-

ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-103)

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ލާޒިމުކޮށް، އެފަދަ ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ދާއިރާ

މި ގަވާއިދަށް އަމަލު ކުރަން ޖެހޭނީ، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހަމަޖައްސައިދޭ ފަރާތްތައް ފިޔަވައި، ވިޔަފާރި އުސޫލުން ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދޭ ފަރާތްތަކުންނެވެ.

(ހ) ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް އެކަމަޑޭށަން ހަމަޖައްސައިދޭ ފަރާތްތައް.

(ށ) ވަޒީފާ ދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ހާއްސަކޮށްގެން، ހަމައެކަނި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ހިފައިފައިވާ ތަންތަން.

(ނ) ގަވާއިދު ނަންބަރު 2020-62 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ޖަދުވަލު 6 ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލް ގިންތީގެ ބިދޭސީ މުވައްޒަފުން ކުއްޔަށް ދޭ ތަންތަން.

 

4 ވަނަ މާއްދާ - ބިދޭސީންގެ އެކަމަޑޭށަން ހިދުމަތް ދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުން ލާޒިމުވާ ވިޔަފާރިތައް

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ގޮތަކަށް، ބިދޭސީ މުވައްޒަފުންނަށް ވިޔަފާރީގެ އުސޫލުން އެކަމަޑޭށަން ހިދުމަތް ދޭ ފަރާތްތަކުން، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީ ކުރަން ވާނެއެވެ.

 

5 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުން

މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ހިދުމަތެއް ދޭން އެދޭ ފަރާތަކުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ނުވަތަ ކުންފުންޏެއް، ނުވަތަ ޕާޓްނަރށިޕެއް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރަން ވާނެއެވެ.

 

6 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރަން ހުށަހަޅާނެ ގޮތް

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ، މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv ގެ ‘Business Activity Registration’ ގެ ހިދުމަތް މެދުވެރިކޮށެވެ.

 

7 ވަނަ މާއްދާ - ވިޔަފާރި ހަރަކާތުގެ ކްލެސިފިކޭށަން

މި ގަވައިދުގެ ދަށުން، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދި، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv މެދުވެރިކޮށް ހުށަހަޅާއިރު، ވިޔަފާރި ހަރަކާތުގެ ކްލެސިފިކޭށަންގެ ގޮތުގައި އިހްތިޔާރުކުރާނީ، "އެކްސްޕެޓްރިއޭޓް އެކޮމޮޑޭށަން" (Expatriate Accommodation) މި ވިޔަފާރި ހަރަކާތެވެ.

 

8 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހޭ މައުލޫމާތު

މި ގަވާއިދުގެ 7 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންޖެހޭނީ، އަންނަނިވި މައުލޫމާތެވެ.

(ހ) އަމިއްލަ ފަރުދުންގެ ވިޔަފާރި، ނުވަތަ ކުންފުނި، ނުވަތަ ޕާޓްނަރށިޕް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ރެޖިސްޓްރޭށަން ނަންބަރު.

(ށ) ވިޔަފާރި ހަރަކާތަށް ކިޔާ ނަން.

(ނ) ވިޔަފާރި ހަރަކާތް ހިންގާ ތަނުގެ އެޑްރެސް (އިމާރާތުގެ ނަން، ޔުނިޓް ނަންބަރު، ފަންގިފިލާ، މަގު، އަވަށް).

(ރ) ވިޔަފާރި ހަރަކާތް ހިންގާ ތަން ބަލަހައްޓާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު ނުވަތަ އެ ތަނަކާ މުއާމަލާތު ކުރެވޭނެ އީމެއިލް އެޑްރެސް.

(ބ) އެކަމަޑޭށަންގެ ގޮތުގައި ބޭނުންކުރާ ތަނަކީ ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ފޯރުވައިދޭ ފަރާތުގެ އަމިއްލަ ތަނެއް ނަމަ، ގޯތީގެ ރަޖިސްޓަރީގެ ކޮޕީ.

(ޅ) އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަނަކީ ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ދޭ ފަރާތުން ކުއްޔަށް ހިފައިފައިވާ ތަނެއް ނަމަ، ވިޔަފާރި އުސޫލުން އެކަމަޑޭށަންގެ ހިދުމަތް ދިނުމަށް ހުއްދަ ދީ، އެ ވިޔަފާރި ކުރާ ފަރާތުގެ ނަމުގައި ކުއްޔަށް ހިފައިފައިވާކަން އެނގޭނެ ގޮތަށް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މައުލޫމާތު.

(ކ) ފްލޯ ޕްލޭނުގެ ކޮޕީ

(އ) އެކަމަޑޭށަނުގައި ހުރި ކޮޓަރީގެ އަދަދާއި، އެނދުގެ އަދަދާއި، ހުރި ވަސީލަތްތަކުގެ މައުލޫމާތު ބަޔާންކުރާ ލިޔުން.

 

9 ވަނަ މާއްދާ - އެކަމަޑޭށަން މިންގަނޑުތައް

މި ގަވާއިދުގެ ދަށުން، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން ކަނޑައަޅާ ތަންތަނުގައި، އެ ހިދުމަތް ދޭހައި ހިނދަކު، ގަވާއިދު ނަންބަރު 2020-62 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތެންވާނެއެވެ.

 

10 ވަނަ މާއްދާ - އެކަމަޑޭށަން ހިދުމަތް ދޭ ތަން އިންސްޕެކްޓްކުރުން

މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް، ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ކުރިން އިންސްޕެކްޓު ކުރަން ވާނެއެވެ. މިގޮތުން އިންސްޕެކްޓް ކުރާނީ، ސިޓީއެއްގައި ނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައި ނަމަ، ރަށު ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކުންނެވެ.

 

11 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވެފައި ހުރުން

މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަކީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްދޭ ވިޔަފާރި ހަރަކާތް ހިންގައިހައި ހިނދަކު ދަމަހައްޓަންޖެހޭ މިންގަނޑުތަކެކެވެ.

 

12 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ބައިތިއްބާ ބިދޭސީން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދޭ ތަންތަނުގައި ބައިތިއްބާ ބިދޭސީ މުވައްޒަފުންނަކީ، ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ނ) ގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2020-62 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހު ރާއްޖޭގައި މަސައްކުރާ ބިދޭސީންކަން، ހިދުމަތް ދޭ ފަރާތުން ކަށަވަރުކުރަންވާނެއެވެ. 

 

13 ވަނަ މާއްދާ - ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ފީ ނެގުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދޭ ކޮންމެ ފަރާތަކުން 500 (ފަސް ސަތޭކަ) ރުފިޔާގެ އިދާރީ ފީއެއް ދައްކަންވާނެއެވެ.

 

14 ވަނަ މާއްދާ - މިހާރު ހިންގަމުންގެންދާ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ލާޒިމުވާ ފަދަ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދޭ ހުރިހާ ފަރާތްތަކުން ވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ދަފުތަރު ކުރުމަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދޭންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވިޔަފާރިކުރާ ތަނާއި ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށްފަހުއެވެ.

 

15 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ އެކަމަޑޭށަން ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ބާތިލުކުރަން އެދުން

ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތެއް ހުއްޓައިލާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ވިޔަފާރި ހަރަކާތެއް ބާތިލުކޮށް، ދަފުތަރުން އެ ވިޔަފާރި އުނިކުރުމަށް އެދި، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv މެދުވެރިކޮށް، Business Activity Cancellation އަށް ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - މައުލޫމާތު އަޕްޑޭޓްކުރުން

ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ ވިޔަފާރި ހަރަކާތެއްގެ ދަފުތަރުގައިވާ އެއްވެސް މައުލޫމާތަކަށް ބަދަލު އަތުވެއްޖެ ނަމަ، އެ މައުލޫމާތެއް އަޕްޑޭޓް ކުރުމަށް، ނުވަތަ އަހަރަކު އެއްފަހަރު މައުލޫމާތު އަޕްޑޭޓް ކުރުމަށް business.egov.mv މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. މިގޮތުން، މައުލޫމާތު އަޕްޑޭޓްކުރުމަށް ސުންގަޑިއެއް ދީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގެ ދަށުން، ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހަމަޖައްސައިދިނުމުގެ ހިދުމަތުގެ ވިޔަފާރި ހަރަކާތް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނާ ހިލާފުވިކަމަށް ބަލައި، އެފަދަ ކޮންމެ ފަރާތެއް 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ހިދުމަތުގެ ވިޔަފާރި ހަރަކާތް ހިންގުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، ރަޖިސްޓަރީކޮށްފައިވާ އެކަމަޑޭށަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމަށް މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުގައިވާ ކަމެއް ފުރިހަމަވެފައި ނުވާކަން މިނިސްޓްރީން ހިންގާ އިންސްޕެކްށަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް، 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށްފަހުގައި ވެސް، މި ގަވާއިދާ ހިލާފަށް ވިޔަފާރީގެ ހަރަކާތްތައް ކުރިޔަށްގެންދާ ކޮންމެ ފަރާތެއްގެ ރަޖިސްޓަރީ ބާތިލުކޮށް، ތަނުގެ ތަފުސީލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ށާއިއު ކުރެވޭނެއެވެ.

 

19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 30 (ތިރީސް) ދުވަސް ހަމަވާ ތަރީހުގައެވެ.

 
 

ޖަދުވަލު 1

ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ފެސިލިޓީ ކުއްޔަށް ހިފައިފައިވާ ވިޔަފާރިއަކުން ހުށަހަޅަންޖެހޭ މައުލޫމާތު

 

އެކަމަޑޭށަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަނަކީ ވިޔަފާރި އުސޫލުން އެކަމަޑޭށަނުގެ ހިދުމަތް ދޭ ފަރާތުން ކުއްޔަށް ހިފައިފައިވާ ތަނެއް ނަމަ، ވިޔަފާރި އުސޫލުން އެކަމަޑޭށަނުގެ ހިދުމަތް ދިނުމަށް ހުއްދަ ދީ، އެ ވިޔަފާރި ކުރާ ފަރާތުގެ ނަމުގައި ކުއްޔަށް ހިފައިފައިވާކަން އެނގޭނެ ގޮތަށް، ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު، https://business.egov.mv/ ސިސްޓަމަށް އަޕްލޯޑު ކުރަން ވާނެއެވެ.

 

1 ކުއްޔަށް ހިފި ފަރާތުގެ މައުލޫމާތު

(ހ) ވިޔަފާރި ނަން

(ށ) ވިޔަފާރި ރަޖިސްޓްރޭށަން ނަންބަރު

 

2 ކުއްޔަށް ދޫކުރި ފަރާތުގެ މައުލޫމާތު

(ހ) ނަން / ވިޔަފާރި ނަން

(ށ) ދ.ރ.އ. ކާޑުގެ ނަންބަރު / ރަޖިސްޓްރޭށަން ނަންބަރު

(ނ) ފަރުދަކު ނަމަ، މިހާރު ދިރިއުޅޭ އެޑްރެހުގެ ފުރިހަމަ މައުލޫމާތު

(ރ) މޯބައިލް ފޯނު ނަންބަރާއި އީމެއިލް އެޑްރެސް

 

3. އެއްބަސްވުން

(ހ) ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ފެސިލިޓީއެއްގެ ގޮތުގައި ތަން ބޭނުންކުރުމަށް ކުއްޔަށް ހިފި ފަރާތުގެ ތަފުސީލު

(ށ) ބިދޭސީ މުވައްޒަފުންގެ އެކަމަޑޭށަން ފެސިލިޓީއެއްގެ ގޮތުގައި ތަން ބޭނުންކުރުމަށް ކުއްޔަށް ދޫކުރި ފަރާތުގެ ތަފުސީލު

(ނ) ކުއްޔަށް ދޫކުރި މުއްދަތު

(ރ) އެކަމަޑޭށަނުގައި ހުރި ކޮޓަރީގެ އަދަދާއި، އެނދުގެ އަދަދާއި، ހުރި ވަސީލަތްތަކުގެ މައުލޫމާތު ބަޔާންކުރާ ލިޔުން

(ބ) ކުއްޔަށް ދޫކުރި ފަރާތާއި ކުއްޔަށް ހިފި ފަރާތުގެ ސޮޔާއި ތާރީހު

 

މައި ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު