-

އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓްކުރާ ފަރާތްތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1018/2019)

1 ވަނަ މާއްދާ - ތައާރުފު

(ހ)  މިއީ، ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންކުރެވޭ ތަކެތި ޓެސްޓު ކުރާ ފަރާތްތަކުގެ ފެންވަރާއި މިންގަނޑު ކަނޑައެޅުމުގެގޮތުން ގާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި، ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ފެންވަރާއި މިންގަނޑުތަކާއި، އެ ފަރާތްތަކުން ދޭ ހިދުމަތުގެ ފެންވަރާއި މިންގަނޑުތައް އެކުލަވައިލުމާއި، އެ މިންގަނޑުތަކާއި ފެންވަރު ހިފެހެއްޓުމަށް މަގުފަހިކުރުން.

(ށ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ފެންވަރު ހިފަހައްޓައި އެ ތަންތަނުން ޓެސްޓުކުރެވޭ ތަކެތި ބޭނުންކޮށްގެން ކުރާ އިމާރާތްތަކުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފެހެއްޓުން.

(ނ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ މަސައްކަތްތަކަކީ ފަރުވާތެރިކަމާއެކު ކުރަންޖެހޭ ފަންނީ މަސައްކަތްތަކަކަށް ވުމާއެކު، އެފަދަ މަސައްކަތްތައް ކުރަންތިބޭ ފަންނީ ފަރާތްތަކަކީ އެ ކަމަށް ގާބިލް ފަރާތްތަކަކަށް ހެދުމަށް ބާރުއެޅުން.

(ރ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް ގިންތިކުރުމާއި، އެ ގިންތިތައް ކަނޑައަޅާނެ ގޮތާއި ގިންތިތަކުގެ ފެންވަރު ކަނޑައެޅުން.

(ބ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގައި މަސައްކަތްކުރާ ފަންނީ މީހުންނަކީ، އެ މީހުންގެ ސުލޫކީ މިންގަނޑުތައް ކަނޑައަޅައިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރާ މީހުންނަށް ވުން.

(ޅ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓަރީ ކުރެވޭނެ މިންގަނޑެއް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ގަވާއި ދު ތަންފީޒުކު ރުން

މި ގަވާއިދު ތަންފީޒުކުރާނީ އިމާރާތް ކުރުމާ ގުޅޭ ސިޔާސަތު އެ އިރެއްގައި ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.

 

4 ވަނަ މާއްދާ - ގަވާއި ދަށް އަމަލުކުރަން ފަށާ ތާރީހު 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތު އެ އިރެއްގައި ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރާ މަސައްކަތަށެވެ.

(ނ) "ރަޖިސްޓަރީ" ކަމަށް ބުނެވިފައި އެވަނީ، މިނިސްޓްރީގައި އެކުލަވަ އިލައިފައިވާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ދަފުތަރަށެވެ.

(ރ) "ސްޕެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަ މިންގަނޑުތަކަށެވެ.

(ބ) "ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަންޖެހޭ ސްޕެސިފިކޭށަންކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.

(ޅ) "ކެލިބަރޭށަން" ކަމަށް ބުނެފައި އެވަނީ، ތަހުލީލުތައް ކުރުމަށް ބޭނުންކުރާ އާލާތްތައް ހުންނަންޖެހޭ ފެންވަރުގައި ބެހެއްޓުމަށް ކުރާ މަސައްކަތްތަކަށެވެ.

(ކ) "މެތޮޑޮލޮޖީ" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކުރެވޭނެ ގޮތްތަކަށެވެ.

(އ) "ތަކެތި ޓެސްޓުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ބެލުމަށް ކުރަންޖެހޭ އެކިއެކި ތަހުލީލުތައް ކުރާ ތަންތަނަށެވެ.

(ވ) "ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ބެލުމަށް ކުރަންޖެހޭ އެކިއެކި ތަހުލީލުތައް ކުރާ ތަންތަނަށެވެ.

(މ) "ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ތަހުލީލުކުރުމަށްޓަކައި ބޭނުންކުރާ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗަށެވެ.

(ފ) "ޕްރޮސީޖަރ" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި އެ ތަހުލީލުތައް ކުރުމަށް ކަނޑައަޅައިފައިވާ ގޮތްތަކަށެވެ.

(ދ) "މެނުއަލް" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި ހުންނަ އިޖުރާއާތުތަކަށެވެ.

(ތ) "އިކުއިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި ހުންނަ އާލާތްތަކަށެވެ.

(ލ) "މެއިންޓަނަންސް" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި ހުންނަ އާލާތްތައް މަރާމާތުކުރުމުގެ މަސައްކަތްތަކަށެވެ.

(ގ) "ހެޒަރޑަސް" ކަމަށް ބުނެފައި އެވަނީ، ތަހުލީލުކުރާ ތަންތަނުގައި ގެންގުޅޭ ތަކެތީގެ ތެރެއިން އިންސާނުންނަށް އޭގެ ސަބަބުން ނުރައްކަލެއް ދިމާވެދާނެ ތަކެއްޗަށެވެ.

(ޏ) "އެޕްރޫވް" ކަމަށް ބުނެފައި އެވަނީ، ލިޔެކިޔުމެއް ސައްހަކަމަށް ކަނޑައެޅުމަށެވެ.

(ސ) "ރިކޯޑްސް" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި ކުރެވޭ އެންމެހައި މުއާމަލާތްތަކާއި، މަސައްކަތްތަކާއި އާލާތްތަކާ ބެހޭ ލިޔެކިޔުންތަކަށެވެ.

(ޑ) "އިންސްޕެކްޓްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި މައްސަލައެއް ދިމާވުމުން އެކަމެއް ބެލުމަށް ކުރެވޭ މަސައްކަތްތަކަށެވެ.

(ޒ) "ނުރައްކައުތެރި ތަކެތި" ކަމަށް ބުނެވިފައި އެވަނީ، އެ ތަކެތިން ނުވަތަ އެ ތަކެތީގެ ސަބަބުން މީހުންނަށާއި މުދަލަށާއި ވެށްޓަށް ގެއްލުން ލިބިދާނެ ފަދަ ތަކެއްޗަށެވެ.

 

6 ވަނަ މާއްދާ - ތަކެތި ޓެސްޓުކުރާ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް އެ މަސައްކަތް ކުރަންވާނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެންނެވެ.

(ށ) އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހިންގުމަކީ މަނާކަމެކެވެ.

(ނ) އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ތެރެއިން، ޔުނިވަރސިޓީ، ކޮލެޖް ފަދަ ތަންތާނގައި ތައުލީމު އުނގަ ންނައިދިނުމުގެ ބޭނުމުގައި އެ މަސައްކަތްކުރާ ފަރާތްތައް މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ގަވާއިދުން މިނިސްޓްރީއަށް ހުށަހަޅަމުންދާނަމަ، އަދި އެ ލިޔެކިޔުންތައް ފުރިހަމަ ވެފައި ވާނަމަ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތަކުން ރަޖިސްޓަރީ އައުކުރާކަށެއް ނުޖެހޭނެއެވެ.

(ބ) މި މާއްދާގެ ދަށުން ތަކެތި ޓެސްޓުކުރާ ފަރާތްތަކާއި މި ގަވާއިދުގެ 22 ވަނަ މާއްދާގެ ދަށުން ގާއިމް ކުރެވޭ ޓެސްޓުކުރާ ވަގުތީ ތަންތަން ރަޖިސްޓަރީ ކުރަން ފަށާނީ މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

7 ވަނަ މާއްދާތަކެތި ޓެސްޓްކުރާ ފަރާތްތައް ރަޖިސްޓަރީކުރު މަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

(ހ)  ރަޖިސްޓަރީ ކުރުމަށްޓަކައި އެ ކަމަށް ކަނޑައަޅަ އިފައިވާ ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހެޅުމުން، އެ ލިޔެކިޔުންތައް ބެލުމަށްފަހު، މި ގަވާއިދުގެ ދަށުން ފުރިހަމަވާންޖެހޭ ށަރުތުތައް ފުރިހަމަވާނަމަ، ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށްދެވޭނެއެވެ.

  1. ތަކެތި ޓެސްޓުކުރާ ފަރާތުގެ ވިޔަފާރިކުރުމުގެ ހުއްދަ؛
  2. ކުންފުންޏެއް ނަމަ، ކުންފުނީގެ ޕްރޮފައިލް، ނުވަތަ އަމިއްލަ ފަރާތެއްނަމަ، އެ ފަރާތެއްގެ ވަނަވަރު؛
  3. ޓެސްޓުކުރާ ތަނުގެ މުވައްޒަފުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަންނީ ފަރާތްތަކުގެ ތައުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތަކާއި އަމަލީ ތަޖުރިބާ އަންގައިދޭ ލިޔެކިޔުންތައް؛
  4. ކުރެވޭ ޓެސްޓުތަކުގެ ތަފުސީލު ލިސްޓު؛
  5. ޖީ.އެސް.ޓީ ސެޓުފިކެޓު؛
  6. ޓެސްޓުކުރާ ފަރާތުގައި ހުރި އިކުއިޕްމަންޓާއި މެށިނަރީގެ ކެލިބަރޭށަން ސެޓިފިކޭށަން؛
  7. ޓެސްޓުކުރާ ފަރާތުގައި ހުރި އިކުއިޕްމަންޓާއި މެށިނަރީގެ ސްޓޭންޑަޑާއި ސްޕެސިފިކޭށަން؛ އަދި
  8. ޓެސްޓުކުރާ ފަރާތުގައި ހުރި އިކުއިޕްމަންޓާއި މެށިނަރީއާ ގުޅޭ ސަލާމަތީ މިންގަނޑުތައް.

(ށ) މި މާއްދާގެ ދަށުން ރަޖިސްޓަރީވުމަށް އެދޭ ފޯމު، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމު ކުރާނެއެވެ.

(ނ) ތަކެތި ޓެސްޓުކުރާ ފަރާތްތަކަށް ހުއްދަދެވޭނީ، މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ޓެސްޓުކުރާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަކުރުމަށްފަހުގައެވެ. 

 

8 ވަނަ މާއްދާހުއްދަ ހޯދުން

(ހ)  އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރެވޭ ތަކެތި ޓެސްޓުކުރާ ފަރާތްތަކުން ހިދުމަތް ފޯރުކޮށްދޭންވާނީ އިމާރާތްކުރުމާ ގުޅޭ ސިޔާސަތު އެ އިރެއްގައި ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުން އެ ކަމަށް ހުއްދަ ދިނުމުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ތަކެތި ޓެސްޓުކުރާ ފަރާތްތަކުން މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ލިޔެކިޔުންތަކާއި ސެޓުފިކެޓުތަކަކީ ސައްހަ ނޫން ލިޔެކިޔުންތަކެއްކަމަށް ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް ހުއްދައެއް ނުދެވޭނެއެވެ.

 

9 ވަނަ މާއްދާހުއްދަ ހިފެހެއްޓޭނެ ހާލަތްތައް

(ހ) މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުން އެ ތަނެއްގެ އިކުއިޕްމަންޓާއި މެށިނަރީގެ ތަފު ސީލާއި ކޮންޑިށަން އެނގޭނެ ލިޔެކިޔުންތަކާއި، އެ ތަނެއްގައި މަސައްކަތްކުރާ ފަންނީ ފަރާތްތަކުގެ މައުލޫމާތު ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް މިނިސްޓްރީއަށް ނުފޮނުވާތާ 12 (ބާރަ) މަސްދުވަސް ހަމަވެއްޖެނަމަ، އެ ފަރާތެއްގެ ހުއްދަ ހިފެހެއްޓޭނެއެވެ. އަދި އެ މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހެޅުމަށް އެ ފަރާތަށް އެންގޭނެއެވެ.

(ނ) ގަސްތުގައި ސައްހަ ނޫން ރިޕޯޓެއް، ތަކެތި ޓެސްޓުކުރާ ފަރާތްތަކުން ތަކެތި ޓެސްޓުކުރުމަށްފަހު ހުށަހެޅިކަން ސާބިތުވުން.

 

10 ވަނަ މާއްދާހުއްދަ ބާތިލު ކުރެވޭނެ ހާލަތްތައް

 މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅުމަށް އެންގޭ މައުލޫމާތުތައް ހުށަނާޅައިފިނަމަ، ތަކެތި ޓެސްޓުކުރާ ފަރާތަށް ދޫކުރެވިފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - އަލުން ރަޖިސްޓަރީ ކޮށްދިނުން

މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ހުއްދަ ބާތިލުކުރުމަށްފަހު، އެ ފަރާތުން އަލުން ރަޖިސްޓަރީވާން ބޭނުންނަމަ، މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްދެވިދާނެއެވެ.

 

12 ވަނަ މާއްދާ - ޓެސްޓުކުރާ ފަރާތްތައް ގިންތިކުރުން

(ހ) އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރެވޭ ތަކެތި ޓެސްޓުކުރާ ފަރާތްތައް މިނިސްޓްރީގައި ރަޖިސްޓަރީކުރާއިރު، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ޓެސްޓުތަކުގެ ތެރެއިން އެ ފަރާތުން ކުރެވެންހުރި ޓެސްޓުތަކުގެ ބާވަތަށް ބަލައި ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގިންތިކުރެވޭނެއެވެ.

(1) ގްރޭޑް 1

މި ގިންތީގައި ހިމެނޭނީ މި ގަ ވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހުރިހާ ޓެސްޓުތައް ކުރުމުގެ ގާބިލުކަން ހުރި ތަކެތި ޓެސްޓުކުރާ ފަރާތްތަކެވެ.

 

(2) ގްރޭޑް 2

މި ގިންތީގައި ހިމެނޭނީ ސިމެންތީގެ (3) ،(4) ،)14( ،)16 )ގައިވާ ޓެސްޓުތަކާއި، ކޮންކްރީޓުގެ (1) ،(5) ،(6) ،(8) ،(9) ،)16 )ގައިވާ ޓެސްޓުތަކާއި، ދަގަނޑުގެ (2) ،(3) .(4) ،)9 )ގައިވާ ޓެސްޓުތަކާއި، ހިލައިގެ (4) ،(7) ،(9) ، (11) ގައިވާ ޓެސްޓުތަކާއި، ވެލީގެ (2) ،(11) ،)17 )ގައިވާ ޓެސްޓުތަކާއި، ރެޑީމޭޑް ބްލޮކްސްގެ (3) ،)4 )ގައިވާ ޓެސްޓުތައް ކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ފަރާތްތަކެވެ.

 

(3) ގްރޭޑް 3

މި ގިންތީގައި ހިމެނޭނީ ސިމެންތީގެ (3) ،(4) ،)16 )ގައި ހިމެނޭ ޓެސްޓުތަކާއި، ކޮންކްރީޓުގެ (1) ،(6) ،(8) ،(9) ،)16 )ގައިވާ ޓެސްޓުތަކާއި، ދަގަނޑުގެ (2)، (3) ،(4) ގައިވާ ޓެސްޓުތަކާއި، ހިލައިގެ (4) ،(9) ގައިވާ ޓެސްޓުތަކާއި، ވެލީގެ (11) ،)17 )ގައިވާ ޓެސްޓު ތަކާއި، ރެޑީމޭޑް ބްލޮކްސްގެ (3) ،(4) ގައިވާ ޓެސްޓުތައް ކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ފަރާތްތަކެވެ.

 

(4) ގްރޭޑް 4
މި ގިންތީގައި ހިމެނޭނީ ސިމެންތީގެ  (3) ގައިވާ ޓެސްޓުތަކާއި، ކޮންކްރީޓުގެ (6)، (16) ގައިވާ ޓެސްޓުތަކާއި، ދަގަނޑުގެ (2) ،(3) ގައިވާ ޓެސްޓުތަކާއި، ވެލީގެ (11) ގައިވާ ޓެސްޓުތަކާއި، ހިލައިގެ (4) ގައިވާ ޓެސްޓުތަކާއި، ރެޑީމޭޑް ބްލޮކްސްގެ (3) ގައިވާ ޓެސްޓު ކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ފަރާތްތަކެވެ.

 

(5) ގްރޭޑް 5

މި ގިންތީގައި ހިމެނޭނީ، ޖަދުވަލު 1 ގައިވާ ކޮންކްރީޓުގެ (1) ގައިވާ ޓެސްޓާއި، ދަގަނޑު ރީބާގެ (2) ގައިވާ ޓެސްޓުކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ފަރާތްތަކެވެ.

(ށ) އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގައި ކުރެވެންހުންނަ ޓެސްޓުތައް އިތުރުވާނަމަ، ނުވަތަ އުނިކުރެވޭ މިންވަރަކުން އެ ފަރާތްތައް ގިންތި ކުރެވޭ ގްރޭޑްތައް މިނިސްޓްރީން ކަނޑައެޅިދާނެއެވެ.

(ނ) ޓެސްޓުކުރާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅާ ލިޔެކިޔުންތަކަށް ބެލުމަށްފަހު، ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ގިންތި މިނިސްޓްރީން ބަދަލުކުރެވިދާނެއެވެ.

(ރ) ޓެސްޓުކުރާ ފަރާތްތަކުގެ ގިންތި ބަދަލުކުރުމަށް އެ ފަރާތްތަކުން އަމިއްލައަށް އެދިއްޖެ ހާލަތެއްގައި މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް
މިނިސްޓްރީއަށް ހުށަހެޅުމުން، އެކަން ބެލުމަށްފަހު، އެކަށީގެންވާ ގިންތިއަކަށް ބަދަލުކުރެވިދާނެއެވެ.

(ބ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ޓެސްޓުތަކުގެ ލިސްޓަށް އުނިއިތުރެއް ގެންނަން ޖެހިއްޖެނަމަ، އެ ބަދަލެއް ގެނައުމަށްފަހު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އާންމު ކުރަންވާނެއެވެ.
 

13 ވަނަ މާއްދާތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ޒިންމާތަކާއި މަސް އޫލިއްޔަތުތައް

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ތަންތަނުގައި އަލިފާނުގެ ހާދިސާއަކުން ނުވަތަ ނުރައްކައުތެރި އެނޫން ހާދިސާއެއް ކުރިމަތިވެދާނެ ފަދަ ކަމަކުން ރައްކައުތެރިވުމަށް، މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ފ) ގައި ވާގޮތުގެ މަތިން ޓެސްޓުކުރާ ތަންތަނުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތައް ގާއިމްކޮށްފައި ހުންނަން ޖެހޭނެއެވެ.

(ށ) "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ތަންތަނުގައި އަމަލީ މަސައްކަތްކުރަން ތިބޭ ފަންނުވެރިންގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާއި މިންގަނޑުތައް ހިފަހައްޓަންޖެހޭނެއެވެ.

(ނ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރުމަށްފަހު، މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން އެ ޓެސްޓުތަކުގެ ނަތީޖާތައް، އިމާރާތް ކުރުމުގެ މަސައްކަތްތައް ހިންގާ ފަރާތަށް ލިޔެކިޔުމުން ދޭންވާނެއެވެ.

(ރ) ޓެސްޓުކުރާ ފަރާތްތަކުން ބޭނުންކުރާ ވަސީލަތްތައް އެ ވަސީލަތެއް އުފެއްދި ފަރާތުން ކެލިބަރޭޓް ކުރަން ކަނޑައަޅައިފައިވާ މުއްދަތުގައި އެ ވަސީލަތްތައް ކެލިބަރޭޓްކުރެވި، ތިންވަނަ ފަރާތަކުން އިންސްޕެކްޓްކުރެވި، އެ ވަސީލަތްތަކުން ދެވޭ ހިދުމަތް ރަނގަޅުކަމުގެ ޔަގީންކަން މިނިސްޓްރީއަށް ލިޔުމުން ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ޓެސްޓުކުރެވޭ ބާވަތްތައް

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުން ޓެސްޓުކުރަންޖެހޭނީ "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދު" ގެ ޖަދުވަލު 1 ގެ ދަށުން ލިސްޓުކޮށްފައިވާ ބާވަތްތަކަށް ކުރެވޭ ޓެސްޓުތަކުގެ ތެރެއިން އެ ފަރާތެއް ރަޖިސްޓަރީކޮށްފައިވާ ގިންތިއެއްގައި ކަނޑައަޅައިފައިވާ ޓެސްޓުތަކެވެ.

 

15 ވަނަ މާއްދާތަކެތި ޓެސްޓުކުރާ ތަނުގައި ހުންނަންޖެހޭ މިންގަނޑުތައް

(ހ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ތަންތަނުގައި އެ ތަނެއްގައި ކުރެވޭނެ ހުރިހާ ޓެސްޓުތަކެއްގެ ޕްރޮސީޖަރތަކުގެ ލިޔެކިޔުން ހުންނަންޖެހޭނެއެވެ. ޓެސްޓުތައް ކުރަންވާނީ އެ ތަނުގައި ހުންނަ ޕްރޮސީޖަރތަކާ އެއްގޮތަށެވެ.

(ށ) އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ތަންތަނުގައި ކުރާ ހުރިހާ ޓެސްޓުތަކެއް ކުރަންވާނީ ISO (އިންޓަނޭށަނަލް އޮގަނައިޒޭށަން ފޮރ ސްޓޭންޑަޑައިޒޭށަން)، BS (ބްރިޓިށް ސްޓޭންޑަޑް)، IS (އިންޑިއަން ސްޓޭންޑަޑް)، EN (ޔޫރޯ ކޯޑް) ނުވަތަ ASTM (އެމެރިކަން ސޮސައިޓީ ފޮރ ޓެސްޓިންގ އެންޑް މެޓީރިއަލްސް) ސްޓޭންޑަޑާއި ސްޕެސިފިކޭށަން ނުވަތަ އެޔާ އެއްހަމައެއްގެ ސްޓޭންޑަޑްތަކަށެވެ.

(ނ) ޓެސްޓުކުރަން ބޭނުންކުރާ އާލާތެއްގައި މައްސަލައެއް ޖެހިފައިވާނަމަ، ނުވަތަ ނަތީޖާ ރިޕޯޓުގައި މައްސަލައެއް ދިމާވެފައިވާކަން ޔަޖީންވެއްޖެނަމަ، އެ އާލާތެއް ބޭނުންކޮށްގެން
ކުރި ޓެސްޓެއް އަލުން ކުރަންވާނެއެވެ.

(ރ) ހުރިހާ ޓެސްޓެއް ހެދުމަށް ބޭނުންކުރާ ވަސީލަތްތަކުން ދޭ ހިދުމަތުގެ މައުލޫމާތާއި ލޭބަލް އެ ވަސީލަތްތަކުގައި ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ބ) ޓެސްޓުކުރަން ބޭނުންކުރާ އާލާތްތަކުން ކުރާ ޓެސްޓުތަކާއި މަސައްކަތްތައް ރިކޯޑުކުރަން ވާނެއެވެ. އޭގެ ތެރޭގައި:

  1. އެ އާލާތެއްގެ ނަން؛
  2. އުފެއްދި ގައުމު، ބޭނުންކުރާ ހާލަތްތައް، ސީރިއަލް ނަންބަރު؛
  3. އެ އާލާތެއް ބޭނުންކޮށްގެން ކުރި ޓެސްޓުތަކުގެ އަދަދު؛
  4. އެ އާލާތެއްގެ ކެލިބަރޭށަނާބެހޭ މައުލޫމާތު؛
  5. އުފެއްދި ފަރާތުން ދީފައިވާ އިތުރު މައުލޫމާތު؛
  6. މެއިންޓެނަންސްގެ ތަފުސީލު؛
  7. އަމަލުކުރަމުންދާ ގަވާއިދު ނުވަތަ ސްޓޭންޑަޑް؛
  8. ކުރިން ބޭނުންކޮށް ފައިވާ އާލާތެއްނަމަ، ކުރިން މައްސަލައެއް ދިމާވެފައިވާނަމަ، އެ މައްސަލައަކާބެހޭ މައުލޫމާތު.

(ޅ) ޓެސްޓުކުރުމަށްޓަކައި ގެންނަ ތަކެތި ޓެސްޓުކުރާ ތަނަށް އެތެރެކޮށް، އެ ތަކެތި ބަހައްޓައި ރައްކައުކުރަންވާނީ، އެ ބާވަތެއް ގެންގުޅެންޖެހޭ އެންމެ އެކަށީގެންވާ ގޮތަށެވެ.

(ކ) ޓެސްޓުކުރާ ފަރާތްތަކަށް ޓެސްޓު ކުރުމަށްޓަކައި ގެންނަ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ނިޒާމް ހަމަޖެހިފައި ހުންނަން ވާނެއެވެ.

(އ) ޓެސްޓުކުރާ ތަންތަނުގައި އެކަށީގެންވާ އަލިކަން ހުންނަން ޖެހޭނެއެވެ. އަދި އެ ތަންތަނުގައި ވައި ދައުރުވާނެ ގޮތަށް ހުންނަން ޖެހޭނެއެވެ.

(ވ) ޓެސްޓުކުރާ ތަންތަނުގައި ބޭނުންކުރާ އާލާތްތަކަކީ ބަރު ތަކެތި ނަމަ، އެ ތަކެތި ބަހައްޓަން އެކަށީގެންވާ ގޮތަށް އިމާރާތް ފަރުމާ ކުރަން ޖެހޭނެއެވެ.

(މ) ޓެސްޓުކުރާ ތަންތަނަކީ އެ ތަނެއްގައި ކުރާ ޓެސްޓުތަކާ އެކަށީގެންވާ ފެންވަރަށް ފަރުމާކޮށްފައިވާ އިމާރާތަކަށް ވާންޖެހޭނެއެވެ.

(ފ) ޓެސްޓުކުރާ ތަންތަނުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާއި އަލިފާނުން ރައްކައުތެރިވުމުގެ މިންގަނޑުތަކާ އެއްގޮތަށް ތަން ފަރުމާކޮށް، އެ މިންގަނޑުތައް ފެންނަގޮތަށް ހުންނަން ޖެހޭނެއެވެ.

 

16 ވަނަ މާއްދާ - ޓެސްޓުކުރާ ތަންތަނުގައި ދެވޭނެ ހިދުމަތްތައް

(ހ) އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ތަންތަނުން ތިރީގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތައް ނުވަތަ ހިދުމަތްތަކުން ބައެއް ފޯރުކޮށްދެވިދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ސިމެންތި ޓެސްޓުކުރުން (ސިމެންތިން އުފައްދާ ތަކެތި)
  2. ހިލަ ޓެސްޓުކުރުން (އިމާރާތްކުރުމަށް ބޭނުންކުރާ ހުރިހާ ގްރޭޑެއްގެ ހިލަ)
  3. ވެލި ޓެސްޓުކުރުން (އިމާރާތްކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެލި)
  4. އަސްފާލްޓް ޓެސްޓުކުރުން (މަގު ހެދުމުގެ މަސައްކަތްތަކަށް)
  5. ފްރެށް ކޮންކްރީޓް ޓެސްޓުކުރުން (އިމާރާތެއްގެ ސްޓްރަކްޗަރަށް ބޭނުންކުރާ)
  6. ހަރޑްންޑް ކޮންކްރީޓް ޓެސްޓުކުރުން (އިމާރާތެއްގެ ސްޓްރަކްޗަރަށް ބޭނުންކުރާ)
  7. ދަގަނޑު ޓެސްޓުކުރުން (އިމާރާތްކުރުމުގެ ބޭނުމަށް ގެންނަ ސްޓްރަކްޗަރަލް ދަގަނޑު)

(ށ) މި މާއްދާގެ (ހ) ގައި، ޓެސްޓުކުރާ ތަންތަނުގައި ކުރާ ކޮންމެ ޓެސްޓަކަށް ތަފުސީލީ ރިޕޯޓެއް އެކުލަވައިލަން ވާނެއެވެ.

 

17 ވަނަ މާއްދާ - ޓެސްޓުކުރާ ތަންތަން ހިންގުން 

(ހ) ޓެސްޓުކުރާ ތަންތަން ހިންގުމަށް ހަމަޖެހިފައިވާ އޮނިގަނޑާއި، ޕްރޮގްރާމްތަކާއި، މަގްސަދާއި، ދެވޭ ހިދުމަތްތައް އެކުލަވައިލެވި، އެ ތަން ހިންގާނެ ގޮތުގެ އުސޫލު، ޓެސްޓުކުރުމުގެ ހިދުމަތްދޭ ތަންތަން ހިންގާ ފަރާތުން އެކުލަވައިލަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެސްޓުކުރާ ތަންތަން ހިންގުމުގެ އުސޫލުގައި، އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމުގެ މަގުސަދުގައި ނުވަތަ ފެންވަރު ދެމެހެއްޓުމުގެ މަގު ސަދުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމަނަންވާނެއެވެ.

  1. އިދާރީގޮތުން ތަން ހިންގާ ފަރާތްތަކުގެ ތަފުސީލު
     އެ ތަނުގެ ކުޑަބޮޑުމިނަށް ބަލައި، ހިންގުމުގެ އެކަށީގެންވާ ނިޒާމު؛
     ލެބޯޓަރީ ހިންގާ ސިޔާސަތު؛
     ޓެސްޓުކުރާ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތައް ކުރާ މަސައްކަތްތަކަށް ތަން ހިންގާ ފަރާތުން ޒިންމާ އުފުލާނެ މިންވަރު.
  2. ފަންނީ މަސައްކަތްކުރާ ފަރާތްތަކުގެ ތަފުސީލު
     ތަނުގައި ކުރަންޖެހޭ މަސައްކަތްތައް؛
     ތައުލީމީ ފެންވަރު؛
     މަސައްކަތާ ގުޅޭގޮތުން ހަދައިފައިވާ ތަމްރީނު؛
     ތަނުގައި ހުންނަ ވަސީލަތްތައް ބޭނުންކުރަން އެނގޭ މިންވަރު އަންގައިދޭ ލިޔެކިޔުންތައް؛
     ކުރާ މަސައްކަތްތައް ރިކޯޑްކޮށް، ރިޕޯޓު އެކުލަވައިލުން.
  3. އެކުލަވައިލާ ރިޕޯޓުތައް އެޕްރޫވްކޮށް ސޮއިކުރާ ފަރާތްތަކުގެ ތަފުސީލު
     ތަނުގައި ކުރަންޖެހޭ މަސައްކަތްތައް؛
     ތައުލީމީ ފެންވަރު؛
     މަސައްކަތާ ގުޅޭގޮތުން ހަދައިފައިވާ ތަމްރީނު؛
     ތަނުގައި ހުންނަ ވަސީލަތްތައް ބޭނުންކުރަން އެނގޭ މިންވަރު އަންގައިދޭ ލިޔެކިޔުންތައް؛
     ތައްޔާރުކުރާ ރިޕޯޓުތައް އެޕްރޫވްކޮށް ސޮއިކުރުން.
  4. ގެންގުޅޭ އާލާތްތަކާ ގުޅޭ ތަފުސީލު
     ސްޕެސިފިކޭށަން؛
     ކޮންމެ އާލާތެއް ބޭނުންކުރާނެ ގޮތް؛
     ކުރެވޭ ބޭނުން؛
     ކެލިބަރޭޓް ކުރަންޖެހޭ މުއްދަތު؛
     އުމުރު؛
     ސްޓޭޓަސް؛
     ޓެސްޓުކުރާ ތަކެތީގެ ސަލާމަތީ މިންގަނޑުތައް.

(ނ) ޓެސްޓުކުރާ ތަންތަނުގައި ސަލާމަތީ މިންގަނޑުތައް ގާއިމުކުރުމަށްޓަކައި ސޭފްޓީ މެނުއަލެއް އެކުލަވައިލަން ވާނެއެވެ. މި މެނުއަލުގައި، އަންނަނިވި އަސާސީ ބައިތައް ހިމަނަންވާނެއެވެ.

  1. ކެމިކަލް ބޭނުންކުރުމުގެ ކުރިންނާއި ބޭނުންކުރުމަށްފަހު އަމަލުކުރާނެ ގޮތުގެ ސިއްހީ މިންގަނޑުތަކާއި ރައްކައު ތެރިކަމުގެ މިންގަނޑުތައް؛
  2. ސަލާމަތީ ކަންކަން ޗެކްކުރާނެ ޗެކްލިސްޓުތައް؛
  3. ކުރާ ޓެސްޓުތަކުގެ ބޭނުންކުރާ ކެމިކަލް ނުވަތަ އެފަދަ ތަކެތީގެ އަސަރުން މީހުން ސަލާމަތްކުރެވޭނެ ސަރަހައްދުތައް؛
  4. އިމަރޖެންސީ އާލާތްތަކާއި ސަލާމަތީ އާލާތްތައް ހުންނަ ތަންތަނާއި ބޭނުންކުރާނެ ގޮތުގެ މައުލޫމާތު؛
  5. ޓެސްޓުކުރާ ތަންތަނުގައި، ހަށިގަނޑު ރައްކައުތެރިކުރުމުގެ ގޮތުން ބޭނުންކުރާނޭ ސަލާމަތީ ހެދުމާއި، އެޔާ ގުޅޭ އެހެނިހެން އާލާތްތައް ހުންނަ ތަންތަނާއި ބޭނުންކުރާނެގޮތުގެ މައުލޫމާތު؛
  6. ޓެސްޓުކުރާ ތަންތަނުގައި ބޭނުންކުރާ ހެޒަރޑަސް ތަކެތި ގެންގުޅޭނޭ ގޮތާއި ރައްކައުކުރާނެ ގޮތާއި ނެއްތައިލެވޭ ގޮތުގެ މައުލޫމާތު؛
  7. ކުއްލި ހާލަތެއްގައި އަމަލު ކުރަންޖެހޭނެ ގޮތް.

(ރ) ޓެސްޓުކުރާ ތަންތަނުގައި ކޮލިޓީ މެނުއަލެއް އެކުލަވައިލަން ވާނެއެވެ. މިގޮތުން އެކުލަވައިލާ ކޮލިޓީ މެނުއަލުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް
ހިމަނަންވާނެއެވެ.

  1. ކޮލިޓީ މެނުއަލުގެ އުސޫލުތަކާއި، މަގްސަދުތަކާއި ކޮލިޓީ ދެމެހެއްޓޭނެ ގޮތް؛
  2. ޓެސްޓުކުރާ ތަނާއި، އެ ތަނުން ދޭ ހިދުމަތްތަކުގެ ދާއިރާތައް؛
  3. ޓެސްޓުކުރަން ބޭނުންކުރާ އިކުއިޕްމަންޓާއި މެށިނަރީގެ ތަފުސީލު؛
  4. ޓެސްޓުކުރާނެ ގޮތުގެ ޕްރޮސީޖަރތައް؛
  5. ޓެސްޓުކުރުމަށްޓަކައި ގެންނަ ތަކެއްޗަށް ގެއްލުން ލިބިފައިވާނަމަ؛ ނުވަތަ އޭގެ އަސްލު ގެއްލޭ މިންވަރަށް ބަދަލުވެފައިވާނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް؛
  6. ޓެސްޓުކުރާ ތަނުގެ ސަލާމަތީ މިންގަނޑުތައް.

(ބ) މި މާއްދާގެ (ރ) ގެ (4) ގައި ބަޔާންކޮށްފައިވާ ޓެސްޓުކުރާނެ ގޮތުގެ ޕްރޮސީޖަރތަކުގެ ލިޔެކިޔުންތައް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ. އަދި ޓެސްޓުތައް ހަދަންވާނީ މި ޕްރޮސީޖަރތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ޅ) ޓެސްޓުކުރާ ތަންތަނުގައި ހިދުމަތްދޭ ވަސީލަތްތަކާއި، އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތުގެ އިރުށާދު ދީފައިވާ ލިޔެކިޔުންތައް މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި ފޯރުކޮށްދޭން ވާނެއެވެ.

 

18 ވަނަ މާއްދާމައުލޫމާތު ރައްކައުކޮށް ބެލެހެއްޓުން

(ހ) އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް، ހިންގުމުގައި ބޭނުންކުރާނެ ލިޔެކިޔުންތައް، ޓެސްޓުކުރާ ތަކެތީގެ ތަފުސީލު، ތަކެތި ގުދަންކޮށް ބަލަހައްޓާ ގޮތް، ތަކެތި ނެއްތައިލެވޭ ގޮތް، ޓެކްނިކަލް ރިކޯޑު ތައް ބެލެހެއްޓުމުގެ ނިޒާމެއް ޓެސްޓުކުރާ ފަރާތްތަކުން ގާއިމުކުރަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިޒާމުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރަންވާނެއެވެ.

  1. ރިކޯޑު ބަލަހައްޓާނެ އުސޫލުތައް އެކުލަވައިލުން؛
  2. މަސައްކަތް ހިންގާނެ އުސޫލުތައް އެކުލަވައިލުން؛
  3. މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި އިދާރީ މުވައްޒަފުންގެ މައުލޫމާތު؛
  4. ކޮލިޓީ މެނުއަލް؛
  5. އިކުއިޕްމަންޓާއި މެއިންޓެނަންސްގެ މައުލޫމާތު ރައްކައުކޮށް ބެލެހެއްޓުން؛
  6. ޓެސްޓުކުރާ ޕްރޮސީޖަރ؛
  7. ލެބް ޓެސްޓުތަކުގެ ރިޕޯޓުތައް؛
  8. ޕަރސަނަލް ކޮމްޕިޓަންސީ ރިޕޯޓު؛
  9. ޓްރެއިނިންގ ޕްލޭންތައް؛
  10. ޓްރެއިނިންގ ކޮމްޕްލީށަން ރިކޯޑު؛
  11. ޓެސްޓުކުރާ އާލާތްތަކުގެ ލިސްޓު؛
  12. ކެލިބަރޭށަން ރިކޯޑްސް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިކޯޑުތައް، މަދުވެގެން 5 (ފަހެއް) އަހަރުދުވަހަށް ރައްކައުކޮށްގެން ބަލަހައްޓަންޖެހޭނެއެވެ.

(ރ) މި މާއްދާގައި (ށ) ގައިވާ ރިކޯޑުތައް މިނިސްޓްރީއަށް ބޭނުންވެއްޖެ ހާލަތެއްގައި ފޯރުކޮށްދޭން ޖެހޭނެއެވެ.

 

19 ވަނަ މާއްދާ - ޓެސްޓުކުރާ ތަންތަނުން ތައްޔާރުކުރާ ރިޕޯޓް

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެސްޓުތައް ފުރިހަމަކުރުމަށްފަހު، ޓެސްޓުތަކުގެ ތަފުސީލީ ރިޕޯޓު ތައްޔާރުކުރަން ވާނެއެވެ.

(ށ) މި މާއްދާގައި (ހ) ގައިވާ ރިޕޯޓުތައް މިނިސްޓްރީއަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ރިޕޯޓުތައް ފޯރުކޮށްދޭން ޖެހޭނެއެވެ.

(ނ) މި ރިޕޯޓުގައި ސާމްޕަލް ހޯދުނު ގޮތްތަކާއި، ކުރި ޓެސްޓުތަކާއި، ތަކެތީގެ ފެންވަރު (ސްޕެސިފިކޭށަން، ސްޓޭންޑަޑް) އަދި ޓެސްޓުގެ ނަތީޖާ ހިމަނަންވާނެއެވެ.

(ރ) ތަކެތި ޓެސްޓުކުރާ ފަރާތްތަކުން ތައްޔާރުކުރާ ރިޕޯޓެއްގެ ސައްހަކަމާމެދު މިނިސްޓްރީއަށް ސުވާލު އުފެދިއްޖެނަމަ، ނުވަތަ އެހެން ފަރާތަކުން ށަކުވާ ހުށަހަޅައިފިނަމަ، އެ ރިޕޯރޓުގައިވާ ޓެސްޓުތައް އެހެން ފަރާތަކަށް ހުށަހަޅައިގެން ޓެސްޓުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، މަދުވެގެން، އަންނަވި ކަންކަން ހިމަނަންވާނެއެވެ.

  1. ތައާރަފު؛
  2. ލެބޯޓަރީގެ ތަފުސީލު؛
  3. ރިޕޯޓުގެ ރެފަރަންސް ނަންބަރު؛
  4. ޓެސްޓުކުރަން އެދޭ ފަރާތުގެ ތަފު ސީލު؛
  5. ބޭނުންކޮށްފައިވާ މެތޮޑޮލޮޖީ؛
  6. ޓެސްޓުކުރާ ތަކެތީގެ ތަފުސީލު؛
  7. ޓެސްޓުކުރި ތާރީހު؛
  8. ރިޕޯޓުގައި ސޮއިކުރާ ފަރާތްތަކުގެ ތަފުސީލު؛
  9. ޓެސްޓުކޮށްފައިވާ ތަކެތީގެ ނަތީޖާ.

 

20 ވަނަ މާއްދާ - ޓެސްޓުކުރާ އާލާތްތަކުގެ ކެލިބަރޭށަނާ އި މެއިންޓަނަންސް

(ހ)  ޓެސްޓުކުރާ ތަންތަނުގައި ޓެސްޓުކުރަން ބޭނުންކުރާ ތަކެތި މަރާމާތުކޮށް ބަލަހައްޓަން ވާނެއެވެ. އަދި މިކަމުގެ ލިޔެކިޔުންތައް، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ވާގޮތުގެ މަތިން ފުރިހަމަކޮށް ރިކޯޑުކުރަމުން ގެންދަންވާނެއެވެ.

(ށ) ތަކެތި ޓެސްޓުކުރަން ބޭނުންކުރާ އާލާތަކަށް ގެއްލުމެއް ވެއްޖެނަމަ، އެ އާލާތެއް ބޭނުންކޮށްގެން ޓެސްޓުކޮށްގެން ނުވާނެއެވެ. ނަމަވެސް އެ އާލާތެއް މަރާމާތުކޮށް ޓެސްޓުކުރާ ހާލަތަށް ގެނައުމަށްފަހު، އެ އާލާތެއް ބޭނުންކޮށްގެން ޓެސްޓުކުރެވިދާނެއެވެ. އަދި ޓެސްޓުކުރާ ތަން ހިންގުމުގެ އުސޫލުތަކުގެ ދަށުން މި ކަންކަން ރިކޯޑުކޮށް، އެ ލިޔެކިޔުންތައް ބަހައްޓަން ޖެހޭނެއެވެ.

(ނ) އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ތަންތަނުގައި ހުންނަ އާލާތްތައް ކެލިބަރޭޓް ކުރުމަށްފަހު ، މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން އެކަން ރިކޯޑުކޮށް ބަލަހައްޓަން ވާނެއެވެ.

 

21 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ ނުރައްކައުތެރި ތަކެތި ޓެސްޓުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

(ހ) އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައި ހިމެނޭ ނުރައްކައުތެރި ތަކެތި ޓެސްޓުކުރުމުގައި އަންނަނިވި ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.

  1. ހަށިގަނޑު ރައްކައުކުރާނޭ ހުރިހާ އާލާތްތައް ބޭނުންކުރުން؛
  2. ނުރައްކައުތެރި ތަކެތި ގެންގުޅުމުގައި ރައްކައުތެރިވުން؛
  3. ކަރަންޓުގައި ޖެހުމުން ރައްކައުތެރިވުން؛
  4. ވަށައިގެންވާ މާހައުލާއި ވެށްޓަށް ގެއްލުން ނުވާނެގޮތަށް ރައްކައުތެރިވުން.

(ށ) ޓެސްޓުކުރާ ފަރާތުން، ނުރައްކައުތެރި ތަކެތި ޓެސްޓުކުރާނެ ގޮތުގެ އުސޫލެއް އެކުލަވައިލައި، އެކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް، އެ އުސޫލުތަކާ އެއްގޮތަށް ތަކެތި ޓެސްޓުކުރުމުގައި އަމަލުކުރަން ޖެހޭނެއެވެ. އަދި މި ލިޔެކިޔުންތައް ހުންނަންވާނީ ރިކޯޑުކޮށްފައެވެ.

(ނ) ޓެސްޓުކުރާ ތަންތަނުގައި ޓެސްޓުތައް ކުރަންވާނީ ޓެސްޓުކުރާ ތަންތަނުގައި އުޅޭ ފަރާތްތަކަށް ސިއްހީ ގެއްލުމެއް ނުލިބޭނެ ފަދަ މާހައުލެއްގައެވެ.  

 

 22 ވަނަ މާއްދާ - ޓެސްޓުކުރާ ވަގުތީ ތަންތަން ގާއިމްކުރުން

(ހ) އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރަންޖެހޭ ހާލަތެއްގައި އެ ތަކެތި ޓެސްޓުކުރާ ނެ ވަގުތީ ތަނެއް ގާއިމްކުރެވިދާނެއެވެ.

(ށ) ޓެސްޓުކުރާ ވަގުތީ ތަނެއް، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްދެވޭނީ އެ ތަން ގާއިމްކުރާ މަސައްކަތަކަށް އެކަނި ބޭނުން ކުރާގޮތަށެވެ.

(ނ) ޓެސްޓުކުރުމުގެ ހިދުމަތްދޭ ވަގުތީ ތަންތަން، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްދެވޭނީ ތިރީގައިވާ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ.

  1. ރަޖިސްޓަރީ ކުރުމަށް ކަނޑައަޅައި ފައިވާ ފޯމު؛
  2. ޓެސްޓުކުރާ ތަން ގާއިމްކުރަނީ، އިމާރާތްކުރުމުގެ ކޮން މަސައްކަތަކަށްކަން އަންގައިދޭ ލިޔުން؛
  3. އެތަނުން ކުރާނެ ޓެސްޓުތަކުގެ ތަ ފުސީލު ލިސްޓު؛
  4. ޓެސްޓުކުރާ ތަން ގާއިމްކުރަން ބޭނުންވާ މަސައްކަތަކީ ކިހާ މުއްދަތަކަށް ކުރިއަށްދާނެ މަސައްކަތެއްކަން އަންގައިދޭ ލިޔުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެސްޓުކުރުމުގެ ހިދުމަތްދޭ ވަގުތީ ތަނެއްގައި އެންމެ މަދުވެގެން، ތިރީގައި ބަޔާންކޮށްފައިވާ ޓެސްޓުތައް ކުރެވެން ހުންނަން
ޖެހޭނެއެވެ.

  1. ސިމެންތި (ސެޓިންގ ޓައިމް)
  2. ކޮންކުރީޓް (ކޮމްޕްރެށަން ޓެސްޓް)
  3. ހިލަވެލި (ސީވް ޓެސްޓް)

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތީ ތަންތަނުން ކުރާ ޓެސްޓުތަކާ ބެހޭ ލިޔެކިޔުންތައް މިނިސްޓްރީގެ ފަރާތުން ބޭނުންވެއްޖެ ހާލަތެއްގައި ފޯރުކޮށްދޭން
ޖެހޭނެއެވެ. އަދި އެފަދަ ތަންތަން ޗެކްކުރުމަށް މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި ޗެކްކުރެވޭނެ ގޮތް، ތަން ހިންގާ ފަރާތްތަކުން ހަމަޖައްސައިދޭން ވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތީ ތަންތަނުން ކުރާ ޓެސްޓުތަކުގެ ރެކޯޑުތަކާއި، އެ ތަންތަނުން ހަދާ ޓެސްޓުތަކުގެ ނަތީޖާގެ ރިޕޯޓުތައް ރައްކައުކޮށް ބެލެހެއްޓުމަކީ، ޓެސްޓުކުރާ ވަގުތީ ތަން ގާއިމްކުރާ ފަރާތުގެ ޒިންމާއެކެވެ. އަދި މިފަދަ ރެކޯޑުތަކާއި ނަތީޖާގެ ރިޕޯޓުތައް 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށް ބަލަހައްޓަން ވާނެއެވެ.

 

23 ވަނަ މާއްދާ - ގަވާއި ދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ސައްހަ ނޫން ރިޕޯޓެއް، ތަކެތި ޓެސްޓުކުރާ ފަރާތްތަކުން ތަކެތި ޓެސްޓުކުރުމަށްފަހު ހުށަހެޅިކަން ސާބިތުވެއްޖެނަމަ، ޓެސްޓުކުރާ ފަރާތް 50،000 (ފަންސާސް ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށްފަހު، އެ ފަރާތަށް ދޫކޮށްފައިވާ ހުއްދަ 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓޭނެއެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންތައް ދެވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ، ޓެސްޓުކުރާ ފަރާތް100،000 (އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށްފަހު، އެ ފަރާތަށް ދީފައިވާ ހުއްދަ ބާތިލު ކުރެވޭނެއެވެ. މިގޮތުން ހުއްދަ ބާތިލު ކުރުމަށްފަހު، އެ ފަރާތަކަށް އަލުން ހުއްދަ ދެވޭނީ، އެ ފަރާތެއް ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށްފަހު، ހުއްދަ ބާތިލުކުރާތާ 6 (ހައެއް) މަސްދުވަސް ފަހުންނެވެ. 

 

 

މި ގަވާއިދުގެ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި  

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު