-

ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 31/2021)

 

1 ވަނަ މާއްދާ - ތައާާރުފާއި ނަން

(ހ) މިއީ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ބޭއްވުމާ ގުޅޭގޮތުން އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދު އެކުލަވައިލެވިފައި މިވަނީ، ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ 10 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުން ޑިރެކްޓަރުންގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތައް

(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ، ބޯޑުގެ 3 (ތިނެއް) މެންބަރުން ހާޒިރުވުމުންނެވެ.

(ށ) ބޯޑުން ކަމެއް ނިންމިކަމަށް ބެލެވޭނީ، ބޯޑުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްވުމުންނެވެ.

(ނ) ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރމަނެވެ. އޭނާއަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ، އެ ޖަލްސާއަށް ހާޒިރުވި ބޯޑުގެ މެންބަރުންގެ ތެރެއިން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އިންތިހާާބުކުރާ މެންބަރެކެވެ.

(ރ) މަދުވެގެން ކޮންމެ ތިން މަހަކުން އެއްފަހަރު ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ބ) ބޯޑުގެ 3 (ތިނެއް) މެންބަރުންނަށްވުރެ މަދު ނޫން އަދަދެއްގެ މެންބަރުން ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާނަމަ، ސަބަބު ބަޔާންކޮށް، ބޯޑުގެ ޗެއަރމަނަށް އެކަން ހުށަހެޅިދާނެއެވެ. އަދި ބޯޑުގެ ޗެއަރމަނަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ނޯޓިހުގައި ހުށަހަޅައިފައިވާ ގޮތުގެ މަތިން ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ޅ) ބޯޑުން އަވަސްގޮތަކަށް މައްސަލައެއް ނިންމައިދިނުމަށް އެދި ބޯޑުގެ ޗެއަރމަނަށް ލިޔުމަކުން ހުށަހެޅުމުގެ އިހާުތިޔާރު، ޗީފް އެގްޒެކްޓިވްއަށް ލިބިގެންވެއެވެ. އެގޮތުން ޗީފް އެގްޒެކްޓިވް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، ބޯޑުގެ ޗެއަރމަނަށް އެ ހުށަހެޅުން ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ބޯޑުގެ ޖަލްސާއެއް ބާއްވައި، ޗީފް އެގްޒެކްޓިވް ހުށަހަޅައިފައިވާ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.

 

3 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓަރީ

(ހ) އޮތޯރިޓީގެ ސީނިއަރ މުވައްޒަފުންގެ ތެރެއިން، އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަށްވަރާއާއެކު ބޯޑުގެ ސެކްރެޓަރީއެއް އައްޔަނު ކުރާނީ ބޯޑުންނެވެ.

(ށ) ބޯޑުގެ ސެކްރެޓަރީގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތަކަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅައިގެން އެލަވަންސެއް ހަމަޖައްސައި ދެވޭނެއެވެ.

 

4 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތަކަށް  އެންގުމާއި، ޖަލްސާގެ އެޖެންޑާ އެކުލަވައިލުން

(ހ) ބޯޑުގެ ޗެއަރމަނާއި އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަށްވަރާއާއެކު ޖަލްސާގެ އެޖެންޑާ އެކުލަވައިލާނީ ބޯޑުގެ ސެކްރެޓަރީއެވެ.

(ށ) ބޯޑުގެ ޖަލްސާތަކަށް، ތިރީގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން ކޮންމެވެސް އެއް ވަސީލަތެއް މެދުވެރިކޮށް މެންބަރުންނަށް ދައުވަތު ފޮނުވާނީ ބޯޑުގެ ސެކްރެޓަރީއެވެ.

  1. ނޯޓިހެއް ފޮނުވުން؛
  2. އިލެކްޓްރޯނިކް މެސެޖެއް ފޮނުވުން؛
  3. އީ-މެއިލެއްގެ ޒަރީއާާއިން.

 

5 ވަނަ މާއްދާ - ހާޒިރީ

(ހ) ބޯޑުގެ ކޮންމެ މެންބަރަކު ވެސް ބޯޑުގެ ޖަލްސާތަކަށް ހާޒިރުވެ، ހާޒިރީގައި ސޮއިކުރާންވާނެއެވެ.

(ށ) އިލެކްޓްރޯނިކްކޮށް ޖަލްސާގައި ބައިވެރިވާ މެންބަރުންގެ ހާޒިރީ، ބޯޑުގެ ސެކްރެޓަރީ ފުރިހަމަ ކުރާންވާނެއެވެ.

 

6 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތަކަށް ހާޒިރު ނުވެވޭނެ ފަދަ އުޒުރެއް މެދުވެރިވުން

ބޯޑުގެ ޖަލްސާތަކަށް ހާޒިރުވުމަށް ދައުވަތު ދެވިފައިވަނިކޮށް ޖަލްސާއަށް ހާޒިރު ނުވެވޭ ފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ، ޖަލްސާ ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، ބޯޑުގެ ސެކްރެޓަރީއަށް އެކަން އަންގައި، ސަލާން ބުނާންވާނެއެވެ.

 

7 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތަކުގައި އޮތޯރިޓީގެ މުވައްޒަފުންނާއި ދައުވަތުދެވޭ ފަރާތްތައް ބައިވެރިކުރުވުން

(ހ) ބޯޑުން ނިންމާ ގޮތެއްގެ މަތިން، ބޯޑުން މަށްވަރާކުރާ ކަމެއްގައި މުވައްޒަފުންގެ ފަންނީ ލަފަޔެއް ބޭނުންވާނަމަ، އެ ހާލަތުގައި ބޯޑުގެ ޖަލްސާތަކުގައި އޮތޯރިޓީގެ މުވައްޒަފުން ބައިވެރި ކުރެވިދާނެއެވެ.

(ށ) ބޯޑުން ނިންމާ ގޮތެއްގެ މަތިން، ބޯޑުގެ ބޭނުމަށް ޓަކައި ދައުވަތު ދެވޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ޖަލްސާތަކުގައި ބައިވެރި ކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

(ހ) ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމަކީ ބޯޑުގެ ސެކްރެޓަރީގެ މަސްއޫލިއްޔަތެކެވެ.

(ށ) ބޯޑުން ފާސްކުރާ ޔައުމިއްޔާތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކުގެ ސޮއި ހޯދައި ފައިލްކޮށް ބެލެހެއްޓުމަކީ ސެކްރެޓަރީގެ މަސްއޫލިއްޔަތެކެވެ.

 

9 ވަނަ މާއްދާ - ބޯޑުން ނިންމާ ނިންމުންތަކާއި، އެ ނިންމުންތަކަށް  އަމަލުކުރުން

(ހ) ބޯޑުގެ އެއްވެސް ނިންމުމެއް ނިންމުމުގައި ބޯޑުގެ މެންބަރުން ފިޔަވައި އެހެން ފަރާތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. ބޯޑުގެ ސެކްރެޓަރީއަކީ ބޯޑުގެ މެންބަރެއް ނޫނެވެ.

(ށ) ބޯޑުގެ ނިންމުންތަކަށް އަމަލުކުރުމަށް ޓަކައި އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްއަށް އެ ނިންމުންތަކުގެ ލިޔެކިއުން ހަވާލުކުރާނީ ޗެއަރމަންގެ މަށްވަރާގެ މަތިން ބޯޑުގެ ސެކްރެޓަރީއެވެ.

 

10 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ބޭއްވުން

(ހ) ބޯޑުގެ މެންބަރުންނަށް ފެނިއްޖެ ހާލަތެއްގައި ބޯޑުގެ ޖަލްސާ އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ބޭއްވިދާނެއެވެ. ވަކި މެންބަރަކަށް ޖަލްސާގެ މާލަމަށް ހާޒިރުވެވެން ނެތް ހާލަތުގައި ވަކިވަކި މެންބަރުންނަށް ވެސް އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެވިދާނެއެވެ.

(ށ) އޮންލައިންކޮށް ބާއްވާ ބައްދަލުވުންތަކުގައި ބޯޑުގެ މެންބަރުން ބައިވެރިވާންވާނީ ސިއްރު ހިފެހެއްޓޭ ފަދަ މާހައުލެއްގައެވެ.

 

11 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

ބޯޑުގެ ޖަލްސާއެއްގައި، ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ 29 ވަނަ މާއްދާގައިވާ ފަދަ މަސްލަހަތު ފުށުއަރާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ޗެއަރމަނަށް އެކަން އަންގައި، އެ ހާލަތު ކުރިމަތިވި މެންބަރަކު އަމިއްލަޔަށް އެ ޖަލްސާއަކުން ތަނާޒުލު ވާންވާނެއެވެ.  އަދި ކުރިން އެކަން އެނގިފައި ނެތް ކަމުގައިވިޔަސް، އެކަން އެނގޭ ހިނދު، އެ މެންބަރަކު އެ މައްސަލައަކުން ތަނާޒުލު ވާންވާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ބާކީތިބި މެންބަރުންނާއެކު ބޯޑުގެ ކޯރަމް ހަމަވާގޮތަށް އެ ޖަލްސާ ކުރިޔަށް ގެންދާންވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން

މި ގަވާއިދަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެގޮތުން ގަވާއިދަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ބާރު ލިބިގެންވަނީ ޑިރެކްޓަރުންގެ ބޯޑަށެވެ. ގަވާއިދަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ފެށޭނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އިސްލާހްެއް ށާއިއުކުރުމަށްފަހުގައެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި  މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށެވެ.

(ށ) "ޓެލެކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، ވަޔަރު، ނުވަތަ ރޭޑިއޯ، ނުވަތަ އޮޕްޓިކަލް، ނުވަތަ އެހެނިހެން އިލެކްޓްރޯ މެގްނެޓިކް ނިޒާމުތަކެއް މެދުވެރިކޮށް އެއްވެސް ބާވަތެއްގެ އިށާރާތެއް، ނުވަތަ ސިގްނަލެއް، ނުވަތަ ލިޔުމެއް، ނުވަތަ ފޮޓޯއެއް، ނުވަތަ އަޑެއް، ނުވަތަ އެއްވެސް ބާވަތެއްގެ އިންޓެލިޖަންސެއް ބޭނުންކޮށްގެން ބަދަލުކުރުމާއި، ފޮނުވުމާއި، ލިބިގަތުމަށެވެ.

(ނ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

 

މައި ގާނޫނު

ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު (ގާނޫނު ނަންބަރު 42/2015)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު