގުރްއާން ޕެނަލް" ގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ހަމަޖައްސާ ގުރްއާން ޕެނަލުގެ މެންބަރެކެވެ.

(ށ) ޗެއަރޕާސަން އައްޔަނުކުރާނީ، ކޮމިޓީން ފުރަތަމަ ބާއްވާ ބައްދަލުވުމުގައެވެ.

(ނ) ޗެއަރޕާސަން ރިޕޯޓު ކުރާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އަށެވެ.

(ރ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ގުރްއާން ޕެނަލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ޕެނަލުގެ ޗެއަރޕާސަނެވެ.

(ބ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ގުރްއާން ޕެނަލުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ޒިންމާތަކަކީ، އެ ޕެނަލުގެ މަސައްކަތްތައް ރާވައި ހިންގުމާއި، އެ ޕެނަލުގެޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ޅ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޕެނަލުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން ޗެއަރޕާސަން ކުރަންޖެހޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ ޗެއަރޕާސަން ކަން ހަވާލުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ޕެނަލުގެ މަސްއޫލިއްޔަތުތައް

(ހ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިޔަށްގެންދާ، ކީރިތި ގުރްއާނާއި، ކީރިތި ގުރްއާނުގެ އިލްމާ ގުޅުންހުރި ދާއިރާތަކުގެ ތައުލީމީ ޕްރޮގްރާމްތަކުގެ މިނިމަމް ސްޓޭންޑަރޑްތައް ކަނޑައެޅުން.

(ށ) މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން އެޕްރޫވްކުރާ، ކީރިތި ގުރްއާނާއި، ކީރިތި ގުރްއާނުގެ އިލްމާ ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތަކުގެ ސްޓޭންޑަރޑް ކަނޑައެޅުން.

 

7 ވަނަ މާއްދާ - ޕެނަލުގެ މުއްދަތު

ޕެނަލުގެ މުއްދަތަކީ، ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް އަދާކޮށް ނިމުމާ ހަމައަށެވެ.

 

8 ވަނަ މާއްދާ - ޕެނަލުގެ ބައްދަލުވުންތައް

(ހ) ގުރްއާން ޕެނަލުގެ ބައްދަލުވުންތަކަށް އަންގާނީ، ޗެއަރޕާސަންގެ އިރުށާދާ އެއްގޮތަށް، ސެކްރެޓޭރިއެޓުންނެވެ.

(ށ) ގުރްއާން ޕެނަލުގެ ބައްދަލުވުމެއް، އާންމުގޮތެއްގައި ދެ ހަފުތާއިން އެއްފަހަރު، އަދި މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ނ) ގުރްއާން ޕެނަލުގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، ޕެނަލުގެ ޖުމުލަ 7 (ހަތެއް) މެންބަރުންގެ ތެރެއިން މަދުވެގެން 5 (ފަހެއް) މެންބަރުން ހާޒިރުވެގެންނެވެ.

(ރ) ގުރްއާން ޕެނަލުގެ ރިޔާސަތު ބަލަހައްޓާނީ، ޗެއަރޕާސަން ނުވަތަ ޕެނަލުގެ މެންބަރުންގެ ތެރެއިން އޭނާ ކަނޑައަޅާ މީހެކެވެ.

(ބ) ގުރްއާން ޕެނަލުގެ ބައްދަލުވުންތަކުގައި ކުރެވޭ މަށްވަރާއަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމުގެ ބޭނުމުގައި އިތުރު ފަރާތްތަކަށް ބައްދަލުވުންތަކަށް، ޗެއަރޕާސަނަށް ދައުވަތު ދެވިދާނެއެވެ.

(ޅ) ޕެނަލުގެ މެންބަރަކު ބައްދަލުވުމެއް އެޖެންޑާ ކުރުމަށް އެދޭނަމަ، އެ ކަމެއް ބައްދަލުވުމުގެ 4 (ހަތަރެއް) ދުވަހުގެ ކުރިން ރިޔާސަތަށް އެޑްރެސްކޮށް އޮތޯރިޓީއަށް ލިޔުމަކުން (ސިޓީއަކުން، ނޯޓަކުން ނުވަތަ އީމެއިލަކުން) ހުށަހަޅަންވާނެއެވެ.

(ކ) އާދަޔާ ހިލާފު ހާލަތެއް މެދުވެރިވެގެން މެނުވީ، ބައްދަލުވުމުގެ ކުރިޔަށް 3 (ތިނެއް) ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ. ކުއްލި ހާލަތެއް މެދުވެރިވެގެން ބައްދަލުވުމަކަށް ހާޒިރުވުމަށް އެންގުމުގެ އިހްތިޔާރު ޗެއަރޕާސަނަށް ލިބިގެންވެއެވެ. ނަމަވެސް ކޮންމެ ހާލަތެއްގައި ވެސް ޖަލްސާއަށް ހާޒިރުވުމަށް އަންގާ ލިޔެކިޔުންތަކުން ބަލަހައްޓަންވާނެއެވެ.

(އ) ބައްދަލުވުމަކަށް ހާޒިރުވުމަށް އަންގާއިރު، އެޖެންޑާއާއި އެޖެންޑާގައި ހިމެނޭ ކަންކަމާބެހޭ ލިޔުންތައް، އިލެކްޓްރޯނިކްކޮށް ނަމަވެސް، ބޯޑުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

 

9 ވަނަ މާއްދާ - ޕެނަލުގެ ސެކްރެޓޭރިއެޓް

ގުރްއާން ޕެނަލުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ހަމަޖައްސާ، އެ އޮތޯރިޓީގެ މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެކެވެ.

 

10 ވަނަ މާއްދާ - ޔައުމިއްޔާއާއި ރިކޯޑުބެލެހެއްޓުން

(ހ) ގުރްއާން ޕެނަލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ސެކް ރެޓޭރިއެޓުން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، ޖެހިގެން އޮންނަ ބައްދަލުވުމެއްގެ 24 (ސައުވީސް) ގަޑިއިރުގެ ކުރިން މެންބަރުންގެ ކޮމެންޓަށް ފޮނުވަންވާނެއެވެ. މެންބަރަކު އިސްލާހެއް ހުށަހަޅައިފި ނަމަ، ގުރްއާން ޕެނަލުގެ މެންބަރުންނަށް، ޔައުމިއްޔާ ފާސްކުރުމުގެ ކުރިން އެ އިސްލާހެއް އަންގަންވާނެއެވެ.

(ށ) ގުރްއާން ޕެނަލުގެ ކޮންމެ ބައްދަލުވުމެއްގައި، އޭގެ ކުރީ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ޕެނަލުގެ ނިންމުންތައް

(ހ) ގުރްއާން ޕެނަލަށް ހުށަހެޅޭ ހުށަހެޅުންތައް ނިންމާނީ، ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ގުރްއާން ޕެނަލުގައި ކުރި މަށްވަރާގެ ހުލާސާއާއި،ގުރްއާން ޕެނަލުން ނިންމާ ނިންމުން ސާފުކޮށް އެނގޭނޭ ގޮތަށް ސެކްރެޓޭރިއެޓުން ލިޔެ ޔައުމިއްޔާ ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ޕެނަލުގެ މެން ބަރުކަމުން ވަކިކުރުމާއި ވަކިވުން

(ހ) ގުރްއާން ޕެނަލުގައި އެ މެންބަރަކު ތަމްސީލުކުރާ ހައިސިއްޔަތު ގެއްލިއްޖެނަމަ، ޕެނަލުގެމެންބަރުކަމުން ވަކިވާނެއެވެ.

(ށ) ވަކި ސަބަބެއް އެންގުމަކާ ނުލައި ކޮމިޓީގެ 3 (ތިނެއް) ބައްދަލުވުމަށް މެންބަރަކު ހާޒިރު ނުވާނަމަ، އެ މެންބަރަކު ކޮމިޓީން ވަކިކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ގުރްއާން ޕެނަލުގެ މެންބަރުކަމުން މެންބަރަކު ވަކިވާން ބޭނުންވާނަމަ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - މި ގަވާއިދު އިސްލާހުކުރުން

މި ގަވާއިދު އިސްލާހުކުރެވޭނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށް ހުށަހަޅައިގެން އެ ބޯޑުންނެވެ.

 

14 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 7/2021)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު