-

މި ގާނޫނުއަސާސީ ވަނީ 1998 ގެ ގާނޫނުއަސާސީން އުވާލެވިފައި 

ގާނޫނުއަސާސީ - 1968

(1968)

 

1 ވަނަ މާއްދާ

މި ގާނޫނުއަސާސީއަކީ، ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިންގުން ލާޒިމްވެގެންވާ ގާނޫނުއަސާސީ އެކެވެ. ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ބޭރު ކަނޑުތޮށިން ފެށިގެން 12 މޭލުގެތެރޭގައިވާ ޖަޒީރާތަކާއި، އަދި އެ ޖަޒީރާތަކާ ގުޅިފައިވާ ކަނޑާއި ވަޔާއި، ހުރިހާ ތަނެކެވެ. 

 

ދިވެހި ދައުލަތް 

2 ވަނަ މާއްދާ

ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަން ފުރިހަމައަށް ލިބިގެންވާ ވެރިކަމެއްކުރާ އިސްލާމީ ދައުލަތެކެވެ. ނަމަކީ ދިވެހި ޖުމްހޫރިއްޔާއެވެ. 

 

3 ވަނަ މާއްދާ -  

ދިވެހިރާއްޖޭގެ ވެރިކަމަކީ ޖުމްހޫރީ ވެރިކަމެކެވެ. ދީނަކީ އިސްލާމް ދީނެވެ. ވެރިކަންކުރާ ރަށަކީ މާލެއެވެ. 

 

ދިވެހިރއްޔިތް

4 ވަނަ މާއްދާ

(ހ) މި ގާނޫނުއަސާސީ އިއުލާންކުރެވޭއިރު ދިވެހިރައްޔިތެއްގެ ހައްގު ލިބިފައިވާ ކޮންމެ މީހަކީ ދިވެހިރައްޔިތެކެވެ. 

(ށ) ދިވެހި އަންހެނަކު ބޭރުމީހަކާ އިދެގެންލިބޭ ދަރިއަކުނޫން ކޮންމެ ދިވެހި އަންހެނަކަށްލިބޭ ދަރިއަކާއި، ދިވެހި ބަފައަކަށް އުފަންދަރިއަކީ ދިވެހި ރައްޔިތެކެވެ. 

(ނ) ބޭރުމީހުންކުރ ރާއްޖޭގެ ގާނޫނު އެމީހާއީ ދިވެހި ރައްޔިތަކު ކަމުގައިވުން ގަބޫލުކޮށްފި ކޮންމެ މީހަކީ ދިވެހިރައްޔިތެކެވެ. 

(ރ) ގާނޫނު ގައިވާގޮތުގެ މަތިން ރާއްޖޭގެ ރައްޔިތަކުކަމުގައިވުން ގަބޫލުކޮށްގެން ރާއްޖޭގެ އަންހެނަކާއި ބޭރުމީހަކު އިދެގެންލިބޭ ދަރީންނަކީ، ދިވެހިރައްޔިތުންނެވެ. 

(ބ) މިމާއްދާގެ (ހ)، (ށ)، (ނ)، އަދި (ރ) ގައި ބުނެފައިވާ ގޮތުން ދިވެހި ރައްޔިތެއްކަމުގެ ހައްގު ލިބިފައިވާ މީހެއްގެ ކިބައިން ގާނޫނުގައިވާގޮތުގެ މަތިން އެ ހައްގު ނިގުޅިދާނެއެވެ. 

 

ރައްޔިތުންގެ ހައްގު

5 ވަަނަ މާއްދާ -  

ދިވެހިންނަކީ، ގާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ ބައެކެވެ. 

  

6 ވަނަ މާއްދާ

ށަރީއަތުގައި ނުވަތަ ގާނޫނުގައި ބަޔާންވެގެންވާ ހުކުމެއްގެ މައްޗަށް ބިނާކޮށްގެން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރުކޮށްގެން ނުވާނެއެވެ. 

 

7 ވަނަ މާއްދާ

ށަރީއަތުގައި ނުވަތަ ގާނޫނުގައި ބަޔާންވެގެންވާ ކުށެއްގެ މައްޗަށް މެނުވީ އެއްވެއްމީހަކަށް އަދަބެއްދީގެން ނުވާނެއެވެ.  އަދި އެއްވެސް ހާލެއްގައި އަނިޔާއެއް ކަމުގައި ހިމެނޭނޭ ހާނީއްކައެއް ކޮށްގެން ނުވާނެއެވެ. 

 

8 ވަނަ މާއްދާ

ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުން މެނުވީ އެއްވެސްމީހަކު އަރުވާލައިގެން ނުވާނެއެވެ. އަދި ވަކިތާކަށް ނުދިއުމަށް ވަކިތާކު ހުރުމަކަށް އަމުރުކޮށްގެން ނުވާނެއެވެ. 

 

9 ވަނަ މާއްދާ

ގޮވަތި ގެދޮރަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ފަހެ ގާނޫނުގައި ބަޔާންވެގެންވާ ހާލުތަކެއްގައި ބަޔާންވެގެންވާ ފަދަައަކުން މެނުވީ އެއިން ތަނަކަށް ވަދެގެން ނުވާނެއެވެ. 

 

10 ވަނަ މާއްދާ

މީހުންގެ މިލްކުތަކަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ފަހެ ގާނޫނުގައި ބަޔާންވެގެންވާ ހާލުތަކެއްގައި އާންމުވެގެންވާ މަންފާއަކަށްޓަކައި އަދި ގާނޫނުގައި ބަޔާންވެގެންވާ ފަދައަކުން އެއެއްޗަކަށް އަދުލުވެރި ގޮތަކަށް ބަދަލުދީފައި މެނުވީ ހަމައެކަކުގެ ކިބައިންވެސް އެމީހާގެ އެއްވެސް މިލްކުވެރިކަމެއް ނުގުޅައި ނުގަނެވޭނެއެވެ. 

  

11 ވަނަ މާއްދާ

އެއްވެސް ބާވަތެއްގެ ސިޔާސީ ނުވަތަ މަދަނީ ކުށެއްގެ ބަދަލުގައި އެއްވެސް މީހެއްގެ މިލްކެއް ހިފައިގެން ނުވާނެއެވެ.  

 

12 ވަނަ މާއްދާ

މީހުންގެ މެދުގައި ހިގާ ސިޓީތަކާއި، ޓެލެފޯން، ޓެލެގްރާމް، ވަޔަރލެސް ފަދަ ހަބަރު ނަގައި، އަހައި، ބަލައި، ފައުޅުކޮށް ހެދުމަކީ ގާނޫނުގައި ބަޔާންވެގެންވާ ވަކި ހާލެއްގައި މެނުވީ ކޮށްގެންވާނެ ކަމެއް ނޫނެވެ. 

  

13 ވަނަ މާއްދާ

ށަރީއަތާއި ގާނޫނުގައި ކަޑައެޅި ބަޔާންވެގެންވާގޮތްތަކާއި ހިލާފުނުވާހައި ހިދަކު އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ލަފާތައް ދުލުން ނުވަތަ ގަލަމުން ފައުޅުކުރުމަކީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ. 

 

14 ވަނަ މާއްދާ

ށަރީއަތާއި ގާނޫނާއި ހިލާފުނުވާގޮތުގެ މަތިން އުނގެނުމާއި އުގަންނައި ދިނުމަކީ މިނިވަންކަން ލިބިގެންވާ ކަމެކެވެ. 

 

15 ވަނަ މާއްދާ

ށަރީއަތާއި ގާނޫނުއާއި ހިލާފު ނުވާގޮތުގެ މަތިން އުގެނުމާއި އުގަންނައި ދިނުމަކީ މިނިވަންކަން ލިބިގެންވާ ކަމެކެވެ. 

 

16 ވަނަ މާއްދާ 

ގާނޫނުގައި ކަޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ހިލާފުނުވާހައި ހިދަކު ޖަމާއަތްތަކާއި ޖަމްއިއްޔާތައް ހެދުމީ މިނިވަންކަން ލިބިގެންވާ ކަމެކެވެ. 

 

17 ވަނަ މާއްދާ -  

ހުއްދަ ބޭނުމަކަށްޓަކައި ރާއްޖެއިން ބޭރަށް ދިއުން މަނާ ކުރެވޭނީ ހަމައެކަނި ކުށެއްގެ އަދަބުގައިވާ މީހުންނެވެ. 

 

18 ވަނަ މާއްދާ

ދިވެހި ކޮންމެ ރައްޔިތަކުމެ އަނިޔާއެއް ލިބޭނަމަ އެނިޔާއެއްގެ ވާހަކަ ބަޔާންކޮށް މަތީދަރައިގެ ވެރިންނަށް އިލްތިމާސް ކުރުމަށް މިނިވަންކަން ލިބިގެންވެއެވެ. 

 

19 ވަނަ މާއްދާ

ދައުލަތުގެ ކޮންމެ މުވައްޒަފަކު ވިދިވިދިގެން 20 އަހަރު ހިދުމަތް ކޮށްފިނަމަ މުސާރައިގެ 1/2 ޕެންށަން ލިބުމުގެ ހައްގު ލިބިގެންވެއެވެ. 

 

ދައުލަތް ހިންގާ ގޮތް

 20 ވަނަ މާއްދާ -  

ދައުލަތް ހިންގުމުގެ ހުރިހައި ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެބާރުތަކުގެ މަތީން ދައުލަތުގެ އެންމެހައި ކަންތައް ހިންގާނީ ތިރީގައިވާ ފަރާތްތަކުންނެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާ.

(ށ) ވަޒީރުންގެ މަޖިލިސް.

(ނ) ރައްޔިތުންގެ މަޖިލިސް.

 

ރައީސުލްޖުމްހޫރިއްޔާ

 

21 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއެކެވެ. 

 

22 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާ ހޮވޭނީ އާންމު އިންތިހާބަކުންނެވެ. 

 

23 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރެވޭނީ ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތިންނެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަން ފެންނަ މީހަކު ރައްޔިތުންގެ މަޖިލިސްގެ ސިއްރު ވޯޓްގެ އަގުލަބިއްޔަތުން ހޮވައި އެމީހަކަށް އެކަން އަންގައި އެމީހަކު ރައީސުލްޖުމްހޫރިއްޔާ ކަން ގަބޫލުކުރާކަން ލިޔުމަކުން ރައްޔިތުންގެ މަޖިލިސްއަށް އެންގުމަށް ފަހު ރައްޔިތުންގެ ސިއްރުވޯޓަކުން އިންތިހާބު ކުރުން.

(ށ) އެމީހަކު ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަން ފެންނަކަމަށް ވޯޓް ދިންމީހުންގެ އަގުލައިބިއްޔަތު ލިބިއްޖެނަމަ އެމީހަކު ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ވީއެވެ. 

(ނ) އާންމު ވޯޓްގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ ރައްޔިތުންގެ މަޖިލިސް އިން އެހެންމީހަކު ހޮވައި ހަމަކުރީން ބުނިފަދައިން އަމަލުކުރާނީއެވެ. 

 

 

ރައީސުލްޖުމްހޫރިއްޔާ އަކަށް ލާޒިމް ވެގެންވާ ސިފަތައް

24 ވަނަ މާއްދާ

(ހ) މުސްލިމުންކުރެ ސުއްނަތްޖަމާއަތުގެ މީހަކު ކަމުގައިވުން. 

(ށ) ދިވެހި މަޔަކާއި ދިވެހި ބަފަޔަކަށް އުފަންވީ ދިވެހިރައްޔިތަކު ކަމުގައިވުން. 

(ނ) ފިރިހެނަކު ކަމުގައިވުން.

(ރ) އުމުރުން 30 އަހަރުވުން. 

(ބ) ބުއްދި ހަމައަށް ހުރުން. 

(ޅ) ފަސްހިއްސު ސަލާމަތުން ހުރުން. 

(ކ) ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ މީހަކު ކަމުގައިވުން. 

(އ) ށަރީއަތުގެ ހައްދެއްގައި ބެދިފައިވާ މީހަކު ކަމުގައި ނުވުން. 

 

25 ވަނަ މާއްދާ -  

ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަގާމު ފުރާން ފެށޭނީ ރައްޔިތުންގެ މަޖިލިސްގެ ކުރިމަތީގައި އަންނަނިވި ހުވާކުރުމުންނެވެ. 

"އަހުރެން އިސްލާމްދީނަށާއި އަށާއި ރާއްޖޭގެ ގާނޫނުއަސާސީ އަށާއި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި މިއިން ކަމަކަށް ހިޔާނާތްތެރި ނުވުމުން މާތް ﷲ ގަންދީ ހުވާކުރަމެވެ"

 

26 ވަނަ މާއްދާ -  

ރައްޔިތުންގެ މަޖިލީހުން ފާސްވާ ބިލް، ގާނޫނީ ހަމަތަކުގެ މަތިން، ތަސްދީގުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. 

 

27 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުން ފާސްވާ ބިލެއް ގާނޫނުއަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުންނެވެ. 

 

28 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ތަސްދީގުކުރުމަށް ހުށަހެޅޭ ބިލްއެއް އަލުން އެމައްޗަށް ވިސްނުމަށް ސަބަބު ބަޔާންކުރުމާއެކު، މަޖިލީސްއަށް އަބުރާ ފޮނުވުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ. 

 

29 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް ރައްޔިތުންގެ މަޖިލީސްއަށް ބިލްއެއް އަބުރާ ފޮނުވާލައިފި ނަމަ، މަޖިލީސްގައި އެމައްޗަށް އަލުން ވާހަކަ ދައްކަައި 3/2 ގެ އަގުލަބިއްޔަތުން ފާސްވެގެން ދެވަނަފަހަރަށް ތަސްދީގު ކުރުމަށް ހުށަހެޅިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ ވާނީ ތަސްދީގުކުރާށެވެ. މަޖިލިސްގެ 3/2 ގެ އަގްލަބިއްޔަތުން ފާސްނުވިނަމަ އެބިލެއް ބާތިލުވީއެވެ. 

 

30 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލިސްއިން ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމަށް ފޮނުވާ ބިލްއެއް ތަސްދީގު ނުކޮށް އަދި  އަލުން އެމައްޗަށް ވިސްނުމަށް އަބުރާ ނުފޮނުވައި 30 ދުވަސް ހަމަވެއްޖެނަމަ، އެބިލެއް ތަސްދީގުކުރެވުނީ ކަމަށް ބެލެވޭނެއެވެ. 

 

31 ވަނަ މާއްދާ -  

ކޮންމެ ގާނޫނެއްގެ މައްޗަށްމެ ކަންހިންގޭނީ ގާނޫނުތައް ފާސްވާ ގަވާއިދުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓްކުރުމަށްފަހުގައެވެ. 

 

32 ވަނަ މާއްދާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އެންމެހައި ށިއާރުތައް ފައުޅުކުރުމުގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. 

 

33 ވަނަ މާއްދާ -  

ކުށްވެރިންނަށް އަފުވު ކުރުމުގެ ހައްގުލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

 

34 ވަނަ މާއްދާ -  

ދައުލަތުގެ އެންމެހައި އިއްޒަތާއި މެޑެލްތައް މީހުންނަށް ދޭނީ ރައީސުލްޖުމްހޫރިއްޔާ އެވެ. 

 

35 ވަނަ މާއްދާ -  

ދައުލަތަށް ކުއްލިއަކަށް ކުރިމަތިވާ ބޮޑެތި ކަންތައްތައް ހަމަޖެއްސުމަށްޓަކައި ގާނޫނުއަސާސީއާއި ހިލާފްނުވާގޮތުގެ މަތިން ވަގުތީ އަމުރުތައް ނެރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ.  

 

36 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާ އަށް ވެރިކަމުގެ ބާރު ލިބިގެންވަނީ ށަރީއަތާއި ގާނޫނުގައި ކަޑައެޅިގެންވާ ދާއިރާތަކުގެ ތެރޭގައެވެ. ފަހެ ށަރީއަތާއި ގާނޫނުއަސާސީއާއި ހިލާފު ގޮތަކަށް އެއްވެސް ކަމެއް ނުހިންގޭނެއެވެ. 

 

37 ވަނަ މާއްދާ

ވަތުގީ ސަބަބެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާ ވަޒީފާ އަދާކުރުމަށް އުޒުރުވެރިވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ ގެ ބަދަލުގައި އެވަޒީފާ އަދާކުރާނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް އިސްކުރާ ނާއިބްރައީސްއެކެވެ. 

 

38 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދޭނަމަ، އެ އިސްތިއުފާ ހުށަހަޅާނީ ލިއުމަކުން ރައްޔިތުންގެ މަޖިލީސްއަށެވެ. 

 

39 ވަނަ މާއްދާ

(ހ) ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދީފިނަމަ ނުވަތަ އޭނާގެ މަގާމުފުރުމަށް ދާއިމީގޮތަކަށް ނުކުޅެދިއްޖެނަމަ، އެ މަގާމް ހުސްވީކަމަށް ކަޑައެޅޭނީ ރައްޔިތުންގެ މަޖިލީހުގެ 3/2 ގެ އަގްލަބިއްޔަތުން ފާސްވެގެންނެވެ. 

(ށ) ރައީސުލްޖުމްހޫރިއްޔާގެ މަގާމްހުސްވެއްޖެ ނަމަ، ވަގުތީގޮތުން އެ މަގާމްފުރާނީ ރައްޔަިތުންގެ މަޖިލީހުން އިންތިހާބުކުރާ 3 މީހުންގެމައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. 

(ނ) މިމާއްދާގެ (ށ) ގައިވާގޮތުގެމަތީން ވަގުތީގޮތުން ރައްޔިތުންގެ މަޖިލީހުން އިންތިހާބުކުރާ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ ގެ މަގާމް ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލިހުގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާ ހުވާކުރަންވާނެއެވެ. 

 

40 ވަނަ މާއްދާ

(ހ) ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކުށެއްގެ ދައުވާ ނުވަތަ 48 ވަނަ މާއްދާގައި ބުނެވޭ ކަމެއްގެ ދައުވާ ށަރީއަތަށް އުފުލޭނީ، ރައްޔިތުންގެ މަޖިލސްގެ 3/2 އަގުލަބިއްޔަތުން ވާސްވެގެންނެވެ. 

(ށ) (ހ) ގައި ނަންގަނެވިގެންވާފަދަ ކަމަކާމެދު ރައްޔިތުންގެ މަޖިލީސްގައި ބަހުސްކުރެވޭނީ މަޖިލީހުގެ އަގްލަިބިއްޔަތަށް ފެނިގެންނެވެ. 

 

41 ވަނަ މާއްދާ

40 ވަނަ މާއްދާއާއި 48 ވަނަ މާޢްދާގައި ނަންގަނެވޭފަދަ ށަރީއަތެއް ކުރާންވެއްޖެނަމަ، އެަކމުގައި ށަރީއަތްކުރާނީ، އަދުލުއިންސާފު ގާއިމުކުރުމަށް މާލެއަށް އިސްކޮށްފައިވާ ބައެއްގެތެރެއިން ރައީސުލްޖުމްހޫރިއްޔާއާއި ރައްިތުންގެ މަޖިލީހުގެ އިއްތިފާގުވާ އެކަކާއި، އަދި މި ދެފަރާތުންކުރެ ކޮންމެ ފަރާތަކުންމެ، އެމީހެއްގެތެރެއިން ހޮވާ އެކަކާއި ތިންމީހުންނެވެ. ދެފަރާތުން އިއްތިފާގު ނުވެއްޖެނަމަ އެމީހަކު ހޮވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. 

   މިފަދަ މައްސަލައެއްގައި ދައުވާކުރާނީ ރައްޔިތުންގެ މަޖިލީހުން އިންތިހާބުކުރާ އެ މަޖިލީހުގެ 6 މެންބަރެކެވެ. ރައީސުލްޖުމްހޫރިއްޔާ ގެ ފަރާތުން ވަކާލާތުކުރާނީ އޭނާ އައްޔަންކުރާ 6 މީހުންނެވެ. 

 

42 ވަނަ މާއްދާ -

41 ވަނަ މާއްދާއާއި 57 ވަނަ މާއްދާގައި ނަންގަނެވޭ މަޖިލީހުން ކުރާ ށަރީއަތުން ސާބިތުވާ ކުށްތަކަށް އުގޫބާތު ދެވޭނެއެވެ. 

 

43 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުއްދަތަކީ، ރައީސުކަމުގެ ހުވާކުރާދުވަހުން ފެށިގެން މީލާދީ 5 އަހަރުދުވަހެވެ. 

 

44 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަނުވެއޮންނަ އެންމެފަހު ހަފްތާގެކުރިން އައު ރައީސަކު އިންތިހާބުކުރުމުގެ ހުރިހާ ކަމެއް ނިންމަންވާނެއެވެ. 

 

45 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާއަށް އެފަހަރަކު އޭނާ ހިޔާރުކުރި އަދަދަކަށް ނާއިބްރައީސުން އައްޔަންކުރުމުގެ ހައްގުލިބިގެންވެއެވެ.

 

46 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް އޭނާގެ މަގާމުފުރޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ވަޒީރުންގެ ހުވާކުރުމުންނެވެ. 

 

47 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ގާނޫނީ ހަމަތަކުގެ މަތިން ކުށްވެރިނުވެ ވަކިވެއްޖެނަމަ އޮންނަ މުސާރައިގެ 3/2 ލިބުން ހައްގުވެގެންވާނެއެވެ. 

  

ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ވަކިކުރުން ލާޒިމްވާ ސަބަބުތައް

48 ވަނަ މާއްދާ

(ހ) ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ އަކަށް ހުރުން ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް މުޅީންނެތްކަން ށަރީއަތަށް ސާބިތުވުން.

(ށ) ދީނުގައި ހައްދެއް ކަނޑައެޅިގެންވާ ކުށެއް ކޮށްފިކަން ށަރީއަތަށް ސާބިތުވުން.

(ނ) ގާނޫނުއަސާސީގެ އުސޫލުތަކުގެތެރެއިން އަސްލަކާ ދެކޮޅުހަދައި އަމިއްލައަށް އެއިން އަސްލެއް އުވާލައިފިކަން ށަރީއަތަށް ސާބިތުވުން.

 

49 ވަނަ މާއްދާ -  

48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިވެ އަކަން ށަރީއަތަށް ސާބިތުވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ވަކިކުރެވޭނެއެވެ. ވަކިކުރެވޭނެގޮތަކީ މި ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޖިލީސްގެ ފަރާތުން ލިޔުމަކުން އެކަން ރައްޔިތުންގެ މަޖިލީސްއަށް އަންގައި ރައްޔިތުންގެ މަޖިލީހުން ލިޔާލިޔުމަކުން ރައީސުލްޖުމްހޫރިއްޔާއަށް މަގާމުން ވަކިވެއްޖެކަން އެންގުމުންނެވެ. 

 

ވަޒީރުން

50 ވަނަ މާއްދާ -  

ވަޒީރުން އައްޔަންކޮށް އެމަގާމުން އެމީހުން ދުރުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. 

 

51 ވަނަ މާއްދާ - ކޮންމެ ވަޒީރަކަށްހުރުން ލާޒިމްވެގެންވާ ސިފަތައް

(ހ) މުސްލިމުންކުރެ ސުންނީ ޖަމާއަތުގެ މީހަކުކަމުގައިވުން.

(ށ) ދިވެހިރައްޔިތަކު ކަމުގައިވުން. 

(ނ) އުމުރުން 30 އަހަރުވުން. 

(ރ) އެމީހަކާއި ހަވާލުކުރެވޭ ކަންތައްތައް ހިންގޭނެފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހަކު ކަމުގައިވުން. 

(ބ) ށަރީއަތުގެ ހައްދެއްގައި ބެދިފައިވާ މީހަކު ކަމުގައިނުވުން. 

(ޅ) ހިޔާނާތްތެރިކަމެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. 

 

52 ވަނަ މާއްދާ

ކޮންމެ ވަޒީރަކުމެ އެ ވަޒީރެއްގެ ވަޒީފާ އަދާކުރާން ފެށުމުގެ ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި އަންނަނިވި ހުވާކުރަންވާނެއެވެ

"އަހުރެން އިސްލާމްދީނަށާއި، ދިވެހިރާއްޖޭގެ ގާނޫނުއަސަށީއަށް  ކިޔަމަންތެރިވެ ރާއްޖެ އަށާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިވެ ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވެ އަހުރެންނާއި ހަވާލުކުރެވުނު ކަންތައްތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުގައި އަދާކުރުންމަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވާކުރަމެވެ."

 

53 ވަނަ މާއްދާ -

ކޮންމެ ވަޒީރަކީ، އެ ވަޒީރަކު ހިންގާ ކަމަކާއި މެދުގައި ރައްޔިތުންގެ މަޖީހުން ސުވާލުވެވިދާނެ މީހެކެވެ. އަދި އެވަޒީރެއްގެ އިހުމާލުން ދައުލަތަށް ގެއްލުމެއް ވެއްޖެނަމަ، އެކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނޭ މީހެއްމެއެވެ. 

 

54 ވަނަ މާއްދާ

ވަޒީރެއްގެ ކިބައިން އެވަޒީރަކު ހިންގާކަމަކާއި މެދުގައި ރައްޔިތުންގެ މަޖިލީހުން ސުވާލެއް ވެވިއްޖެނަމަ އެކަމެއް އޮޅުންފިލާނޭހެން އެ މަޖިލީހަށް ޖަވާބުދޭންވާނެއެވެ. މިފަދަ ސުވާލުކޮށް ޖަވާބުދޭނީ ލިޔުމުންނެވެ. 

 

55 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ކެޑިއްޖެ ކަމަށް ފާސްވެއްޖެނަމަ، އެވަޒީރެއްގެ މައްޗަށް ވާޖިބުވެގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަން އެންގުމާއެކު އިސްތިއުފާ ދިނުމެވެ. 

 

 56 ވަނަ މާއްދާ -

ވަޒީރުންގެ ކުށްތަކާޢި މެދުގައި، ވާހަކަދެއްކުމުގެ ހައްގު ރައްޔިތުންގެ މަޖިލީހަށް އޮންނާނެއެވެ. އެއިން ކުށެއްގެ ދައުވާ ށަރީއަތަށް އުފުލާން ވެއްޖެކަން ކަޑައެޅޭނީ އެ މަޖިލީހުގެ 3/2 ގެ އަގުލަބިއްޔަތުންނެވެ. 

  

57 ވަނަ މާއްދާ -  

ވަޒީރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ކުށެއްގެ ދައުވާ އުފުލިއްޖެނަމަ، އެކަމުގެ ށަރީއަތްކުރާނީ ރައްޔިތުންގެ މަޖިލީހުން އިންތިހާބުކުރެވޭ 4 މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 4  މީހުންގެ ހާޒިރުގައި އަދުލު އިންސާފު ގާއިމްކުރުމަށް މާލެއަށް އިސްކޮށްފައިވާ މީހުންގެ ތެރެއިން 3 މީހުންނެވެ. 

  

58 ވަނަ މާއްދާ

 ކޮންމެވެސް ސަބަބަކަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމް ހުސްވެއްޖެނަމަ އައު ރައީސަކު އިންތިހާބު ކުރެވެންދެން ވަޒީރުން އެބައި މީހުންނާއި ހަވާލުކުރެވިފައިވާ ކަންތައް ހިންގުންމަތީ ދެމިތިބެންވާނެއެވެ. 

  

59 ވަނަ މާއްދާ -

ކޮންމެ އަހަރަކު އެއްފަހަރު ވަޒީރުލްމާލިއްޔާ ވެއަތުވެދިޔައަހަރު ދައުލަތަށް ލިބުނު އެއްޗަކާއި، ވީހަރަދުގެ ހިސާބު ދައްކައި، ކުރިއަށްގޮތް އަހަރު ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ. އަދި ބަޖެޓްގެ އިތުރަށް ދައުލަތުން ހަރަދެއްކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްވެގެންނެވެ. 

 

 

ރައްޔިތުންގެ މަޖިލީސް 

60 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީސްގެ މެންބަރުން އިންތިހާބުކުރާނީ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތީން ރައްޔިތުންނެވެ. 

 

61 ވަނަ މާއްދާ -  

ރައްޔިތުންގެ ހާއްސަ މަޖލީހުން ފާސްކުރަންޖެހޭ ގާނޫނުތައް ފިޔަވައި، އެހެން ހުރިހާ ގާނޫނުތަކެއް ހަދާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

  

62 ވަނަ މާއްދާ -  

ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާނީ، 48 މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 8 މެމްބަރުންނާއި، މާލޭން އިންތިހާބުކުރެވޭ 2 މެންބަރުނާއި، ރާއްޖޭގެ ކޮންމެ އަތޮޅަކުން އިންތިހާބުކުރެވޭ 2 މެންބަރުންނެވެ. 

  

63 ވަނަ މާއްދާ -  

ރައްޔިތުންގެ މަޖިލީސްގެ މެންބަރުނަށާއި ރައްޔިތުންގެ ހާއްސަ މަޖިލީސްގެ މެންބަރުނަށް ލާޒިމްވެގެންވާ ސިފަތައް؛

(ހ) މުސްލިމަކު ކަމުގައިވުން. 

(ށ) ދިވެހިރައްޔިތަކު ކަމުގައިވުން. 

(ނ) އުމުރުން 25 އަހަރުވުން. 

(ރ) ބުއްދި ހަމައަށް ހުރުން. 

(ބ) އަރަބިއަކުރާއި ތާނައަކުރާއި އަދި ހިސާބުއަކުރު ލިޔާން، ކިޔާން ދަންނަ މީހަކުކަމުގައިވުން. 

(ޅ) ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި، ސިޔާސީކުށެއްގައި، ނުވަތަ ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްގައި ބެދި އަދަބެއްލިބިފައިވާ މީހަކު ކަމުގައިނުވުން. 

 

64 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ހޮވާމީހުންނަށް މެންބަރުކަމުގެ ވަޒީފާ އަދާކުރަން ފެށޭނީ އަންނަނިވ ހުވާކުރުމުންނެވެ.

"އަހުރެން އިސްލާމް ދީނަށާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ކިޔަމަންތެރިވެ ރައްޔިތުންގެ ހައްގުތަކަށް ރައްކައުތެރިވެ ރާއްޖެއަށާއި ދައުލަތަށް އިހްލާސްތެރިވުން މަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވާކުރަމެވެ."

 

65 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުގެ ރައީސުގެ ހުއްދައެއްނުލިބި ވިދިވިދިގެން މަޖިލީހުގެ ދެ ދައުރަށް ހާޒިރުނުވެއްޖެނަމަ މެންބަރުކަމުން ވަކިކުރެވޭނެއެވެ. 

 

66 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ 5 އަހަރެވެ. މި މަޖިލީސް އިންތިހާބުވެގެން އަލުން ފެށޭނީ ކޮންމެ 5 އަހަރަކުން އެއްފަހަރު ފެބްރުއަރީގެ އެންމެފަހު 7 ދުވަހުގެ ތެރޭގައެވެ. 

 

67 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ވޯޓްދޭ މީހުންނަށް ހުރުން ލާޒިމްވާ ސިފަތައް.

(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން. 

(ށ) އުމުރުން 21 އަހަރުވުން. 

(ނ) ދައުލަތުގެ ފަރާތުން ނުވަތަ ށަރީއަތުގެ ފަރާތުން އަދަބެއްގައިވާ މީހަކު ކަމުގައި ނުވުން. 

(ރ) ދުނިޔޭން މޮޔަވެފައިވާ މީހަކު ކަމުގައި ނުވުން. 

 

68 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުން ފާސްވެގެން މެނުވީ ރައްޔިތުންގެ ކިބައިން ދައުލަތަށް އެއްވެސް އެއްޗެއް ނުނެގޭނެއެވެ. 

 

69 ވަނަ މާއްދާ

ކޮންމެ ގާނޫނެއްގެ ހުކުމް ހިގާނީ އެ ގާނޫނެއް ފާސްވުމަށްފަހު، ހިގިކަމެއްގެ މައްޗަށެވެ. ކުރީގައި ހިގާފައިވާ ކަމެއްގެ މައްޗަށް ފަހުން ހެދުނު ގާނޫނުގެ ހުކުމް ހިގާނީ އެ ގާނޫނުގައި އެގޮތަށް ހުކުމް ހިންގުމަށް ކަޑައެޅިގެން ވާނަމައެވެ. 

 

70 ވަނަ މާއްދާ

ތިރީގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ގާނޫނު ހަދާނީ ރައްޔިތުންގެ ހާއްސަމަޖިލީހުންނެވެ.

(ހ) ރާއްޖޭގެ ސިއްކައިގެ އަގުތަފާތުވާނޭ އެއްވެސް ގާނޫނެއް.

(ށ) ވެރިކަމުގެ ހައްގަށް ނުވަތަ ރައްޔިތުންގެ ހައްގަށް އުނިކަމެއް ލިބިދާނޭ އެއްވެސް ގާނޫނެއް. 

 

71 ވަނަ މާއްދާ -

ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރު އެއްވެސް ފަރާތަކަށް މިލްކުކުރުމުގެ ހައްގެއް ނުދެވޭނެއެވެ. 

 

72 ވަނަ މާއްދާ -

ރައްޔިތުންގެ މަޖިލީސް އާދަވެގެން އެއްވާ 3 ދައުރު އަހަރު ދުވަހުގެ ތެރޭގައި އަންނާންވާނެއެވެ. މިއިން ކޮންމެ ދައުރެއްގެ މަޖިލީސް އެއްކުުރުމުގެ ކުރީގައާއި ދައުރު ނިމުމަށް ފަހު މަޖިލީސްގެ ރައީސު، ރައީސުލްޖުމްހޫރިއްޔާއަށް އަންގާންވާނެއެވެ.

 

73 ވަނަ މާއްދާ -  

 ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެފައިވާ ވަގުތެއްގައި ބޭނުންވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީސް އެކުރުމުގެ އިހްތިޔާރު އެ މަޖިލީހުގެ ރައީސަށް ލިބިގެންވެއެވެ. އެނޫން ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އާދައިގެ އެއްވުން ވިޔަވައި އެހެން އެއްވުމެއް ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކާއިނުލައި އެއްވެއްޖެނަމަ އެއީ ބާތިލު އެއްވުމެކެވެ. އަދި އެފަދަ އެއްވުމެއްގައި، ފާސްކުރާ ފާސްކުރުމަކީވެސް ބާތިލު އެއްޗެކެވެ. 

 

74 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް، ކުރެވޭނީ، މަދުވެގެން 25 މެންބަރުން ހާސިރުވެގެންނެވެ. 

 

75 ވަނަ މާއްދާ

ހާއްސަ އަގުލަބިއްޔެއް ހޯދަން ބޭނުންވާ ކަންތައްތައް ފިޔަވައި ދައުލަތުން އެމައްޗަށް އަމަލުކުރަންޖެހޭ ކޮންމެ ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. 

 

76 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އަގުލަބިއްޔަތުން ކަމެއް ފާސްވެއްޖެ ކަމަށް ބެލެވޭނީ 25 ވޯޓްލިބިގެންނެވެ. އެ މަޖިލީހުގެ 3/2 ގެ އަގުލަބިއްޔަތުން ކަމެއް ފާސްވެއްޖެ ކަމަށް ބެލެވޭނީ 32 ވޯޓް ލިބިގެންނެވެ. 

 

77 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ނުހިމެނޭ މީހެކެވެ. އަދި 66 ވަނަ މާއްދާގައިވާ ގޮތުން މަޖިލީސް އިންތިހާބުވުމާއި ގުޅިގެން ނުވަތަ ރައީސަކު ވަކިވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުާ މީހެކެވެ. އޭނާއަށް ރައީސްކަމުގެ މަގާމް ފުރޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި ވަޒީރުންގެ ހުވާކުރުމަށް ފަހުގައެވެ. 

 

78 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި އެ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ހައްގު، ރައީސުލްޖުމްހޫރިއްޔާ އަށާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވެއެވެ. ނަމަވެސް މަޖިލީހުގައި ވޯޓްދިނުމުގެ ހައްގު އޮންނާނީ މަޖިލީހުގެ މެންބަރަކު ކަމުގައިވާނަމައެވެ. 

 

79 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރީގައި މަޖިލީހުގެ ގޮޑިއެއް ހުސްވެއްޖެނަމަ ގާނޫނުގައިވާ ގޮތުގެމަތިން 60 ދުވަހުގެ ތެރޭގައި އެގޮޑިއަށް މެންބަރަކު އިންތިހާބުކުރަންވާނެއެވެ. އައު މެންބަރުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމާއެކުގައެވެ. 

 

80 ވަނަ މާއްދާ

ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާން އޮންނަ އެންމެފަހު 25 ދުވަހަށްވާއިރު ގާނޫނުގައިވާ ގޮތުގެ މަތީން އައު މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް އިންތިހާބާއިބެހޭ ހުރިހާކަމެއް ނިންމަވަންވާނެއެވެ. 

 

81 ވަނަ މާއްދާ

ކޮންމެވެސް ހާއްސަަ ސަބަބަކަށްޓަކައި އައު މަޖިލީހެއް އިންތިހާބުކުރެވެން ނެތިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ފަތަކުން ކުރީގެ މަޖިލީސްގެ އުމުރު ވަކި މުައްދަތަކަށް އިތުރުކުރުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ.  

 

82 ވަނަ މާއްދާ -  

ގާނޫނުއަސާސީން މާއްދާއެއް ބަދަލުކުރާން ނުވަތަ އުނިއިތުރު ކުރާން ޖެހިއްޖެނަމަ، އެމާއްދާއެއް ބަދަލުކުރެވޭނީ ނުވަތަ އުނިތިރު ކުރެވޭނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްވެގެންނެވެ. 

  

ރައްޔިތުންގެ ހާއްސަ މަޖިލީސް

83 ވަނަ މާއްދާ -

ރައްޔިތުންގެ ހާއްސަމަޖިލީސް އެކުލެވިގެންވަނީ

(ހ) ވަޒީރުންގެ މަޖިލީހުެ މެންބަރުން. 

(ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. 

(ނ) މާލެއާއި ރާއްޖެތެރެއިން އިންތިހާބުކުރެވޭ 40 މެންބަރުން (މާލެއިން އިންތިހާބުކުރެވޭ 2 މެންބަރުންނާއި ކޮންމެ އަތޮޅުަކުން އިންތިހާބުކުރެވޭ ދެ މެންބަރުން).

(ރ) ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 8 މެންބަރުން. މި މީސްމީހުންގެ މައްޗަށެވެ. 

 

84 ވަނަ މާއްދާ

ރައްޔިތުންގެ ހާއްސަމަޖިލީސް އެއްކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ މަޖިލީހުގެ އެޖެންޑާގައިވާ ކަންތައް ނިމުމުން މަޖިލީސް އުވުނީއެވެ. 

 

އަދުލު އިންސާފު ގާއިމްކުރުން 

85 ވަނަ މާއްދާ

އަދުލުއިންސާފު ގާއިމްކުރުމާއި ށަރީއަތުގެ އެންމެހައި ކަންތައް ހިންގާނީ ރައީސުލްޖުމްހޫރިއްޔާ އިސްކުރާ ބައެކެވެ. 

 

86 ވަނަ މާއްދާ

ގާނޫނުއަސާސީއާއި ހިލާފަށް އެއްވެސް ގާނޫނެއް ހަދައިގެން ނުވާނެއެވެ. 

 

 

 

މި ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ 11 ނޮވެމްބަރު 1968 ދުވަހުން ފެށިގެންނެވެ. 10 ޖުލައި 1967 ގައި ކީރިތި މަހާރަދުން ތަސްދީގުކުރައްވާފައިވާ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ 11 ނޮވެމްބަރު 1968 މި ދުވަހުން ފެށިގެން ބާތިލުވީއެވެ. 

 

ވަލްހަމްދު ލިއްﷲ ރައްބިއްލް އާލަމީން

ނޯޓް:

   މި ގާނޫނުއަސާސީއަށް 23 އެޕްރީލް 1970 ގައި ގެނެވުނު އިސްލާހު ތަކަށް އަމަލުކުރަން ފެށުނީ 26 އޭޕްރީލް 1970 ދުވަހުން ފެށިގެންނެވެ. 

  މި ގާނޫނުއަސާސީއަށް 2 ފެބްރުއަރީ 1972 ގައި ގެނެވުނު އިސްލާހު ތަކަށް އަމަލުކުރަން ފެށުނީ 1 އޮގަސްޓް 1972 ދުވަހުން ފެށިގެންނެވެ. 

   މި ގާނޫނުއަސާސީއަށް 15 އޭޕްރީލް 1975 ދުވަހުގެރޭ ފެށުނު ރައްޔިތުންގެ ހާއްސަމަޖިލީހުން ގެނެވުނު އިސްލާހުތަކަށް އަމަލުކުރަން ފަށާނީ 21 އޭޕްރީލް 1975 ދުވަހުން ފެށިގެންނެވެ.   

 

އުވިގާނޫނުއަސާސީ

މި ގާނޫނުއަސާސީ ވަނީ 1998 ގެ ގާނޫނުއަސާސީގެ 155 ވަނަ މާއްދާއިން އުވާލެވިފައި

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު