ޕްރެޒިޑެންށަލް ކޮމިށަން އޮން ކޮރަޕްށަން އެންޑް އެސެޓް ރިކަވަރީގެ ހިންގާ ގަވާއިދު
(ގަވާއިދު ނަންބަރު 2019-1060)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއ،ީ ގާނޫނު ނަންބަރު 2019-04 (ރިޔާސީ ކޮމިށަންތަކުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދައިފައިވާ، ޕްރެޒިޑެންށަލް ކޮމިށަން އޮންކޮރަޕްށަން އެންޑް އެސެޓް ރިކަވަރީގެ ހިންގާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޕްރެޒިޑެންށަލް ކޮމިށަން އޮން ކޮރަޕްށަން އެންޑް އެސެޓް ރިކަވަރީގެ ހިންގާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ:
(ހ) ކޮމިށަނުގެ މަސައްކަތް ހިންގާނެ ގޮތް ބަޔާންކުރުން؛
(ށ) ކޮމިށަނުގެ މަސައްކަތް ތަރުތީބު ކުރާނެ ގޮތާއި، ކޮމިށަނުގެ ބައްދަލުވުންތައް ހިންގާނެ ގޮތް ބަޔާންކުރުން؛ އަދި
(ނ) ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރުން.
3 ވަނަ މާއްދާ - ގަވާއިދުގެ ދާއިރާ
މި ގަވާއިދު ހިނގާނީ، ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންގެ މައްޗަށެވެ.
4 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތު
ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައި ފައިވާ ނަންބަރު 2018-14 (17 ނޮވެންބަރު 2018) ގަރާރުގެ ދަށުން ކޮމިށަނުން ކުރުމަށް ކަނޑައަޅައިފައިވާ މަސައްކަތަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 7 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގައިފައިވާ، ހިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައް ތަހުގީގު ކުރުމެވެ.
5 ވަނަ މާއްދާ - ކޮމިށަނުގެ ބާރުތައް
ގާނޫނު ނަންބަރު 2019-04 (ރިޔާސީ ކޮމިށަންތަކުގެ ގާނޫނު) އިން ކޮމިށަނަށް ލިބިދީފައިވާ އެންމެހައި ބާރުތަކާއި، ހަވާލާދެވުނު ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ މި ގަވާއިދާއި އެހެނިހެން ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު
ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނޭ އެންމެހައި ކަންކަން ކުރުން؛
(ށ) ކޮމިށަނާ މަތިކޮށްފައިވާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކޮށް ނިންމުން؛
(ނ) މަގްބޫލު އުޒުރެއް މެދުވެރިވެގެން މެނުވީ، ކޮމިށަނުގެ ބައްދަލުވުންތަކަށް ހާޒިރުވުން؛
(ރ) މަގްބޫލު އުޒުރެއް މެދުވެރިވެގެން މެނުވީ، ކޮމިށަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛
(ބ) ކޮމިށަނުން ބަލާ މައްސަލަތަކުގެ ތަހުގީގުތައް ހިންގުމާއި، އެ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ޅ) ކޮމިށަނުން ކުރާ ތަހުގީގުތަކާ ގުޅޭ މައުލޫމާތުތަކުގެ ތެރެއިން، ސިއްރު ނޫން މައުލޫމާތުގެ ގޮތުގައި ކޮމިށަނުން ކަނޑައަޅައި ފައިވާ މައުލޫމާތު ފިޔަވައި، އެހެން ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓުން؛ އަދި
(ކ) މަގްބޫލު އުޒުރެއް މެދުވެރިވެގެން މެނުވީ، ބަންދު ނޫން ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވުން.
7 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މަސައްކަތެއް ނުކުރުން
ކޮމިށަނުގެ މެންބަރުންނަކީ މުހިންމު މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް އަދާކުރާ ބަޔަކަށް ވީހިނދު، އެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ފުށުއަރާފާނެ، ނުވަތަ އަސަރުކޮށްފާނެ، އިތުރު އެއްވެސް މަސައްކަތެއް މެންބަރަކު ކޮށްގެން ނުވާނެއެވެ.
8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު
ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) ކޮމިށަނުގެ އެންމެ އިސްވެރިޔެއްގެ ގޮތުން ކޮމިށަން ހިންގުން؛
(ށ) ކޮމިށަނުން ބަލަން ނިންމާ މައްސަލަތައް ތަހުގީގުކުރުމަށް މެންބަރުންނާ ހަވާލުކުރުން؛
(ނ) ކޮމިށަނުގެ ބައްދަލުވުން ތަކުގެ ރިޔާސަތު ބެލެހެއްޓުން؛ އަދި
(ރ) ކޮމިށަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވޭކަން ކަށަވަރުކުރުން.
9 ވަނަ މާއްދާ - ކޮމިށަނުގެ ބައްދަލުވުންތައް
(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސެވެ. ކޮމިށަނުގެ ރައީސް ނެތް ހާލަތެއްގައި ނަމަ، ރިޔާސަތު ބަލަހައްޓާނީ، ކޮމިށަނުގައި ހާޒިރުވެތިބި މެންބަރުންގެ ބައްދަލުވުމަކުން ނިންމާ މެންބަރެކެވެ.
(ށ) ކޮމިށަނުގެ ބައްދަލުވުން ބާއްވާ ދުވަހާއި ގަޑި ކަނޑައަޅާނީ ކޮމިށަނުގެ ރައީސެވެ.
(ނ) ކޮމިށަނުގެ މެންބަރުންގެ އަގުލަބިއްޔަތުން ބައްދަލުވުމެއް ބާއްވަން މެންބަރުން އެދިއްޖެ ނަމަ، ކޮމިށަނުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ރ) މަދުވެގެން ހަފުތާއަކު 2 (ދޭއް) ފަހަރު ކޮމިށަނުގެ ބައްދަލުވުން ބާއްވަންވާނެއެވެ.
10 ވަނަ މާއްދާ - ކޮމިށަނުގެ ބައްދަލުވުންތަކގައި ބައިވެރިވާނެ ފަރާތްތައް
ކޮމިށަނުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، އަންނަނިވި ފަރާތްތަކަށެވެ.
(ހ) ކޮމިށަނުގެ މެންބަރުން؛
(ށ) ކޮމިށަނުން ކަނޑައަޅާ އިދާރީ މުވައްޒަފުން؛ އަދި
(ނ) ކޮމިށަނުގެ ބައްދަލުވުމުގައި މަށްވަރާކުރެވޭ މައްސަލައެއްގެ ބޭނުމަށް ޓަކައި ކޮމިށަނުގެ ބައްދަލުވުމެއްގައި ބައިވެރިކުރަން ޖެހޭކަމަށް ކޮމިށަނުން ކަނޑައަޅާ ކޮންމެ ފަރާތެއް.
11 ވަނަ މާއްދާ - ބައްދަލުވުމުގެ އެޖެންޑާ
(ހ) ކޮމިށަނުގެ ކޮންމެ ބައްދަލުވުމަކަށް ވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނީ، ކޮމިށަނުގެ ރައީސެވެ. އަދި ކޮންމެ ބައްދަލުވުމެއް ފެށުމުގެ ކުރިން، ކޮމިށަނުގެ މެންބަރުންނާ އެޖެންޑާ ހިއްސާކުރަންވާނެއެވެ.
(ށ) ކޮމިށަނުގެ ނިންމުމެއް އެއްވެސް ކަމެއްގައި ބޭނުންވާކަމަށް ފެނިއްޖެ ހިނދެއްގައި، ކޮމިށަނުގެ ކޮންމެ މެންބަރަކަށް ވެސް، އެ މެންބަރަކު ހުށަހަޅަން ބޭނުންވާ ކަމެއް،ކޮމިށަނުގެ ބައްދަލުވުމުގައި އެޖެންޑާކުރުމަށް އެދެވިދާނެއެވެ. އަދި މިގޮތުން މެންބަރަކު އެދުމުން އެކަމެއް އެޖެންޑާގައި ހިމަނަންވާނެއެވެ.
12 ވަނަ މާއްދާ - މަސްލަހަތު ހާމަކުރުން
(ހ) ކޮމިށަނުގެ ބައްދަލުވުމަކަށް އެޖެންޑާކޮށްފައިވާ ކަމެއްގައި، ނުވަތަ ބައްދަލުވުމެއްގައި މަށްވަރާކުރެވޭ ކަމެއްގައި މެންބަރެއްގެ އެއްވެސް މަސްލަހަތެއް އޮތްކަމަށް ފާހަގަކުރެވޭ ނަމަ، ވަގުތުން އެ މެންބަރަކު އެ ކަމެއް ހާމަކުރަންވާނެއެވެ.
(ށ) މަސްލަހަތު އޮތްކަމަށް މި މާއްދާގެ (ހ) ގައި ބުނެފައި އެވަނީ، ކޮމިށަނުގެ ބައްދަލުވުމުގައި ބަހުސްކުރެވޭ ކަމަކާ ގުޅިގެން، ނުވަތަ ދިރާސާކުރަމުންދާ ކަމަކާ ގުޅޭގޮތުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން އެ ކަމުގައި އެ މެންބަރެއްގެ މަސްލަހަތު އޮތްކަމަށް ބެލެވޭ ބެލުމަށެވެ.
(ނ) މަސްލަހަތު އޮތް މެންބަރަކު އެކަން ހާމަކުރުމަށްފަހު، ކޮމިށަނުގެ ބައްދަލުވުމުން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ މަށްވަރާކުރެވޭ ކަމަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކައިގައި ބައިވެރިވެގެން ނުވާނެއެވެ. އަދި އެކަމާ ގުޅިގެން ނަގާ ވޯޓެއްގައި ވެސް ބައިވެރިވެގެން ނުވާނެއެވެ.
13 ވަނަ މާއްދާ - ބައްދަލުވުމުގެ ކޯރަމް
ކޮމިށަނުގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމިށަނުގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެތިބެގެންނެވެ.
14 ވަނަ މާއްދާ - ކޮމިށަނުން ކަންކަން ނިންމުން
ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ، ކޮމިށަނުގެ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެ ކަމަށް ލިބިގެންނެވެ.
15 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރިވުން
ކޮމިށަނުގެ ބައްދަލުވުމަށް ކޮމިށަނުގެ އެއްވެސް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމަ، ކޮމިށަނުގެ ރައީސަށް އެކަން އަންގަން ވާނެއެވެ.
16 ވަނަ މާއްދާ - ބައްދަލުވުންތައް ބޭއްވުން
ކޮމިށަނުގެ ބައްދަލުވުންތައް ބޭއްވުމުގައި، އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.
(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ހުޅުވައިލެވިފައިވާ މާހައުލެއްގައި މަށްވަރާތައް ކުރިއަށް ގެންދިޔުމަށް ބާރުއަޅަންވާނެއެވެ. އަދި ހުރިހާ މެންބަރުންގެ ހިޔާލަށް ވެސް ފުރުސަތު ދޭންވާނެއެވެ. އަދ،ި މަށްވަރާކުރާ މައްސަލައަށް އަމާޒުކޮށްގެން ބަހުސް ކުރިއަށް ގެންދިޔުމަށާއި، ހުރިހާ ފަރާތްތަކަށް ވެސް އިހްތިރާމްކުރެވޭ ގޮތެއްގައި ހިޔާލު ފާޅުކުރަން ފުރުސަތުދިނުމަށް ސަމާލުކަން ދޭންވާނެއެވެ.
(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގައި މެންބަރުން ވާހަކަދައްކާނީ ރިޔާސަތުން ފުރުސަތު ދިނުމުންނެވެ. ބައްދަލުވުންތަކުގައި ވާހަކަދެއްކުމަށް ރިޔާސަތުން ފުރުސަތު ދޭންވާނީ، މެންބަރުން ފުރުސަތަށް އެދޭ ތަރުތީބުންނެވެ.
(ނ) ކޮމިށަނުގެ ބައްދަލުވުންތަކުގައި، މޯބައިލް ފޯނު ބޭނުންކުރުން ފަދަ، ބައްދަލުވުމުގެ މަސައްކަތަށް ހުރަސްއެޅިދާނެ ފަދަ ކަންކަމުން އެއްކިބާވާންވާނެއެވެ.
(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް، ކޮންމެ ނިންމުމެއް ނިމުމުން، އެ ނިމުނު ގޮތް ރިޔާސަތުން އިއްވަންވާނެއެވެ.
(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ކޮމިށަނުގެ އިއްތިފާގުން ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. ކޮމިށަނުގެ އިއްތިފާގު ނުލިބޭ ހާލަތެއްގައި، މައްސަލަތައް ނިންމާނީ، ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ޅ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް ހުރިހާ މެންބަރުން ވެސް ފުރިހަމައަށް އިހުތިރާމު ކުރަންވާނެއެވެ. އަދި ނިންމުމެއް ނިންމައިފައިވަނީ އަގުލަބިއްޔަތުންކަމުގައި ވީނަމަވެސް، ކޮމިށަނުން ވަކި ގޮތަކަށް ކަމެއް ނިންމުމުން، އެ ނިންމުމަށް ހުރިހާ މެންބަރުން ވެސް އެއްބާރުލުން ދޭންވާނެއެވެ.
17 ވަނަ މާއްދާ - ބައްދަލުވުމުގެ ސިއްރު ހިފެހެއްޓުން
ކޮމިށަނުން ނިންމާ ގޮތެއްގެ މަތިން މެނުވީ ކޮމިށަނުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެއެވެ.
18 ވަނަ މާއްދާ - ބައްދަލުވުމުގެ ޔައުމިއްޔާ
(ހ) ކޮމިށަނުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. އަދިކޮމިށަނުގެ ނިމިދިޔަ ބައްދަލުވުމުގެ ޔައުމިއްޔާ، ޖެހިގެން އަންނަ ބައްދަލުވުމުގައި ފާސްކުރަންވާނެއެވެ.
(ށ) ކޮމިށަނުން ނިންމާ ނިންމުމަކާ މެދު ހިޔާލު ތަފާތުވާ މެންބަރަކު، އެ އެމެންބަރަކު ހިޔާލު ތަފާތުވިކަން ޔައުމިއްޔާގައި ފާހަގަކުރަން ބޭނުންވެއްޖެ ނަމަ، އެ މެންބަރުގެ ތަފާތުވި ހިޔާލު ޔައުމިއްޔާގައި ހިމަނަންވާނެއެވެ. އަދި މި ފަދައިން ހިޔާލު ތަފާތުވީ ކޮމިށަނުން ނިންމި މައްސަލައެއްގައިކަމަށް ވާ ނަމަ، ހިޔާލު ތަފާތުވި މެންބަރުގެ ރައުޔ،ު މައްސަލައިގެ ރިޕޯޓުގައި ހިމަނަން އެ މެންބަރު ބޭނުންވެއްޖެ ނަމަ، އެ ހިޔާލު ތަފާތުވި މެންބަރުގެ ރައުޔު ވެސް މައްސަލައިގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.
19 ވަނަ މާއްދާ - މެންބަރުންގެ ސުލޫކީ މިންގަނޑު
ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ކޮންމެ މެންބަރަކު ވެސް އަންނަނިވި ގޮތަށް އަމަލު ކުރަންވާނެއެވ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާ އެއްގޮތަށް މަސައްކަތްކުރުމާއި ކަންކަން ނިންމުން؛
(ށ) މެންބަރަކު ކުރާ ކަމަކުން، ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން އެ މެންބަރެއްގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމާއި، ކޮމިށަނުގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުން؛
(ނ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް އެ މެންބަރުގެ އަމިއްލަމަންފާއަށ،ް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުން ނުކުރުން؛
(ރ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، އެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ފަރާތަކަށް ހާމަނުކުރުން؛
(ބ) ކޮމިށަނުގެ ކޮންމެ މެންބަރަކު ވެސް، އެ މީހެއްގެ އަހުލާގާއި އަބުރުގެ ރައްކައުތެރިކަން ދެމެހެއްޓުން؛
(ޅ) މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ބާރުތައް ބޭނުން ކުރުމުގައި، ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މަސައްކަތްކުރުން؛ އަދި
(ކ) އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތ،ި ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތ،ި ތައައްސުބުން އެއްކިބާވެ ހުރ،ެ މުސްތަގިއްލުކަމާއެކު މަސައްކަތްކުރުން
20 ވަނަ މާއްދާ - އިދާރީ މުވައްޒަފުން
ކޮމިށަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މިގޮތުން ހަމަޖައްސާ މުވައްޒަފުންގެ ތެރޭގައި އިދާރާގެ އެންމެ އިސް މުވައްޒަފު ވެސް ހިމެނެއެވެ.
21 ވަނަ މާއްދާ - އިދާރީ އެންމެ އިސް މުވައްޒަފު
ކޮމިށަނުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ، ކޮމިށަނުގެ އިދާރީ މަސައްކަތްތަކުގެ ޒިންމާ އުފުލާ ފަރާތެވެ.
22 ވަނަ މާއްދާ - އިދާރީ އެންމެ އިސް މުވައްޒަފު
ކޮމިށަނުގެ އިދާރީ އެންމެހައި މުވައްޒަފުން ވެސް، މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަށް އަމަލު ކުރަންވާނެއެވެ.
23 ވަނަ މާއްދާ - މީޑިއާއަށް މައުލޫމާތު ދިނުން
(ހ) ކޮޮމިށަނުން މީޑިއާއަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރާނީ ކޮމިށަނުން ނިންމާ ގޮތެއްގެ މަތިން، ކޮމިށަނުގެ ރައީސެވެ.
(ށ) ކޮމިށަނުގެ ނަމުގައި ނެރޭ ބަޔާންތައް ނެރެންވާނީ ކޮމިށަނުން ފާސްކޮށްގެންނެވެ.
24 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން
މި ގަވާއިދަށް އުނިއިތުރު ގެނައުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ. މި ގޮތުން ބަދަލެއް ގެނެވޭނީ ކޮމިށަނުން ފާސްކޮށްގެންނެވެ. މި ގަވާއިދަށް ގެނެވޭ ބަދަލަކަށް އަމަލުކުރަން ފަށާނީ،އެ ބަދަލެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
25 ވަނަ މާއްދާ - ލަފުޒުތަކުގެ މާނަ
(ހ) "ކޮމިށަން" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައިފައިވާ ނަންބަރު 2018-14 (17 ނޮވެންބަރު 2018) ގަރާރާއި، ނަންބަރު 2018-16 (3 ޑިސެންބަރު 2018) ގަރާރުގައި ބަޔާންކޮށްފައިވާ "ޕްރެޒިޑެންށަލް ކޮމިށަން އޮން ކޮރަޕްށަން އެންޑް އެސެޓް ރިކަވަރީ" އަށެވެ.
(ށ) "ކޮމިށަނުގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، ޕްރެޒިޑެންށަލް ކޮމިށަން އޮން ކޮރަޕްށަން އެންޑް އެސެޓް ރިކަވަރީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާމެންބަރުންނަށެވެ.
(ނ) "އިދާރާގެ އެންމެ އިސް މުވައްޒަފު" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުގެ އިދާރީ މަސައްކަތްކުރުމަށް ކޮމިށަނުން ކަނޑައަޅާ އެންމެ އިސް މުވައްޒަފަށެވެ.
(ރ) "މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުގެ ފަންނީ މަސައްކަތްތަކާއި އިދާރީ މަސައްކަތް ކުރުމަށް ކޮމިށަނުން ކަނޑައަޅާ އެންމެހައި މުވައްޒަފުންނަށެވެ.
26 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު