-

ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 62/2021)

 

ބާބު 1 

ތައާރުފު

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި، 29 ވަނަ މާއްދާގެ (އ) އާއި، 33 ވަނަ މާއްދާގެ (ހ) އާއި، 44 ވަނަ މާއްދާގެ (ހ) އަދި 86 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، ދިވެހިރާއްޖޭގައި ކުރެވޭ ހިބަރުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި ހިބަރުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި، ހިންގައި، ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސް، މި ގަވާއިދުގެ 3 ވަނަ ބާބަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 9 (ނުވައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 18 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

ބާބު 2 

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއް އުފެއްދުން

4 ވަނަ މާއްދާ - ކޮމިޓީ އެކުލަވައިލުން

(ހ) ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި "ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީ" އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޓީއަށް މެންބަރުން އައްޔަންކުރާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޓީ އެކުލަވައިލަންވާނީ ތިރީގައިވާ މެންބަރުންގެ މައްޗަށެވެ.

  1. މުގައްރިރު (މިނިސްޓްރީގެ ފިށަރީޒް ޑިޕާޓްމަންޓް ތަމްސީލު ކުރާ މަންދޫބެއް)؛
  2. އެމް.އެމް.އާރް.އައި ތަމްސީލު ކުރާ މަންދޫބެއް؛
  3. ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލު ކުރާ 3 (ތިނެއް) މަންދޫބުން؛
  4. ހިބަރުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލު ކުރާ    2 (ދޭއް) މަންދޫބުން؛
  5. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ތަމްސީލު ކުރާ މަންދޫބެއް؛
  6. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލު ކުރާ މަންދޫބެއް؛
  7. ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ތަމްސީލު ކުރާ މަންދޫބެއް؛ އަދި
  8. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްއިއްޔާއެއް.

(ރ) މި މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރު އަދި 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ށައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލައި މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާން ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައި މިނިސްޓްރީން ކުރާ އިއުލާނުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް؛
  2. ލަފާދޭ ކޮމިޓީއަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު؛ އަދި
  3. ށައުގުވެރިކަން ފާޅުކޮށް އެއްވެސް ފަރާތެއް ހުށަނާޅައިފިނަމަ، މެންބަރުން ހޮވުމުގައި އަމަލުކުރާނެ އުސޫލު.

 

5 ވަނަ މާއްދާ - ކޮމިޓީގެ ދައުރު

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރު އަދި 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަންދޫބުންގެ ދައުރުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ. އަދި މި މެންބަރުންނަށް ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުން

ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ މިނިސްޓްރީގެ މަސްވެރިކަން، ރާވައި، ހިންގައި، ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސެކްށަނުންނެވެ.

 

7 ވަނަ މާއްދާ - ކޮމިޓީގެ ޖަލްސާތައް

(ހ) ކޮމިޓީގެ ޖަލްސާތައް މަދުވެގެން އަހަރަކު އެއް ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަވަސް ހައްލު ބޭނުންވާ ކަންކަމުގައި ހާއްސަ ޖަލްސާތަކަށް މުގައްރިރަށް ގޮވައިލެވިދާނެއެވެ.

(ނ) ކޮމިޓީގެ ޖަލްސާއެއްގެ ކޯރަމަކީ 6 (ހައެއް) މެންބަރުންނެވެ.

(ރ) ކޮމިޓީން ބޭނުންވެއްޖެ ހިނދެއްގައި ކަމާގުޅޭ މާހިރުންނާއި، ސިނާއަތުގެ މަންދޫބުންނާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި، ކަމާގުޅޭ ސަރަހައްދީ ނުވަތަ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ޖަލްސާތަކުގައި ބައިވެރިވުމަށް ދައުވަތު ދެވިދާނެއެވެ.

 

8 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތައް

މި ގަވާއިދުގެ ދަށުން އެކުލަވައިލާ "ހިބަރު މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީ" ގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައިމިވަނީއެވެ.

(ހ) ހިބަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބެލުމާއި ޕްލޭން ތަންފީޒުކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއް ފަހަރު މިނިސްޓަރަށް އެރުވުން؛

(ށ) ހިބަރުގެ މަސްވެރިކަމާގުޅޭ ފަންނީ އަދި އެހެނިހެން މައުލޫމާތު އެކުލެވޭ ރިޕޯޓްތައް މުތާލިއާކުރުން؛

(ނ) ހިބަރުގެ މަސްވެރިކަމާގުޅޭ ފަންނީ މައުލޫމާތު އެކުލެވޭ ރިޕޯޓުތަކުންނާއި،  ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުންނާއި، މަށްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން، އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛

(ރ) ސަރަހައްދީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ހިބަރުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛ އަދި

(ބ) ހިބަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކޮށް، މުތާލިއާކޮށް މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

 

9 ވަނަ މާއްދާ -  މެންބަރުން ވަކި ކުރުމާއި ވަކިވުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޓީއަށް އައްޔަންކުރާ މެންބަރެއް ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަ ކުރާ ކަމަށް ވާނަމަ، ނުވަތަ ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންގެ ރޫހާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގައިފިނަމަ، ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ، އަދި މީގެ އިތުރުންވެސް މިނިސްޓްރީގެ މެންޑޭޓް ތަންފީޒުކުރުމުގައި މިނިސްޓްރީއަށް ދަތިވާ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓާ ނަމަ، އެ މެންބަރަކު ވަކިކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ކޮމިޓީގެ މެންބަރަކު ކޮމިޓީން ވަކިވުމަށް އެދި މިނިސްޓަރަށް ލިޔުމުން ހުށަހެޅުމުން އެ ފަރާތެއް ކޮމިޓީގެ މެންބަރުކަމުން ވަކިވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެންބަރުކަމުން ވަކިކުރެވޭ ނުވަތަ ވަކިވާ މެންބަރުންގެ ބަދަލުގައި ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތަށް އައު މެންބަރުން އައްޔަންކުރާނީ މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

ބާބު 3

ލައިސަންސް ދިނުމާގުޅޭ އުސޫލުތައް

10 ވަނަ މާއްދާ - ލައިސަންސް ނެގުން

(ހ) ހިބަރުގެ މަސްވެރިކަމުގައްޔާއި ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ އަންނަނިވި ފަރާތްތަކުން އެކަން ކުރަންވާނީ އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެގުމަށްފަހުގައެވެ.

  1. ވިޔަފާރީގެ ބޭނުމަށް ހިބަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
  2. ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯޓުކުރުމަށް ހިބަރު ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަން.

(ށ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސް، އަންނަނިވި ފަރާތްތަކުން ނުވަތަ ތަންތަނުން މިގަވާއިދުގެ ދަށުން ލައިސަންސެއް ނަގާކަށް ނުޖެހޭނެއެވެ.

  1. އެކްސްޕޯޓުކުރުމަށް ނުވަތަ އެކްސްޕޯޓުކުރާ ފަރާތަކަށް ވިއްކުމަށް ފިޔަވައި ހަމައެކަނި އެތެރޭގެ ބާޒާރުތަކުގައި ވިއްކުމަށް މަހުގެ އުފެއްދުންތައް އުފެއްދުމަށް، ފަރުދީ ފެންވަރުގައި އަމިއްލަ ފަރުދުން ހިންގާ މަސް ޕްރޮސެސްކުރާ ތަންތަނުގެ ތެރެއިން ދުވާލަކު އެ ތަނެއްގައި ޕްރޮސެސްކުރެވޭ މަހުގެ މިންވަރު (ޑެއިލީ ޕްރޮސެސިންގް ކެޕޭސިޓީ) ނުވަތަ ދުވާލަކު އެތަނަކަށް ގަނެވޭ މަހުގެ މިންވަރު 200 ކިލޯއަށްވުރެ ކުޑަ ތަންތަން؛ އަދި
  2. ހޮޓާ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް. 
     
     
    (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ހިބަރުގެ މަސްވެރިކަން ފިޔަވައި އެހެން މަސްވެރިކަމެއް ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތަކަށް އަމާޒުކޮށް މަސްވެރިކަންކުރަންވާނީ އެ މަސްވެރިކަމަކަށް ހާއްސަ ލައިސަންސެއް ނަގައިގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްވެރިކަމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުން ހިބަރުގެ މަސްވެރިކަމުގައި ހިފޭ، ބޭނޭ ނުވަތަ ނެގޭ އެހެނިހެން ކަނޑުގެ ދިރުންތައް އިތުރު ލައިސަންސަކާ ނުލައި ވިއްކިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަންކުރުމުގެ ލައިސަންސް ނަގަންޖެހޭ ފަރާތަކުން، އަހަރުދުވަހެއްގެ ތެރޭގައި ބާނާ މަހުގެ ޖުމްލަ ބަރުދަނުގެ 20% އަށްވުރެ ބޮޑު ބައެއް އެހެން މަސްވެރިކަމެއް ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާނަމަ، އެ ބާވަތަކަށް ހާއްސަ މަސްވެރިކަންކުރުމުގެ ލައިސަންސެއް ނަގަން ވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސް ނަގަންޖެހޭ ފަރާތްތަކުން ޕްރޮސެސްކުރުމުގެ ހަރަކާތް ހިންގާ ކޮންމެ ސައިޓަކަށް ނުވަތަ ފެސިލިޓީއަކަށް ވަކި ލައިސަންސެއް ނަގަންވާނެއެވެ.

 

11 ވަނަ މާއްދާ - ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި، ބާތިލުކުރުން

(ހ) ހިބަރުގެ މަސްވެރިކަންކުރުމަށް ނުވަތަ ޕްރޮސެސްކުރުމަށް ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި، ބާތިލުކުރުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 92/2020 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސްތައް އައު ކޮށްދިނުމުގައި، އެ ފަރާތުން ފާއިތުވެދިޔަ ލައިސަންސްގެ މުއްދަތުގައި ލައިސަންސްގެ ށަރުތުތައް ފުރިހަމަކޮށްފައިވާ މިންވަރަށް ރިއާޔަތް ކުރެވޭނެއެވެ.‎

 

12 ވަނަ މާއްދާ - ލައިސަންސަށް އެދުމުގެ ކުރިން ފުރިހަމަވެފައިވާކަން ޔަގީން ކުރަންޖެހޭ ކަންތައްތައް

(ހ) ހިބަރު ޕްރޮސެސްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން، ޕްރޮސެސްކުރާ ތަނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކޮށްފައިވާ ސައްހަ ސާފުތާހިރުކަމުގެ ސެޓުފިކެޓެއް އޮތްކަން ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން ޔަގީން ކުރަންވާނެއެވެ.

(ށ) ޕްރޮސެސްކުރުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން ޕްރޮސެސްކުރާ ފަރާތަކީ ދިވެހި ރައްޔިތެއްކަން، ނުވަތަ ޕްރޮސެސްކުރާ ފަރާތަކީ ވިޔަފާރިއެއްނަމަ، އެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއްކަން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސާއި ޕްރޮސެސްކުރުމުގެ ލައިސަންސް ލިބިފައިވާ އެންމެހައި ފަރާތްތަކުން، ލައިސަންސްގެ މުއްދަތުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ އާންމު ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. 

 

14 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތާއި ފީ

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްތައް ދޫކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފީ ނެގުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަތުން ލައިސަންސް ފީ ނަގަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ފަހުންނެވެ.

 

ބާބު 4 

ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ އެހެނިހެން ފިޔަވަޅުތައް

15 ވަނަ މާއްދާ - ސައިޒް ލިމިޓް

(ހ) ތިރީ ތުންގަނޑު ފެށޭ ހިސާބުން ފެށިގެން ނިގޫފަތްގަނޑު ދެކަފިވާ ހިސާބަށް 60 (ފަސްދޮޅަސް) ސެންޓިމީޓަރު ހަމަނުވާ ހިބަރުގެ ބާވަތެއް ހިފުމާއި، ބޭނުމާއި، އެއްވެސް ގޮތަކަށް އުޅަނދުގައި ބެހެއްޓުމާއި، ރައްކައުކުރުމާއި، ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް ގެންދިޔުމާއި (ޓްރާންށިޕްކުރުން)، ލޭންޑިންގް ފެސިލިޓީއަކަށް ނުވަތަ އެއްގަމަށް ގެންދިއުމާއި، ވިޔަފާރި ކުރުމާއި، ޕްރޮސެސްކުރާ ތަނެއްގައި ބެހެއްޓުން ނުވަތަ ޕްރޮސެސްކުރުމަކީ މަނާ ކަމެކެވެ. ހިބަރުގެ ދިގުމިން ބަލާނެގޮތް ޖަދުވަލު 3 ގައި ދައްކައިދީފައި އެވަނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސައިޒް ލިމިޓަކާ ހިލާފަށް ހިބަރުގެ ބާވަތެއް އަމާޒުނުކޮށް ހިފިއްޖެނަމަ، އެފަދަ ހާލަތެއްގައި އެ ފަރާތެއް މި މާއްދާގެ (ހ) އާ ހިލާފުވީ ކަމުގައެއް ނުބެލެވޭނެއެވެ. އަދި އަމާޒުނުކޮށް ހިފޭ މި ބާވަތުގެ މަސް، އެންމެ ގެއްލުން ކުޑަވާ ގޮތެއްގެ މަތިން ލަސްނުކޮށް ދޫކޮށްލަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި ހިބަރުގެ ހަޔަވިއްޔާތާ ގުޅުންހުރި އެހެނިހެން މައުލޫމާތު އެއްކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރާ ދިރާސާތަކާއި، ގަވާއިދު ނަންބަރު 100/2020 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު) ގެ ދަށުން މިނިސްޓްރީން ދޫކުރާ ސައްހަ ހުއްދައެއް ލިބިގެން ކުރާ ދިރާސާތަކުގެ ބޭނުމަށް ނަގާ ހިބަރުގެ ބާވަތްތައް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސައިޒް ލިމިޓްތަކުން އިސްތިސްނާވާނެއެވެ.

 

16 ވަނަ މާއްދާ - ޕްރޮސެސްކުރުމުގައި އަމަލުކުރަންޖެހޭގޮތް

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ލައިސަންސެއް ނަގައިފައިވާ ފަރާތްތަކުން ޕްރޮސެސް ކުރުމުގައި އަމަލުކުރަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ގާއިމުކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

17 ވަނަ މާއްދާ - އެކްސްޕޯޓުކުރުމުގައި އަމަލުކުރަންޖެހޭގޮތް

(ހ) ހިބަރާއި ހިބަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަންނަންވާނީ މަސްވެރިކަން ކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުންނެވެ.

(ށ) އެކްސްޕޯޓު ކުރުމަށް ތައްޔާރުކުރާ ހިބަރާއި ހިބަރުގެ އުފެއްދުންތައް ބަންދުކުރާ ޕެކޭޖުތަކުގައި، މަހުގެ ބާވަތްތަކާއި، ކޮންމެ ބާވަތެއްގެ މިންވަރު (އަދަދާއި ބަރުދަން) އަދި އެކްސްޕޯޓަރުގެ ތަފުސީލު ސާފުކޮށް އެނގޭނޭހެން ލޭބަލް ކުރަންވާނެއެވެ.

(ނ) އެކްސްޕޯޓު ކުރާ ހިބަރާއި ހިބަރުގެ އުފެއްދުންތައް ބަންދުކުރަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.

(ރ) އެކްސްޕޯޓުކުރާ ހިބަރާއި ހިބަރުގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް ބުނެވިދިޔަ މައުލޫމާތު ހިމެނޭ ޕެކިންގް ލިސްޓެއް އެކްސްޕޯޓަރުން ތައްޔާރުކުރަން ވާނެއެވެ. އަދި ތަންފީޒީ އޮފިސަރެއް ނުވަތަ ފިށަރީޒް ރޭންޖަރެއް އެދިއްޖެ ހާލަތުގައި ޕެކިންގް ލިސްޓު ދައްކަންވާނެއެވެ.

(ބ) "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތަށް މަސްވެރިންގެ ފަރާތުން ނުވަތަ ޕްރޮސެސްކުރާ ފަރާތްތަކުން އެއްކުރާ މައުލޫމާތުގެ ސިއްރުކަން ހިބަރާއި ހިބަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތު މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކާ މިނިސްޓްރީގެ ހުއްދަ ނެތި ހިއްސާ ކުރުމަކީ ކުށެކެވެ.

 

18 ވަނަ މާއްދާ - ކެޗް ސެޓުފިކެޓު

(ހ) އެކްސްޕޯޓުކުރާ ހިބަރާއި ހިބަރުގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް މިނިސްޓްރީން ދޫކޮށްފައިވާ ކެޗް ސެޓުފިކެޓެއް އޮންނަންވާނެއެވެ.

(ށ) ކެޗް ސެޓުފިކެޓު ހޯދުމަށް ހުށަހަޅާނީ "ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" މެދުވެރިކޮށެވެ.

(ނ) މިމާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޮންމެ ކެޗް ސެޓުފިކެޓަކަށް 20 (ވިހި) ރުފިޔާގެ އިދާރީ ފީއެއް މިނިސްޓްރީއަށް ދައްކަންވާނެއެވެ.

 

19 ވަނަ މާއްދާ - މިނިސްޓްރީއަށް މައުލޫމާތު ފޮނުވުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުން، މަސްރިޕޯޓު ނުވަތަ ލޮގްފޮތުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ލައިސަންސެއް ނަގައިފައިވާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު)، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) ހިބަރާއި ހިބަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު)، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

ބާބު 5 

ގަވާއިދާ ހިލާފުވުމާއި ފިޔަވަޅު އެޅުން

20 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުން ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުން އަދި މި ގަވާއިދުގައިވާ ލައިސަންސްގެ ށަރުތަކާ ނުވަތަ ށަރުތުތަކާ ހިލާފުވުން ބެލެވޭނީ ކުށެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު  74/2020 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ ޖަދުވަލު 4 އާއި 5 ގައިވާ ގޮތުގެ މަތިންނެވެ.

(ރ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތެއް ފިޔަވައި، އެހެން ފަރާތަކުން މި ގަވާއިދުގެ ޖަދުވަލު  4 ގެ 5 ވަނަ ނަންބަރު ނުވަތަ 9 ވަނަ ނަންބަރުގައިވާ ކުށެއް ކޮށްފިނަމަ ޖޫރިމަނާކުރެވޭނީ 5000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުންނެވެ.

(ބ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ތަކުރާރުކޮށް ތިންވަނަ ފަހަރަށް ކޮށްފިނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލު ކުރެވޭނެއެވެ. އަދި އެ ފަރާތަކަށް އައު ލައިސަންސަކަށް އެދި ހުށަހެޅޭނީ ލައިސަންސް ބާތިލު ކުރި ތާރީހުގެ 3 (ތިނެއް) މަސްދުވަސް ފަހުންނެވެ.

 

ބާބު 6

މާނަކުރުން

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަ ނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވަޒީރަށެވެ.

(ނ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި،  ތަރައްގީކުރުމާ ގުޅޭ ޕްލޭނަށެވެ.

(ރ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގުތިސާދީ ކަނޑަށެވެ.

(ބ) "ދިވެހިރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށެވެ.

(ޅ) "ވިޔަފާރީގެ ބޭނުމަށް މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، މާލީ މަންފާއެއް ހޯދުމުގެ ގޮތުން މަސްވެރިކަންކުރުމަށެވެ. 

(ކ) "ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި އެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކޮންމެ އޮފިސަރަކަށެވެ.

(އ) "ފިށަރީޒް ރޭންޖަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2019 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީން އައްޔަންކުރާ ފަރާތްތަކަށެވެ.

(ވ) "މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ:

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް މަސް ހޯދުން؛
  2. މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛
  3. އެ ކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
  4. "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
  5. މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.

(މ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަންކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމު ގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.

(ފ) "ލޮގްފޮތް" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރެކޯޑުކޮށް މިނިސްޓްރީއަށް ފޮނުވުމަށް ކަނޑައަޅައިފައިވާ ވަސީލަތަށެވެ.

(ދ) "ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.

(ތ) "ކުށް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައާއި، މި ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ، އިދާރީ ކުށްތަކަށެވެ.

(ލ) "ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ ދުވަހަށް ބެހެއްޓުމަށްޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.

(ގ) "ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަނާއި، އެ ތަނެއްގައި:

  1. މަސް ނުވަތަ އެކުއަކަލްޗަރުގެ އުފެއްދުންތައް، ސާފުކޮށް، ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް، ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރުގެ އުފެއްދުންތައް ރައްކާކޮށްފައި ބަހައްޓާ ތަންތަން.

(ޏ) "އޮއިވާލި ކަނދުފަތި" ކަމަށް ބުނެފައި އެވަނީ، އެއް ސަރަހައްދަކަށް މަސް ގެނައުމަށްޓަކައި ފެންމަތީގައި އޮޔާދެމޭގޮތަށް ކަނޑުގައި ނަގިލި ލައިގެން ހަރުކުރާ ބޮޔެއް ނުވަތަ އެފަދަ އެހެން އެއްޗަކަށެވެ.

(ސ) "ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ އޮންލައިން ނިޒާމަށެވެ.

(ޑ) "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޒ) "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޓ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖައާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.

(ޔ) "ހިބަރު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބާވަތްތަކަށެވެ.

  1. ފަންގަނޑު ހިބަރު (އިންޑޯ-ޕެސިފިކް ސެއިލް ފިށް)؛
  2. ތުންގަނޑު ހިބަރު / ކަންނެލި ހިބަރު (ސްވޯޑް ފިށް)؛
  3. ކަޅު މަސްހިބަރު (ބްލެކް މާލިން)؛
  4. ނޫ މަސްހިބަރު (އިންޑޯ-ޕެސިފިކް ބްލޫ މާލިން)؛
  5. ގަޅިޖެހި ހިބަރު (ސްޓްރައިޕްޑް މާލިން).

(ޕ) "އެމް.އެމް.އާރް.އައި" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓަށެވެ.

(ޖ) "އޮޕަރޭޓަރު" ކަމަށް ބުނެފައި އެވަނީ، އުޅަނދު ދުއްވައިގެން ހޯދާ އިގުތިސާދީ ނުވަތަ މާލީ ފައިދާ ލިބޭ ފަރާތް ނުވަތަ އުޅަނދާ ހަވާލުވެހުރި އެ އުޅަނދު ހިންގުމަށް ޒިންމާކުރެވިފައިވާ ނުވަތަ އުޅަނދަށް އިރުށާދު ދޭ ނުވަތަ ކޮންޓްރޯލްކުރާ ފަރާތަށެވެ.

(ޗ) "ސަރަހައްދީ ކަނޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ސަރަހައްދީ ކަނޑަށެވެ. 

 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 14/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު