-

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު (ގާނޫނު ނަންބަރު  2013-05) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު  

(ގާނޫނު ނަންބަރު 2021-12)

 

ގާނޫނު ނަންބަރު 2013-05 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

27-1 ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭނެ ރަސްމީ ތަން

(ހ) ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ތަނަކާއި،  އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއް ކަމުގައިވާންވާނެއެވެ.

(ނ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ.

(ރ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.

(ބ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާ ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެކުގައި ދިރިއުޅޭ، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި، އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ދަރިންނާއި، 18 (އަށާރަ) އަހަރު ފުރިފައިވީނަމަވެސް ކާވެންޏެއް ނުކޮށް ތިބޭ ދަރިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ދަރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަންމައާއި ބައްޕައަށެވެ.

 

.27-2 ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހިމާޔަތާއި ރައްކާތެރިކަން

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2013-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު