ފަރުޒު ހައްޖުވުމަށް މޯލްޑިވްސް ރިޓަރޔަމަންޓް ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2019-1032)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 މޭ 2019 ގައި)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިިއީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ، ފަރުޒު ހއްޖުގެ އަޅުކަން އަދާކުރުމަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މިި ގަވާއިދަށް ކިޔާނީ "ފަރުޒު ހއްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދު އެކުލަވައިލުމުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާއި އެއްގޮތްވާ ގޮތުގެމަތިން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިންގެ ތެރެއިން ފަރުޒު ހއްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ
ބައިވެރިންނަށް، ފަރުޒު ހއްޖުވުމަށް، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ ދޫކުރުމުގެ ށަރުތުތައް ކަނޑައެޅުމާއި، ފައިސާ ދޫކުރުމާބެހޭ ތަފުސީލީ އުސޫލުތަކާއި އިންތިޒާމުތައް ގާއިމުކުރުމާއި، އެ އުސޫލުތައް ތަންފީޒު ކުރުމާއި، އަދި މިކަމާ ގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމެވެ.
3 ވަނަ މާއްދާ - ގަވާއިދު އެކުލަވާލުމުގެ ބާރު
މި ގަވާއިދު އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި 6 ވަނަ މާއްދާގެ (ފ) އިން ޕެންށަން އޮފީހަށް ލިބިދޭ ބާރުގެ ދަށުންނެވެ.
4 ވަނަ މާއްދާ - އިހްތިސާސް
މި ގަވާއިދުގެ ބާރު ހިނގާނީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ އެންމެހައިބައިވެރިންނާއި، ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އަދި ދިވެހިސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށެވެ.
5 ވަނަ މާއްދާ - އެހެނިހެން ގަވާއިދުތަކުގެ ބާރު ހިނގުން
މި ގަވާއިދުގެ މާއްދާތަކާ ތައާރަޒު ނުވާ ހިނދަކު، މި ގަވާއިދު ކިޔަންވާނީ އަދި މާނަކުރަންވާނީ، ގަވާއިދު ނަންބަރު 2014-20 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2014-21 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު) އަދި ގަވާއިދު ނަންބަރު 2014-22 (އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު) ގެ މާއްދާތަކާ އެކުއެކީގައެވެ.
6 ވަނަ މާއްދާ - ހއްޖުވުމަށް ފައިސާ ދޫކުރުމުގެ ށަރުތުތައް
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކަށް ފަރުޒު ހއްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވާ ނަމައެވެ.
(ހ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ފަރުޒު ހއްޖުގެ އަޅުކަން އަދާކޮށްފައިވާ ބައިވެރިއަކަށް ނުވުން.
(ށ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ޕެންށަން ލިބޭ އުމުރު ހަމަވާއިރު މަހަކު 2000 (ދެހާސް) ރުފިޔާ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރު ކަމުގައިވާ 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ، ހއްޖުވުމަށް ފައިސާ ދޫކުރުމަށް އެދި ހުށަހަޅާއިރު،ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފައި ހުރި ބައިވެރިއަކަށްވުން.
(ނ) ގަވާއިދު ނަންބަރު 2016-50 (ގެދޮރު ގަތުމަށްޓަކައި ޕެންށަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމާބެހޭ ގަވާއިދު) ގެ ދަށުން ކޮލެޓަރަލައިޒް ކޮށްފައިވާ ބައިވެރިއެއްނަމަ، ކޮލެޓަރަލައިޒް ކުރެވިފައިވާ އަދަދު ނުހިމަނައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންމެ މަދު މިންވަރުގެ ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފައި ހުރި ބައިވެރިއަކަށްވުން.
(ރ) ފަރުޒު ހއްޖުވުމަށް އެދި ހުށަހަޅާ އަހަރު، ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހއްޖަށް ދިއުމުގެ ޖާގަ ހަމަޖެހިފައިވާ ބައިވެރިއަކަށްވުން.
(ބ) ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ މި ގަވާއިދުގައިވާ ގޮތުގެމަތިން ހއްޖުވުމަށް ބޭނުންކުރުމަށް އެއްބަސްވާ ބައިވެރިއަކަށްވުން.
(ޅ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތަކާއި ކަންކަމަށް އެއްބަސްވާ ބައިވެރިއަކަށްވުން.
7 ވަނަ މާއްދާ - ފައިސާ ދޫކު ރެވޭނެ އެންމެ ގިނަ މިންވަރާއި އަދި ފައިސާ ދޫކުރެވޭނެ މީހުންގެ އަދަދު
(ހ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 31 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކަށް ފަރުޒު ހއްޖުގެ އަޅުކަން އަދާކުރުމަށް ދޫކުރެވޭނީ، ހއްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ އަދަދުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރުނުވާ މިންވަރެކެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ހއްޖަށް ގެންދިއުމުގެ ރަސްމީ އަގު ކަމުގައި ބަލާނީ، ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ދައުލަތަށް ނިސްބަތްވާ ފަރާތުން އެ އަހަރަކު ހއްޖަށް ގެންދިއުމަށް ކަނޑައަޅައި އާއްމުކޮށް އިއުލާނު ކޮށްފައިވާ އަސާސީ އަގެވެ.
(ނ) ފަރުޒު ހއްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ށަރުތު ހަމަވާ ބައިވެރިއަކު މި މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެމަތިން އިހްތިޔާރު ކުރާ އަދަދެއްގެ ފައިސާ ދޫކުރެވޭނީ އެންމެ ފަހަރަކުއެވެ. އަދި ފަރުޒު ހއްޖުވުމަށް ދޫކުރެވޭނީ ހަމައެކަނި އެ ބައިވެރިއެއްގެ ނަމުގައި ހުޅުވާފައިވާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާއެވެ.
(ރ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފަރުޒު ހއްޖުވުމަށް ދޫކުރާ ފައިސާ ލިބުމަށް އެދި، ކޮންމެ މީލާދީ އަހަރަކު ހުށަހަޅާ ބައިވެރިންގެ ތެރެއިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ހުރިހާ ބައިވެރިންނަށް ފައިސާ ދޫކުރެވޭނެއެވެ.
8 ވަނަ މާއްދާ - ހއްޖުވުމަށް ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހެޅުން
(ހ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފަރުޒު ހއްޖުވުމުގެ ފައިސާ ދައްކަން އެދޭ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރުގެ ފައިސާ ޖަމާވެފައިހުރިކަން ނުވަތަ ނެތްކަން، އެ ބައިވެރިންނަށާއި އަދި ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭފަރާތްތަކަށް ބެލޭނެ އިންތިޒާމު ޕެންށަން އޮފީހުން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް ހަމަޖައްސަން ވާނެއެވެ.
(ށ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިން ފަރުޒު ހއްޖަށް ދިއުމުގެ ޖާގަ ހަމަޖައްސައިދިނުމަށް އެދި ހުށަހަޅަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޕެންށަން އޮފީހާއެކު އެއްބަސްވުން ގާއިމުކޮށްފައިވާ ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކަށެވެ.
(ނ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކު ފަރުޒު ހއްޖުވުމަށް އެދި ހުށަހަޅާ އަހަރު، ހއްޖަށް ދިއުމުގެ ޖާގަ ހަމަޖެހިއްޖެނަމަ، ޕެންށަން އޮފީހުން ކަނޑައަޅާ ފޯމެއް މެދުވެރިކޮށް ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން ޕެންށަން އޮފީހަށް އެކަން އަންގަންވާނެއެވެ.
9 ވަނަ މާއްދާ - ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދެވޭނެ ފަރާތް
(ހ) ޕެންށަން އޮފީހާއި ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދުމިކަމާބެހޭ އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ. މި ގަވާއިދުގެ ބޭނުމަށް، ފަރުޒުހއްޖަށް ގެންދިއުމުގެ ހިދުމަތް ހަމައެކަނި ފޯރުކޮށްދެވޭނީ ޕެންށަން އޮފީހާއިއެކު އެއްބަސްވުން ގާއިމްކޮށްފައިވާ ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭފަރާތްތަކަށެވެ.
(ށ) ޕެންށަން އޮފީހާއި ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ދެމެދުވެވޭ އެއްބަސްވުމުގައި އިދާރީ އިންތިޒާމުތައް ހަމަޖައްސާނެ ގޮތާއި، ފައިސާ ދޫކުރެވޭނެ ގޮތާއި އަދި މިނޫންވެސް މިކަމާ ގުޅުންހުރި ކަންކަން ބަޔާންކުރަންވާނެއެވެ.
(ނ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފަރުޒު ހއްޖުވުމަށް ފައިސާ ދޫކުރުމާ ބެހޭގޮތުން ޕެންށަން އޮފީހާއެކު އެއްބަސްވުން ގާއިމުކޮށްފައިވާ، ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތު ޕެންށަން އޮފީހުގެ ވެބްސައިޓްގައި އާއްމުކޮށް ށާއިއު ކުރަންވާނެއެވެ.
10 ވަނަ މާއްދާ - ފައިސާ ޓްރާންސްފަރ ކުރުން
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕެންށަން އޮފީހަށް ފޯމު ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 7 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެމަތިން ށަރުތު ހަމަވާ ބައިވެރިންގެ ފައިސާ ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ޕެންށަން އޮފީހުން ޓްރާންސްފަރ ކުރަންވާނެއެވެ.
(ށ) ފަރުޒު ހއްޖުވުމުގެ އަގުގެ ގޮތުގައި ޓްރާންސްފަރ ކުރަންޖެހޭ ފައިސާގެ ތެރޭގައި އެކްރޫޑް ރައިޓްސްގެ ގޮތުގައި ޖަމާކުރެވިފައިވާ ފައިސާ ހިމެނޭނަމަ، އެކްރޫޑް ރައިޓްސްގެ ފައިސާ ހޯދުމަށް އެދި ޕެންށަން އޮފީހުން ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސުން އެ ފައިސާ ޕެންށަން އޮފީހަށް ފޯރުކޮށްދޭންވާނެއެވެ.
11 ވަނަ މާއްދާ - ފައިސާ ގެ ރެކޯޑް ބެލެހެއްޓުން
ފަަރުޒު ހއްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ދޫކުރެވޭ ފައިސާގެ ހިސާބުތައް ޕެންށަން އޮފީހުން ވަކިން ބަލަހައްޓަންވާނެއެވެ.
12 ވަނަ މާއްދާ - އަސާސީ ޕެންށަން ހިސާބު ކުރުމުގައި ފަރުޒު ހއްޖުވުމަށް ދޫކުރެވޭ ފައިސާ ހިމެނުން
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމް މެދުވެރިކޮށް ފަރުޒު ހއްޖުވުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން އުނިކުރާ ފައިސާއަކީ، އަސާސީ ޕެންށަން ހިސާބުކުރުމުގައި ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފައި ހުރި ފައިސާ ކަމުގައި ބެލެވޭނެއެވެ.
13 ވަނަ މާއްދާ - ޕެންށަން އޮފީހުގެ ދައުރު
މި ގަވާއިދުގެ ބޭނުމަށްޓަކައި، ޕެންށަން އޮފީހުގެ ހަމައެކަނި ދައުރަކީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޒު ހއްޖުވުމަށް ދޫކުރުމެވެ.
14 ވަނަ މާއްދާ - ފައިސާ ދޫކުރެވުނު ބައިވެރިންގެ މައުލޫމާތު
ފަރުޒު ހއްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރެވުނު ބައިވެރިންގެ މައުލޫމާތު ޕެންށަން އޮފީހުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އެ އަހަރެއްގެ ހއްޖު ދުވަހުގެ 7 (ހަތެއް) ދުވަސް ކުރިން ފޮނުވަންވާނެއެވެ. މިގޮތުން ޕެންށަން އޮފީހުން ފޮނުވާ ލިސްޓުގައި ހިމެނޭ ބައިވެރިއަކު އެއްވެސް ސަބަބަކާހުރެ އެ އަހަރު ހއްޖަށް ނުދެވިއްޖެނަމަ، އެ އަހަރެއްގެ ހއްޖު ދުވަހުގެ ފަހުން ގިނަވެގެން 7 (ހަތެއް) ދުވަސް ތެރޭގައި އެ މައުލޫމާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޕެންށަން އޮފީހާ ޙިއްސާ ކުރަންވާނެއެވެ.
15 ވަނަ މާއްދާ - ފައިސާ ރައްދުކުރުން
ފަަރުޒު ހއްޖުވުމަށް ފައިސާ ދޫކުރެވުނު ބައިވެރިއަކު އެއްވެސް ސަބަބަކާހުރެ އެ އަހަރަކު ހއްޖަށް ނުދެވިއްޖެނަމަ، އެ އަހަރެއްގެ ހއްޖު ދުވަހުގެ ފަހުން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ބައިވެރިއަކު ހއްޖަށް ގެންދިއުމަށް ދޫކުރެވުނު އެންމެހައި ފައިސާ، ހއްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން ޕެންށަން އޮފީހަށް އަނބުރާ ރައްދު ކުރަންވާނެއެވެ. މިގޮތަށް ރައްދު ކުރެވޭ ފައިސާ ޕެންށަން އޮފީހަށް ލިބޭތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ފައިސާ ނިސްބަތްވާ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރަންވާނެއެވެ.
16 ވަނަ މާއްދާ - މާނަ ކުރުން
(ހ) މިި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދަކު، މި ގަވާއިދުގެ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައި އެވަނީ، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގައި އެ ލަފުޒުތަކާއި އަދި އިބާރާތްތަކަށް ދީފައިވާ މާނައިގައެވެ.
(ށ) މި ގަވާއިދުގައި "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ ދަށުން އެކުލަވައިލައި ފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމަށެވެ.
(ނ) މި ގަވާއިދުގައި "ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ ހއްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދީފައިވާ ގާނޫނީ ށަޙްސުތަކާއި އަދި ދިވެހި ސަރުކާރުން ޙިއްސާވާ ގޮތަށް ހއްޖުގެ އަޅުކަން އަދާކުރުމާ ގުޅުންހުރި މަސައްކަތް ކުރުމަށް އުފައްދާފައިވާ ކުންފުނި ނުވަތަ އެ މަސައްކަތް ކުރުމަށް ސަރުކާރުން ހވާލުކުރާ އިދާރާތަކުގެތެރެއިން ޕެންށަން އޮފީހާއެކު އެއްބަސްވުން ގާއިމުކޮށްފައިވާ ފަރާތްތަކަށެވެ.
17 ވަނަ މާއްދާ - ގަވާއިދު އިސްލާޙުކުރުން
މި ގަވާއިދަށް އިސްލާޙެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި، އެ އިސްލާޙެއް ގެނައުމުގެ ބާރު ލިބިގެންވަނީ ޕެންށަން އޮފީހަށެވެ.
18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މިި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ކިޔުންތެރިންގެ ހިޔާލު