-

ކުޑަކުދިންގެ އަދުލުގެ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 2021-117)

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 26 ވަނަ މާއްދާއާއި، 30 ވަނަ މާއްދާގެ (ލ) އާއި، 33 ވަނަ މާއްދާއާއި، 78 ވަނަ މާއްދާއާއި، 114 ވަނަ މާއްދާގެ (ހ) ގެ (4) ނަންބަރާއި އެ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ)  މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންގެ އަދުލުގެ އާންމު ގަވާއިދު" އެވެ.

(ނ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން ޑިޕާޓްމަންޓުން ކަނޑައަޅަންޖެހޭ އެންމެހައި އުސޫލުތަކަކާއި އެކުލަވައިލަންޖެހޭ އެންމެހައި ގަވާއިދުތަކެއް މި ގަވާއިދުގެ ތެރޭގައި ހިމެނިފައި ވީ ނަމަވެސް، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ އެހެނިހެން މުއައްސަސާތަކުގެ ދައުރާ ގުޅޭގޮތުން އެ ގާނޫނުގައި ކަނޑައަޅައިފައިވާ ކަންކަމުގެ ތަފުސީލުތައް މި ގަވާއިދުގެ ދާއިރާގައި ހިމެނިފައެއް ނުވެއެވެ. އަދި އެ ގާނޫނުން ޑިޕާޓްމަންޓާ މަތިކޮށްފައިވާ ކަންކަމާ ގުޅިގެން ގަވާއިދު ހެދުން މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމާ ގުޅޭ އިޖުރާއަތުތައް ބަޔާންކުރުން މި ގަވާއިދުގެ ދާއިރާގެ ތެރެޔަކު ނުހިމެނެއެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ކުޑަކުއްޖެއްގެ މައްޗަށް ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން، އެ ކުއްޖާގެ މައްޗަށް ތަހުގީގު ހިންގުމާއި، ދައުވާކުރުމާއި، އެ ދެ މަރުހަލާގައި އެ ކުއްޖާ ޑައިވަރށަނަށް ފޮނުވުމާމެދު ގޮތެއް ނިންމުމުގައި ޑިޕާޓްމަންޓުގެ ދައުރު އަދާކުރަމުންދާނެ ގޮތް ބަޔާންކުރުން.

(ށ) ރިސްކް އެސެސްމަންޓް ހަދަންޖެހޭ ހާލަތްތަކާއި ރިސްކް އެސެސްމަންޓް ހެދުމުގެ އުސޫލުތަކާއި، ރިސްކް އެސެސްމަންޓުގައި ހިމެނޭ ބައިތަކާއި، ރިސްކް އެސެސްމަންޓް ދަރަޖަކުރާނެ ގޮތް ބަޔާންކުރުން.

(ނ) ރިސްކް އެސެސްމަންޓަށްފަހު ވަކި ފިޔަވަޅުތަކެއް އަޅައިދިނުމަށް ތަހުގީގު އިދާރާގައި ޑިޕާޓްމަންޓުން އެދުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.

(ރ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުޑަކުދިންގެ ބަންދު މުރާޖައާކުރުމުގައި ޑިޕާޓްމަންޓުގެ ދައުރު އަދާކުރާނެ ގޮތް ބަޔާންކުރުން.
(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުޑަކުދިންނަށް އާއިލީ ބައްދަލުވުން ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(ޅ) ތުހުމަތުކުރެވޭ ކުއްޖާ ގާނޫނީ ވަކީލެއްގެ ފުރުސަތު ހޯދަމުންދާ ގޮތް ބަލައި މޮނިޓަރ ކުރުމާއި، ދައުލަތުން ވަކީލުން ހަމަޖެއްސުމުގައި ޑިޕާޓްމަންޓުން އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(ކ) ޑައިވަރށަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމުމުގައި ބަލަންވީ ކަންކަމާއި، ތަހުގީގު މަރުހަލާއާއި ދައުވާކުރުމުގެ މަރުހަލާގައި ޑައިވަރށަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމުމުގައި ކަމާބެހޭ ތަހުގީގު އިދާރާއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ޑިޕާޓްމަންޓުގެ ލަފަޔާއި އިރުށާދު ދޭނެ ގޮތް ބަޔާންކުރުން.

(އ) ޑައިވަރށަން ނިޒާމުގެ އެހެނިހެން އުސޫލުތައް އެކަށައެޅުމާއި، ޑައިވަރށަން ޕްލޭން އެކުލަވައިލާނެ ގޮތުގެ އިޖުރާއަތުތަކާއި ޑައިވަރށަން ފުރިހަމަކުރުމާއި، ޑައިވަރށަން ނިމުމަކަށް އަންނާނެ ގޮތުގެ ތަފުސީލުތައް ބަޔާންކުރުން.

(ވ) ރިހެބިލިޓޭޓިވް ޕްރޮގްރާމުތަކާއި، ފަރުވާގެ ޕްރޮގްރާމުތަކާއި،  ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ބޭނުމަށް ހިންގަންޖެހޭ އިސްލާހީ އެހެނިހެން ޕްރޮގްރާމުތައް ފަރުމާކުރުމާއި އެކަށައެޅުމުގެ އުސޫލުތައް ބަޔާންކުރުން.

(މ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ  އިތުރުންވެސް، މި ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) ގައި ހަވާލާދީފައިވާ މާއްދާތަކުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ އިޖުރާއަތުތައް އެކަށައެޅުން.

 

ދެވަނަ ބާބު

މުވައްޒަފުންނަކީ ހާއްސަ ތަމްރީނު ލިބިފައިވާ ބައެއްކަމުގައި ވުން

3 ވަނަ މާއްދާ - ހާއްސަ ތަމްރީނު ލިބިފައިވުމާއި، ބޭނުންވާ އަދަދަށް ގާބިލު މުވައްޒަފުން ތިބިތޯ ކަށަވަރުކުރުން

(ހ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި ޑިޕާޓްމަންޓުގެ ފަރާތުން ކުރާ ކަންކަން ކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަކީ، ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ހާއްސަ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ ގާބިލު ބައެއް ކަމުގައި ވާންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޑިޕާޓްމަންޓުގެ ދައުރު އަދާކުރުމަށާއި، މި ގަވާއިދުގައި ތަފުސީލުކޮށްފައިވާ ކަންކަން ކުރުމަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދާއި، މުވައްޒަފުންގެ ފަންތިތަކާއި، އެފަދަ މުވައްޒަފުންގެ އިލްމީ ގާބިލުކަމާއި، ފަންނީ ގާބިލުކަމާއި، ނަފްސާނީ ގާބިލުކަން ބަލާނެ މިންގަނޑުތަކާއި ށަރުތުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އަލުން ކަނޑައަޅަންވާނެއެވެ.

(ނ) މުވައްޒަފުން ހޮވުމުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ހުށަހެޅިފައިވާ ކުޑަކުދިންގެ މިންތީގެ ނިސްބަތަށް ރިއާޔަތްކޮށް، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

(ރ) ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާނެ މުވައްޒަފުން އެކި މަގާމުތަކަށް އިހުތިޔާރުކުރުމާއި ކަނޑައެޅުމުގައި އެ މުވައްޒަފުންގެ ފަސްމަންޒަރަކީ ރިއާޔަތްކުރެވޭ ކަމެއް ކަމުގައި ހަދަންވާނެއެވެ.

(ބ) ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު، ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ބަލައި ވަޒަންކުރަންވާނެއެވެ.

(ޅ) ޑިޕާޓްމަންޓާ ގުޅިގެން މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށް ކުޑަކުދިންނާއެކު މަސައްކަތް ކުރުމަށް ޓަކައި އެކަމަށް ބޭނުންވާ ހާއްސަ ސެންސިޓައިޒޭށަން ޕްރޮގްރާމުތައް އެ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަންވާނެއެވެ.

 

4 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުމާއި ސުލޫކީ މިންގަނޑު

(ހ) ޑިޕާޓްމަންޓުގެ ދައުރު އަދާކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ހުށަހެޅިފައިވާ ކުދިންނާ ގުޅިގެން ލިބެމުންދާ މައުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކުރުން ފަދަ ކަންކަމުން ފުރިހަމައަށް ދުރުހެލިވާންވާނެއެވެ. އަދި އަބަދުވެސް މަސައްކަތުގެ އަހުލާގު ބައްޓަންކުރަންވާނީ، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކޮށް،   އެ ކުދިންނަށް އެންމެ ފައިދާވާނެ ގޮތަށް، ނަޒާހަތްތެރިކަމާއި ސިއްރު ހިފެހެއްޓުމުގެ މައްޗަށެވެ.

(ށ) ޑިޕާޓްމަންޓުގެ ފަރާތުން ކުޑަކުދިންނާއެކު ހަރަކާތްތެރިވާ ފަރާތްތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި ތަބާވާންޖެހޭނެ ސުލޫކީ މިންގަނޑެއް އޮންނަންވާނެއެވެ.

 

5 ވަނަ މާއްދާ - ށަކުވާއެއް ހުށަހެޅިއްޖެނަމަ ބެލުން

(ހ) ޑިޕާޓްމަންޓުގެ ދައުރު އަދާކުރުމުގައި ހަރަކާތްތެރިވާ ފަރާތަކުން ކުޑަކުއްޖަކާމެދު ނުވަތަ އެ ކުއްޖާގެ އާއިލާއާމެދު މުއާމަލާތުކުރާ ގޮތެއްގެ ސަބަބުން ށަކުވާއެއް  ހުށަހެޅިއްޖެނަމަ، ހާއްސަ ސަމާލުކަމާއެކު އެ ކަމެއް ބަލަންވާނެއެވެ. މިގޮތަށް ހުށަހަޅާ ށަކުވާ ހުށަހަޅަންވާނީ ލިޔުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ށަކުވާއެއް ބިނާކޮށްފައިވަނީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ގަބޫލުކުރެވޭ ހާލަތެއްގައި، ށަކުވާ ރައްދުވީ ފަރާތުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމަކާ ނުލައި އަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޑިޕާޓްމަންޓާ ގުޅިގެން ޕްރޮގްރާމު ހިންގާ ފަރާތްތައް ވެސް ހިމެނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވަލައި، އެ އުސޫލަށް އަމަލުކުރަން ފަށަންވާނެއެވެ.

 

6 ވަނަ މާއްދާ - ތާޒާކުރުމުގެ ޕްރޮގްރާމުތައް ހިންގުން

(ހ) ޑިޕާޓްމަންޓުގެ ދައުރު އަދާކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް އަހުލުވެރިވެފައިވާ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހޭލުންތެރި އަދި ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ހާއްސަ ތަމްރީނާއި ހުނަރާއި އިރުށާދު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމުގެ ބޭނުމަށް ތާޒާކުރުމުގެ ޕްރޮގްރާމުތަކާއި އިލްމާއި ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމުތަކާއި މަށްވަރާ ބައްދަލުވުންތައް ގަވާއިދުން ރާވައި ހިންގަމުން ގެންދަންވާނެއެވެ.

(ށ) ތާޒާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމުތަކުގެ ރިކޯޑު ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިކޯޑުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ޕްރޮގްރާމުގެ ބާވަތް؛
  2. ޕްރޮގްރާމުގެ މަގުސަދު؛
  3. ކިޔަވައިދެވުނު ނުވަތަ މައުލޫމާތު ދެވުނު ދާއިރާތައް؛
  4. ޕްރޮގްރާމު ހިންގުނު ތަން؛
  5. ބައިވެރިވި މުވައްޒަފުން؛
  6. ނަތީޖާ ހާސިލުކުރެވުނު މިންވަރު؛
  7. ޕްރޮގްރާމް ހިންގި ތާރީހާއި މުއްދަތު؛
  8. ދެން ޕްރޮގްރާމް ހިންގަންޖެހޭ ތާރީހު. 

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ހަރަކާތެއް ހިންގުމަކާ ނުލައި 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ - މިނިސްޓަރަށް ރިޕޯޓުކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރަމުންދާ ގޮތުގެ ތަފުސީލުތައް، ކޮންމެ މަހަކު 1 (އެކެއް) ފަހަރު ޑިޕާޓްމަންޓުން މިނިސްޓަރަށް ފޮނުވަމުން ގެންދަންވާނެއެވެ.

(ށ) މުވައްޒަފުންގެ ދަތިކަމާއި މުވައްޒަފުންނަށް ހާއްސަ ތަމްރީނުތައް ދިނުމުގައި ދަތިކޮށް ދިމާވާ ކަންކަން، މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ފޮނުވާ ތަފުސީލުތަކުގައި ބަޔާންކުރަންވާނެއެވެ. އަދި ފަންނީ މާހިރުންގެ އިރުށާދާއި ލަފާ ހޯދަން ބޭނުންވާ ދާއިރާތައް އެ ތަފުސީލުތަކުގައި ފާހަގަކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ޕްރޮސީޖަރ މެނުއަލް އެކުލަވައިލުން

(ހ) މި ގަވާއިދުގެ ދަށުން ޑިޕާޓްމަންޓުގެ މުވައްޒަފުން އަމަލުކުރާނެ ގޮތުގެ ތަފުސީލީ އިޖުރާއަތުތައް ބަޔާންކޮށްފައިވާ ޕްރޮސީޖަރ މެނުއަލެއް އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލެވޭ ޕްރޮސީޖަރ މެނުއަލް، ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކޮށް، އެހިނދަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނެއެވެ.

(ނ) ޕްރޮސީޖަރ މެނުއަލުގައި، އަންނަނިވި މަސައްކަތްތައް ކުރާނެ ގޮތުގެ ތަރުތީބުތަކާއި ތަފުސީލުތައް ހިމެނެންވާނެއެވެ.

  1. އާއިލީ ބައްދަލުވުން ހަމަޖެއްސުން؛
  2. ގާނޫނީ ވަކީލުންގެ އެހީތެރިކަމުގެ ހައްގު ކުއްޖާ ލިބިގަންނަ ގޮތް ކަށަވަރުކުރުމާއި، ވަކީލުން ހަމަޖެއްސުމުގައި ކުއްޖާއަށާއި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުން؛
  3. ބަންދުކޮށްފައިވާ ކުއްޖާ ބަންދުކޮށްފައިވާ ބަންދުކުރުން މުރާޖައާކުރަމުންދޭތޯ ކަށަވަރުން؛
  4. ރިސްކް އެސެސްމަންޓް ތައްޔާރުކުރުން؛
  5. އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު އެކުލަވައިލުން؛
  6. ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމާ ފަރާތަށް އެ ފިޔަވަޅުއެޅުމުގައި އިރުށާދު ދިނުން؛
  7. ކުޑަކުއްޖެއްގެ މައްސަލަ ޑިޕާޓްމަންޓަށް ހުށަހެޅުމުން، އެ ކުއްޖެއްގެ މައްސަލައަކާ ގުޅިގެން ހުންނަ ކަންބޮޑުވުންތަކާމެދު މަށްވަރާކުރުމަށް ކޭސް ކޮންފަރެންސް އިންތިޒާމުކުރުން؛
  8. ކުއްޖާ ބައިވެރިވެފައިވާ ފަރުވާގެ ޕްރޮގްރާމު ކުއްޖާ ކުރިޔަށް ގެންދާގޮތުގެ ކަންކަން ބަލަމުން ގެންދިއުން.

 

ތިންވަނަ ބާބު

ބަންދުކޮށްފައިވާ ބަންދުކުރުން  މުރާޖައާކުރުމާއި، އާއިލީ ބައްދަލުވުން ދިނުމާއި، ވަކީލުން ހަމަޖައްސައިދިނުން

9 ވަނަ މާއްދާ - ބަންދުކޮށްފައިވާ ބަންދުކުރުން މުރާޖައާ ކުރަމުންދާކަން ކަށަވަރުކުރުން

(ހ) ގާނޫނާ ހިލާފުވުމުގެ ސަބަބުން ބަންދުކުރުމަށް ތަހުގީގު އިދާރާތަކުން ނިންމައިފައިވާ ކުދިން ބަންދުކޮށްފައިވާ ބަންދުކުރުން، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައިވާ ގޮތުގެ މަތީން މުރާޖައާކުރަމުން ގެންދޭތޯ ޑިޕާޓްމަންޓުގެ އަމިއްލަ އިސްނެގުމުގައި ބަލައި ކަށަވަރުކުރަމުން ގެންދަންވާނެއެވެ.

(ށ) ބަންދުކޮށްފައިވާ ބަންދުކުރުން މުރާޖައާކުރުމަށް ބާއްވާ ށަރީއަތުގެ އަޑުއެހުންތަކުގައި، ކުއްޖާގެ ހާލަތާއި ކުއްޖާ ބަންދުކޮށްފައިވާ ބަންދުކުރުމާމެދު ޑިޕާޓްމަންޓުގެ ރައުޔު ކޯޓުގައި ބަޔާންކުރަންވާނީ ކުއްޖާއާ ބެހޭގޮތުން އެ ވަގުތަށް ހަދައިފައިވާ އެސެސްމަންޓްތަކަށާއި ކުއްޖާގެ މަސްލަހަތަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

 

10 ވަނަ މާއްދާ - ރިއާޔަތްކުރަންވީ ކަންކަން 

(ހ) ބަންދުކޮށްފައިވާ ބަންދުކުރުން މުރާޖައާކުރުމުގައި ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމާމެދު ނުވަތަ ބަންދުން ދޫކޮށްލުމާމެދު ދެކޭގޮތް ބިނާކުރުމުގައި، ދައުވާއަކާ ނުލައި ކުއްޖާ ބަންދުކޮށްފައިވާ ބަންދުކުރުން މުރާޖައާކުރުމުގައި ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމާމެދު ނުވަތަ ބަންދުން ދޫކޮށްލުމާމެދު ދެކޭގޮތް ބިނާކުރުމުގައި، ދައުވާއަކާ ނުލައި ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމުގެ މުއްދަތު 30 (ތިރީސް) ދުވަހަށްވުރެ ދިގު ނުވާނޭ ގޮތަކަށް ހެދުމަށް އިސްކަންދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކުއްޖާ ބަންދުކޮށްފައިވާ ބަންދުކުރުމާމެދު ދެކޭގޮތް ބިނާކުރުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ކުއްޖާ ބަންދުކޮށްފައި ބަހައްޓައިގެން ހާސިލުކުރަން ބޭނުންވާ މަގުސަދު އެނޫން އެހެން ގޮތަކުން ހާސިލުކުރެވިދާނެކަން ނުވަތަ ނޫންކަން؛
  2. ކުއްޖާ ބަންދުކުރަނީ ހާލަތު ލާޒިމުކުރާ އެންމެ ކުރު މުއްދަތަށް ކަން؛
  3.  ކުއްޖާ ބަންދުކޮށްފައިވާ ބަންދުކުރުން މުރާޖައާކުރެވެމުންދަނީ ކުއްޖާގެ ހާލަތަށް ރިއާޔަތްކުރެވޭ ގޮތެއްގައި ކަން؛
  4. މުޖުތަމައުގެ ހައްގާއި މަސްލަހަތު؛
  5. ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް؛
  6. މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަން.

 

11 ވަނަ މާއްދާ - އާއިލީ ބައްދަލުވުން

(ހ) ވަގުތީގޮތުން ވިޔަސް ނުވަތަ އެއަށްވުރެ ދާއިމީ ސިފައެއްގައި ވެސް މިނިވަންކަން ހިފެހެއްޓިފައިވާ ކުއްޖާއަށް އެ ކުއްޖާގެ ބެލެނިވެރިންނާއި އާއިލާއާ ގުޅުން ބޭއްވުމަށް މަގުފަހިވެފައިވުމަކީ އެ ކުއްޖާގެ ހައްގެއް ކަމުގައި ވީހިނދު، އެ ހައްގު ކަށަވަރުކޮށްދީ، އާއިލީ ބައްދަލުވުންތައް އެ ކުއްޖާ ހުންނަ މަރުކަޒަކުން އިންތިޒާމު ކުރަންވާނެއެވެ. އަދި އާއިލީ ބައްދަލުވުންތައް ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އެ ކުއްޖާ ހުންނަ މަރުކަޒަކުން އެގޮތަށް އަމަލުކުރާކަން ޑިޕާޓްމަންޓުން ކަށަވަރު ކުރަންވާނެއެވެ.

(ށ) ކުއްޖާގެ މަސްލަހަތަށް ބަލައި، އާއިލީ ބައްދަލުވުން ހަމަޖައްސައިދިނުމުގައި، ބައްދަލުކުރެވޭ ފަރާތާއި ކުއްޖާއާ އެއް ހާޒިރެއްގައި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދޭންވާނެއެވެ. އެހެން ނަމަވެސް، ހާލަތަށާއި ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް، ވީޑިއޯ ކޯލް ނުވަތަ ފޯންކޯލް މެދުވެރިކޮށް އާއިލީ ބައްދަލުވުން ބާއްވައިދިނުމަކަށް ހުރަހެއް ނެތެވެ.

(ނ) ކުއްޖާ ބަންދުކޮށްފައިވާ މުއްދަތަށް ބަލައި، އާއިލީ ބައްދަލުވުން އިންތިޒާމުކުރުމުގެ ފަސޭހައަށް ޓަކައި، ބައްދަލުވުން ބާއްވައިދޭނެ ގޮތުގެ ޕްލޭނެއް، ކުއްޖާ ބަންދުކޮށްފައިވާ މަރުކަޒުން ދުރާލައި އެކުލަވައިލެވިދާނެއެވެ. މި ޕްލޭން އެކުލަވައިލާއިރު، ބައްދަލުކުރާ ފަރާތާއި ކުއްޖާއާ އެއް ހާޒިރެއްގައި ބައްދަލުކުރުމަށާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުއްޖާގެ ބެލެނިވެރިންނާއި އާއިލާއާ ގުޅުން ބޭއްވުމަށް ފުރުސަތު ދެވޭނެ ގޮތް އެ ޕްލޭނުގައި ބަޔާންކުރަންވާނެއެވެ. އަދި އެ ޕްލޭން، ޑިޕާޓްމަންޓާ ހިއްސާކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ބައްދަލުވުންތައް ހަމަޖައްސައިދެވޭނީ އަންނަނި ފަރާތްތަކަށެވެ. އަދި އެއިން ފަރާތެއްގެ އަމިއްލަ އިސްނެގުމުގައި އެފަދަ ބައްދަލުވުމަކަށް އެދެވިދާނެއެވެ.

  1. ކުއްޖާގެ ބެލެނިވެރިޔާ؛
  2. ކުއްޖާގެ އާއިލާގެ މެންބަރުން؛
  3. ކުއްޖާގެ މަސްލަހަތުގައި މަސައްކަތްކުރާ ފަރާތެއް.

12 ވަނަ މާއްދާ -  އާއިލީ ބައްދަލުވުން ހަމަޖެއްސުމުގައި ބަލާނެ ކަންކަން

(ހ) މިނިވަންކަން ހިފެހެއްޓިފައިވާ ކުއްޖާއަށް އާއިލީ ބައްދަލުވުމުގެ ހައްގު ލިބިދިނުމުގައި އެ ކުއްޖާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ބާވަތަށާއި، އެ ކުއްޖާ ބަންދުކޮށްފައިވާ މުއްދަތަށާއި، އެ ކުއްޖެއްގެ ހާއްސަ ހާލަތަށާއި، އެ ކުއްޖާއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކަށް ފުރިހަމައަށް ރިއާޔަތް ކުރަންވާނެއެވެ.

(ށ) މިނިވަންކަން ހިފެހެއްޓިފައިވާ ކުއްޖާއާ ބައްދަލުކުރާނެ ތަނަކާއި ވަގުތާއި ވަސީލަތާއި ބައްދަލުވުންތަކުގެ މިންވަރާއި އަދަދު ކަނޑައަޅާނީ، ކުއްޖާ ބަހައްޓައިފައިވާ މަރުކަޒަކުންނެވެ.

 

13 ވަނަ މާއްދާ -  ކުއްޖާގެ މަސްލަހަތަށް އުނިކަމަށް އަތުވެދާނެ ހާލަތެއް މެދުވެރިވުން

(ހ) އަންނަނިވި ހާލަތްތަކަކީ، އާއިލީ ބައްދަލުވުން ބާއްވައިދިނުމުގައި ކުއްޖާގެ މަސްލަހަތަށް އުނިކަމެއް އަތުވެދާނެ ހާލަތްތަކެއްކަމަށް ބެލެވިދާނެއެވެ.

  1. ބައްދަލުކުރާ ފަރާތުގެ ކިބައިން، ބަންދުކޮށްފައި ހުރި ކުއްޖާއަށް ޖިސްމާނީ ނުރައްކަލެއް ނުވަތަ ޖިންސީ ނުރައްކަލެއް ނުވަތަ ނަފުސާނީ ނުރައްކަލެއް އޮތްކަމުގައި ބެލެވުން؛
  2. ބައްދަލުކުރާ ފަރާތަކީ، ކުއްޖާ އިސްލާހުކުރުމުގެ ބަދަލުގައި، ކުށަށް ހުށަހެޅުމަށާއި ކުށުގެ ވެށީގައި ދެމެހެއްޓުމަށް ހިތްވަރުދޭ ނުވަތަ ބާރުއަޅާ ފަރާތެއްގެ ގޮތުގައި ބެލެވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ވަކި ފަރާތަކާ ބައްދަލުކުރުމަށް ކުއްޖާ އެދެމުން ދިޔަކަމުގައި ވިޔަސް، އެއީ ކުއްޖާގެ މަސްލަހަތަށް ގެއްލުންހުރި ކަމެއް ކަމުގައި ބަލަންވާނެއެވެ. ނަމަވެސް އެ ހާލަތުގައި އާއިލީ ބައްދަލުވުން ހަމަޖައްސައިނުދީ ހިފެހެއްޓެނީ އެ ކުއްޖާއާމެދު އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެގެން ނުވާނެއެވެ. އަދި އެގޮތަށް އެކަން މާނަކޮށްގެންވެސް ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އާއިލީ ބައްދަލުވުމެއް ކުއްޖަކަށް ހަމަޖައްސައި ނުދޭން ނިންމައިފިނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް ލިޔުމުން އެ ކުއްޖަކަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމުގައި ވަކި ފަރާތަކީ ކުށުގެ ރިކޯޑެއް އޮތް ފަރާތަކަށް ވުމަކީ ރިއާޔަތްކުރެވިދާނެ ކަމެކެވެ. ނަމަވެސް، އެ ކަމަކީ އޭގެ ޒާތުގައި އެ ސަބަބަށް އެކަނި ބަލައި، އެ ހާލަތު އޮތްކަމުގައި ކަނޑައެޅިގެންވާނެ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ހާލަތެއް އޮތްކަމަށް ބާރުދޭ އެހެން ކަންތައްތަކެއް ހުންނަންވާނެއެވެ.

 

14 ވަނަ މާއްދާ -  ގާނޫނީ ވަކީލުންގެ ހައްގު ލިބިގަންނަކަން ކަށަވަރުކުރުން 

ކުށެއްގެ ތުހުމަތުކުރެވި ތަހުގީގު ކުރަމުންދާ ކުޑަކުދިންގެ މައްސަލަތަކުގައި ހިމެނޭ ކުދިން ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގަންނަމުންދާކަން ޑިޕާޓްމަންޓުގެ އަމިއްލަ އިސްނެގުމުގެ މަތީން ބަލަމުން ގެންދަންވާނެއެވެ.

 

15 ވަނަ މާއްދާ -  ވަކީލު ހަމަޖެއްސުމުގެ ކަންތައްތައް އާއިލާއާ ހިއްސާކުރުން

(ހ) ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތިގެން ދައުލަތުގެ ހަރަދުގައި ގާނޫނީ ވަކީލުން ހަމަޖައްސައިދިނުމަށް އެދިފައިވާ ކުދިންނަކީ ކޮބައިކަން ޑިޕާޓްމަންޓުން ބަލަންވާނެވެ. އަދި އެ ކުދިންނަށް ވަކީލުން ހަމަޖެހެންދެން އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު  އެ ކުއްޖާއަށް ނުވަތަ އެ ކުއްޖާގެ އާއިލާއަށް ހިއްސާކުރަމުން ދާންވާނެއެވެ.

(ށ) ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖެއްސުމުގެ ކަންކަން އޮންނަ ގޮތް ކުއްޖާއަށާއި ކުއްޖާގެ އާއިލާއަށް ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަށް އެނގިފައިވާކަން، ކޭސް ވާރކަރު ކަށަވަރުކުރަންވާނެއެވެ. އަދި ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިދިނުމަށް ބަންޑާރަނައިބު އޮފީހުގައި އެދުމަށް ކުއްޖާގެ އާއިލާއަށް ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަށް ދަތިވާނަމަ ނުވަތަ އުނދަގޫވާ ކަންތައްތަކެއް ހުރިކަމަށް ފާހަގަވާނަމަ، ޑިޕާޓްމަންޓުގެ އަމިއްލަ އިސްނެގުމުގައި  އެ ކުއްޖާއަށް ވަކީލަކު ހަމަޖައްސައިދިނުމަށް ބަންޑާރަނައިބު އޮފީހުގައި އެދެންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވުމަކާ ނުލައި ވެސް ކުއްޖާއަށް ވަކީލަކު ހަމަޖައްސައިދިނުމަށް ބަންޑާރަނައިބުގެ އޮފީހުގައި ޑިޕާޓްމަންޓަށް އެދެވިދާނެއެވެ.

 

16 ވަނަ މާއްދާ - ގާނޫނީ ވަކީލުން ކުޑަކުދިންގެ އަދުލުގެ ނިޒާމަށް އަހުލުވެރިވުން

(ހ) ކުޑަކުދިންގެ މައްސަލަތަކުގައި ހަރަކާތްތެރިވުމަށް އެދި ހުށަހަޅާ ވަކީލުންގެ ދަފުތަރެއް ޑިޕާޓްމަންޓުން ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި މި ދަފުތަރުގައި ހިމެނޭ ވަކީލުން ވާންވާނީ ގާނޫނީ ހިދުމަތް ދިނުމުގެ ލައިސަންސް، ބާ ކައުންސިލުން ދޫކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލުން ނިޒާމަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމުތައް، ބާ ކައުންސިލާ ގުޅިގެން، ބާ ކައުންސިލުން ހަމަޖައްސައިދޭ ގޮތެއްގެ މަތީން ޑިޕާޓްމަންޓުން ހިންގަމުން ގެންދަންވާނެވެ.

(ނ) ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ވަކީލާމެދު ކުއްޖާ ނުވަތަ ކުއްޖާގެ އާއިލާގެ ފަރާތުން ށަކުވާއެއް ކޮށްފިނަމަ، އެ ކަމެއްގައި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހަޅަންޖެހޭ ފަދަ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ، ޑިޕާޓްމަންޓުން އެ އިދާރާއަށް އެ ކަމެއް ހުށަހަޅަންވާނެއެވެ. އަދި އެ ވަކީލަކީ ދައުލަތުން ހަމަޖައްސައިފައިވާ ވަކީލެއްނަމަ، އެ ކަމެއް ބަންޑާރަނައިބު އޮފީހުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ރިސްކް އެސެސްމަންޓް ހެދުން

17 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގެ ކުރިން ރިސްކް އެސެސްމަންޓް ހެދުމާއި، ރިސްކް އެސެސްމަންޓުގެ މަގުސަދުތައް

(ހ) ކުޑަކުއްޖެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިފައިވާ ކަމުގެ މައުލޫމާތު ޑިޕާޓްމަންޓަށް ލިބުމާއެކު، ވީ އެންމެ އަވަހަކަށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ ކުއްޖާ ކުށަށް އަރައިގަތުން ނުވަތަ ކުށް ތަކުރާރުކުރުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ޓަކައި ޑިޕާޓްމަންޓުގެ ފަރާތުން ކުއްޖާގެ ރިސްކް އެސެސްމަންޓެއް ހަދައި، ތަހުގީގުކުރާ ފަރާތާ އެ ރިޕޯޓު ހިއްސާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި ހަދާ ރިސްކް އެސެސްމަންޓަކީ، ކުށުގެ ތުހުމަތުގައިވާ ކުއްޖާ ކުށަށް އަރައިގަތުމުގެ މިންވަރު ނުވަތަ ކުށް ތަކުރާރުކުރުމުގެ މިންވަރު ދެނެގަނެ، ކުއްޖާ ކުށްކުރުމުގެ ފުރުސަތު އޮތް މިންވަރު ދަރަޖަކުރުމަށް ހެދޭ އެސެސްމަންޓެކެވެ.

(ނ) މި މާއްދާގެ ދަށުން އެކުލަވައިލެވޭ ރިސްކް އެސެސްމަންޓުގެ މަގުސަދަކީ، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ކުއްޖާ ހުށަހެޅުނު ވަގުތު އެ ކުއްޖަކު ކުށްކުރުމުގެ ފުރުސަތު އޮތް މިންވަރު، ވީ އެންމެ އަވަހަކަށް ދެނެގަތުމާއެކު، އެ ކުއްޖާއާމެދު އެވަގުތު އެޅުން އެންމެ އެކަށީގެންވާ ފިޔަވަޅު ދެނެގަތުމަށް މަގުފަހިކުރުމެވެ.

(ރ) މި މާއްދާގެ ދަށުން އެކުލަވައިލެވޭ ރިސްކް އެސެސްމަންޓް، ކުޑަކުއްޖެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިފައިވާ ކަމުގެ މައުލޫމާތު ޑިޕާޓްމަންޓަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެއެވެ. މަގުބޫލު ސަބަބެއް މެދުވެރިވެގެން ރިސްކް އެސެސްމަންޓް ހެދުން މި މުއްދަތަށްވުރެ ލަސްވެއްޖެނަމަ، އެ ކަމެއްގެ ސަބަބު، ރިސްކު އެސެސްމަންޓް ރިޕޯޓުގައި ބަޔާންކުރަންވާނެއެވެ.

(ބ) ރިސްކް އެސެސްމަންޓުގެ ބޭނުމަށް ކަމާ ގުޅޭ މުއައްސަސާއަކުން  މައުލޫމާތު ހޯދުމަށް ޑިޕާޓްމަންޓުން އެދޭތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މުއައްސަސާއަކުން ޑިޕާޓްމަންޓަށް އެ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

 

18 ވަނަ މާއްދާ -  ރިސްކް އެސެސްމަންޓަކާ ނުލައި ފިޔަވަޅު ނޭޅުން

(ހ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ހަދާ ރިސްކް އެސެސްމަންޓް ހަދައި، އެ ރިސްކް އެސެސްމަންޓަށް ރިއާޔަތްކުރުމަށްފަހުގައި މެނުވީ، ކުއްޖާއާމެދު ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ. ކުޑަކުއްޖެއްގެ މައްޗަށް ތުހުމަތުކުރެވިގެން ހުށަހެޅޭ މައްސަލައެއް ތަހުގީގުކުރުމަށް ނިންމުމާއި، އެފަދަ މައްސަލައެއްގެ ތަހުގީގެއް ފެށުމާއި، ތަހުގީގަކަށް ހާޒިރުކޮށް ސުވާލުކުރުމަކީ ވެސް، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ބޭނުމަށް އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުއްޖަކާމެދު އެޅޭ ފިޔަވަޅުތަކެއް ކަމުގައި ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުއްޖާ ހިފާއްޓައިފައިވަނީ ކުށް ކުރަނިކޮށް ކަމަށް ވެފައި، އެ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ވެފައި، މުޖުތަމައުގެ ރައްކައުތެރިކަމަށް ޓަކައި ކުއްޖާ އެ ހިނދުން އެ ހިނދަށް ހައްޔަރުކުރަންޖެހޭ ހާލަތުގައި ރިސްކް އެސެސްމަންޓް ހެދުމަކާ ނުލައި އެ ފިޔަވަޅު އެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި ހައްޔަރުކުރުމުގެ އިޖުރާއަތާ ގުޅޭ ކަންކަމުގެ ބޭރުން އެއްވެސް ފިޔަވަޅެއް އަޅަންވާނީ ރިސްކް އެސެސްމެންޓް ހެދުމަށްފަހުގައެވެ.

(ނ) ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ކުއްޖަކު ހައްޔަރުކުރަންޖެހޭ ހާލަތަކީ، ކުށުގެ ވެށިން ނޫން ގޮތަކަށް ހައްޔަރުކުރަންޖެހޭ ހާލަތެއް ނަމަ، އަދި ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ އަނިޔާވެރި އަމަލަކާ ގުޅޭ ކުށެއް ނަމަ، މި ގަވާއިދުގެ 19 ވަނަ މާއްދާގެ   (ހ) ގެ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ރިއާޔަތް ކުރުމުގެ ބަދަލުގައި، ހަމައެކަނި ފުލުހުން ދޭ މައުލޫމާތުގެ މައްޗަށާއި، އެ އިރެއްގައި ލިބެންހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، ރިސްކް އެސެސްމަންޓެއް ހެދުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ނ) އަށް އަމަލުކުރާ ހާލަތަކީ ގާނޫނުން އުފެއްދި ޒަރޫރީ ހާލަތެއްކަމަށާއި، އެނޫން އެހެން ގޮތެއް ނެތިގެން އަމަލުކުރެވޭ އުސޫލެއްކަމުގައި ބަލަންވާނެއެވެ. އަދި އެފަދައިން ހެދޭ ރިސްކް އެސެސްމަންޓަކީ މި މާއްދާގެ (ނ) ގެ ދަށުން އެ އަކުރުގައި ބުނެފައިވާ ގޮތުގެ މަތީން ތައްޔާރުކުރި ރިސްކް އެސެސްމަންޓެއްކަން، އެ އެސެސްމަންޓުން އެނގެން އޮންނަންވާނެއެވެ. އަދި މި މާއްދާގެ (ނ) އަށް އަމަލުކުރާ ހާލަތުގައި، ވީ އެންމެ އަވަހަކަށް، މި ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރިސްކް އެސެސްމަންޓް އެކުލަވައިލަންވާނެއެވެ. 

 

19 ވަނަ މާއްދާރިސްކް އެސެސްމަންޓް ހެދުމުގައި ރިއާޔަތްކުރަންވީ ކަންކަން

(ހ) ކުށުގެ ތުހުމަތުގައިވާ ކުއްޖާގެ ރިސްކު އެސެސްމަންޓް ހެދުމުގައި އަންނަނިވި ކަންތައްތަކަށް ބަލަންވާނެއެވެ. 

  1. ތުހުމަތުކުރެވޭ ކުށުގެ ކުޑަބޮޑުމިން؛
  2. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ހުށަހެޅިފައިވާ ހާލަތު؛
  3. މީގެ ކުރިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުއްޖާއާމެދު އަޅައިފައިވާ ފިޔަވަޅުތައް؛
  4. ކުއްޖާގެ ޖިސްމާނީ ހާލަތާއި، ނަފްސާނީ ހާލަތާއި، ސިއްހީ ހާލަތު؛
  5. މަސްތުވާތަކެއްޗަށް ހުށަހެޅިފައިވާ ކުއްޖެއްކަން ނުވަތަ ނޫންކަން؛
  6. ތައުލީމީ މާހައުލުގައި ކުއްޖާގެ އުޅުން ހުރި ނެތް ގޮތް؛
  7. ކުއްޖާގެ އާއިލީ މާހައުލާއި، ކުއްޖާ ދިރިއުޅޭ ވެށީގެ ހާލަތު؛
  8. ކުއްޖާ އާންމުކޮށް ގޮސްއުޅޭ ތަންތަނާއި، އާންމުކޮށް އެކުއުޅޭ ރައްޓެހީންގެ އަހުލާގު؛
  9. އިޖުތިމާއީ ކަންކަމާއި ދީނީ ކަންކަމުގައި ށާމިލުވެ އުޅޭ މިންވަރު؛
  10. ކުއްޖާގެ ބަހެއް ހޯދެން އޮންނަ ހާލަތުގައި ކުއްޖާގެ ބަސް؛
  11. ކުއްޖާއަކީ ހާއްސަ ހުނަރެއް ނުވަތަ ހުނަރުތަކެއް ލިބިފައިވާ ކުއްޖެއްނަމަ، އެ ހުނަރެއް ނުވަތަ ހުނަރުތަކެއް؛
  12. ކުއްޖާއަކީ ހާއްސަ ދާއިރާއަކުން ކުރިޔަށް ދެވިދާނެ ކުއްޖެއްނަމަ އެކަން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ބަޔާންކުރުމުގައި، ކުއްޖާގެ މައްޗަށް މީގެ ކުރިން ތުހުމަތުކުރެވުނު ކުށްތަކާއި، ހައްޔަރުކޮށްފައިވާ ހައްޔަރުކުރުމުގެ ރިކޯޑުތަކާއި، އެ ކުށްތަކަށް ތުހުމަތުކުރެވުނުއިރު ކުއްޖާގެ އުމުރު ވަކިވަކިން އެނގޭނެ ތަފުސީލު ހިމަނަންވާނެއެވެ.

(ނ) ތުހުމަތުކުރެވޭ ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކުރުމުގައި ބަލާނީ، ކުއްޖާގެ އަމަލާ ގުޅިގެން ފުލުހުން ހަވާލާދީފައިވާ ގާނޫނުތަކާއި ގާނޫނުތަކުގެ މާއްދާތަކުގެ ތެރެއިން އެންމެ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށް އެއީ އެ ކުއްޖާގެ މައްޗަށް ތުހުމަތުކުރެވުނު ކުށް ކަމުގައި ބަލައިގެންނެވެ.

 

20 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް ހެދުމުގައި ހަރަކާތްތެރިވާ ފަރާތް

(ހ) ކުއްޖާގެ ރިސްކް އެސެސްމަންޓް ހެދުމުގައި ޑިޕާޓްމަންޓުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާނީ، އެ ކުއްޖާއަށް ޑިޕާޓްމަންޓުން ކަނޑައަޅާ ކޭސް ވާރކަރެވެ.

(ށ) ކުއްޖާގެ ރިސްކް އެސެސްމަންޓް ހެދުމުގައި ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން ވަކި ދާއިރާއަކަށް ހާއްސަ ފަންނީ ލަފަޔާއި މަށްވަރާ ބޭނުންވާކަމަށް ކޭސް ވާރކަރަށް ފެންނަ ހާލަތުގައި، އެފަދަ ފަރާތަކާ މަށްވަރާކޮށް ލަފާ ހޯދިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުން ވަކި ފަރާތެއްގެ މަށްވަރާއެއް ހޯދައިފިނަމަ، އެ ފަރާތަކާއި، އެ ފަރާތަކުން ދިން ލަފާ، ރިސްކް އެސެސްމަންޓް ރިޕޯޓުން އެނގެން އޮންނަންވާނެއެވެ.

 

21 ވަނަ މާއްދާ - ދަރަޖަކުރުން

(ހ) ރިސްކް އެސެސްމަންޓް ރިޕޯޓުގައި، ރިސްކް އެސެސްމަންޓުގެ ނަތީޖާ ބަޔާންކޮށްފައި އޮންނަންވާނެއެވެ. ރިސްކް އެސެސްމަންޓް ދަރަޖަކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

  1. ކުށަށް އަރައިގަތުމުގެ ފުރުސަތެއް ނެތް؛
  2. ކުށަށް އަރައިގަތުމުގެ ކޮންމެވެސް މިންވަރެއްގެ ނުރައްކަލެއް އޮތް؛
  3. ކުށަށް އަރައިގަތުމުގެ އެކަށީގެންވާ ނުރައްކަލެއް އޮތް؛
  4. ކުށަށް އަރައިގަތުމުގެ ނުރައްކާ ބޮޑު.

(ށ) އަންނަނިވި ށަރުތުތައް ފުރިހަމަވާނަމަ، ކުށަށް އަރައިގަތުމުގެ ފުރުސަތެއް ނެތްކަމުގައި ބަލަންވާނެއެވެ.

 

22 ވަނަ މާއްދާ - ފުރުސަތު ދިނުމަށް ތަންފީޒީ އިދާރާގައި އެދުން

(ހ) ކުށަށް އަރައިގަތުމުގެ ކޮންމެވެސް މިންވަރެއްގެ ނުރައްކަލެއް އޮތްކަމަށް ދަރަޖަކުރެވޭ ކުދިންގެ ރިސްކް އެސެސްމެންޓް ރިޕޯޓުގައި އެ ކުދިންނާމެދު ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ފުރުސަތު ދިނުން އެދި ޑިޕާޓްމަންޓުން ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހުށަހެޅުމުގައި އެ ކުއްޖާއަށް އެ މާއްދާގެ ދަށުން ދޭން ފެންނަ ފުރުސަތެއް ބަޔާންކުރަންވާނެއެވެ.

(ށ) ކުއްޖާގެ މައްޗަށް ތުހުމަތުކުރެވުނު ކަންތަކާ އެއްފަދަ ކަމެއް ތަކުރާރު ކުރާނެކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ނެތް ނަމަވެސް، އެފަދަ ކަމެއް ތަކުރާރު ކުރާނެކަމަށް ކޮންމެވެސް މިންވަރަކަށް ބެލެވޭނަމަ އެދޭނީ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމަށެވެ.

  1. ފިޔަވަޅެއް ނާޅައި ދޫކޮށްލުން؛
  2. އަނގަބަހުން ނަސޭހަތް ދިނުން.

(ނ) ކުއްޖާއަށް ނަސޭހަތް ނުދީ ނުވަތަ އިންޒާރެއް ނުދީ ދޫކޮށްލައިފިނަމަ، އެ ކުއްޖާ ކުށަށް އަރައިގަތުމުގެ ކުޑަނަމަވެސް ފުރުސަތެއް އޮތް ކަމަށް ބެލެވޭނަމަ އެދޭނީ، އަންނަނިވި ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް އަޅައިދިނުމަށެވެ.

  1. އަނގަބަހުން ނަސޭހަތް ދިނުން؛
  2. ނުރަސްމީ އިންޒާރެއް ދިނުން؛
  3. އެ ކުއްޖާއަކީ ކުރިން ނުރަސްމީ އިންޒާރެއް ދީފައިވާ ކުއްޖެއްނަމަ، ރަސްމީ އިންޒާރެއް ދިނުން.

(ރ) ކުއްޖާގެ މައްޗަށް ތުހުމަތުކުރެވުނު ކަންތަކާ އެއްފަދަ ކަމެއް ތަކުރާރުކުރާނެ ކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށްވާނަމަ އެދޭނީ، އަންނަނިވި ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް އަޅައިދިނުމަށެވެ.

  1. ރަސްމީ އިންޒާރެއް ދިނުން؛
  2. ކޮމިއުނިޓީ ކޮންފަރެންސިންގ ބޭއްވުމަށްފަހު ކަނޑައެޅޭ ފިޔަވަޅެއް.

 

23 ވަނަ މާއްދާ - ރިސްކް އެސެސްމަންޓަށްފަހު އެޅޭނެ ފިޔަވަޅުތައް

(ހ) ކުށުގެ ތުހުމަތުގައިވާ ކުއްޖާގެ ރިސްކު އެސެސްމަންޓެއް ހެދުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން، އެ ކުއްޖެއްގެ މައްސަލައިގައި އަމަލުކުރުމަށް ޑިޕާޓްމަންޓަށް ފެންނަ ގޮތް، ރިސްކް އެސެސްމަންޓް ރިޕޯޓުގައި ބަޔާންކުރަންވާނެއެވެ.
ޑައިވަރށަންގެ ނިޒާމުން ފިޔަވަޅު އެޅުން؛

  1. ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ހިންގައި، ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
  2. ރިސްކް އެސެސްމަންޓް ރިޕޯޓުގައި ކުއްޖާއާމެދު އަމަލުކުރަން ފެންނަ ގޮތް ބަޔާންކުރުމުގައި އެކަމުގެ ސަބަބުތައް ބަޔާންކުރަންވާނެއެވެ.

(ށ) ކުއްޖާގެ ރިސްކް އެސެސްމަންޓް ރިޕޯޓު ހަދައި ނިމުމުން، އެ ރިޕޯޓުގެ ކޮޕީއެއް، އެ މައްސަލައެއް ތަހުގީގުކުރާ އިދާރާއަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރަންވާނެއެވެ. 

 

ފަސްވަނަ ބާބު

ޑައިވަރށަންގެ ނިޒާމް

24 ވަނަ މާއްދާ - ޑައިވަރށަންގެ ނިޒާމުގެ މަގުސަދުތައް

ގާނޫނާ ހިލާފުވާ ކުޑަކުދިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި ރުޖޫއީ އިންސާފުގެ ފަލްސަފާއާ އެއްގޮތްވާ ގޮތުގެ މަތީން ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމުގެ ފުރުސަތު އޮންނަ ހާލަތްތަކުގައި އެ ނިޒާމުގެ ތެރެއިން ކުއްޖާއާމެދު ފިޔަވަޅުއެޅުމުގެ ބޭނުމަކީ އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.

(ހ) އާންމު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުން.

(ށ) ކުއްޖާ ރަނގަޅު ގޮތުގައި ހެދިބޮޑުވުމަށް މަގުފަހިކޮށްދީ، ށަހްސީ ޒިންމާ އުފުލުމަށް ބާރުއެޅުން.

(ނ) ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދިނުން.

(ރ) ކުއްޖާ ކުރި އަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޒިންމާވާން ބާރުއެޅުމާއި ޒިންމާ ނެގުވުން.

(ބ) ކޮންމެ ކުއްޖަކީވެސް ހާއްސަ ހާލަތެއްގައި ހުންނާނެ، ހާއްސަ ބޭނުންތަކެއް ހުންނާނެ ކުއްޖެއް ކަމުގައި ވުމާއެކު، އެއިން ކޮންމެ ކުއްޖެއްގެ ހާލަތަށް ވަކިން ރިއާޔަތްކޮށް ފިޔަވަޅު އެޅޭނެ ނުވަތަ ހައްލެއް ހޯދައިދެވޭނެ ގޮތެއް ހޯދުން.

(ޅ) ކުއްޖާގެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކުގެ ބަހެއް ހޯދައި، އެ މީހުންނަށް އޭގެ ސަބަބުން ކުރި އަސަރު ކުއްޖާއަށް ހާމަކޮށްދިނުމަށް ފުރުސަތު ދިނުން.

(ކ) ކުއްޖާގެ އަމަލުގެ ށިކާރައަކަށް ވީ ފަރާތްތަކަށް އޭގެ ސަބަބުން ވީ ގެއްލުމާ ގުޅިގެން މައުނަވީ ބަދަލެއް ނަގައިދިނުމަށް މަގުފަހިކުރުން.
(އ) އެ އަމަލު ހިންގި ކުއްޖާއާއި އެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތް ނުވަތަ ފަރާތްތަކާ ގުޅުވައިދީ، މާފަށް އެދުމަށް ފުރުސަތު ދިނުމާއި، ލިބުނު ގެއްލުން ފޫބެއްދުމަށް ފުރުސަތުދިނުން.

(ވ) ކުއްޖާ ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުވުމާއި، ކުށް ތަކުރާރުކުރުމަށް ހުރި ފުރުސަތުތައް ނައްތައިލުން.

(މ) ކުއްޖާގެ މައްޗަށް ކުށުގެ ރެކޯޑެއް އައުން ހުއްޓުވުމާއި، ކުށުގެ ރިކޯޑެއް އަންނަ ހާލަތެއްގައި އެ ރިކޯޑުގެ ސަބަބުން ކުއްޖާގެ ނަމަށް އަންނަ ކިލަނބުކަން ކުޑަކުރުން.

(ފ) ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކޮށް ހަރަދުކުޑަކުރުން.

(ދ) ދައުވާކުރުމުގެ ބަދަލުގައި ކުޑަކުދިންނަށް އެޅޭ ފިޔަވަޅުތައް އިހުތިޔާރުކުރުމުގެ ފުރުސަތުތައް އެ ކުދިންނަށް އިތުރުކޮށްދިނުން.

(ތ) އިޖުތިމާއީ ފެންވަރެއްގައި މުޖުތަމައުގެ ތެރެއިން އެކަށީގެންވާ ފަރުވާ ހޯދައިދިނުން.

 

25 ވަނަ މާއްދާ - ޑައިވަރށަން ނިޒާމުގެ ދަށުން އެޅޭ ފިޔަވަޅުތައް

(ހ) ގާނޫނާ ހިލާފުވާ ކުއްޖެއްގެ މައްޗަށް ޑައިވަރށަންގެ ނިޒާމުގެ ދަށުން އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.

  1. ކުށުގެ ށިކާރައަކަށް ވީ ކުއްޖާ، އަނިޔާ ލިބުނު ފަރާތުގެ ކިބައިން ލިޔުމުން ނުވަތަ އަނގަބަހުން މާފަށް އެދުން؛
  2. ކަނޑައެޅިފައިވާ މުއްދަތަކަށް، ތައުލީމުދޭ މަރުކަޒަކަށް ގަވާއިދާ އެއްގޮތަށް ދިއުމަށް ކުއްޖާއަށް އެންގުން؛ 
  3. ކަނޑައެޅިފައިވާ މުއްދަތަކަށް ކުއްޖާގެ އާއިލާ އަދި/ނުވަތަ ބެލެނިވެރިޔާއާއެކު ނުވަތަ ބަލަދުވެރިޔާއާއެކު ވަގުތު ހޭދަކުރުމަށް އެންގުން؛
  4. ކުއްޖާގެ އުޅުމަށް ހެޔޮ ބަދަލު އަންނާނެ ފަދަ ކަނޑައެޅޭ ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް ކުއްޖާގެ އުޅުން ބެހެއްޓުމަށް ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާއާ ނުވަތަ ބަލަދުވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމަކާ އެއްގޮތަށް އަމަލުކުރުމަށް ކުއްޖާއަށް އެންގުން؛
  5. ކުއްޖާގެ އުޅުން މޮނިޓަރ ކުރުމަށް ޓަކައި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކަނޑައެޅިފައިވާ ގޮތަކަށް ޕްރޮބޭށަން އޮފިސަރަކަށް ރިޕޯޓުކުރުމަށް އެންގުން؛
  6. ކައުންސެލިންގ، ނުވަތަ ގްރޫޕް ކައުންސެލިންގ، އަދި ފަރުވާ ލިބިދެނިވި ހަރަކާތްތަކުގައި ކުއްޖާ ބައިވެރިވުމަށް އެންގުން؛
  7. ޒިންމާދާރު މީހެއްގެ އިރުށާދުގެ ދަށުން ކުއްޖާގެ އުޅުން މޮނިޓަރ ކުރުމަށް އެންގުން؛
  8. ވޮކޭށަނަލް ޓްރެއިނިންގ ނުވަތަ ރީހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިކުރުވުން؛
  9. ކުއްޖާގެ ފަރާތުން ލިބިފައިވާ ގެއްލުމަށް ބަދަލުދިނުމަށް އެންގުން؛
  10. ކުއްޖާ ހިންގި އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަށް ލިބުނު ގެއްލުން ފޫބެއްދުމަށް ޓަކައި އެ ފަރާތުގެ ރުހުމާއެކު، އެކަން ރަނގަޅުކުރުމަށް ކަމެއް ކޮށްދިނުން؛
  11. އަނިޔާ ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލެއް ދިނުމަށް އެންގުން؛
  12. ޖޫރިމަނާއެއް ދެއްކުމަށް ކުއްޖާއަށް އެންގުން؛
  13. މުޖުތަމައަށް ހިދުމަތް ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުން ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް އެންގުން؛
  14. ކޮމިއުނިޓީ ކޮންފަރެންސިންގއަށް ފޮނުވުން؛
  15. ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކުއްޖާއާ އެކަށޭނަ އެނޫންވެސް ރުޖޫއީ އިންސާފުގެ އުސޫލަށް ބިނާވެފައިވާ ފިޔަވަޅެއް އެޅުން؛
  16. ކެއަރ އެންޑް ވެލްފެއަރ އޯޑަރ؛
  17. ހަރުދަނާ މައިންބަފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމު ހިންގުން.

ކުއްޖާގެ އުޅުން މޮނިޓަރ ކުރުމަށް ޓަކައި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކަނޑައެޅިފައިވާ ގޮތަކަށް ޕްރޮބޭށަން އޮފިސަރަކަށް ރިޕޯޓުކުރުމަށް އެންގުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކޮންމެ ފިޔަވަޅެއްވެސް ތަންފީޒުކުރަންވާނީ ރުޖޫއީ އިންސާފުގެ ފަލްސަފާތަކާއި ހަމަތަކާއި މިންތަކުގެ ތެރެއިންނެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު)  އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޑައިވަރށަން ނިޒާމުގެ މަގުސަދު ހާސިލުކުރެވޭ ފަދަ ރުޖޫއީ އިންސާފުގެ ފަލްސަފާއާ އެއްގޮތް ކޮންމެ ފިޔަވަޅެއް އެޅުމަކީ ކުރެވިދާނެ ކަމެކެވެ.

 

26 ވަނަ މާއްދާ - ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް ފުރިހަމަވާންޖެހޭ ށަރުތުތައް

(ހ) ޑައިވަރށަންގެ ފިޔަވަޅެއް އަޅަންވާނީ، އެ ކުއްޖާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވެފައިވާ ނަމައެވެ.

  1. އެ ކުއްޖާ އެ އަމަލު ހިންގިކަމަށް ގަބޫލުކުރެވޭ މިންވަރަށް އެކަށީގެންވާ  ހެކި ލިބިފައިވުން؛
  2. އެ ކުއްޖާގެ އަމިއްލަ އިހުތިޔާރުގައި، މިނިވަންކަމާއެކު ކުށުގެ ޒިންމާ ގަބޫލުކުރުން؛
  3. އެ ކުއްޖާ ކުށުގެ ޒިންމާ ގަބޫލުކުރަނީ ވަކި ފަރާތަކުން ނުފޫޒު ފޯރުވުމުގެ ސަބަބުން ކަމުގައި ނުވުން؛
  4. ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް އެ ކުއްޖާގެ ރުހުން ލިބިފައި އޮތުން؛
  5. އެ ކުއްޖާގެ ރުހުން ލިބިފައި ވުމުގެ އިތުރުން، އެ ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން ލިބިފައި އޮތުން.

(ށ) މި މާއްދާގެ ބޭނުމަށް އެކަށީގެންވާ ހެކި ހުރިތޯ ބަލާނީ، ޑައިވަރށަނަށް ފޮނުވަން ނިންމާ މަރުހަލާއަކުން ފިޔަވަޅުއެޅުމުގައި އެ މަރުހަލާއަކުން ބަލަންޖެހޭ ހެކީގެ މިންގަނޑަށް ރިއާޔަތް ކޮށްގެންނެވެ.

(ނ) އެހެން ގޮތަކަށް ގަބޫލުކުރެވޭނެ ހަރުދަނާ ސަބަބުތަކެއް ހުންނަ ހާލަތެއްގައި މެނުވީ، ކުއްޖާ ކުށުގެ ޒިންމާ ގަބޫލުކުރަނީ އެ ކުއްޖާގެ އަމިއްލަ އިހުތިޔާރުގައިކަމަށް ބަލަންވާނެއެވެ.

 

27 ވަނަ މާއްދާ - ޑައިވަރށަން ނިޒާމުން ފިޔަވަޅު އެޅުން

(ހ) ގާނޫނާ ހިލާފުވާ ކުދިންގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުގައި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ކޮންމެ މަރުހަލާއެއްގައި ވެސް އިސްކަންދޭންވާނީ، ކުއްޖާގެ މައްޗަށް ދައުވާ އުފުލުމަކާ ނުލައި، ގާނޫނުގެ ވެރިކަމާއި ގާނޫނީ ހައްގުތައް ރައްކައުތެރިކޮށްދޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެންމެ ފުރަތަމަ ޑައިވަރށަންގެ ނިޒާމުގެ ދަށުން މުޖުތަމައުގެ ތެރޭގައި މައްސަލައަށް ފިޔަވަޅު އެޅުމަށެވެ.

(ށ) ކުއްޖާއާމެދު ޑައިވަރށަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމާމެދު ނިންމާ ނިންމުންތަކުގައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ މުއައްސަސާސަތަކުގެ ވިސްނުން، ވީ ވަރަކުން އެއްގޮތްކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ގޮތެއް ނިންމުމުގެ ކުރިން ކޭސް ކޮންފަރެންސިންގ ބޭއްވުން

(ހ) ކުއްޖާ ޑައިވަރށަނަށް ފޮނުވުމާމެދު ގޮތެއް ނިންމަންވާނީ، އަންނަނިވި ފަރާތްތައް ހިމެނޭހެން ބާއްވާ ކޭސް ކޮންފަރެންސިންގއަކަށް ފަހުގައެވެ.

  1. ޑިޕާޓްމަންޓް؛
  2. ތަހުގީގުކުރާ އިދާރާ؛
  3. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛
  4. މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯށަލް ސަރވިސަސް؛
  5. މިނިސްޓްރީ އޮފް އެޑިޔުކޭށަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޭސް ކޮންފަރެންސިންގ އިންތިޒާމުކުރާނީ ކުއްޖާ ޑައިވަރށަނަށް ފޮނުވުމަށް ނިންމާ ފަރާތުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، އެ ކުއްޖެއްގެ ހާއްސަ ހާލަތަށް ރިއާޔަތްކޮށް ކަމާބެހޭ އެހެން ކޮންމެ ފަރާތެއް ކޭސް ކޮންފަރެންސިންގގައި ބައިވެރިކުރެވިދާނެއެވެ.

(ރ) ޑައިވަރށަނަށް ފޮނުވުމާމެދު ނިންމާ ގޮތް ބިނާކުރަންވާނީ، މި މާއްދާގެ ދަށުން ބޭއްވޭ ކޭސް ކޮންފަރެންސިންގގައި ކުރެވޭ މަށްވަރާތަކުގެ މައްޗަށެވެ. އަދި ކޭސް ކޮންފަރެންސިންގގައި ބައިވެރިވި ގިނަ ފަރާތްތަކުން ދެކޭ ގޮތް އެއީ ކުއްޖާއާމެދު ގޮތެއް ނިންމުމުގައި ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަމުގައި ބަލަންވާނެއެވެ.

 

29 ވަނަ މާއްދާ - ޑައިވަރށަނަށް ފޮނުވުމާމެދު ނިންމާ ނިންމުން

(ހ) ކުއްޖާ ޑައިވަރށަނަށް ފޮނުވުމާމެދު ނިންމާ ގޮތް، އެ ނިންމުމެއް ނިންމާތާ ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެފަދައިން ނިންމާ ނިންމުމުގެ ސަބަބުތައް ބަޔާންކޮށް ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް ލިޔުމުން ދޭންވާނެއެވެ.

(ށ) ޑައިވަރށަން ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅަން ފެންނަކަމަށް ޑިޕާޓްމަންޓުން ބަޔާންކޮށްފައިވާ މައްސަލައެއްގައި، އެޔާ ހިލާފަށް ކަނޑައަޅައި، ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވާނަމަ، ޑިޕާޓްމަންޓުގެ ލަފަޔާއި އިރުށާދާ އެއްގޮތަށް އަމަލު ނުކުރުމަށް ތަހުގީގުކުރާ އިދާރާއިން ކަނޑައެޅި ސަބަބުތަކުގެ ތަފުސީލުތައް މައްސަލައަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ތަހުގީގުކުރާ އިދާރާއިން އަމަލުކުރާ ހާލަތުގައި ތަންފީޒުކުރާ އިދާރާއިން ނިންމައިފައިވާ ނިންމުން ބިނާކުރި ސަބަބުތަކާއި އެކަމުގެ ތަފުސީލުތަކަށް ރިއާޔަތްކޮށް، އެ ނިންމުން ނިންމައިފައިވަނީ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅުގޮތުގައިތޯ ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރު ކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ތަހުގީގުކުރާ އިދާރާގެ ނިންމުން މުރާޖައާކުރުން 

(ހ) ޑައިވަރށަން ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅަން ނުފެންނަކަމަށް ޑިޕާޓްމަންޓުން ކަނޑައަޅައިފައިވަނިކޮށް، އެ ނިންމުމާ ހިލާފަށް ތަހުގީގުކުރާ އިދާރާއަކުން ކުއްޖަކާމެދު ޑައިވަރށަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމަށް ކަނޑައަޅައިފިނަމަ، އެ ނިންމުން ބަލައި މުރާޖައާކުރުމަށްފަހު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ތަހުގީގުކުރާ އިދާރާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޑިޕާޓްމަންޓަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަހުގީގުކުރާ އިދާރާގެ މައްޗަށް އަމުރެއް ނެރެދިނުމަށް ޑިޕާޓްމަންޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދޭ ހާލަތެއްގައި، އެފަދަ އަމުރެއް ކުރަންވާނީ، އެ ކުއްޖެއްގެ މައްސަލައިގައި ޑިޕާޓްމަންޓާއި ތަހުގީގު އިދާރާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަށްވަރާކުރުމަށްފަހު، ހުރިހާ މުއައްސަސާތަކަށް އެއްބަސްވުމަކަށް ނާދެވޭ ހާލަތުގައެވެ.

(ނ) ޑައިވަރށަންގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅަން ނުފެންނަކަމަށް ޑިޕާޓްމަންޓުން ލަފާދީ އަދި އެ ގޮތުގެ މަތީން ފިޔަވަޅު ނޭޅުމަށް ތަހުގީގީ އިދާރާއިން ކަނޑައަޅައިފައިވާ މައްސަލައެއްގައި، ޑައިވަރށަނަށް ފޮނުވަންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާނަމަ، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން، އެގޮތަށް ކަނޑައަޅަން ފެންނަ ސަބަބުތައް ބަޔާންކޮށްދިނުމާއެކު، އެ ކަމުގައި ޑިޕާޓްމަންޓުން ދެކޭ ގޮތެއް އަލުން ބަލަންވާނެއެވެ.

 

31 ވަނަ މާއްދާ - ޑައިވަރށަނަށް ފޮނުވުމާމެދު ނިންމާ ނިންމުން ވަކިން އެނގެން އޮތުން

 (ހ) ކުޑަކުއްޖެއްގެ މައްޗަށް ތުހުމަތުކުރެވިގެން ވެސް އެ މައްސަލައެއްގައި ތުހުމަތުކުރެވޭ ކުއްޖާއާމެދު ޑައިވަރށަން ނިޒާމުގެ ތެރެއިން ފިޔަވަޅުއެޅުމާމެދު ތަހުގީގު އިދާރާއިން ނިންމި ގޮތް ވަކިން އެނގޭނެ ގޮތަށް ލިޔުމުން ރިކޯޑުކޮށް، މައްސަލައިގެ ފައިލުގައި އެ ލިޔުން ހިމަނައިފައި އޮންނަންވާނެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ތަހުގީގުކުރާ އިދާރާތަކުން ހުށަހަޅާ ކޮންމެ މައްސަލައެއްގައި ވެސް އެ މައްސަލައެއްގައި ހިމެނޭ ތުހުމަތުކުރެވޭ ކުއްޖާގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމުގައި އެ ކުއްޖާއާމެދު ޑައިވަރށަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ގޮތް ވަކިން އެނގޭނެ ގޮތަށް ލިޔުމުން ރިކޯޑުކޮށް، މައްސަލައިގެ ފައިލުގައި އެ ލިޔުން ހިމަނައިފައި އޮންނަންވާނެއެވެ.

(ނ) ދައުވާ ކުރުމުގެ ބަދަލުގައި ޑައިވަރށަންއަށް ފޮނުވަން ނިންމާ ހާލަތުގައި، އަންނަނިވި ތަފުސީލުތައް ހިމެނޭ ލިޔުމެއް އޮންނަންވާނެއެވެ.

  1. ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ އަމަލު ހިންގިކަމަށް ގަބޫލުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާކަމާމެދު ދެކޭގޮތް؛
  2. އެ ކުއްޖާގެ އަމިއްލަ އިހުތިޔާރުގައި، މިނިވަންކަމާއެކު ކުށުގެ ޒިންމާ ގަބޫލުކުރުމާބެހޭ ގޮތުން ކުއްޖާ ބުނާ ބުނުމާމެދު ދެކޭގޮތް؛
  3. އެ ކުއްޖާ ކުށުގެ ޒިންމާ ގަބޫލުކުރަނީ ވަކި ފަރާތަކުން ނުފޫޒު ފޯރުވުމުގެ ސަބަބުން ކަމުގައި ބެލެވޭކަން ނުވަތަ ނޫންކަން؛
  4. ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް އެ ކުއްޖާގެ ރުހުން ލިބިފައި އޮތްކަން ނުވަތަ ނެތްކަން؛
  5. އެ ކުއްޖާގެ ރުހުމުގެ އިތުރުން، އެ ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން ލިބިފައި އޮތުން.

(ރ) މި މާއްދާގެ (ށ) ގައި ބުނާ ފަދަ ލިޔުމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކުލަވައިލާނީ، ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމާމެދު ތަހުގީގު އިދާރާއިން ނިންމައިފައިވާ ނިންމުން ރަނގަޅުނޫންކަމަށް ފެންނަ ހާލަތްތަކުގައެވެ. އެނޫން ހާލަތްތަކުގައި ތަހުގީގު އިދާރާގެ ނިންމުމަށް ތާއީދުކުރުމުން އެކަނި ފުދޭނެއެވެ.

(ބ) ތުހުމަތުކުރެވޭ ކުއްޖާއާމެދު ނިންމާ ގޮތަކީ ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއެޅުން ކަމުގައި ވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔުމާ އެއްކަރުދާސްކޮށްފައި އަންނަނިވި ލިޔުންތައް ހުންނަންވާނެއެވެ.

  1. ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް ކުއްޖާގެ ރުހުން އޮތްކަން އަންގައިދޭ ލިޔުން؛
  2. ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން އޮތްކަން ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތުގެ ރުހުން އޮތްކަން އަންގައިދޭ ލިޔުން.
     

32 ވަނަ މާއްދާ - ކުއްޖާއަށާއި ބެލެނިވެރިޔާއަށް ސާފުކޮށްދޭންޖެހޭ ކަންކަން

(ހ) ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަންނަނިވި ކަންކަން ތުހުމަތުކުރެވޭ ކުއްޖާއަށް ވިސްނޭނެ އިބާރާތްތަކުން ތަކުރާރުކޮށް ސާފުކޮށްދޭންވާނެއެވެ. އަދި އެ ކަންކަން ސާފުކޮށްދިންކަން ލިޔުމުން އެނގެން އޮންނަންވާނެއެވެ.

  1. ކުއްޖާގެ ރިސްކް އެސެސްމަންޓަށް ރިއާޔަތްކުރާއިރު ކުއްޖާއާމެދު އެޅިދާނެކަމަށް ފެންނަ ފިޔަވަޅުތަކަކީ ކޮބައިކަން؛
  2. ކުއްޖާއާމެދު އަޅާ ފިޔަވަޅުތައް ތަންފީޒުކޮށް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތަކީ ކޮބައިކަން؛
  3. ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް އެއްބަސްނުވާނަމަ، އެކަމަކީ ޖިނާއީ ދައުވާއަކާ ކުރިމަތިލާން ޖެހިދާނެކަމެއްކަމާއި، އެކަމުގެ ސަބަބުން ޖަލު އަދަބަކާ ކުރިމަތިވެދާނެކަން؛
  4. ޑައިވަރށަން ނިޒާމުގެ ދަށުން އެޅޭ ފިޔަވަޅު ފުރިހަމަކޮށް ނިމުމުން އެއްވެސް ކުށުގެ ރިކޯޑެއް ނޯންނާނެކަން؛
  5. ޑައިވަރށަންގެ ދަށުން ފިޔަވަޅުއެޅުމާމެދު ކުރެވޭ ސުވާލުތަކަށް ވަކި ގޮތަކަށް ޖަވާބުދިނުމުގެ ކުރިން ގާނޫނީ ވަކީލަކާ މަށްވަރާކުރުމުގެ ހައްގު އެ ކުއްޖާއަށް ލިބިގެންވާކަން؛
  6. ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް ގަބޫލުވުމުގެ ގޮތުން ކުށަށް އިއުތިރާފުވެގެން ޖިނާއީ ދައުވާއެއް ނޫފުލާނެކަން؛
  7. ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް ގަބޫލުވުމުގެ ގޮތުން އެ ކުއްޖާ ބުނާ އެއްވެސް ބުނުމެއް، ޑައިވަރށަންގެ ފިޔަވަޅާ އެ ކުއްޖާ ހިލާފުވެއްޖެ ހާލަތެއްގައި ވެސް އެ ކުއްޖާއާ ދެކޮޅަށް ބޭނުން ނުކުރާނެކަން؛
  8. ޑައިވަރށަން ފުރިހަމަ ނުކޮށްފިނަމަ ނުކުންނާނެ ނަތީޖާއަކީ ކޮބައިކަން.

(ށ) ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުއްޖާގެ ބެލެނިވެރިޔާއަށް ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަށް ސާފުކޮށްދޭންވާނެއެވެ. އަދި ޑައިވަރށަންގެ ދަށުން ފިޔަވަޅުއެޅުމަށް ކުއްޖާ ރުހުން ދީފައިވާ ހާލަތެއްގައި، އެކަށީގެންވާ ސަބަބެއް ނެތި ކުއްޖާގެ ބެލެނިވެރިޔާއަށް އެކަމަށް ރުހުން ނުދީ ހުރުމުގެ ހައްގު ލިބިގެންނުވާކަން ބުނެދޭންވާނެއެވެ.

(ނ) ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން އޮތްތޯ ބެލުމަށް ސުވާލުކުރަންވާނީ، މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންކަންސާފުކޮށްދިނުމަށްފަހުގައެވެ. 
 

33 ވަނަ މާއްދާބެލެނިވެރިޔާ އިއުތިރާޒުކުރުމަށް އެކަށީގެންވާ ސަބަބުތައް

(ހ) ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމާމެދު ބެލެނިވެރިޔާ އިއުތިރާޒުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ކަމުގައި އަންނަނިވި ކަންކަން ބެލެވިދާނެއެވެ.

  1. ޑައިވަރށަން ނިޒާމުގެ ތެރެއިން އެޅުމަށް ކަނޑައަޅާ ފިޔަވަޅަކީ ބެލެނިވެރިޔާގެ ދައުރެއް އޮންނަ ކަމެއްކަމަށް ވެފައި، އޭނާއަށް އެ ދައުރު އަދާކުރެވެން ނެތުން؛
  2. ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް ކުއްޖާ ރުހުން ދެނީ، އެ ކުއްޖާގެ އަމިއްލަ އިހުތިޔާރުގައި ނޫންކަމަށް ނުވަތަ އެ ކުއްޖާގެ މައްޗަށް ނުފޫޒެއް އޮވެގެންކަމަށް ބެލެނިވެރިޔާއަށް ގަބޫލުކުރެވިދާނެ ސަބަބުތަކެއް ހުރުން.

(ށ) ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއަޅައިގެން ކުއްޖާ އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނެވިދާނެކަމަށް ބެލެނިވެރިޔާއަށް ނުފެނުމަކީ، އެކަމަށް އިއުތިރާޒު ކުރުމަށް، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބުނާ ފަދަ އެކަށީގެންވާ ސަބަބެއް ކަމުގައި ބަލައިގެން ނުވާނެއެވެ. ނަމަވެސް، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ މުއައްސަސާތަކަށް ކުއްޖާ ޑައިވަރށަނަށް ފޮނުވުމާމެދު އެއްބަސްނުވެވޭ ހާލަތެއްގައި ބެލެނިވެރިޔާ އިއުތިރާޒު ކުރާނަމަ އެކަށީގެންވާ ސަބަބެއް ކަމުގައި ބަލަންވާނެއެވެ. 

 

34 ވަނަ މާއްދާ - ޑައިވަރށަން ޕްލޭން ކަނޑައެޅުން

(ހ) ށަރީއަތުގެ ކުރިން ޑައިވަރށަނަށް ފޮނުވުމަށް ނިންމާނަމަ، އެ ކުއްޖަކަށް ހިންގޭނެ ޑައިވަރށަން ޕްލޭން އެކުލަވައިލައި، އެ ޕްލޭން ކަނޑައަޅާނީ އެ ނިންމުމެއް ނިންމާ ފަރާތަކުންނެވެ. ތަހުގީގު މަރުހަލާގައި ނަމަ ތަހުގީގު އިދާރާއިންނެވެ. ތަހުގީގު ނިމި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ މައްސަލައެއް ނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑައިވަރށަން ޕްލޭން އެކުލަވައިލަންވާނީ، އޭގައި ހިމެނޭ ކޮންމެ ބަޔަކާމެދު ތަފުސީލުކޮށް ޑިޕާޓްމަންޓާއެކު މަށްވަރާ ކުރުމަށް ފަހުގައެވެ.

(ނ) ޑައިވަރށަން ޕްލޭން ކަނޑައެޅުމުގައި ބަލާނީ، ކުއްޖާގެ ރިސްކް އެސެސްމަންޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޑައިވަރށަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތްތަކަކާއި ފިޔަވަޅުތަކެއް އިހުތިޔާރު ކުރުމަށެވެ. އަދި ފިޔަވަޅުތައް އިހުތިޔާރު ކުރުމުގައި، އަންނަނިވި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

  1. ކުއްޖާގެ އުމުރާއި، ކުއްޖާގެ ބަދަލުވަމުންދާ ގާބިލިއްޔަތު؛
  2. ކުއްޖާ ތަސައްރަފު ފުދިފައިވާ މިންވަރު؛
  3. ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަން؛
  4. ކުއްޖާގެ ނަފްސާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރިކަން ނުވަތަ ނޫންކަން؛ 
  5. ކުއްޖާގެ އާއިލީ ގުޅުންތަކުގެ ހާލަތާއި، އިޖުތިމާއީ ހާލަތު؛
  6. ކުއްޖާ ކުރި އަމަލުގެ ޒާތަށާއި، ބާވަތަށާއި، އެ އަމަލުގެ ކުޑަބޮޑުމިނަށާއި، ވަށައިގެންވާ އެންމެހައި ހާލަތްތަކަށާއި، މުޖުތަމައުގެ މަސްލަހަތަށް ބަލާއިރު، އެ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްކަން ނުވަތަ ނޫންކަން.

(ރ) ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމުގައި، ކުއްޖާ ދިރިއުޅެމުންދާ ރަށުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކަށް ރިއާޔަތްކުރަންވާނެއެވެ. 

 

35 ވަނަ މާއްދާ - ޑައިވަރށަން ޕްލޭނުގައި ހިމެނޭ ބައިތައް

ޑައިވަރށަން ޕްލޭނުގައި، އަންނަނިވި ތަފުސީލުތައް ހިމަނަންވާނެއެވެ.

(ހ) ކުއްޖާގެ ރިސްކް އެސެސްމަންޓުގެ ހުލާސާ؛

(ށ) ކުއްޖާއާމެދު ޑައިވަރށަން ނިޒާމުގެ ތެރެއިން އެޅުމަށް ކަނޑައަޅާ ފިޔަވަޅުތައް؛

(ނ) ކުއްޖާއާމެދު ޑައިވަރށަން ނިޒާމުގެ ތެރެއިން އެޅުމަށް ކަނޑައަޅާ ކޮންމެ ފިޔަވަޅެއް އެޅެމުންދަނީ ކޮން މަގުސަދެއް ހާސިލުކުރުމަށްކަން؛

(ރ) ކުއްޖާއާމެދު ޑައިވަރށަން ނިޒާމުގެ ތެރެއިން އެޅުމަށް ކަނޑައަޅާ ފިޔަވަޅުތައް އަމަލީގޮތުން ތަންފީޒުކުރާނީ ކިހިނެއްކަން؛

(ބ) ޑައިވަރށަން ނިޒާމުގެ ތެރެއިން އެޅުމަށް ކަނޑައެޅި ފިޔަވަޅުތައް އަމަލީގޮތުން ތަންފީޒުކުރާނެ ފަރާތްތައް؛

(ޅ) ޑައިވަރށަންގެ ދަށުން އަޅާ ފިޔަވަޅުގެ މުއްދަތު؛

(ކ) ޑައިވަރށަން ޕްލޭން ނިމުމަކަށް އަންނާނެ ހާލަތުތައް.
   

36 ވަނަ މާއްދާ - ިޔަވަޅު އެޅުމުގައި މަގުސަދަށް ރިއާޔަތްކުރުން

ޑައިވަރށަން ޕްލޭނުގައި ކުއްޖާއާމެދު އަޅަން ކަނޑައަޅާ ކޮންމެ ފިޔަވަޅަކީ ވެސް އެ ފިޔަވަޅެއްގެ ސަބަބުން އެ ކުއްޖެއްގެ ހާލަތާ ގުޅިގެން ޑައިވަރށަން ނިޒާމުގެ މަގުސަދު ހާސިލުވާނެ ފިޔަވަޅަކަށް ވާންވާނެއެވެ.

 

37 ވަނަ މާއްދާ - މާފަށް އެދުމުގެ ފިޔަވަޅު

އަންނަނިވި ހާލަތްތަކުގައި ޑައިވަރށަން ފިޔަވަޅެއްގެ ގޮތުގައި، މާފަށް އެދުމުގެ ފިޔަވަޅު ކަނޑައަޅުމަކީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ މަގުސަދު ހާސިލުވާނެ ކަމެއް ކަމުގައި ބަލައިގެން ނުވާނެއެވެ.

(ހ) އެ ފިޔަވަޅު ތަންފީޒުކުރުމުގެ ސަބަބުން މާފަށް އެދެވޭ ފަރާތަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ބެލެވުން.

(ށ) މާފަށް އެދުމަކީ އެއްވެސް މާނައެއް ނެތް ކަމެއްކަމަށް ކުއްޖާއަށް އިހުސާސްވާކަމަށް ބެލެވުން.

(ނ) ކުށުގެ އަމަލުން ގެއްލުން ލިބުނު ފަރާތް ނުވަތަ އަނިޔާލިބުނު ފަރާތް އެކަމަށް އިންކާރުކުރުން. 

 

38 ވަނަ މާއްދާ - ބެލެނިވެރިޔާއާއެކު ވަގުތު ހޭދަކުރުމުގެ ފިޔަވަޅު

އަންނަނިވި ހާލަތްތަކުގައި ކުއްޖާގެ އާއިލާއާއެކު ނުވަތަ ބެލެނިވެރިޔާއާއެކު ވަގުތު ހޭދަކުރުމަށް ކަނޑައެޅުމަކީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ މަގުސަދު ހާސިލުވާނެ ކަމެއް ކަމަށް ބަލައިގެން ނުވާނެއެވެ.

(ހ) އެ މީހަކާއެކު ވަގުތު ހޭދަކުރުމަށް ކަނޑައެޅޭ ފަރާތަކީ، ކުށުގެ މާހައުލަށް ހުށަހެޅިފައިވާ ފަރާތަކަށް ވުމުގެ ސަބަބުން އޭނާއާއެކު ވަގުތު ހޭދަކުރުމަކީ ކުއްޖާ އިސްލާހުވުމަށް ހުރަސްއެޅޭ ކަމެއް ކަމުގައި ވުން.

(ށ) އެ މީހަކާއެކު ވަގުތު ހޭދަކުރުމަށް ކަނޑައެޅޭ ފަރާތުގެ ކިބައިން ކުއްޖާއަށް ޖިސްމާނީ ނުރައްކަލެއް ނުވަތަ ނަފްސާނީ ނުރައްކަލެއް ނުވަތަ ޖިންސީ ނުރައްކަލެއް ވެދާނެކަމުގެ ފުރުސަތު އޮތުން.

(ނ) އެ މީހަކާއެކު ވަގުތު ހޭދަކުރުމަށް ކަނޑައެޅޭ ފަރާތަކީ އެކަމަށް ނުކުޅެދިގެންވާ ފަރާތަކަށް ވުން.

 

39 ވަނަ މާއްދާ - ޒިންމާދާރު މީހެއްގެ އިރުށާދުގެ ދަށުން ކުއްޖާގެ އުޅުން މޮނިޓަރކުރުން

(ހ) ޑައިވަރށަން ފިޔަވަޅެއްގެ ގޮތުގައި، ޒިންމާދާރު މީހެއްގެ އިރުށާދުގެ ދަށުން ކުއްޖާގެ އުޅުން މޮނިޓަރ ކުރުމަށް އަންގާނަމަ، ކުއްޖާއަށް އެކި ކަންކަމާ ގުޅިގެން އިރުށާދު ދިނުން ފަދަ ޒިންމާދާރު ފަރާތުން އަދާކުރަންޖެހޭ އިތުރު މަސްއޫލިއްޔަތުތައް ޑައިވަރށަން ޕްލޭނުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) ކުއްޖާގެ އުޅުން މޮނިޓަރކޮށް އިރުށާދު ދިނުމަށް ކަނޑައަޅާ ޒިންމާދާރު މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ކުށުގެ ރިކޯޑެއް ނެތުން؛
  2. ހަރުދަނާ މީހެއް ކަމުގައި ވުން؛
  3. އެކުލެވުންތެރި މީހެއް ކަމުގައި ވުން.         

(ނ) ކުށުގެ ރިކޯޑު ކުރިން އޮތް ފަރާތެއް ކުށުން ދުރުހެލިވުމުގެ ސަބަބުން ކުށުގެ ރިކޯޑު ނެތިފައިވާނަމަ، ޒިންމާދާރު ފަރާތެއްގެ ގޮތުގައި އެ ފަރާތެއް ކަނޑައަޅަންވާނީ، ކުށުގެ ރިކޯޑު ނެތުމަށްފަހު އޭނާ ދިރިއުޅެމުންދަނީ އަބުރުވެރި ގޮތެއްގައި ކަމަށް އިތުރަށް ކަށަވަރު ކުރުމަށް ފަހުގައެވެ. 

 

40 ވަނަ މާއްދާ - ޕްރޮގްރާމެއްގައި ބައިވެރިކުރުވުމުގެ ފިޔަވަޅު

 (ހ) ޑައިވަރށަން ޕްލޭނުގައި، ވަކި ކަހަލަ ތަމްރީނު ޕްރޮގްރާމެއް ނުވަތަ ރިހެބިލިޓޭށަން ޕްރޮގްރާމެއް ހިމަނާނަމަ، އެ ޕްރޮގްރާމަކީ ޑައިވަރށަން ޕްލޭނުގައި ހިމެނުމަށް ޑިޕާޓްމަންޓުން ގަބޫލުކޮށްފައިވާ ޕްރޮގްރާމަކަށް ވާންވާނެއެވެ. އަދި އެފަދަ ޕްރޮގްރާމުތައް ހިންގަނީ ސަރުކާރުގެ އިދާރާއަކުން ނުވަތަ ސަރުކާރުންކަމަށް ވުން ލާޒިމެއް ނޫނެވެ.

(ށ) އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ހިމެނޭހެން ހިންގާ ތަމްރީނު ޕްރޮގްރާމުތަކާއި ރިހެބިލިޓޭށަން ޕްރޮގްރާމުތަކުގެ ތެރެއިން ޑައިވަރށަން ޕްލޭނެއްގައި ކަނޑައެޅުމަށް ޑިޕާޓްމަންޓުން ގަބޫލުކުރާ ޕްރޮގްރާމުތަކުގައި ހިމެނޭނެ ބައިތައް އެނގޭނޭހެން ތައްޔާރުކޮށްފައިވާ ލިސްޓެއް ތަހުގީގު އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހިއްސާކޮށްފައި އޮންނަންވާނެއެވެ.

(ނ) މަދަނީ ޖަމްއިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ޕްރޮގްރާމެއް ޑައިވަރށަން ޕްލޭނުގައި ކަނޑައެޅުމަށް ޑިޕާޓްމަންޓުން ގަބޫލުކުރާ ޕްރޮގްރާމުތަކުގެ ތެރޭގައި ހިމަނައިދިނުމަށް އެ ފަރާތްތަކުން ޑިޕާޓްމަންޓަށް ހުށަހަޅާނީ، އެ ޕްރޮގްރާމުތަކުގެ އައުޓްލައިނާއި ސިލަބަސް އެނގޭނެ ގޮތަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕާޓްމަންޓުން ގަބޫލުކުރާ ޑައިވަރށަން ޕްރޮގްރާމުތަކުގެ ތެރޭގައި އަންނަނިވި ޕްރޮގްރާމުތައް ހިމެނެންވާނެއެވެ. އަދި އެފަދަ ޕްރޮގްރާމުތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ޑިޕާޓްމަންޓުން ކަށަވަރު ކުރަންވާނެއެވެ.

  1. ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމުތައް؛
  2. ކްރިއޭޓިވް އާރޓްސްގެ އެކި ދާއިރާތަކުގެ އަސާސީ މައުލޫމާތުތަކުގެ މައްޗަށް ފަރުމާކޮށްފައިވާ ޕްރޮގްރާމުތައް؛
  3. ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ހިންގޭ އަސާސީ ޕްރޮގްރާމުތައް؛
  4. ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމުތައް؛
  5. ކުޅިވަރާއި ކަސްރަތުގެ ޕްރޮގްރާމުތައް؛
  6. އޭންގަރ މެނޭޖްމެންޓް ޕްރޮގްރާމުތައް؛
  7. ކޮމިއުނިކޭށަންސް ސްކިލްސްގެ ޕްރޮގްރާމުތައް؛
  8. މައްސަލަ ހައްލުކުރުމާއި، މީހުންނާ ގުޅިގެން އުޅެން ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް؛.
  9. ކްރިޓިކަލް ތިންކިންގ ދަސްކޮށްދޭ ޕްރޮގްރާމުތައް؛
  10. ކުށްކުރާ ސަބަބަށް ބަލައި، ދީނީގޮތުން އެކަމަކާ ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އެކުލެވޭ ޕްރޮގްރާމުތައް؛
  11. މަސްތުވާތަކެތީގެ ނުރައްކާތެރިކަމާބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމުތައް؛
  12. މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމުތައް؛
  13. ނަފްސާނީ ހާލަތާ ގުޅިގެން ބޭނުންވާނެ އެކަށީގެންވާ ފަރުވާގެ ޕްރޮގްރާމުތައް؛
  14. ކައުންސެލިންގ ދިނުމުގެ އެކިއެކި ޕްރޮގްރާމުތައް؛
  15. ދަރިން ތަރުބިއްޔަތު ކުރުމުގެ ފަންނުތައް ދަސްކޮށްދޭ ޕްރޮގްރާމުތައް؛
  16. ކުށުގެ ވެށްޓާ ގުޅޭގޮތުން މައިންބަފައިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް؛
  17. ކުށްކުރަން މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް؛
  18. ދީނީ ތައުލީމު އުނގަންނައިދޭ ޕްރޮގްރާމުތައް.

(ބ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރޭގައި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ޕްރޮގްރާމުތަކުގެ ގޮތުގައި ޑިޕާޓްމަންޓަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ޕްރޮގްރާމުތައް ހުރިނަމަ، އެފަދަ ޕްރޮގްރާމުތައް ހުރި ދާއިރާތަކަށް ވަކިން ޑިޕާޓްމަންޓުން ޕްރޮގްރާމު ފަރުމާކޮށް ހިންގުން ލާޒިމެއް ނޫނެވެ. އަދި އެފަދަ ފަރާތަކާއެކު އެއްބަސްވެވޭ ގޮތެއްގެ މަތީން ކުޑަކުދީންނަށް ފަރުވާގެ ޕްރޮގްރާމުތައް ކުރިޔަށް ގެންދެވިދާނެއެވެ.

 

41 ވަނަ މާއްދާ - ބަދަލުދިނުމާއި ޖޫރިމަނާގެ ފިޔަވަޅުއެޅުން

(ހ) ޑައިވަރށަން ޕްލޭނުގައި ހިމަނާ ފިޔަވަޅަކީ، ބަދަލެއް ދިނުން ކަމަށްވާ ހާލަތުގައި ނުވަތަ ބަދަލުގައި ކަމެއް ކޮށްދިނުން ކަމަށްވާ ހާލަތުގައި ނުވަތަ ޖޫރިމަނާ ކުރުން ކަމަށްވާ ހާލަތުގައި، އެ ފިޔަވަޅުތަކުގެ އިތުރުން ކުއްޖާ އިސްލާހުކުރުމަށް އަޅާ އިތުރު ފިޔަވަޅުތަކެއް ހިމެނެންވާނެއެވެ.

(ށ) ޖޫރިމަނާ ކުރުމުގެ ފިޔަވަޅުއެޅުމުގައި ކުއްޖާއާއި ކުއްޖާގެ އާއިލާގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ.

 

42 ވަނަ މާއްދާ - މުޖުތަމައަށް ހިދުމަތްކުރުމުގެ ޕްރޮގްރާމުތައް

(ހ) ޑައިވަރށަން ޕްލޭނުގައި ހިމެނުމުގެ ބޭނުމަށް މުޖުތަމައަށް ހިދުމަތްކުރުމުގެ ޕްރޮގްރާމުތަކާއި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމުގެ ޕްރޮގްރާމުތައް، އަންނަނިވި ދާއިރާތަކުން ހިންގިދާނެއެވެ.

  1. ރަށުތެރެ ސާފުކުރުން؛
  2. ތިމާއަށް އެނގޭ ހުނަރެއް އަނެއްކާއަށް ދަސްކޮށްދިނުން؛
  3. އާންމު މަންފާއަށް ކަމެއް ކޮށްދެވޭ ފަދަ ކުއްޖެއް ނަމަ، އެފަދަ ކަމެއް ކުރުވުން؛
  4. މުޖުތަމައަށް އެ ދާއިރާއަކުން ހާއްސަ ސަމާލުކަމެއް ބޭނުންވެގެން ނުވަތަ އެހީތެރިކަމެއް ބޭނުންވެގެން ހިލޭސާބަހަށް ހިންގޭ ކޮންމެ ހަރަކާތެއް؛
  5. ތައުލީމު ދިނުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމުތަކުގައި ބައިވެރިކުރުން.     

(ށ) ޑިޕާޓްމަންޓް ފިޔަވައި އެހެން ފަރާތަކުން އިސްނަގައިގެން ހިންގާ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޕްރޮގްރާމުތައް ޑައިވަރށަން ޕްލޭނެއްގައި ހިމެނުމަށް ބަލައިގަނެ އެފަދަ ޕްރޮގްރާމެއްގައި ކުއްޖާ ބައިވެރިކުރުން މި މާއްދާ ހުރަހެއް ނާޅައެވެ. 

 

43 ވަނަ މާއްދާ - ކޮމިޔުނިޓީ ކޮންފަރެންސިންގ

(ހ) ޑައިވަރށަން ޕްލޭނުގައި ކުއްޖާއާމެދު އަޅާ ފިޔަވަޅެއްގެ ގޮތުގައި ކޮމިޔުނިޓީ ކޮންފަރެންސިންގ ހިމަނާނަމަ، އެ ފިޔަވަޅު ތަންފީޒު ކުރަންވާނީ، ރުޖޫއީ އިންސާފުގެ ފަލްސަފާތަކާއި ހަމަތަކާ އެއްގޮތަށް ކަމާބެހޭ ހާއްސަ ތަމްރީނު ލިބިފައިވާ ފެސިލިޓޭޓަރެކެވެ.

(ށ) ތުހުމަތު ކުރެވިފައިވާ ކުއްޖާއާއި ކޮމިޔުނިޓީ ކޮންފަރެންސިންގގައި ބައިވެރިކުރާން ޖެހޭކަމަށް ފެސިލިޓޭޓަރު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން، އަންނަނިވި ފަރާތްތަކުގެ ހާޒިރުގައި ކޮމިޔުނިޓީ ކޮންފަރެންސިންގ ކުރިޔަށް ގެންދިއުމަކީ އެދެވިގެންވާ ކަމެކެވެ.

  1. ތުހުމަތުކުރެވޭ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ އެ ކުއްޖާގެ މަސްލަހަތުގައި މަސައްކަތްކުރަމުންދާ ފަރާތެއް؛
  2. ކުޑަކުއްޖާގެ ގާނޫނީ ވަކީލެއް ހުރިނަމަ އެ ފަރާތެއް؛
  3. ކުޑަކުދިންގެ ހާއްސަ ފުލުހުންގެ ޑިޕާޓްމަންޓުން ކަނޑައަޅާ ހާއްސަ ފުލުހެއް؛
  4. ކުޑަކުދިންގެ ހާއްސަ ޕްރޮސިކިއުޓަރުންގެ ތެރެއިން ޕްރޮސިކިއުޓަރެއް؛
  5. ޑިޕާޓްމަންޓުން ކަނޑައަޅާ ކޭސް ވާރކަރެއް.

(ނ) ކޮމިޔުނިޓީ ކޮންފަރެންސިންގ ތަންފީޒުކުރަންވާނީ ކުއްޖާއަށް ގޯހެއް ހެދިއްޖެކަމުގެ އިހުސާސް ލިބޭނޭ ގޮތަކަށެވެ. އެހެންނަމަވެސް ކުއްޖާ ލަދުގަންނަވައިލުމާއި، ކުއްޖާ ކުށްވެރިއެއްކަމަށް ކަނޑައެޅުމަކީ، އެ ފިޔަވަޅު ތަންފީޒުކުރުމުގައި ގެންގުޅެގެންވާނެ ހަމަތަކެއް ނޫނެވެ.

(ރ) ކުއްޖެއްގެ ހާއްސަ ހާލަތަށް ރިއާޔަތްކުރެވި، ރުޖޫއީ އިންސާފުގެ ހަމަތަކާއި އުސޫލުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތީން ކުއްޖާގެ ހާލަތާއި ސުލޫކާ އެކަށީގެންވާ ބަސްމަގަކާއި ރާގަކުން ކުއްޖާއާ ވާހަކަދެއްކުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ބ) ކޮމިޔުނިޓީ ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކަކީ ޑިޕާޓްމަންޓުގެ މުވައްޒަފަކަށް ނުވިނަމަވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ ސުލޫކީ މިންގަނޑަށް ތަބާވާންވާނެއެވެ.

 

44 ވަނަ މާއްދާ - ޑައިވަރށަން ޕްލޭނުގައި މައިންބަފައިންނާ ބެހޭގޮތުން ވަކި ކަމެއް ކަނޑައެޅުން

(ހ) ޑައިވަރށަން ޕްލޭން ކަނޑައަޅާއިރު، އެ ކުއްޖާއާމެދު ކެއަރ އެންޑް ވެލްފެއަރ އޯޑަރެއް ކޯޓަކުން ނެރެފައިވާނަމަ، އެ އޯޑަރު ތަންފީޒުކުރާނެ ގޮތް، ޑައިވަރށަން ޕްލޭނުގައި ހިމަނައިފައި އޮންނަންވާނެއެވެ.

(ށ) ކުއްޖާގެ ޑައިވަރށަން ޕްލޭން ކަނޑައެޅުމުގައި، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެފައިވާކަމަށް ބެލެވޭނަމަ، ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން އެކަށީގެންވާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް ޑައިވަރށަން ޕްލޭނުގައި ކަނޑައަޅަންވާނެއެވެ.

  1. ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ކުއްޖާއާމެދު އިހުމާލުވާކަން ފާހަގަކުރެވުން؛
  2. ކުއްޖާގެ ހާއްސަ ހާލަތެއްގެ ސަބަބުން ކުއްޖާއާ މުއާމަލާތުކުރުމާއި ކުއްޖާ ތަރުބިއްޔަތު ކުރުމުގައި ހާއްސަ ފަންނީ އެހީތެރިކަން މައިންބަފައިންނަށް ބޭނުންވާކަން ފާހަގަކުރެވުން؛
  3. ކުއްޖާގެ މައިންބަފައިންނަށް އިތުރު ހޭލުންތެރިކަމަށް ބޭނުންވާކަން ފާހަގަކުރެވުން.
      

45 ވަނަ މާއްދާ - ޑައިވަރށަންގެ މުއްދަތު ކަނޑައެޅުން

(ހ) ޑައިވަރށަންގެ ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް ނިންމޭ ކުއްޖާގެ މައްޗަށް ތުހުމަތުރެވޭ ކުށުގެ އަމަލަކީ ޖުނަހްގެ ކުށެއް ކަމުގައި ވާނަމަ، ކުއްޖާއަށް ކަނޑައެޅޭ ޑައިވަރށަން ޕްލޭނުގެ މުއްދަތު 2 (ދޭއް) އަހަރުދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.

(ށ) ޑައިވަރށަން ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމޭ ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލަކީ ޖިނާޔަތުގެ ކުށެއް ކަމުގައި ވާނަމަ، ކުއްޖާއަށް ކަނޑައެޅޭ ޑައިވަރށަން ޕްލޭނުގެ މުއްދަތު 5 (ފަހެއް) އަހަރުދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.

 

46 ވަނަ މާއްދާ - ޑައިވަރށަން ޕްލޭން ތަންފީޒުވަމުންދޭތޯ ބަލަމުން ގެންދިއުން

(ހ) ކުއްޖާގެ މައްޗަށް ކަނޑައެޅިފައިވާ ޑައިވަރށަން ޕްލޭން ތަންފީޒުވަމުންދާ ގޮތާމެދު މަށްވަރާކުރުމަށް ކޭސް ކޮންފަރެންސިންގ ބާއްވަމުން ގެންދާނީ ކިހާ މުއްދަތަކުންކަން ޑައިވަރށަން ޕްލޭނުގައި ކަނޑައަޅައިފައި އޮންނަންވާނެއެވެ. ނަމަވެސް ޑައިވަރށަން ޕްލޭނުގައި ކަނޑައަޅައިފައިވާ އުސޫލުން ބޭރުން މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހާއްސަ ހާލަތެއްގައި ހާއްސަ ކޭސް ކޮންފަރެންސިންގއެއް ބޭއްވިދާނެއެވެ.

(ށ) ޑައިވަރށަން ޕްލޭނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ބާއްވާ ކޭސް ކޮންފަރެންސިންގގައި، ކަމާބެހޭ މުއައްސަސާތައް ބައިވެރިވާންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ބާއްވާ ކޭސް ކޮންފަރެންސިންގގައި، ޑައިވަރށަން ޕްލޭން ތަންފީޒުވަމުންދާ ގޮތާމެދު މަށްވަރާކުރަންވާނެއެވެ. އަދި ޑައިވަރށަން ޕްލޭނާމެދު އެއްވެސް ގޮތެއް އެއްވެސް ފަރާތަކުން ކަނޑައަޅަންވާނީ، ކޭސް ކޮންފަރެންސިންގގައި ކުރެވޭ މަށްވަރާތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. 

 

47 ވަނަ މާއްދާ - ޑައިވަރށަން ޕްލޭނަށް ބަދަލުގެނައުން

(ހ) ކޭސް ކޮންފަރެންސިންގގެ މަށްވަރާތަކުގެ މައްޗަށް ބިނާކޮށްގެން ކުއްޖާގެ ޑައިވަރށަން ޕްލޭނުގައި ހިމެނިފައިވާ ބައެއް ފިޔަވަޅުތައް މަދުކުރުމާއި، ނުވަތަ ހިމެނިފައި ނުވާ ބައެއް ފިޔަވަޅު އިތުރުކުރުމަކީ، އެ ޑައިވަރށަން ޕްލޭން ކަނޑައެޅި ފަރާތަށް ކުރެވިދާނެ ކަމެކެވެ. އެފަދައިން ޑައިވަރށަން ޕްލޭނަށް ގެނެވޭ ކޮންމެ ބަދަލެއް، ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށާއި ޑައިވަރށަން ޕްލޭން ތަންފީޒުކުރުމަށް ކަނޑައަޅައިފައިވާ އެންމެހައި ފަރާތްތަކަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑައިވަރށަން ޕްލޭނަށް ގެންނަ ބަދަލަކީ، ޑައިވަރށަން ޕްލޭނުގައި ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން ޑައިވަރށަން ޕްލޭން ނިމިގެންދާ ގޮތަށް ޑައިވަރށަން ޕްލޭނުގެ މުއްދަތު ކުރުކުރުން ކަމަށް ވާނަމަ، އެކަން ކުރަންވާނީ ކުއްޖާގެ އެސެސްމަންޓެއް ހެދުމަށްފަހު، ކުއްޖާގެ އެސެސްމަންޓާ ގުޅިގެން ކޭސް ކޮންފަރެންސިންގގައި ކުރެވޭ މަށްވަރާތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ކުއްޖާގެ އެސެސްމަންޓް ހަދާނީ، ކުއްޖާއާމެދު އޭގެ ކުރިން ތައްޔާރުކުރި އެސެސްމަންޓްތަކާއި، އެހެނިހެން ރިޕޯޓުތަކާއި، ޑައިވަރށަން ޕްލޭން ތަންފީޒުކުރެވެމުންދާ ގޮތުގެ މައްޗަށާއި، ކުއްޖާގެ ހާލަތަށް ބަދަލެއް އައިސްފައިވާކަން ނުވަތަ ނުވާކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ޑިޕާޓްމަންޓުން ކުއްޖާއަށް ހާއްސަކޮށްފައިވާ ކޭސް ވާރކަރެވެ.
މި މާއްދާގެ ދަށުން އެކުލަވައިލެވޭ ކުއްޖާގެ އެސެސްމަންޓުގައި އަންނަނިވި ކަންކަން ހިމެނެންވާނެއެވެ.

  1. ޑައިވަރށަން ޕްލޭނަށް ކުއްޖާ އަމަލުކުރަމުންދާ މިންވަރާއި ގޮތް؛
  2. ޑައިވަރށަން ޕްލޭނަށް ކުއްޖާ އަމަލުކުރަން ފެށި ފަހުން ކުއްޖާގެ އުޅުމާއި ހާލަތަށް އައިސްފައިވާ ބަދަލުތައް؛
  3. ކުށަށް އަރައިގަތުމުގެ ރިސްކް މިހާރު އޮތް ދަރަޖަ.
      

48 ވަނަ މާއްދާ - ޑައިވަރށަން ޕްލޭން ނިމުމަކަށް އައުން

(ހ) ޑައިވަރށަން ޕްލޭނުގައި ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުން، ޑައިވަރށަން ޕްލޭނުގެ ފިޔަވަޅުތައް ކުއްޖާ ފުރިހަމަކޮށްފި ކަމުގައި ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޑައިވަރށަން ޕްލޭނަށް ބަދަލު ގެނައުމުގައި ޑައިވަރށަން ޕްލޭނުގެ މުއްދަތު މި ގަވާއިދާ ހިލާފުނުވާނެ ގޮތެއްގެ މަތީން ބަދަލުކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. އެހެން ނަމަވެސް، ޑައިވަރށަން ޕްލޭނަށް އެފަދަ ބަދަލެއް ގެންނަނަމަ އެކަން ކުރަންވާނީ ޑައިވަރށަން ޕްލޭނުގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން މެނުވީ ޑައިވަރށަން ޕްލޭނެއް ނިމުމަކަށް ނާންނާނެކަމަށް، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 39 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް ބަލަންވާނެއެވެ. 

 

49 ވަނަ މާއްދާ - ޑައިވަރށަން ޕްރޮގްރާމު ފުރިހަމަކުރުން

(ހ) ޑައިވަރށަން ޕްލޭން ކުއްޖާ ފުރިހަމަކޮށް ނިމުމުން، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލަ ނިމުނީއެވެ.

(ށ) ކުއްޖާއާމެދު ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުގައި ޑައިވަރށަން ޕްލޭން ފުރިހަމަކުރުމަށްފަހު، ކުއްޖާއަށް އެއްވެސް އިދާރާއަކުން ދޫކުރާ އެއްވެސް ބާވަތެއްގެ ލިޔުމެއްގައި ކުއްޖާއަކީ އެފަދަ ތުހުމަތެއް ކުރެވުނު ކުއްޖެއްކަން އެނގޭފަދަ އިބާރާތެއް ނުވަތަ ޖުމުލައެއް ނުވަތަ އެފަދަ ލަފުޒެއް ހިމަނައިގެން ނުވާނެއެވެ. އަދި އެއްވެސް އިދާރާއެއްގެ އިދާރީ އިންތިޒާމުގެ ތެރޭގައި ބަލަހައްޓަމުންގެންދާ ކުށުގެ ރިކޯޑާބެހޭ ލިސްޓެއްގައި އެ ކުއްޖެއްގެ ނަން ހިމަނައިގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ވަސީލަތަކުން ކުށުގެ ރިކޯޑު ޗެކްކުރާއިރު  އެ ކުއްޖާގެ ނަން ފެންނަގޮތަށް އޮވެގެން ނުވާނެއެވެ.

(ނ) ކުއްޖާގެ ޑައިވަރށަން ޕްރޮގްރާމާބެހޭ މައުލޫމާތު ހިއްސާކުރުމަށް ނުވަތަ ޑައިވަރށަން ނިޒާމުގެ ތެރެއިން ކުއްޖާއާމެދު އަޅައިފައިވާ ފިޔަވަޅުތަކާބެހޭ މައުލޫމާތު ކުއްޖާގެ މަސްލަހަތުގައި ނުވަތަ އަދުލުގެ ނިޒާމުގެ މަސްލަހަތުގައި ބޭނުންކުރުމަށް މި މާއްދާގެ (ށ) ހުރަހެއް ނާޅައެވެ. 

 

50 ވަނަ މާއްދާ - ޑައިވަރށަން ޕްލޭނާ ހިލާފުވުން

(ހ) ޑައިވަރށަން ޕްލޭނުގައި ކަނޑައަޅައިފައިވާ އެއްވެސް ފިޔަވަޅަކާ ކުއްޖާ ހިލާފުވާނަމަ، އެކަމާ ގުޅޭގޮތުން މަށްވަރާކުރުމަށް ކަމާބެހޭ މުއައްސަސާތައް ހިމަނައިގެން ހާއްސަ ކޭސް ކޮންފަރެންސިންގއެއް ބާއްވަންވާނެއެވެ.

(ށ) ޑައިވަރށަން ޕްލޭނުގެ ފިޔަވަޅަކާ ކުއްޖާ ހިލާފުވެފައިވާ މިންވަރަކާއި އެކަމާ ގުޅިގެން ޑައިވަރށަން ޕްލޭނަށް ބަދަލެއް ގެންނާނީތޯ ނުވަތަ ޑައިވަރށަން ޕްލޭނާ ކުއްޖާ ހިލާފުވީކަމަށް ބަލައި ކުއްޖާއާމެދު ފިޔަވަޅުއަޅާނީތޯ ކަނޑައަޅަންވާނީ، މި މާއްދާގެ (ހ) ގެ ދަށުން ބާއްވާ ކޭސް ކޮންފަރެންސިންގގައި ކުރާ މަށްވަރާތަކުގެ މައްޗަށް ބިނާކޮށް، އެ ކުއްޖާގެ ޑައިވަރށަން ޕްލޭން ކަނޑައެޅި ފަރާތުންނެވެ. އަދި މިގޮތުން ކުރާ މަށްވަރާތަކުގައި، ގިނަ މުއައްސަސާތައް އެކަމުގައި ދެކޭ ގޮތް އެއީ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ބަލަންވާނެއެވެ.

(ނ) ޑައިވަރށަން ޕްލޭނުގައި ކަނޑައަޅައިފައިވާ ފިޔަވަޅުތަކުންކުރެ ފިޔަވަޅަކާ ކުއްޖާ ހިލާފުވާ ކޮންމެ ފަހަރު ޑައިވަރށަންގެ ފިޔަވަޅުތަކާ ކުއްޖާ ހިލާފުވެއްޖެކަމަށް ބެލުމަށްވުރެ ނުބެލުމަށް އިސްކަންދޭންވާނެއެވެ.

 

51 ވަނަ މާއްދާ - ޑައިވަރށަން ޕްލޭން ބާތިލުކުރުން

(ހ) ޑައިވަރށަން ޕްލޭނާ ކުއްޖާ ހިލާފުވެއްޖެކަމަށް ބަލައިގެން ޑައިވަރށަން ޕްލޭން ބާތިލު ކުރަންވާނީ، ޑައިވަރށަން ޕްލޭނަށް ބަދަލެއް ގެނެސްގެން ވެސް ކުއްޖާއާމެދު ޑައިވަރށަންގެ ނިޒާމު ފުރިހަމަކުރެވެން ނެތިއްޖެ ހާލަތެއްގައެވެ.

(ށ) ޑައިވަރށަން ޕްލޭން ބާތިލުކަމަށް ކަނޑައެޅުމުން، ޑައިވަރށަން ޕްލޭނަށް އަމަލުކުރަން ކަނޑައެޅުނުއިރު، ތުހުމަތުކުރެވުނު ކުއްޖާގެ މައްސަލަ އޮތް މަރުހަލާއަކުން ފެށިގެން މައްސަލަ ކުރިޔަށް ގެންދާނީއެވެ. އޭގެ ތެރޭގައި، ތަހުގީގު މަރުހަލާގައި އޮތްނަމަ، ދައުވާކުރުމާމެދު ގޮތެއް ކަނޑައެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ކަނޑައެޅުން ހިމެނޭނެއެވެ.

(ނ) ޑައިވަރށަން ޕްލޭނާ ހިލާފުވެގެން ޑައިވަރށަން ނިޒާމުގެ ދަށުން އެޅި ފިޔަވަޅު ބާތިލުކަމަށް ކަނޑައަޅާ ހާލަތެއްގައި ވެސް އެ ސަބަބަށްޓަކައި ކުއްޖާ ބަންދުކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، ޑައިވަރށަން ޕްލޭން ބާތިލުވުމާ ގުޅިގެން ކުއްޖާގެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމާއި ދައުވާކުރުމުގެ މަރުހަލާގައި ބަންދުކޮށްފައި ބަހައްޓަންޖެހޭ ކަމަށް ބެލެވޭ ގާނޫނީ ސަބަބެއް މެދުވެރިވެގެން، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ އިޖުރާއަތްތަކުގެ ތެރެއިން ކުއްޖާ ހައްޔަރުކުރުމާއި ބަންދުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ބ) ޑައިވަރށަން ނިޒާމުގެ ތެރެއިން ކުއްޖާއާމެދު ފިޔަވަޅު އެޅެން ނެތިގެން ނުވަތަ ޑައިވަރށަން ޕްލޭން ބާތިލުކުރަން ޖެހިގެން، ކުއްޖާއާމެދު ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމުގައި ޑައިވަރށަން ނިޒާމުގެ ބޭރުން ދެވެންހުރި އެންމެ ލުއި ފުރުސަތުތަކެއް ކުއްޖާއަށް ދިނުމަށް ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ކުރަންވާނެއެވެ. މިގޮތުން، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ  ގާނޫނު) ގައި ބަޔާންކޮށްފައިވާ ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުން ފަދަ ފުރުސަތުތައް ކުއްޖާއަށް ލިބިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. 

 

 ހަވަނަ ބާބު

ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ފަރުވާ ޕްރޮގްރާމުތަކާ ގުޅޭ އުސޫލުތައް

52 ވަނަ މާއްދާ - މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމުތައް ގާނޫނީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުން

(ހ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކުޑަކުދިންގެ މަރުކަޒުތަކުގައި ހިންގޭ، ރިހެބިލިޓޭށަން ޕްރޮގްރާމުތަކާއި ފަރުވާގެ ޕްރޮގްރާމުތަކުގެ ތެރޭގައި އެ މަރުކަޒެއްގެ ގާނޫނީ މަގުސަދުތައް ހާސިލުވާނޭ މިންވަރަށް ހިންގާ އަންނަނިވި ބާވަތްތަކުގެ ޕްރޮގްރާމުތައް ހިންގަމުންގެންދާކަން ޑިޕާޓްމަންޓުން ކަށަވަރުކުރަންވާނެއެވެ.

  1.  ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ހާއްސަކޮށްގެން ހިންގާ އަރލީ-އިންޓަރވެންށަން ޕްރޮގްރާމުތައް؛
  2. އަހުލާގީ މައްސަލަތައް އިސްލާހުކުރުމަށް ހާއްސަކުރާ ޕްރޮގްރާމުތައް؛
  3. ނޭށަނަލް ޑްރަގް އޭޖެންސީން ހިންގާ ޑްރަގް ރީހެބިލިޓޭށަން ނުވަތަ ފަރުވާގެ ޕްރޮގްރާމުތައް؛
  4. އަނިޔާވެރި ކުށް ކަމުގައިނުވާ އަދި ބޮޑެތި ކުށް ކަމުގައިނުވާ ކުށްކުށުގައި ށާމިލުވާ ކުދިންނަށް ހިންގާ އިސްލާހީ ޕްރޮގްރާމުތައް؛
  5. ބަދުއަހްލާގީ އަމަލުތަކާއި ޖިންސީ އަމަލުތަކުގައި ށާމިލުވާ ކުދިންނަށް ހާއްސަކޮށްގެން ހިންގާ އިސްލާހީ ޕްރޮގްރާމުތައް؛
  6. އަނިޔާވެރި ކުށްތަކާއި ބޮޑެތި ކުށްތަކުގައި ށާމިލުވާ ކުދިން އިސްލާހުކުރުމަށް ހިންގާ ޕްރޮގްރާމުތައް؛
  7. މުޖުތަމައާ އެކަހެރިކޮށް ތިބުމަށްފަހު މުޖުތަމައަށް އަނބުރާ ގެނައުމަށް ތައްޔާރުކޮށްދޭނެ ރީ-އިންޓަރގްރޭށަން ޕްރޮގްރާމުތަކާއި، އާފްޓަރ-ކެއަރގެ ޕްރޮގްރާމުތައް؛
  8. ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށް ޓަކައި ކުށްކުރުމުގައި ށާމިލުވާ ކުދިން އިސްލާހުކޮށް ރީހެބިލިޓޭޓް ކުރުމަށް ޓަކައި ހިންގާ ހާއްސަ އެހެނިހެން ޕްރޮގްރާމުތައް؛
  9. ހަރުދަނާ މައިންބަފައިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ޕްރޮގްރާމުތައް މަރުކަޒުތަކުގައި ހިންގަމުންދާ ގޮތް ކަށަވަރު ކުރުމުގައި، އެ ޕްރޮގްރާމުތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ބަލައި ރިވިއުކުރަމުން ގެންދަންވާނެއެވެ.

  1. އެ މަރުކަޒެއްގެ ގާނޫނީ މަގުސަދަކާ ގުޅޭ ގޮތުން އަންނަނިވި ފަރާތްތަކަށް ޕްރޮގްރާމުތައް އަމާޒުކުރެވިފައިވާކަން؛
    1.1 އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ ކުޑަކުދިންނާއި،     އެ ކުދިންގެ އާއިލާތަކަށް؛
    1.2 ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެ ކުދިންގެ އާއިލާތައް؛
    1.3 އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުދިންނާއި، އެ ކުދިންގެ އާއިލާތައް.
  2. އެ މަރުކަޒެއްގެ ގާނޫނީ މަގުސަދު ހާސިލުވުމުގެ ބޭނުމަށް ރުޖޫއީ އިންސާފުގެ ފަލްސަފާގެ އުސޫލުތައް އެކަށީގެންވާ ގޮތުގައި އަމަލީގޮތުން ތަންފީޒު ކުރެވޭނެ މިންވަރަށް، އެ މަރުކަޒަކުން ހުށަހަޅާ ޕްރޮގްރާމުތަކުގައި، ކައުންސެލިންގ ޕްރޮގްރާމުތަކާއި، ގްރޫޕް ކައުންސެލިންގ ޕްރޮގްރާމުތަކާއި، ފެމިލީ ކޮންފަރެންސްތަކާއި، ކޮމިއުނިޓީ ކޮންފަރެންސްތަކާއި، ކޭސް ކޮންފަރެންސްތަކާއި، ތައުލީމީ ޕްރޮގްރާމުތަކާއި، ވޮކޭށަނަލް ޕްރޮގްރާމުތަކާއި،  ލައިފް ސްކިލްސް ޕްރޮގްރާމުތަކާއި، ވަކި ކަމަކަށް ހާއްސަ އިންޓެންސިވް ޕްރޮގްރާމުތަކާއި، މުޖުތަމައަށް ހިދުމަތް ކުރުމުގެ ޕްރޮގްރާމުތަކާއި،  އާންމު ޕްރޮގްރާމުތަކާއި،  ކުއްޖާއާއި އާއިލާގެ ހާލަތަށް ހާއްސަކޮށްގެން ހިންގާ ރީހެބިލިޓޭށަންގެ އެނޫން ޕްރޮގްރާމުތައް ހިމަނައިފައިވާކަން.
  3. އެ މަރުކަޒެއްގެ ގާނޫނީ މަގުސަދު ހާސިލުވާނެ މިންވަރަށް ކުއްޖާ އެކެހެރިކޮށްގެން ފަރުވާދޭންޖެހޭ ހާލަތުގައި އެފަދަ ޕްރޮގްރާމުތައް ހިމެނިފައިވާކަން.
  4. ޕްރޮގްރާމުތަކުގެ މޮޑިއުލް އެކުލަވައިލައިފައިވަނީ އެއިން ކޮންމެ ބާތެއްގެ ޕްރޮގްރާމާ ގުޅޭ ދާއިރާއަކުން ހާއްސަ އިލްމާއި ތަޖުރިބާ ލިބިފައިވާ ފަންނީ މީހުންގެ ލަފަޔާއި އިރުށާދުގެ މަތީންކަން.

 

53 ވަނަ މާއްދާ -  މަރުކަޒަކުން އެހެން ފަރާތެއް މެދުވެރިކޮށް ހިންގާ ޕްރޮގްރާމުތައް ގާނޫނީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުން 

ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މަރުކަޒަކުން ވަކި ޕްރޮގްރާމެއް ހިންގަނީ އެހެން ފަރާތެއް މެދުވެރިކޮށްގެން ކަމަށް ވާނަމަ، އެ ފަރާތަކުން ހިންގާ އެ ޕްރޮގްރާމަކީ ވެސް މި ގަވާއިދުގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއްކަން ޑިޕާޓްމަންޓުން ކަށަވަރު ކުރަންވާނެއެވެ.

54 ވަނަ މާއްދާ - ޕްރޮގްރާމުތަކުގައި ބައިވެރިވާ ކުދިންގެ ރެކޯޑު ބެލެހެއްޓުން

ޕްރޮގްރާމުތަކުގައި ބައިވެރިވާ ކުދިންނަށް ޕްރޮގްރާމުތަކުގެ އަސަރުކުރަމުންދާ މިންވަރު އެނގޭނެ ގޮތެއްގެ މަތީން، ރިހިބިލިޓޭށަން ޕްރޮގްރާމުތަކާއި ފަރުވާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ކުދިންގެ ރިކޯޑު ޑިޕާޓްމަންޓުން ބެލެހެއްޓުމުގެ ބޭނުމަށް މަރުކަޒުތަކުން އެ މައުލޫމާތު ހޯދަންވާނެއެވެ

 

55 ވަނަ މާއްދާ - މަރުކަޒުގައި ތިބޭ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާ ލިބޭކަން ކަށަވަރުކުން

(ހ) މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން ސިއްހީ ފަރުވާދޭންޖެހޭ ހާލަތު މެދުވެރިވެއްޖެކަމަށް ޑިޕާޓްމަންޓަށް އެ މަރުކަޒުތަކުން އަންގަމުންދާ ކުދިން ވަކިން އެނގޭނެހެން އެކަމުގެ ރިކޯޑު ޑިޕާޓްމަންޓުން ބަލަހައްޓަންވާނެއެވެ. އަދި އެފަދަ ކުދިންނަށް ބޭނުންވާ

(ށ) ސިއްހީ ފަރުވާ ލިބޭކަން ޑިޕާޓްމަންޓުން ކަށަވަރުކުރަމުން ގެންދަންވާނެއެވެ.
މި މާއްދާގައި ބުނެފައިވާ ކުދިންނަށް ސިއްހީ ފަރުވާ ލިބުމުގައި ދަތިކޮށް ކަންތައްތަކެއް ދިމާވާކަމަށް ފެންނަ ނަމަ، ވީ އެންމެ އަވަހަކަށް އެކަން މިނިސްޓަރުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

ހަތްވަނަ ބާބު

އާންމު މާއްދާތައް

56 ވަނަ މާއްދާ - ނަކުރުން

މި ގަވާއިދުގައި ވަކި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ،  އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "ރުޖޫއީ އިންސާފު" ކަމަށް ބުނެފައި އެވަނީ، ކުށުގެ ސަބަބުން ސީދާ އަސަރުކުރި ފަރާތްތައް އެކުވެ، އެ ފަރާތްތަކުގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ،  މީހުންނަށާއި ގުޅުންތަކަށް ލިބުނު ގެއްލުން ފޫބެއްދޭނެ ގޮތެއް އެކުލަވައިލައި، ކުއްޖާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ.

(ށ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރިންނާއި، ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައި ވާނަމަ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި، 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދީންނަށެވެ. އެނޫން ހާލަތުގައި އެއީ މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖަކަށެވެ.

(ރ) ''ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް'' ކަމަށް ބުނެފައި އެވަނީ، ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމަށާއި، އެ ކުދީންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމްއިއްޔާތަކާއި، އަމިއްލަ ޖަމާއަތްތަކާއި، ށަރީއަތަށް ހުށަހަޅައިފައިވާ މައްސަލައެއްގައި ގާޑިއަން އެޑް-ލިޓެމްއާއި     އަމިކަސް-ކިއުރިޔައިގެ ދައުރު އަދާކުރުމަށް ކޯޓުން ހުއްދަދޭ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރެވިދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެނިހެން ފަރާތްތަކަށެވެ.

(ބ) "ކޮމިއުނިޓީ ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ހާދިސާއެއް ހިނގުމުން، އެ މައްސަލައިގައި ސީދާ އަސަރުކޮށްފައިވާ ފަރާތްތަކާއެކު މުއައްސަސާތަކާއި މުޖުތަމައުން އެހީތެރިއެއް ހިމެނޭ ގޮތަށް ލިބުނު ގެއްލުން ފޫބައްދަން މަސައްކަތްކުރުމަށް ބޭއްވޭ ބައްދަލުވުންތަކަށެވެ.

(ޅ) "އާއިލާގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ އަންނަނިވި ފަރާތްތަކަށެވެ.

  1. މަންމަ / ބައްޕަ؛
  2. މާމަ / ކާފަ؛
  3. ދޮންމަންމަ / ދޮންބައްޕަ؛
  4. އެއްބަނޑުއެއްބަފާ މީހުން ނުވަތަ ކުދިން/ އެއްބަފާ މީހުން ނުވަތަ ކުދިން /އެއްބަނޑު މީހުން ނުވަތަ ކުދިން؛
  5. ބޮޑު ދައިތައިން / ބޮޑު ބޭބެއިން؛
  6. ޅިޔަންފަހަރިން؛
  7. ބެލެނިވެރިޔާ؛
  8. ކުއްޖާގެ ހާލަތަށް ބަލައި، ކުއްޖާގެ އާއިލާގެ މެންބަރެއް ކަމުގައި ޑިޕާޓްމަންޓުން ހުއްދަ ދޭ ފަރާތް.

(ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(އ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ވ) "ގާނޫނު ތަންފީޒުކުރާ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ކުޑަކުދީންގެ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކަށެވެ.

(މ) "ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން" ނުވަތަ "ގާނޫނާ ހިލާފުވާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދީންނަށެވެ.

(ފ) "ޖިނާއީ ބޮޑު ކުށެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައިވާ ކުށްތަކަށެވެ.

(ދ) "ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާއިމުކޮށްފައިވާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަށެވެ.

(ތ) "ސެންސިޓައިޒޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހާލަތާއި، ބޭނުންތަކާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ކަމާ ގުޅޭ ފަރާތްތައް އަހުލުވެރިކުރުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ.

 

57 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 2019-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު