-

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު 2018-69) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-28)

(ގަވާއިދު ނަންބަރު 2022-28)

ގަވާއިދު ނަންބަރު 2018-69 (ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

ބިމުގެ ކުލި ކަނޑައެޅުން 9.

(.ހ) އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި، އިގްތިސާދީ ފުދުންތެރިކަމަށާއި، ބިމުގެ ޑިމާންޑް ހުރި މިންވަރަށް ބަލައި، ރަށުގެ ނުވަތަ ސިޓީގެ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅައިފައިވާ އެ ސަރަ ހައްދުގެ ބިމުގެ އަގަށް ރިއާޔަތްކޮށް، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެންމެ ކުޑަ ކުލި ކަނޑައެޅުމުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭނުގައި ވާ ގޮތުގެ މަތީން އެ ސަރަހައްދުގެ ބިމުގެ އަގުކަމަށް ކަނޑައަޅައިފައިވާ އަގަށް ރިއާޔަތްކޮށް، އެ އަގަށްވުރެ ކުޑަނުވާނޭ ގޮތެއްގެ މަތީން ހިސާބުކޮށް ކުލި ކަނޑައެޅޭކަން، ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލުން އަދި ސިޓީއެއްގައި ނަމަ،  އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ކަށަވަރު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އެންމެ ކުޑަ ކުލި، ދިވެހި  ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ށާއިއު ކުރަންވާނެއެވެ. 

(ރ) މި މާއްދާގެ ދަށުން ކަނޑައަޅާ އެންމެ ކުޑަކުލި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި އިގްތިސާދީ ފުދުންތެރިކަމަށާއި ބިމުގެ ޑިމާންޑަށް ބަލައި، ކޮންމެ 2 (ދޭއް) އަހަރުން އެއްފަހަރު މުރާޖައާކޮށް ބަދަލު ގެނައުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ބ) އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ތަފާތުކުރުމުގެ އިހްތިޔާރު، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށް ލިބިގެންވެއެވެ. ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅަންވާނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައި ލާ ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެނެވެ.

 

މައި ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-69)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު