މާލެ ޕްލޭނިންގ ގަވާއިދު (ގަވާއިދު ނަންބަރ 2015-192)
އަށް 6 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2019-1029)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 އެޕްރީލް 2024 ގައި)
1 ވަނަ މާއްދާ - ގަވާއިދުގެ 1 ވަނަ ބައިގެ 3 ވަނަ މާއްދާގެ 3.1 އަންނަނިވި ގޮތަށް އިސްލާހުކުރުން.
އިމާރާތުގެ އުސްމިން 3.1.
3.1.1 މާލޭގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރާއި 45 (ސާޅީސް ފަހެއް) މީޓަރާ ދެމެދުގެ އުސްމިނުގައިއިމާރާތްކުރެވޭނީ، އިމާރާތުގެ ފުޓް ޕްރިންޓުގައި އެންމެ ކުޑަވެގެން 2000 (ދެހާސް) އަކަފޫޓު ހަމަވާ ނަމައެވެ. އިމާރާތުގެ ފުޓް ޕްރިންޓް ބެލުމުގައި، އިމާރާތަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި ހުސްކޮށް ވައިގޮޅިއަށް ކަނޑައިފައި ހުންނަ ބައިތަކާއި ސެޓްބެކް ފަދަ ތަންތަނުގެ އޭރިޔާއެއް ނުހިމެނޭނެއެވެ. އެހެންނަމަވެސް އިމާރާތް ކުރެވޭނީ،ބިލްޑިންގ ސެޓްބެކް ނުލައި ގޯތީގެ އިމުން ފެށިގެން ކަމަށް ވާ ނަމަ، އަދި އިމާރާތް ނުކޮށް ހުސްކޮށް ދޫކޮށްލަނީ ހަމައެކަނި އިމާރާތަށް ވަޔާއި އަލިކަން ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ ވައިގޮޅިތައް ކަމުގައި ވާ ނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ އޭރިޔާ ނުވަތަ ބޮޑުމިން ބެލުމުގައި ބަލާނީ، ވައިގޮޅިތަކުގެ އޭރިޔާ ނުވަތަ ބޮޑުމިންވެސް ހިމަނައިގެންނެވެ. އަދި ފުޓް ޕްރިންޓް އޭރިޔާ ބެލުމުގައި ގޯތީގެ މަގަށްވާ އިމުން ކަން ވަށް ކުރުމަށް ޓަކައި ގޯތިން ދޫކުރަންޖެހޭ އޭރިޔާވެސް ހިމަނައިގެން ބެލިދާނެއެވެ.
3.1.2 މާލޭގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށް ވުރެ އުސްކޮށ،ް 45 (ސާޅީސް ފަހެއް) މީޓަރާ ހަމަޔަށް އިމާރާތް ކުރާ ނަމަ، އިމާރާތް ކުރެވޭ އުސްމިން ކަނޑައެޅުމުގައި ބަލާނީ، އެ އިމާރާތުގެ ފުޓް ޕްރިންޓާއި، ވިޑްތް ކޮއިފިށަންޓާއި، އިމާރާތުގެ މަގާ ވީ ފުރަންޓޭޖުގެ ފުޅާމި ނަށާއި، އެ އިމާރާތަކަށް ވަދެނުކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާމިނަށެވެ. މިގޮތުން އިމާރާތުގެ ފުޓްޕްރިންޓް އޭރިޔާއަށާއި، ވިޑްތް ކޮއިފިށަންޓަށާއި، އިމާރާތުގެ ފްރަންޓޭޖުގެ ފުޅާމިނަށް ބަލައިގެން ނެގޭނެ އުސްމިން ދައްކައިދޭ ތާވަލެއް ތިރީގައި މިވަނީއެވެ. އިމާރާތުގެ ވިޑްތް ކޮއިފިށަންޓް ހޯދާނެ ފޯމިއުލާ މި ގަވާއިދުގެ 1 ވަނަ ބައިގެ 2.1.1 ގައި ބަޔާން ކޮށްފައި ވާނެއެވެ.
ފުޓް ޕްރިންޓް އޭރިޔާ (އެންމެ ދަށްވެގެން) |
ވިޑްތް ކޮއިފިށަންޓް (އެންމެ ދަށްވެގެން) |
މަގާ ވީ ފުރަންޓޭޖުގެ ފުޅާމިން (އެންމެ ދަށްވެގެން) |
އިމާރާތް ކުރެވޭ އުސްމިން |
185.81 އަކަ މީޓަރު (2000 އަކަފޫޓު | 7.62 މީޓަރު | 6 މީޓަރު | 33 މީޓަރު |
185.81 އަކަ މީޓަރު (2000 އަކަފޫޓު | 9.144 މީޓަރު | 7.62 މީޓަރު | 36 މީޓަރު |
232.26 އަކަ މީޓަރު (2500 އަކަފޫޓު | 10.668 މީޓަރު | 9.144 މީޓަރު | 39 މީޓަރު |
287.71 އަކަ މީޓަރު (3000 އަކަފޫޓު | 12.192 މީޓަރު | 10.668 މީޓަރު | 42 މީޓަރު |
287.71 އަކަ މީޓަރު (3000 އަކަފޫޓު | 13.716 މީޓަރު | 12.192 މީޓަރު | 45 މީޓަރު |
މި މާއްދާގެ މި ތާވަލުގައި ބަޔާން ކޮށްފައިވާ އިމާރާތް ކުރެވޭ ވަކި އުސްމިންތަކެއް ބަޔާން ކޮށްފައި ވިޔަސް، 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރުން ފެށިގެން 45 (ސާޅީސް ފަހެއް) މީޓަރާ ހަމަޔަށް އިމާރާތް ކުރާ ނަމަ، އިމާރާތް ކުރުމަށް އެދޭ ގޯއްޗާ އިންވެގެންވާ މަގުގެ ފުޅާމިނަކީ މަދުވެގެން 6 (ހައެއް) މީޓަރަށް ވެފައި، ގޯތީގެ ފުޅާމިނަކީ މަދުވެގެން 6 (ހައެއް) މީޓަރު ކަމަށް ވާ ނަމަ، އިމާރާތް ކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކުރެހުންތައް ހުށަހެޅުމުން،މާލޭ ޕްލޭނިންގ ގަވާއިދު ތަންފީޒުކުރަން ކަނޑައަޅައިފައިވާ ފަރާތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، 45 (ސާޅީސް ފަހެއް) މީޓަރު އުސްމިނާ ހަމަޔަށް އިމާރާތްކުރުމުގެ ހުއްދަ ދެވިދާނެއެވެ.
3.1.3 މި މާއްދާގެ 3.1.2 ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ އިތުރުން، 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރުން ފެށިގެން އުސްކޮށް 45 (ސާޅީސް ފަހެއް) މީޓަރާ ހަމަޔަށް އިމާރާތް ހެދޭނީ، ގޯތީގެ އިމާ ގުޅޭ މައިމަގުގެ ފުޅާމިނުގައި ހަނިވެގެން 20 (ވިހި) ފޫޓު ހަމަވާ ނަމަ އެވެ.
3.1.4 ގޯތީގެ އިމާ ގުޅޭ މައިމަގުގެ ފުޅާމިނުގައި 20 (ވިހި) ފޫޓު ހަމަ ނުވާ ނަމަ، 20 (ވިހި) ފޫޓު ހަމަވާވަރަށް އިމާރާތް އެތެރެއަށް ޖައްސަންވާނެއެވެ. ނަމަވެސް، ގޯތީގެ ފުޅާމިނަށްވީ މައިމަގުގެ ފުޅާމިނުގައި 15 (ފަނަރަ) ފޫޓު ހަމަ ނުވާ ނަމަ، މިގޮތަށް އިމާރާތް އެތެރެއަށް ޖައްސައިގެން 30.480 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށް ވުރެ އުސްކޮށް 45 (ސާޅީސް ފަހެއް) މީޓަރާ ހަމަޔަށް އިމާރާތެއް ނުކުރެވޭނެއެވެ.
3.1.5 މި މާއްދާގެ 3.1.4 ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތް އެތެރެއަށް ޖައްސައިގެން ހަދައި ފައި ހުންނަ އިމާރާތެއްގެ ކުރިމަތިން މަގުގެ އަނެއް ފަރާތުގައި 30.480 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ހަދާނަމަ، މައިމަގުގެ ފުޅާމިނުގައި 20 (ވިހި) ފޫޓު ހަމަކުރުމަށް އިމާރާތް އެތެރެއަށް ޖައްސަން މިންނަގަންވާނީ ކުރިމަތިން ހުރި އިމާރާތް އެތެރެއަށް ޖައްސައިގެން މަގަށް އިތުރުވެފައިވާ ބައި ނުހިމަނައެވެ.
3.1.6 މި މާއްދާގެ 3.1.4 އާއި 3.1.5 ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތް އެތެރެއަށް ޖެއްސުމުން މަގަށް އިތުރުވާ ޖާގަ ހިމެނޭނީ މަގުގެ ބައެއްގެ ގޮތުގައެވެ. ވުމާއެކު، ގޯތީގެ އިންފާރު ރާނަންވާނީ، މަގު ފުޅާކުރުމަށް ޖައްސާބައި ގޯތީގެ އިމުން އުނިކޮށްފައެވެ. ނަމަވެސް ގޯތީގެ އޭރިޔާ ބެލުމުގައި މި ބައި ހިމެނިދާނެއެވެ. އަދި މި ބިން ހިމެނޭނީ މި ގަވާއިދާއެއްގޮތަށް އިމާރާތް ހަދައިގެން ބޭނުންކުރަމުންދާ މުއްދަތަކަށް އާންމުން ބޭނުންކު ރާ މަގުގެ ނުވަތަ ދުވާރުގެ ބަޔަކަށްވާ ގޮތަށެވެ. މަގުގައި ހިމެނޭ އާންމު ހިދުމަތްތަކަށް މި ބައި ބޭނުންކުރަންވާނީ ބޭނުންވެއްޖެ ހާލަތެއްގައި ބަދަލުކުރެވޭގޮތަށް ހުންނަ ތަކެތި ބެހެއްޓުމަށެވެ.
3.1.7 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށް ވުރެ އުސްކޮށް 45 (ސާޅީސް ފަހެއް) މީޓަރާ ހަމަޔަށް ހަދާއިމާރާތްތަކުގެ ފައުންޑޭށަން ޑިޒައިން ކުރަންވާނީ އިމާރާތް ކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިންނެވެ.
3.1.8 ހަމައެކަނި އެއްކޮޅުން ވަދެވޭގޮތަށް އޮންނަ ގޯޅިއެއްގައި، 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށް ވުރެ އުސްކޮށް 45 (ސާޅީސް ފަހެއް) މީޓަރާ ހަމައަށް އިމާރާތް ކުރުމުގައި އުސްމިން ބަލާއިރު މަގުގެ ފުޅާމިން ކަމުގައި ބަލާނީ، އެއްކޮޅުން ވަދެވޭ ގޯޅީގެ ފުޅާމިނެވެ.
2 ވަނަ މާއްދާ - މި ގަވާއިދުން، ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބު ކުރުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
މާލޭ ޕްލޭނިންގ ގަވާއިދު (ގަވާއިދު ނަންބަރު 2015-192)
ކިޔުންތެރިންގެ ހިޔާލު