-

ވިޔަފާރީގައި ބޭނުންކުރާ ނަން ފާސްކުރުމާއި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު

ނޯޓް:

  • މި ގަވާއިދަށް ނަންބަރެއް ދެވިފައިނުވޭ.
  • މިއީ ކޮން ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްކަން ނޭގޭ.
  • މި ގަވާއިދަށް އަމަލުކުރަން ފެށި ތާރީހެއް ނޭގޭ.

 

ތިރީގައި ބަޔާން ކޮށްފައިއެވަނީ ނަން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފަރާތްތަކުން އަމަލު ކުރަންޖެހޭ ގަވާއިދެވެ. 

 

1 ވަނަ މާއްދާ

އެނަމަކީ ވިޔަފާރިއެއްގައި ބޭނުންކުރުމަށްދީނީ ގޮތުންނާއި އަދަބީ ގޮތުން ކިޔަން އެކަށީގެންވާ ނަމަކަށްވުމާއި، ދީނީގޮތުން އިހްތިރާމް ކުރަންޖެހޭ ކަންކަމަށާއި ތަންތަނަށް ނިސްބަތްވާ ނަމަކަށް ނުވުން. 

 

2 ވަނަ މާއްދާ

ރާއްޖޭގައި ނުވަތަ ބޭރު ދުނިޔޭގައި ނަން ތައާރަފްވެ މަށަހޫރުވެފައިވާ ކުންފުންޏަކަށް ނުވަތަ މުދަލުގެ ޓްރޭޑްމާރކެއްގައި ނަމަކަށް ނުވަތަ ހިދްމަތަކަށް ނުވަތަ ވިޔަފާރިއަކަށް ނިސްބަތްވާ ނުވަތަ ބޭނުންކުރާ ނަމަކަށް ނުވުން (މިފަދަ ނަމަކީ ރާންޖޭންބޭރުގެ ކުންފުންޏެއްގެ ނަމެއްނަމަ އެނަމެއްކިޔޭނީ، އެފަދަ ކުންފުންޏެއްގެ ފްރެންޗައިޒް ނުވަތަ ލައިސަންސް ލިބިފައިވާ ރާއްޖޭގެ ފަރާތަކަށެވެ.) 

 

3 ވަނަ މާއްދާ -

ނަމަކާނުލައި ހަމައެކަނި ކަމެއް ނުވަތަ ވިޔަފާރިއެއް ނުވަތަ މުދަލުގެ ނަމެއް ނުވަތަ ހިދުމަތެއް ބަޔާން ކުރާ ނަމަކަށް ނުވުން. 

 

4 ވަނަ މާއްދާ

އެނަމެއް ކިއުމުގެ ސަބަބުން އެތަނަކުންދޭ ހިދުމަތާއިމެދު އާންމުންނަށް އޮޅުންއަރާފަދަ ނަމަކަށް ނުވުން.

 

5 ވަނަ މާއްދާ

އަންނަނިވި ނަންތަކުގެ ތެރެއިން ނަމެއް ހުށަހަޅާއިރު ސަރުކާރުގެ ކަމާގުޅޭ ދާއިރާއަކުން ހުއްދަ ލިބިފައިވާ ކަމުގެ ލިޔުމާއިއެކު ހުށަހެޅުން.

(ހ) ސްކޫލް، މަދަރުސާ، މަކްތަބު، ޔުނިވަރސިޓީ، އިންސްޓިޓިއުޓް، ޕޮލިޓެކްނިކް، ކޮލެޖް ފަދަ ނަން.
(ށ) ހޮސްޕިޓަލް، ސިއްހީ ހިދްމަތް، ކްލިނިކް، މެޑިކަލް ސެންޓަރ ފަދަ ނަން.
(ނ) އެސޯސިއޭށަން، ކްލަބް، ޖަމްއިއްޔާ، ބޭންކް، ކޮންސޯޓިއަމް، ކޯޕަރޭޓިވްސް، ކޯޕަރޭށަންފަދަ ނަން.

(ރ) އިންށުއަރަންސް، އެށުއަރަންސް، ޓްރަސްޓް ހިމެނޭ ނަން.

 

6 ވަނަ މާއްދާ

ސަރުކަރުގެ އެއްވެސް ފަރާތެއްގައި ރަޖިސްޓްރީ ކޮށްގެން އެހެން ފަރާތަކުން ބޭނުންކުރާ ނަމެއްކަން އެނގިހުރެ ހުށަހަޅާ ނަމަކަށް ނުވުން. (ސަރުކާރުގެ ފަރާތެއްގައި ރަޖިސްޓްރީ ކޮށްފަ ިއވާ ނަމެއްކަން ނޭނގި އެފަދަ ނަމެއް މި މިނިސްޓްރީއަށް ހުށަހެޅި އެނަން އެފަރާތަކަށް ރަޖިސްޓްރީ ކޮށްދެވޭފަހުން، އެނަމާމެދު މައްސަލައެއް ހުށަހެޅިއްޖެނަމަ މި މިނސްޓްރީން އިސްކަންދޭނީ އެނަމެއް ފުރަތަމަ ރަޖިސްޓްރީ ކުރި ފަރާތަށެވެ. މި މިނސްޓްރީގައި އެނަމެއް ރަޖިސްޓްރީ ކޮށްފައިވަނީ ސަރުކާރުގެ އެހެން ފަރާތެއްގައި ރަޖިސްޓްރީ ކުރި ފަހުން ކަމަށްވާނަމަ، މި މިނިސްޓްރީގައި އެނަން ރަޖިސްޓްރީ ކުރިފަރާތަށް ނަން ބަދަލް ކުރަން އެންގޭނެއެވެ.) 

 

7 ވަނަ މާއްދާ

އެއް ފަރާތަކަށް ރަޖިސްޓްރީ ކޮށްދިނުމަށްފަހު އެހެން ފަރާތަކަށް ބޭނުން ނުކުރެވޭނެ ނަންތައް.

(ހ) އަމިއްލައަށް އުފައްދާ ނަން

(ށ) މުޅިން އެއްގޮތަކަށް ހުންނަ ނަން

(ނ) މުޅިން އެއްގޮތަކަށް އަޑުއިވޭ ނުވަތަ އެއްވައްތަރު ވުމުގެ ސަބަބުން އޮޅުންއަރާނެ ނަން. 

 

8 ވަނަ މާއްދާ

ނަމެއް ރަޖިސްޓްރީ ކުރެވޭނީ ވިޔަފާރިއެއްގައި ބޭނުން ކުރުމަށެވެ.

 

9 ވަނަ މާއްދާ

ރަޖިސްޓްރީ ކުރެވިފައިވާ ނަމެއް ނުވަތަ އެފަދަ ނަމެއްގެ ބައެއް ނުވަތަ ބައިތަކެއް ހިމެނޭ އެހެންނަމެއް ރަޖިސްޓްރީ ކޮށްދެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަ ވުމުންނެވެ. 

(ހ) ބޭނުންކުރުމަށް ހުށަހަޅާ ރަޖިސްޓްރީ ކުރެވިފައިވާ ނަމަކީ އާއްމުކޮށް ބޭނުންކުރާ އެކަމަކު ވަކި ފަރާތަކަށް ހާއްސަކޮށް ނިސްބަތްނުވާ ނަމަކަށްވުން.

(ށ) އެނަމެއް އިވުމުން ނުވަތަ ފެނުމުން ކުރިން ރަޖިސްޓްރީ ކުރެވިފައިވާ ނަމާއި ގުޅުމެއް ނެތް ތަފާތު ނަމަކަށް ބެލެވޭނެ ފަދަ ނަމަކަށްވުން.

 

10 ވަނަ މާއްދާ

ވިޔަފާރިއެއް ނުވަތަ ވިޔަފާރިތަކެއްގައި ބޭނުންކުރާ ނަމެއް އެނަން ރަޖިސްޓްރީކޮށްފައިވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ވިޔަފާރިއެއްގައި ބޭނުން ނުކުރެވޭނެ ހާލަތްތައް ތިރީގައި އެވަނީއެވެ.

(ހ) ރަޖިސްޓްރީ ކޮށްފައިވާ ނަމަކީ އަމިއްލައަށް އުފައްދާފައިވާ ނަމަކަށް ނުވަތަ ނަންތަކަކަށްވުން.

(ށ) ރަޖިސްޓްރީ ކޮށްފައިވާ ނަމަކީ ވަކި ފަރާތަކާ ގުޅުންހުރިކަމަށް ތައާރަފްވެފައިވާ ނަމަކަށް ވުން.

(ނ) ރަޖިސްޓްރީ ކޮށްފައިވާ ނަން ހިމެނޭ ނަމެއް އެހެން ފަރާތަކަށް ރަޖިސްޓްރީ ކޮށްދީިފިނަމަ، އެނަމެއް ފުރަތަމަ ރަޖިސްޓްރީކޮށްފައިވާ ފަރާތާއި ފަހުން އެނަން ރަޖިސްޓްރީކުރި ވިޔަފާރިއާއި ގުޅުންހުރި ކަމަށް ދޭހަވާ ނަމަކަށް ވުން. 

 

11 ވަނަ މާއްދާ

ރަޖިސްޓްރީކޮށްފައިވާ ނަމެއް ރަޖިސްޓްރީން ބާތިލް ކުރުން: ރަޖިސްޓްރީ ކޮށްފައިވާ ނަމެއްގެ ރަޖިސްޓްރީ ބާތިލް ކުރެވޭނީ ނަން ރަޖިސްޓްރީ ކުރިފަރާތުން ހުށަހެޅުމުން ނުވަތަ ބާތިލް ކުރުމަށް ހުށަހެޅި ފަރާތަކުން އަންނަނިވި ކަންތައްތައް ސާ ިބތު ކޮށްދިނުމުންނެވެ.

(ހ) އެނަމަކީ އޮޅިވާލުމުގެ ނިޔަތުގައި ބޭނުންކުރާ ނަމެއްކަމަށް.

(ށ) ވިޔަފާރިއެއްގައި ބޭނުންކުރާ ނަމެއްކަމަށް.

(ނ) ވަކި ފަރާތަކާ، ވިޔަފާރިކުރާ ނުވަތަ ގުޅުންހުރި ފަރާތްތަކަކަށް އަމާޒުކޮށްގެން އޮޅުވާލުމުގެ ނިޔަތުގައި ބޭނުންކުރާ ނަމެއް ކަމަށް.

(ރ) ވިޔަފާރިއެއްގެ ނަމަށް ނުވަތަ އެވިޔަފާރިވެރިއަށް ލިބިފައިވާ މަށްހޫރު ކަމަކަށް ގެއްލުން ދިނުމުގެ ގޮތުން ބޭނުންކުރާނަމެއްކަމަށް.

(ބ) އެ ވިޔަފާރިއަކަށް ހަގީގަތުގައިވެސް ގެއްލުން ލިބޭ ނަމެއްކަމަށް.

(ޅ) މި ގަވާއިދުގެ 4 ވަނަ މާއްދާގައިވާ އުސޫލުން ނަން ރަޖިސްޓްރީކުރުމަށްފަހު ރަޖިސްޓްރީކުރި ނަމަށް ނިސްބަތްވާ ހިދުމަތް ނުވަތަ ވިޔަފާރި، އެތަނުންދޭ މައިގަނޑު ހިދުމަތް ނުވަތަ އެތަނުން ކުރާ މައިގަނޑު ވިޔަފާރިއާ ގުޅުމެއްނެތް ނަމެއް ކަމަށް.

 

މައި ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު