-

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 83/2021)

 

ގަވާއިދު ނަންބަރު 311/2014 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

25.ތައާރަފު

(ހ) ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ކޯޑް އޮފް ކޮންޑަކްޓާއި، މި ގަވާއިދުގެ ދަށުން ހިންގަންޖެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރާނެ އަދި އެ ކަންކަމަށް ޒިންމާވެ ޖަވާބުދާރީވާނެ، ސިވިލް ސަރވިސްގެ އިސްވެރިޔަކު ހުންނަންވާނެއެވެ. މަސްއޫލު އޮފީސްތަކުގެ ތެރެއިން މިނިސްޓްރީތަކާއި، ބަންޑާރަ ނާއިބުގެ އޮފީހުގައި ހުންނާނީ، ޕަރމަނަންޓް ސެކްރެޓަރީއެވެ.

(ނ) ލޯކަލް ކައުންސިލްތަކުގައި ސިވިލް ސަރވިސްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ހުންނާނީ، ސެކްރެޓަރީ ޖެނެރަލެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4)  ވަނަ ނަންބަރު، އަންނަނިވިގޮތަށް އިސްލާހުކޮށް، (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް 2 ނަންބަރު އިތުރުކުން.

28.ޕަރމަނަންޓް ސެކްރެޓަރީންގެ މަގާމުގެ ށަރުތު

(ނ)

(2) ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން  60 (ފަސްދޮޅަސް) އަހަރަށް ވުރެ ދޮށީ އުމުރުގެ މީހަކު ކަމުގައި ނުވުން.

(3) ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ  ގާނޫނު) ގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމް ކޮށްފައިވާ މީހެއް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މާފުކުރިތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން. ނަމަވެސް ކުޑަކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ކުށެއް ސާބިތުވެފައިވާ މީހަކު، ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަނެއް ނުކުރެވޭނެއެވެ.

(4) ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ފަރާތެއް ކަމުގައި ނުވުން.

(5) އައްޔަނުކުރާ ޕަރމަނަންޓް ސެކްރެޓަރީގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިއަކު، ނުވަތަ އަނތްބަކު، ނުވަތަ ފިރިއަކު، ނުވަތަ އެއްބަނޑުއެއްބަފާ މީހަކު، ނުވަތަ އެއްބަނޑު މީހަކު ނުވަތަ އެއްބަފާ މީހަކު އެ މިނިސްޓްރީއެއްގައި ސީދާ މަސައްކަތްކުރާ މީހަކަށް ނުވުމާއި، ނުވަތަ މިނިސްޓްރީއެއްގެ ދަށުން ހިނގާ ވަކި އޮފީހެއްގެ ޕަރމަނަންޓް ސެކްރެޓަރީއަށް ސީދާ ރިޕޯޓްކުރަންޖެހޭ ޒިންމާދާރު ވެރިޔާކަމުގައި އެއިން ފަރާތެއް ނުވުން.

(6) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރާ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

29.ޕަރމަނަންޓް ސެކްރެޓަރީން ވަޒީފާއަށް އައްޔަނުކުރުން

(ހ) ސަރުކާރުގެ މަސްއޫލު އޮފީސްތަކަށް ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް މީހުން އައްޔަނު ކުރާނީ، އެ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެހުރި މިނިސްޓަރެއްގެ ލަފަޔާއެކު، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރު އިސްލާހުކޮށް، އެ މާއްދާގެ ފަހަތަށް ނަންބަރެއް އިތުރު ކުރުން.
 
30.ޕަރމަނަންޓް ސެކްރެޓަރީން ވަޒީފާއިން ވަކިކުރުން

(ނ)

(5) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނާއަސާސީގައި ބަޔާންކޮށްފައިވާ އާންމު އިންތިހާބެއްގައި ވާދަކުރާ ޕަރމަނަންޓް ސެކްރެޓަރީއެއް، މަގާމުން އިސްތިއުފާ ނުދީ ހުރެ އިންތިހާބަށް ކުރިމަތިލުން. 
(6) ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް، ޕަރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތުން. މި ނަންބަރުގެ ބޭނުމަށްޓަކައި، މިނިސްޓަރަށް ޕަރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތްކަމަށް ބެލެވޭނީ، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމައެވެ.

  1. އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޓަކައި އެ އޮފީހެއްގެ މެންޑޭޓުގެ ދަށުން ކުރުމަށް މިނިސްޓަރު ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން.
  2. ޕަރމަނަންޓް ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން.
  3. ޕަރމަނަންޓް ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތައާރުޒުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ށާމިލުވުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (މ) އުނިކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް ބަދަލުކޮށް، އެ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ރ) އުނިކުރުން.
 
ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރުވެރިން 32.

(ހ) މިނިސްޓްރީތަކާއި ލޯކަލް ކައުންސިލްތަކުގެ އިދާރާތައް ފިޔަވައި، އިދާރީގޮތުން ވަކި އިދާރާއެއްގެ ގޮތުގައި ހިނގާ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ސިވިލް ސަރވިސްގެ އެންމެ އިސް މަގާމުގައި ހުންނަ މުވައްޒަފަކީ، އެ އިދާރާގެ ޒިންމާދާރު އިސްވެރިޔާއެވެ.

(ށ) ޕަރމަނަންޓް ސެކްރެޓަރީއަށް ނުވަތަ ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްއަށް ނުވަތަ ޒިންމާދާރު އިސްވެރިޔާއަށް ރިޕޯޓްކުރަންޖެހޭ ގޮތަށް، މިނިސްޓްރީތަކާއި، ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އިދާރާތަކާއި، ލޯކަލް ކައުންސިލް އިދާރާތަކުގެ ދަށުގައިވާ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ސިވިލް ސަރވިސްގެ އެންމެ އިސް މަގާމުގައި ހުންނަ މުވައްޒަފަކީ، އެ އިދާރާގެ ޒިންމާދާރު ވެރިޔާއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިދާރާއެއްގެ އިދާރީ އޮނިގަނޑުގައި އޮންނަ ސިވިލް ސަރވިސްގެ އެންމެ އިސް މަގާމުގައި މުވައްޒަފަކު ނެތް ހާލަތުގައި އެ އިދާރާގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ، މިނިސްޓްރީގެ ދަށުން ހިނގާ އިދާރާއެއްގެ ޒިންމާދާރު ވެރިޔާ ނަމަ، އެ ދާއިރާގެ ޕަރމަނަންޓް ސެކްރެޓަރީ، ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އޮފީހެއްގެ ދަށުގައިވާ އިދާރާއެއްގެ ޒިންމާދާރު އިސްވެރިޔާ ނަމަ، ސިވިލް ސަރވިސް ކޮމިށަން އަދި ލޯކަލް ކައުންސިލްގެ އިދާރާއެއްގެ ދަށުގައިވާ އިދާރާއެއްގެ ޒިންމާދާރު ވެރިޔާ ނަމަ އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

35-1.ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް

ލޯކަލް ކައުންސިލްތަކުގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ހުންނާނީ، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

35-2.ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރުން

(ހ) ލޯކަލް ކައުންސިލުގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ނ) ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައިވާ ގޮތުގެ މަތިން ވަކިކުރާ ސެކްރެޓަރީ ޖެނެރަލް ފިޔަވައި، އެހެން ކޮންމެ ސެކްރެޓަރީ ޖެނެރަލްއެއް އަލުން 5 (ފަހެއް) އަހަރުދުވަހުގެ ދައުރަކަށް އައްޔަނު ކުރެވިދާނެއެވެ. އަދި އެ ގޮތަށް އައްޔަނުކުރާ ސެކްރެޓަރީ ޖެނެރަލްއެއް ކޮންމެ 5 (ފަހެއް) އަހަރަކުން އައްޔަނުކުރަމުން ގެންދެވިދާނެއެވެ.
 
35-3.ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރުމުގެ ށަރުތުތައް

(ހ) ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ށަރުތުތަކާއި މަގާމަށް ހޮވާ އައްޔަނު ކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ކޮމިށަނުން ކަނޑައަޅައި އާންމުކުރާނެއެވެ.

(ށ) ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ މީހަކީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އައްޔަނުކުރާ ފަރާތްތަކުގައި ހުރުމަށް ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށް ވުން.
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން 60 (ފަސްދޮޅަސް) އަހަރަށް ވުރެ ދޮށީ އުމުރުގެ މީހެއް ކަމުގައި ނުވުން.
  3. ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމް ކޮށްފައިވާ މީހެއް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މާފުކުރިތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން. ނަމަވެސް ކުޑަކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ކުށެއް ސާބިތުވެފައިވާ މީހަކު، ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނެއް ނުކުރެވޭނެއެވެ.
  4. ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ފަރާތެއް ކަމުގައި ނުވުން.
  5. އައްޔަނުކުރާ ސެކްރެޓަރީ ޖެނެރަލްގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިއަކު، ނުވަތަ އަނތްބަކު، ނުވަތަ ފިރިޔަކު، ނުވަތަ އެއްބަނޑު އެއްބަފާ މީހަކު، ނުވަތަ އެއްބަނޑު މީހަކު، ނުވަތަ އެއްބަފާ މީހަކު އެ ކައުންސިލްގެ އިދާރާގައި ސީދާ މަސައްކަތްކުރާ މީހަކަށް ނުވުމާއި، ނުވަތަ އެ އިން ފަރާތެއް، ކައުންސިލްގެ އިދާރާގެ ދަށުން ހިނގާ އިދާރާއެއްގައި ނުވަތަ އަވަށު އޮފީހެއްގައި ސެކްރެޓަރީ ޖެނެރަލްއަށް ސީދާ ރިޕޯޓްކުރަންޖެހޭ ޒިންމާދާރު ވެރިޔާކަމުގައި ނުވުން.
  6. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރާ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

35-4.ލޯކަލް ކައުންސިލްތަކުގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރުން

(ހ) ލޯކަލް ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލަކު ވަޒީފާއިން ވަކިވުމުގެ ސަބަބުން ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ހިނދެއްގައި ނުވަތަ މަގާމު ހުސްވެއްޖެ ހިނދެއްގައި އެ ކައުންސިލެއްގެ ލަފާގެ މަތިން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތީ ސެކްރެޓަރީ ޖެނެރަލެއް ކޮމިށަނުން އައްޔަނު ކުރަންވާނެއެވެ.

(ށ) ސެކްރެޓަރީ ޖެނެރަލް ޗުއްޓީގައި ހުންނަ މުއްދަތުގައި ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ވަގުތީގޮތުން އޮފީހަށް ހާޒިރުނުވާ މުއްދަތުގައި، ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ހަރަކާތްތެރިވާނެ މުވައްޒަފަކު ކަނޑައަޅާނީ، އެ ކައުންސިލެއްގެ މަށްވަރާގެ މަތިން ސެކްރެޓަރީ ޖެނެރަލްއެވެ.

(ނ) ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތަށް، އެ މަސްއޫލިއްޔަތު އަދާކުރާ ދުވަސްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތީން ވަގުތީ ހިންގުމުގެ އެލަވަންސް ދޭންވާނެއެވެ.

35-5.ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް

ގާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 126 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

(ހ) ކައުންސިލްގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

(ށ) ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސަށް ނުވަތަ މޭޔަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން.

(ނ) ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒުކުރުން.

(ރ) ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ހިދުމަތްތައްފޯރުކޮށްދިނުން.

(ބ) ކައުންސިލްގެ މަސައްކަތްތަކާއި ހަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސަށް ނުވަތަ މޭޔަރަށާއި ކައުންސިލަށް ލަފާދިނުން.

(ޅ) ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން.

(ކ) ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި، ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އެ ކަންކަން ތަންފީޒުކުރުން.

(އ) ކައުންސިލްގެ މަސައްކަތްތައް ތަރައްގީކޮށް، ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލްގެ ހިދުމަތްތަކާއި މަސައްކަތްތައް ތަރައްގީކުރުމަށް ކައުންސިލްގެ ރައީސަށް ނުވަތަ މޭޔަރަށް ލަފާދިނުން.

(ވ) ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެ މަތިން، ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން.

(މ) މަތީގައިވާ ކަންކަމުގެ އިތުރުން، މަގާމާ ގުޅޭގޮތުން ހަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.
 
35-6.ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރުން

(ހ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރާ ނަމަ، ވަޒީފާއިން ވަކިކުރާ ސަބަބު ލިޔުމުން އޭނާއަށް އަންގަންވާނެއެވެ.

(ނ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރާ ސަބަބުތައް ތިރީގައި މިވަނީއެވެ.

  1. ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަނުކުރުން؛
  2. ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، މި ގަވާއިދާއި، ދިވެހ ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ކޮމިށަނަށް ސާބިތުވުން؛
  3. ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކޮށްފައިވަނީ، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި މި ގަވާއިދުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފަށްކަން ކޮމިށަނުން ކުރި ތަހްގީގަކަށް ސާބިތުވުން.
  4. ސެކްރެޓަރީ ޖެނެރަލް ވަޒީފާ އަދާކުރާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލްގެ އިތުބާރު ނެތުން. މި ނަންބަރުގެ ބޭނުމަށްޓަކައި، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުބާރުނެތްކަމަށް ބެލެވޭނީ، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމައެވެ.
    i.  އެ އިރެއްގައި އޮންނަ ކައުންސިލުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޓަކައި ކައުންސިލުން ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން.
    ii. ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަދަކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް އަދަކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން.
    iii. ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތައާރުޒުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ށާމިލުވުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 78 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރު، އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ނ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުން.

78.ވަޒީފާއަށް އައްޔަނު ކުރުމުގެ ށަރުތުތައް

(ހ)

(3) ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން 60 (ފަސްދޮޅަސް) އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކަށް ނުވުން. (ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި، އުމުރުން 60 (ފަސްދޮޅަސް) އަހަރުވެފައިވާ މުވައްޒަފަކު ސިވިލް ސަރވިސްގެ އެހެން ވަޒީފާއަކަށް ބަދަލުކުރުމަކަށް  މި މާއްދާ ހުރަހެއް ނާޅައެވެ.)

(4) ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ   ގާނޫނު) ގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމް ކޮށްފައިވާ މީހެއް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މާފުކުރިތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން. ނަމަވެސް ކުޑަކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ކުށެއް ސާބިތުވެފައިވާ މީހަކު، ކުޑަކުދިންނާ މުއާމަލާތު ކުރަންޖެހޭ ވަޒީފާއަކަށް އައްޔަނެއް ނުކުރެވޭނެއެވެ.

(5) ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ފަރާތެއް ކަމުގައި ނުވުން.

(6) އައްޔަނުކުރާ މީހަކީ، އޭނާގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިޔަކު، ނުވަތަ އަނތްބަކު، ނުވަތަ ފިރިޔަކު، ނުވަތަ އެއްބަނޑު އެއްބަފާ މީހަކު، ނުވަތަ އެއްބަނޑު މީހަކު ނުވަތަ އެއްބަފާ މީހަކު ސީދާގޮތުން ސުޕަވައިޒްކުރަންޖެހޭ ނުވަތަ ރިޕޯޓްކުރަންޖެހޭ މީހެއްކަމުގައި ނުވުން.
i. މި މާއްދާގައި މިހެން އޮތްކަމުގައި ވިޔަސް، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، ސަރުކާރުގެ މިނިސްޓްރީއެއްގައި ސީދާ މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ ވަޒީފާއެއް ކަމުގައި ނުވެފައި، އެއީ މިނިސްޓްރީއެއްގެ ދަށުން ހިނގާ  ވަކި އޮފީހެއްގެ ވަޒީފާއެއް ކަމުގައިވާ ނަމަ، އަދި އެ ފަދަ އޮފީހަކީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ ބެލުމުގެ ދަށުން ހިނގާ ތަނެއް ކަމުގައި ނުވެފައި، އެއީ އެހެން ޒިންމާދާރު އިސްވެރިއެއްގެ ބެލުމުގެ ދަށުން ހިނގާ އޮފީހެއް ކަމުގައިވާ ހާލަތުގައި، މި ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް ކަމުގައި ބެލެވޭނީ، އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއާއި ވަޒީފާއަށް ކުރިމަތިލާ ފަރާތާ ދެމެދު އެފަދަ ގުޅުމެއް އޮންނަ ނަމައެވެ.

ii. ވަޒީފާއަށް ހޮވޭ ފަރާތަށް ވަޒީފާއަށް އައްޔަނު ކުރުމަށް ފޮނުވުމުގެ ކުރިން، އެ ފަރާތުން މަސައްކަތް ކުރަންޖެހޭ އޮފީހުގައި އެ ފަރާތުގެ މަސައްކަތް ސުޕަވައިޒް ކުރުމަށް ކަނޑައަޅާ ފަރާތަކީ ނުވަތަ އެ ފަރާތުން ރިޕޯޓް ކުރަންޖެހޭ ފަރާތަކީ، މި ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް ވަޒީފާއަށް ހޮވޭ ފަރާތާ ދެމެދު އޮތް ފަރާތެއް ނޫންކަން އެ އިދާރާގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ ކަށަވަރުކުރަންވާނެއެވެ.

(ރ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކުށުގެ ރެކޯޑު ބަލާނީ، މި އަކުރުގައި ބަޔާންކޮށްފައިވާ އިދާރާތަކުންނެވެ. އަދި އެ އިދާރާތަކުން ކުށުގެ ރެކޯޑު ހޯދުމުގައި އިލެކްޓްރޯނިކް ޒަރީއާއިން ނުވަތަ މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމު މެދުވެރިކޮށް ހޯދިދާނެއެވެ.

  1. ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން – ށަރުއީ ދާއިރާގެ ކުށުގެ ރެކޯޑް؛
  2. ދިވެހި ފުލުހުންގެ ހިދުމަތް؛
  3. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛
  4. އެންޓި-ކޮރަޕްށަން ކޮމިށަން؛
  5. މޯލްޑިވްސް ކަރެކްށަނަލް ސަރވިސް.

(ބ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، މަގާމަށް މީހަކު ހޮވުމަށް ކުރާ އިއުލާނުގެ ސުންގަޑި ހަމަވާ ތާރީހާ ހަމައަށެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 103 ވަނަ މާއްދާގެ (ރ) ގެ (10) ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.

103.ވަޒީފާއިން ވަކިވުމާއި، ވަކިކުރުން

(ރ) (10) ސިވިލް ސަރވިސްގެ އިދާރާއަކުން ކުރަމުން އައި މަސައްކަތެއް ހުއްޓައިލުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 112 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށް، އެ މާއްދާގެ (ރ) ގެ ގޮތުގައި އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

112.ވަގުތީ ގޮތުން މުވައްޒަފުން ހޮވޭނެ މުއްދަތު

(ރ) "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން ހޮވޭ މުވައްޒަފުން އެ މުވައްޒަފުންނާއެކު ހަދައިފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް، މުވައްޒަފު ގެންގުޅެންޖެހޭ ހާލަތު ދެމިއޮވެ، ބަޖެޓް ހަމަޖެހިފައިވާ ނަމަ، އިތުރު އިއުލާނެއް ކުރުމަކާ ނުލައި ވަޒީފާގެ އެއްބަސްވުމުގެ ޖުމުލަ މުއްދަތު 2 (ދޭއް) އަހަރުދުވަހަށް ވުރެ އިތުރުނުވާ ގޮތަށް، އެއްބަސްވުމުގެ މުއްދަތު އިތުރުކުރަމުން ގެންދެވިދާނެއެވެ. އަދި މި ފަދައިން މުއްދަތު އިތުކުރެވޭނީ، މުވައްޒަފު ހޮވުމަށް ކުރާ އިއުލާނުގައި މުއްދަތު އިތުރުކުރެވޭނެކަން ބަޔާންކޮށްފައިވާ ނަމައެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 115 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

115.ޗުއްޓީ

(ނ) "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން ހޮވޭ މުވައްޒަފުންނަށް، ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި، ބަންދު ދުވަސްތައް ހިމަނައިގެން 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.  މި ޗުއްޓީ ދިނުމުގައި، މި ގަވާއިދުގެ 181 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލު ކުރެވިދާނެއެވެ.

(ރ) "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އުސޫލުގެ ދަށުން ހޮވޭ މުވައްޒަފަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން 3 (ތިނެއް) ދުވަހުގެ ޗުއްޓީއެއް، އަނބިމީހާ ވިހެއުމުން ދޭ ޗުއްޓީގެ ގޮތުގައި ދެވޭނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ރ) އަންނަނިވިގޮތަށް އިސްލާހު ކުރުން.

123.މިސްކިތު މުވައްޒަފުންގެ އިތުރުގަޑު

(ރ) މިސްކިތު އިމާމުންނާއި މުދިމުންނާއި މިސްކިތު މަސައްކަތު މީހުންގެ މަސައްކަތުގެ ވަގުތު، މަތީގައި ބަޔާންވެފައިވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، މަސައްކަތްކުރާ ސަރުކާރު ބަންދު ދުވަސްތަކަށް، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 38 ވަނަ މާއްދާއާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދު ދުވަހުގެ ފައިސާ ދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 158 ވަނަ މާއްދާ އުނިކުރުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 170 ވަނަ މާއްދާގެ (ރ) އުނިކުރުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 200 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހު ކުރުން.

200.މުސާރަނުލިބޭ ހާއްސަ ޗުއްޓީ

މުވައްޒަފަށް ދިމާވާ ހާއްސަ ހާލަތަށް ރިއާޔަތްކޮށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއަށް އެދި ހުށަހެޅުމުން، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް އަދި ހިދުމަތުގެ މުއްދަތުން އުނިނުވާ ގޮތަށް، އަހަރުދުވަހުގެ ތެރޭގައި 15 (ފަނަރަ) ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭންވާނެއެވެ. އަދި މި ޗުއްޓީގެ ދުވަސްތައް ގުނާނީ، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 204 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް ބަދަލުކުރުން.

204.ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުން

(ހ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކަށް، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ ދަށުން ބާއްވާ އިންތިހާބަކަށް، ވަޒީފާއިން އިސްތިއުފާނުދީ ހުރެ، ކުރިމަތިލެވިދާނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފު، އެ މުވައްޒަފުގެ ނަން ހުށަހަޅާ ފޯމު އިލެކްށަންސް ކޮމިށަނުން ގަބޫލުކުރިކަމުގެ ލިޔުން ލިބުމާއެކު، އެ އިންތިހާބަކަށް އެ މީހަކު ކުރިމަތިލައިފައިވާކަން ހަމަ އެ ދުވަހު އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހަށް ލިޔުމުން އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 205 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން

205.ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި އިނާޔަތްތައް

(ހ) ލޯކަލް ކައުންސިލެއްގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަކަށް ކުރިމަތިލާ މުވައްޒަފުން، ގާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެ މުވައްޒަފު އިންތިހާބަށް ކުރިމަތިލައިގެން އިލެކްށަންސް ކޮމިށަނުން އެ ކަން ގަބޫލުކުރި ތާރީހުން ފެށިގެން، އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑް ކުރެވޭނެއެވެ.

(ށ) މި މާއްދާގެ ދަށުން ސަސްޕެންޑް ކުރާ މުވައްޒަފު ސަސްޕެންޑް ކުރާނީ،  ސިވިލް ސަރވިސް ކޮމިށަނުންނެވެ. ނަމަވެސް އެފަދަ މުވައްޒަފުންގެ މައުލޫމާތު، އެ މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާއިން ކޮމިށަނަށް ފޮނުވަންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 223 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

223.ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭ ހާލަތްތައް

މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތަކަށް ރިއާޔަތްކޮށް ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ދޫކޮށްލެވޭނެއެވެ.

(ހ) އިދާރާއެއްގެ އޮނިގަނޑަށް ނުވަތަ މަސައްކަތަށް ބަދަލު ގެނައުމުގެ ސަބަބުން، ނުވަތަ ކުރަމުން އައި މަސައްކަތެއް ހުއްޓައިލުމުގެ ސަބަބުން ވަޒީފާ އުވުން.

(ށ) ސަރުކާރުގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ސަބަބުން އެ އޮފީހުގެ ނުވަތަ އެ ބައެއްގެ ވަޒީފާތައް އުވުމުގެ ސަބަބުން އިދާރާއެއް ނުވަތަ އިދާރާގެ ބައެއް އުވައިލުން.

(ނ) ވަޒީފާތަކުގެ އެނަލިސިސް (ޖޮބް އެނަލިސިސް) އަށް ފަހު، މަގާމުތައް އަލުން ރުކުރުވައިލުމުގެ ސަބަބުން، ނުވަތަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ވަޒީފާގައި ކުރަމުންދިޔަ މަސައްކަތް އެހެން ގޮތަކަށް ކުރުމަށް އިދާރާއަކުން ނިންމައި އެކަން ކޮމިށަނަށް ތަފުސީލާއެކު ހުށަހެޅުމުން، އޮފީހަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މަގާމު ހުރިކަމަށް ފާހަގަކުރެވިގެން އެ މަގާމު އުވައިލުން.

(ރ) އަހަރުދުވަހުގެ ތެރޭގައި ހާސިލުކުރުމަށް އުސޫލުގައި ކަނޑައަޅައިފައިވާ މިންވަރަށް މުވައްޒަފުގެ ޕަރފޯމަންސް އެޕްރައިޒަލްއިން މާކުސް ލިބިފައިނުވުމުގެ ސަބަބުން ވަޒީފާ އަދާކުރުމުގެ ގާބިލުކަން ނެތުން.

(ބ) ވަޒީފާ އަދާކުރުމުގައި ގެންގުޅެންޖެހޭ ގޮތްތައް ބަދަލުވެގެން ތަމްރީނުގެ ފުރުސަތު ދިންނަމަވެސް، އެ ފުރުސަތުގެ އެދެވޭ ނަތީޖާ ހާސިލު ނުކުރެވުން.

(ޅ) ސަރުކާރު ހިންގުމަށް ގެންނަ ބަދަލެއްގެ ސަބަބުން ވަޒީފާ އަދާކުރާ އޮފީސް ނުވަތަ ކުރަމުންދިޔަ މަސައްކަތް އެހެން ރަށަކަށް ނުވަތަ ތަނަކަށް ބަދަލުކުރުމުން، މުވައްޒަފު އެ ވަޒީފާ ބަދަލުކުރި ރަށަކަށް ނުވަތަ ތަނަށް ބަދަލުވުމަށް އުޒުރުވެރިވުން.

(ކ) އޮފީހެއް ނުވަތަ އޮފީހުން ބައެއް ޕްރައިވަޓައިޒް ކުރުމުގެ ސަބަބުން، ނުވަތަ ކޯޕަރަޓައިޒް ކުރުމުގެ ސަބަބުން، ނުވަތަ މި ނޫންވެސް ގޮތަކަށް ސިވިލް ސަރވިސްއިން ދެމުންދިޔަ ހިދުމަތެއް ސިވިލް ސަރވިސްގައި ނުހިމެނޭ ގޮތަށް ބަދަލުވުން.

(އ) މުވައްޒަފަކު އަދާކުރި ވަޒީފާގެ މަސައްކަތް އައުޓްސޯސް ކުރުމުގެ ސަބަބުން އެ މަގާމު އުވައިލުން.

(ވ) ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލެއްގެ ސަބަބުން އޮފީހަކުން ކުރަމުން ދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން އޮފީހަކަށް ބަދަލުކުރުމުން، އެ މަސައްކަތް ބަދަލުވި އޮފީހަކަށް އެ މަސައްކަތްކުރި މުވައްޒަފުން ބަދަލުކުރާއިރު، މުވައްޒަފުން އިތުރުވުން.

(މ) ދައުލަތުގެ ކުންފުންޏަކުން ކުރަމުން އައި މަސައްކަތެއް ސިވިލް ސަރވިސްއަށް ބަދަލުކުރުމުން، އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުވި އޮފީހުގައި ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ އޮނިގަނޑަށް ރުޖޫއަކުރުމުގައި، ތިރީގައިވާ ކަންކަން މެދުވެރިވުން.

  1. އައްޔަނު ކުރާ މަގާމަށް ށަރުތު ހަމަނުވުން؛
  2. އޮނިގަނޑުގައިވާ މަގާމުތަކަށް ވުރެ މުވައްޒަފުން އިތުރުވުން.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 225 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާގެ އަރިމަތީ ސުރުހީ ބަދަލުކުރުން.

225.މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމާއި، ސިވިލް ސަރވިސްއަށް ރުޖޫއަވާ މުވައްޒަފުންނާމެދު އަމަލުކުރަން ޖެހޭގޮތް

(ހ) މި ގަވާއިދުގެ 223 ވަނަ މާއްދާގައިވާ ހާލަތެއް މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލާ ނަމަ، މުވައްޒަފު ވަޒީފާއިން ދޫކޮށްލުމުގެ ކުރިން ވަޒީފާއިން ދޫކޮށްލަންޖެހޭ ސަބަބު ލިޔުމުން އެ މުވައްޒަފަށް އަންގަންވާނެއެވެ.

(ށ) ސިވިލް ސަރވިސްގެ އޮފީހަކުން ކުރަމުން ދިޔަ މަސައްކަތެއް ނުވަތަ މަސައްކަތުން ބައެއް ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ އޮފީހަކަށް ނުވަތަ ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކޮށްފި ނަމަ، އެ ބަދަލުކުރި މަސައްކަތެއް ކުރަމުންދިޔަ ހުރިހައި މުވައްޒަފުން     އެ ކުންފުންޏަކަށް ނުވަތަ އޮފީހަކަށް ބަދަލުކުރުން.

(ނ) މި ގަވާއިދުގެ 223 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލެއްގެ ސަބަބުން އޮފީހަކުން ކުރަމުންދިޔަ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް އެހެން އޮފީހަކަށް ބަދަލުކުރުމުން، އެ މަސައްކަތް ބަދަލުވި އޮފީހަކަށް އެ މަސައްކަތް ކުރި މުވައްޒަފުން ބަދަލުކުރެވޭއިރު ބަދަލުކުރެވޭ އޮފީހުގެ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށް އިންޓަރނަލީ ކުރެވޭ އިއުލާނަކަށް، ބަދަލުކުރެވޭ އޮފީހުގެ މުވައްޒަފުން ކުރިމަތިލާން ފުރުސަތުދީ، މެރިޓް އުސޫލުން ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުން.

(ރ) މި ގަވާއިދުގެ 223 ވަނަ މާއްދާގެ (މ) ގެ ދަށުން ދައުލަތުގެ ކުންފުންޏަކުން ކުރަމުން އައި މަސައްކަތެއް ސިވިލް ސަރވިސްއަށް ބަދަލުކުރުމުން، އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުވާ ތާރީހުން ފެށިގެން ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ވަޒީފާގެ އޮނިގަނޑަށް ރުޖޫއަވުމާ ހަމައަށް ތިބޭނީ ސިވިލް ސަރވިސްއަށް ބަދަލުވި އޮނިގަނޑުގައިވާ މަގާމުތަކުގައި ލިބެމުން އައި މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށެވެ.

(ބ) މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި މި މާއްދާގައި ކަނޑައަޅައިފައިވާ ގޮތްތަކުގެ އިތުރުން، މި ގަވާއިދުގެ 223 ވަނަ މާއްދާގައިވާ ހާލަތްތަކުގައި މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގެ ކުރިން އަމަލުކުރަންޖެހޭ ގޮތްތަކުގެ އުސޫލެއް، އެ ހާލަތަކަށް ރިއާޔަތްކޮށްގެން ކަނޑައަޅައި، އެ ހާލަތުގައި ތިބި މުވައްޒަފުންނަށް އެ ކަން ލިޔުމުން އަންގައި، އެ އުސޫލަކާ އެއްގޮތަށް އަމަލުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ޅ) މި ގަވާއިދުގެ 223 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މުވައްޒަފު ވަޒީފާއިން ވަކިކުރާއިރު، ތިރީގައި މިވާ ގޮތުގެ މަތިން ހިދުމަތުގެ މުއްދަތަށް ރިއާޔަތްކޮށްފައި ނޯޓިސް ނުވަތަ އެ ނޯޓިހުގެ މުއްދަތަށްވާ ފައިސާ (މުސާރައާއި އިނާޔަތްތައް) ދޭންވާނެއެވެ.

  1. ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު 1 (އެކެއް) އަހަރު ފުރިފައި ނުވާނަމަ، 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ނުވަތަ ނޯޓިހުގެ މުއްދަތަށްވާ ފައިސާ.
  2. ވަޒީފާގެ ހިދުމަތުގެ މުއްދަތު 1 (އެކެއް) އަހަރާއި 4 (ހަތަރެއް) އަހަރާ ދެމެދުގެ މުއްދަތެއް ނަމަ، 2 (ދޭއް) މަސްދުވަހުގެ ނޯޓިސް ނުވަތަ ނޯޓިހުގެ މުއްދަތަށްވާ ފައިސާ.
  3. ވަޒީފާގެ ހިދުމަތުގެ މުއްދަތު 4 (ހަތަރެއް) އަހަރަށްވުރެ އިތުރުވާނަމަ، 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ނުވަތަ ނޯޓިހުގެ މުއްދަތަށްވާ ފައިސާ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 228 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

228. 55 އަހަރުވުމުން ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުން

(ރ) އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު، މި މާއްދާގައިވާ ގޮތުގެ މަތިން، މުސްކުޅިވާން އެދުނުކަމުގައި ވިޔަސް، އެ މުވައްޒަފަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި އިދާރީ ތަހުގީގަށް ރިއާޔަތްކޮށް ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފެއް ކަމުގައިވާ ނަމަ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މުވައްޒަފު، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރަށް ރިއާޔަތްކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 229 ވަނަ މާއްދާގެ (ހ) އާއި، އެ އަކުރުގެ (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ށ) އިސްލާހުކޮށް، (ނ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

229. 55 އަހަރުވުމުން ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމަށް އެ އިދާރާއަކުން ތަފުސީލާއެކު ކޮމިށަނަށް ހުށަހެޅިދާނެއެވެ. އެ ގޮތުން އިދާރާއިން ހުށަހަޅާ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފު ވަޒީފާއިން މުސްކުޅިކުރުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(2) މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް  ހުރުން، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން. މި ހާލަތުގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރިކަމަށް، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމެއް އޮންނަންވާނެއެވެ.

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަޒީފާއިން މުސްކުޅިކުރުމުގެ އިހްތިޔާރު، ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަން ނިންމައިފައިވާކަން ލިޔުމުން އެ މުވައްޒަފަށް އަންގަންވާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އާއި، ޖަދުވަލު 5 އާއި، ޖަދުވަލު 16 އިސްލާހު ކުރުން.

 

23 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު