-

ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިށަނުގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 19/2020)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން 

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 4/2019 (ރިޔާސީ ކޮމިށަންތަކުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިށަނުގެ ފަރާތުން ހަދައިފައިވާ، ކޮމިށަނުގެ ހިންގާ ގަވާއިދެވެ.

(ށ) މިި ގަވާއިދަށް ކިޔާނީ "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިށަނުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ:
(ހ) ކޮމިށަނުގެ މަސައްކަތް ހިންގާނެ ގޮތް ބަޔާންކުރުން.

(ށ) ކޮމިށަނުގެ މަސައްކަތް ތަރުތީބު ކުރުމާއި، ކޮމިށަނުގެ ބައްދަލުވުންތައް ހިންގާނެ ގޮތް ބަޔާންކުރުން.

(ނ) ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގަވާއިދުގެ ދާއިރާ

މި ގަވާއިދު ހިނގާނީ ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންގެ މައްޗަށެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން

މި ގަވާއިދަށް އުނިއިތުރު ގެނައުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. މި ގޮތުން ބަދަލެއް ގެނެވޭނީ،ކޮމިށަނުގެ ބައްދަލުވުމަކުން ފާސްކޮށް، ކޮމިށަނުންނެވެ. މި ގަވާއިދަށް ގެނެވޭ ބަދަލަކަށް އަމަލު ކުރެވޭނީ، އެ ބަދަލެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރުމަށްފަހުއެވެ.

 

5 ވަނަ މާއްދާ - ލަފުޒުތަކުގެ މާނަ 

"ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން،20 ފެބުރުވަރީ 2020 ގައި އުފައްދައި، 4/2019 (ރިރާސީ ކޮމިށަންތަކުގެ ގާނޫނު) ގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިށަން" އަށެވެ.

(ށ) "ކޮމިށަނުގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކޮށްފައިވާ 5 (ފަހެއް) މެންބަރުންނަށެވެ.

(ނ) "އިދާރާގެ އެންމެ އިސް މުވައްޒަފު" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުގެ އިދާރީ މަސައްކަތްކުރުމަށް އިސްކުރާ އެންމެ އިސް މުވައްޒަފަށެވެ.

(ރ) "މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުގެ ފަންނީ މަސައްކަތްތަކާއި އިދާރީ މަސައްކަތް ކުރުމަށް އައްޔަނު ކުރާ އެންމެހައި މުވައްޒަފުންނަށެވެ.

 

ކޮމިށަނުގެ މަސްއޫލިއްޔަތާއި ބާރުތައް

 

6 ވަނަ މާއްދާ - ކޮމިށަން އުފެއްދުން

މި ކޮމިށަނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައިފައިވާ ގަރާރު ނަންބަރު 1/2020 (20 ފެބުރުވަރީ 2020)  އިން އުފައްދައިފައިވާ ކޮމިށަނެކެވެ.

 

7 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތު

ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައިފައިވާ ނަންބަރު 1/2020 (20 ފެބުރުވަރީ 2020) ގަރާރުގެ ދަށުން ކޮމިށަނުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތަކީ، ކުޑަކުދީންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާ މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމަށާއި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ށާމިލުވާ މީހުންގެ އުމުރާއި، އިގްތިސާދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށްކުރަން ނުވަތަ އަނިޔާލިބެން މެދުވެ ރި ވާ ސަބަބުތައް ހޯދައި، އަނިޔާ ލިބުނު ކުދިންގެ މިހާރުގެ ހާލަތާބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މި ބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމާއި، ކޮމިށަނުން ހޯދާ މައްސަލަތައް ދިރާސާކުރުމާއި، މި ދިރާސާތަކުން ވަޒަންކުރެވޭ ކަންކަމާމެދު ކަމާބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައުސިޔާތައް ހިމެނޭ ތަފުސީލީ ރިޕޯޓު ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމެވެ.

 

8 ވަނަ މާއްދާ - ކޮމިށަނުގެ ބާރުތައް

ކޮޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި، ކޮމިށަނުގެ މަގްސަދުތައް ހާސިލު ކުރުމަށް ޓަކައި އަންނަނިވި ބާރުތައް ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ކޮމިށަނުގެ ތަހުގީގުގެ ބޭނުމަށް، ދައުލަތުގެ އެހެން މުއައްސަސާތަކުން ގެންނަންޖެހޭ ލިޔެކިޔުމާއި އިލެކްޓްރޯނިކް ފައިލްތައް ގެނައުން.

(ށ) ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދައުލަތުގެ އެހެން މުއައްސަސާތަކުން ކޮމިށަނަށް ބޭނުންވާ އެހީތެރިކަން ހޯދުން.

(ނ) ކޮމިށަނުގެ ތަހުގީގުގެ ބޭނުމަށް މީހުން ހާޒިރުކުރުމާއި ސުވާލުކުރުން.

(ރ) ކޮމިށަނަށް ހާޒިރުވާން ކޮމިށަނުން އަންގާ މީހަކު ކޮމިށަނުން އަންގާ އެންގުމާއި އެއްގޮތަށް ހާޒިރު ނުވެއްޖެ ނަމަ، ގާނޫނުގައިވާ ގޮތަށް އެ މީހަކު ހާޒިރު ކުރުން.

(ބ) ކޮމިށަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށެއްގެ ތުހުމަތުކުރެވޭ މީހުން ދިވެހިރާއްޖެއިން ފުރައިގެން ދިއުން މަނާކުރަންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް ކޮމިށަނަށް ފެންނަ ނަމަ، އެ މީހަކު ފުރުން މަނާކުރުމަށް ޓަކައި ގާނޫނުގައިވާ ގޮތަށް ފިޔަވަޅުތަށް އެޅުން.

(ޅ) ކޮމިށަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހަކު، ހައްޔަރުކުރަންޖެހޭ ކަމަށް ކޮމިށަނަށް ފެންނަ ނަމަ، ގާނޫނުގައިވާ ގޮތުގެ މަތީން އެކަމުގެ ފިޔަވަޅުތައް އެޅުން.

(ކ) ކޮމިށަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ކުށެއްގެ ތުހުމަތުކުރެވޭ މީހުން ނުވަތަ ހަވާލުކުރެވިފައިވާ ޒިންމާ އަދާނުކުރާ މީހުން، ނުވަތަ ހަވާލުކުރެވިފައިވާ ޒިންމާއަށް ފަރުވާކުޑަކުރާ މީހުން، ނުވަތަ ކުޑަކުދީންގެ ހައްގުތަށް ރައްކައުތެރިކޮށް ކަށަވަރު ކުރުމަށް ހިންގަންޖެހޭ އިޖުރާއުތައް ހިންގުމަށް ހުރަސްއަޅާކަމަށް ނުވަތަ ގަސްތުގައި ލަސްކުރާކަމަށް ކޮމިށަނުގެ ހޯދުންތަކަށް ފާހާގަވާމީހުން ވަޒީފާއިން ސަސްޕެންޑް ކުރަން އެނގުން.

 

ކޮމިށަނުގެ މެންބަރުންގެ ވަކިވަކި މަ ސްއޫލިއްޔަތު 

 

9 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު

ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމިށަނާ މަތިކުރެވިފައިވާ މަސައްކަތް ފަރުވާތެރިކަމާއެކު ވީހައި އަވަހަކަށް ކޮށް ނިންމުން.

(ށ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނޭ އެންމެހައި ކަންކަން ކުރުން.

(ނ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަނުގެ ބައްދަލުވުމަށް ހާޒިރުވުން.

(ރ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަނުން ކަނޑައަޅާ މަސްއޫލިއްޔަތު 
އަދާކުރުން.

(ބ) ކޮމިށަނުން ކުރާ ތަހުގީގުތަކުގެ މައްސަލަތައް ހިންގުމާއި، އެ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ޅ) ކޮމިށަނުން ކުރާ ތަހުގީގުތަކާ ގުޅޭ މައުލޫމާތުތަކުގެ ތެރެއިން، ކޮމިށަނުން ސިއްރުނޫން މައުލޫމާތުގެ ގޮތުގައި ކަނޑައޅައިފައިވާ މައުލޫމާތު ފިޔަވައި، އެހެން ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓުން.

(ކ) މަގްބޫލު އުޒުރެއް މެދުވެރިވެގެން ނޫނީ، ބަންދު ނޫން ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވުން.

 

ކޮމިށަނުގެ މަ ސައްކަތުގައި ހާއްސަ އުސޫލަށް ތަބާވުން

 

10 ވަނަ މާއްދާ - ކުޑަކުދީންނާގުޅޭ މައްސަލަތަށް ބެލުމުގައި ތަބާވާންޖެހޭ ހާއްސަ އުސޫލު

ކޮމިށަނުގެ ބާރުތައް ބޭނުން ކުރުމާއި މަސްއޫލިއްޔަތު އަދާކުރުމުގައި ތަބާވާނީ، ކުޑަކުއްޖަކާއި ސުވާލުކޮށްގެން މައުލޫމާތެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި، ތަހުގީގު ހިންގުމާއި ސުވާލުކުރުމުގައި ކުޑަކުދީންނާއި މެދު އަމަލު ކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމާއި، ކޮމިށަނުން ކުރަމުންގެންދާ މަސައްކަތުގެ ސަބަބުން، ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ށާމިލުވާ ކުޑަކުދީންނަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެ އެންމެހައި ކަންކަމުން ދުރުހެލި ކުރުމާއި، ކުޑަކުދީންގެ ކަރާމަތަށް އުނިކަން އަންނަފަދަ މައުލޫމާތު އާންމުނުކުރުމުގެ ހާއްސަ އުސޫލަށެވެ. 

 

ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު 

 

11 ވަނަ މާއްދާ - ރައީސްގެ މަސްއޫލިއްޔަތު 

ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ކޮމިށަނުގެ އެންމެ އިސްވެރިޔެއްގެ ގޮތުން ކޮމިށަން ހިންގުން.

(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ނ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ހަރުދަނާގޮތެއްގައި އަދާކުރަމުންދާކަން ކަށަވަރުކުރުން.

(ރ) ކޮމިށަނާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރޭތޯ ބެލުން.

 

ކޮމިށަނުގެ ބައްދަލުވުންތައް

 

12 ވަނަ މާއްދާ - ކޮމިށަނުގެ ބައްދަލުވުންތައް

(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސެވެ. ކޮމިށަނުގެ ބައްދަލުވުމުގައި ކޮމިށަނުގެ ރައީސް ހާޒިރުވެ ނެތް ނަމަ، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، އެ ބައްދަލުވުމަށް ހާޒިރުވެ ތިބި ކޮމިށަނުގެ މެންބަރުން ކަނޑައަޅާ މެންބަރެކެވެ.

(ށ) ކޮމިށަނުގެ ބައްދަލުވުން ބާއްވާ ދުވަހާއި ގަޑި ކަނޑައަޅާނީ ކޮމިށަނުގެ ރައީސެވެ. އަދި ކޮމިށަނުގެ ރައީސް ނެތް ހާލަތެއްގައި ކޮމިށަނުގެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި ކަނޑައަޅާނީ އެކަމަށް ކޮމިށަނުގެ މެންބަރުން ކަނޑައަޅާ މެންބަރެކެވެ.

(ނ) ކޮމިށަނުގެ ބައްދަލުވުން، މަދުވެގެން ހަފުތާއަކު 2 (ދޭއް) ފަހަރު ބާއްވަންވާނެއެވެ.

 

13 ވަނަ މާއްދާ - ބައްދަލުވުންތަކުގައި ބަހުސްކުރާ ކަންކަން

ކޮމިށަނުގެ ބައްދަލުވުންތަކުގައި ބަހުސްކޮށް ގޮތް ކަނޑައަޅާނީ އަންނަނިވި ކަންކަމުގައެވެ.

(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލަތަކުގެ ތެރެއިން ކޮމިށަނުގެ ލަފާ ބޭނުންވާ ކަންކަމުގައި.

(ށ) ކޮމިށަނުގެ ރަސްމީ ބައްދަލުވުމެއްގައި ކަމަކާބެހޭ ގޮތުން މަށްވަރާ ކުރުމަށް ކޮމިށަނުގެ މެންބަރަކު އެދިއްޖެ ނަމަ، އެ ކަމެއްގައި މަށްވަރާކޮށްގެން ގޮތެއް ނިންމުން.

 

14 ވަނަ މާއްދާ - ބައްދަލުވުމުގެ އެޖެންޑާ

ކޮމިށަނުގެ ކޮންމެ ބައްދަލުވުމަކަށް ވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. ބައްދަލުވުންތަކުގެ އެޖެންޑާ  ކަނޑައަޅާނީ ކޮމިށަނުގެ ރައީސެވެ.

 

15  ވަނަ މާއްދާ - ކޯރަމާއި ކަންކަން ފާސްވުން

ކޮމިށަނުގެ ބައްދަލުވުމެއް ބެއްވޭނީ ކޮމިށަނުގެ 1/2 (ދެބައިކުޅަ އެއްބައި) އަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. ކޮމިށަނުގެ އެއްވެސް ކަމެއް ނިންމޭނީ ކޮމިށަނުގެ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތު އެކަމަށް ލިބިގެންނެވެ.

 

16 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރިވުން

ކޮމިށަނުގެ ބައްދަލުވުމަށް ކޮމިށަނުގެ އެއްވެސް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމަ، ކޮމިށަނުގެ ރައީސަށް އެކަން އަންގަން ވާނެއެވެ.

 

17 ވަނަ މާއްދާ - ބައްދަލުވުންތައް ބޭއްވުން

(ހ) ކޮމިށަނުގެ ބައްދަލުވުންތައް ބޭއްވުމުގައި، އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.ކޮމިށަނުގެ ބައްދަލުވުންތަކުގައި ހުޅުވައިލެވިފައިވާ މާހައުލެއްގައި މަށްވަރާތައް ކުރިއަށް ގެންދިޔުމަށް ބާރު އަޅަންވާނެއެވެ. އަދި ހުރިހާ މެންބަރުންގެ ހިޔާލަށް ވެސް އެކަށީގެންވާ ފުރުސަތު ދިނުމާއި، މަށްވަރާ ކުރެވޭ މައްސަލައަށް އަމާޒުކޮށްގެން ބަހުސް ކުރިއަށް ގެންދިޔުމާއި، ހުރިހާ ފަރާތްތަކަށް ވެސް ގަދަރުކުރެވޭ ގޮތެއްގައި ހިޔާލު ފާޅުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގައި މެންބަރުން ވާހަކަދައްކާނީ ރިޔާސަތުން ފުރުސަތު ދިނުމުންނެވެ. ބައްދަލުވުންތަކުގައި ވާހަކަ ދެއްކުމަށް ރިޔާސަތުން ފުރުސަތު ދޭންވާނީ، މެންބަރުން ފުރުސަތަށް އެދޭ ތަރުތީބުންނެވެ.

(ނ) ކޮމިށަނުގެ ބައްދަލުވުންތަކުގައި، މޯބައިލް ފޯނު ބޭނުން ކުރުން ފަދަ، ބައްދަލުވުމުގެ މަސައްކަތަށް ހުރަސްއެޅިދާނެ ފަދަ ކަންކަމުން އެއްކިބާވާން ވާނެއެވެ.

(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް، ކޮންމެ ނިންމުމެއް ނިމުމުން، އެ ނިމުނުގޮތް ރިޔާސަތުން އިއްވަންވާނެއެވެ.

(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ކޮމިށަނުގެ އިއްތިފާގުން ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. ކޮމިށަނުގެ އިއްތިފާގު ނުލިބޭ ހާލަތެއްގައި، މައްސަލަތައް ނިންމާނީ ،ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

(ޅ) ކޮމިށަނުގެ ބައްދަލުވުންތަކުގައި، ކޮމިށަނުން ރަސްމީކޮށް ނިންމައިގެން ބައްދަލުވުންތައް ރެކޯޑުކުރުމަށްޓަކައި ބައްދަލުވުން އޮންނަތަނުގައި ބޭނުންކުރާ ރެކޯޑުކުރެވޭ އާލާތެއް ފިޔަވައި، އެބާވަތުގެ އެއްވެސް އެއްޗެއް، ބައްދަލުވުން އޮންނަތަނަށް ނުވެއްދުމަށާއި، ބައްދަލުވުން ހިނގަމުންދާއިރު އެފަދަ ތަކެތި ބޭނުން ނުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

 

18 ވަނަ މާއްދާ - ބައްދަލުވުމުގެ ސިއްރު ހިފެހެއްޓުން

ކޮމިށަނުން ނިންމާ ގޮތެއްގެ މަތިން މެނުވީ ކޮމިށަނުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - ބައްދަލުވުމުގެ ޔައުމިއްޔާ

ކޮމިށަނުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަން ވާނެއެވެ. ކޮމިށަނުގެ ނިމިދިޔަ ބައްދަލުވުމުގެ ޔައުމިއްޔާ، ޖެހިގެން އަންނަ ބައްދަލުވުމެއްގައި ފާސްކުރަން ވާނެއެވެ.

 

މެންބަރުންގެ ސުލޫކު 

 

20 ވަނަ މާއްދާ - ސުލޫކީ މިންގަނޑު 

ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ކޮމިށަނުގެ ބާރުތަށް ބޭނުން ކުރުމުގައި، ކޮމިށަނުގެ މެންބަރުން، މެންބަރުކަމުގެ މުއްދަތުގައި، ކޮންމެ މެންބަރަކުވެސް އަންނަނިވި ގޮތަށް އަމަލު ކުރަންވާނެއެވެ.

(ހ) ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް މަސައްކަތް ކުރުމާއި ކަންކަން ނިންމުން.

(ށ) މެންބަރަކު ކުރާ ކަމަކުން، ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން އެ މެންބަރެއްގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމާއި، ކޮމިށަނުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން.

(ނ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ މެންބަރެއް އަދާކުރާވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލު ކުރުމަށް، ނުވަތަ އެހެން މީހަކަށް އެ މަންފާ ހޯދައިދިނުމަށް ބޭނުން ނުކުރުން.

(ރ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، އެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ފަރާތަކަށް އެ މައުލޫމާތު ހާމަނުކުރުން.

(ބ) ކޮމިށަނުގެ ކޮންމެ މެންބަރަކު ވެސް، ހުރިހާ ވަގުތެއްގައި އެ މީހެއްގެ އަހުލާގާއި އަބުރުގެ ރައްކައުތެރިކަން ދެމެހެއްޓުން.

(ޅ) މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ބާރުތައް ބޭނުން ކުރުމުގައި، އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

(ކ) އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެ މުސްތަގިއްލުކަމާއެކު މަސައްކަތް ކުރުން.

(އ) ކޮމިށަނުން ބަލަމުންދާ މައްސަލައަކީ، ނުވަތަ ކޮމިށަނުގެ ބައްދަލުވުމެއްގައި މަށްވަރާކުރެވޭ ނުވަތަ ގޮތެއް ނިންމޭ މައްސަލައަކީ، މެންބަރެއްގެ މަސްލަހަތެއް އޮތް ކަމެއް ނަމަ، އެ މައްސަލައެއް ބެލުމުގައި އަދި މައްސަލައެއްގެ ބަހުސްގައްޔާއި އެ މައްސަލައާ މެދު ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. މިގޮތުން، މެންބަރެއްގެ މަސްލަހަތެއް އޮ ތް ކަމެއްނަމަ، އެ މައްސަލައިން ތަނާޒުލުވާނީ އެކަން ބަޔާންކޮށް ކޮމިށަނުގެ ރައީސަށް އެންގުމަށްފަހުއެވެ.

އިދާރީ ހިންގުމާއި މުވައްޒަފުން

 

21 ވަނަ މާއްދާ - އިދާރީ މުވައްޒަފުން

ކޮމިށަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މިގޮތުން ހަމަޖައްސާ މުވައްޒަފުންގެ ތެރޭގައި އިދާރާގެ އެންމެ އިސް މުވައްޒަފު ވެސް ހިމެނެއެވެ.

 

22 ވަނަ މާއްދާ - އިދާރީ އެންމެ އިސް މުވައްޒަފު

ކޮމިށަނުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ، ކޮމިށަނުގެ އިދާރީ މަސައްކަތްތައް ކޮމިށަނުގެ ލަފާގެ މަތިން ކޮށް، ކޮމިށަނުގެ ހިންގުމާއި ކޮމިށަނުގެ މާލީ އެންމެހައި ކަންކަމަށް ޒިންމާ އުފުލާ ފަރާތެވެ.

 

23 ވަނަ މާއްދާ - މުވައްޒަފުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑު

ކޮމިށަނުގެ އިދާރީ އެންމެހައި މުވައްޒަފުން ވެސް މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަށް އަމަލު ކުރަންވާނެއެވެ.

 

އެހެނިހެން ކަންތައްތައް 

 

24 ވަނަ މާއްދާ - އެހެނިހެން ކަ ންތައްތައް 

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މި ގަވާއިދު ކޮމިށަނުން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު/ގަރާރު

ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިށަން އުފެއްދެވުމާބެހޭ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު (ގަރާރު ނަންބަރު 1/2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު