-

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ގެ އޮފީހުގެ ތަހްގީގު ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-175)

 

ބާބު 1

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 115 ވަނަ މާއްދާގެ (ރ) އިން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއާ މަތިކޮށްފައިވާ،ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތަކާ ގުޅޭ މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތަހުގީގު ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ހުށަހެޅޭނެ މައްސަލަތަކާއި، މައްސަލަ ހުށަހެޅޭނެ ފަރާތްތަކާއި، މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތަކާއި ގޮތްތައް ކަނޑައެޅުން.

(ށ) މައްސަލަ ރަޖިސްޓަރީކުރުމާއި، ތަހުގީގު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް ކަނޑައެޅުން.

(ނ) މައްސައަކާ ގުޅިގެން އޮފީހަށް މީހުން ހާޒިރުކުރާނެ ގޮތްތަކާއި، ސުވާލުކުރުމާއި، މައުލޫމާތު ސާފުކުރުމާއި، ބަޔާން ނެގުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް ކަނޑައެޅުން.

(ރ) މައްސަލަ ތަހުގީގު ކުރުމުގައި، އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު، ތައައްސުބުން އެއްކިބާވެ، ވަކި ފަރާތަކަށް ބުރަނުވެ، ދެފުށް ފެންނާނޭ ހެން، ނަޒާހަތްތެރިކަމާއެކު މައްސަލަ ބެލުމަށް ބާރުއެޅުމަށް ބޭނުންވާ އުސޫލުތައް އެކަށައެޅުން.

(ބ) ބަލާ މައްސަލަތަކާ ގުޅިގެން ހިންގޭ އިޖުރާއަތުތައް ހިންގެނީ ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރެވޭނޭހެން، އަދި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތް ކުރެވޭނޭހެން، އެކަމަށް އިސްކަންދެވިގެންކަން ޔަގީންކުރުން.

(ޅ) މައްސަލަ ރައްދުވާ ފަރާތްތަކާއި، މައްސަލައާ ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ ހައްގުތައް ރައްކައުތެރިކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅޭކަން ޔަގީންކުރުން.

(ކ) ހިންގޭ ތަހުގީގުތަކަކީ އެކަށީގެންވާ އަވަސްގޮތެއްގައި ރަނގަޅު ފެންވަރެއްގައި ހިންގޭ ތަހުގީގުތަކެއްކަން ކަށަވަރުކުރުން.

(އ) މައްސަލަ ރައްދުވާ ފަރާތަށް ލިބިދެވޭ ހައްގުތަކާ ގުޅޭގޮތުން އަމަލުކުރާނެ ގޮތްތައް ކަނޑައެޅުން.

(ވ) މައްސަލަތަކާ ގުޅޭ ހެއްކާއި، ގަރީނާއާއި، އެހެނިހެން ލިޔެކިއުމާއި، ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން.

(މ) މައްސަލައަކާ ގުޅިގެން އެއްވެސް ތަނެއް ބަލަން ޖެހިއްޖެނަމަ އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

(ފ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައަކާ ގުޅިގެން އޮފީހުގެ ބެލުމުގެ ދަށަށް ގެނެވޭ ލިޔެކިއުމާއި ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގެ މައިގަނޑު އުސޫލުތައް ކަނޑައެޅުން.

(ދ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައެއް، ޖިނާއީ ތަހުގީގު ހިންގުމުގެ އިހްތިސާސް ލިބިދީފައިވާ ތަހުގީގީ އިދާރާއަކަށް ފޮނުވަން ޖެހިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލުތައް އެކަށައެޅުން.

(ތ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހުގީގެއްގައި، ތަހުގީގީ އެހެން އިދާރާއެއްގެ އެހީ ހޯދުމާ ގުޅޭ އުސޫލުތައް އެކަށައެޅުން.

 

3 ވަނަ މާއްދާ - ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންނެވެ.

 

4 ވަނަ މާއްދާ - ބާރު ހިނގާ ދާއިރާ

މި ގަވާއިދުގެ ބާރު، ތިރީގައިވާ ފަރާތްތަކުގެ މައްޗަށް ހިނގާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް.

(ށ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުން.

 

5 ވަނަ މާއްދާ - ކުރިން ބަލައިފައިވާ މައްސަލަ

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލައިފައިވާ މައްސަލަތަކުގައި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ނިންމައިފައިވާ ނިންމުންތަކާއި، އަޅައިފައިވާ ފިޔަވަޅުތައް އެ ގޮތުގައި ދެމިއޮންނާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، އެ އަކުރުގައި ބަޔާންކޮށްފައިވާ މައްސަލައަކާ ގުޅިގެން އިތުރު އެއްވެސް ކަމެއް ކުރާނަމަ، އެ ކަންކަން ކުރުމުގައި އަމަލުކުރަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނިންމާނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއެވެ.

 

7 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން 

(ހ) މި ގަވާއިދަށް އިސްލާހު ގެނެވޭނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް އެ އިސްލާހެއް ހުށަހަޅައިގެން، އެ އިސްލާހު ފާސްކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އުސޫލުން މި ގަވާއިދަށް ގެނެވޭ އިސްލާހަކަށް އަމަލުކުރަން

ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އިސްލާހެއް ށާއިއުކޮށް އާންމު ކުރުމަށް ފަހުގައެވެ.

 

8 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

9 ވަނަ މާއްދާ - ޖަދުވަލުތައް

މި ގަވާއިދުގައި ހިމަނައިފައިވާ އެންމެހައި ޖަދުވަލުތައް ބަލަންވާނީ، މި ގަވާއިދުގެ ބައިތަކެއްގެ ގޮތުގައެވެ. އެ ޖަދުވަލުތަކަށް ހަވާލާދެވޭ ހިނދު، އެ ހަވާލާދެވެނީ، މި ގަވާއިދުގެ ބަޔަކަށެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދު މާނަކުރަންވާނީ އަދި ތަޠުބީގުކުރަންވާނީ، ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ އެންމެހައި ހައްގުތަކަށް ރިއާޔަތް ކުރެވޭނޭހެން، އަދި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި، އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ހިމެނޭ ކުޑަކުދިންގެ ހައްގުތަކާއި، ބައިނަލްއަގްވާމީ "ގުޑް ޕްރެކްޓިސްތަކަށް" ރިއާޔަތް ކޮށްގެންނެވެ.

(ށ) މި ގަވާއިދުގައި ހިމެނޭ ކަމެއް މާނަކުރުމުގައި، އެއްވެސް ހާލަތެއްގައި، ކުޑަކުއްޖެއްގެ ހައްގަކަށް ނުވަތ/ައަދި މަސްލަހަތަކަށް އެއްވެސް މިންވަރަކަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް މާނަކޮށްގެން ނުވާނެއެވެ.

(ނ) މި ގަވާއިދުގައި ހިމެނިފައިވާ ކަމެއް މާނަކުރުމުގައި ހިޔާލުތަފާތުވުމެއް އުފެދިއްޖެނަމަ، އެ ކަމެއް ނިންމާނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަނެވެ.

(ރ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

  1. "ޗިލްޑްރަންސް އޮމްބަޑްސްޕަރސަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގައި ބުނާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އަށެވެ.
  2. "ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގައި ބުނާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އުފައްދައިފައިވާ އަދި އުފައްދާ އެންމެހައި އޮފީސްތަކަށެވެ.
  3. "ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ.
  4. "ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާ" ކަމަށް ބުނެފައި އެވަނީ، އެކުވެރި ދައުލަތްތަކުގެ "ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" އަށެވެ.
  5. "އޮޕްށަނަލް ޕްރޮޓޮކޯލް" ކަމަށް ބުނެފައި އެވަނީ، އެކުވެރި ދައުލަތްތަކުގެ "ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" ގެ "އޮޕްށަނަލް ޕްރޮޓޮކޯލް" ތަކަށެވެ.
  6. "ފުލުހުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގައި ބުނާ ދިވެހި ފުލުހުންގެ ހިދުމަތަށެވެ.
  7. "ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާއިންނާއި، ގާނޫނުތަކާއިގަވާއިދުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އެކިއެކި ޒިންމާތައް އޮންނަ އެންމެހައި ފަރާތްތަކާއި، އެ ޒިންމާތައް އެހެން ފަރާތަކާ ހަވާލުކުރެވޭ ހާލަތުގައި އެ ފަރާތްތަކަށެވެ.
  8. "ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖަކު ބެލެހެއްޓުމާއި، ކުޑަކުއްޖަކަށް އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމާއި، އެ ކުދީންގެ ތައުލީމާއި ތަރުބިއްޔަތާއި ސުލޫކާއި އަހްލާގާއި، ޖިސްމާނީ ދުޅަހެޔޮކާމާއި ނަފްސާނީ ދުޅަހެޔޮކާމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމުގައި އަމަލީގޮތުން ސީދާ ހަރަކާތްތެރިވާ މުވައްޒަފުންނާއި، ކުޑަކުދިންގެ ހައްގަކާ ގުޅުންހުރި ކަމެއްގައި ގޮތް ކަނޑައެޅުމުގެ ބާރު ލިބިދީފައިވާ އެންމެހައި މުވައްޒަފުންނަށެވެ. އެއީ، އެކިއެކި މަގާމުތަކަށް އިންތިހާބުކުރެވޭ މީހުންނާއި، އައްޔަނުކުރެވޭ މަގާމުތަކުގައި ތިބޭ މީހުންނާއި، ވަގުތީ މުވައްޒަފުންނާއި، ކޮންސަލްޓަންޓުންނާއި، އިންޓަރނުންނާއި، ހިލޭސާބަހަށް މަސައްކަތްކުރާ މީހުން ހިމެނޭހެންނެވެ.
  9. "މައްސަލައާ ގުޅުންހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، މައްސަލަ ހުށަހެޅި ފަރާތް ނުވަތަ އަނިޔާ ލިބުނު ފަރާތް ނުވަތަ އަނިޔާ ލިބުނު ފަރާތުގެ ށަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔ،ާ ނުވަތަ އަނިޔާ ލިބުނު ފަރާތުގެ ވަކީލު، ނުވަތަ މައްސަލަ ރައްދުވާ ފަރާތ،ް ނުވަތަ ރައްދުވާ ފަރާތުގެ ވަކީލަށެވެ.
  10. "މަސައްކަތުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު، އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށެވެ.
  11. "މައްސަލަ ރައްދުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއަކާ ދެކޮޅަށް މައްސަލަ ހުށަހެޅިފައިވާ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާއާ ދެކޮޅަށް ނުވަތަ މުވައްޒަފާ ދެކޮޅަށް މި ގަވާއިދުގެ ދަށުން އެ ވަގުތަކު ތަހުގީގު ހިންގެމުންދާ މުވައްޒަފާއި، އެ ވަގުތަކާ ހަމައަށް އެ ތަހުގީގަކާ ގުޅިގެން އެ ފަރާތެއްގެ މައްޗަށް އިތުރަށް ތަހުގީގު ކުރިޔަށް ނުގެންދިއުމަށް ނުވަތަ ފިޔަވަޅެއް ނޭޅުމަށް ނިންމޭ ފަރާތްތައް ފިޔަވައި އެ ތަހުގީގަކާ ގުޅިގެން ފިޔަވަޅެއް އަޅައިފައިނުވާ ފަރާތްތަކަށެވެ. 
  12. "މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ރައްދުވާ ފަރާތެއްގެ ނުވަތަ ސުވާލުކުރެވެމުންދާ ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ކަމަށް އޭނާ ކަނޑައަޅ،ާ އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ މީހަކަށެވެ.
  13. "ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފު ހިންގާ އަމަލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 115 ވަނަ މާއްދާގެ (ރ) ގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހުގީގު ކުރާ ކަންކަމަށެވެ.
  14. "އަމަލު ހިންގި ތަން" ކަމަށް ބުނެފައި އެވަނީ، އަމަލު ހިނގާ ހިނދު، އެ އަމަލާގުޅުންހުރި ވާގިއާއެއް ނުވަތަ މާއްދީ ހެއްކެއް ނުވަތަ އެއްޗެއް ހުރި ކޮންމެ ތަނަކަށެވެ.
  15. "އަމަލު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައިހަރަކާތްތެރިވާ މުވައްޒަފ،ު އޭނާގެ މަސައްކަތުގެ ދާއިރާގައި، ކުޑަކުދިންގެ ހައްގަކާ ގުޅުންހުރި، ކޮށްގެން ނުވާނެ ކަންކަމާއި ނުވަތ/ައަދި ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމަށެވެ.
  16. "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ތަނަކާ ގުޅޭގޮތުންނަމަ، އެ ތަނެއްގެ ވެރިފަރާތަށެވެ. ކުއްޔަށްދީފައިވާ ތަނަކާ ގުޅޭގޮތުންނަމަ، އެ ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށެވެ. އެއްމެދު އިމާރާތެއްގެ ވަކި ޔުނިޓެއް ނުވަތަ ބައެއްނަމަ، އެ ޔުނިޓެއް ނުވަތަ ބައެއްގެ ވެރިފަރާތަށެވެ. އަދި އެއިން އެއްވެ ސް ފަރާތެއް އެއިން ތަނެއްގައި ނެތް ހާލަތެއްގައިނަމަ ނުވަތަ އެނޫން ހާލަތެއްގައިނަމަ، އެ ތަނެއްގައި ދިރިއުޅޭ ނުވަތަ އެ ތަނަކާ އެ ވަގުތަކު ހަވާލުވެހުރި ފަރާތް ވެސް ހިމެނޭގޮތުންނެވެ. 
  17. "ހެއްކާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ހެއްކާ ބެހޭ ކަންކަން ބަޔާންކުރާ ގާނޫނު ނުވަތަ ގާނޫނުތަކަށެވެ.
  18. "ތަހުގީގު މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ ތަހުގީގެއްގައި ސުވާލުކުރެވޭ މީހުންނާ ސުވާލުކުރުން ކުރިޔަށްގެންދާ ތަނަށެވެ.
  19. "ވިސްލްބްލޯކުރުން" ކަމަށް ބުނެފައި އެވަނީ، ކާކުކަން ނޭނގޭގޮތަށް މައްސަލަ ހުށަހެޅުމަށެވެ.
  20. "ނައްތައިލެވޭނެ ފަދަ ތަކެތި" ކަމަށް ބުނެފައި އެވަނީ، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ގެންނަ ލިޔެކިޔުމުގެ ނަކަލުގެ ތެރެއިން އެ އެއްޗެއް ނައްތައިލުމުގެ ސަބަބުން ތަހުގީގަށް ނުވަތަ މައްސަލައިގެ ތަހުގީގު ފައިލުގައި ހިމެނޭ ލިޔެކިޔުމަށް އަސަރު ނުކުރާނެ ތަކެއްޗަށެވެ.

 

 

ބާބު 2

މައްސަލަ ހުށަހެޅުން

 

11 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ފަރާތްތައް

ތިރީގައިވާ ފަރާތްތަކަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅިދާނެއެވެ.

(ހ) އާންމު ރައްޔިތުން؛

(ށ) ދައުލަތުގެ އިދާރާތައް؛

(ނ) ދިވެހިރާއްޖޭގެ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި، އަދި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ޖަމާއަތްތައް؛

 

12 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އޮފީހަށް ހުށަހެޅޭ މައްސަލައިގެ އިތުރުން، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެއަމިއްލަ އިސްނެގުމުގެ މަތީން މައްސަލައެއް ބެލުމަށް ނިންމުމުގެ އިހްތިޔާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ލިބިގެންވެއެވެ.

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ އޮޑިޓަކުން؛
  2. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައަކުން؛
  3. މީޑިއާގައި ފާހަގަކުރާ ކަންކަމުން؛
  4. މަތީގައިވާ ގޮތްތައް ފިޔަވައި، އެހެނިހެން ގޮތްގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބޭ މައުލޫމާތުން ؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބޭ މައުލޫމާތެއްގައި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާއަކުން ނުވަތ/ައަދި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު، ކުޑަކުއްޖެއްގެ ހައްގެއް ނަގައިލައިފައިވާކަމަށް ފާހަގަކުރެވޭނަމަ، އެ މައްސަލައެއް ތަހުގީގުކުރުމާމެދު ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ގޮތެއް ނިންމަންވާނެއެވެ.

 

13 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ގޮތް

ތިރީގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށްމައްސަލަ ހުށަހެޅިދާނެއެވެ.

(ހ) މައްސަލަ ހުށަހަޅާ ރަސްމީ ފޯމުން.

(ށ) ސިޓީ ނުވަތަ ލިޔުން އޮފީހަށް ފޮނުވައިގެން.

(ނ) އޮފީހުގެ ރަސްމީ ފޯނު ނަންބަރަށް ނުވަތަ މައްސަލަ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ފޯނު ނަންބަރަކަށް ފޯނުން ގުޅައިގެން.

(ރ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހާޒިރުވެގެން.

(ބ) އ-ީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށް ހާއްސަ މެއިލްއައިޑީއަކަށް މެއިލްކޮށްގެން.

(ޅ) އޮފީހުގެ ވެބްސައިޓު މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށް ހަމަޖައްސައިފައިވާ އިންތިޒާމެއް މެދުވެރިކޮށްގެން.

 

14 ވަނަ މާއްދާ - ހުށަހެޅޭނެ މައްސަލަ

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ، އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.

(ހ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާއަކަށް ރައްދުވާ، ކުޑަކުއްޖެއްގެ ހައްގަކާ ގުޅުންހުރި މައްސަލަތައް.

(ށ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާއެއްގެ މުވައްޒަފަކަށް ރައްދުވާ، ކުޑަކުއްޖެއްގެ ހައްގަކާ ގުޅުންހުރި މައްސަލަތައް.

 

15 ވަނަ މާއްދާ - މައްސަލަ ހުށަހަޅާއިރު ހިމަނަންޖެހޭ މައުލޫމާތު

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހަޅާ މައްސަލައިގައި އެ މައްސަލައަކާ ގުޅޭގޮތުން، އެންމެ މަދުވެގެން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. މައްސަލަ ހުށަހެޅި މީހާގެ ނުވަތަ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު.
  2. މައްސަލަ ރައްދުވާ ދައުލަތުގެ އިދާރާގެ ނުވަތ/ައަދި މުވައްޒަފުގެ މައުލޫމާތު
  3. ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާއެއް ނުވަތަ އެ ފަދަ އިދާރާއެއްގެ މުވައް ޒަފަކު، އޭނާގެ މަސައްކަތުގެ ދާއިރާގައި، ކުޑަކުދިންގެ ހައްގެއް ނިގުޅައިގަނެފައިވާކަން، ނުވަތަ އެފަދަ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާކަން، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެފައިވާކަމަށް، ނުވަތަ އެފަދަ އަމަލެއް ކުރާކަމުގެ ނުވަތަ އެފަދަ އަމަލެއް ހިންގަން އުޅޭކަމަށް ގަބޫލުކުރާ ސަބަބުތައް، އަދި ކުޑަކުދިންގެ ހައްގެއް ރައްކައުތެރިކުރުމާ ގުޅޭގޮތުން މުވައްޒަފަކު އޭނާގެ މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަމެއް ނުކޮށް އޮތްކަން، ނުވަތަ ނުކުރާކަން ނުވަތަ އެފަދަ ކަމެއް ނުކޮށް ދޫކޮށްލައިފާނެކަމަށް ގަބޫލުކުރާ ސަބަބުތައް؛
  4. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ކުރިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީހ.ު
  5. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ހިނގި ތަން ނުވަތަ ހިނގާ ތަން ނުވަތަ ހިނގާނެކަމަށް ބެލެވޭ ތަން.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އޮފީހަށް ހުށަހަޅައިފައިވާ މައްސަލަ ހުށަހަޅައިފައިވަނީ ވިސްލްބްލޯ ކޮށްގެންކަމަށް ވާނަމަ، އެ ހާލަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުޠު ފުރިހަމަ ނުވާ މައްސަލަ ވެސް އޮފީހަށް ބަލައިގަނެވޭނެއެވެ.

 

16 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ކާކުކަން އަންގައިދޭ މައުލޫމާތު ސިއްރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - އެންގުންތަކަށް ތަބާވުން

(ހ) މި ގަވާއިދުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އަންގާ އެންގުންތަކަށް އަމަލުކުރުމަކީ މި ގަވާއިދުގެ ބާރު ހިނގާ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ލާޒިމު ކަމެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އަންގާ އެންގުންތަކަށް އަމަލުނުކުރާ ފަރާތްކުގެ މައްޗަށް، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 533 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށް ތަހުގީގުކުރުމަށް، ކަމާ ގުޅުންހުރި ގާނޫނު ތަންފީޒުކުރާ އިދާރާއަށް ފޮނުވޭނެއެވެ.

 

 

ބާބު 3

މައްސަލަ ރަޖިސްޓަރީކުރުން

 

18 ވަނަ މާއްދާ - ހުށަހެޅޭ މައްސަލައާމެދު އަމަލުކުރާނެ ގޮތް

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަ ރަޖިސްޓަރީކުރުމާ މެދު، އެ މައްސަލައެއް ހުށަހެޅުނު ތާރީހުން ފެށިގެން، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންވާނެއެވެ.

(ށ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަމިއްލަ އިސްނެގުމަށް ބަލަން ނިންމާ މައްސަލަތަކުގައި، އެ މައްސަލައެއް ތަހުގީގުކުރަން ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ރަޖިސްޓަރީކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭ ށަރުޠު

މި ގަވާއިދުގެ 13 ވަނަ މާއްދާއާ އެއްގޮތަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަ، އޮފީހުގައި ރަޖިސްޓަރީކުރެވޭނީ، ތިރީގައިވާ ށަރުޠުތައް އެ މައްސަލައެއްގައި ފުރިހަމަވާނަމައެވެ.

(ހ) އޮފީހަށް މައްސަލަ ހުށަހަޅާ ފޯމުން ހުށަހަޅާ މައްސަލަތަކުގައި، މައްސަލަ ހުށަހަޅާ ފޯމުގައި ކޮންމެހެން ފުރަންޖެހޭނެކަމަށް ފާހަގަކޮށްފައިވާ ހުރިހާ މައުލޫމާތެއް ރަނގަޅަށް ފުރިހަމަކޮށްފައި ވުން.

(ށ) ހުށަހަޅައިފައިވާ މައްސަލައަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިހްތިސާސަށް ފެތޭ މައްސަލައަކަށް ވުން.

(ނ) ހުށަހަޅައިފައިވާ މައްސަލައިގައި ބުނާ މައްސަލައަކީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ގާނޫނީ ބާރު ހިނގަންފެށި މުއްދަތުގެ ފަހުން ހިނގައިފައިވާ، ނުވަތަ އޭގެ ކުރިން ހިނގައިފައިވާ މައްސަލައެއް ނަމަވެސް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ގާނޫނީ ބާރު ހިނގަން ފެށިފަހުން ވެސް އެކަން ހިނގަމުންދާ މައްސަލައަކަށް ވުން.

 

20 ވަނަ މާއްދާ - އިހްތިސާސަށް ފެތޭ މައްސަލަ

މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިހްތިސާސަށް ފެތޭ މައްސަލަކަމަށް ބަލާނީ، އަންނަނިވި މައްސަލަ ތަކެވެ.

(ހ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާއަކުން ކުޑަކުދިންގެ ހައްގެއް ނިގުޅައިގަތުމާއި، އެފަދަ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވުން، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވުން، ނުވަތަ ކުޑަކުދިންގެ ހައްގެއް ނިގުޅައިގަންނަމުންދިއުން، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވަމުންދިއުން، ނުވަތަ އެފަދަ އަމަލެއް ހިންގަން އުޅުން އަދި/ނުވަތަ އެފަދަ އިދާރާއަކުން ކުޑަކުދިންގެ ހައްގެއް ރައްކައުތެރިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަމެއް ނުކޮށް އޮތުން، ނުވަތަ ކުރަމުން ނުގެންދިއުން، ނުވަތަ އެފަދަ ކަމެއް ނުކޮށް ދޫކޮށްލަން އުޅުން.

(ށ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާއެއްގެމުވައްޒަފަކު، އޭނާގެ މަސައްކަތުގެ ދާއިރާގައި ކުޑަކުދިންގެ ހައްގެއް ނިގުޅައިގަތުމާއި، ނުވަތަ އެފަދަ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވުން، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވުން، ނުވަތަ ކުޑަކުދިންގެ ހައްގެއް ނިގުޅައިގަންނަމުންދިއުން، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވަމުންދިއުން، ނުވަތަ އެފަދަ އަމަލެއް ހިންގަން އުޅުން އަދި/ނުވަތަ އެފަދަ މުވައްޒަފަކު ކުޑަކުދިންގެ ހައްގެއް ރައްކައުތެރިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަމެއް ނުކޮށް އޮތުން، ނުވަތަ ކުރަމުން ނުގެންދިއުން ނުވަތަ އެފަދަ ކަމެއް ނުކޮށް ދޫކޮށްލަން އުޅުން.

 

21 ވަނަ މާއްދާ - ރަޖިސްޓްރޭށަން ދަފުތަރު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައިގެ ތެރެއިން ރަޖިސްޓަރީކުރެވޭ މައްސަލައާއި، ރަޖިސްޓަރީ ނުކުރާ މައްސަލައިގެ ތަފުސީލު ހިމެނޭ ދަފުތަރެއް އޮފީހުންބަލަހައްޓަންވާނެއެވެ.

 

22 ވަނަ މާއްދާ - ރަޖިސްޓްރޭށަނާ ގުޅޭ އެންގުން

(ހ) މައްސަލަ ހުށަހެޅި ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު އެނގޭނަމަ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަ ރަޖިސްޓަރީ ކުރުމާ ގުޅޭ ނިންމުން ނިންމާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ލިޔުމުން އެކަން އެ ފަރާތަކަށް އަންގަންވާނެއެވެ.

(ށ) މައްސަލައަކާ ގުޅޭ ގޮތުން ނިންމާ ނިންމުމާ ގުޅޭ ލިޔުން، ބޭނުންނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން އަންގައިފިނަމަ، އެކަން ލިޔުމުން ރެކޯޑު ކޮށްފައި އޮންނަންވާނެއެވެ.

(ނ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހު ށަހެޅޭ މައްސަލައިގެ ތެރެއިން، އޮފީހުގައި ރަޖިސްޓަރީ ނުކުރާ މައްސަލަ، ސަރުކާރުގެ ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގެ ސަމާލުކަމަށް ގެންނަންޖެހޭކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ފެންނަނަމަ، އެ އޮފީހަކަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

23 ވަނަ މާއްދާ - އެއް ފަރާތަ ށްވުރެ ގިނަ ފަރާތުން ހުށަހަޅާ އެއް މައްސަލަ

އެއް ވާގިއާތަކެއްގެ މައްޗަށް ބިނާކޮށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ މައްސަލައިގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) މައްސަލަ ރައްދުވާ ފަރާތަކީ އެއް ފަރާތެއްނަމަ، އެ މައްސަލަ، އެއް މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) އެއް ފަރާތަށްވުރެ ގިނަ ފަރާތަށް މައްސަލަ ރައްދުވާނަމަ، ތަފާތު މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ރަޖިސްޓަރީކުރުމުގެ އިހްތިޔާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ބަލައި ނިންމައިފައިވާ މައްސަލަ

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލައި ނިންމާ މައްސަލައެއް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް އަލުން ހުށަހެޅޭ ހާލަތުގައި، އެ މައްސަލައެއް އަލުން ހުޅުވޭނީ،އެ މައްސަލައެއް އަލުން ބެލުން އެއީ އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ މަސްލަހަތުގައި އެންމެ ރަނގަޅު ގޮތްކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަނޑައަޅައި ނިންމައިފިނަމަ އެކަންޏެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ އަލުން ބަލަން ނިންމުމުގައި އަމަލުކުރާނެ ގޮތާ ގުޅޭ އުސޫލެއް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވައިލަންވާނެއެވެ.

 

 

ބާބު 4

މައްސަލަ ތަހުގީގު ކުރުން

 

25 ވަނަ މާއްދާ - ތަހުގީގު ކުރުން

(ހ) މި ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީ ކުރެވޭ މައްސަލަތައް، މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލުތަކާ އެއްގޮތަށް ތަހުގީގު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަހުގީގުކުރާ މައްސަލަތަކުގައި، އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

  1. މައްސަލަ ކެޓަގަރައިޒުކޮށް، އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުން؛
  2. މައްސަލައިގެ އިވެލުއޭށަން ހެދުން؛
  3. މައްސަލަ އިތުރަށް ތަހުގީގު ކުރުން.

(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް، މައްސަލަ އިތުރަށް ތަހުގީގުކުރުމާމެދު ގޮތެއް ނިންމާނީ، މި މާއްދަގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބުނެފައިވާ އިވެލުއޭށަން ހެދުމަށްފަހު، އެ އިވެލުއޭށަނުން ނިންމާ ގޮތެއްގެ މަތީންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގައި މައްސަލަ ރަޖިސްޓަރީ ކުރެވުމާއެކު، އެ މައްސަލައަކީ އިތުރަށް ތަހުގީގުކުރަންޖެހޭ މައްސަލައެއްކަމަށް ފެންނަނަމަ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ނިންމިދާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން މައްސަލަ ކެޓަގަރައިޒުކޮށް، އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތާ ގުޅޭ އުސޫލެއް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވައިލާންވާނެއެވެ.

 

26 ވަނަ މާއްދާ - ތަހުގީގުކުރުމާ ގުޅޭ ބާރުތައް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހުގީގުތަކާ ގުޅޭގޮތުން، ތިރީގައިވާ ބާރުތައް ލިބިގެންވެއެވެ.

(ހ) ތަހުގީގުކުރާ މައްސަލައާ ގުޅިގެން މީހުންނާއި ފަރާތްތައް ހާޒިރުކުރުން.

(ށ) ތަހުގީގުކުރާ މައްސަލައާ ގުޅިގެން ހެކީންގެ ހެކިބަސް ހޯދުން.

(ނ) ތަހުގީގުކުރާ މައްސަލައާ ގުޅިގެން ހާޒިރު ކުރެވޭ މީހުންނާއި ފަރާތްތަކުގެ ކިބައިން މައުލޫމާތާއި ބަޔާން ހޯދުން.

(ރ) ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހިއްސާކުރުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުން.

(ބ) ކަމާ ގުޅުންހުރި އިދާރާތަކާއި މުއައްސަސާތަކަށް ގޮސް ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދައި ބެލުމާއި، އޭގެ އަސްލު ނުވަތަ ކޮޕީ ގެނައުމާއި، ތަހުގީގަށް ބޭނުންވާ ތަކެތި ހޯދައިގެން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް އެ ތަކެތި ގެނައުން.

(ޅ) ތަހުގީގަކާ ގުޅިގެން ބަލަންޖެހޭ އެންމެހައި ލިޔެކިއުމާއި، ރިކޯޑުތަކާއި، ފޮތްތަކާއި،ހަރަދުތަކާއި، އިމާރާތާއި، އުޅަނދުފަހަރާއި، މުދަލާއި، އެހެނިހެން ތަކެއްޗާއި، އެ ތަކެތި ބަހައްޓައިފައިވާ ތަންތަން ބެލުމާއި، ބޭނުންވާ ލިޔެކިއުން ނަކަލު ކުރުން.

(ކ) ތަހުގީގުކުރާ މައްސަލައާ ގުޅިގެން ލިޔުމުން މައުލޫމާތު ދިނުމަށް އެންގުން.

(އ) ކަމެއް ހިނގައިފައިވާ ގޮތާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅުމަށް އެންގުން.

(ވ) މައްސަލައަކާ ގުޅިގެން ތަހުގީގުން ފާހަގަވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް، ނުވަތަ ވަކިކަމެއް އިސްލާހު ކުރުމަށް އެންގުން.

(މ) މައްސަލައަކާ ގުޅިގެން ތަހުގީގުން ފާހަގަވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ތިރީގައިވާ ކަންކަން ކުރުމަށް އެންގުން.

  1. މިހާރު އަމަލުކުރަމުންގެންދާ އުސޫލަކަށް ބަދަލު ގެނައުން؛
  2. ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ބަދަލުގެނައުމަށް ލަފާދިނުން؛
  3. ވަކި މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ފިޔަވަޅު އަޅައިދިނުމަށް އެދުން؛
  4. ވަކި މުވައްޒަފެއްގެ ނުވަތަ މުވައްޒަފުންތަކެއްގެ ސުލޫކީ މައްސަލަ ބަލައިދިނުމަށް އެދުން؛
  5. ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުން.

 

27 ވަނަ މާއްދާ - ރިޕޯޓު ތައްޔާރުކުރުން

މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އިވެލުއޭޓްކުރާ މައްސަލަތަކާއި، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން އިތުރަށް ތަހުގީގުކުރާ މައްސަލަތަކާމެދު، އެ މަރުހަލާއެއްގައި މައްސަލަ ބަލާ މުވައްޒަފު ނިންމާ ނިންމުން، މި ގަވާއިދުގެ ދަށުން އެކުލަވައިލާ އުސޫލާ އެއްގޮތަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

28 ވަނަ މާއްދާ - މައްސަލައިގެ ނިންމުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ތަހުގީގުކުރާ މައްސަލަ ނިންމުމުގައި ރިއާޔަތްކުރަންވާނީ، މައްސަލައާ ގުޅޭގޮތުން ލިބޭ ކިތާބީ ހެއްކާއި، ށަފަހީ ހެއްކާއި، މާއްދީ ހެއްކާއި ގަރީނާއަށެވެ.

(ށ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އިވެލުއޭޓްކުރާ މައްސަލަތަކާއި، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި، މި ގަވާއިދުގެ 25 ވަނަ މާއްދާ ގެ (ރ) ގެ ދަށުން އިތުރަށް ތަހުގީގުކުރާ މައްސަލަތަކާމެދު،ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ތިރީގައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ނުވަތަ ގޮތްތަކަކަށް ނިންމަންވާނެއެވެ.

  1. މައްސަލައިގައި ޖިނާއީ ތުހުމަތެއް ހިމެނޭނަމަ، މައްސަލައިގައި ހިމެނޭ ޖިނާއީ ތުހުމަތު ތަހުގީގު ކުރުމަށް، ކަމާ ގުޅުންހުރި ގާނޫނު ތަންފީޒުކުރާ އިދާރާއަށް ފޮނުވުން؛
  2. ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ތުހުމަތު ސާބިތުކުރެވޭ މިންވަރަށް ހެއްކާއި 
    ގަރީނާ ހޯދިފައިވާނަމަ، އެ މައްސަލަ ސާބިތުވާކަމަށް؛
  3. ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ތުހުމަތު ސާބިތުކުރެވޭ މިންވަރަށް ހެއްކާއިގަރީނާ ހޯދިފައި ނުވި ނަމަވެސް، އިތުރަށް ތަހުގީގުކޮށްގެން ތުހުމަތު ސާބިތުކުރެވޭނެކަމަށް ފެންނަނަމަ، އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް؛
  4. ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ތުހުމަތު ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައި ނުވާނަމަ، އަދި އިތުރަށް ތަހުގީގުކޮށްގެން ތުހުމަތު ސާބިތުކުރެވޭނެ މިންވަރަށް ހެއްކާއި ގަރީނާ ހޯދޭނެކަމަށް ނުފެންނަނަމަ، އެ ތުހުމަތު ސާބިތުނުވާކަމަށް؛ 
  5. މައްސަލައާ ގުޅޭގޮތުން ހަދައިފައިވާ އިވެލުއޭށަން ނުވަތަ ތަހުގީގު އިތުރަށް ފުރިހަމަކުރަންޖެހޭކަމަށް ފެންނަނަމަ، އިތުރަށް ފުރިހަމަކުރުމަށ.ް

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް ނިންމާ ހާލަތުގައި، އެ މައްސަލައިގައި ހިމެނޭ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކާމެދު ފިޔަވަޅު އަޅަން ޖެހިއްޖެނަމަ، އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށާއި، އެ މައްސަލައިގައި ހިމެނޭ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ ދައުލަތުގެ އިދާރާތަކުން ޖަވާބުދާރީވާންޖެހޭ ދައުލަތުގެ މުއައްސަސާތަކަށް، އެ ކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް ނިންމާ ހާލަތުގައި، މައްސަލަ ފައިލުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބުނާ ގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކަށް ނިންމާ ހާލަތުގައި ވެސް، އެ މައްސަލައިގައި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާއެއްގެ ހިންގުމާ ގުޅޭގޮތުން ނުވަތަ ވަކި ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އުސޫލެއްގައި ހިމެނޭ ކަމަކާ ގުޅޭގޮތުން، އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވޭނަމަ، އެ ކަމެއް އިސްލާހުކުރުމަށް އަންގަންވާނެއެވެ.

(ޅ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އިވެލުއޭޓްކުރާ މައްސަލަތަކާއި، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން އިތުރަށް ތަހުގީގުކުރާ މައްސަލަތަކުގައި ހިމެނޭ އެއްވެސް ކަމެއް އެއީ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަންޖެހޭ ކަމެއްނަމަ، އެކަން އެ މުއައްސަސާއަކަށް ލިޔުމުން އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް ނިންމާ މައްސަލަތަކުގައި، އެ މައްސަލައަކާ ގުޅިގެން އިތުރު މައުލޫމާތު ލިބުމުން އަލުން މައްސަލަ ބެލުމާމެދު، މި ގަވާއިދުގެ ދަށުން ހަދާ އުސޫލެއްގެ މަތީން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ގޮތެއް ކަނޑައެޅިދާނެއެވެ.

 

29 ވަނަ މާއްދާ - ނިންމުން އެންގުން 

މި ގަވާއިދު 28 ވަނަ މާއްދާގެ ދަށުން ނިންމާ ނިންމުން، އެ ނިންމުމެއް ނިންމާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު އެނގޭނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ލިޔުމުން އެ ފަރާތަށް އަންގަންވާނެއެވެ.

 

30 ވަނަ މާއްދާ - ނިންމުން މުރާޖައާކުރަން އެދުން

މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް ނިންމާ ހާލަތުގައި އެ މައްސަލަ ހުށަހެޅި ފަރާތުން އެ ނިންމުން މުރާޖައާ ކުރަންޖެހޭ ކަމަށް ގަބޫލުކުރާނަމަ، އެ ގޮތަށް ގަބޫލުކުރާ ސަބަބުބަޔާންކޮށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް އެ ނިންމުން މުރާޖައާކޮށްދިނުން އެދި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކަނޑައަޅާ ފޯމަކުން ހުށަހެޅިދާނެއެވެ.

 

31 ވަނަ މާއްދާ - ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމާއި މޮނިޓަރކޮށް އިވެލުއޭޓުކުރުމުގެ ކަންކަން

(ހ) ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅުންހުރި އެއްވެސް ކަމެއްގައި، ވަގުތުން އަވަސް ފިޔަވަޅެއް އަޅަންޖެހޭ ކަމަށް، ނުވަތ/ައަދި މޮނިޓަރކޮށް އިވެލުއޭޓުކުރަންޖެހޭ ކަމަށް، ނުވަތ/ައަދި ވަގުތުން އޮޑިޓްކޮށް ބަލަންޖެހޭކަމަށް ފާހަގަކުރެވިއްޖެނަމަ، ކަމާ ގުޅުންހުރި ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.

(ށ) ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެއްވެސް މުވައްޒަފަކަށް ވަގުތުން އަވަސް ފިޔަވަޅު އަޅަންޖެހޭކަމަށް، ފާހަގަކުރެވިއްޖެނަމަ، އެ މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް، ކަމާ ގުޅުންހުރި ފަރާތްތަކަށް ފޮނުވަންވާނެއެވެ.

 

32 ވަނަ މާއްދާ - މުޠާލިއާކުރުން

މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އިވެލުއޭޓްކުރާ މައްސަލަތަކާއި، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުއި، މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން އިތުރަށް ތަހުގީގު ކުރުމަށްފަހު އަންގާ އެންގުންތަކަށް އަމަލުކުރާ މިންވަރު ދެނެގަނެ މުޠާލިއާކުރުމުގެ ގޮތުން އަމަލުކުރާނީ، އެކަމާ ގުޅޭގޮތުން އެކުލަވައިލާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

33 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ ފަރާތަކާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްލަހަތު ފުށުއަރާނަމަ، އެ މައްސަލައާ ގުޅުންހުރި އެންމެހައި ކަންކަމުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ތަނާޒުލުވާންވާނެއެވެ.

(ށ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަ ރަޖިސްޓަރީކުރުމާއި އިވެލުއޭޓުކުރުމާއި ތަހުގީގުކުރުމުގެ މަސައްކަތްތަކުގައި އެއްވެސް މުވައްޒަފެއްގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ނުވަތަ މެދުވެރިވެދާނެކަމަށް ގަބޫލުކުރެވޭނަމަ، ލިޔުމުން އެކަން ރެކޯޑުކުރުމަށްފަހު، އެ މުވައްޒަފު އެ މަސައްކަތްތަކުން ތަނާޒުލުވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނާ ހާލަތު މެދުވެރިވެއްޖެނަމަ، އެ މައްސަލަތަކުގައި ގޮތް ނިންމުމާ ގުޅޭގޮތުން އަމަލުކުރާނީ މި ގަވާއިދުގެ ދަށުން ހަދާ އުސޫލާ އެއްގޮތަށެވެ.

 

34 ވަނަ މާއްދާ - މަޖިލީހަށް ޖަވާބުދާރީވުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހުގީގުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 113 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންވާނެއެވެ.

 

35 ވަނަ މާއްދާ - މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުން

(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތަކާ ގުޅޭގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި، އަމިއްލަ އިސްނެގުމުން ބަލަން ނިންމާ މައްސަލަތަކުގެ ތަފާސްހިސާބު ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، މައްސަލައާ ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާގެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

 

 

ބާބު 5

ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުން

 

36 ވަނަ މާއްދާ - މައުލޫމާތު ދިނުމަށް އެންގުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް، ވަކި މުއްދަތެއްގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައުލޫމާތު ދިނުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމުގެ ބާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެއެވެ.

(ހ) ތަހުގީގުކުރާ މައްސަލައާ ގުޅިގެން ލިޔުމުން މައުލޫމާތު ދިނުމަށް އެންގުން.

(ށ) ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހިއްސާކުރުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުން.

(ނ) ކަމެއް ހިނގައިފައިވާ ގޮތާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށްފައި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅުމަށް އެންގުން.

(ރ) ކަމެއް ހިނގައިފައިވާ ގޮތް ތަހުގީގު ކުރުމަށްފަހު، ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށްފައި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅުމަށް އެންގުން.

 

37 ވަނަ މާއްދާ - އިދާރާތަކަށް ގޮސް ލިޔެކިޔުން ހޯދުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކުރިން އެންގުމަކާ ނުލައި، ކަމާ ގުޅުންހުރި އިދާރާތަކާއި މުއައްސަސާތަކަށް ގޮސް، ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދައި ބެލުމާއި، އޭގެ އަސްލު ނުވަތަ ކޮޕީ ގެނައުމާއި، ތަހުގީގަށް ބޭނުންވާ ތަކެތި ހޯދައިގެން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް އެ ތަކެތި ގެނައުމުގެ ބާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެއެވެ.

 

38 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގައި ހަރަކާތްތެރިވާ އިދާރާއަކަށް ވަނުން

(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގައި ހަރަކާތްތެރިވާ އިދާރާއަކަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި އެ އިދާރާއަކަށް ވަނުމުގެ ބާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އިދާރާއަކަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ވަނުމަށް އެ އިދާރާއަކުން ހުރަސްއަޅައިފިނަމަ، ފުލުހުންގެ އެހީތެރިކަން ހޯދިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިދޭ ބާރުގެ ބޭނުންހިފުމުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު ވެސް ލިބިގެންވެއެވެ.

  1. ތަހުގީގުގެ ބޭނުމަށް ޓަކައި އެ ތަނުގައި ތިބެންޖެހޭނެ ކަމަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ކަނޑައަޅާ އެކަށޭނަ ވަގުތެއް ވަންދެން އެ ތަނުގައި ތިބުން؛
  2. ހެއްކާއި ގަރީނާގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ފެނޭތޯ އެ ތަނެއް ހޯދުން؛
  3. ހެއްކާއި ގަރީނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ފެނިއްޖެ ނަމަ، އެ އެއްޗެއް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ބެލުމުގެ ދަށަށް ގެންދިއުން؛ 
  4. އެ ތަނާއި އެ ތަނުގައިވާ އެއްޗެހީގެ ފޮޓޯއާއި ވީޑިއޯ ނެގުން؛
  5. އެ ތަނެއްގައި ބަންދުކޮށްފައި އެއްޗެއް ހުރިނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން.

 

39 ވަނަ މާއްދާ - އަމިއްލަ ތަންތަނަށް ވަނުން

(ހ) ވަކި ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު،ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންއަމިއްލަ ތަނަކަށް ވަންނަން ޖެހިއްޖެނަމަ، އެ ތަނެއްގެ ވެރިފަރާތުގެ ރުހުމާއެކު ވަދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ތަނަކަށް ވަންނަނަމަ، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތަށް، އެ ތަނަށް ވަންނަ ސަބަބު، ލިޔުމުން އަންގަންވާނެއެވެ.

 

40 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

(ހ) މި ގަވާއިދުގެ 38 ވަނަ މާއްދާއާއި 39 ވަނަ މާއްދާގައިވާ ތަންތަނަށް ވަދ،ެ ހެއްކާއި ގަރީނާ ހޯދިކަމުގެ ރިކޯޑު ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރިކޯޑު ލިޔެ ބެލެހެއްޓުމުގައި، މައްސަލައާ ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށް ވަދެ ބެލި ތަނުގައި އެ ވަގުތު ހާޒިރުވެ ތިބި މީހުންނާއި، އެ ތަނަށް ވަތް ވަގުތާއި، ހެއްކާއި ގަރީނާ ހޯދުމަށް ވަދެ ބެލުމުގައި ހަރަކާތްތެރިވި މުވައްޒަފުންނާއި، ހެއްކާއި ގަރީނާ ހޯދުމަށް ވަދެ ބެލި ތަނުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ބެލުމުގެދަށަށް ގެނެވޭ ކޮންމެ އެއްޗެއްގެ ތަފުސީލު ރިކޯޑު ކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 39 ވަނަ މާއްދާގައިވާ ތަންތަނަށް ވަދެ، ހެއްކާއި ގަރީނާ ހޯދުމަށް، އެ ތަނުގެ ވެރިފަރާތުން ހުއްދަދޭ ހާލަތުގައި، މި ގަވާއިދުގެ ޖަދުވަލު 9 ގައިވާ "ހެއްކާއި ގަރީނާ ހޯދުމަށް ވަނުމަށް ހުއްދަ ދިންކަމުގެ ލިޔުން" ފުރިހަމަ ކުރަން ވާނެއެވެ.

 

 

ބާބު 6

ތަހުގީގަށް މީހުން ހާޒިރުކުރުން

 

41 ވަނަ މާއްދާ - ހާޒިރުވުމަށް އެންގުން 

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ނުވަތަ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކަނޑައަޅާ ތަނަކަށް ހާޒިރުވުމަށް އެންގުމުގެ ބާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެއެވެ.

 

42 ވަނަ މާއްދާ - ހާޒިރުކުރާނެ ފަރާތްތައް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަމުންގެންދާ ތަހުގީގަކާ ގުޅިގެން، އަންނަނިވި ފަރާތްތައް ހާޒިރުވުމަށް އެންގިދާނެއެވެ.

(ހ) މައްސަލަ ހުށަހަޅާ ފަރާތް.(ށ) މައްސަލަ ރައްދުވާ ފަރާތް.(ނ) މައުލޫމާތާއި ހެކިބަސް ހޯދުމަށް ހާޒިރުކުރެވޭ ފަރާތް.

(ރ) މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަމުންގެންދާ ތަހުގީގަކާ ގުޅިގެން ހާޒިރުކުރަންޖެހޭ އެހެނިހެން ފަރާތްތައް.

 

43 ވަނަ މާއްދާ - ހާޒިރުކުރުމަށް އަންގާނެ ގޮތް

(ހ) ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅޭގޮތުން ހާޒިރުކުރެވޭ ފަރާތްތައް ހާޒިރުވުމަށް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެންގިދާނެއެވެ.

  1. މުއާސަލާތީ ވަސީލަތެއްގެ ޒަރީއާއިން ހާޒިރުވުމަށް އެންގުން؛
  2. މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ހާޒިރުވުމަށް އަންގާ އަމުރު" ފޮނުވައިގެން އެންގުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމުރަކީ، ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނުވަތަ ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީހުގެ އިންވެސްޓިގޭށަންގެ އެންމެ އިސްވެރިޔާ ނުވަތަ އިންވެސްޓިގޭށަން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ފަރާތަކުން ސޮއިކޮށްފައިވާ އަމުރެއްކަމުގައި ވާންވާނެއެވެ.

 

44 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރުން

(ހ) މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ،ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރާނީ، އަންނަނިވި ގޮތްތަކަށް، އަންނަނިވި ތަރުތީބުންނެވެ.

  1. ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތާ ހަވާލުކޮށްގެން؛
  2. ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހުގައި އުޅ،ޭ ތަސައްރުފު ފުދިފައިވާ މީހަކާ ހަވާލުކޮށްގެން؛
  3. ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހަށް ޕޯސްޓްކޮށްގެން؛
  4. ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތަށް ޗިޓު އީމެއިލްކޮށްގެން ؛
  5. މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ހާޒިރުވުމަށް އަންގާ އަމުރު ރައްދު ނުކުރެވުނު ނަމަ، ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހަށް ޕޯސްޓްކޮށްގެން.

(ށ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބޭނުންވެއްޖެ ހިނދެއްގައި ސަރުކާރުގެ އޮފީހެއް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއް ނުވަތަ އަމިއްލަ ފަރާތެއް މެދުވެރިކޮށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހާޒިރުވުމަށް އަންގާ އަމުރު، އެ އަމުރު ރައްދުވާ ފަރާތަކަށް ރައްދުކުރެވިދާނެއެވެ.

(ނ) ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ހުރީ، ތަހުގީގު ކުރިޔަށްގެންދާ ރަށުގައި ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ކުރިން، ހާޒިރުވުމުގެ އަމުރު އޭނައަށް ރައްދުކުރަންވާނެއެވެ.

(ރ) ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ހުރީ، ތަހުގީގު ކުރިޔަށްގެންދާ ރަށް ފިޔަވައި އެހެން ރަށެއްގައި ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، ހާޒިރުވުމުގެ އަމުރު އޭނައަށް ރައްދުކުރަންވާނެއެވެ.

(ބ) ހާޒިރުވުމަށް އަންގާ އަމުރު ރައްދުވާ ފަރާތް ހުރީ، ރާއްޖެއިން ބޭރުގައި ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން، ހާޒިރުވުމުގެ އަމުރު އޭނާއަށް ރައްދުކުރަންވާނެއެވެ.

 

45 ވަނަ މާއްދާ - ހާޒިރުވުމަށް އަންގައި އިއުލާނު ކުރުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ މައްސަލަ ރައްދުވާ ފަރާތް ހާޒިރުވުމަށް އަންގާ އަމުރު، މި ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ އެއްވެސް ގޮތަކަށް ރައްދުކުރެވިފައި ނުވާނަމަ، މައްސަލަ ރައްދުވާ މީހާގެ ފޮޓޯއާއެކު، އޭނާ ހޯދުމަށް އާންމުކޮށް އިއުލާނު ކުރުމުގެ އިހްތިޔާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެއެވެ.

 

46 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހަކު ހާޒިރުކުރުން

(ހ) ބަންދުކޮށްފައިވާ މީހަކު ހާޒިރުކުރަން ބޭނުންވެއްޖެނަމަ، އެ މީހަކު ހާޒިރުކުރާނީ، އެ މީހަކު ބަންދުކުރި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަންދުކޮށްފައިވާ މީހަކު އޮފީހަށް ހާޒިރުކުރުމުގެ ބަދަލުގައި، އެ ފަރާތެއް ބަންދުކޮށްފައިވާ ތަނަކަށް ގޮސް، އެ ފަރާތަކާ ބައްދަލުކޮށްގެން ބަޔާން ނެގުމަކަށް ހުރަހެއް ނެތެވެ.

 

47 ވަނަ މާއްދާ - ހާޒިރުވުމަށް އުޒުރުވެރިވުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހާޒިރުވުމުގެ އަމުރު ލިބިފައިވާ ފަރާތަކުން، އަމުރުގައި ކަނޑައަޅައިފައިވާ ވަގުތަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، އަމުރުގައިވާ ވަގުތު ހަމަވުމުގެ މަދުވެގެން 1 (އެކެއް) ގަޑިއިރުގެ ކުރިން،ސަބަބު ބަޔާންކޮށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް އަންގާ ހާލަތުގައި، ހާޒިރުވުމަށް އުޒުރުވެރިވާކަމަށް ބަޔާންކޮށްފައިވާ ސަބަބަކީ މަގުބޫލު އުޒުރެއް ކަމަށް ވާނަމަ، އެކަމަށް ރިއާޔަތްކޮށް، އެކަމާ ގުޅޭގޮތުން ދެން އަމަލުކުރާނެ ގޮތެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިންމައި، އެ ފަރާތަށް އެކަން އަންގަންވާނެއެވެ.

 

48 ވަނަ މާއްދާ - ބަޔާންނެގޭ ފަރާތް ދިރިއުޅޭ ތަނަށް ހާޒިރުވެގެން ބަޔާންނެގުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ބަލިހާލު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އޮފީހަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތައް، އޮފީހަށް ހާޒިރުކޮށްގެން ބަޔާންނެގުމުގެ ބަދަލުގައި، އެ ފަރާތެއް ދިރިއުޅޭ ތަނަކަށް ގޮސްގެން ބަޔާން ނެގުމަށް ނިންމުމުގެ އިހްތިޔާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ލިބިގެންވެއެވެ.

 

49 ވަނަ މާއްދާ - ހަބީރުންގެ ރައުޔު ހޯދުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހު ން ކުރަމުންގެންދާ ތަހުގީގަކާ ގުޅިގެން، ވަކިކަހަލަ ފަންނީ ލަފައެއް، ނުވަތަ ރައުޔެއް، ނުވަތަ މައުލޫމާތެއް ހޯދުމަށް ބޭނުންވާނަމަ، އެ ފަންނުގެ ހަބީރެއްގެ ރައުޔު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހޯދުމަށް، އެފަދަ ފަރާތެއް ހާޒިރުވުމަށް ދައުވަތު ދިނުމުގެ އިހްތިޔާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ލިބިގެންވެއެވެ.

 

 

 ބާބު 7

ހާޒިރުކުރެވޭ ފަރާތްތަކާ ސުވާލުކުރުން

 

50 ވަނަ މާއްދާ - ހާޒިރުކުރުމާއި ސުވާލުކުރުން

މި ގަވާއިދުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހާޒިރުކުރެވޭ ފަރާތްތަކާ ސުވާލުކުރުމުގެ ބާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - ސުވާލުކުރެވޭ ފަރާތަށް މައުލޫމާތު ދިނުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައެއްގައި މައްސަލަ ރައްދުވާ ފަރާތަކާ ސުވާލު ކުރާނަމަ، ސުވާލުކުރަން ފެށުމުގެ ކުރިން، އަންނަނި ވި ކަންކަން އަންގަންވާނެއެވެ. އަދި އެ ކަންކަން އެންގުނުކަމަށް ސޮއިކުރުވަންވާނެއެވެ.

(ހ) މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ޓަކައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހާޒިރުކުރެވިއްޖެކަން.

(ށ) ހާޒިރުކުރެވިފައިވަނީ ކޮން މައްސަލައެއްގައިކަން.

(ނ) ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިގެންވާކަން.

(ރ) އޭނާ ދައްކާ ކޮންމެ ވާހަކައެއް ވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަން.

(ބ) ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގު ލިބިގެންވާކަން.

 

52 ވަނަ މާއްދާ - ސުވާލުކުރެވޭނެ ވަގުތުގެ ދިގުމިން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ހާޒިރުކުރެވޭ ފަރާތްތައް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގައި ބެހެއްޓޭނީ، ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ހާޒިރުކުރެވޭ ފަރާތަކާ ސުވާލު ކުރުން މެދުނުކެނޑި ކުރިޔަށް ގެންދެވޭނީ، 2 (ދޭއް) ގަޑިއިރުގެ ދިގުމިނަށެވެ. އަދި އެއަށްވުރެ ވަގުތު އިތުރުވާނަމަ، ސުވާލުކުރުން މެދުކަނޑައިލުމަށްފަހު، 10 (ދިހައެއް) މިނިޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ.

 

53 ވަނަ މާއްދާ - ކުޑަކުދިންނާއި، ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއްލިބިފައިވާ މީހުންނާ ސުވާލުކުރުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން ކުޑަކުދިންނާ ސުވާލުކުރަންވާނީ، ކުޑަކުދިންނާ މުއާމަލާތު ކުރުމުގެ ތަމްރީނާއި ހުނަރު ލިބިފައިވާ މުވައްޒަފުންނެވެ.

(ށ) ސުވާލުކުރުމަށް ޓަކައި ހާޒިރުކުރެވިފައިވާ ފަރާތަކީ ނަފްސާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއް ނަމަ، އެ ފަރާތަކާ ސުވާލުކުރަންވާނީ، އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.

(ނ) މަސްލަހަތު ހިމާޔަތްކުރުމަށް އައްޔަނު ކޮށްފައިވާ ފަރާތުން، މައްސަލަ ރައްދުވާ ފަރާތަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދަން ބޭނުންކަމަށް ބުނެފި ނަމަ، އެއީ މައްސަލަ ރައްދުވާ ފަރާތުން ބުނި ބުނުމެއްކަމުގައި ބަލަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ގޮތަށް ސުވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލު ބަޔާންކޮށްފައި މި ގަވާއިދުގެ ދަށުން އުސޫލެއް އެކުލަވައިލަންވާނެއެވެ.

 

54 ވަނަ މާއްދާ - ރިކޯޑު ބެލެއްހެއްޓުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތަކާ ސުވާލުކުރާނަމަ، އެ ފަރާތަކާ ސުވާލުކުރަން ފެށުމުގެ ކުރިން ދޭންޖެހޭ މައުލޫމާތާއި، އެއަށް އެ ފަރާތުން ދޭ ޖަވާބާއި، އެ ފަރާތާ ކުރެވޭ ސުވާލުތަކާއި، އެ ސުވާލުތަކަށް ދޭ ޖަވާބުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރިކޯޑު ކުރަން ވާނެއެވެ.

(ށ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ސުވާލުކުރެވޭ އެންމެހާ ފަރާތްތަކާ ކުރެވޭ ސުވާލުތަކާއި، އެ ސުވާލުތަކަށް ދޭ ޖަވާބުގެ އަޑު ރިކޯޑު ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ލިޔުމުން ރައްކައުކޮށްފައި ހުންނަންޖެހޭނެއެވެ.

 

 

ބާބު 8

މައްސަލަ ރައްދުވާ ފަރާތަށް ލިބޭ ހައްގުތައް

 

55 ވަނަ މާއްދާ - ޖަވާބުދާރީވުމުގެ ފުރުސަތު، މައްސަލަ ރައްދުވާ ފަރާތަށް ލިބުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލަތަކުގައި، އެ މައްސަލަ ރައްދުވާ ފަރާތްތަކަށް، އެ ފަރާތަކާމެދު ކުރެވިފައިވާ ތުހުމަތު ސާފުކޮށްދިނުމަށްފަހު ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ދޭންވާނެއެވެ.

(ށ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައެއްގައި، މައްސަލަ ރައްދުވާ ފަރާތަކީ އިދާރާއެއްނަމަ، އަދި އެ މައްސަލަ އެ އިދާރާއެއްގެ ވަކި މުވައްޒަފަކަށް ރައްދުނުވިނަމަވެސް، މި މާއްދާގެ (ހ) ގައި ބުނެފައިވާ ހައްގ،ު އެ އިދާރާއަކަށް ވެސް ދޭންވާނެއެވެ.

 

56 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީތެރިކަން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައެއްގައި، މައްސަލަ ރައްދުވާ ފަރާތަށް، އެ ފަރާތް ތަމްސީލު ކުރުމުގެ ގޮތުން ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) ގާނޫނީ ވަކީލެއްގެ ފުރުސަތު ދިނުމުގައި، ތިރީގައިވާ ގޮތަށް އަމަލު ކުރަންވާނެއެވެ.

  1. މައްސަލަ ރައްދުވާ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ބޭނުންވެއްޖެނަމަ، އެކަމަށް އެދޭ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް، އެ މީހަކަށް ދޭންވާނެއެވެ.
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މަގުބޫލު ސަބަބަކާހެދި ވަކީލަކު އައްޔަނު ނުކުރެވިގެން، ވަކީލަކު އައްޔަނު ކުރުމަށް އިތުރު މުއްދަތެއް ބޭނުންވެގެން، ސަބަބު ބަޔާންކޮށް، އިތުރު ފުރުސަތަކަށް ލިޔުމުން އެދިއްޖެނަމަ، އަދި އެ ސަބަބަކީ މަގުބޫލު ސަބަބެއްކަމަށް އިންވެސްޓިގޭޓްކުރާ މުވައްޒަފަށް ގަބޫލުކުރެވޭނަމަ، 24 (ސައުވީސް) ގަޑިއިރުގެ އިތުރު މުއްދަތެއް ދޭންވާނެއެވެ.
  3. މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އައްޔަނުކުރާ ވަކީލަކު، އެ މައްސަލައިން ތަނާޒުލުވާން ބޭނުންވެއްޖެނަމަ، އެހެން ވަކީލަކު އައްޔަނުކުރަން އިތުރު 24 (ސައުވީސް) ގަޑިއިރު ދޭންވާނެއެވެ.
  4. މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގާނޫނީ ވަކީލަކު އައްޔަނު ނުކޮށްފިނަމަ، ވަކީލަކު އައްޔަނުކުރަން ދިން ފުރުސަތުގެ ބޭނުން ނުހިފީކަމަށް ބަލައި، ތަހުގީގު ކުރިޔަށް ގެންދެވިދާނެއެވެ. 
  5. ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ލިބިދޭ ހައްގުގެ ދަށުން، އެއް ވަކީލަކަށް ވުރެ ގިނަ ވަކީލުން އައްޔަނު ކުރެވިދާނެއެވެ. ނަމަވެސް، ތަހުގީގު މަޖިލީހަށް ވަދެވޭނީ ކިތައް ގާނޫނީ ވަކީލުންނަށްކަން ކަނޑައަޅާނީ، ޖާގައޮތް މިންވަރެއްގެ މައްޗަށް ބިނާކޮށް، އިންވެސްޓިގޭށަން އޮފިސަރެވެ.

 

57 ވަނަ މާއްދާ - ގާނޫނީ ވަކީލުގެ ފުރުސަތު ދޫކޮށްލުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައެއްގައި، މައްސަލަ ރައްދުވާ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންނުވާނަމަ، ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އެ ފަރާތަކަށް ދެވުނުކަމާއި، ވަކީލަކު އައްޔަނުކުރަން ދިން ފުރުސަތުގެ ބޭނުން ނުހިފީކަން އެނގޭގޮތަށް ލިޔ،ެ އެކަމަށް ކަނޑައަޅައިފައިވާ ލިޔުމުގައި ސޮއިކުރުވަންވާނެއެވެ.

 

58 ވަނަ މާއްދާ - ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު

(ހ) ގާނޫނީ ވަކީލަކު އައްޔަނުކުރީކަމުގައި ބަލަންވާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު" ފުރިހަމަކޮށްފައި، އެ ފޯމު އޮފީހަށް ހުށަހެޅުމުންނެވެ.

(ށ) "ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު" ބަލައިގަނެވޭނީ، ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ލިޔެކިޔުމާއެކު ހުށަހެޅުމުންނެވެ.

(ނ) ގާނޫނީ ވަކީލަކު އައްޔަނުކުރާ ހާލަތުގައި، މައްސަލަ ރައްދުވާ ފަރާތަށް، މައްސަލައާ ގުޅިގެން އަންގާ އެންގުންތައް އެންގުމުން، މައްސަލަ ރައްދުވާ ފަރާތުން އައްޔަނު ކޮށްފައިވާ ވަކީލަށް އެންގުނީ ކަމުގައި ބެލެވޭނެއެވެ.

(ރ) އައްޔަނުކޮށްފައިވާ ވަކީލަކަށް ތަރުޖަމާނެއްގެ އެހީ ބޭނުންވާނަމަ، އެފަދަ އެހީ ހޯދުމަކީ އެ ވަކީލެއް އައްޔަނުކުރާ ފަރާތުގެ ޒިންމާއެކެވެ.

 

59 ވަނަ މާއްދާ - ގާނޫނީ ވަކީލުގެ ށަރުޠު

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ ތަހުގީގެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުޠު ފުރިހަމަވާ ފަރާތްތަކެވެ.

  1. ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން، ހުއްދަލިބިގެން ގާނޫނީ ހިދުމަތްދޭ ފަރާތަކަށް ވުން؛
  2. އެ ވަކީލަކު އައްޔަނު ކުރުމަށް އެދޭ މައްސަލައިގައި ސުވާލު ކުރެވޭ އެހެން ފަރާތެއްގެ ވަކީލެއް ކަމުގައި ނުވުން؛
  3. އެ ވަކީލަކު އައްޔަނު ކުރުމަށް އެދޭ މައްސަލައިގައި އެއްވެސް ދައުރެއް އޮތް ފަރާތެއް ކަމުގައި ނުވުން؛
  4. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާއިން ވަކިވިތާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ފާއިތުވެފައި ވުން؛
  5. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގައި އުޅެފައިވާ، އަދި ވަޒީފާއިން ވަކިވިތާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވެފައި ވީނަމަވެސް، އޮފީހުގައި މަސައްކަތް ކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައެއް އިވެލުއޭޓު ކުރުމުގައި ނުވަތަ ތަހުގީގު ކުރުމުގައި ނުވަތަ މައްސަލައާ ގުޅޭ އެއްވެސް ނިންމުމެއް ނިންމުމުގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން.

(ށ) އައްޔަނުކުރި ވަކީލަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުޠުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ނުވާ ނަމަ، ވަކީލު އައްޔަނުކުރި ފަރާތަށް ސަބަބާއެކު އެކަން އަންގައި، ވަކީލަކު އައްޔަނު ކުރުމަށް 24 (ސައުވީސް) ގަޑިއިރުގެ އިތުރު މުއްދަތެއް އިންވެސްޓިގޭޓަރު ލިޔުމުން ދޭންވާނެއެވެ.

(ނ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލަތަކުގައި ވަކީލުންގެ ގޮތުގައި އައްޔަނުކުރާ ވަކީލުންގެ ދަފުތަރެއް ބަލަހައްޓަންވާނެއެވެ.

 

60 ވަނަ މާއްދާ - ގާނޫނީ ވަކީލާ ވަކިން ބައްދަލުކުރުމުގެ ފުރުސަތު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައެއްގައި، މައްސަލަ ރައްދުވާ ފަރާތުން އައްޔަނުކުރާ ގާނޫނީ ވަކީލާ ވަކިން ބައްދަލުކޮށްގެން މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، އެ ފުރުސަތު ފަހިކޮށްދޭންވާނެއެވެ.

 

61 ވަނަ މާއްދާ - ގާނޫނީ ވކީލު، ކުރުން މަނާ ކަންތައްތައް

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައެއްގައި، މައްސަލަ ރައްދުވާ ފަރާތަކުން އައްޔަނުކޮށްފައިވާ ގާނޫނީ ވަކީލަކު، މައްސަލަ ރައްދުވާ ފަރާތާއެކު ހާޒިރުވެ ހުންނައިރު، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.

  1. މައްސަލަ ރައްދުވާ ފަރާތާ ކުރާ ސުވާލުތަކަށް، އެ ފަރާތުގެ ބަދަލުގައި ޖަވާބުދިނުން؛
  2. ކުރާ ސުވާލުތަކަށް ދޭންޖެހޭ ޖަވާބ،ު ލިޔުމަކުން ނުވަތަ ހަރަކާތަކުން ނުވަތަ އިށާރާތަކުން ބުނެދިނުން؛
  3. މައްސަލަ ރައްދުވާ ފަރާތުން، އެ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަށް އެއްބަސްވާ ހާލަތުގައި، އޭނާގެ ބަދަލުގައި، ނުވަތަ އޭނާގެ ފަރާތުން އެކަމަށް އެއްބަސްވާކަމަށް ބުނުން؛ 
  4. ދަބަހާއި، ފޯނާއި، މައްސަލައާ ގުޅުންނެތް ލިޔެކިޔުމާއި، މަންޒަރާއި އަޑު ރިކޯޑު ކުރެވޭ ފަދަ އެއްވެސް އެއްޗެއް ނުވަތަ އެފަދަ އިލެކްޓްރޯނިކް އާލާތެއް، ބަޔާންނަގާ ތަނަށް ވެއްދުން؛
  5. ބަޔާން ނަގަން ފެށުމަށްފަހު، ބަޔާން ނެގުން މެދުކަނޑައިލައިފައިވާ ވަގުތެއްގައިފިޔަވައި، ސުވާލުކުރާ ފަރާތުގެ ހުއްދައެއް ނެތި، އެ ތަނުން ނުކުތުން؛
  6. އެއްވެސްގޮތަކަށް ހުއްޓުވައިގެން ނުވަތަ ހުރަސްއަޅައިގެން، ނުވަތަ ހުއްދަނޫން އެނޫންވެސް އަމަލެއް ކޮށްގެން، ސުވާލުކުރުމަށް ހުރަސްއެޅުން؛
  7. ގާނޫނަކުން މައުލޫމާތު ދޭންވާނެކަމަށް ބަޔާންކޮށްފައިވާ ފަރާތެއް ފިޔަވައި، އިތުރު އެހެން ފަރާތަކަށް މައްސަލައިގެ ވާގިއާއާއި އެހެން އެއްވެސް މައުލޫމާތެއް ހާމަކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރާ ގާނޫނީ ވަކީލަކު،ތަހުގީގު ކުރިޔަށްދާ ތަނުން ބޭރުކުރުމުގެ އިހްތިޔާރު، އިންވެސްޓިގޭށަން އޮފިސަރުންނަށް ލިބިގެންވެއެވެ. އަދި އެ ވަކީލަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ކަމާބެހޭ އިދާރާތަކަށް މައްސަލަ ފޮނުވުމާއި، އެ ތަހުގީގުގައި އެ ވަކީލަކު ބައިވެރި ނުކުރުމުގެ އިހްތިޔާރުލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލަކާމެދު އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، ލިޔުމުން އެކަން އެ ވަކީލަކަށް އަންގަންވާނެއެވެ.

(ރ) ތަހުގީގުގެ ކޮންމެ ހިސާބެއްގައި ވެސް، ކުރެވޭ ވަކި ސުވާލަކާ ގުޅިގެން، އެ ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން، މައްސަލަ ރައްދުވާ ފަރާތުގެ ވަކީލާއެކު ވަކިން މަށްވަރާކުރުމަށް ބޭނުންވާކަމަށް ހުށަހަޅައިފިނަމަ، އެ ފުރުސަތު ދޭންވާނެއެވެ.

 

62 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައެއްގައި ސުވާލު ކުރެވޭ ފަރާތަކީ މައްސަލަ ރައްދުވާ ފަރާތެއްނަމަ، އެ ފަރާތާ ސުވާލުކުރުމުގެ ކުރިން، ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެ ފަރާތަށް ލިބިގެންވާ ހައްގެއްކަމާއި، ތަހުގީގުގެ ކޮންމެ ހިސާބަކުންވެސް އެ ފުރުސަތު އޮންނާނެކަން އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހައްގުގެ ބޭނުން ހިފާނަމަ، އެ ހައްގު އޭނާ އިހްތިޔާރު ކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އިންވެސްޓިގޭށަން އޮފިސަރުން، ލިޔުމުން އެކަންރިކޯޑުކުރަންވާނެއެވެ.

(ނ) މައްސަލަ ރައްދުވާ ފަރާތުން ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފި ނަމަ، އެ ފަރާތުން އެފަދައިން ބުނެފައިވާތީ، ހަނުހުރުމުގެ ފުރުސަތު ދޭކަމަށާއި، އެ ހިސާބުން ތަހުގީގުގައި އޭނާއާ ސުވާލުކުރުން ނިމުނީ ކަމަށް ބުނ،ެ އެ ފަރާތަކާ ސުވާލުކުރުން ހުއްޓައިލަންވާނެއެވެ. އަދި އޭނާއާމެދު ކުރެވިފައިވާ ތުހުމަތާ ގުޅޭގޮތުން އިތުރަށް އޭނާއާ އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. ނަމަވެސް، އެ ފަރާތުން ހަނުހުރުމަށްފަހު އަލުން ބަޔާންދޭން ބޭނުންވާކަމަށް ބުނެފި ނަމަ، އަލުން ބަޔާން ނެގުމަކަށް ހުރަހެއް ނެތެވެ.

(ރ) މައްސަލަ ރައްދުވާ ފަރާތުން ހަނުހުރުމުގެ ފުރުސަތު ބޭނުން ނުވާކަމަށް ބުނ،ެ އެ ހައްގު ދޫކޮށްލުމަށްފަހު ތަހުގީގުގައި ސުވާލުކުރެވެމުން ދަނިކޮށް އެ ފުރުސަތު ބޭނުންކަމަށް ބުނެފިނަމަ، ތަހުގީގުގައި ސުވާލުކުރުން މެދުކަނޑައިލައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ.

(ބ) ހަނުހުރުމުގެ ހައްގުގެ ބޭނުންކުރުމުގެ ކުރިން މައުލޫމާތެއް ދީފައިވާނަމަ، އެ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބަޔާނެއްގައި އެ ފަރާތުން ސޮއިކުރަން ޖެހޭނެކަމަށާއި، އެ ބަޔާނުގެ ގާނޫނީ ސައްހަކަމަށް އުނިކަމެއް ނާންނާނެކަން އެ ފަރާތަށް ބުނެދޭންވާނެއެވެ.

(ޅ) މައްސަލަ ރައްދުވާ ފަރާތްތަކަށް ހަނުހުރުމުގެ ހައްގު ލިބިދެވުނު ނަމަވެސް، މައްސަލައިގައި ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވޭ ފަރާތްތަކަށް ހަނުހުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ކ) މައްސަލައިގައި ހެއްކެއްގެ ގޮތުގައި ނުވަތަ މައުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވޭ ފަރާތްތަކާމެދު، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުން، ތަހުގީގުގައި ކުރާ ސުވާލުތަކަށް އެ ފަރާތުން ޖަވާބު ނުދޭނަމަ، އެހިސާބުން ތަހުގީގު ނިންމައިލަންވާނެއެވެ.

 

63 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު ލިބިދެވޭ ދާއިރާ

ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައެއްގައި އެ މައްސަލަ ރައްދުވާ މީހަކަށް ހަނުހުރުމުގެ ހައްގު ލިބިދެވޭނީ މައްސަލަ ބަލާ ފަރާތަކުން ކުރާ ސުވާލަކަށް ދޭ ޖަވާބަކުން، އޭނާގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހެކި ހުށަހެޅިދާނެ ހާލަތެއްގައި ނުވަތަ އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ދޭންޖެހޭ ހާލަތުގައި، އެ ނިސްބަތަށް އެކަންޏެވެ. އެ ނޫން ހާލަތްތަކުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ.

 

64 ވަނަ މާއްދާ - ތަރުޖަމާނަކު ހަމަޖައްސައިދިނުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަ ބެލުމުގައި ބޭނުންކުރާނީ، ދިވެހިބަހެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރެވޭ ފަރާތަކީ ދިވެހިބަހުން މުއާމަލާތުކުރަން ނޭނގޭ ފަރާތެއްނަމަ، އަދި އެ ފަރާތަށް އިނގިރޭސިބަހުން މުއާމަލާތުކުރަން އެނގޭނަމަ، އެ ތަހުގީގެއް އިނގިރޭސިބަހުން ކުރިޔަށް ގެންދިއުމަށް ހުރަހެއް ނެތެވެ.

(ނ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރެވޭ ފަރާތަކީ ދިވެހިބަހުން މުއާމަލާތުކުރަން ނޭނގޭ ފަރާތެއްނަމަ، އަދި އެ ފަރާތަށް އިނގިރޭސިބަސް ވެސް ނޭނގޭނަމަ، އެ ފަރާތަކަށް އެނގޭ ބަހަކުން ތަރުޖަމާކޮށްދޭނެ ފަރާތެއް،ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހަމަޖައްސަންވާނެއެވެ.

(ރ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރެވޭ ފަރާތަކީ އިށާރާތުން ވާހަކަދައްކާ މީހެއްނަމަ، އޭނާއާ ކުރާ ސުވާލުތައް ބަޔާންކޮށްދެވޭނެ މީހަކު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހަމަޖައްސަންވާނެއެވެ.

 

65 ވަނަ މާއްދާ - ލިޔަންކިޔަން ނުދަންނަ މީހުންނާމެދު އަމަލުކުރާނެ ގޮތް

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރެވޭ ފަރާތަކީ ލިޔަންކިޔަން ނޭނގޭ ފަރާތެއް ނަމަ، އެ ފަރާތުން ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް މެދުވެރިކޮށް އެ ބަޔާން އެ ފަރާތަށް އިއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް، ސުވާލުކުރެވޭ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް މެދުވެރިކޮށް އެ ބަޔާން އެ ފަރާތަށް އިއްވެން ނެތް ހާލަތުގައި، ތަހުގީގުގައި އޭނާއާ ސުވާލުކުރުމުގައި ބައިވެރިނުވާ ފަރާތެއް މެދުވެރިކޮށް އެ ބަޔާން އެ ފަރާތަށް އިއްވަންވާނެއެވެ.

 

 

ބާބު 9

ހާއްސަ ހާލަތްތައް

 

66 ވަނަ މާއްދާ - ހާއްސަ ހާލަތް

(ހ) ދިމާވާ ވަކި ހާލަތްތަކެއްގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހުގީގުތަކުގައި އާންމު ހާލަތުގަ އި އަމަލުކުރާ ގޮތާ ހިލާފަށް މި ބާބުގައި ކަނޑެޅިފައިވާ ވަކި ހާއްސަ އިޖުރާއަތުތަކަކަށް އަމަލުކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ނިންމިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އުސޫލުން އަމަލުކުރެވޭނީ ތިރީގައިވާ ހާލަތްތަކުގައެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި ރަށަކަށް ދަތުރުފަތުރުކުރުން ނުވަތަ އަރައިފޭބުން މަނާކޮށްފައިވުން، ނުވަތަ ވަކި ތަނަކަށް ވަދެނުކުމެވުން މަނާކޮށްފައިވުން؛
  2. ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި ރަށަކަށް ދަތުރުފަތުރުކުރުން ނުވަތަ އަރައިފޭބުން މަނާކޮށްފައިވުން، ނުވަތަ ވަކި ތަނަކަށް ވަދެނުކުމެވުން މަނާކޮށްފައިވުން؛
  3. ގާނޫނު ނަންބަރު 2015-28 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކާރިސާގެ ހާލަތުގެ ސަބަބުން، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި ރަށަކަށް ދަތުރުފަތުރުކުރުން ނުވަތަ އަރައިފޭބުން މަނާކޮށްފައިވުން، ނުވަތަ ވަކި ތަނަކަށް ވަދެނުކުމެވުން މަނާކޮށްފައިވުން؛
  4. ދަތުރުފަތުރު ކުރުމަށް، މޫސުމީގޮތުންނާއި ހަރަދުގެގޮތުން ނުވަތަ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހުގީގު ކުރުމުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް ވަކި ސަރަހައްދެއްގައި ނުވަތަ ވަކި ރަށެއްގައި ގާއިމުކުރެވިފައިވާ ގޮތުން އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރާއިރު، ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވާނެ ހާލަތެއް އޮތުން؛
  5. މޫސުން ގޯސްވުން، ނުވަތަ ދަތުރުފަތުރުގެ ހަރަދު ބޮޑުވުން، ނުވަތަ ދަތުރުފަތުރުގެ ދަތިކަން ހުރުން، ނުވަތަ ސިއްހީ ހާލަތު ހުރިގޮތުން، ސުވާލުކުރުމަށް ހާޒިރުކުރަން ބޭނުންވާ މީހާ ހާޒިރުކުރުމަށް ދަތި ކަންތައްތަކެއް ހުރުން ފަދަ މަގުބޫލު ސަބަބަކާހުރެ ހާޒިރުވުމަށް އުޒުވެރިވުން؛
  6. ކުޑަކުއްޖެއްގެ ހައްގަށާއި މަސްލަހަތަށް އެންމެ އިސްކަންދެވޭނެ ގޮތަކީ، ވަކި ފަރާތަކާ ސުވާލުކުރުމަށް އެ ފަރާތެއް ހާޒިރުކުރުމުގެ ބަދަލުގައި އެ ފަރާތް ހުރި ތަނުގައި ބަހައްޓައިގެން ސުވާލުކުރުން ކަމުގައިވާ ހާލަތު؛ 
  7. މި މާއްދާގެ އިސްވެ ބަޔާންވެދިޔަ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، އެހެން ސަބަބަކާހުރ،ެ އެންމެ މަސްލަހަތުހުރި ގޮތަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހާޒިރުކޮށްގެން ސުވާލުކުރުމަށްވުރ،ެ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ސުވާލުކުރުންކަމުގައިވާ ހާލަތު.

 

67 ވަނަ މާއްދާ - އޮންލައިންކޮށް ތަހުގީގަށް ސުވާލުކުރުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައެއްގައި ގުޅިގެން އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ތަހުގީގު ބޭނުމަށް ސުވާލުކުރުރެވޭނީ، މި ގަވާއިދުގެ 66 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތްތަކުގައެވެ.

(ށ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައެއްގައި، ގުޅިގެން އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ތަހުގީގަށް ސުވާލުކުރުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ ދަށުން ހަދާ އުސޫލާ އެއްގޮތަށެވެ.

 

 

ބާބު 10

ތަހުގީގަށް އެހީ ހޯދުމާއި، ގުޅިގެން ތަހުގީގު ހިންގުން

 

68 ވަނަ މާއްދާ - ތަހުގީގަށް އެހީތެރިކަން ހޯދުމާއި، ގުޅިގެން ތަހުގީގު ހިންގުން

ތަހުގީގުތަކާ ގުޅިގެން ރާއްޖޭގެ އެހެން އިދާރާއެއްގެ ނުވަތަ ރާއްޖެއިން ބޭރުން އެހީތެރިކަން ހޯދުމުގައްޔާއި، ގުޅިގެން ތަހުގީގު ހިންގުމުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އަމަލުކުރާނީ، މި ބާބުގައި ކަނޑައަޅާ އުސޫލުތަކުގެ މަތީންނެވެ.

 

69 ވަނަ މާއްދާ - ގުޅިގެން ތަހުގީގު ހިންގުން

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ގުޅިގެން ތަހުގީގު ހިންގުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ފެންނަ ހާލަތުގައި، ގުޅިގެން އެކަން ތަހުގީގު ހިންގަން ބޭނުންވާ އިދާރާއަކަށް ހުށަހެޅުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެހެން އިދާރާއަކަށް އެ މައްސަލަ ހުށަހަޅާނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަނޑައަޅާ ގޮތެއްގެ މަތީން ލިޔުމުންނެވެ.

 

70 ވަނަ މާއްދާ - ގުޅިގެން ތަހުގީގު ހިންގުމުގެ އެއްބަސްވުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި އިދާރާއަކާ ނުވަތަ އިދާރާތަކަކާ ގުޅިގެން ތަހުގީގެއް ހިންގާނަމަ، އެކަން ކުރާނީ، އެކަމަށް ޓަކައި ސޮއިކުރެވޭ ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ، ގުޅިގެން ތަހުގީގު ހިންގުމުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއެކު ބައިވެރިވާ އިދާރާ ނުވަތަ އިދާރާތަކާއެކު މަސައްކަތް ކުރާނެ ގޮތާއި، ދައުރާއި، އެހީތެރިވެދޭނެ އުސޫލުތައް ބަޔާންކުރާ އެއްބަސްވުމަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ބައިވެރިން ބޭނުންނަމަ، ވަކި މުއްދަތަކަށް، ނުވަތަ ވަކި މައްސަލައަކަށް ބިނާކޮށްގެން މި އެއްބަސްވުން އެކުލަވައިލެވިދާނެއެވެ.

(ރ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ގުޅިގެން ތަހުގީގު ހިންގުމުގެ ނަތީޖާއަކަށްވާނީ، ގުޅިގެން ތަހުގީގުކުރާ މައްސަލަ ތަހުގީގު ކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށްލިބިގެންވާ އިހްތިސާސްގެ ހައިސިއްޔަތަށް އުނިކަމެއް އައުމަކާ ނުލައި، އެ މައްސަލައިގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާ ބައިވެރިވި ދައުލަތުގެ އިދާރާއަށް ނުވަތަ އިދާރާތަކަށް ވެސް އިހްތިސާސް ލިބިދިނުމާއެކު، ގާނޫނީ ހައިސިއްޔަތާއި ބާރު އެ ތަހުގީގަށް ލިބިދިނުމެވެ.

 

71 ވަނަ މާއްދާ - ތަހުގީގަށް އެހެން މުއައްސަސާތަކާއި އިދާރާތަކުގެ އެހީ ހޯދުން

(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެއްކެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ނުވަތަ އެނޫންވެސް ތަހުގީގާ ގުޅުންހުރި އެހެނިހެން ކަންކަމަށް ތަހުގީގީ އިދާރާއެއްގެ އެހީތެރިކަން ބޭނުންވާ ނަމަ، އެފަދަ ކަމެއްގައި ތަހުގީގީ އިދާރާއެއްގެ އެހީތެރިކަން ހޯދިދާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތަހުގީގުތަކަށް އެހެނިހެން މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަމަށް އެދުމާމެދު ގޮތެއް ނިންމާނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއެވެ.

(ނ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތަހުގީގުތަކަށް، އެހެނިހެން މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަން ހޯދޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. މީހެއްގެ ބަޔާން ނެގުމުގައި ނުވަތަ ހެކިބަސް ހޯދުމުގައި؛
  2. ލިޔެކިޔުން ހޯދައި ރައްދުކުރުމުގައި؛
  3. ހެއްކާއި ގަރީނާ ހޯދުމަށް އެއްޗެއްސާއި ތަންތަން ބެލުމުގައި؛
  4. މައުލޫމާތާއި ހެކީގެ ގޮތުގައި ހޯދާ އެއްޗެހި ފޯރުވައިދިނުމުގައ.ި

 

 

ބާބު 11

މައުލޫމާތު ސާފުކޮށްދިނުމާއި، ރަނގަޅުކޮށް ދިނުމާއި، ހާމަކުރުން

 

72 ވަނަ މާއްދާ - މައްސަލައާ ގުޅުންހުރި ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދިނުން

(ހ) ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލަ ހުށަހެޅި ފަރާތުން، އެ މައްސަލަ އޮތް ހިސާބެއް ސާފުކުރުމަށް ބޭނުންވެގެން އެދިއްޖެނަމަ، އެ މައްސަލަ ކުރިޔަށް ގޮސްފައިވާ ހިސާބެއް ސާފުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ މައުލޫމާތުގެ އިތުރުން، މައްސަލައާ ގުޅޭ އެހެނިހެން މައުލޫމާތު ސާފުކުރުމަށް އެދިއްޖެނަމަ، އެ މައުލޫމާތު ސާފުކޮށްދިނުމުގެ އިހްތިޔާރު،ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ލިބިގެންވެއެވެ.

(ނ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އެ މައްސަލައާ ގުޅުންހުރި ފަރާތަކުން މައުލޫމާތެއް ސާފުކުރަން އެދިއްޖެނަމަ، ތަހުގީގަށް ދަތިނުވާ ގޮތުގެ މަތީން އެ މައްސަލައަކާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުމުގެ އިހްތިޔާރު،ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި މައުލޫމާތެއް ސާފުކުރަން އަންނަނިވި ފަރާތްތަކުން އެދިއްޖެނަމަ، ތަހުގީގަށް ދަތިނުވާ ގޮތުގެ މަތީން އެ މައްސަލައަކާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުމުގެ އިހްތިޔާރު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެއެވެ.

  1. އަނިޔާ ލިބުނު ފަރާތުގެ މައިންބަފައިން، ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ؛
  2. މައްސަލަ ރައްދުވާ ފަރާތުގެ މައިންބަފައިންނާއި، 18 (އަށާރަ) އަހަރު ފުރިފައިވާ އުފަން ދަރިންނާއި، އަނބިމީހާ ނުވަތަ ފިރިމީހާއާއި، ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ.

(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 
އެއް ފަރާތަކަށްވުރެ ގިނަ ފަރާތުން، މައްސަލައިގެ މައުލޫމާތު ސާފުކުރަން އެދިއްޖެނަމަ، އޭގެ ތެރެއިން ކޮންމެވެސް އެއްފަރާތަކަށް މައުލޫމާތު ސާފުކޮށްދިނުމުން، އެ މާއްދާގައި ބަޔާންކޮށްފައިވާ އެހެން ފަރާތްތަކަށްވެސް މައުލޫމާތު ސާފުކޮށްދެވުނީ ކަމުގައިބެލެވޭނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައިވާ ފަރާތްތަކުން، މައްސަލައިގެ މައުލޫމާތު ސާފުކުރަން އެދިއްޖެނަމަ، އެ މައުލޫމާތެއް ސާފުކޮށްދެވޭނީ، މައްސަލަ ރައްދުވާ ފަރާތުގެ އިއުތިރާޒު ނުކުރާކަމުގެ ލިޔުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅުމުންނެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން އެއްފަރާތަކަށްވުރެ ގިނަ ފަރާތުންމައްސަލައިގެ މައުލޫމާތު ސާފުކުރަން އެދިއްޖެނަމަ، އޭގެ ތެރެއިން ކޮންމެވެސް އެއްފަރާތަކަށް މައުލޫމާތު ހިއްސާކުރުމުން، އެ މާއްދާގައި ބަޔާންކޮށްފައިވާ އެހެން ފަރާތްތަކަށް ވެސް މައުލޫމާތު ސާފުކޮށްދެވުނީ ކަމުގައި ބެލެވޭނެއެވެ.

(ކ) ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވެގެން މީޑިއާގެ ފަރާތަކުން އޮފީހަށް ހުށަހަޅައިފިނަމަ، އެ މައުލޫމާތެއް ސާފުކޮށްދިނުމާމެދު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ގޮތެއް ނިންމަންވާނެއެވެ.

 

73 ވަނަ މާއްދާ - ހާމަނުކުރެވޭނެ މައުލޫމާތު

(ހ) މި ގަވާއިދުގެ 72 ވަނަ މާއްދާގައި އެހެން ބުނެފައި އޮތް ނަމަވެސް، ތިރީގައިވާ މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.

  1. ތަހުގީގު ކުރިޔަށްގެންދިއުމަށް ހުރަސްއެޅިދާނެ ފަދަ މައުލޫމާތު؛
  2. މީހުންގެ ޒާތީ މައުލޫމާތާއި، ށަހުސީ މައުލޫމާތު؛
  3. ގާނޫނެއް ހިންގުމުގައި ނުވަތަ ތަންފީޒު ކުރުމުގައި ހިފަހައްޓަންޖެހޭ ސިއްރު މައުލޫމާތު؛
  4. ހިނގަމުންދާ ށަރީއަތަކަށް ހުރަސްއެޅިދާނެ މައުލޫމާތު؛
  5. ގާނޫނާ ހިލާފު އަމަލުތައް ނުވަތަ އެފަދަ އަމަލުތަކުގެ ތަހުގީގު ހިންގުމަށް ބޭނުންކުރާ ސައްހަ އުސޫލުތަކަށް އަމަލު ނުކުރެވިދާނެ ފަދަ މައުލޫމާތު.

(ށ) މި ގަވާއިދުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން މައުލޫމާތު ސާފުކޮށްދިނުމުގައި، އެ މައްސަލައަކާ ގުޅުންހުރި، ނުވަތަ ގުޅުން ނެތްކަމުގައި ވިޔަސް، 
އެއްވެސް ކުޑަ ކުއްޖެއްގެ ޒާތީ މައުލޫމާތާއި ށަހުސީ މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ. އަދި އެ ފަދަ މައުލޫމާތަކަށް ނުވިޔަސް، ހާމަކުރެވޭ މައުލޫމާތަކީ، އެ މައުލޫމާތުގެ ސަބަބުން އެއްވެސް މިންވަރަކަށް އެ ކުއްޖާއަކީ ކާކުކަން އެނގިދާނެ މައުލޫމާތެއްކަމަށް ފެންނަނަމަ، އެ ފަދަ މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.

(ނ) މި ގަވާއިދުގެ 72 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) އާއި (ކ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން މައުލޫމާތު ސާފުކޮށްދީފިނަމަ، އެ މައްސަލައަކާ ގުޅުންހުރި، ނުވަތަ ގުޅުން ނެތްކަމުގައި ވިޔަސް، އެއްވެސް ކުޑަކުއްޖެއްގެ ހައްގަކަށް އުނިކަމެއް ލިބިދާނެކަމަށް، ނުވަތަ ކުޑަކުއްޖެއްގެ މަސްލަހަތު ގެއްލިދާނެކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ފެންނަނަމަ، އެ މައުލޫމާތެއް ސާފުކޮށްދީގެން ނުވާނެއެވެ.

 

74 ވަނަ މާއްދާ - މައުލޫމާތުރަނގަޅުކޮށްދިނުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންގެންދާ މައްސަލައެއްގައި ހިމެނޭ އެއްވެސް މީހަކާ ގުޅޭ ނުވަތަ ފަރާތަކާ ގުޅޭ ޒާތީ މައުލޫމާތެއްގައްޔާއި ށަހުސީ މައުލޫމާތެއްގައި ކުށެއް ހިމެނޭނަމަ، އެކަން ރަނގަޅުކޮށްދިނުމަށް އެ ފަރާތުން ލިޔުމުން އެދޭ ހާލަތުގައި، އެއީ ރަނގަޅު ކުރަންޖެހޭ މައުލޫމާތެއް ކަމަށް ވާނަމަ، ވީ އެންމެ އަވަހަކަށް އެ މައުލޫމާތު ރަނގަޅުކޮށްދޭންވާނެއެވެ. އަދި އެކަން ރަނގަޅުކުރުމަށްފަހު، ލިޔުމަކުން އެ ފަރާތަކަށް އަންގަންވާނެއެވެ.

 

 

ބާބު 12

ލިޔެކިޔުމާއި ތަކެތި އަނބުރާ ރައްދުކު ރުން

 

75 ވަނަ މާއްދާ - ލިޔެކިޔުމާއި ތަކެތި އަނބުރާ ރައްދުކުރުން

(ހ) ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގެންނަ ލިޔުންތަކުގެ އަސްލާއި ނަކަލާއި ތަކެތި ގެނައި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކާމެދު ތިރީގައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅަންވާނެއެވެ.

  1. ތަކެތި ނިސްބަތްވާ ދައުލަތުގެ އިދާރާއަކަށް އެ ތަކެތި ރައްދުކުރުން؛
  2. ތަކެތީގެ ވެރިފަރާތާ ތަކެތި ހަވާލުކުރުން؛
  3. ނައްތައިލެވޭނެ ފަދަ ތަކެތި ނައްތައިލުން.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އޮފީހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގެންނަ ލިޔުންތަކުގެ އަސްލު ނައްތައިލައިގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަނބުރާ ހަވާލުކުރާ ލިޔެކިޔުމުގެ އަސްލާއި ތަކެތި، އެ އެއްޗެއްގެ ނިސްބަތްވާ ދައުލަތުގެ އިދާރާއަކާ ހަވާލުކުރަންވާނީ، ނުވަތަ ވެރިފަރާތާ ހަވާލުކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ "ލިޔެކިޔުމުގެ އަސްލާއި ތަކެތި އަނބުރާހަވާލުކުރާ ފޯމު" އިންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމުގެ އަސްލާއި ތަކެތި އަނބުރާ ހަވާލުކުރާ ފޯމުގެ 2 (ދޭއް) އަސްލު ތައްޔާރުކޮށްފައި، 1 (އެކެއް) އަސްލު، އެ އެއްޗެއްގެ ނިސްބަތްވާ ދައުލަތުގެ އިދާރާއަކާ ނުވަތަ ވެރިފަރާތާ ހަވާލު ކުރަން ވާނެއެވެ. އަދި އަނބުރާ ހަވާލުކުރާ ލިޔެކިޔުމުގެ އަސްލާއި ތަކެތި، އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރިކަން، އެކަމަށް ހާއްސަ ދަފުތަރުގައި ރިކޯޑުކުރަން ވާނެއެވެ.

 

މަައި ގާނޫނު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު