-

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2013-12) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-03)

 

ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

6. ޓްރެފިކްކުރުން ނުވަތަ ޓްރެފިކްކުރުމުގެ އަމަލެއް ހިންގުން 

"ޓްރެފިކްކުރުން" ނުވަތަ "ޓްރެފިކްކުރުމުގެ އަމަލެއް ހިންގުން" ކަމަށް ބުނެފައިއެވަނީ، މީހުން ޓްރެފިކްކުރުމުގެ އަމަލެއް ކަމަށް މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ތެރެއިން އަމަލެއް، ނުވަތަ ކުޑަކުދިން ޓްރެފިކްކުރުމުގެ އަމަލެއް ކަމަށް މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގުމަށެވެ.
 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

10.އެކްސްޕްލޮއިޓޭށަންގެ އަމަލު

"އެކްސްޕްލޮއިޓޭށަންގެ އަމަލު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ އަމަލުތަކުގެ ތެރެއިން އަމަލެއް، މީހަކާމެދު ހިންގުމަށެވެ. އޭގެ ތެރޭގައި، ކުޑަކުއްޖަކާމެދު އެފަދަ އަމަލެއް ހިންގުންވެސް ހިމެނެއެވެ.
 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. މީހުން ޓްރެފިކްކުރުން

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ، މީހުން ޓްރެފިކްކުރުން ކަމުގައި ބެލޭނެއެވެ.

  1. މީހަކާމެދު ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ނުވަތަ މަކަރު ހަދައިގެން ނުވަތަ އިތުބާރުކުރެވޭ މަގާމެއްގެ ނަހަމަ ބޭނުންކޮށްގެން ނުވަތަ މީހަކަށް ކުރިމަތިވެފައިވާ ނިކަމެތިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ބޭނުން ހިފައިގެން ނުވަތަ ފައިސާ ނުވަތަ އެނޫންވެސް މަންފާއެއް ދީގެން ނުވަތަ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން އޭނާއާމެދު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުން؛
    i. ބޭރު ގައުމަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމަކަށް ފޮނުވުން ނުވަތަ ބަދަލުކުރުން؛ ނުވަތަ
    ii. ދިވެހިރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ގެންދިޔުން ނުވަތަ ބަދަލުކުރުން؛ ނުވަތަ
    iii. މީހަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުން؛ ނުވަތަ
    iv. ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުން؛ އަދި
  2. އެކަން ކުރީ، އެމީހާއާމެދު އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގުމުގެ މަގްސަދުގައި ކަމަށްވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލު އެމީހަކާ ދެކޮޅަށް ހިންގޭ މީހާ، އެ މާއްދާގެ (1) ވަނަ ނަންބަރުގެ (i) އިން ފެށިގެން (iv) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ކަންކަމަށް ރުހުންދިން ކަމުގައިވީނަމަވެސް، އެ ރުހުން ހޯދާފައިވަނީ، މި މާއްދާގެ  (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ އަމަލުތައް ހިންގައިގެން ކަމަށްވާނަމަ، އެ އަމަލު ހިންގާ މީހާ މި މާއްދާގައި ބަޔާންކުރާ ޓްރެފިކްކުރުމުގެ އަމަލު ހިންގީ ކަމުގައި ބެލޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގުން ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ އެކްސްޕްލޮއިޓޭށަންގެ އަމަލު މީހަކާމެދު ހިންގުމަށެވެ.
 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

13. އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގުން

(ހ) އަންނަނިވި ކަންކަން ކުރުމަކީ، މީހަކާމެދު އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގުން ކަމުގައި ބެލޭނެއެވެ.

  1. މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް މީހަކަށް ލާޒިމުކުރުން؛ އަދި އޭނާ ލައްވާ އެ މަސައްކަތް ކުރުވަނީ ނުވަތަ އެ ހިދުމަތެއް ފޯރުކުރުވަނީ ވަކި ކަމަކަށް ށަރުތުކުރުވުމަށް ފަހުގައި ކަމަށްވުން؛ އަދި އޭނާއަށް ކުރިމަތިކުރުވާފައިވާ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއްގެ ސަބަބުން އޭނާއަށް އެ ހާލަތު ނުވަތަ އެ ށަރުތު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛ ނުވަތަ
  2. ގާނޫނީ އިލްތިޒާމެއް އުފުލަންޖެހޭ އެއްބަސްވުމެއްގައި އޭނާ ބައިވެރިވާން ލާޒިމުކުރުން؛ އަދި އެފަދައިން އޭނާ އެ އެއްބަސްވުމުގައި ބައިވެރިވުމަށް ލާޒިމުކުރަނީ، ވަކި ކަމަކަށް ށަރުތު ކުރުވުމަށްފަހުގައި ކަމަށްވެފައި، އޭނާއަށް ކުރިމަތިކުރުވާފައިވާ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއްގެ ސަބަބުން އޭނާއަށް އެ އެއްބަސްވުން ނުވަތަ އެ ށަރުތު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛ ނުވަތަ
  3. ވަކި މީހަކާ ކައިވެނިކުރުމަށް ލާޒިމުކުރުވުން، އަދި އެފަދައިން އޭނާ ކައިވެނިކުރުމަށް ލާޒިމުކުރުވަނީ، ވަކި ކަމަކަށް ށަރުތު ކުރުވުމަށްފަހުގައި ކަމަށްވެފައި، އޭނާއަށް ކުރިމަތިކުރުވާފައިވާ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއްގެ ސަބަބުން އޭނާއަށް އެ ށަރުތު ބަދަލުކުރުމުގެ މިނިވަންކަން ނެތުން ނުވަތަ އޭނާގެ ކައިވެނީގެ ހައިސިއްޔަތު ބަދަލުކުރުމުގެ މިނިވަންކަން ނެތުން؛ ނުވަތަ
  4. އޭނާ ނުވަތަ އޭނާގެ ބާރުގެ ދަށުގައިވާ މީހެއްގެ ފަރާތުން ވަކި މަސައްކަތެއް ކުރުވުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް އެއްބަސްކުރުވުން އަދި އެ އެއްބަސްވުން އޭނާ ވަނީ އެ އެއްބަސްވުން ވުމަށް ފަހުގައި އުފެދޭ ނުވަތަ އުފެދޭކަމަށް ތުހުމަތުކުރެވޭ ދަރަންޏެއްގެ މުގާބިލުގައި ކަމަށްވެފައި، އެ ދަރަންޏަކީ ނިސްބަތުން ބޮޑު އަދަދެއްގެ ދަރަންޏެއްކަން ކަނޑައެޅިގެން އެނގެން އޮތުން ނުވަތަ އެ މަސައްކަތަކާ ނުވަތަ ހިދުމަތަކާ އެކަށީގެންވާ އަގެއް އެ ދަރަނި އަދާކުރުމުގައި ކަނޑައަޅާފައިނުވުން ނުވަތަ އެ މަސައްކަތަކީ ނުވަތަ ހިދުމަތަކީ، އޭގެ ބާވަތް ކަނޑައެޅިފައިނުވާ ނުވަތަ މުއްދަތެއް ނުވަތަ ބޮޑުމިނެއް ކަނޑައެޅިފައިނުވާ މަސައްކަތެއް ނުވަތަ ހިދުމަތެއް ކަމުގައިވުން؛ ނުވަތަ
  5. ޖިންސީ އަމަލު ހިންގުމަށް މަޖުބޫރުކުރުވުން ނުވަތަ ޖިންސީ އަމަލެއް ހިންގުމުގައި ބައިވެރިކުރުވުން ނުވަތަ ހަށިވިއްކަން މަޖުބޫރުކުރުވުން؛ ނުވަތަ
  6. އޭނާގެ ހަށިގަނޑުގެ ގުނަވަނެއް ނެގުން ނުވަތަ ނެގުމަށް މަޖުބޫރުކުރުވުން؛ ނުވަތަ
  7. މިނޫނަސް، މިފަދަ އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގުން.

(ށ) އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގެނީ ކުޑަކުއްޖަކާ ދެކޮޅަށް ކަމުގައިވާ ހާލަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކުޑަކުއްޖަކާމެދު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ އެކްސްޕްލޮއިޓޭށަންގެ އަމަލެއް ކަމުގައި ބެލޭނެއެވެ.

  1. ކުއްޖާގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މަސައްކަތެއް އެ ކުއްޖާ ލައްވާ ކުރުވުމަށް ލާޒިމުކުރުން ނުވަތަ އެފަދަ ހިދުމަތެއް އެ ކުއްޖާގެ ފަރާތުން ހޯދުން؛ ނުވަތަ
  2. ކުއްޖާގެ އުމުރުގެ ގޮތުން އެ ކުއްޖާ ލައްވާ ކުރުވުމަށް ގާނޫނު މަނާކުރާ މަސައްކަތެއް އޭނާ ލައްވާ ކުރުވުން ނުވަތަ އެފަދަ ހިދުމަތެއް އެ ކުއްޖާގެ ފަރާތުން ހޯދުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. ކުޑަކުދިން ޓްރެފިކްކުރުން

(ހ) އަންނަނިވި ކަންކަން ކުރުމަކީ، ކުޑަކުއްޖަކު ޓްރެފިކްކުރުން ކަމުގައި ބެލޭނެއެވެ.

  1. ކުޑަކުއްޖަކާމެދު އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގުން:
    i. ބޭރު ގައުމަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމަކަށް ފޮނުވުން ނުވަތަ ބަދަލުކުރުން؛ ނުވަތަ
    ii. ދިވެހިރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ގެންދިޔުން ނުވަތަ ބަދަލުކުރުން؛ ނުވަތަ
    iii. ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި އެފަދަ ކުއްޖެއް ބެހެއްޓުން؛ ނުވަތަ
    iv. ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުން؛ އަދި
  2. އެކަން ކުރީ، އެ ކުއްޖާއާމެދު އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގުމުގެ މަގްސަދުގައި ކަމަށްވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް މީހަކު ކުޑަކުއްޖަކާމެދު ހިންގިކަން ސާބިތުކުރުމުގައި، އެ އަމަލު އެ ކުއްޖާއާމެދު ހިންގުމުގައި ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވާފައިވޭތޯ ނުވަތަ ނުވޭތޯ ބެލުން މުހިންމެއް ނޫނެވެ. އަދި ވަކި މީހަކު މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ އަމަލުތަކުގެ ތެރެއިން އަމަލެއް، އެ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މަގްސަދުގައި ކުޑަކުއްޖަކާ ދެކޮޅަށް ކުރިކަން ސާބިތުކޮށްދެވިއްޖެނަމަ، އެމީހަކު ކުޑަކުއްޖަކު ޓްރެފިކްކުރީ ކަމުގައި ބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގުން ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ އެކްސްޕްލޮއިޓޭށަންގެ އަމަލެއް ކުޑަކުއްޖަކާމެދު ހިންގުމަށެވެ.
 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

17.(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ޓްރެފިކްކުރުން ކަމަށް ބުނެފައިއެވަނީ،  މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ އަމަލު ހިންގުމަށެވެ.
 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކުޑަކުދިން ޓްރެފިކްކުރުން ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އަމަލު ހިންގުމަށެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

18. (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

 
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

19.ޓްރެފިކްކުރަން އުޅުން ނުވަތަ ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށް

(ހ) މީހުން ޓްރެފިކްކުރަން އުޅުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން އުޅުމަކީ، ނުވަތަ މީހުން ނުވަތަ ކުޑަކުދިން ޓްރެފިކްކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން 

20. ޓްރެފިކްކުރަން ރޭވުމާއި އަމުރުކުރުމުގެ ކުށް

(ހ) މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ މީހުން ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން އަމުރު ކުރުމަކީ ކުށެކެވެ.
 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

21. (ށ) މި މާއްދާގެ ދަށުން މީހެއްގެ މައްޗަށް ދައުވާ އުފުލާ ހާލަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (16) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ އަމަލުތަކުގެ ތެރެއިން އަމަލެއް އޭނާ ކުރި ކަމަށް ށަރީއަތަށް ސާބިތުނުވި ނަމަވެސް، މި ގާނޫނުގެ 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާ ނުވަތަ 19 ވަނަ މާއްދާ ނުވަތަ 20 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް އޭނާގެ މައްޗަށް ސާބިތުވާ ހާލަތުގައި، އެ ކުށަށް ކަނޑައެޅިފައިވާ އަދަބު އޭނާއަށް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

28.ލިޔެކިޔުން ތައްޔާރުކުރުމާއި ބަދަލުކުރުމުގެ ކުށް

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާ ނުވަތަ 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރުމަށްޓަކައި ނުވަތަ އެފަދަ ކުށެއް ކުރުމަށް މަގުފަހިކުރުމަށްޓަކައި މީހެއްގެ ކާކުކަން އަންގައިދޭ މައުލޫމާތު ހިމެނޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ނުވަތަ ވަޒީފާއަދާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ހުއްދައެއް ނުވަތަ މީހަކަށް ވަޒީފާއެއް ދިންކަން ނުވަތަ ދޭނެކަން އަންގައިދޭ ލިޔުމެއް ގާނޫނާ ހިލާފަށް ތައްޔާރުކުރުމަކީ، ނުވަތަ އުފެއްދުމަކީ، ނުވަތަ ބަދަލުކުރުމަކީ، ނުވަތަ އެއިން އެއްޗަކަށް އުނިއިތުރު ގެނައުމަކީ ކުށެކެވެ.

 
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

29.ލިޔެކިޔުމާގުޅޭ އިތުރު ކުށް

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާ ނުވަތަ 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރުމަށްޓަކައި ނުވަތަ އެފަދަ ކުށެއް ކުރުމަށް މަގުފަހިކުރުމަށްޓަކައި މީހެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ނުވަތަ ވަޒީފާއަދާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ހުއްދައެއް ނުވަތަ މީހަކަށް ވަޒީފާއެއް ދިންކަން ނުވަތަ ދޭނެކަން އަންގައިދޭ ލިޔުމެއް ނަހަމަގޮތުގައި ބޭނުންކުރުމަށްޓަކައި އެއްވެސް އެއްޗެއް ހޯދައިދިނުމަކީ ނުވަތަ ގަތުމަކީ، ނުވަތަ ނައްތާލުމަކީ ނުވަތަ ފޮރުވުމަކީ ނުވަތަ ނެގުމަކީ ނުވަތަ ހިފެހެއްޓުމަކީ ނުވަތަ ބަދަލުކުރުމަކީ ނުވަތަ ނަކަލުކުރުމަކީ، ނުވަތަ އަތުގައި ބެހެއްޓުމަކީ ކުށެކެވެ. އަދި މިފަދަ ކަމެއް ކުރުމަށް ނުވަތަ މިފަދަ ކަމަކަށް މަގުފަހިވާގޮތަށް ވެވޭ އެއްބަސްވުމަކީވެސް ބާތިލު އެއްބަސްވުމެކެވެ.
 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

59.ބަދަލު ނަގައިދިނުން

(ހ) މި ގާނޫނުގެ 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާ ނުވަތަ 19 ވަނަ މާއްދާ ނުވަތަ 20 ވަނަ މާއްދާ ނުވަތަ 21 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ހާލަތެއްގައި، އެމީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބެއްގެ އިތުރުން، ޓްރެފިކްކުރެވޭ މީހާއަށް މި މާއްދާގައިވާ ގޮތުގެމަތިން ޓްރެފިކްކުރާ މީހާގެ އަތުން ށަރީއަތުން ބަދަލު ނަގައިދޭންވާނެއެވެ.

(ށ) ޓްރެފިކްކުރެވޭ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި މި މާއްދާގެ ދަށުން އަންނަނިވި ބާވަތުގެ ބަދަލު ނަގައިދެވޭނެއެވެ.

  1. އޭނާއަށް ލިބެންޖެހި ނުލިބިވާ އުޖޫރަ؛
  2. ގާނޫނާ ހިލާފަށް އުޖޫރައިން އުނިކޮށްފައިވާ އަދަދުތައް؛
  3. ގާނޫނާ ހިލާފަށް އެމްޕްލޯއިމަންޓް އެޖެންސީއަކަށް ނުވަތަ ރެކްރޫޓްމަންޓް އެޖެންސީއަކަށް ދައްކާފައިވާ ރެކްރޫޓްމަންޓް ފީ؛
  4. ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި އުޖޫރައިން އުނިކޮށްފައިވާ އަދަދު؛
  5. ޓްރެފިކްކުރުމުގެ ށިކާރައަކަށްވުމުގެ ސަބަބުން މެދުވެރިވެފައިވާ ސިއްހީ ހާލަތެއްގެ ސަބަބުން ހޯދަންޖެހުނު ބޭސްފަރުވާއަށް ހިނގި ހަރަދު؛
  6. ސީދާގޮތުން ލިބުނު އެނޫންވެސް ގެއްލުމުގެ ބަދަލު.

(ނ) މި މާއްދާގެ ދަށުން ބަދަލު ނަގައިދިނުމުގައި، ޓްރެފިކްކުރެވޭ މީހާއަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް، ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، މި މާއްދާއާ ހަވާލާދީ، ކޯޓުންނެވެ.
 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

59-1. ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން 

(ހ) މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފައިސާ ދައުލަތަށް ނެގުމުގައި އަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
 

16 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2013-12)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު