މަރާލާފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިށަނުގެ ހިންގާ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-118)
1 ވަނަ މާއްދާ - ގަވާއިދުގެ ނަން ބަދަލުކުރުން.
ބުނެވިދިޔަ ގަވާއިދުގެ ސުރުހީގައިވާ ނަން، އަންނަނިވި ގޮތަށް ބަދަލުކުރުން.
"މަރާލާފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިށަނުގެ ގަވާއިދު"
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.
ތައާރުފާއި ނަން 1.
(ހ) މި ގަވާއިދަކީ، ކޮމިށަނުގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށާއި، ކޮމިށަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން، ކޮމިށަނަށް މީހުން ހާޒިރުކުރުމާއި، އަދި ކޮމިށަނަށް ހާޒިރުކުރެވޭ މީހުންނާ ސުވާލުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމަށްޓަކައި، ގާނޫނު ނަންބަރު 2019-04 (ރިޔާސީ ކޮމިށަންތަކުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، މި ކޮމިށަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދެކެވެ
(ށ) މި ގަވާއިދަށް ކިޔާނީ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިށަނުގެ ގަވާއިދު" މިހެންނެވެ.
3 ވަނަ މާއްދާ - ދެވަނަ ބައި: ކޮމިށަނުން ބަލާ މައްސަލަތައް ތަހުގީގުކުރުމާ ގުޅޭ އުސޫލުތައް.
ގަވާއިދުގައި ހިމެނޭ ބައިތައް 2.
(ހ) މި ގަވާއިދު އެކުލެވިގެންވަނީ އަންނަނިވި ބައިތަކުގެ މައްޗަށެވެ.
- ފުރަތަމަ ބައި: ކޮމިށަނުގެ ހިންގުމާ ގުޅޭ އުސޫލުތައް.
- ދެވަނަ ބައި: ކޮމިށަނުން ބަލާ މައްސަލަތައް ތަހުގީގުކުރުމާ ގުޅޭ އުސޫލުތައް.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ ކުރިޔަށް "ފުރަތަމަ ބައި: ކޮމިށަނުގެ ހިންގުމާ ގުޅޭ އުސޫލުތައް" މި ނަމުގައި ސުރުހީއެއް އިތުރުކުރުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ ފަހަތަށް "ދެވަނަ ބައި: ކޮމިށަނުން ބަލާ މައްސަލަތައް ތަހުގީގުކުރުމާ ގުޅޭ އުސޫލުތައް" ކަމަށް ބަޔާންކޮށް ސުރުހީއެއް އިތުރުކޮށް، އަންނަނިވި މާއްދާތައް އެ ސުރުހީގެ ދަށުންއިތުރުކުރުން.
ކޮމިށަނުން ތަހުގީގު ކުރުމަށް ހަމަޖެހިފައިވާ މައްސަލަތައް 24.
(ހ) 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގައިފައިވާ، ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގެ
ތެރެއިން، އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވިވާ ކަމަށް ބުނެ، މި ކޮމިށަނުގެ ނަންބަރު 2018-01 އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެކި ފަރާތްތަކުން މި ކޮމިށަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، ކޮމިށަނުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް؛ އަދި
(ށ) 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގައިފައިވާ، ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، ކޮމިށަނުގެ އަމިއްލަ އިސްނެގުމަށް ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮމިށަނުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ކޮމިށަނުން އާންމުކޮށް އަންގަންވާނެއެވެ.
ތަހުގީގަށް މީހުން ހާޒިރުކުރުން 25.
(ހ) ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރަން ބޭނުންވާ ފަރާތްތައް، ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށް ހާޒިރުކުރެވިދާނެއެވެ.
- ފޯނުން ނުވަތަ އެހެންވެސް ގޮތަކުން އަންގައިގެން؛
- ހާޒިރުވުމަށް އަންގާ އަމުރު ފޮނުވައިގެން؛ އަދި،
- ރިޔާސީ ކޮމިށަންތަކުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކޮމިށަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކޮމިށަނަށް ހާޒިރުވުމަށް އެންގޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހަކަށެވެ.
- ކުށެއްގެ ތުހުމަތުކުރެވޭ މީހެއް؛ އަދި
- ތަހުގީގަށް މައުލޫމާތު ދެވިދާނެ މީހެއް.
(ނ) ތަހުގީގަށް ހާޒިރުކުރެވޭ ފަރާތް ކޮމިށަނަށް ހާޒިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ފޮޓޯ ޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިށަނަށް ހާޒިރުވުމަށް އަންގާނީ، ޖަދުވަލު-1 ގައިވާ ޗިޓު މެދުވެރިކޮށެވެ.
ހާއްސަ އިނާޔަތްތައް ދީފައިވާ ފަރާތްތައް 26.
(ހ) ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރަންޖެހޭ މީހަކީ ބަލިހާލު ހުރި ގޮތުން، ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ އެހެންވެސް މަގުބޫލު ސަބަބަކާހުރެ އެ ފަރާތުން ކޮމިށަނަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، އެ ފަދަ މީހެއްގެ ބަޔާން ނަގާނީ ކޮމިށަނުން ކަނޑައަޅާ ތަނަކަށް ކޮމިށަނުގެ ތަހުގީގު ޓީމު ގޮސްގެންނެވެ.
(ށ) ކޮމިށަނުން ހިންގާ ތަހުގީގެއްގައި ބަޔާން ނަގަންޖެހޭ މީހަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހާލަތެއްގައިވާ މީހަކަށް ވެފައި، އޭނާއާ ތަހުގީގުގައި ސުވާލުކުރުމަކީ އޭނާގެ ބަލީގެ ޒާތުން އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއްކަމަށް ބަޔާންކޮށް، މެޑިކަލް ޑޮކްޓަރަކު ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ލިޔުން ދޫކޮށްފައިވާނަމަ، އެ ލިޔުމަށް ރިއާޔަތް ކުރަންވާނެއެވެ.
ބަންދުކޮށްފައި ހުރި މީހަކު ހާޒިރުކުރުން 27.
ބަންދުކޮށްފައި ހުރި މީހަކު ކޮމިށަނަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، އެ މީހަކު ހާޒިރުކުރާނީ، އެ މީހަކު ބަންދުކުރި، ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ.
ހާޒިރުވުމުގެ އަމުރު ލިބި އެ އަމުރަށް ހާޒި ރުނުވުން 28.
މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ލިބިފައިވާ ފަރާތަކުން، މަގްބޫލު ސަބަބެއް ބަޔާންކުރުމެއްނެތި، އެ އަމުރުގައި ބަޔާންކޮށްފައިވާ ތާރީހާއި ގަޑިއަށް ހާޒިރު ނުވެއްޖެނަމަ، ރިޔާސީ ކޮމިށަންތަކުގެ ގާނޫނުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ މައްސަލަ ބަލައިދިނުމަށް ކަމާބެހޭ ދައުލަތުގެ މުއައްސަސާއަކަށް ފޮނުވޭނެއެވެ.
ތަހުގީގަށް ހާޒި ރުކުރެވޭ މީހުން އަމަލުތައް ބަހައްޓަންވީ ގޮތް 29.
(ހ) ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ މީހަކު، ފޮޓޯ ނެގޭ އަދި އޯޑިއޯއާއި ވީޑިއޯ ކުރެވޭ ފަދަ އެއްވެސް އާލާތެއް ތަހުގީގުކުރާ ތަނަށް ވައްދައިގެން ނުވާނެއެވެ.
(ށ) މީހަކަށް ޖިސްމާނީ ގެއްލުމެއް ދެވިދާނެ އެއްވެސް އެއްޗެއް، ތަހުގީގުކުރާ ތަނަށް ވައްދައިގެން ނުވާނެއެވެ.
(ނ) ތަހުގީގަށް ހާޒިރުވާ މީހުންނާއެކު ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކު ފިޔަވައި އެހެން މީހަކު ތަހުގީގުކުރާ ތަނަށް ވަދެގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުޑަކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ލިޔަންކިޔަން ނުދަތުމުގެ ސަބަބުން އެހެން މީހެއްގެ އެހީއެއް ބޭނުންވާ މީހުންނާއެކު ގާނޫނީ ވަކީލުގެ އިތުރުން، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނޭ މީހަކު، ތަހުގީގުކުރާ ތަނަށް ވަނުމަށް ކޮމިށަނުން ހުއްދަ ދެވިދާނެއެވެ.
ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން 30.
(ހ) ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކާ ސުވާލުކުރަން ފެށުމުގެ ކުރިން ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ. އަދި ގާނޫނީ ވަކީލަކު އައްޔަނު ކުރެވިއްޖެކަމަށް ބަލާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ގާނޫނީ ވަކީލު އައްޔަނުކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށްފައި ހުށަހެޅުމުން، ކޮމިށަނުން އެ ގާނޫނީ ވަކީލަކު އައްޔަނު ކުރެވިއްޖެކަމަށް ނިންމުމުންނެވެ. ތަހުގީގު ފަށާއިރު ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުން ނޫންކަމުގައި ބުނެފައި، ތަހުގީގު ފެށުމަށްފަހު ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތަށް އެދިއްޖެނަމަ، އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.
(ށ) ތަހުގީގުކުރެވޭ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންވާނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ. ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ މުއްދަތު އިތުރުކުރުމަށް އެދިއްޖެނަމަ، އިތުރު 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިނުވާ ސަބަބަކީ، މަގުބޫލު ސަބަބެއް ކަމުގައިނުވާނަމަ، އެ މީހަކު ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދޫކޮށްލީކަމަށް ބެލެވިދާނެއެވެ.
(ނ) ތަހުގީގުކުރެވޭ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުން ނުވާކަމަށް ބުނެފިނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ކޮމިށަނުން އެ މީހަކަށް ލިބިދިންކަމަށާއި، އެ މީހަކު ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންނުވާކަމަށް ބަޔާންކޮށް ލިޔެފައިވާ ލިޔުމުގައި އެ މީހަކު ސޮއިކުރަންވާނެއެވެ.
(ރ) ތަހުގީގުގައި މީހަކާ ސުވާލުކުރަމުން ދަނިކޮށް، އޭނާގެ ގާނޫނީ ވަކީލާ މަށްވަރާކުރުމުގެ ފުރުސަތަށް އޭނާ އެދިއްޖެނަމަ، އެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ.
(ބ) ތުހުމަތުކުރެވޭ ފަރާތްތައް ފިޔަވައި، އެކިކަންކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކޮމިށަނަށް ހާޒިރުކުރެވޭ ފަރާތަކުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދޭ ހާލަތުގައި، އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ކޮމިށަނުގެ މެންބަރުންނެވެ.
ކުޑަކުދިންނާއި ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރަންވީ ގޮތް 31.
ތަހުގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނަމަ، ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ނަފްސާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ލިޔަންކިޔަން ނުދަތުމުގެ ސަބަބުން، އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއް ނަމަ، ތަހުގީގުގެ މަރުހަލާގައި އެ ފަރާތަކާ މެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތަކާ ސުވާލުކުރަންވާނީ، އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން އައްޔަނުކުރެވޭނީ ހާޒިރުކުރެވޭ މީހާގެ މައިންބަފައިން، ނުވަތަ ބެލެނިވެރިން، ނުވަތަ ބަލަދުވެރިންގެ ތެރެއިން މީހެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްލަހަތު ހިމާޔަތްކުރެވޭނޭ ފަރާތް އައްޔަނުކުރުމަށް ޓަކައި، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "މަސްލަހަތު ހިމާޔަތްކުރެވޭނޭ ފަރާތެއް އައްޔަނުކުރާ ފޯމު" ފުރިހަމަކޮށްފައި، އެ ފޯމު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި ޖިސްމާނީ އުނިކަމެއް ހުރި މީހެއްކަމުގައި ބަލާނީ، އޭނާއަކީ ޖިސްމާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ނަފްސާނީ އުނިކަމެއްގެ ސަބަބުން، ނުވަތަ ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން، ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން، ނުވަތަ އަޑުނީވުމުގެ ސަބަބުން، ނުވަތަ ވާހަކަދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑު އުނދަގޫ ކަމެއް ހުރުމުގެ ސަބަބުން، އެހެން ފަރާތެއްގެ އެހީއަށް ބޭނުންވާފަދަ ހާލަތެއްގައި ހުރި މީހެއްކަމަށް ބަޔާންކޮށް މެޑިކަލް ޑޮކްޓަރަކު ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް މި ކޮމިށަނަށް ހުށަހަޅައިފައި ވާނަމައެވެ.
ތަހުގީގުގައި ހަނުހުރުން 32.
ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމަށް ކޮންމެ ވަގުތެއްގައިވެސް އިހުތިޔާރު ކުރެވިދާނެއެވެ. އަދި އެ ހައްގުގެ ބޭނުންހިފާނަމަ، އެ ހައްގު އޭނާ އިހުތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން ލިޔެކިޔުމުން ފެންނަން އޮންނަންވާނެއެވެ.
ތަހުގީގު މަޖިލިސް ރެކޯޑުކުރުން 33.
(ހ)ކޮމިށަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން، ތުހުމަތުކުރެވޭ ފަރާތްތައް ކޮމިށަނަށް ހާޒިރުކޮށް ސުވާލުކުރެވޭއިރު އެ މަޖިލިސްތަކުގެ އަޑު ރެކޯޑުކުރަންވާނެއެވެ. އަދި ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެ މަޖިލީހުގެ މަންޒަރާއެކުވެސް އަޑު ރެކޯޑުކުރެވިދާނެއެވެ.
(ށ) ކޮމިށަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން، މައްސަލައިގައި މައުލޫމާތު ދިނުމަށް ހާޒިރުކުރެވޭ ފަރާތްތަކާއެކު ކުރިޔަށް ގެންދާ މަޖިލިސްތަކުގެ އަޑު ނުވަތަ އަޑާއެކު ވީޑިއޯ ރެކޯޑުކުރެވޭނީ، މައުލޫމާތު ދޭ ފަރާތުން އިއުތިރާޒު ނުކުރާ ހާލަތުގައެވެ.
ތަހުގީގަށް ދޭ ބަޔާންތައް ލިޔުމާއި، ބަޔާނުގައި ސޮއިކުރުވުން 34.
(ހ) ތަހުގީގަށް ބަޔާން ދިން މީހާ، އޭނާ ދިން ބަޔާނުގައި ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ. ބަޔާން ދިނުމަށްފަހު އޭނާ ބަޔާނުގައި ސޮއިނުކޮށްފިނަމަ، ތަހުގީގުކުރި އިންވެސްޓިގޭޓަރާއި ތަހުގީގު އަޑުއެހި މީހުން، އެއީ ބަޔާންދިން މީހާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ލިޔެ ސޮއިކުރަންވާނެއެވެ.
(ށ) ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސޮއިކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއްގައިވާ މީހަކު ނަމަ، ނުވަތަ ލިޔަންކިޔަން ނުދަންނަ މީހަކު ނަމަ، އެ މީހަކު ދިން ބަޔާނުގައި އެ މީހެއްގެ އިނގިލީގެ ނިށާން ޖަހާނީއެވެ. ލިޔަންކިޔަން ނުދަންނަ މީހަކު ކަމުގައި ވާނަމަ، ނުވަތަ ލިޔަންކިޔަން އުޒުރުވެރިވާ ފަދަ ހާލަތެއްގައި ހުރި މީހަކު ކަމުގައި ވާނަމަ، އޭނާގެ ބަޔާނުގައި އިނގިލީގެ ނިށާން ޖެހުމުގެ ކުރިން، އެ ބަޔާން އޭނާއަށް ކިޔައިދޭންވާނެއެވެ. އަދި އެ ބަޔާން ކިޔައިދިންކަމަށާއި، އެއީ އޭނާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއްކަން އޮޅުންފިލައިފިކަމަށް އޭނާގެ ފަރާތުން އޭނާގެ މަސްލަހަތު ހިމާޔަތްކުރާނޭ މީހަކު ސޮއިކުރަންވާނެއެވެ.
(ނ) ތަރުޖަމާނަކު މެދުވެރިކޮށް ނަގާ ބަޔާންތައް ލިޔާނީ، ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުންނެވެ. ބަޔާން ދިން މީހާ އޭނާގެ ބަޔާނުގައި ސޮއިކުރުމުގެ ކުރިން، ތަހުގީގުކުރި އިންވެސްޓިގޭޓަރާއި ތަހުގީގު އަޑުއެހި މީހުންގެ ހާޒިރުގައި، ބަޔާން ދިން މީހާގެ ތަރުޖަމާނު، ބަޔާން ދިން މީހާއަށް އޭނާގެ ބަޔާން ތަރުޖަމާ ކޮށްދޭންވާނެއެވެ. އަދި އޭނާއަށް އެ ބަޔާން ތަރުޖަމާ ކޮށްދިންކަމަށް ބަޔާންކޮށް ތަރުޖަމާނުވެސް އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ.
މައްސަލަތައް ބެލުމަށްފަހު އަމަލުކުރާނެ ގޮތް 35.
(ހ) ކޮމިށަނުން ތަހުގީގުކުރާ މައްސަލަތަކުގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަހުގީގު ފުރިހަމަވުމާއެކު، ދައުވާ ކުރެވޭވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ކޮމިށަނަށް ފެންނަ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން، ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ކޮމިށަނަށް ފެންނަ ގޮތުގެ ރިޕޯޓު އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައ)
ޖަދުވަލު 1
މަރާލާފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިށަނަށް ހާޒިރުވުމަށް އެންގިކަމުގެ ލިޔުން
ޖަދުވަލު 2
ގާނޫނީ ވަކީލު ޢައްޔަނުކުރުމަށް އެދޭ ފޯމު
ޖަދުވަލު 3
މަސްލަަހަތު ހިމާޔަތްކުރެވޭނެ ފަރާތެއް ޢައްޔަނުކުރާ ފޯމު
ކިޔުންތެރިންގެ ހިޔާލު