-

ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުގީގުކޮށް ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-162)

1 ވަނަ މާއްދާ - ތަޢާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވައިލުމަށް ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް ލިބިދީފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އިން ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް ލިބިދީފައިވާ އިޚްތިސާސްގެ ތެރެއިން އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތައް ހުށަހަޅާނެ ނިޒާމެއް ގާއިމްކުރުން.

(ށ) ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އާ ޚިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި ޢަމަލުކުރާގެ ގޮތުގެ އިޖުރާއަތުތައް ކަނޑައެޅުން.

(ނ) ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އާ ޚިލާފުވެގެން ހުށަހަޅާ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުގެ އިޖުރާއަތުތައް ކަނޑައެޅުން.

(ރ) ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އާ ޚިލާފުވެފައިވާ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ކޮންސިއުމަރ އޮމްބަޑްސްމަންގެ އިޚްތިސާސް

ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އިން މަނާކޮށްފައިވާ ކަމެއް ކުރިކަމުގައި ނުވަތަ ގާނޫނާ ޚިލާފުވާކަމަށް ބުނެ ހުށަހެޅޭ އަންނަނިވި ށަކުވާތައް ބަލައި ފިޔަވަޅުއެޅުމުގެ އިޚްތިސާސް ކޮންސިއުމަރ އޮމްބަޑްސްމަންއަށް ލިބިގެންވެއެވެ.

(ހ) ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އިން މަނާކޮށްފައިވާ ކަމެއް ކުރިކަމަށް ނުވަތަ އެ ގާނޫނާ ޚިލާފުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް.

(ށ) ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ށަރުތެއް، ގަންނަ މުދަލެއްގައި ފުރިހަމަނުވެގެން ނުވަތަ އެ ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވެގެން، އެކަމަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް.

 

ދެވަނަ ބާބު

މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޢަމަލުކުރާނެ ގޮތް

 

4 ވަނަ މާއްދާމައްސަލަ ހުށަހެޅުމުގެ މުއްދަތު

ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އާ ޚިލާފުވެގެން ހުށަހަޅާ މައްސަލަތައް ހުށަހަޅަންވާނީ އެ ކަމެއް ހިނގި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައެވެ.

 

5 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން، ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް އަންނަނިވި ފަރާތްތަކަށް މައްސަލަ ހުށަހެޅިދާނެއެވެ.

(ހ) މުދާ ގަތް ނުވަތަ ޚިދުމަތް ލިބިގަތް ފަރާތް ނުވަތަ މުދާ ގަތުމަށް ނުވަތަ ލިބިގަތުމަށް އެއްބަސްވެފައިވާ ފަރާތް.

(ށ) ކޮންސިއުމަރުން ނުވަތަ މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާއަކުން.

(ނ) މުދާ ނުވަތަ ޚިދުމަތް ލިބިގަނެފައިވާ ފަރާތްތަކުގެ ތެރޭގައި، އެއް ށަކުވާއެއް ނުވަތަ އެއް މައްސަލައެއް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކެއް ވާނަމަ، އެފަދަ ފަރާތަކުން ނުވަތަ ގިނަ ފަރާތްތަކެއް އެކުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ ފަރާތުން.

 

6 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް، ތިރީގައިވާ ގޮތުގެ ތެރެއިން ގޮތަކަށް މައްސަލަ  ހުށަހެޅިދާނެއެވެ.

(ހ) ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ކަނޑައަޅައިފައިވާ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުން. (މި ފޯމު، ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރިސެޕްށަނުން މި ފޯމު ލިބެން ވެސް ހުންނާނެއެވެ.)

(ށ) ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް ނުވަތަ ވެބްސައިޓް ނުވަތަ އީމެއިލް މެދުވެރިކޮށް.

 

7 ވަނަ މާއްދާ - މައްސަލަ ހުށަހަޅާއިރު ފުރިހަމަވާންޖެހޭ މަޢުލޫމާތު

(ހ) ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް މައްސަލައެއް ހުށަހަޅާއިރު އަންނަނިވި މަޢުލޫމާތު ފުރިހަމަ ވާންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަން، ދާއިމީ އެޑްރެސް،ކޮންސިއުމަރ އޮމްބަޑްސްމަން ފޮނުވާ ލިޔެކިޔުންތައް ހަވާލުކުރާނެ އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް)؛
  2. (މައްސަލަ ރައްދުވާ ފަރާތުގެ މަޢުލޫމާތު؛
  3. ގަނެފައިވާ މުދަލުގެ ނުވަތަ ހޯދައިފައިވާ ޚިދުމަތުގެ މަޢުލޫމާތު؛
  4. މުދާ ވިއްކާ ފަރާތް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ގާނޫނުގައި މަނާކޮށްފައިވާ ކަމެއް ނުވަތަ ގާނޫނާ ޚިލާފަށް ކޮށްފައިވާ ޢަމަލާއި، އެ ޢަމަލުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ މަޢުލޫމާތާއި، ހައްގެއް އުނިވެފައިވާނަމަ އެ މަޢުލޫމާތު.
  5. މުދާ ގަންނަ ފަރާތް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުން އެދޭ ފަރުވާ.

(ށ) ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާ ފޯމާއެކު، މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިއުންތަކާއި ކިތާބީ ހެކީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

(ނ) ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހައްލުކުރުމަށް މައްސަލަ ރައްދުވާ ފަރާތާއެކު ކޮށްފައިވާ މުޢާމަލާތް ނުވަތަ މައްސަލަ ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތައް ބަޔާންކުރާ ލިޔުންތަކާއި، އެކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ނުވަތަ ހެކި ހުށަހަޅަންވާނެއެވެ.

(ރ) ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލައެއް ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަނުވާ ނަމަ، އެފަދަ މަޢުލޫމާތެއް ފުރިހަމަ ކުރުމަށާއި، މައްސަލައާ ގުޅުންހުރި އިތުރު މަޢުލޫމާތު ހޯދަންޖެހޭކަމަށް ކޮންސިއުމަރ އޮމްބަޑްސްމަނަށް ގަބޫލުކުރެވޭ ހާލަތްތަކުގައި އެފަދަ މަޢުލޫމާތެއް 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ކޮންސިއުމަރ އޮމްބަޑްސްމަންއަށް ލިބިގެންވެއެވެ. އަދި މަގުބޫލު ސަބަބެއް ލިޔުމުންހުށަހަޅައިފިނަމަ، ބުނެވިދިޔަ މުއްދަތު ލިޔުމުން އިތުރުކުރުމުގެ އިޚްތިޔާރު ކޮންސިއުމަރ އޮމްބަޑްސްމަންއަށް ލިބިގެންވެއެވެ.

(ބ) ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ބަޔާންކޮށްފައިވާ މަޢުލޫމާތާއި/ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް 2 (ދޭއް) ފަހަރު އެންގުމަށްފަހު، އެފަދަ މަޢުލޫމާތެއް ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައިފައި ނުވާ ނަމަ، އެ މައްސަލައެއް ބާތިލުކުރުމުގެ އިޚްތިޔާރު ކޮންސިއުމަރ އޮމްބަޑްސްމަންއަށް ލިބިގެންވެއެވެ.

(ޅ) މައްސަލައަކާ ގުޅިގެން ދިވެހިބަހާއި އިނގިރޭސިބަސް ނޫން އެހެން ބަހަކުން ހުރި ލިޔުމެއްހުށަހަޅާނަމަ، ކޮންސިއުމަރ އޮމްބަޑްސްމަން އެދިއްޖެ ހާލަތެއްގައި އެ ލިޔުމުގެ ދިވެހިބަހުގެތަރުޖަމާ ނުވަތަ އިނގިރޭސިބަހުގެ ތަރުޖަމާ ހުށަހަޅަންވާނެއެވެ. 

 

8 ވަނަ މާއްދާ - މައްސަލަ ހުށަހެޅިކަމުގެ ލިއުން ދޫކުރުން

މައްސަލަ ހުށަހަޅާ ފޯމު ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ހުށަހެޅުމުން، އެ ފޯމު އޮފީހަށް ލިބުނުކަމުގެ ލިޔުމެއް، ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުން، މައްސަލަ ހުށަހެޅި ފަރާތަށް ދޫކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން

(ހ) ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ހުށަހަޅާ މައްސަލައަކީ ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގެ ދަށުން ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން އެ މައްސަލައެއް ހުށަހެޅި ތާރީޚުން ފެށިގެން ރަސްމީ 10 (ދިހަ) ދުވަހުގެ ތެރޭގައި ކޮންސިއުމަރ އޮމްބަޑްސްމަން ނިންމައި އެކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 7 ވަނަ މައްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފޯމު އިސްލާހު ކުރުމަށް ނުވަތަ އިތުރު ލިޔެކިޔުމެއް ހުށަހެޅުމަށް ކޮންސިއުމަރ އޮމްބަޑްސްމަން އިތުރު މުއްދަތެއް ދޭ ހާލަތްތަކުގައި މި މާއްދާގައި ބުނެފައިވާ މުއްދަތު ގުނަން ފަށާނީ، މި ގަވާއިދުގެ 7 ވަނަ މައްދާގެ ދަށުން އިތުރުކޮށްދީފައިވާ މުއްދަތު ހަމަވާ ދުވަހުން ފެށިގެންނެވެ. 

 

10 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީ ކުރުން

ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ހުށަހަޅާ މައްސަލައެއް ތަހުގީގު ކުރުމަށް ކޮންސިއުމަރއޮމްބަޑްސްމަން ނިންމައިފިނަމަ، އެ މައްސަލަ ބަލަން ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުން ނިންމި ތާރީޚުން ފެށިގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުމެއް، މައްސަލަ ހުށަހެޅި ފަރާތަށް، ކޮންސިއުމަރ އޮމްބަޑްސްމަން ދޭންވާނެއެވެ. މި ލިޔުމުގައި،މައްސަލަ ހުށަހެޅުނު ތާރީޚާއި، މައްސަލަ ރަޖިސްޓަރީ ކުރެވުނު ތާރީޚާއި، މައްސަލައިގެ ރިފަރެންސް ނަންބަރު ހިމަނަންވާނެއެވެ. 

 

11 ވަނަ މާއްދާ - ބެލެން ނެތްކަމަށް ނިންމާ މައްސަލަތައް

ހުށަހަޅައިފައިވާ މައްސަލައަކީ ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުން ބެލެން ނެތް މައްސަލައެއްކަމަށް ކޮންސިއުމަރ އޮމްބަޑްސްމަން ނިންމައިފިނަމަ، އެކަން އެގޮތަށް ނިންމި ތާރީޚުން ފެށިގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތަށް، ކޮންސިއުމަރ އޮމްބަޑްސްމަން ލިޔުމުން އެކަން އަންގަންވާނެއެވެ. މި ލިޔުމުގައި، އެ މައްސަލަ ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުން ބެލެން ނެތްކަމާއި، ބެލެން ނެތް ސަބަބު ބަޔާންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - މައްސަލަ އަނބުރާ ގެންދިއުން

(ހ) މައްސަލަ ހުށަހަޅާ ފަރާތުން ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ހުށަހަޅައިފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެނަމަ، ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ލިޔުމުން އެކަން އަންގައި، މައްސަލަ އަނބުރާ ގެންދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދާ މައްސަލައެއް އަލުން ހުށަހެޅޭނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެފައި ނުވާ ނަމައެވެ. އެ މުއްދަތު ހަމަވުމަށްފަހު، އަނބުރާ ގެންދާ މައްސަލަތައް ހުށައެއް ނޭޅޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަނބުރާ ގެންދާ މައްސަލައެއް އަލުން ހުށަހަޅާއިރު މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަންޖެހޭނެއެވެ.

 

13 ވަނަ މާއްދާ - މައްސަލަތަކުގެ ދަފުތަރު ބެލެހެއްޓުން

ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތަކުގެ ދަފުތަރު، ކޮންސިއުމަރ އޮމްބަޑްސްމަން ބަލަހައްޓަންވާނެއެވެ. މި ދަފުތަރުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(ހ) މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުގެ މަޢުލޫމާތު.

(ށ) މައްސަލައިގެ ބާވަތް.

(ނ) މައްސަލައިގެ ނަންބަރު.

(ރ) މައްސަލަ ހުށަހެޅުނު ތާރީޚާއި ނިމުނު ތާރީޚު.

(ބ) މައްސަލައާމެދު ޢަމަލުކުރި ގޮތް / މައްސަލައިގައި އެޅި ފިޔަވަޅުތައް.

(ޅ) މައްސަލަ ނިންމިގޮތް.

 

ތިންވަނަ ބާބު

މައްސަލައަށް ޖަވާބުދިނުން

 

14 ވަނަ މާއްދާ - މައްސަލައިގެ ލިޔުންތައް ހަވާލުކުރުމާއި ޖަވާބު ހުށަހެޅުން

ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ހުށަހަޅާ މައްސަލަ ރަޖިސްޓަރީ ކުރުމަށްފަހު، މައްސަލަ ހުށަހެޅިކަން އެންގުމަށް، މައްސަލަ ރައްދުވާ ފަރާތުން ގާނޫނާ ޚިލާފުވެފައިވާ ޢަމަލުތައް ބަޔާންކުރާ ލިޔުމަކާއެކު، މައްސަލަ ހުށަހެޅި ފޯމާއި، އެ ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ ކޮޕީ، މައް ސަލަ ރައްދުވާ ފަރާތަށް، ކޮންސިއުމަރ އޮންބްޑްސްމަން ފޮނުވަންވާނެއެވެ. 

 

15 ވަނަ މާއްދާ - މައްސަލައަށް ޖަވާބުދިނުން

(ހ) މައްސަލަ ރައްދުވާ ފަރާތަށް މައްސަލައިގެ ލިޔެކިޔުންތައް ހަވާލުކުރާ ދުވަހުން ފެށިގެން ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ މައްސަލައިގެ ޖަވާބުފޯމު ފުރިހަމަކުރުމަށްފަހު، މައްސަލަ ރައްދުވާ ފަރާތުން ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖަވާބުފޯމު ހުށަހަޅައިފައި ނުވި ނަމަވެސް، މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. މީގެ އިތުރުން، ތަހުގީގުގެ މަރުހަލާގައި ވެސް މައްސަލަ ރައްދުވާ ފަރާތަށް، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ކޮންސިއުމަރ އޮމްބަޑްސްމަންއަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބާބު

މައްސަލަ ބެލުމާއި ތަހުގީގު ކުރުމުގެ ބާރު 

 

16 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ބާރު

(ހ) ހުށަހަޅައިފައިވާ މައްސަލައެއް ބަލައި ތަހުގީގު ކުރުމަށް ޓަކައި، ދުވާލުގެ އެކަށީގެންވާ ވަގުތެއްގައި، މުދާ ވިއްކާ ތަނަކަށް ނުވަތަ ޚިދުމަތްދޭ ތަނަކަށް މަދުވެގެން 2 (ދޭއް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު، އެ ތަނަކަށް ވަދެ، ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ކޮންސިއުމަރ އޮމްބަޑްސްމަނަށް ނުވަތަ އޭނާ ޢައްޔަނުކުރާ ބަޔަކަށް ބަލައި ޗެކްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ދިނުމަށްފަހުވެސް، އެ ތަނަކަށް ވަނުމަށް ރުހުން ދީފައިނުވާނަމަ، ނުވަތަ ހުރަސްއަޅައިފިނަމަ، ކޯޓުގެ އަމުރެއް ހޯދުމަށް، ކޮންސިއުމަރ އޮމްބަޑްސްމަނަށް، ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރުމަށް މުދާ ވިއްކާ ތަނަކަށް ނުވަތަ ޚިދުމަތްދޭ ތަނަކަށް ވަންނަ ކޮންސިއުމަރ އޮމްބަޑްސްމަން ޢައްޔަނުކުރާ ބަޔަކަށް، އެ ފަރާތަކީ ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުގެ އޮތޮރައިޒްޑް ފަރާތެއްކަން އެނގޭނެ ލިޔުމެއް ދެއްކުމަށްފަހު، އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

  1. ވީޑިއޯ ކުރުމާއި ފޮޓޯނެގުން؛
  2. އެއްވެސް ލިޔުމެއްގެ ކޮޕީ ހެއްދުން ނުވަތަ ކޮޕީ ހަދައިފައި ދިނުމަށް އެންގުން؛
  3. ތަހުގީގަށް ބޭނުންވާ މުދަލެއް ނުވަތަ ލިޔުމެއް އެ ތަނުން ނެރުމަށް އެންގުން؛
  4. އެ ތަނަކުން މަޢުލޫމާތު ދޭ ފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ހޯދުން ނުވަތަ ދިނުމަށް އެންގުން.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށް ޓަކައި، ވިޔަފާރިކުރާ ތަނަކަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ވަންނަ ފަރާތަކަށް، އެއީ ކޮންސިއުމަރ އޮމްބަޑްސްމަންގެ ފަރާތުން ޢައްޔަނުކުރާ ބަޔަކުކަން އެނގޭނެ ލިޔުމެއް ކޮންސިއުމަރ އޮމްބަޑްސްމަން ދޫކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ލިޔެކިޔުން ނުވަތަ މަޢުލޫމާތު ހޯދުން

ހުށަހަޅައިފައިވާ މައްސަލައެއް ބެލުމަށް ވަކި ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހުށަހެޅުމަށް ނުވަތަ ވަކި ފަރާތެއްގެ ބަޔާން ދިނުމަށް އެންގުމުގެ ބާރު ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ބާރާއި، ލިޔެކިޔުން ނުވަތަ މަޢުލޫމާތު ހޯދުމުގެ ބާރުތައް ތަންފީޛުކުރާނެ ގޮތް/ ހާލަތްތައް

(ހ) މި ގަވާއިދުގެ 16 ވަނަ މައްދާއާއި 17 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ބާރުތައް ތަންފީޛުކުރާނީ އަންނަނި ހާލަތްތަކުގައެވެ.

  1. ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ކޮންސިއުމަރ އޮމްބަޑްސްމަން އަންގާ އެންގުމަށް އިޖާބަދޭ ހާލަތުގައި ހުށަހަޅައިފައިވާ ލިޔެކިއުމުގެ އިތުރުން ވެސް މައްސަލަ ނިންމުމަށް އިތުރު މަޢުލޫމާތު ބޭނުންވާކަމަށް ކޮންސިއުމަރ އޮމްބަޑްސްމަނަށް ގަބޫލުކުރެވުން.
  2. ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ކޮންސިއުމަރ އޮމްބަޑްސްމަން އަންގާ އެންގުމަށް އިޖާބަނުދޭ ހާލަތްތަކުގައި ހުށަހަޅައިފައިވާ ލިޔެކިޔުންތަކުން މައްސަލަ ނިންމުމަށް އެކަށީގެންވާ މަޢުލޫމާތު ނެތްކަމަށް ކޮންސިއުމަރ އޮމްބަޑްސްމަނަށް ގަބޫލުކުރެވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންވެގެންވާ ހާލަތްތަކުގެ އިތުރުން، މައްސަލައިގެ ބާވަތާއި ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތް ކުރުމަށްފަހު، މި ގަވާއިދުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށް ކޮންސިއުމަރ އޮމްބަޑްސްމަންނަށް ފެންނަ މައްސަލަތަކުގައި.


19 ވަނަ މާއްދާ - ކޯޓަށް މައްސަލަ ހުށަހެޅުން

ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގެ 12 ވަނަ ބާބުގެ ދަށުން، ކޮންސިއުމަރ އޮމްބަޑްސްމަން އަޅައިފައިވާ ފިޔަވަޅަކާ ނުވަތަ ނިންމައިފައިވާ ނިންމުމަކާ ހިތްހަމަ ނުޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަކަށް އެ މައްސަލައެއް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.

 

ފަސްވަނަ ބާބު

އަދަބު ކަނޑައެޅުން 

 

20 ވަނަ މާއްދާ - ކަނޑައެޅޭނެ އަދަބުތައް

ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލަތަކުގައި، އެ ގާނޫނުން މަނާކޮށްފައިވާ ކަމެއް ކޮށްފައިވާ ފަރާތެއްގެ މައްޗަށް ނުވަތަ އެ ގާނޫނާ ޚިލާފުވެފައިވާ ފަރާތެއްގެ މައްޗަށް، އަންނަނިވި ފިޔަވަޅުތައް އެޅުމުގެ ބާރު، ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވެއެވެ.

(ހ) ފުރަތަމަ ފަހަރު 1،000 (އެއްހާސް) ރުފިޔާއާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން.

(ށ) ތަކުރާރުކުރާ ކޮންމެ ފަހަރަކު 1،500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއާއި 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގައި އެ ކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، 5،000 (ފަސްހާސް) ރުފިޔާއާއި 250،000  (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 6 (ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެ ތަނެއް ބަންދުކުރުން.

 

21 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގައި ރިޢާޔަތްކުރެވިދާނެ މިންގަނޑުތައް

މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބުތައް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް އޮމްބަޑްސްމަންއަށް ރިޢާޔަތް ކުރެވިދާނެއެވެ.

(ހ) މުދާ ނުވަތަ ޚިދުމަތުގެ އަގު.

(ށ) ލިބުނު ގެއްލުމުގެ މިންވަރާއި، ބާވަތާއި، ލިބުނު ގެއްލުމުގެ މިންވަރާއި، ލިބުނު ގެއްލުމުގައި ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ މާލީ ގެއްލުން ހިމެނޭ މިންވަރު.

(ނ) ގެއްލުން ލިބުމުގައި މައްސަލަ ރައްދުވާ ފަރާތުގެ ނުވަތަ އެ ފަރާތުގެ އެޖެންޓުގެ އިހުމާލު ނުވަތު ގަސްތު އެކުލޭވޭ މިންވަރު.

(ރ) މުދާ ނުވަތަ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް ނަގާނެ ވަގުތު.

(ބ) ށަކުވާ ކުރެވިފައިވާ މުދާ ނުވަތަ ޚިދުމަތާ ގުޅޭގޮތުން ށަކުވާ އުފުލިފައިވާ މިންވަރު ނުވަތަ ށަކުވާ އުފުލިފައިވާ މުދާ ނުވަތަ ޚިދުމަތާ ގުޅިގެން ގެއްލުން ވެފައިވާ ފަރާތްތައް އިތުރުވުން.

(ޅ) ގެއްލުން ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކަށް މުޖުތަމަޢުގައި ލިބިފައިވާ ނުވަތަ ދެވިފައިވާ ދަރަޖަ.

(ކ) ކޮންސިއުމަރ އޮމްބަޑްސްމަންގެ ތަހުގީގަށް އެއްބާރުލުން ދީފައިވާ މިންވަރު.

 

ހަވަނަ ބާބު

ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތައް

 

22 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅުން

ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ށަރުތެއް ގަންނަ މުދަލެއްގައި ފުރިހަމަނުވެގެން ނުވަތަ އެ ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވެގެން، އެކަމަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މުދާ ގަންނަ ފަރާތަށް، ކޮންސިއުމަރ އޮމްބަޑްސްމަންއަށް ހުށަހެޅިދާނެއެވެ.

 

23 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު

ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) ގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އަންނަނިވި ބަދަލުތަކުގެ ތެރެއިން 1 (އެކެއް) ބަދަލު ނުވަތަ އެއަށްވުރެ އިތުރު އަދަދެއްގެ ބަދަލު ނަގައިދިނުމުގެ އިޚްތިޔާރު، ކޮންސިއުމަރ އޮމްބަޑްސްމަންއަށް ލިބިގެންވެއެވެ.

(ހ) ށަކުވާ އުފުލިފައިވާ މުދަލުގެ ބަދަލުގައި އައު، އަދި އެއްވެސް ހަލާކުވުމެއް ނެތް އެ ބާވަތުގެ އެހެން މުދަލެއް ފޯރުކޮށްދިނުމަށް އެންގުން

(ށ) މުދަލުގެ އަގު ނުވަތަ ށަކުވާ ހުށަހެޅި ފަރާތުން ދައްކައިފައިވާ އަގު / ފީ އަނބުރާ އެ ފަރާތަށް ދިނުމަށް އެންގުން.

(ނ) މުދާ ވިއްކާ ފަރާތުގެ އިހުމާލުން ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ އިހުމާލުން، މުދާ ގަންނަ ފަރާތަށް، ބޭނުންކުރާ މުދަލެއްގެ ސަބަބުން ނުވަތަ ހޯދާ ޚިދުމަތެއްގެ ސަބަބުން ލިބޭ ގެއްލުމުގެ ނުވަތަ ލިބިފައިވާ އަނިޔާގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާކަމަށް ނިންމުން.

(ރ) މުދަލުގައި ނުވަތަ ޚިދުމަތުގައި ހުރި ނުރަނގަޅުކަން ރަނގަޅުކުރުމަށް އެންގުން.

 

24 ވަނަ މާއްދާ - ގެއްލުމުގެ ނުވަތަ އަނިޔާގެ ބަދަލު

މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ނ) ގެ ދަށުން އަނެއް ފަރާތުގެ އިހުމާލުން ވެފައިވާ ގެއްލުމުގެ ނުވަތަ ލިބިފައިވާ އަނިޔާގެ ބަދަލު ނަގައިދޭންޖެހޭކަމަށް ކޮންސިއުމަރ އޮމްބަޑްސްމަންގެ ތަހުގީގުން ސާބިތުވާ މައްސަލަތަކުގައި، އެފަދަ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭކަމަށް ނިންމާ މައްސަލަތަކުގައި،ބަދަލާ ގުޅޭގޮތުން ގޮތެއް ނިންމުމަށް، ބަދަލު ހޯދުމަށް އެދޭ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

 

25 ވަނަ މާއްދާ - ޖިނާއީ ކުށެއް ހިނމެނޭ މައްސަލައެއް

ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލައަކީ ޖިނާއީ ކުށެއް ހިމެނޭ ކަމެއްކަމުގައި ކޮންސިއުމަރ އޮމްބަޑްސްމަނަށް ގަބޫލުކުރެވޭ ހާލަތްތަކުގައި، އެފަދަ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ އިދާރާއަށް ފޮނުވަންވާނެއެވެ.

 

ހަތްވަނަ ބާބު

އާންމު ބައިތައް

 

26 ވަނަ މާއްދާ - މައްސަލައިގެ ރިޕޯޓު ތައްޔާރުކުރުން

(ހ) ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުން ބަލާ މައްސަލައެއް ނިމުމުން، އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު، މައްސަލަ ނިމުނު ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުން ތައްޔާރު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، މައްސަލަ ހުށަހެޅި ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި، މައްސަލަ ރައްދުވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި، މައްސަލައިގެ ނަންބަރާއި، މައްސަލައިގެ ބާވަތާއި، މައްސަލަ ހުށަހެޅި ތާރީޚާއި، މައްސަލަ ނިމުނު ތާރީޚާއި، މައްސަލަ ނިންމި ގޮތާއި، މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކުގެ ކޮޕީ ހިމަނަންވާނެއެވެ. މި ރިޕޯޓުގައި، ކޮންސިއުމަރ އޮމްބަޑްސްމަންގެ ސޮއި އޮންނަންވާނެއެވެ.

 

27 ވަނަ މާއްދާ - ހުށަހެޅޭ މައްސަލައާމެދު ނިންމާ ގޮތް އެންގުން

(ހ) ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކާ މެދު ނިންމާ ނިންމުންތައް، އެ ނިންމުން ނިންމާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތާއި،މައްސަލަ ރައްދުވާ ފަރާތަށް އަންގަންވާނެއެވެ. އަދި މި ދެފަރާތުގެ އިތުރުން، ތިން ވަނަ ފަރާތަކަށް ނިންމުން ރައްދުވާނަމަ، އެ ފަރާތަކަށް ވެސް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި، މައްސަލަ ހުށަހެޅި ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި، މައްސަލަ ރައްދުވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި، މައްސަލައިގެ ނަންބަރާއި، މައްސަލައިގެ ބާވަތާއި، މައްސަލަ ހުށަހެޅި ތާރީޚާއި، މައްސަލަ ނިމުނު ތާރީޚާއި، މައްސަލަ ނިންމިގޮތް ހިމަނަންވާނެއެވެ.

 

28 ވަނަ މާއްދާ - ހުށަހެޅޭ މައްސަލައާމެދު ނިންމާގޮތް އާންމުކުރުން

(ހ) ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލަތަކާމެދު ނިންމާ ނިންމުން، ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށް ށާއިޢުކުރަންވާނެއެވެ.

(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުންތަކުގެ އިތުރުން، ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހަޅާ ހުރިހާ މައްސަލަތަކުގެ ސްޓޭޓަސް އެނގޭނެގޮތަށް ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ށާއިޢުކުރުމުގެ އިންތިޒާމު،ކޮންސިއުމަރ އޮމްބަޑްސްމަން ހަމަޖައްސަންވާނެއެވެ. 

 

29 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން

ކޮންސިއުމަރ އޮމްބަޑްސްމަންއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އަންނަނިވި ރިކޯޑުތައް އެ އޮފީހުން ބަލަހައްޓަންވާނެއެވެ.

(ހ) މައްސަލައިގެ ބާވަތް އެނގޭނޭހެން ، ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބު.

(ށ) ބަލައިގަތް މައްސަލަތަކާއި، ބަލައިނުގަތް މައްސަލަތަކުގެ ތަފާސްހިސާބު.

(ނ) ނިމުނު މައްސަލަތަކުގެ ތަފާސްހިސާބު.

 

30 ވަނަ މާއްދާ - ބަޔާނުގައި ސޮއިކުރުން

ތަހުގީގަށް ބަޔާންދިން ފަރާތްތަކުން ދީފައިވާ ބަޔާނުގައި އެ ފަރާތެއްގެ އިނގިލީގެ ނިށާން ޖަހައި، ސޮއިކުރުވަންވާނެއެވެ.

 

31 ވަނަ މާއްދާ - ދޮގު މަޢުލޫމާތު ދިނުން

އެއްވެސް ފަރާތަކުން ކޮންސިއުމަރ އޮމްބަޑްމަންގެ ތަހުގީގަށް ދޮގު މަޢުލޫމާތެއް ދިންކަން ސާބިތުވެއްޖެނަމަ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާއަކަށް ހުށަހެޅިދާނެއެވެ.

 

32 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި ޢިބާރާތްތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މުދާ ގަންނަ ފަރާތް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، އަލުން ވިއްކުމަށް ޓައި ނުވަތަ ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް ނޫންގޮތަކަށް އަމިއްލަ ބޭނުމަށް މުދަލެއް ނުވަތަ ޚިދުމަތެއް ލިބިގަންނަ ކޮންމެ ފަރާތަކަށެވެ.

(ށ) "އަނިޔާ" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑަށް ލިބޭ ވޭނާއި، ހަށިގަނޑަށް ޖެހޭ ބައްޔާއި، ހަށިގަނޑުގެ މާއްދީ އެއްވެސް ބަޔަކަށް ލިބޭ އުނިކަމަކަށެވެ.

(ނ) "ގެއްލުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ލިބޭ އަނިޔާތަކާއި، އެ ފަރާތުގެ މުދަލަށް ލިބޭ ގެއްލުމާއި މާލީ ގެއްލުންތަކަށެވެ.

 

33 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 12/2020)

ކިޔުންތެރިންގެ ހިޔާލު