-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017) 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 28/2020)

 

ގަވާއިދު ނަންބަރު 20/2017 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 6.23 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހާއްސަ އެހީގެ ފައިސާ 6.23

(ހ) ދައުލަތުގެ ފައިސާއިން ހާއްސަ އެހީއެއްގެ ގޮތުގައި، މީހަކަށް ނުވަތަ ފަރާތަކަށް އެހީއެއް ވެދެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އަންނަނިވި ހާލަތްތަކުގައެވެ.

  1. އެ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ ގެއްލުމެއްގައި، ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، ކޮންމެވެސް އެހީއެއް ދައުލަތުން ވެދިނުމަކީ، އިޖުތިމާއީ މަސްލަހަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ ޢަދުލުވެރި ކަމެއް ކަމުގައި ސަރުކާރަށް ފެންނަ ހާލަތްތަކުގައި؛ ނުވަތަ
  2. މީހަކަށް ނުވަތަ ފަރާތަކަށް ދިމާވެފައިވާ މާލީ ދަތިކަމަކުން އެ މީހަކު ނުވަތަ އެ ފަރާތެއް ސަލާމަތް ކޮށްދިނުމަކީ މުޖުތަމައުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަސްލަހަތު އެ ކަމުގައި ހިމެނިގެންވާ ކަމަކަށް ވުމުގެ އިތުރަށް، އެ ހާލަތުގައި އެ މީހަކު ނުވަތަ އެ ފަރާތެއް ސަލާމަތް ކޮށްދިނުމަކީ އެންމެ ޢަދުލުވެރި، އިންސާފުވެރި ގޮތް ކަމަށް ސަރުކާރަށް ފެންނަ ހާލަތްތަކުގައި.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާއްސަ އެހީގެ ގޮތުގައި މީހަކަށް ނުވަތަ ފަރާތަކަށް ދައުލަތުގެ ފައިސާއިން އެހީއެއް ވެދެވޭނީ މި ގަވާއިދުގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ފިނޭންސް މިނިސްޓަރަށެވެ.

(ނ) ދައުލަތުގެ އޮފީހަކުން، އެހީގެ ފައިސާ ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅާނީ، އެ އެ އޮފީހެއްގެ އެންމެ މަތީ ވެރިޔެއްގެ ހުއްދައާއެކު މާލީ ޒިންމާދާރުވެރިޔާއެވެ. އަދި އެގޮތުން ހުށަހަޅާއިރު، އެ ފައިސާ ހޯދުމަށް ބޭނުންވާ ކަމަކާ ގުޅޭ ފުރިހަމަ މައުލޫމާތު ހިމަނަންވާނެއެވެ. މީގެ ތެރޭގައި، އެހީގެ ފައިސާ ހޯދަން އެދެންޖެހުނު ސަބަބު ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

(ރ) ދައުލަތުގެ އޮފީހަކުން، އެހީގެ ފައިސާ ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންވާނެއެވެ.

(ބ) އެހީގެ ފައިސާ ހަރަދުކުރެވޭނީ އެ އަހަރެއްގެ ބަޖެޓުގައި އެފަދަ ކުއްލި ކަންކަމަށް ހަރަދުކުރުމަށް ކަނޑައަޅައިފައިވާ ފައިސާގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސުން ފައިސާ ދޫކުރުމުންނެވެ.

(ޅ) އެހީގެ ފައިސާ ދޫކުރެވޭނީ އެ ފައިސާ ލިބުމަށް އެދޭ ދައުލަތުގެ އޮފީހުގެ އެ އަހަރުގެ ބަޖެޓުގައި މިފަދަ އެހީ ދިނުމަށް ފައިސާ ކަނޑައެޅިފައި އޮވެގެންނެވެ. ނުވަތަ މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅައި، އެ އޮފީހެއްގެ ބަޖެޓަށް ފައިސާ ލިބިގެންނެވެ. މިގޮތަށް އެ އަހަރެއްގެ ބަޖެޓުން ފައިސާ ހަމަޖެހެން ނެތްނަމަ، އެފަދަ އެހީއެއްގެ ގޮތުގައި ފައިސާ ދޭންވާނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

(ކ) ގިނަ މީހުންނަށް ނުވަތަ ފަރާތްތަކަކަށް ލިބޭ ގެއްލުމެއް ނުވަތަ ކުރިމަތިވާ ދަތި ހާލަތަކާ ގުޅިގެން ދައުލަތުގެ ފައިސާއިން ހާއްސަ އެހީއެއްގެ ގޮތުގައި އެ މީހުންނަށް ނުވަތަ ފަރާތްތަކަށް އެހީއެއް ވެދިނުމަށް ސަރުކާރުން ނިންމާ ހާލަތުގައި، އެ އެހީ ލިބިދެވޭނެ މީހުން ނުވަތަ ފަރާތްތަކާއި، އެހީ ލިބިދިނުމާ ގުޅޭ ތަފުސީލު އުސޫލުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(އ) އެހީގެ ފައިސާ ހަރަދުކުރަންވާނީ، ދައުލަތުގެ ފައިސާ ހަރަދުކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރުމުންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2017)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017/20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު