-

އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2016-29) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-14)

 

ގާނޫނު ނަންބަރު 2016-29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތައާރުފާއި ނަން 1.

(ހ) މިއީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްގެ ގޮތުގައި އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް، އަދި ފީގެ ގޮތުގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ ގާނޫނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ށ)  ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

2.(ނ) މި މާއްދާގެ ދަށުން ނަގާ އެއަރޕޯޓް ސަރވިސް ޗާޖް ނަގާނީ 31 ޑިސެންބަރު 2021 ގެ ނިޔަލަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

2-1 ޑިޕާޗަރ ޓެކްސް

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގޭނެއެވެ.

ދަތުރުކުރާ ކްލާސް

ދިވެހިންގެ އަތުން

ބިދޭސީންގެ އަތުން

އިކޮނޮމީ ކްލާސް 12 އެމެރިކާ ޑޮލަރު 30 އެމެރިކާ ޑޮލަރު
ބިޒްނަސް ކްލާސް 60 އެމެރިކާ ޑޮލަރު 60 އެމެރިކާ ޑޮލަރު
ފަސްޓް ކްލާސް 90 އެމެރިކާ ޑޮލަރު  90 އެމެރިކާ ޑޮލަރު
ޕްރައިވެޓް ޖެޓް 120 އެމެރިކާ ޑޮލަރު  120 އެމެރިކާ ޑޮލަރު

 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ޓެކްސް ނަގާނީ، 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. 

(ނ) ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ 3.

(ހ) ޓްރާންސިޓް ފަސިންޖަރުން ހިމެނޭ ގޮތުން، ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ސަރވިސް ޗާޖާއި މި ގާނޫނުގެ 1-2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑިޕާޗަރ ޓެކްސްގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގޭނެއެވެ.

 

  1. މޭ 2017 އިން ފެށިގެން 31 ޑިސެންބަރު 2021 ގެ ނިޔަލަށް:

    ފަސިންޖަރުން ޢަދަދު (އެމެރިކާ ޑޮލަރުން)
    ދިވެހި ފަސިންޖަރުން 12
    ދިވެހި ފަސިންޖަރުން 25
  2. 1 ޖަނަވަރީ 2022 އިން ފެށިގެން:

    ދަތުރުކުރާ ކްލާސް

    ދިވެހިންގެ އަތުން

    ބިދޭސީންގެ އަތުން

    އިކޮނޮމީ ކްލާސް 12 އެމެރިކާ ޑޮލަރު 30 އެމެރިކާ ޑޮލަރު
    ބިޒްނަސް ކްލާސް 60 އެމެރިކާ ޑޮލަރު 60 އެމެރިކާ ޑޮލަރު
    ފަސްޓް ކްލާސް 90 އެމެރިކާ ޑޮލަރު  90 އެމެރިކާ ޑޮލަރު
    ޕްރައިވެޓް ޖެޓް 120 އެމެރިކާ ޑޮލަރު  120 އެމެރިކާ ޑޮލަރު

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަދި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ނެގުމުގެ ޒިންމާ 4.

(ހ) ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގައި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، މި ގާނޫނުގެ ދަށުން ނަގާ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގުމާއި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ އެ އެއަރލައިނެއްގެ ޒިންމާއެކެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

4(ނ) ދިވެހިރާއްޖެއަށް ށެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގެ މަތިންދާބޯޓަކުން 4 ނޫން ގޮތަކަށް، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، މި ގާނޫނުގެ ދަށުން ނަގާ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގުމާ އި، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން ހުށަހެޅުމާއި، މި ގާނޫނުގެ 6 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ހަމައަށް ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަޔާން ހުށަހެޅުން 5.

(ހ) ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި ފަސިންޖަރުންނާބެހޭ މައުލޫމާތާއި، އެ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގަންޖެހޭ އަދަދާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ އަދަދު އަންގައިދޭ ބަޔާނެއް، މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ. 

(ށ) އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަންޖެހޭ ފަރާތެއް އެ މަހެއްގައި ދިވެހިރާއްޖޭން ބޭރަށް ނުފުރިކަމުގައިވިޔަސް، މި މާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ދެއްކުން 6.

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ތައްޔާރުކުރާ ބަޔާނުގައިވާ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު، އެ މަހެއްގެ ބަޔާން ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން މީރާއަށް ދައްކަންވާނެއެވެ. 

(ށ) އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ. 

(ނ) މި މާއްދާގެ ދަށުން ދައްކަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ކަނޑައެޅިފައިވާ ތާރީހަށް މީރާއަށް ނުދައްކައިފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތް ޖޫރިމަނާވާނެއެވެ.

 

10 ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަނބުރާ ނުލިބޭނެ ދަރަނި 8.

އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އެއަރލައިނަށް ނުވަތަ އެއަރޕޯޓް ހިންގާ ފަރާތަށް ތިންވަނަ ފަރާތަކުން ލިބެންޖެހި ނުލިބިވާ ފައިސާ، އަނބުރާ ނުލިބޭނެ ދަރަނީގެ ގޮތުގައި އުނިކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ގާނޫނާ ހިލާފަށް ނަގާ ޓެކްސްއާއި ފީ ފަސިންޖަރުންނަށް އަނބުރާ ދެއްކުން 1-8

(ހ) މ ގާނޫނުގެ ދަށުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުން ހުއްދަ ނޫން ފަރާތަކުން އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގައިފިނަމަ، ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ނުޖެހޭ ފަރާތެއްގެ އަތުން ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގައިފިނަމަ، އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑީގެ ކުރިން އެ ފައިސާ، އެ ފަސިންޖަރަށް އަނބުރާ ދޭންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފަސިންޖަރަށް އެ ފައިސާ އަނބުރާ ރައްދުކޮށްފައިނުވާނަމަ، އެ ފައިސާ މީރާއަށް ދައްކަންވާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރެކޯޑު ބެލެހެއްޓުން 9.

(ހ) އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ އެއްވެސް ފަރާތަކުން ދައްކަންޖެހޭ ފައިސާގެ އަދަދަކީ ސައްހަ އަދަދެއްކަން ޔަގީންކޮށްދިނުމުގެ ބޭނުމަށް އަންނަނިވި ރެކޯޑުތައް ބަލަހައްޓަންވާނެއެވެ.

  1. އެކި ފަރާތްތަކުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އެ ފަރާތްތަކަށް ފޮނުވާ އިންވޮއިސްތަކާއި، ފައިސާ ލިބުމުން ތައްޔާރުކުރާ ރަސީދުތަކާއި، ފައިސާ ހޯދުމަށްޓަކައި އެ ފަރާތްތަކާ ދެމެދު ލިޔުމުން ކުރެވޭ އެނޫންވެސް މުއާމަލާތުތައް؛ އަދި
  2. އެ އެއަރލައިނުން އޮޕަރޭޓްކުރާ، ނުވަތަ އެ އެއަރޕޯޓުން ފުރާ ފްލައިޓްތަކުގެ މެނިފެސްޓް؛ އަދި
  3. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް މައުލޫމާތު.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން ވެފައިވާ އެއްބަސްވުމެއްގައި، އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސްއަށް ރިއާޔަތްކޮށްފައިވާ މާއްދާތައް ނުވަތަ މާއްދާއެއްގެ ބައެއް ނަމަވެސް، މި ގާނޫނާ ތައާރުޟުވާ މިންވަރަކަށް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ބާތިލުވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

13(ނ) 1 ޖަނަވަރީ 2022 ގައި، ނުވަތަ އެ ތާރީހުގެ ފަހުން ދަތުރުކުރުމަށްޓަކައި، ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލުތަކާއި، ޑިޕާޗަރ ޓެކްސް ނެގުމުގައި ދަތުރުކުރާ ކްލާސްތައް ކަނޑައަޅާނެ މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

15 ވަނަ މާއްދާ -

ބުނެވިދިޔަ ގާނޫނުގައި "އިބްރާހީމް ނާސިރު އިންޓަރނޭށަނަލް އެއަރޕޯޓް" މިފަދައިން ބަޔާންކޮށްފައިވާ އެންމެހައި އިބާރާތްތައް، "ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓް" އަށް ބަދަލުކުރުން.

 

16 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެ ން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 2016-29)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު