ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-35) އަށް 4 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2019-1013)
(މި ގަވާއދަށް އަމަލުކުރަން ފެށީ 28 މާރިޗު 2019 ގައި)
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން
ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ 36.
(ހ) މުވައްޒަފަކު ބަލިވެއިނދެ، 27 (ހަތާވީސް) ހަފުތާގެ ފަހުން ވިހައިފިނަމަ، 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން،މުސާރައާއެކު ދޭންވާނެއެވެ. މި ޗުއްޓީ ދޭންވާނީ އެކީ އެއްފަހަރާއެވެ.
(ށ) މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، އެ ސެޓުފިކެޓު ނުވަތަ އެ ލިޔުމުގައި ބުނާ ތާރީހުން ފެށިގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ އެ މުވައްޒަފަށް، ދޭންވާނެއެވެ.
(ނ) މުވައްޒަފަކު ބަލިވެއިނދެ، 27 (ހަތާވީސް) ހަފުތާގެ ފަހުން ވިހޭއިރު ދަރިފުޅުގެ ފުރާނަ ނެތްނަމަ، ބަލިވެއިނުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ދޭ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް، މުވައްޒަފު ވިހާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާއެކު ދޭންވާނެއެވެ. މި ޗުއްޓީ ދޭންވާނީ އެކީ އެއްފަހަރާއެވެ.
(ރ) މާބަނޑު މުވައްޒަފަކު ވިހާ ދުވަސް ކައިރިވުމުގެ ސަބަބުން ނުވަތަ ބަލިވުމުގެ ސަބަބުން ނުވަތަ ބަލިވެއިނުމާ ގުޅިގެން ވަޒީފާއަށް ނުކުތުމަށް އުޛުރުވެރިވާނަމަ،ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެންދޭ ޗުއްޓީގެ 6 (ހައެއް) މަސްދުވަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭގޮތަށް އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ބ) މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމުގެ ކުރިން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަކަށް ދޭންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ލިބޭ ޗުއްޓީ 37.
(ހ) ވިހެއުމާ ގުޅިގެން ދަރިފުޅުގެ މަންމައަށް ލިބޭ ޗުއްޓީ ހަމަވާ ތާރީހުން ފެށިގެން، ދަރިފުޅު ބެލުމަށްޓަކައި ދަރިފުޅުގެ މަންމައަށް ނުވަތަ ދަރިފުޅުގެ ބައްޕައަށް، މުސާރަ ނުލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގުނޫން ޗުއްޓީއެއް ދެވިދާނެއެވެ. މި ޗުއްޓީ ދެވޭނީ، ވިހެއުމާ ގުޅިގެން ދަރިފުޅުގެ މަންމައަށް ލިބޭ ވިހެއުމުގެ ޗުއްޓީ ހަމަވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހަށް ވުރެ އިތުރުނުވާ ގޮތަށެވެ. މި ޗުއްޓީ ދޭންވާނީ އެކީ އެއްފަހަރާއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 39 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.
އަނބިމީހާ ވިހެއުމުން ދޭ ޗުއްޓީ 39.
(ހ) ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް 3 (ތިނެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.
(ށ) ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން ދެވޭ، މި މާއްދާގެ (ހ) ގައިވާ ޗުއްޓީ ހަމަވުމަށްފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސް ވުމާ ދެމެދު، 27 (ހަތާވީސް) ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ދޭންވާނެއެވެ. މި ޗުއްޓީ ދޭންވާނީ އެކީ އެއްފަހަރާއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 189 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ސަރވިސް އެލަވަންސް (G103) ގެ މިންވަރު
މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެލަވަންސް ދޭނީ، އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތަކާއި، ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން މުވައްޒަފުންނަށް ލިބޭ ޗުއްޓީގައި ހުންނަ ދުވަސްތައް ނުހިމަނައެވެ.
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަންފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-35)
ކިޔުންތެރިންގެ ހިޔާލު