-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު (ގާނޫނު ނަންބަރު 2020-03) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-01)

 

ގާނޫނު ނަންބަރު 2020-03 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

7.އިންތިހާބުގެ ކަންކަން އަލުން ފެށުމާއި، އިންތިހާބާ ގުޅޭގޮތުން އަމަލުކުރާނެ ހާއްސަ އުސޫލުތައް.

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަސްކުރެވިފައިވާ އިންތިހާބު، އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަލުން ބޭއްވުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ކުރަންޖެހޭ މަސައްކަތްތައް، ގާނޫނު ނަންބަރު 2020-03 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އަލުން ފަށަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން އިންތިހާބުގެ ކަންކަން އަލުން ފަށައި ކުރިއަށްގެންދަންވާނީ، ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުށާދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތައް، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެކުލަވާލައި އާންމުކުރަންވާނެއެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އިންތިހާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީހެއް ކަނޑައެޅުމާއެކުގައެވެ. އަދި އެފަދައިން ކަނޑައަޅާ ތާރީހު ކަނޑައަޅަންވާނީ، އެ ތާރީހު ކަނޑައެޅުމާއި އިންތިހާބުގެ ކަންކަން ފެށުމާ ދެމެދު މަދުވެގެން 3 (ތިނެއް) ދުވަހުގެ ނޯޓިހެއް ލިބޭނެ ފަދައަކުންނެވެ.

(ބ) އިންތިހާބުގެ ކަންކަން އަލުން ފެށުމަށް މި މާއްދާގެ (ރ) ގެ ދަށުން ކަނޑައަޅާ ތާރީހުގައި، އިންތިހާބު އަލުން ބާއްވާނެ ތާރީހެއް ކަނޑައަޅަންވާނެއެވެ.

(ޅ) މި ގާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ގާނޫނުގައިވާ ގޮތުގެމަތިން އިންތިހާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އިލެކްށަންސް ކޮމިށަނުން އަންގަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސާ ގާނޫނު 2020 (ގާނޫނު ނަންބަރު 2020-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު