-

ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ބޯޑުގެ ހިންގާ ގަވާއިދު 

(ގަވާއިދު ނަންބަރު 2019-1022)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާގެ ދަށުން އެކުލަ ވައިލައިފައިވާ ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ބޯޑު ހިންގުމާ ގުޅޭގޮތުން، އެ ގާނޫނުގެ 41 ވަނަ މާއްދާއިން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ދުންފަތް ކޮންޓްރޯކުރުމާބެހޭ ބޯޑުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ، ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ބޯޑުގެ ހިންގުމުގެ އުސޫލުތަކާއި ބޯޑުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ބޯޑުގެ މަސް އޫލިއްޔަތުތައް

(ހ) ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހެދުން.

(ށ) ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މަގްސަދު ހާސިލުވާ މިންވަރު ބަލައި، އެ އިރަކަށް އިސްލާހު ކުރަންޖެހޭ ބައެއް އިސްލާހު ކުރުން.

(ނ) މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސް ކުރުން.

(ރ) ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބާރުއެޅުން.

(ބ) ދުންފަތް ކޮންޓްރޯލު ކުރުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ކުރާނެ ކަންތައްތައް ކަނޑައަޅައި، އެކަންކަން އެކުލަވައިލުމަށްފަހު، ކެބިނެޓަށް ލަފާ ދިނުން.

(ޅ) ދުންފަތުގެ ބޭނުންކުރުމުން ޖުމުލަގޮތެއްގައި އާބާދީގެ ސިއްހަތަށް ކުރާ އަސަރާއި ފަރުދުންގެ ސިއްހަތަށް އަންނަ ބަދަލު ދެނެގަނެ، އެކަމާ ބެހޭ ދިރާސާތައް ކުރުން.

(ކ) ދުންފަތުން މީސްތަކުން ރައްކައުތެރިކުރުމަށް ހިންގާ ކަންކަމުގައި ލަފަޔާއި އިރުށާދުދިނުން.

(އ) ބޯޑުން ފާރަވެރިވެ ބަލަހައްޓާ ކަންކަމާ ގުޅިގެންނާއި، ދުންފަތް ކޮންޓްރޯލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންނާއި، ބޯޑަށް ފެންނަ ކަންކަމުގައި ކެބިނެޓަށް މަށްވަރާ ދިނުމުގެ ގޮތުން އަހަރަކު އެއްފަހަރު ރިޕޯޓެއް ހުށަހެޅުން.

(ވ) ދުންފަތާބެހޭ މުއާހަދާތަކުގައި ބައިވެރިވާ ގައުމުތަކުގެ ފަރާތުން އެފަދަ ބައްދަލުވުންތަކުގައި ހުށަހަޅަންޖެހޭ ރިޕޯޓުތައް އެކުލަވައިލައި ތައްޔާރުކުރުން.

(މ) ބޯޑުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނުވަތަ ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި އެ އިރަކަށް ބޭނުންވާ ފަންނީ ލަފާ ހޯދުމާއި، ފަންނީ ތަޖުރިބާކާރުން އެކުލެވޭ ކޮމެޓީތައް ހެދުން.

 

5 ވަނަ މާއްދާ - މެންބަރުން އައްޔަނުކުރުން

(ހ) ބޯޑަށް މެންބަރުން އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބޯޑަށް އައްޔަނުކުރެވޭ ކޮންމެ މެންބަރަކުވެސް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އިގުރާރުގައި ސޮއިކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާ ގޮތް

ބޯޑު އެކުލެވިގެންވަނީ ތިރީގައި ބުނެފައިވާ 14 (ސާދަ( މެންބަރުންގެ މައްޗަށެވެ.

(ހ) ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރު.

(ށ) މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަކުން ކަނޑައަޅާ ފަރާތެއް.

(ނ) ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަކުން ކަނޑައަޅާ ފަރާތެއް.

(ރ) އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަކުން ކަނޑައަޅާ ފަރާތެއް.

(ބ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފެއް.

(ޅ) މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްސީލުކުރާނެ ފަރާތެއް.

(ކ) ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ މުވައްޒަފުންގެ ތެރެއިން، ދުންފަތް ކޮންޓްރޯލު ކުރުމުގެ ތަޖުރިބާކާރެއް.

(އ) އެޓަރނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ވަކީލެއް.

(ވ) އާންމު ސިއްހަތާ ބެހޭ ތަޖުރިބާކާރެއް.

(މ) ކޮންޒިއުމަރ ހައްގުތަކާ ބެހޭ ދާއިރާގެ ފަރާތެއް.

(ފ) އާންމު ފަރާތްތަކުގެ ތެރެއިން ދުންފަތް ކޮންޓްރޯލު ކުރުމުގެ ތަޖުރިބާކާރެއް.

(ދ) އިންސާނީ ހައްގުތަކާ ބެހޭ ދާއިރާގެ ފަރާތެއް.

(ތ) މަދަނީ ޖަމްއިއްޔާތަކުން ކަނޑައަޅާ ފަރާތެއް.

(ލ) ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ކަނޑައަޅާ ފަރާތެއް.

 

7 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތުތައް

ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) އެ މީހަކު ތަމްސީލުކުރާ ދާއިރާ ޔާ ގުޅޭ ފަންނީ ގާބިލްކަމާއި، ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވުން.

(ށ) ދުންފަތުގެ ބާވަތެއްގެ ވިޔަފާރިކުރުމުގައި ހަރަކާތްތެރިވާ ނުވަތަ އެފަދަ ވިޔަފާރިއަކާ ގުޅުންހުރި ފަރާތެއް ކަމުގައި ނުވުން.

(ނ) ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ނުވަތަ އެތެރެކުރާ ނުވަތަ ބޭރުކުރާ ފަރާތެއް ކަމުގައި ނުވުން.

(ރ) ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތެއް ކަމުގައި ވުން.

(ބ) އިފްލާސް ކުރެވިފައި ނުވާ އަދި ވައްކަން، ނުވަތަ ޓެކުން، ނުވަތަ ފޭރުން ނުވަތަ ކޮރަޕްށަނުގެ ކުށެއް ސާބިތު ވެފައި ނުވާ މީހަކު ކަމުގައި ވުން.

(ޅ) ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ ހުކުމް ތަންފީޒު ކުރެވުނުތާ 5 (ފަސް( އަހަރުދުވަސް ވެފައިވުން.

 

8 ވަނަ މާއްދާ - ބޯޑުގެ ޗެއަރޕަރސަންއާއި ވައިސް ޗެއަރޕަރސަން

ބޯޑުގެ ޗެއަރޕަރސަންއަކީ މިނިސްޓަރ އޮފް ހެލްތެވެ. ބޯޑުގެ ވައިސް ޗެއަރޕަ ރސަން ކަނޑައަޅާނީ ބޯޑުގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

 

9 ވަނަ މާއްދާ - ބޯޑުގެ ޗެއަރޕަ ރސަންގެ މަސް އޫލިއްޔަތު

ބޯޑުގެ ޗެއަރޕަރސަންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ބޯޑުގެ ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން.

(ށ) ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދާކަން ކަށަވަރުކުރުން.

(ނ) ބޯޑުގެ ނިންމުންތައް ތަންފީޒުކުރުން.

(ރ) ރައީސުލްޖުމުހޫރިއްޔާއަށް ޖަވާބުދާރީވުން.

(ބ) ބޯޑުގެ މަސައްކަތްތަކާ ގުޅިގެން ބޯޑުން ނުވަތަ މި ގަވާއިދުގެ ދަށުން ޗެއަރޕަރސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި (ބ)ކަނޑައަޅައިފައިވާ ކަންކަން ނުވަތަ ދީފައިވާ ބާރެއްގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުން.

 

10 ވަނަ މާއްދާ - ބޯޑުގެ ވައިސް ޗެއަރޕަ ރސަންގެ ޒިންމާ

ބޯޑުގެ ޗެއަރޕަރސަން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރާނީ ބޯޑުގެ ވައިސް ޗެއަރޕަރސަނެވެ. މީގެ އިތުރުން، ބޯޑު ހިންގުމުގައި ބޯޑުގެ ޗެއަރޕަރސަނަށް އެހީތެރިވެދޭންވާނެއެވެ.

 

11 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ ޒިންމާތައް

ބޯޑު މެންބަރުންގެ ޒިންމާތަކުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނެއެވެ.

(ހ) މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ ބޯޑުގެ ޖަލްސާތަކަށް ހާޒިރުވުން.

(ށ) މަގުބޫލު އުޒުރެއް ދިމާވެގެން ނޫނީ ބޯޑުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ނ) ޒާތީ ތައައްސުބުން އެއްކިބާވެހުރެ، ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި އިންސާފުވެރިވުމާއި ފަރުވާތެރިވުން.

 

12 ވަނަ މާއްދާ - މެންބަރުންގެ ދައުރު

ބޯޑަށް އައްޔަނުކުރެވޭ މެންބަރަކު، މަގާމުގައި ދެމިހުންނާނީ، އެ މެންބަރަކު އައްޔަނުކުރެވޭ ތާރީހުން ފެށިގެން 4 ( ހަތަރެއް( އަހަރުދުވަހުގެ މުއްދަތަށެވެ.

 

13 ވަނަ މާއްދާ - އެލެވަންސް

(ހ) ބޯޑަށް އައްޔަނުކުރެވޭ މެންބަރުންނަށް، އެ މެންބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް އެލަވަންސެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވެންސް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން މިނިސްޓްރީ އޮފް ހެލްތުންނެވެ.

 

14 ވަނަ މާއްދާ - މަގާމު ހުސްވުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތިން އިސްތިއުފާ ދިނުން.

(ށ) މެންބަރުކަމުގެ ދައުރު ހަމަވުން.

(ނ) މަރުވުން. އެ މެންބަރަކު އައްޔަނުކުރި ފަރާތުން އެ މެންބަރަކު ބޯޑުން ވަކިކުރުން.

(ރ)މަގުބޫލު ސަބަބެއްނެތި ބޯޑަށް އެންގުމަކާ ނުލައި ވިދިވިދިގެން އާންމު 5 (ފަހެއް).

(ބ) ބައްދަލުވުމަށް ހާޒިރުނުވުން.

(ޅ) މަގުބޫލު ސަބަބެއް އޮތްނަމަވެސް، އެކަން ބޯޑަށް ނާންގައި ހުރެ، ބޯޑުގެ ޖަލްސާތަކަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަކަށް ހާޒިރުނުވުން.

(ކ) ބޯޑުގެ މެންޑޭޓާއި ނުވަތަ ބޯޑުގެ މަސައްކަތުގެ ރޫހާ ހިލާފަށް މެންބަރަކު އަމަލުކުރިކަމަށް ބޯޑުން ކަނޑައެޅުން.

(އ) މެންބަރުންގެ ށަރުތުތައް ކަމުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.

(ވ) އެ މެންބަރަކު ތަމްސީލުކުރާ ފަރާތަކުން އެ މެންބަރަކު ވަކިކުރުމަށް ބޯޑަށް ހުށަހެޅުމުން، ބޯޑުން އެ މެންބަރަކު ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ހުށަހަޅައި ރައީސުލްޖުމުހޫރިއްޔާ އެ މެންބަރަކު ވަކިކުރުން.

 

15 ވަނަ މާއްދާ - މެންބަރަކާމެދު އުފެދޭ ށަކުވާ

(ހ) ބޯޑުގެ މެންބަރެއްގެ ކިބައިގައި މި ގަވާއިދުގައި ބުނެފައިވާ ށަރުތުތަކުން ކުރެ ށަރުތެއް އުނިވެއްޖެކަމުގެ ށަކުވާ އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެ މައްސަލައެއް ބޯޑުން ބަލަން ވާނެއެވެ.

(ށ) މެންބަރަކާމެދު ހުށަހެޅޭ މައްސަލަ ބެލުމަށްފަހު، ބޯޑުން ވަކިކުރަން ފެނިއްޖެނަމަ،ރައީސުލްޖުމްހޫރިއްޔާއަށް އެކަން އަންގައި، އެ މެންބަރެއްގެ ބަދަލުގައި އެހެން މެމްބަރަކު ބޯޑަށް އައްޔަނު ކުރުމަށް ހުށަހަޅަން ވާނެއެވެ.

(ނ) ބޯޑުގެ މެންބަރަކާމެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއެއްގައި އެ މެންބަރެއްގެ ދިފާއުގައި ވާހަކަ ދެއްކުމަށް ފިޔަވައި އެހެންކަމެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.

 

16 ވަނަ މާއްދާ - އިސްތިއުފާދިނުން 

(ހ) ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ބޯޑަށް އެ މެންބަރަކު އައްޔަނުކުރި ފަރާތަށް ސިޓީއެއް ހުށަހަޅައި، އެސިޓީ އެ ފަރާތަށް ލިބުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މެންބަރަކު އައްޔަނުކުރުމަށް ފޮނުވައިފައިވަނީ ވަކި މުއައްސަސާއަކުންނަމަ، އެ މެންބަރަކު އިސްތިއުފާގެ ސިޓީ ހުށަހަޅާނީ އެ މުއައްސަސާއަކަށެވެ. މިގޮތަށް އިސްތިއުފާގެ ސިޓީ އެ މުއައްސަސާއަކަށް ހުށަހެޅުމުން، އެ ސީޓީ ލަސްނުކޮށް ބޯޑަށް ހުށަހަޅަށްވާނެއެވެ.

(ނ) މި މާއްދާ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ފަރާތަކުން އިސްތިއުފާގެ ސިޓީ ހުށަ ހަޅައިފިނަމަ، ލަސްނުކޮށް ރައީސުލްޖުމުހޫރިއްޔާއަށް އެކަން އަންގަންވާނެއެވެ. އެ މެންބަރަކު މެންބަރުކަމުން ވަކިވާނީ ރައީސުލްޖުމުހޫރިއްޔާ އެ މެންބަރަކު ވަކިކުރުމުންނެވެ.

 

17 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ބޯޑަށް އައްޔަނުކުރެވޭ މެންބަރުން ވަކިކުރާނީ ރައީސުލްޖުމުހޫރިއްޔާއެވެ.

 

18 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓޭރިއަޓް

(ހ) ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން މިނިސްޓްރީންފޯރުކޮށްދޭންވާނެއެވެ.

(ށ) ބޯޑުގެ މަސައްކަތަށް މިނިސްޓްރީން މަދުވެގެން ދެ މުވައްޒަފުން ހާއްސަކުރަން ވާނެއެވެ.

 

19 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ ބައްދަލުވުމެއް، މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހުށަހެޅޭ ކަންކަމަށްބަލައި ބޯޑުގެ ބައްދަލު ފަސްކުރުމާއި ކެންސަލްކުރުމުގެ އިހްތިޔާރު ޗެއަރޕަރސަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޯޑަށް ހުށަހެޅޭ މައްސަލަތަކަށް ރިއާޔަތްކޮށް، ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް ބޯޑުގެ މަދުވެގެން 7 (ހަތެއް) މެންބަރަކު ސޮއިކޮށް ޗެއަރޕަރސަންގެ ކިބައިން އެދުމުން، ހެލްތު ޕްރޮޓެކްށަން އެޖެންސީން ބޯޑުގެ ބައްދަލުވުން ތާވަލުކޮށް، އެ ބައްދަލުވުން ބާއްވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، ބޯޑުގެ ޗެއަރޕަރސަނަށް ފެނިއްޖެނަމަ، ބޯޑުގެ ބައްދަލުވުން އިތުރަށްވެސް ބޭއްވިދާނެއެވެ.

 

20 ވަނަ މާއްދާ - ބޯޑު ބައްދަލުވުންތަކުގެ ގާނޫނީ އަދަދު 

ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ، ބޯޑުގެ މެންބަރުންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

 

21 ވަނަ މާއްދާ - ބޯޑުގެ ނިންމުންތައް

(ހ) ބޯޑުގެ ކޮންމެ ނިންމުމެއް ނިންމަންވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި މި އަޣުލަބިއްޔަތު، ބޯޑުގައި އެ ވަގުތު ތިބި މެންބަރުންގެ އަދަދު 1% +50 (ފަންސާސް އިންސައްތަ +1) އަށް ވުރެދަށްވެގެން ނުވާނެއެވެ. އަދި އެއްވެސް ހާލަތެއްގައި ވޯޓު ހަމަހަމަވެއްޖެނަމަ،ކާސްޓިންގ ވޯޓް ދިނުމުގެ ބާރު ޗެއަރޕަރސަނަށް ލިބިގެންވެއެވެ. ނަމަވެސް އާންމު އުސޫލެއްގެގޮތުން ބޯޑުން ނިންމުންތައް ނިންމޭތޯ ބަލާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

(ށ) ބޯޑުން އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މި މާއްދާގެ (ހ) ގައި ބުނެފައިވާ ވޯޓުލާނީ މެންބަރުން އަތްއުފުލައިގެންނެވެ. އަދި މި ވޯޓަކީ ސިއްރު ވޯޓެއް ނޫނެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއް ކުރިއަށްދާކަން އެ މެންބަރަކަށް އެނގޭ ހިނދުން ފެށިގެން ރިޔާސަތަށާއި، ބޯޑުގެ އެހެން މެންބަރުންނަށް އެކަން އެންގުމާއެކު ، އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވާންވާނެއެވެ.

 

22 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެންމީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

23 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުން ތަކުގެ ރިޔާސަތު

ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ތިރީގައި ބަޔާކޮށްފައިވާ ފަރާތްތަކުންނެވެ.

(ހ) ބޯޑުގެ ޗެއަރޕަރސަން

(ށ) ބޯޑުގެ ޗެއަރޕަރސަން ނެތް ހާލަތެއްގައި ވައިސް ޗެއަރޕަރސަނެވެ.

(ނ) ބޯޑު ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން ނެތް ހާލަތެއްގައި ހާޒިރުވެތިބި މެންބަރުން އައްޔަނުކުރާ މެންބަރެކެވެ.

 

24 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުން ޔައުމިއްޔާ ކުރުން

(ހ) ބޯޑުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެވިދިޔަ ޔައުމިއްޔާ ބަލަހައްޓާނީ ހެލްތު ޕްރޮޓެކްށަން އެޖެންސީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާ ، ކޮންމެ ބައްދަލުވުމެއް ނިންމައި،ޖެހިގެން އަންނަ ބައްދަލުވުމުގައި، އެ ޔައުމިއްޔާ ފާސްކޮށް މެންބަރުން ސޮއި ކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ބޯޑުގެ ލިޔެކިޔުންތައް ބެލެހެއްޓުން

ބޯޑުގެ މެންބަރުންގެ ހާޒިރީއާއި ބައްދަލުވުންތަކުގެ އެޖެންޑާއާއި ނިންމުންތަކާއި ބޯޑުން ތައްޔާރުކުރާ މުހިންމު ލިޔެކިޔުންތަކާއި އަހަރީ ރިޕޯޓާއި ގާނޫނާއި ގަވާއިދުތަކުން ބެލެހެއްޓުން ލާޒިމުކުރާ އެނޫން ލިޔެކިޔުންތަކުގެ ރެކޯޑު، ކަނޑައަޅާ އު ސޫލެއްގެ މަތިން ހެލްތު ޕްރޮޓެކްށަން އެޖެންސީން ބަލަހައްޓަންވާނެއެވެ.

 

26 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނެގޮތް

ބޯޑުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނީ ބޯޑުގެ މަށްވަރާގެމަތިން ބޯޑުގެ ޗެއަރޕަރސަންއެވެ.

 

27 ވަނަ މާއްދާ - ބޯޑު ހިންގުމުގެ އާންމު އުސޫލު

(ހ) ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައަޅައި ފާސްކޮށް ހިންގާނީ ބޯޑުންނެވެ.

(ށ) ބޯޑުގެ އެއްވެސް ބައްދަލުވުމެއް ބާއްވަންވާނީ، ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، ބޯޑުގެ މެންބަރުންނަށް ބައްދަލުވުމުގެ ނޯޓިސް ފޮނުވުމަށްފަހުއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިމާވާ ކުއްލި ކަމެއްގައި ގޮތެއް ނިންމުމަށްޓަކައި އެއަށްވުރެ ކުރު މުއްދަތެއްގެ ނުވަތަ އެއަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ނޯޓިސް ދިނުމަށްފަހު ބައްދަލުވުމެއް ބޭއްވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

28 ވަނަ މާއްދާ - އަހަރީ ރިޕޯޓު

ތިރީގައިވާ މައުލޫމާތު ހިމެނޭގޮ ތަށް ބޯޑުގެ ހަރަކާތްތައް ހިނގައިދިޔަ ގޮތުގެ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެވެސް ފެބުރުވަރީ މަސް ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރަށް ފޮނުވަން ވާނެއެވެ.

 (ހ) ދުންފަތާ ބެހޭ ގޮތުން ބޯޑުން އެ އަހަރު މޮނިޓަރ ކުރަންޖެހޭ ކަންތައްތަކުގެ ތަފާސް ހިސާބުތައް: މީގެ ތެރޭގައި ހިމެނެނީ:

  1. ރާއްޖޭގައި ދުންފަތުގެ ވިޔަފާރިއާ ބެހޭ މައުލޫމާތު
    1.1. އެ އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެ ކުރެވުނު ދުންފަތުގެ ބާވަތްތަކުގެ ތަފުސީލާއި، އެތެރެ ކުރެވުނު ޖުމުލަ އަދަދު.
    1.2. އެ އަހަރުގެ ތެރޭގައި ރާއްޖޭގައި ހަދައިފައިވާ ދުންފަތުގެ އުފެއްދުންތަކުގެ ބާވަތްތަކުގެ ތަފު ސީލާއި ޖުމްލަ އަދަދު.
    1.3. ދުންފަތް ކޮން ޓްރޯލް ކުރުމުގެ ގާނޫނާއި ހިލާފުވެގެން އެޅިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު.

(ށ) ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހާލަތު – އެންމެ ފަހުގެ ތަފާސްހިސާބު (އެ އަހަރު ދިރާސާކޮށްފައި ނުވިޔަސް): މީގެ ތެރޭގައި ހިމެނެނީ:

  1. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދާއި ނިސްބަތް – (ބޮޑެތި މީހުންނާއި، ޒުވާން އުމުރާއި، ކުޑަކުދިންގެ ތެރޭގައި)
  2. ދުންފަތުގެ ދުމަށް ނުސީދާކޮށް ހުށަހެޅޭ ފަރާތްތަކުގެ އަދަދާއި ނިސްބަތް (ހާއްސަކޮށް: ކުޑަކުދިންނާއި، މާބަނޑު މީހުން ނާއި،މަސައްކަތުގެ މާހައުލާ ބެހޭ ގޮތުން ހަދައިފައިވާ ދިރާސާތަކުން)
  3. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން މަރުވާ މީހުންނާއި، ދިމާވާ ބަލިމަޑުކަމުގެ ތަފާސްހިސާބު
  4. ދުންފަތުގެ ސަބަބުން ސިއްހީ ދާއިރާއިން ކޮށްފައިވާ ހަރަދުތަކުގެ ތަފާސްހިސާބު (އާސަންދައާއި މިނިސްޓްރީ އޮފް ހެލްތުގެ ތަފާސްހިސާބުތަކުން)
  5. ދުންފަތުގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުގެ ތަފާސްހިސާބު (އިގްތިސާދީ ދިރާސާތަކުން)

(ނ) އެ އަހަރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތަފުސީލު: މީގެ ތެރޭގައި ހިމެނެނީ:

  1. ބޯޑުން ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ހާސިލުކޮށްފައިވާ މިންވަރު.
  2. ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާ WHO FCTC ގެ ލަނޑުދަނޑިތައް ހާސިލުކޮށްފައިވާ މިންވަރު.
  3. ކުއްލި މައްސަލަތައް ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތައް.
  4. އެ އަހަރުގައި ކޮށްފައިވާ އިތުރު މަސައްކަތްތައް.
  5. ދުންފަތް ކޮންޓްރޯލުކުރުމުގެ މަސައްކަތަށް ކުރެވުނު ހަރަދުތައް ނުވަތަ ހިސާބުތަކުގެ ތަފުސީލު.

(ރ) ބޯޑުގެ އިދާރީ ހިންގުން ހުރި ގޮތާއި ބޯޑުގެ ހަރަދުތަކާއި ހިސާބުތަކުގެ ތަފުސީލު.

 

19 ވަނަ މާއްދާ - ބޯޑުގެ ނަމުގައި މައުލޫމާތު ދިނުން

(ހ) ބޯޑުގެ ނަމުގައި ނޫސްބަޔާން ނެރުމާއި، އިންޓަވިއު ދިނުމުގެ ބާރު، ބޯޑުގެ ޗެއަރޕަރސަނަށް ނުވަތަ ބޯޑުގެ ސްޕޯކްސްޕަރސަނަށް ނުވަތަ ޗެއަރޕަރސަން ކަނޑައަޅާ، ބޯޑުގެ އެހެން މެންބަރަކަށް ނުވަތަ މެންބަރުންނަށް ލިބިގެންވެއެވެ.

(ށ) ސްޕޯކްސްޕަރސަން ކަނޑައަޅާނީ، ބޯޑުގެ ބައްދަލުވުމެއްގައި، ބޯޑުންނެވެ. 

(ނ) ބޯޑުގެ ނަމުގައި ނޫސް ކޮންފަރެންސްއެއް ބާއްވަންވާނީ، އެ ކަމަށް ބޯޑުގައި މަށްވަރާ ކުރުމަށްފަހު، އެ ކަމަށް ކަނޑައަޅާ މެންބަރުންނެވެ.

 

30 ވަނަ މާއްދާ - ބޯޑަށް އެހީތެރިވާ ފަންނީ ކޮމެޓީތަކާއި ކޮމެޓީތައް އުސޫލު ހަރަކާތްތެރިވާނެ

(ހ) ބޯޑަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށް ފަންނީ ތަޖުރިބާކާރުންގެ ކޮމެޓީ އުފެއްދުމުގެ ހައްގު ބޯޑަށް ލިބިގެން ވެއެވެ.

(ށ) މި ކޮމެޓީތައް ހަރަކާތްތެރިވާން ޖެހޭނީ، އެ ކޮމެޓީ އުފެއްދުމަށް ބޯޑުން ފާސްކުރާ ބޯޑުގެ ނިންމުމާ އެއްގޮތަށެވެ.

(ނ) މިފަދަ ކޮންމެ ކޮމެޓީއެއްގައިވެސް ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ބޯޑުން ކަނޑައަޅަން ވާނެއެވެ. އެ ކޮމެޓީގެ މަސައްކަތް ހިނގާނުހިނގާގޮތުގެ މައުލޫމާތު،ބޯޑުން ބޭނުންވެއްޖެ ހިނދެއްގައި އެ ކޮމެޓީގެ ރިޔާސަތުން ބޯޑަށް ދޭންވާނެއެވެ.

(ރ) ފަންނީ މަސައްކަތްކުރާ ޓެކްނިކަލް ކޮމެޓީގެ މެންބަރުންނަށް އުޖޫރައެއް ހަމަޖައްސައިދޭން ވާނެއެވެ. މި އުޖޫރަ ހަމަޖައްސާނީ، މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.


31 ވަނަ މާއްދާ - ނިންމުތަކާއި ރިޕޯޓުތައް އާންމުކުރުން  

ބޯޑުން ވަކި ގޮތެއް ކަނޑައަޅައި ފައި ނުވާނަމަ، ބޯޑުގެ ނިންމުންތަކުގެ ތެރެއިން ބޯޑުގައި ހިމެނޭ މެންބަރަކާމެދު ނިންމާ ނިންމުންތަކާއި، ބޯޑުގެ އިދާރީ ކަންކަމާ ގުޅޭ ނިންމުންތައް ފިޔަވައި އެހެން ހުރިހާ ނިންމުންތަކާއި ބޯޑުން އެކުލަވައިލާ ރިޕޯޓުތައް އާންމު ކުރަން ވާނެއެވެ.


32 ވަނަ މާއްދާ -  އެހެނިހެން ކަންތައްތައް 

ބޯޑުގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން މި ގަވާއިދުގައި ކަނޑައަޅައިފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމެއް ނިންމާނީ، ބޯޑުގެ މެން ބަރުންގެ މަށްވަރާޔާއެކު މެންބަރުންގެ އިއްތިފާގުން ނުވަތަ އަޣުލަބިއްޔަތުން އެއްބަސްވާ ގޮތަކަށެވެ.

 

33  ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ އިސްލާހެއް ގެނައުމުގެ އިހުތިޔާރު ބޯޑަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - މާނަކުރުން

(ހ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނުގެ 11 ވަނަ ބާބުގައި ބުނެފައިވާ "ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ބޯޑު" އަށެވެ.

(ށ) "ދުންފަތުގެ ބާވަތެއްގެ ވިޔަފާރި ކުރުން" ކަމުގައި ބުނެފައި އެވަނީ، ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނުގައި ދުންފަތުގެ ބާވަތްކަމުގައި މާނަކޮށްފައިވާ ފަދަ އެއްވެސް ބާވަތެއް އުފެއްދުމަށް، ނުވަތަ އިމްޕޯޓް ކުރުމަށް، ނުވަތަ އެކްސްޕޯޓް ކުރުމަށް، ނުވަތަ މާކެޓް ކުރުމަށް، ނުވަތަ ގަނޑުކޮށް ވިއްކުމަށް، ނުވަތަ ވަކިވަކިން ވިއްކުމަށެވެ.

(ނ) "ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް ދުންފަތުގެ އިސްތިއުމާލުނުކުރާ ފަރާތްތަކަށެވެ. އަދި ކުރިން ދުންފަތުގެ އިސްތިއުމާލުކޮށްފައިވާނަމަ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލިތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ވެފައިވާ ފަރާތްތަކަށެވެ.

(ރ) "ދުންފަތުގެ ވިޔަފާރިއަކާ ގުޅުންހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއްގެ ވިޔަފާރިކުރާ ކުންފުންޏެއްގައި ނުވަތަ ފިހާރައެއްގައި ނުވަތަ މިފަދަ އެހެން ތަނެއްގައި ހިއްސާއޮތް ނުވަތަ މިފަދަ ތަނެއްގައި ވަޒީފާ އަދާކުރާ ނުވަތަ މިފަދަ ތަންތަނުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން ށާމިލްވާ ފަރާތަކަށެވެ. އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މައިންބަފައިންގެ ނުވަތަ ދަރިއަކީ ދުންފަތުގެ ވިޔަފާރިކުރާ ފަރާތެއްނަމަ އެފަދަ ފަރާތަކީ ދުންފަތުގެ ވިޔަފާރިއާ ގުޅުންހުރި ފަރާތެއް ކަމުގައި ވާނެއެވެ. ދުންފަތުގެ ބާވަތްތައް އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ގުދަންކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައްވެސް މީގެ ތެރޭގައި ހިމެނޭނެއެވެ. ތަންފީޒީ އިދާރާތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ވަޒީފާގެ ޒިންމާއެއްގެ ގޮތުގައި ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން ކުރާ މުއާމަލާތްތައް މީގެ ތެރެޔަކު ނުހިމެނެއެވެ.

(ބ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހެލްތަށެވެ.

(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހެލްތަށެވެ.

 

 

ޖަދުވަލު 1

 

މެންބަރުންގެ އިގުރާރު

 

ގާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ “ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑު” ގެ މެންބަރެއްގެ ގޮތުގައި ހުރެ، ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާއި، ދުންފަތުގެ ބާވަތެއްގެ ވިޔަފާރިއެއް ކުރުމުގައި އެއްވެސް ގޮތަކަށް ބައިވެރިވެ ހަރަކާތްތެރި ނުވުމަށާއި، އެފަދަ ވިޔަފާރިއަކާ އެއްވެސް ގޮތަކަށް ގުޅުންހުރި ފަރާތަކަށް ނުވުމަށާއި ، ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނާއި، އެ ގާނޫ ނުގެ ދަށުން ހަދާ ގަވާއިދުތަކާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބޯޑުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދުންފަތް ކޮންޓްރޯލު ކުރުމަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، ދުންފަތް ކޮންޓްރޯލު ކުރުމަށް ފާޅުގައި މަސައްކަތްކުރުމަށާއި، މަސްލަހަތު ފުށުއަރާ ހާލަތެއް މެދުވެރިވެއްޖެ ކޮންމެ ހިނދެއްގައި އެކަން ބޯޑަށް ވަގުތުން ހާމަކުރުމަށާއި، ބޯޑުގެ އެންމެހައި ނިންމުންތަކާއި، މެންބަރެއްގެ ހައިސިއްޔަތުން ބޯޑަށް ދޭ ލަފަޔާއި އިރުށާދުގައި އަބަދުވެސް ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކައުތެރި ކުރުމަށް އިސްކަންދިނުމަށް އަހުރެން އިގުރާރުވަމެވެ.

____________________________

 

 

ނަން:                         ތާރީހު:                      ސޮއި:

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު