ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2021-161)
(މި ގަވާއިދުގެ 13 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2016-03 އުވާލެވިފައި)
ފުރަތަމަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިި ގަވާއިދަކީ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ބެހޭ ގަވާއިދު" މިހެންނެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގައި ވާ ފަދައިން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2017-03 (20 މާރިޗު 2017) އިން އުފައްދައިފައިވާ، ބިޒްނަސް ސެންޓަރ ކޯޕަރޭށަން ލިމިޓެޑް (ބީ.ސީ.ސީ) އިން ކުރުމަށް ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުމާ ގުޅޭ ސިޔާސަތުތަކާއި، އެ ކުންފުންޏާ ހަވާލުކުރެވޭ މަސައްކަތްތައް ރާވައި ކުރިޔަށް ގެންދިޔުމާ ގުޅޭ ގޮތުން އަމަލަކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން.
(ށ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތް ދެމުން ގެންދާ މަރުކަޒުތައް ގާއިމުކުރާނެ ގޮތާއި، އެ މަރުކަޒުތައް ގާއިމުކުރާނެ ތަންތަން ކަނޑައެޅުމުގެ އުސޫލާއި، އެފަދަ މަރުކަޒުތަކުން ދެމުންގެންދާނެ ހިދުމަތްތަކާއި، އެ މަރުކަޒުތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.
(ނ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިނގާނުހިނގާ ގޮތް ބަލައި، އެ ވިޔަފާރިތައް ވިލަރެސްކުރާނެ ގޮތާއި، އެ ވިޔަފާރިތަކުން މިނިސްޓްރީއަށް ރިޕޯޓު ކުރުމާ ގުޅޭ ކަންކަން ކަނޑައެޅުން.
(ރ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމާއި ކުރިއެރުވުމަށް ފަހި މާހައުލެއް ގާއިމު ކުރުމަށް ޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން.
(ބ) ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންވެގެންވާ މަގުސަދުތައް ހާސިލު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
(ޅ) ބީ.ސީ.ސީ. އާއި ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތް ދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީއެއް ނަގާނަމަ، އެ ގޮތުން ނަގާ ފީ އާ ގުޅޭ ކަންކަން ބަޔާންކުރުން.
ދެވަނަ ބާބު
ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ ކުންފުންޏާއި މަރުކަޒު
3 ވަނަ މާއްދާ - އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ތަރައްގީކުރުމުގެ ކުންފުނި
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި، އެ ވިޔަފާރިތަކާ ގުޅޭ ގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ވިލަރެސްކޮށް، ރާވައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާނީ، ބީ.ސީ.ސީ. އިންނެވެ.
4 ވަނަ މާއްދާ - ބީ.ސީ.ސީ ގެ މައިގަނޑު މަސްއޫލިއްޔަތުތައް
ބީ.ސީ.ސީ. ގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
(ހ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
(ށ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އިސްކަންދިނުމަށް މިނިސްޓަރު ކަނޑައަޅާ ދާއިރާތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހާއްސަ އަހަންމިއްޔަތުކަމެއް ދިނުން.
(ނ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅުންހުރި، ވިޔަފާރި ހިންގުމުގެ އައު ގޮތްތައް ކުރިއެރުވުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ހިންގުމާއި ހިދުމަތް ދިނުން.
(ރ) އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
(ބ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި، ކުންފުންޏަށް މާލީ ފައިދާ ހޯދުމަށް އިސްކަންދިނުމަށްވުރެ ހިދުމަތް ފޯރުކޮށްދިނުމުގެ ރޫހުގައި ޕްރޮގްރާމްތައް ހިންގުން.
5 ވަނަ މާއްދާ - ބީ.ސީ.ސީ ގެ އަހަރީ ބަޖެޓާއި މަސައްކަތު ޕްލޭން
(ހ) މި ގަވާއިދަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ނިޔަލަށް، ބީ.ސީ.ސީ. ގެ އަހަރީ ބަޖެޓާއި، ކުރިޔަށް އޮތް އަހަރުގެ މަސައްކަތްތައް ތަންފީޛު ކުރާނެ ގޮތުގެ އެކްށަން ޕްލޭނާއި، އެ ޕްލޭން ތަންފީޛު ކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލައި، މިނިސްޓްރީގެ ރުހުން ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުންފުނީގެ މަސައްކަތުގެ އެކްށަން ޕްލޭނުގައި އަންނަނިވި ކަންތައްތައް ހިމަނައި، ބީ.ސީ.ސީ. އިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ބީ.ސީ.ސީ. އިން އެ އަހަރަކަށް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް؛
- ބީ.ސީ.ސީ. އިން އެ އަހަރަކަށް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި އެ އަހަރަކު ހިންގާނެ ހަރަކާތްތައް؛
- ބީ.ސީ.ސީ. އިން އެ އަހަރަކު ހިންގާ ހަރަކާތްތަކުން ނަތީޖާ ނެރެވޭ މިންވަރު ބަލާނެ ގޮތުގެ ތަފުސީލުތައް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީގެ ރުހުން ހޯދުމަށް ފޮނުވޭ ބީ.ސީ.ސީ. ގެ އަހަރީ ބަޖެޓާއި، މަސައްކަތްތައް ތަންފީޛު ކުރާނެ ގޮތުގެ އެކްށަން ޕްލޭނާއި، އެ ޕްލޭން ތަންފީޛު ކުރާނެ ގޮތުގެ އޮނިގަނޑު ތަންފީޛު ކުރަންވާނީ މިނިސްޓްރީން އެ ޕްލޭނަށް އިސްލާހެއް ހުށަހަޅައިފައިވާނަމަ އެ އިސްލާހުތަކާ އެކުގައެވެ.
6 ވަނަ މާއްދާ - ބީ.ސީ.ސީ. ގެ އަހަރީ ރިޕޯޓު
ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ބީ.ސީ.ސީ. އިން ހިންގައިފައިވާ މައިގަނޑު ހަރަކާތްތަކާއި، ނިންމައިފައިވާ މުހިންމު ނިންމުންތަކާއި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އެކްށަން ޕްލޭން ތަންފީޛު ކުރުމަށް ކުރި މަސައްކަތްތައް ބަޔާންކޮށް، ބީ.ސީ.ސީ. އިން އަހަރީ ރިޕޯޓެއް އެކުލަވައިލަންވާނެއެވެ. އަދި ވިދިގެން އަންނަ މާރިޗު މަހުގެ ނިޔަލަށް، މިނިސްޓްރީއަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.
7 ވަނަ މާއްދާ - ވިޔަފާރި ތަރައްގީ ކުރުމުގެ މަރުކަޒުތައް ގާއިމު ކުރުން
ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ މަރުކަޒުތައް، ބީ.ސީ.ސީ. އިން ގާއިމު ކުރާނީ، ހިދުމަތް ދިނުމުގައި ފަސޭހަވާނެ ގޮތަށް ބަލައި، އެ އިރެއްގައި، އެފަދަ މަރުކަޒުތަކުން ދިނުމަށް މިނިސްޓަރަށް ފެންނަކަމަށް،މިނިސްޓަރު ކަނޑައަޅާ ހިދުމަތްތަކެއް، މިނިސްޓަރު ކަނޑައަޅާ ސަރަހައްދުތަކާއި އަތޮޅުތަކެއްގައެވެ.
8 ވަނަ މާއްދާ - ވިޔަފާރި ތަރައްގީ ކުރުމުގެ މަރުކަޒުތަކުގެ މަސްއޫލިއްޔަތުތައް
މިި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
(ށ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން، އިސްކަންދިނުމަށް މިނިސްޓަރު ކަނޑައަޅާ ދާއިރާތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހާއްސަ އަހަންމިއްޔަތު ކަމެއް ދިނުން.
(ނ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅުންހުރި، ވިޔަފާރި ހިންގުމުގެ އައު ގޮތްތައް ހޯދައި، އެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ހިންގުމާއި، ހިދުމަތް ދިނުން.
(ރ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓާ ހަމައަށް ވާސިލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް، މިނިސްޓްރީއާ ގުޅިގެން ރާވައި، ބައްޓަންކޮށް، ހިންގުމާއި، އަދި އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން.
(ބ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، ތިމާވެށްޓާއި ރައްޓެހި ގޮތަކަށް ހިންގުމަށް ހިތްވަރުދީ މައުލޫމާތު ފޯރުކޮށްދިނުން.
(ޅ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލުގެ ލަފާގެ މަތިން، ބީ.ސީ.ސީ. އިން، ވިޔަފާރިތަކަށް އަމާޒުކޮށް ދިނުމަށް ރާވައިފައިވާ އެހީތަކާބެހޭ މައުލޫމާތު ވިޔަފާރިތަކާ ހިއްސާކުރުމާއި، އެހީތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި، ވިޔަފާރިތަކަށް އިރުށާދާއި އެހީތެރިކަން ފޯރުކޮށްދިނުން.
(ކ) އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ވިޔަފާރިއާ ގުޅުންހުރި ޕްރޮގްރާމްތައް ރާވައި ހިންގުން.
9 ވަނަ މާއްދާ - ވިޔަފާރި ތަރައްގީ ކުރުމުގެ މަރުކަޒުތަކުން ދެވޭ ހިދުމަތްތައް
މިި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުން ދެވޭ ހިދުމަތްތައް، ތިރީގައި މިވަނީއެވެ.
(ހ) ވިޔަފާރި ފަށައިގަތުމަށް ބޭނުންވާ ތަމްރީނު ދިނުމާއި، ވިޔަފާރީގެ ޕްލޭންތައް ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާކެޓްކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމާއި، އެކަމަށް މީހުން ތަމްރީނު ކުރުން.
(ށ) ވިޔަފާރި ތަރައްގީކުރުމަށް ބޭނުންވާ މަސައްކަތު ޖާގަ ހޯދައިދިނުމަށް އެހީތެރިވެދިނުން.
(ނ) ތަފާތު ހުނަރު ތަރައްގީ ކުރުމަށް ބޭނުންވާ ކުރު ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން.
(ރ) އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް އިންކިއުބޭށަން ފެސިލިޓީތައް ގާއިމްކޮށް، އެކި ދާއިރާތަކުގެ ކަމާ ގުޅޭ މާހިރުންނާ ގުޅުވައިދީ، ފަންނީ މައުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
10 ވަނަ މާއްދާ - ފީ ނެގުން
(ހ) ބީ.ސީ.ސީ. އާއި ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީއެއް ނަގާނަމަ، މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމަށްފަހު އެ ފީއެއް ނެގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފީއެއް ނެގުމަށް ކަނޑައަޅައިފިނަމަ، ނަގަން ކަނޑައެޅި ފީ ގެ މިންވަރު، ބީ.ސީ.ސީ. ގެ ވެބްސައިޓު މެދުވެރިކޮށް، ނުވަތަ އާންމުކޮށް ކުރާ އިއުލާނެއް މެދުވެރިކޮށް އަންގަން ޖެހޭނެއެވެ.
11 ވަނަ މާއްދާ - މަރުކަޒުތަކުން ހުށަހަޅަންޖެހޭ ރިޕޯޓުތައް
(ހ) ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން، ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި ނުވަތަ މަރުކަޒު ހިންގަން ފަށާ އަހަރުނަމަ، އެ އަހަރުގެ ބާކީ އޮތް މުއްދަތުގައި، އެ މަރުކަޒުން ހިންގައިފައިވާ މައިގަނޑު ހަރަކާތްތަކާއި ނިންމައިފައިވާ މައިގަނޑު ނިންމުންތައް އެނގޭނެ އަހަރީ ރިޕޯޓެއް، މަރުކަޒުން އެކުލަވައިލަން ވާނެއެވެ. މި ރިޕޯޓު، ބީ.ސީ.ސީ.އިން ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކުރުމަށްފަހު، ވިދިގެން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، މިނިސްޓަރަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލަށާއި، ބީ.ސީ.ސީ. އަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އަހަރީ ރިޕޯޓުގެ އިތުރުން، މަރުކަޒު ހިންގަން ފެށުމަށްފަހު، ކޮންމެ ކުއާޓަރއަކަށް އިންޓަރިމް ރިޕޯޓެއް މަރުކަޒުން އެކުލަވައިލައި، އެ ކުއާޓަރއެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މިނިސްޓަރަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލަށާއި ބީ.ސީ.ސީ. އަށް ހުށަހަޅަން ވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓްތައް ތައްޔާރުކޮށްފައި ފޮނުވާއިރު، އެ ރިޕޯޓުތަކުގައި އެ އިރެއްގައި އެ މަރުކަޒެއް ހިންގުމަށް ހަވާލުވެހުރި އެންމެ އިސްވެރިޔަކު ސޮއިކުރަންވާނެއެވެ.
ތިންވަނަ ބާބު
އާންމު ކަންކަން
12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
13 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2016-03 (ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާބެހޭ ގަވާއިދު) އުވުނީއެވެ.
14 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް މި ގަވާއިދުގައި ދީފައި އެވަނީ، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ މަރުކަޒު" ނުވަތަ "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ފަށައިގަތުމާބެހޭ ތަމްރީނު ދިނުމާއި، ވިޔަފާރީގެ ޕްލޭނުތައް ތައްޔާރު ކުރުމާއި، މާލީ ކަންކަމާއި، މާކެޓް ކުރުމާ ގުޅޭ ހިދުމަތްތައް ހިމެނޭ ގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ވިޔަފާރި ކުރިއެރުވުމާއި ތަރައްގީ ކުރުމާ ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ބީ.ސީ.ސީ. އިން ގާއިމުކުރާ މަރުކަޒުތަކަށެވެ.
(ށ) "އިސްކަންދޭ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ގައުމީ ތަރައްގީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީން، ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާއާއި، ވިޔަފާރިކުރާ ފަރާތްތައް ހިމެނޭގޮތަށެވެ.
(ނ) "ކައުންސިލް" ނުވަތަ "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލަށެވެ.
(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޛު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވަޒީރަށެވެ.
(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޛު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ޅ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، އެނޫން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުގެ މަތީންނެވެ.
މައި ގާނޫނު
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރ 2013-06)
އުވާލެވުނު ގަވާއިދު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-03)
ކިޔުންތެރިންގެ ހިޔާލު