އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2017-08)
(މި ގަވާއިދު ވަނީ ގަވާއިދުގެ ނަންބަރު 2022-135 ގެ 22 ވަނަ މާއްދާއިން އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރަފު
މިިއީ ގާނޫނު ނަންބަރު 2009-05 ("އެއްގަމު ދަތުރުފަތުރުގެ ގާނޫނު") ގެ 3 ވަނަ މާއްދާ (ހ) އިން ބާރުލިބިގެން އެކުލަވައިލެވިފައިވާ އެއްގަމު އުޅަނދުގައި މުދާ އުފުލުމާއި، މުދާ އަރުވައި ބޭލުމާއި، މުދާ އުފުލާ އުޅަނދެއްގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ގަވާއިދެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ "އެއްގަމު އުޅަނދުގައި މުދާއުފުލުމުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - އަމަލު ކުރަން ފަށާތާރީހު
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 2017 ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.
4 ވަނަ މާއްދާ - ގަވާއިދު ހިންގާފަރާތް
މިި ގަވާއިދު ހިންގާނީ އެއްގަމު ދަތުރުފަތުރުގެ ވުޒާރާއިން ނުވަތަ މި ގަވާއިދުގެ ދަށުން އިހުތިޔާރު ދީފައިވާ ފަރާތަކުންނެވެ.
5 ވަނަ މާއްދާ - މުދާ އުފުލާ އެއްގަމު އުޅަނދު
މުދާ އުފުލާ އެއްގަމު އުޅަނދަކީ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު" ގެ ދަށުން މުދާ އުފުލާ އުޅަނދުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދާއި ވަކި ބާވަތެއްގެ މުދަލާއި ތަކެތި އުފުލުމަށް ހާއްސަކުރެވިފައި ހުންނަ އެއްގަމު އުޅަނދެވެ.
6 ވަނަ މާއްދާ - އުުޅަނދުގައި އެންމެ ގިނަވެގެން މުދާ އުފުލޭނެ ބަރުދަން
(ހ) މުދާ އުފުލާ ެއއްގަމު އުޅަނދުގެ ރަޖިސްޓަރީގައި އެ އުޅަނދެއްގައި އުފުލޭނެކަމަށް ކަނޑައަޅާފައިވާ ބަރުދަން މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތަށް އުޅަނދުގެ ދެފަރާތުގެ ކުރީ ދޮރުފަތުގައި ލިޔެފައި އޮންނަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަރުދަނަށްވުރެ އިތުރަށް މުދާ އުފުލުމަކީ މަނާކަމެކެވެ.
7 ވަނަ މާއްދާ - އުޅަނދުގައި މުދަލާއި ތަކެތި އުފުލުން
(ހ) މުުދާ އުފުލާ އެއްގަމު އުޅަނދުގައި، މުދާ އުފުލަންވާނީ، އެ އުޅަނދެއް ދުއްވާފައިދާއިރު، ދުއްވާމީހާއަށް ކުރިއާއި ފަހަތް ފެންނަގޮތަށެވެ. އަދި ދިއްލަންޖެހޭ ހުރިހާ ބައްތިތައް ފެންނަން ހުންނާނެގޮތަށާއި، ނަންބަރު ޕްލޭޓް ފެންނަން ހުންނާނެގޮތަށެވެ.
(ށ) މުދަލާއި ތަކެތި، މުދާ އުފުލާ އެއްގަމު އުޅަނދުގައި އުފުލާއިރު އުޅަނދަކަށް އަރުވާފައިވާ މުދަލެއް އެ އުޅަނދެއްގެ ކުރިއަށް ނެރެފައި ބެހެއްޓުމަކީ މަނާކަމެކެވެ. އަދި އުޅަނދަށްވުރެ ދިގު ތަކެތި އަރުވައިގެން ދުއްވާފައި ދާއިރު އުޅަނދުގެ ފަހަ ުތން ބޭރަށް
ނުކުމެފައި ހުންނަ ބައި، އުޅަނދުގެ ފޮށިގަނޑުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ދިގުވެގެން ނުވާނެއެވެ. އުޅަނދުގެ ފަހަތުން ބޭރަށް ހުންނަގޮތަށް މުދާ އުފުލާނަމަ، ހެނދުނު 6:00 އިން ފެށިގެން ހަވީރު 18:00 އާ ދެމެދު، މުދާ އުފުލާ އުޅަނދުން ބޭރަށް ފަހަތަށް ނުކުމެފައިވާ މުދަލުގެ ނުވަތަ ތަކެތީގެ ކޮޅުގައި 1 ފޫޓު ދިގު، 1 ފޫޓު ފުޅާމިނުގެ ރަތްކުލައިގެ ދިދައެއް ހަރުކޮށްފައި ހުންނަންވާނެއެވެ. ހަވީރު 18:00 ން ފެށިގެން ހެނދުނު 6:00 އާ ދެމެދު މުދާ އުފުލާނަމަ، އުޅަނދުން ބޭރަށް ނުކުމެފައި ހުންނަ ބައިގައި ރަތް ނުވަތަ އޮރެންޖް ކުލައިގެ އަލި ފެންނަ ބައްތިއެއް، އުޅަނދުން ބޭރަށް ފަހަތަށް ނުކުމެފައިވާ މުދަލުގެ ނުވަތަ ތަކެތީގެ ކޮޅުގައި ދިއްލާފައި ހުންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ދިދަ ހަރުކޮށްފައި ހުންނަންވާނީ މީހުންނަށް ފެންނާނެހެން ވިހުރޭ ގޮތަށެވެ. އަދި، ބައްތީގެ އަލި ހުންނާވާނީ، 100 (ސަތޭކަ) ފޫޓު ދުރުން ސާފުކޮށް ފެންނަ މިންވަރަށެވެ.
(ރ) ފޮށީގައި ބަންދުކޮށްފައި ހުންނަ ނުވަތަ ވަކިވަކިން ހުންނަ މުދާ ނުވަތަ އުޅަނދުގ ފޮށިގަނޑު ތެރެއަށް އޮއްސައިގެން އުފުލާ މުދަލާއި ތަކެތި، އުޅަނދުގައި އުފުލަންވާނީ އުޅަނދުގެ ފޮށިގަނޑުން ބޭރަށް ނުވެއްޓޭގޮތަށް ނުވަތަ ބޭރަށް ފައިބައިގެން ނުދާގޮތަށް ބަނދެފައި ބަހައްޓައިގެން ނުވަތަ އޮހިގެން ނުދާނެ ގޮތަށް ނުވަތަ ބުރައިގެން ނުދާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު ރަނގަޅަށް އަޅައިގެންނެވެ.
(ބ) އުޅަނދުގައި މުދާ ބަހައްޓާފައި ހުންނައިރު އުޅަނދުގެ ފޮށިގަނޑުގެ އަރިމަތިން ބޭރަށް މުދާ ބެހެއްޓުމާއި، އަރިމަތީފިލާ ތިރިކޮށްގެން ދުއްވުމާއި، އުޅަނދަށްވުރެ ދިގުކޮށް ހުންނަ މުދާ އުފުލާއިރު ފަހަތު ނަންބަރު ބޯޑު، އަދި ބައްތިތައް ނުފެންނަގޮތަށް ފަހަތުފިލާ ތިރިކޮށްފައި ބެހެއްޓުމާއި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އުޅަނދުގައި މުދާ އުފުލުމަކީ މަނާކަމެކެވެ.
(ޅ) މުދާ އުފުލާ އުޅަނދުގެ ޑްރައިވަރުގެ ކެބިން ނުވަތަ ބޯބުރީގައި، ޑްރައިވަރު ފަހަތު ފޮށިގަނޑު ބެލުމަށް ހުންނަ ބިއްލޫރިގަނޑު (ރިއަރ ވިއު ގްލާސް) އިން ޑްރައިވަރަށް ފަހަތް ނުފެންނަ ވަރަށް މުދާ ބަހައްޓައިގެން ދުއްވުމަކީ މަނާކަމެކެވެ. އަދި އެ މުދަލެއްގެ ބާވަތުން އެއްފޮށިގަނޑަކަށް ހުރުމުގެ ސަބަބުން ނުވަތަ އެ މުދަލެއްގެ ބޮޑުމިނުގެސަބަބުން ބިއްލޫރިގަނޑަށްވުރެ އުސްވާނަމަ އެހީތެރިޔަކު ނެތި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމަކީ ވެސް މަނާކަމެކެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާގޮތަށް މުދާ ބެހެއްޓިނަމަވެސް، އެ އުޅަނދުގެ ބޯބުރި ނުވަތަ ޑްރައިވަރުގެ ކެބިންއަށްވުރެ އުސްކޮށް މުދާ ބެހެއްޓުމަކީ މަނާކަމެކެވެ. ޅިއަކަށް ލަނބާާލ
(އ) މުދާ އަރުވައި ބާލަން މަޑުކުރާ އެއްވެސް އުޅަނދެއް މަގަކަށް ނުވަތަ ގޯ ކަންމަތީގައި، މަގުގެ މެދަށް ވާގޮތަށް ނުވަތަ އާންމު ޓްރެފިކަށް ދަތިވާގޮތަށް މަގުމައްޗަށް މަޑުކުރުމަކީ މަނާކަމެކެވެ.
(ވ) މުދާ އުފުލާ އުޅަނދު ދުއްވަން އިންނަ ޑްރައިވަރު، އުޅަނދު ދުއްވާއިރު މުދަލާއި ތަކެތި އަތުން ހިފައިގެން ގެންދިއުމަކީ މަނާކަމެކެވެ.
(މ) ގުދަނަކުން އުޅަނދަށް މުދާ އަރުވައި ބާލަންވާނީ ގުދަނުގެ އެތެރޭގައި ބާއްވައިގެން ނުވަތަ މަގާއި، ދުވާރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާގޮތަށް އުޅަ ުނދ ބާއްވައިގެންނެވެ.
(ފ) ސިމެންތި، ގޮދަންފުށް ފަދަ ކުނޑިބުރާ މުދާ އުފުލަންވާނީ، އެފަދަ ތަކެތިން ކުނޑިނުބުރާނެ ގޮތަށް މުދާ އުފުލާ އުޅަނދުގެ ފޮށިގަނޑާއެކު ސަތަރިއެއް ނުވަތަ އެފަދަ އެއްޗެއް އަޅައި ރަނގަޅަށް ނިވައިކޮށް ބަންދުކޮށްގެންނެވެ.
(ދ) މުދާ އުފުލާ އުޅަނދަށް މުދާ އަރުވައި ބޭލުމަށް ވަކި ސަރަހައްދަކާއި ވަގުތެއް ސިޓީއެއްގައި ނުވަތަ ރަށެއްގައި ހަމަޖައްސާ ފައިވާނަމަ، އެނޫން ސަރަހައްދެއްގައި އެ ނޫން ވަގުތެއްގައި، އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި މުދާ އަރުވާ ބޭލުމަކީ މަނާކަމެކެވެ.
8 ވަނަ މާއްދާ - އެހެނިހެން އުޅަނދުގައި މުދާ އުފުލުން
(ހ) ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ތައްޔާރުކޮށްފައި ހުންނަ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅުލީ އުޅަނދުގައި އެ އުޅަނދަށްވުރެ ދިގު ތަކެއްޗާއި، އެ އުޅަނދަށްވުރެ ފުޅާތަކެއްޗާއި، ފަހަތުގައި އިންނަ މީހަކަށް އެއް އަތުން ނުހިފޭވަރުގެ ބަރުތަކެއްޗާއި، އެ އުޅަނދަކުން ދާ މީހުންނަށް ވުރެ އުސް ތަކެއްޗާއި، އުސްކޮށް ތަކެތި ބަހައްޓައިގެން އުފުލުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އުޅަނދެއްގައި ތަކެތި ގެންދަންވާނީ އެ އުޅަނދަށްވުރެ ފުޅާނުވާގޮތަށާއި އެ އުޅަނދެއްގައި ދަތުރުކުރާ މީހުންނަށްވުރެ އުސްނުވާނެ ގޮތަށާއި، އެ އުޅަނދަށް ވުރެ ބޭރަށް ނުނުކުންނަގޮތަށް އެ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ ވަށިގަނޑަށް ނުވަތަ ފޮށްޓެއްފަދަ އެއްޗަކަށް ލައިގެންނެވެ. ނުވަތަ އެތަކެތި ނުވެއްޓޭގޮތަށް އުޅަނދުގެ ފަހަތުގައި ބަނދެގެންނެވެ. މިގޮތަށް ތަކެތި އުފުލާއިރު އުޅަނދުގެ ހެޑްލައިޓް، ސިގްނަލްލައިޓް، ޓެއިލްލައިޓް، އަދި ނަންބަރު ޕްލޭޓު ނިވާވާ ގޮތަށް މުދާ އުފުލުމާއި ގެންދިއުމާއި، އަދި ދުއްވަން އިންނަ މީހާގެ ދެއަތާއި ދެފައި ބަންދުވާ ގޮތަށް ތަކެތި ގެންދިއުމަކީ މަނާކަމެކެވެ.
(ނ) މުދާ އުފުލުމަށް ބޭނުންކުރާ ޓްރޯލީ ފަަދަ އުޅަނދުގައި މުދަލާއި ތަކެތި އުފުލާއިރު، ޓްރޯލީ ދަމަން ހުންނަ އަތްގަނޑުގެ މަތީކައިރިއަށްވުރެ މައްޗަށް މުދާ އެރުވުމާއި، ޓްރޯލީގައި މުދާ ގެންދަން ހުންނަ މީހާއަށް ކުރިމަތި ނުފެންނަގޮތަށް މުދާ އަރުވައިގެން ޓްރޮލީ ފަދަ އެއްޗެއް މަގުމަތީގައި ދަމާފައި ގެންދިއުމަކީ މަނާކަމެކެވެ. އަދި މިފަދަ އެއްޗެއްގައި ތަކެތި އުފުލަންވާނީ ޓްރެފިކް ނިށާންތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
9 ވަނަ މާއްދާ - ކުނި ނުވަތަ އެއާ އެއްފަދަ އެއްޗެއް އުޅަނދުގައި އުފުލުން
(ހ) ކުނި އުފުލާގޮތަށް ފަރުމާކުރެވިފައި ހުންނަ އުޅަނދު ފިޔަވައި އެހެން އުޅަނދެއްގައި ކުނި ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފުލަންވާނީ މަގުމައްޗަށް ނޭޅޭގޮތަށް އަދި އޭގައިހުރި ވަސް މާހައުލަށް ނުފެތުރޭގޮތަށް ސަތަރިއެއް ފަދަ އެއްޗެއް އަޅައި ރަނގަޅަށް ނިވައިކޮށް ބަންދުކޮށްގެންނެވެ.
(ށ) ކުނި އުފުލާގޮތަށް ފަރުމާކުރެވިފައި ހުންނަ އުޅަނދު ފިޔަވައި އެހެން އުޅަނދެއްގައި ކުނި އުފުލާނަމަ، އެ އުޅަނދެއްގެ ފޮށިގަނޑަށްވުރެ އުސްކޮށް ކުނި ބަރުކުރަންވާނީ އެ އުޅަނދުގެ ފޮށިގަނޑުގެ ދެ އަރިމަތީ ފިލަޔާއި، ފަހަތުފިލާ އެކުލެވޭގޮތަށް ފޮށިގަނޑެއް ހަދައި، އުފުލާ ކުނީގެ އެއްވެސް މިންވަރެއް ބޭރަށް ނޭޅޭގޮތަށް ރައްކާތެރިކަމާއެކު އެތެރޭގައި ކުނި ހިފެހެއްޓިފައި ހުންނަގޮތަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޮށިގަނޑު، އުޅަނދުގެ ޑްރައިވަރުގެ ކެބިން ނުވަތަ ބޯބުރިއަށްވުރެ އުސްވެގެން ނުވާނެއެވެ. އަދި ކުނި އުކާލުމަށް ބޭނުންކުރާ އެއްވެސް އުޅަނދެއްގެ ފޮށިގަނޑުގެ ދެ އަރިމަތީގައާއި ފަހަތުގައި ފިލާގަނޑެއް ޖައްސައިގެން އުޅަނދުގެ ފޮށިގަނޑުގެ ތެރެއަށް ކުނި އޮއްސައިގެން އުފުލުމަކީ މަނާކަމެކެވެ.
(ރ) މި މާއްދާގައިވާ ގޮތުގެމަތީން ކުނި އުފުލާއިރު އެ އުޅަނދުގެ ފަހަތު ފޮށިގަނޑުގައި މީހުން އުފުލުމަކީ މަނާކަމެކެވެ.
(ބ) ބައިސްކަލުގައި ކުނި އުފުލަންވާނީ ބައިސްކަލުގެ ފަހަތުގައި ކުނިއަޅާ ފޮށިގަނޑެއް ހަރުކޮށް، ކުނީގައި ހުރި ވަހާއި، ކުނި މާހައުލަށް ނުފެތުރޭނެ ގޮތަށް ބަންދުކޮށްގެންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފޮށިގަނޑު ހުންނަންވާނީ ބައިސްކަލުގެ ހުންގާނަށްވުރެ ފުޅާނުވާގޮތަށް، ބައިސްކަލު ދުއްވަން އިންނަ މީހާއަށް ވުރެ އުސްނުވާގޮތަށް، ބައިސްކަލުގެ ފަހަތު ފުރޮޅަށްވުރެ ފަހަތަށް ނުނުކުންނަ މިންވަރަށެވެ. އަދި މި ފޮށިގަނޑަށް އަޅައިގެން ގެންދެވޭވަރަށްވުރެ އިތުރަށް، ބައިސްކަލުގެ އެކިދިމަދިމާގައި ކޮތަޅު، ގޯނި ނުވަތަ މިނޫންވެސް މި ބާވަތުގެ ތަކެތި އެލުވައިގެން ނުވަތަ އަޅުވައިގެން އެއަށް ކުނި އަޅައިގެން އުފުލުމަކީ މަނާކަމެކެވެ.
(ކ) ތެޔޮ އުފުލާ އެއްގަމުއުޅަނދު ސިޓީތަކާއި ރަށްރަށުގައި ދަތުރުކުރާނެ މަގުތައް ކަނޑައަޅާނީ މިނިސްޓްރީ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ. އެގޮތުން ތެޔޮ އުފުލާ އުޅަނދު ވަނުމަށް ކަނޑައަޅާފައިވާ މަގުނޫން މަގަކަށް ވަންނަން ޖެހިއްޖެނަމަ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ދަންވާނެއެވެ.
10 ވަނަ މާއްދާ - އަލިފާން ހިފާޒާތުގެ ތަކެއްޗާއި، ތެލާއި ކެމިކަލް އަދި ގޭސް ފަދަ ތަކެތި އުފުލުން
(ހ) މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިދާނެ ފަދަ އަލިފާން ހިފާ ޒާތުގެ އެއްޗިއްސާއި، ތެލާއި ކެމިކަލް އަދި ގޭސް ފަދަ އެއްޗެއް އުޅަނދުގައި އުފުލަންވާނީ "ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްޗެއް އުފުލާ އުޅަނދު، ވަރުކޮށްގެން މަތުމަތީގައި ގަޑިއަކު 15 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމަކީ މަނާކަމެކެވެ.
(ނ) މަގުމަތީގައި ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމުގެ ގޮތުން ނޫންގޮތަކަށް އެއްގަމުގައި ދުއްވާ އެއްއުޅަނދަކުން އަނެއް އުޅަނދަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްޗެއް މަގުމަތީގައި ބަދަލުކޮށް ހެދުމަކީ މަނާކަމެކެވެ.
(ރ) އަލިފާން ހިފާ ނުވަތަ ގޮވާ ޒާތުގެ ތަކެތި އުޅަނދުގައި އުފުލާނަމަ، ދުއްވާ މީހާއާއި އޭނާގެ އެހީތެރިޔާ ފިޔަވައި އިތުރު އެހެން އެއްވެސް މީހަކު އެ އުޅަނދަށް އެރުވުމަކީ މަނާކަމެކެވެ.
(ބ) ތެޔޮ އުފުލާ އެއްގަމު އުޅަނދަށް ތެޔޮ ބަރުކުރުމާއި، ތެޔޮ ބަރުކޮށްފައިވާ އެއްގަމު އުޅަނދުން ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ތެޔޮ ފަދަ ތަކެތި އަޅަންވާނީ ރައްކާތެރިކަމާއެކުގައެވެ. އަދި ސިޓީތަކާއި ރަށްރަށުގައި އެކަމަށް ވަކި ސަރަހައްދަކާއި ވަގުތެއް ކަނޑައަޅާފައިވާނަމަ، އެނޫން ސަރަހައްދެއްގައި އެ ނޫން ވަގުތެއްގައި ތެޔޮބަރުކުރުމާއި ތެޔޮއެޅުމަކީ މަނާކަމެކެވެ.
(ޅ) ކައްކާގޭސް (އެލް.ޕީ.ޖީ)، އެސެޓްލިން ފަދަ އަލިފާން ހިފާފާނެ ޒާތުގެ ތަކެތި އުފުލަންވާނީ، އުޅަނދުގެ ބޯބުރި ނުވަތަ ޑްރައިވަރު ކެބިންއަށްވުރެ އުސްނުވާގޮތަށް މުދާ އުފުލާ އުޅަނދުގެ ފޮށިގަނޑު ވަށައިގެން ދަގަނޑު ޖާލިގަނޑެއްޖަހައި ގޭސްފުޅި ނުވެއްޓޭގޮތަށް ރައްކާތެރިކޮށެވެ.
11 ވަނަ މާއްދާ - ހިދުމަތުގެ އަގު ކަނޑައެޅުން
(ހ) އުޅަނދުގައި މުދަލާއި ތަކެތި އުފުލުމުގެ އަގު ސިޓީތަކުގައި ނަގަންވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުނުވާގޮތަށެވެ.
(ށ) ސިޓީތައް ފިޔަވައި އެހެން އަތޮޅުތަކާއި ރަށްރަށުގައި މުދަލާއި ތަކެތި އުޅަނދުގައި އުފުލުމުގައި އަގު ކަނޑައަޅާނީ، އެ ރަށެއްގެ ކައުންސިލުން ނުވަތަ އެ އަތޮޅެއްގެ އަތޮޅު ކައުންސިލުންނެވެ. މިގޮތުން ކަނޑައަޅާ އަގު މި ގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުވާނަމަ އެ އަގެއް ނަގަން ކަނޑައެޅުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ހޯދަންވާނެއެވެ. މިގޮތުން އަތޮޅުތަކާއި ރަށްރަށުގައި ކަނޑައަޅާ އަގު މި ގަވާއިދު ގެޒެޓުކުރާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ކަނޑައަޅައި ނިންމަންވާނެއެވެ.
12 ވަނަ މާއްދާ - ޖޫރިމަނާކުރުން
މި ގަވާއިދާ ހިލާފަށް އަމަލުކޮށްފިނަމަ 750ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.
13 ވަނަ މާއްދާ - މުދާ އުފުލާ އުޅަނދުގެ ޑްރައިވަރު
މުދާ އުފުލާ އެއްގަމު އުޅަނދުގައި ކުލީ ދަތުރުކުރެވޭނީ ދިވެހި ޑްރައިވަރުންނަށާއި ދިވެހި ދައުލަތުން ދޭ ރެޒިޑެންޓް ވިސާ ލިބިފައިވާ، ދިވެހިރައްޔިތަކާ ކައިވެނިކޮށްގެންއުޅޭ ބިދޭސީންނަށެވެ.
14 ވަނަ މާއްދާ - މާނަކުރުން
(ހ) "މުދާ އުފުލާ އުޅަނދު" ކަމުގައި ބުނެފައި އެވަނީ، C0 އާއި C2 , C1ި ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެވެ.
(ށ) "އެހެނިހެން އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދު ފިޔަވައި މުދާ ނުވަތަ ތަކެތި އުފުލާ އެހެން ކޮންމެ އެއްގަމު އުޅަނދަކަށެވެ. ދަމާގާޑިޔަލާއި، ވީލްބަރޯ ފަދަ ތަކެތިވެސް މި ގަވާއިދުގެ ބޭނުމަށް އެހެނިހެން އުޅަނދުގެ ގޮތުގައި ބެލެވޭނެއެވެ.
(ނ) "ކުނި އުފުލާ ގޮތަށް ފަރުމާކުރެވިފައި ހުންނަ އުޅަނދު" ކަމުގައި ބުނެފައި އެވަނީ، ނިބުނި އުފުލުމަށް ހާއްސަކޮށް ފަރުމާކުރެވިފައި ހުންނަ އުޅަނދަށެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
އުވި ގަވާއިދު
އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-135)
ކޮންސޮލިޑޭޓެޑް ގަވާއިދު
އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017-08)
ކިޔުންތެރިންގެ ހިޔާލު