-

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35) އަށް 8 ވަނަ އިޞްލާޙު ގެނައު މުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-142)

ގަވާއިދު ނަންބަރު 2012-35 (މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 35.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސަލާމުގެ ޗުއްޓީގެ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެމަތިން، މެޑިކަލް ސެޓުފިކެޓާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. ސަލާމުގެ ޗުއްޓީގެ ގޮތުގައި ދެވޭ 30 (ތިރީސް) ދުވަހުގެ ތެރެއިން ބާކީ އޮންނަ 15 (ފަނަރަ) ދުވަސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީމަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓު ހުށަހަޅަންޖެހޭނެއެވެ.އަދި ސަލާމުގެ ޗުއްޓީ ތެރޭގައި ބަންދު ދުވަސް ހިމެނިއްޖެނަމަ ސެޓުފިކެޓުހުށަހަޅަންވާނީ، ބަންދު ދުވަސް ހިމަނައިގެންނެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 150 ވަނަ މާއްދާގެ (ރ) އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

ރިޓަޔަރ ކުރެވޭ ހާލަތްތައް 150.

(ރ) ވަޒީފާގައި ދެމިހުރުމަށް ސިއްހީ ހާލަތު ތަން ނުދިނުން؛ ނުވަތަ

(ކ) ދައުލަތަށް 20 (ވިހި) އަހަރުދުވަހު ހިދުމަތްކޮށްފައިވުމާއެކު، މީގެތެރެއިން، މަދުވެގެން 10 (ދިހަ) އަހަރުދުވަހު ކަސްޓަމްސްއަށް ހިދުމަތް ކުރުމަށްފަހު އަމިއްލައަށް އެދިގެން ރިޓަޔަރ ކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 151 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރިޓަޔަރކުރުމުން ދޭ އިނާޔަތް ލިބުމުގެ ށަރުތު 151.

ރިޓަޔަރ ކުރެވޭ ކަސްޓަމްސް މުވައްޒަފުންނަށް މި ގަވާއިދުގެ 157 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިނާޔަތް ލިބޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) މި ގަވާއިދުގެ 150 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ހާލަތުގައި، ވަޒީފާއިން ވަކިކުރެވޭއިރު ދައުލަތަށް 20 (ވިހި) އަހަރުދުވަހުހިދުމަތްކޮށްފައިވުމާއެކު، މީގެތެރެއިން މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުކަސްޓަމްސްއަށް ހިދުމަތްކޮށްދީފައިވުން.

(ށ) މި ގަވާއިދުގެ 150 ވަނަ މާއްދާގެ (ރ)، (ބ)، (ޅ) އަދި (ކ) ގައިވާ ހާލަތުގައި، ހިދުމަތުގައި މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަކަށް ކަސްޓަމްސްއަށް ހިދުމަތްކޮށްދީފައިވުން.

(ނ) ކަސްޓަމްސް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާއެއް ނުވަތަ އޮފީހެއްގައި ވަކި މުއްދަތަކަށް މަސައްކަތްކުރުމުގެ ސަބަބުން، އެ މުއައްސަސާ ނުވަތަ އޮފީހަކުން ރިޓަޔަރ ނުވަތަ މުސްކުޅިކުރިކަމުގެ ދަރަޖަދީ، ވަކި އިނާޔަތްތަކެއް ހަމަޖައްސައިފައިވާ މީހެއްކަމުގައި ނުވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 155 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

އަމިއްލައަށް އެދިގެން ރިޓަޔަރވުން 155.

(ށ)  އަމިއްލައަށް އެދިގެން ރިޓަޔަރވާން ބޭނުންވާ މުވައްޒަފުން، އެކަމަށް އެދެން ވާނީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިންނެވެ. އެ މުވައްޒަފަކު ރިޓަޔަރކުރަން ބޭނުންވާ ސަބަބަށް ރިއާޔަތްކޮށް، މި ގަވާއިދުގެ ދަށުން ރިޓަޔަރ ކުރެވޭކަން ނުވަތަ ނޫންކަން ނިންމާނީ ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 158 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރިޓަޔަރކުރި ކަމުގެ ދަރަޖަ އަނބުރާ އަތުލުމާއި، އިނާޔަތްދިނުން ހުއްޓާލުން 158.

(ހ)  މުވައްޒަފެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައެއް ތަހްގީގު ކުރަމުންދާނަމަ، މި ގަވާއިދުގައިވާ ރިޓަޔަރކުރުމުގެ ށަރުތު ފުރިހަމަވާ މުވައްޒަފެއްގެ ރިޓަޔަރމެންޓާމެދު ގޮތެއް ނިންމާނީ، ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަހްގީގު ނިމުމުން، ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފާ ގެ މަތިން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.

(ށ)  ރިޓަޔަރކޮށްފައިވާ މުވައްޒަފުންނަށް ދީފައިވާ ށަރަފުވެރިކަމާއެކު ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔަރ ކުރިކަމުގެ ދަރަޖަ އަނބުރާ އަތުލެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ރިޓަޔަރކުރި ފަރާތް ކަސްޓަމްސްގެ ވަޒީފާ އަދާކުރުމުގައި ކޮށްފައިވާ ކަމަކާއި ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާ ގުޅިގެން އެ ފަރާތެއްގެ މައްޗަށް ށަރުއީ ކޯޓަކުން ހުކުމްކުރުން؛
  2. ށަރަފުވެރިކަމާއެކު ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔަރކޮށްފައިވާ ފަރާތެއްގެ މައްޗަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވާކަމަށް، ށަރުއީ ކޯޓަކުން ހުކުމެއްކުރުން. މި ހާލަތުގައި ރިޓަޔަރކޮށްފައިވާ މުވައްޒަފަށް ދީފައިވާ، ށަރަފުވެރިކަމާއެކު ވަޒީފާއިން ރިޓަޔަރ ކުރިކަމުގެ ދަރަޖަ އަނބުރާ އަތުލެވޭނީ، ށަރުއީ ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔަރކޮށްފައިވާ ފަރާތަކަށް ދީފައިވާ ށަރަފުވެރިކަމާއެކު ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔަރ ކުރިކަމުގެ ދަރަޖަ އަތުލުމުގެ އިތުރުން ކަސްޓަމްސް މުވައްޒަފުންގެ ގަވާއިދުގެ ދަށުން ރިޓަޔަރކުރެވޭ ކަސްޓަމްސް މުވައްޒަފުންނަށް ދެމުންގެންދާ އިނާޔަތްތައް އެ ފަރާތަކަށް ދިނުން ހުއްޓައިލެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ ކަމެއް ބެލުމަށްފަހު އެ މުވައްޒަފަށް ދީފައިވާ ށަރަފުވެރިކަމާއެކު ރިޓަޔަރކުރިކަމުގެ ދަރަޖަ އަތުލުމާއި، ރިޓަޔަރކުރުމުން ދެވޭ އިނާޔަތްތައް ދިނުން ހުއްޓާލުމަށް ނިންމާނީ، ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 159 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރިޓަޔަރޑް ތަޖުރިބާކާރުން ގެންގުޅުން 159.

މި ގަވާއިދުގައި ބުނެފައިވާ ރިޓަޔަރމަންޓް އުމުރު ހަމަވުމުން އެ މުވައްޒަފުން ރިޓަޔަރ ކުރުމަށްފަހު ވަކި މަސައްކަތެއް ނުވަތަ ވަކި މަގްސަދެއް ހާސިލު ކުރުމަށްޓަކައި އެފަދަބަޔަކު ކޮންޓްރެކްޓް އުސޫލުން ގެންގުޅުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް އޮންނާނެއެވެ.  

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 161 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސް މަގާމުން ރިޓަޔަރކުރުން 161.

(ހ)  ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މަގާމު ކަމުގައިވާތީ ،އެ ދެ މަގާމުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ރިޓަޔަރކުރަން ބޭނުންވެއްޖެނަމަ އެކަން ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 163 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

މުއްދަތު ބަލާނެގޮތް 163.

(ނ)  މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި، ދައުލަތުގެ އެހެން މުއައްސަސާއެއް ނުވަތަ އޮފީހެއްގައި ވަކި މުއްދަތަކަށް މަސައްކަތްކުރުމުގެ ސަބަބުން، ވަޒީފާގެ މުއްދަތު ގުޅުވާފައި އޮތް ކަމުގައިވާނަމަ ކަސްޓަމްސްއަށް ހިދުމަތްކުރި މުއްދަތު ގުނުމުގައި އެ މުއްދަތު ގުނޭނެއެވެ.

 

9 ވަނަ މާއްދާ - .ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ ބާބުގެ ފަހަތަށް 15 ވަނަ ބާބުގެ ގޮތުގައި އަންނަނިވި ގޮތަށް ބާބެއް އިތުރުކޮށް،
އެ ބާބަށް އަންނަނިވި މާއްދާތައް އިތުރުކުރުން. 

 

5 ވަނަ ބާބު

އޮފީހަށް ނުކުތުން މަނާކުރުން

224 ވަނަ މާއްދާ - އޮފީހަށް ނުކުތުން މަނާކުރުން

މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރުމަކީ، މުވައްޒަފުގެ އަބުރަށާއި ކަރާމާތަށް އަސަރުކޮށްފާނެ ކަމަކަށް ވުމާއެކު، މި ފިޔަވަޅު މުވައްޒަފާމެދު އަޅަންވާނީ އެކަމަށް ކޮންމެހެން ބޭނުންވެގެންނެވެ. މި ބާބުގެ ބޭނުމަކީ މުސާރަ ދޭގޮތަށް މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.

 

225 ވަނަ މާއްދާ - މުވައްޒަފުން އޮފީހަށް ނުކުތުން މަނާ ކުރެވޭނެ މުއްދަތު

(ހ) މި ގަވާއިދުގެ 226 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ކުށެއްގެ ތުހުމަތުކުރެވޭ މުވައްޒަފުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތަށް އޮފީހަށް ނުކުތުން މަނާކުރުމުގެ އިހުތިޔާރު ހިއުމަންރިސޯސް މެނޭޖްމަންޓް ބޯޑުގެ ލަފާގެމަތިން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރެވޭނީ، ފަހަރަކު 30) ތިރީސް) ދުވަހުގެ މުއްދަތަށް، އެކު ޖުމްލަ ގިނަވަގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާ ގޮތަށެވެ. މިގޮތުން، ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ މުއްދަތު އިތުރުކުރަންޖެހޭ ހާލަތްތަކުގައި، ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރު ކުރަންވާނެއެވެ.

(ނ) މި ބާބުގެ ދަށުން އޮފީހަށް ނުކުތުން މަނާކުރާ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

 

226 ވަނަ މާއްދާ - އޮފީހަށް ނުކުތުން މަނާ ކުރެވޭނެ ހާލަތްތަކާއި އެ ހާލަތްތަކުގައި އަމަލުކުރަންވީގޮތ

(ހ) މި ގަވާއިދުގެ ދަށުން ކަސްޓަމްސްގެ މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރެވޭނެ ހާލަތްތައް ތިރީގައި އެވަނީއެވެ.

  1. އޮފީސް މާހައުލުގެ ތެރޭގައި ކުށެއް ކުރަން އުޅުނުކަމަށް ނުވަތަ ކުރިކަމަށް ތުހުމަތު ކުރެވުން؛
  2. ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަނައްތައިލުމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ބެލެވުން؛
  3. މުވައްޒަފު އޮފީހަށް ނުކުމެ އުޅުމުން އޭނާއެކު މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ހޯދަން އަންނަ މީހަކަށް ނުވަތަ ބަޔަކަށް ސީދާ ގެއްލުމެއް ނުވަތަ މައްސަލައެއް ކުރިމަތި ވެދާނެކަމަށް ބެލެވުން؛
  4. ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތުން، އެ މުވައްޒަފު އޮފީހަށް ނުވަތަ ވަޒީފާއަށް ނުކުމެ އުޅޭނަމަ، އޭގެ ސަބަބުން އޮފީހުގެ ށަރަފާއި ކަރާމާތަށް ގެއްލުން ލިބިދާނެކަމަށް ބެލެވުމާއި، ކަސްޓަމްސްއާ މެދު އާންމުންގެ އިތުބާރު ގެއްލިދާނެކަމަށް ބެލެވުން؛
  5. ގާނޫނަކުން ބާރު ލިބިގެން ދައުލަތުގެ އިދާރާއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް އެ އިދާރާއަކުން ކަސްޓަމްސްއަށް ހުށަހެޅުން ނުވަތަ އެ މައްސަލައަކާގުޅިގެން އެ މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރުމަށް ކަސްޓަމްސްއަށް ފެނުން؛

(ށ) މި މާއްދާގެ (ހ) ގައި އެހެންއޮތް ކަމުގައިވިޔަސް، މުވައްޒަފެއް އޮފީހަށް ނުކުތުން ކުއްލިގޮތަކަށް މަނާ ކުރަންޖެހިއްޖެނަމަ، އެ މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފްކަސްޓަމްސްއަށް ލިބިގެންވެއެވެ. މިގޮތުން ނިންމާ ނިންމުން އެންމެ އަވަހަށް ބާއްވާ ހިއުމަންރިސޯސް މެނޭޖުމަންޓް ބޯޑަށް ހުށަހަޅައި ބޯޑުގެ ލަފާ ހޯދަންވާނެއެވެ.

(ނ) ކަސްޓަމްސް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރަން ނިންމައިފިނަމަ ނުވަތަ އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުއްދަތު އިތުރުކޮށްފިނަމަ، އެކަން އެ މުވައްޒަފަށް ލިޔުމުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފެއްގެ މައްސަލަ، މި ގަވާއިދުގައިވާ ގޮތުގެމަތިން ބަލައި ނިންމުމަށްފަހު ނުވަތަ މައްސަލަ ބަލައި ނިމުމުގެކުރިން މުވައްޒަފު އަލުން އޮފީހަށް ނެރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާކަން ބަޔާންކޮށް، އެކަން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން އެ މުވައްޒަފަށް އަންގަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުވައްޒަފެއް ވަޒީފާ އަދާކުރާ ކަސްޓަމްސްގެ އޮފީސް ގާއިމުވެފައިވާ ރަށުން ފުރައިގެން އެހެން ރަށަކަށް ދާންވާނީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަންގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ. އޮފީހަށް ނުކުތުން މަނާކުރެވޭއިރު، މުވައްޒަފު ހުރީ އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކަސްޓަމްސްގެ އޮފީސް ގާއިމުވެފައިހުރި ރަށް ނޫން އެހެން ރަށެއްގައި ނަމަވެސް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް އެކަން އަންގައި ލިޔުމުން ހުއްދަ ހޯދަންވާނެއެވެ.

 

227 ވަނަ މާއްދާ - އޮފީހަށް ނުކުތުން މަނާ ކުރުމަކީ އިސްލާހީ ފިޔަވަޅު އެޅުން ކަމުގައި ނުބެލުން

މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރުމަކީ މި ގަވާއިދުގެ 48 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރާއި، ވަޒީފާއާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި ބުނެފައިވާ އިސްލާހީ ފިޔަވަޅު އެޅުން ކަމުގައި ނުބެލެވޭނެއެވެ.

 

228 ވަނަ މާއްދާ - އޮފީހަށް ނުކުތުން މަނާ ކުރެވޭ މުވައްޒަފުންނަށް މުސާރަ ދިނުމުގައި އަމަލުކުރަންވީގޮތް

މި ބާބުގެ ދަށުން މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރެވިފައިވާ ދުވަސްތަކަށް އެ މުވައްޒަފެއްގެ މަގާމުގެ އަސާސީ މުސާރައިގެ އިތުރުން ދެވޭނީ ތިރީގައި ބަޔާންކުރާ އެލަވަންސްތައް އެކަންޏެވެ.

  1. ސަރވިސް އެލަވަންސް؛
  2. ނޮން ޕްރެކްޓިސް އެލަވަންސް؛
  3. ލޯންގް ސަރވިސް އެލަވަންސް؛
  4. ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ؛
  5. ޓެކްނިކަލް ކޯ އެލަވަންސް

 

229 ވަނަ މާއްދާ - އަނބުރާ އޮފީހަށް ނުކުތުން

މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައިވާ މުއްދަތު ހަމަވުމުން އޮފީހަށް ހާޒިރުވާންވާނެއެވެ. އަދި އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެކަން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން އެ މުވައްޒަފަށް އަންގައިފިނަމަ، އެކަން އެންގި ތާރީހުން ފެށިގެން އޮފީހަށް ހާޒިރުވާން ވާނެއެވެ. ގަވާއިދުގައިވާ ގޮތުގެމަތިން ޗުއްޓީއެއް ހަމަޖެހިގެން ނުވަތަ ހާޒިރުނުވުމަށް ކުރިއަށް ހުއްދަ ލިބިގެން ނޫން ގޮތެއްގައި ހާޒިރުނުވެ ހުންނަ ކޮންމެ ދުވަހަކީ، ގައިރު ހާޒިރީއެއް ކަމަށް ބަލަންވާނެއެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު