ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2021-73)
ފުރަތަމަ ބައި: ތައާރަފު
1 ވަނަ މާއްދާ - ތައާރަފު
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2008-09 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު) ގެ 12-7 ވަނަ މާއްދާއިން ބާރު ލިބިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެ ގޮތާއި، އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދެވެ.
2 ވަނަ މާއްދާ - ޖަދުވަލުތަކަކީ ގަވާއިދުގެ ބައެއް ގޮތުގައި ކަނޑައެޅުން
މި ގަވާއިދުގެ ޖަދުވަލުތަކަކީ، މި ގަވާއިދުގެ ބައެކެވެ.
ދެވަނަ ބައި: ސުލޫކީ މައްސަލަ ބަލާ ކޮމިޓީ
3 ވަނަ މާއްދާ - ސުލޫކީ މައްސަލަ ބަލާ ކޮމިޓީ އެކުލަވައިލުން
(ހ) ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތަކާ ގުޅޭ ށަކުވާތައް ބަލައިގަނެ، އެ ށަކުވާތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ޓަކައި ސުލޫކީ މައްސަލަ ބަލާ ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ.
(ށ) ސުލޫކީ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުންގެ އަދަދަކީ 5 (ފަހެއް) އެވެ. އެ ކޮމިޓީގެ މެންބަރުންގެ ގޮތުގައި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުން މަތީގެ 3 (ތިނެއް) މީހުން ހިމެނެންވާނެއެވެ. މި ތިން މީހުންގެ ތެރެއިން ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނެ މީހަކު، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅަންވާނެއެވެ.
(ނ) ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް މެންބަރުން އައްޔަނު ކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލެވެ. ކޮމިޓީއަށް އައްޔަނުކުރާ މެންބަރުންނާއި، ރިޔާސަތަކީ ކޮބައިކަން އިންޓަރނަލް މެމޯއެއްގައި ކަނޑައަޅައިފައި އޮންނަންވާނެއެވެ.
4 ވަނަ މާއްދާ - ކޯރަމާއި ވޯޓުލުން
(ހ) ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ނިންމުމެއް ނިންމުމަށް ޓަކައި ބޭނުންވާ ކޯރަމަކީ 3 (ތިނެއް) އެވެ.
(ށ) ސުލޫކީ މައްސަލަ ބަލާ ކޮމިޓީގެ ކޯރަމް ހަމަނުވެގެން ނުވަތަ، އެނޫންވެސް ސަބަބެއް މެދުވެރިވެގެން އެ ކޮމިޓީގެ ނިންމުންތައް ނުނިންމޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަސައްކަތް ކުރުމަށް ވަގުތީ ކޮމިޓީއެއް، ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވައިލަންވާނެއެވެ. ވަގުތީ ކޮމިޓީގެ މަސައްކަތްވެސް ކުރާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
5 ވަނަ މާއްދާ - ސެކްރެޓޭރިއޭޓް
ސުލޫކީ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން ބަލަހައްޓާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހިއުމަން ރިސޯސްގެ ކަންކަން ބެލެހެއްޓުން މަތިކުރެވިފައިވާ ޑިޕާޓްމަންޓުންނެވެ.
ތިން ވަނަ ބައި: ށަކުވާ ބަލައިގަތުން
6 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް މައްސަލަ ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަކޮށްގެން ނުވަތަ، ސިޓީއަކުން ނުވަތަ، އީމެއިލްގެ ޒަރީއާއިންނެވެ. މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން ނޭނގޭ ގޮތަށްވެސް ހުށަހެޅިދާނެއެވެ.
(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މުވައްޒަފެއްގެ ސުލޫކީ މައްސަލައެއްގެ ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމަށް ޓަކައި 3 (ތިނެއް) ދުވަހުގެ ތެރޭގައި، ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް އެ މައްސަލަ ފޮނުވަންވާނެއެވެ.
(ނ) ސުލޫކީ މައްސަލަ ކުރިޔަށް ގެންދިޔުމާމެދު، އެ މައްސަލައެއް ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކުރިޔަށް ގެންދާނެ ތަނެއް އޮތްތޯ ބަލައި، އެ މައްސަލަ ކުރިޔަށް ގެންދިޔުމާމެދު ގޮތެއް ނިންމަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ނިންމާ ނިންމުން، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުގައި ލިޔެ ރައްކައުކުރަންވާނެއެވެ.
7 ވަނަ މާއްދާ - ތަހުގީގުކުރަން ނިންމާ މައްސަލަތައް
މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމާ މައްސަލަތަކުގެ ތަހުގީގު ކުރިޔަށް ގެންދަންވާނީ، މި ގަވާއިދުގެ 4 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
ހަތަރު ވަނަ ބައި: ތަހުގީގުކުރުން
8 ވަނަ މާއްދާ - ތަހުގީގުކުރާ ޓީމު
(ހ) ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ތަހުގީގު ކުރުމަށް ނިންމާ މައްސަލަތައް ތަހުގީގު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ތެރެއިން 3 (ތިނެއް) މީހުންގެ މައްޗަށް އެކުލެވޭ ތަހުގީގުކުރާ ޓީމަކާ ހަވާލުކޮށް، އެ ޓީމުގައި އިސްކޮށް މަސައްކަތްކުރާނެ މީހަކީ ކާކުކަން ސުލޫކީ މައްސަލަ ބަލާ ކޮމިޓީން އެކަށައަޅަންވާނެއެވެ. ތަހުގީގު ޓީމުގައި ކޮމިޓީގެ މެންބަރުން ނޫން މީހުން ހިމެނުމުގެ އިހްތިޔާރު ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް ލިބިގެންވެއެވެ.
(ށ)ތަހުގީގު ޓީމުގައި މީހުން ހިމެނުމުގައި، އެ މީހަކީ ހުށަހެޅިފައިވާ މައްސަލައިގައި މަސްލަހަތު ފުށުއެރުމެއް ނެތް މީހެއްކަން ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ކަށަވަރު ކުރަންވާނެއެވެ. އާންމުކޮށް އެކުގައި ވަޒީފާ އަދާކުރާ ބައެއްގެ ގޮތުން އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުމަށްވުރެ ގާތް ރަހްމަތްތެރިކަމެއް ނުވަތަ، ވިޔަފާރީގެ ނުވަތަ، ތިން ވަނަ ދަރަޖައަށްވުރެ ގާތް އާއިލީ ގުޅުމެއް މައްސަލަ ރައްދުވާ މުވައްޒަފާއި، ތަހުގީގު ޓީމުގެ މެންބަރަކާ ދެމެދު އޮތުމަކީ މަސްލަހަތު ފުށުއަރާ ހާލަތެއް ކަމަށް ބަލަންވާނެއެވެ.
9 ވަނަ މާއްދާ - މައްސަލަތައް ބެލުމުގެ އަސާސް
ސުލޫކީ މައްސަލަ ބަލާ ކޮމިޓީންނާއި، ތަހުގީގު ޓީމުން މައްސަލަތައް ބަލައި ފިޔަވަޅު އަޅަންވާނީ، އިންސާފުވެރިކަމާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތާމެދު އިތުބާރު ގާއިމުކޮށް ދެމެހެއްޓުމުގެ އަސާސްގެ މައްޗަށެވެ.
10 ވަނަ މާއްދާ - ތަހުގީގު ޓިމުގެ ބާރުތައް
ތަހުގީގު ޓީމުން މައްސަލަތައް ބަލަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ހ) ތަހުގީގު ޓީމަށް މައްސަލަ ލިބުމުން، އެ މައްސަލަ ރައްދުވާ މުވައްޒަފު ހާޒިރުކުރުމަށް ނިންމައިފިނަމަ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމު މެދުވެރިކޮށް ތަހުގީގަށް ހާޒިރުވުމަށް އަންގަންވާނެއެވެ. ތަހުގީގަށް ހާޒިރުވުމަށް އެ މުވައްޒަފަކަށް އަންގަންވާނީ، މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ވަގުތު ލިބޭގޮތަށެވެ. އަދި އެ މައްސަލައިގައި ކުރެވޭ ތުހުމަތާއި، ތަހުގީގަށް ހާޒިރުވާންޖެހޭ ތަނާއި، ވަގުތާއި، ގާނޫނީ ވަކީލެއްގެ ފުރުސަތު އޮތްކަން ލިޔުމުން ނުވަތަ އީމެއިލްގެ ޒަރީއާއިން އެ މުވައްޒަފަކަށް އަންގަންވާނެއެވެ.
(ށ) ބަލަމުންދާ މައްސަލައާ ގުޅިގެން، ތުހުމަތުކުރެވޭ މައްސަލައާއި، އެ މައްސަލައިގެ ތަފުސީލު، މައްސަލަ ރައްދުވާ މުވައްޒަފަށް ސާފުކޮށްދިނުމަށްފަހު، ބަލަމުންދާ މައްސަލައާ ގުޅިގެން މުވައްޒަފާ ސުވާލުކުރުމުގެ ބާރު، ތަހުގީގު ޓީމަށް ލިބިގެންވެއެވެ. އެގޮތުން ކުރާ ސުވާލުތަކަށް މުވައްޒަފު ޖަވާބުދޭންވާނެއެވެ.
(ނ) ތަހުގީގު ޓީމުން ކުރާ ސުވާލުތަކަށް ޖަވާބުދިނުމަށް އިތުރު ވަގުތު ބޭނުންކަމަށް އެ މުވައްޒަފު ބުނެފިނަމަ، އެ ކަމުގެ ބާވަތަށް ބަލައި ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު، މައްސަލަ ރައްދުވާ މުވައްޒަފަށް، ތަހުގީގު ޓީމުން ދޭންވާނެއެވެ.
(ރ) ތަހުގީގު ޓީމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމުގައި، މައްސަލަ ރައްދުވާ މުވައްޒަފު އައްޔަނު ކޮށްފައިވާ ގާނޫނީ ވަކީލާ މަށްވަރާ ކުރެވިދާނެއެވެ.
(ބ) ތަހުގީގުގައި ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ މުވައްޒަފަށް ލިބިގެންވެއެވެ. މިގޮތުން ހުށަހަޅާ ހެއްކެއް ބަލައި ނުގަތުމަށް ނިންމާނަމަ، އެ ނިންމުން ބިނާކުރި ސަބަބުތައް، ތަހުގީގު ޓީމުގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.
(ޅ) ދިފާއީ ހެކިން ހާޒިރުކުރުމަށް ތަހުގީގު ޓީމުން ނިންމާނަމަ، އެ ހެކިން ހާޒިރުކުރުމަށް އެކަށީގެންވާ ވަގުތު، މައްސަލަ ރައްދުވާ މުވައްޒަފަށް ދޭންވާނެއެވެ.
(ކ) މައްސަލައާ ގުޅިގެން އިތުރު މަވައްޒަފުން ހާޒިރުކޮށް ސުވާލުކުރުމާއި، ގުޅުންހުރި ލިޔެކިޔުންތައް ބަލައި ދިރާސާކުރުމުގެ ބާރު ތަހުގީގު ކޮމިޓީއަށް ލިބިގެންވެއެވެ.
(އ) މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މައްސަލައަކާ ގުޅިގެން ތަހުގީގު ޓީމުން، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ތަހުގީގު ރިޕޯޓު އެކުލަވައިލައި، އެ ރިޕޯޓު، މައްސަލަ ރައްދުވާ މުވައްޒަފަށް ޖަވާބުދާރީވުމަށް ފޮނުވަންވާނެއެވެ.
(ވ) ތަހުގީގު ރިޕޯޓު ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ރިޕޯޓާ ގުޅޭގޮތުން ތަހުގީގު ޓީމަށް ހުށަހަޅަން ބޭނުންވާ ކަންކަމާއި، މައްސަލަ ނިންމުމުގައި ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ހުށަހެޅުމުގެ އިހްތިޔާރު، މައްސަލަ ރައްދުވާ މުވައްޒަފަށް ލިބިގެންވެއެވެ.
(މ) ތަހުގީގު ރިޕޯޓާ ގުޅިގެން މުޅި މައްސަލައާމެދު ޖުމުލަގޮތެއްގައި ވާހަކަދައްކައި، ފަހުބަސް ބުނުމުގެ ފުރުސަތު، މައްސަލަ ރައްދުވާ މުވައްޒަފަށް ލިބިދިނުމަށް ޓަކައި ތަހުގީގު ރިޕޯޓު މުވައްޒަފަށް ދެވޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ތަހުގީގު ޓީމާއި މުވައްޒަފާއެކު ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ފ) މި މާއްދާގެ (މ) ގެ ދަށުން ބާއްވާ ބައްދަލުވުމަށްފަހު ރިޕޯޓަށް އެއްވެސް ބަދަލެއް ގެންނަންޖެހޭނަމަ، އެ ބަދަލެއް ގެނައުމަށްފަހު، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، މައްސަލައިގެ ތަހުގީގު ރިޕޯޓު، ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް، ތަހުގީގު ޓީމުން ހުށަހަޅަންވާނެއެވެ.
(ދ) މައްސަލަ ރައްދުވާ މުވައްޒަފު، ތަހުގީގަށް ހާޒިރުވުމަށް އަންގާ އެންގުން ލިބި، މަގުބޫލު ސަބަބެއް ނެތި ތަހުގީގަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ ތަހުގީގަށް ހާޒިރުވުމަށް އަންގާ އެންގުމާ ގަސްތުގައި ހަވާލުނުވެއްޖެނަމަ، އެ މުވައްޒަފެއްގެ ގައިރު ހާޒިރުގައި ތަހުގީގު ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު، ތަހުގީގު ޓީމަށް ލިބިގެންވެއެވެ.
(ތ) ތަހުގީގަށް ހާޒިރުވެ، ތަހުގީގު ޓީމުން ކުރާ ސުވާލުތަކަށް މުވައްޒަފު ޖަވާބު ނުދޭނަމަ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް އިންކާރުކުރަނީ ކަމަށް ބަލައި، ތަހުގީގު ކުރިޔަށް ގެންދަންވާނެއެވެ. އަދި ފަހުގެ މަރުހަލާއެއްގައި ދިފާއުގައި ދައްކާ ވާހަކައެއް ބަލައިގަތުމާމެދު ގޮތެއް ނިންމުމުގައި، ސުވާލުތަކަށް ޖަވާބުދީފައި ނުވާ ނުވުމަށް، ތަހުގީގު ޓީމަށާއި، ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް ރިއާޔަތް ކުރެވިދާނެއެވެ. އެހެންނަމަވެސް، މައްސަލަ ރައްދުވާ މުވައްޒަފު ހަނުހުންނަ ހުރުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައިގެން އެ މުވައްޒަފެއްގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ނިންމޭނެ ސަބަބެއް ނޫނެވެ.
11 ވަނަ މާއްދާ - ވަގުތީ ފިޔަވަޅު އެޅުން
ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައިގެ ބާވަތުން މައްސަލަ ރައްދުވާ މުވައްޒަފު ވަގުތީގޮތުން މަސައްކަތުން ދުރުކުރަން، ނުވަތަ ވަގުތީގޮތުން ބައެއް މަސައްކަތްތަކުން ދުރުކުރަން ފެންނަނަމަ، އަދި އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފިނަމަ، އެކަމުގައި މަސްލަހަތު އޮތް ގޮތެއް ބެލުމަށްފަހު، ތަހުގީގު ކޮމިޓީން ހުށަހެޅި ގޮތަށް، ނުވަތަ އެކަމުގެ މަގުސަދު ހާސިލުވާނޭ ގޮތަކަށް، މައްސަލަ ރައްދުވާ މުވައްޒަފު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމުގެ ނުވަތަ ބައެއް މަސައްކަތުން ދުރުކުރުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - ތަހުގީގު ރިޕޯޓު ހުށަހެޅުމުން ކޮމިޓީން އަމަލުކުރާނެ ގޮތް
(ހ) މައްސަލައިގެ ތަހުގީގު ރިޕޯޓު ދިރާސާކުރުމަށްފަހު، އިތުރު ކަންކަން ސާފުކުރަން ޖެހޭކަމަށް ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް ފެންނަނަމަ، އެ ކަންކަން ސާފުކުރުމަށް ތަހުގީގު ޓީމާ ހަވާލުކުރުމުގެ އިހްތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ. އަދި ތަހުގީގު ޓީމާ ހަވާލުކުރުމުގެ ބަދަލުގައި ކޮމިޓީއަށް އެ ކަންކަން ސާފުކުރެވިދާނެއެވެ.
(ށ) ސުލޫކީ މައްސަލަ ބަލާ ކޮމިޓީން އަމިއްލައަށް އެ ކަންކަން ސާފުކުރުމަށް ނިންމާ ހާލަތުގައި އެ ކަންކަން ބެލުމުގައި ވެސް އަމަލުކުރަންވާނީ މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.
މައްސަލައިގެ ތަހުގީގު ރިޕޯޓު ފުރިހަމަވެފައިވާކަމަށް ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް ފެނިއްޖެނަމަ، އެ ރިޕޯޓު ބަލައިގަތުމުން، ތަހުގީގު ކޮމިޓީގެ މަސައްކަތް ނިމުނީއެވެ. މައްސަލައިގެ ރިޕޯޓު ބަލައިގަތުމަށްފަހު، އެ ރިޕޯޓުގައި ހުރި ކަންކަމާމެދު، ސުލޫކީ މައްސަލަ ބަލާ ކޮމިޓީން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެއެވެ.
13 ވަނަ މާއްދާ - ތަހުގީގު ފުރިހަމަވެފައިވާނަމަ އަމަލުކުރާނެ ގޮތް
(ހ) ތަހުގީގު ފުރިހަމަވެފައިވާނަމަ، މައްސަލަ ރައްދުވާ މުވައްޒަފުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާކަން ނުވަތަ ނޫންކަން ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ކަނޑައަޅަންވާނެއެވެ.
(ށ) މައްސަލަ ރައްދުވާ މުވައްޒަފުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމާ ހާލަތުގައި، ސަބަބު ބަޔާންކޮށްފައި މައްސަލަ ފައިލު ކުރަންވާނެއެވެ. އަދި މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު، މުވައްޒަފުގެ ފައިލަށް ލާންވާނެއެވެ.
(ނ) މައްސަލަ ރައްދުވާ މުއްޒަފުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާކަމަށް ނިންމާ ހާލަތުގައި، ސުލޫކީ ފިޔަވަޅު ކަނޑައެޅުމުގެ ކުރިން، މައްސަލަ ރައްދުވާ މުވައްޒަފު ހާޒިރުކޮށް ޖަވާބުދާރީވުމަށް ފުރުސަތު ދޭންވާނެއެވެ.
14 ވަނަ މާއްދާ - ސުލޫކީ ފިޔަވަޅު އެޅުން
(ހ) މުވައްޒަފެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ހާލަތުގައި މުވައްޒަފެއްގެ މައްޗަށް ކަނޑައެޅޭނީ، އެ މުވައްޒަފަކު ކުރި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި، ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކެވެ.
- ނަސޭހަތްދިނުން؛
- ނަސޭހަތް ދިނުމާއެކު، ކޮމިޓީން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުން؛
- އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަން ބަދަލުކުރުން؛
- ހުރި މަގާމަށްވުރެ ދަށް މަގާމަކަށް ބަދަލުކުރުން ނުވަތަ ހަވާލުކުރާ މަސައްކަތަށް ބަދަލު ގެނައުން؛
- މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ނުވަތަ މުސާރައާއި އިނާޔަތުން ވަކި މިންވަރެއް އެކަނި ލިބޭގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން ގިނަވެގެން 2 (ތިނެއް) މަސްދުވަހަށް މަނާކުރުން؛
- މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް 2 (ދޭއް) ހަފުތާއަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާއަށް ނުކުތުން މަނާކުރުން؛
- ވަޒީފާއިން ވަކިކުރުން.
(ށ) މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ފިޔަވަޅެއް މުވައްޒަފަކާމެދު ތަންފީޒު ކުރަންވާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ، ލިޔުމުން ލިބިގެންނެވެ.
(ނ)މައްސަލަ ރައްދުވާ މުވައްޒަފުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވެ، ފިޔަވަޅު އަޅަން ނިންމާ ހާލަތުގައި، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު ފުރިހަމަކޮށްފައި މުވައްޒަފުގެ ފައިލަށް ލާންވާނެއެވެ. އަދި އެފަދައިން ނިންމާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މުވައްޒަފަކަށް އެކަން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަވާލުކުރެވޭ ލިޔުމާ އެ މުވައްޒަފަކު ގަސްތުގައި ހަވާލުނުވެއްޖެނަމަ، އެކަން ލިޔެ ރައްކައު ކުރަންވާނެއެވެ. އަދި މައްސަލަ މުރާޖައާ ކުރުމަށް ހުށަހެޅުމުގެ ހައްގު އެ މުވައްޒަފަކު ދޫކޮށްލީކަމުގައި ބެލެވޭނެއެވެ.
15 ވަނަ މާއްދާ - ސުލޫކީ ފިޔަވަޅު މުރާޖައާކުރުން
(ހ) ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފައިވާކަން މުވައްޒަފަށް އެންގޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖައާ ކޮށްދިނުން އެދި ސަބަބާއެކު ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ.
(ށ) އެގޮތުން މުރާޖައާ ކުރަން ހުށަހެޅޭ މައްސަލަތަކުގައި ހުށަހަޅާ ސަބަބުތަކުގެ މައްޗަށް ބަލައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތަކުން ކުރެ ގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
- އެ ނިންމުން މުރާޖައާ ކުރަންޖެހޭ ސަބަބެއް އޮތްނަމަ، އެ ނިންމުން މުރާޖައާ ކުރުމަށް، ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް އެންގުން؛
- އެ މައްސަލައަކީ އަލުން ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަމުގައި ވާނަމަ، ތަހުގީގު ކުރުމަށް ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް އެންގުން؛
- ސުލޫކީ މައްސަލަ މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމުން.
ފަސްވަނަ ބައި: އެހެނިހެން
16 ވަނަ މާއްދާ - މާނަކުރުން
(ހ) ސުލޫކީ މައްސަލަކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-09 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ސުލޫކީ ހަމަތަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަށެވެ.
(ށ) ސުލޫކީ މައްސަލަ ރައްދުވާ މުވައްޒަފުކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާ ދެކޮޅަށް ސުލޫކީ މައްސަލައެއް ހުށަހެޅި ތަހުގީގު ކުރެވޭ މުވައްޒަފަށް ނުވަތަ ސުލޫކީ ފިޔަވަޅު އެޅޭ މުވައްޒަފަށެވެ.
(ނ) ސުލޫކީ މައްސަލައެއް ސާބިތުވުން ކަމަށް ބުނެފައި އެވަނީ، މުވައްޒަފަކާމެދު ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު އެ ކަމެއް ހިނގާކަމަށް، ނުވަތަ ހިނގައިފައިވާކަމަށް ބުއްދީގެ ހަމަތަކުން ބުރަވެވޭ ބުރަވުމަށެވެ.
17 ވަނަ މާއްދާ - މުއްދަތު ގުނުން
މި ގަވާއިދުގައި ވަކި މުއްދަތުތަކެއް ކަނޑައެޅިފައިވާ ކަންކަމާ ގުޅިގެން މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.
18 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން
ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބާއްވާ ބައްދަލުވުންތަކާއި ނިންމާ ނިންމުންތައް ލިޔެ ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.
19 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު