މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2020-12)
(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 31 ފެބްރުއަރީ 2021 ގައި)
(މި ގާނޫނުގެ 89 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1996-01 އުވާލެވިފައ)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި، އެ ހައްގުތައް ހިމާޔަތްކުރުމާއި، މުދާ ވިއްކާ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، މުދާ ވިއްކުމުގައި އަދި ހިދުމަތް ފޯރުކޮށްދިނުމުގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާޞިލުކުރުމެވެ.
(ހ) މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައެޅުން؛
(ށ) ވިއްކާ މުދަލެއްގައި ނުވަތަ ދެވޭ ހިދުމަތެއްގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައެޅުން؛
(ނ) މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން؛
(ރ) މުދާ ވިއްކުމުގައި ނުވަތަ ހިދުމަތް ދިނުމުގައި ކުރުން މަނާ ކަންކަން ބަޔާންކުރުން؛
(ބ) މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަދަލު ލިބިދޭންޖެހޭ ހާލަތްތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމާބެހޭ އުސޫލުތައް ބަޔާންކުރުން؛
(ޅ) އިލެކްޓްރޯނިކް ޒަރީއާއިން މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން؛ އަދި
(ކ) މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިފެހެއްޓުމާގުޅޭ ނުވަތަ ނިގުޅައިގަތުމާގުޅޭ މައްސަލަތައް ބަލާނެ ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމު އުފެއްދުމާއި، ކޮންސިއުމަރ އޮމްބަޑްސްމަންގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން.
ދެވަނަ ބާބު
ވިއްކާ މުދަލުގައި ހުންނަންޖެހޭ ށަރުތުތައް
3 ވަނަ މާއްދާ - މުދަލުގައި ހުންނަންޖެހޭ ށަރުތުތައް
ވިއްކާ މުދަލެއްގައި މި ބާބުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
4 ވަނަ މާއްދާ - ވަކިން މުދާ ވިއްކާއިރު ނުވަތަ ހިދުމަތަކާ ގުޅިގެން ދެވޭ މުދަލެއްގައި ހުންނަންޖެހޭ ށަރުތުތައް
މި ބާބުގައި ބަޔާންކޮށްފައިވާ ށަރުތުތައް، ވަކި މުދަލެއް ވިއްކާއިރު ނުވަތަ ލިބިގަންނަ ހިދުމަތަކާ ގުޅިގެން މުދަލެއް ވިއްކާ ހާލަތުގައިވެސް ފުރިހަމަވާންވާނެއެވެ.
5 ވަނަ މާއްދާ - މުދަލުގެ މިލްކުވެރިކަން
މުދަލެއް ވިއްކާއިރު، އެ މުދަލުގެ މިލްކުވެރިކަމާ ގުޅޭގޮތުން އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) މުދަލުގެ މިލްކުވެރިކަމާއި މުދާ ވިއްކުމުގެ ހައްގު ވިއްކާ ފަރާތަކަށް ލިބިގެންވުން؛
(ށ) ވިއްކާ މުދަލަކީ އޭގެ މައްޗަށް އިތުރު އެއްވެސް ފަރާތެއްގެ ހައްޤެއް އޮތް މުދަލެއް ކަމުގައިނުވުން؛ އަދި
(ނ) ގަންނަ ފަރާތަކަށް އެ މުދަލެއް ބޭނުންކުރުމުގެ ފުރިހަމަ އިހްތިޔާރު ލިބިފައިވާ މުދަލެއް ކަމުގައިވުން.
6 ވަނަ މާއްދާ - މުދަލުގެ ފެންވަރު
(ހ) މުދަލެއް ވިއްކާއިރު، އެ މުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއް ކަމުގައި ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ވަކި މުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއްކަމަށް ބަޔާންކޮށްފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތުން މުދަލުގައި ވަކި ށަރުތުތަކެއް ފުރިހަމަވެފައިވުމަށެވެ.
- މުދާ އާންމުކޮށް ބޭނުންކުރާނެ ކަންކަމަށް އެކަށީގެންވާ މުދަލެއް ކަމުގައިވުން؛
- ފެންނަ ފެނުމުގައި ބަލައިގަނެވޭނެ މުދަލެއް ކަމުގައިވުން؛
- އުނިކަމެއް ނެތް މުދަލެއް ކަމުގައިވުން؛
- މުދަލެއް، އެ މުދަލެއް ބޭނުންކުރުމަށް އޮންނަ ބޭނުމަށްޓަކައި ރައްކާތެރި މުދަލެއްކަމުގައިވުން؛
- އެ މުދަލެއްގެ ބޭނުމަށާއި ބާވަތަށް ބަލާއިރު، އެކަށީގެންވާ މުއްދަތަކަށް ބޭނުންކުރެވޭ މުދަލެއް ކަމުގައިވުން؛ އަދި
- އެ މުދަލަކީ ވަކިކަމެއް ކުރުމަށް ހާއްސަމުދަލެއްނަމަ، އެ މުދަލަކީ އެކަމަކަށް އެކަށީގެންވާ މުދަލެއް ކަމުގައިވުން.
(ނ) ގަންނަ މުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއްކަމަށް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
އާންމުކޮށް އެފަދަ މުދަލެއްގައި ހުންނަ ސިފަތައް؛
- މުދަލުގެ އަގު؛
- މުދަލުގެ ބޭނުމާއި އޭގެ ހާއްސަސިފަތަކާ ގުޅޭގޮތުން މުދާ ވިއްކާ ފަރާތުން، ނުވަތަ މުދާ އުފެއްދި ފަރާތުން އާންމުކޮށްފައިވާ އިށްތިހާރުތަކާއި، މައުލޫމާތާއި މުދަލުގެ ލޭބަލްތަކުން އަންގައިދޭ ކަންކަން؛
- މުދާ ގަތުމާގުޅޭ މުއާމަލާތާ ގުޅުންހުރި އެހެންވެސް މުހިންމު ކަންކަން.
(ރ) މުދާ ފޯރުކޮށްދިން އިރު މުދަލުގައި މައްސަލައެއް ޖެހިފައިނުވުން؛
(ބ) އެއިރެއްގެ ފަންނީ އަދި ސައިންޓިފިކް މައުލޫމާތު ހުރިގޮތުން އެ މުދަލެއްގައި މައްސަލަޖެހިފައިވާކަމަށް، އެކަށީގެންވާ ގޮތެއްގައި ބެލިކަމުގައިވިޔަސް ނޭނގުން.
7 ވަނަ މާއްދާ - މައްސަލަތައް ކުރިން އަންގާފައިވުން
މުދަލެއް ވިއްކާއިރު، އެ މުދަލުގައި ހުރި އެއްވެސް މައްސަލައެއް ނުވަތަ އުނިކަމެއް މި ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުދާ ގަންނަ ފަރާތުގެ ސަމާލުކަމަށް ގެނެސްފައިވާނަމަ، އެ މުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއްކަމުގައި ބެލެވޭނެއެވެ.
8 ވަނަ މާއްދާ - މުދާ ފެންނަގޮތަށް ބަހައްޓާފައިވުން
މުދާ ވިއްކާ ތަނެއްގައި، އެ މުދަލަކީ މައްސަލައެއް ނުވަތަ އުނިކަމެއް ހުރި މުދަލެއްކަން އެނގޭނެހެން ނުވަތަ މުދާ ގަންނަ ފަރާތްތަކަށް ފެންނާނެހެން ނޯޓިހަކާއެކު މުދާ ބަހައްޓާފައިވާނަމަ، އެ މުދަލެއްގައިވާ މައްސަލައެއް ނުވަތަ އުނިކަމެއް މުދާ ގަންނަ ފަރާތުގެ ސަމާލުކަމަށް ކުރިން ގެނެވިފައިވާކަމަށް ބެލެވޭނެއެވެ.
9 ވަނަ މާއްދާ - މުދާ ބޭނުންކުރުން
ވަކި މުދަލެއް ބޭނުންކުރަނީ އާންމުގޮތެއްގައި އެ މުދަލެއް ބޭނުންނުކުރާނެ ހާލަތެއްގައި ކަމަށްވެފައި، އެ މުދާ އާންމުގޮތެއްގައި ބޭނުންކުރަންޖެހޭ ހާލަތެއްގައި ބޭނުންކޮށްފިނަމަ، އެ މުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލަކަށްވާނަމަ، އެ މުދަލަކީ ބަލައިގަނެވޭ ފެންވަރުގެ މުދަލެއް ކަމުގައި ބެލޭނެއެވެ.
10 ވަނަ މާއްދާ - ބަދަލު ގެނެވިފައިވާ މުދާ
އެއްވެސް ފަރާތަކުން ވިއްކާ މުދަލަކީ، އެ މުދާ އެފަރާތުން ހޯދުމަށްފަހު، ރީކޮންޑިށަންކޮށްފައިވާ ނުވަތަ އަލުން ރާވާފައިވާ ނުވަތަ އެނޫންވެސް އުނިއިތުރެއް ގެނެސްފައިވާ މުދަލެއްކަމުގައިވެފައި، އެ މުދާ ވިއްކަނީ އެ މުދާ ފުރަތަމަ އުފެއްދި ނުވަތަ ސަޕްލައިކުރި ފަރާތުގެ ވިޔަފާރި މަރުކާއާ އެކުގައި ކަމަށްވާނަމަ، އެ މުދަލަކީ، އެފަދަ ބަދަލެއް ގެނެސްފައިވާ މުދަލެއްކަން، މުދާ ގަންނަ ފަރާތަށް އެނގޭނެ ނޯޓިހެއް، އެ މުދަލާއެކު ދޭންވާނެއެވެ.
11 ވަނަ މާއްދާ - އުނިކަމެއް ނުވަތަ މައްސަލައެއް އެކުލެވޭ މުދާ
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، އުނިކަމެއް އެކުލެވޭ މުދަލެއް ވިއްކުމަކީ މަނާކަމެކެވެ.
(ށ) އުނިކަމެއް އެކުލެވޭ މުދަލެއް ބޭނުންކުރުމުގެ ސަބަބުން އެ މުދާ ގަންނަ ފަރާތުގެ ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނަމަ، މުދާ ގަންނަ ފަރާތަށް އެ މުދަލުގައިވާ އުނިކަން އެންގުމަށްފަހު އެ މުދަލެއް ވިއްކިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެންއޮތް ނަމަވެސް، ކެއިން ބުއިމަށް ބޭނުންކުރާ މުދަލެއް ނުވަތަ ބޭނުންކުރުމުގެ މުއްދަތު ކަނޑައަޅާފައިވާ ހަލާކުވާ ޒާތުގެ އެއްވެސް މުދަލެއް، އެ މުދަލެއް ބޭނުންކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު، ނުވަތަ ކެއިން ބުއިމަށް ކަމުނުދާ ހާލަތެއްގައި ވިއްކައިގެން ނުވާނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށްޓަކައި، އުނިކަމެއް އެކުލެވޭ މުދަލުގެ މާނައިގައި، މި ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަނުވާ ނުވަތަ އެ މުދަލެއްގައި ހުންނަންޖެހޭ ޓެކްނިކަލް ށަރުތުތައް ފުރިހަމަނުވާ ނުވަތަ އެ މުދަލެއް އޭގެ އެންމެ ރަނގަޅު ފެންވަރުގައި ބޭނުންކުރުމަށް އެ މުދަލެއްގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާ މުދާ ހިމެނެއެވެ.
12 ވަނަ މާއްދާ - ވަކި ކަމެއް ކުރުމަށް އެކަށީގެންވާ މުދަލަކަށްވުން
(ހ) ވިއްކާ މުދަލަކީ ވަކި ކަމެއް ކުރުމަށް ހާއްސަމުދަލެއްނަމަ، އެ މުދަލަކީ އެކަމަކަށް އެކަށީގެންވާ މުދަލެއްކަމުގައި ވާންވާނެއެވެ.
(ށ) އަންނަނިވި ށަރުތުތައް ފުރިހަމަވާނަމަ، ވިއްކާ މުދަލަކީ ވަކިކަމެއް ކުރުމަށް އެކަށީގެންވާ މުދަލެއް ކަމުގައި ބަލަންވާނެއެވެ.
- މުދާ ގަތުމުގެ ކުރިން، އެ މުދަލަކީ ވަކި ކަމެއް ކުރުމަށް ގަންނަ މުދަލެއްކަމަށް ގަންނަ ފަރާތުން ބުނެފައިވުން ނުވަތަ ދޭހަވާ ގޮތަށް ވިއްކާ ފަރާތަށް އަންގާފައިވުން؛ އަދި
- ގަންނަ މުދަލަކީ ވަކި ކަމެއް ކުރުމަށް އެކަށީގެންވާ މުދަލެއްކަމަށް ވިއްކާ ފަރާތުން ބުނެފައިވާ މުދަލެއް ކަމުގައިވުން.
13 ވަނަ މާއްދާ - ށަރުތު ފުރިހަމަނުވުން
އަންނަނިވި ހާލަތްތަކުގައި، ވިއްކާ މުދަލެއްގައި ވަކިކަމެއް ކުރުމަށް ގަނެފައިވާ މުދަލެއްގެ ށަރުތު ފުރިހަމަވެފައިނުވާ ކަމަކަށް ނުބެލެވޭނެއެވެ.
(ހ) ވިއްކި މުދާ ބޭނުންކުރުމުގައި ވިއްކާ ފަރާތުގެ އިރުށާދުތަކާ ހިލާފަށް ގަންނަ ފަރާތުން އަމަލުކޮށްފައިވުން؛ ނުވަތަ
(ށ) ވިއްކާ ފަރާތުގެ އިރުށާދާ އެއްގޮތަށް އަމަލުކުރުމަކީ އެކަށީގެންވާ ކަމެއް ނޫންކަމުގައިވުން.
14 ވަނަ މާއްދާ - ވަކި ސިފައެއް ހިމެނޭ މުދަލެއްކަމުގައިވުން
(ހ) ވިއްކާ މުދަލަކީ ވަކި ސިފަތަކެއް އެކުލެވޭ މުދަލެއްގެ ގޮތުގައި އެ މުދާ ވިއްކާނަމަ، އެ މުދަލަކީ އެ ސިފަތައް ހިމެނޭ މުދަލެއް ކަމުގައި ވާންވާނެއެވެ.
(ށ) ވަކި ސިފަތަކެއް އެކުލެވޭ މުދަލެއްގެގޮތުގައި މުދާ ވިއްކާނަމަ، އެ މުދަލެއް ފެންނަގޮތަށް ބަހައްޓާފައި ހުންނަ ތަނަކުން މުދާ ވިއްކާނަމަވެސް، އެ މުދަލެއްގައި އެ ސިފަތަކެއް ފުރިހަމަވާންވާނެއެވެ.
15 ވަނަ މާއްދާ - ނަމޫނާއާ އެއްގޮތް މުދަލެއްކަމުގައިވުން
(ހ) ވިއްކާ މުދަލަކީ، ވަކި ނަމޫނާއަކާ އެއްގޮތް މުދަލެއްކަމަށް ބަޔާންކުރާނަމަ، އެ މުދަލަކީ އެ ނަމޫނާއަކާ އެއްގޮތް މުދަލެއްކަމުގައި ވާންވާނެއެވެ.
(ށ) ވިއްކާ މުދަލަކީ، ވަކި ނަމޫނާއަކާ އެއްގޮތް މުދަލެއްކަމަށް ބަޔާންކުރާނަމަ، އެ މުދަލެއް އޭގެ ނަމޫނާއާ އެއްގޮތްކަން ބެލުމުގެ ފުރުސަތު ގަންނަ ފަރާތަށް ލިބިދޭންވާނެއެވެ.
(ނ) ވިއްކާ މުދަލަކީ، ވަކި ނަމޫނާއަކާ އެއްގޮތް މުދަލެއްގެގޮތުގައި ވިއްކާއިރު، އެ މުދަލުގައި އެއްވެސް ތަފާތެއްވާނަމަ، އެކަން ގަންނަ ފަރާތުން އެ މުދާ ގަތުމުގެ ކުރިން އެ ފަރާތުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
(ރ) ވިއްކާ މުދަލަކީ، ވަކި ނަމޫނާއަކާ އެއްގޮތް މުދަލެއްކަމަށް ބަޔާންކުރާނަމަ، ފެންނަ ފެނުމުގައި އެ މުދަލެއްގައި އުނިކަމެއް ހުރެގެން ނުވާނެއެވެ.
(ބ) ވިއްކާ މުދަލަކީ، ވަކި ނަމޫނާއަކާ އެއްގޮތް މުދަލެއްކަމަށް ބަޔާންކުރާނަމަ، އެ މުދަލެއްގައި މި ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ޅ) މި ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ވިއްކާ މުދަލަކީ ވަކި ނަމޫނާއަކާ އެއްގޮތް އަދި ވަކި ސިފަތަކެއް އެކުލެވޭ މުދަލެއްގެގޮތުގައި ވިއްކާނަމަ، އެ މުދަލެއްގައި އެ ދެ ށަރުތުވެސް ފުރިހަމަވާންވާނެއެވެ.
16 ވަނަ މާއްދާ - މުދަލުގެ އަގު
(ހ) ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެއެވެ.
(ށ) މުދަލުގެ އަގު ސާފުކޮށް އެނގޭގޮތަށް ހުރިކަމަށް ބެލެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައިވާނަމަ ނުވަތަ އެނޫންވެސް ގޮތަކަށް އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރިނަމަ؛
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަނެއްގައި އަގު ހަރުކޮށްފައި ވީނަމަވެސް، އެ އަގަކީ އެ މުދަލެއްގެ އަގުކަން އެނގޭގޮތަށް ހުރުން؛ ނުވަތަ
- އެ މުދަލަކާ ގުޅޭ ލީފްލެޓް، މަޖައްލާ ނުވަތަ ކެޓަލޮގެއްގައި އެއީ، އެ މުދަލުގެ އޭރުގެ އަގުކަން އެނގޭގޮތަށް ނުވަތަ އެ އަގަކީ ވަކި މުއްދަތެއްވަންދެން ހިނގާނެ އަގެއްކަމަށް ބަޔާންކޮށްފައި ހުރިނަމަ.
(ނ) ވަކި މުދަލަކީ، މި ގާނޫނުގެ ދަށުން އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް ނުވަތަ ވަކި ގާނޫނެއްގައި އަގު ކަނޑައަޅާފައިވާ މުދަލެއް ފިޔަވައި އެހެން މުދަލެއްނަމަ، އެ މުދަލެއްގެ އަގުކަމަށް ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގެއްގައި އެ މުދަލެއް ވިއްކުމަކީ މަނާކަމެކެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، އަންނަނިވި ހާލަތްތަކުގައި ވަކި މުދަލެއްގެ އަގު، އެ މުދަލެއްގެ އަގުކަމަށް ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑުވުމަކީ އެ މުދަލެއްގެ އަގުކަމަށް ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގެއްގައި އެ މުދަލެއް ވިއްކުން ކަމުގައެއް ނުބެލެވޭނެއެވެ.
- ކޮންޓްރެކްޓެއްގެ ދަށުން އަގު ކަނޑައަޅާ ހާލަތުގައި؛
- ކޮންޓްރެކްޓެއްގެ ދަށުން އަގު ކަނޑައެޅުމަށް އެއްބަސްވެފައިވާ ހާލަތުގައި؛
- ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު ކުރެވޭ މުއާމަލާތްތަކުން އަގު ކަނޑައަޅާ ހާލަތުގައި.
17 ވަނަ މާއްދާ - މުދާ އުފައްދާ ފަރާތްތަކުންދޭ ގެރެންޓީ
(ހ) މި މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި، މުދާ ވިއްކާ ފަރާތްތަކުން އެ ފަރާތުން ވިއްކާ މުދަލަކާ ގުޅިގެން ދީފައިވާ ގެރެންޓީއާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
- މުދާ ވިއްކާ ފަރާތުން ގެރެންޓީ ދީފައިވުން.
- މުދާ އުފައްދާ ފަރާތުން ދީފައިވާ ހުއްދައެއްގެ ދަށުން މުދާ ގަންނަ ފަރާތަށް ގެރެންޓީ ދީފައިވުން.
- މުދާ ވިއްކާ ފަރާތުން ދީފައިވާ ލިޔުމެއްގައިވާ ގެރެންޓީއަކީ އެ ފަރާތުން ދީފައިވާ ގެރެންޓީއެއް ނޫންކަން ސާބިތުނުވާ ހާލަތުގައި.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، މުދާ އުފައްދާ ފަރާތްތަކުން ދީފައިވާ ގެރެންޓީއަކީ، އަންނަނިވި ކަންކަމާ ގުޅިގެން، މުދާ އުފައްދާ ފަރާތުން ބަޔާންކޮށްފައިވާ ކަންކަމެވެ.
- މުދަލުގެ ފެންވަރު ނުވަތަ މުދާ މަސައްކަތްކުރާ ގޮތް ނުވަތަ މުދަލުގެ ސިފަ؛
- މުދަލަކާ ގުޅިގެން ދޭންޖެހޭ ހިދުމަތެއް؛
- މުދަލަކާއެކު ދޭންޖެހޭ އިތުރު ބައިތައް؛
- މުދަލާ ގުޅިގެން އިތުރަށް ފޯރުކޮށްދޭނެކަމަށް ބުނެފައިވާ އެ މުދަލަކާ އެއްފަދަ އެހެން މުދާ ނުވަތަ މުދަލުން ވަކި ބައެއް؛
- ވަކި ށަރުތަކަށް މުދާ ނުފެތޭ ހާލަތެއްގައި އަނބުރާ ރައްދުކޮށްދޭނެކަމަށް ބުނެފައިވާ މުދަލުގެ އަގު ނުވަތަ އެހެންވެސް މުގާބިލެއް.
ތިންވަނަ ބާބު
މުދާ ގަންނަ ފަރާތުގެ ހައްގުތައް
18 ވަނަ މާއްދާ - މުދާ ގަންނަ ފަރާތުގެ ހައްގުތައް
މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތައް، މުދާ ގަންނަ ފަރާތްތަކަށް ލިބިގެންވެއެވެ.
19 ވަނަ މާއްދާ - މުދާ އަނބުރާ ރައްދުކުރުމުގެ ހައްގު
(ހ) މުދާ ވިއްކާ ފަރާތާއި މުދާ ގަންނަ ފަރާތާ ދެމެދު ވަކިގޮތަކަށް އެއްބަސްނުވެ ގަނެފައިވާ މުދަލަކީ މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފެންވަރަށް ނުފެތޭ މުދަލެއްނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މުދާ އަނބުރާ ވިއްކާ ފަރާތަށް ރައްދުކުރުމުގެ ހައްގު ނުވަތަ އެ މުދަލެއް ގަތުމަށް ދިން އަގު ނުވަތަ އެ މުދަލުގެ ބަދަލުގައި ހަމަ އޭގެ މުދަލެއް ލިބިގަތުމުގެ ހައްގު މުދާ ގަންނަ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެކަށީގެންވާ މުއްދަތު ކަނޑައެޅުމުގައި ބަލާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، މުދާ ގަންނަ ވަގުތުން ފެށިގެން، އެ މުދަލެއްގައި ހުރި މައްސަލަތައް މުދާ ގަންނަ ފަރާތުގެ ސަމާލުކަމަށް އަންނާނެކަމަށް ލަފާކުރެވޭ މުއްދަތެއް ކަނޑައެޅުމަށެވެ.
- މުދަލުގެ ބާވަތް؛
- މުދާ ބޭނުންކުރެވޭ ހާލަތު؛
- މުދާ ބޭނުންކުރާނެކަމަށް ލަފާކުރެވޭ އެކަށީގެންވާ މުއްދަތު؛ އަދި
- މުދަލުގެ ބާވަތުން، އެ މުދަލެއް ބޭނުންކުރުމުން އެ މުދަލުގައި ހުރި މައްސަލަތައް އެނގޭނެކަމަށް ލަފާކުރެވޭ އެކަށީގެންވާ މުއްދަތު.
(ނ) އަންނަނިވި ހާލަތްތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.
- އާންމު ޞިއްހަތަށް ނުރައްކާވެދާނެކަމަށްޓަކައި، އެ މުދާ އެހެން ފަރާތަކާ ހަވާލުކުރުން ގާނޫނަކުން ނުވަތަ ގަވާއިދެއްގެ ދަށުން މަނާކޮށްފައިވުން؛
- މުދާ ގަތް ފަރާތުން އެ މުދަލުގެ އަސްލު ގެއްލޭގޮތަށް އެ މުދަލުގެ ބަޔަކަށް ނުވަތަ މުޅި މުދަލަށް ބަދަލެއް ނުވަތަ އުނިއިތުރެއް ގެނެސްފައިވުން.
(ރ) މުދާ ވިއްކާ ފަރާތާއި މުދާ ގަންނަ ފަރާތުގެ މެދުގައި ވަކި ގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން މުދާ އަނބުރާ ރައްދުކުރުމަށް މުދާ ވިއްކި ފަރާތުން އެއްވެސް ހަރަދެއް ހިނގާފައިވާނަމަ، މުދާ ވިއްކާ ފަރާތަށް އެކަމަށް ފީއެއް ނުވަތަ ޗާރޖެއް ނެގޭނެ ހާލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
20 ވަނަ މާއްދާ - މުދަލުން ބައެއް ރައްދުކުރުމުގެ ހައްގު
މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން މުދާ އަނބުރާ ރައްދުކުރުމުގެ ހައްގު ލިބިފައިވާ ފަރާތަކަށް، މުދަލުން ބައެއް ރައްދުކުރުމުގެ ހައްގު ލިބިގެންވެއެވެ.
21 ވަނަ މާއްދާ - މުދަލެއް ހަލާކުވެފައިވާނަމަ، އެކަމުގެ މައުލޫމާތު ލިބުމުގެ ހައްގު
މުދަލަކީ ހަލާކުވެފައިވާ މުދަލެއްނަމަ، ނުވަތަ އެ މުދަލަކީ ފުރިހަމައަށް ބޭނުން ނުކުރެވޭ ގޮތަކަށްހުރި މުދަލެއްނަމަ، އެ މުދަލެއް ގަންނަ ފަރާތަކަށް، އެ މުދަލެއް ވިއްކުމުގެ ކުރިން އެކަން އަންގަންވާނެއެވެ.
22 ވަނަ މާއްދާ - މުދާ ދެއްކުމާއި ޓެސްޓުކުރުމުގެ ހައްގު
ގަންނަ މުދަލަކީ ހަލާކުވެފައިނުވާ، އަދި އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ މުދަލެއްކަން ދެނެގަތުމަށްޓަކައި، އެ މުދަލެއް ގަންނަ ފަރާތަކުން އެ މުދަލެއް ބަލައި، ޓެސްޓުކުރަން އެދިއްޖެނަމަ، އެފަރާތަކަށް އެ މުދަލެއް ދައްކައި، އަދި އެ މުދަލަކީ ޓެސްޓުކުރެވޭ ބާވަތުގެ މުދަލެއްނަމަ، އެފަރާތެއްގެ ހާޒިރުގައި އެ މުދަލެއް ޓެސްޓުކުރުމުގެ ހައްގު މުދާ ގަންނަ ފަރާތަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ދައުވާކުރުމުގެ ހައްގު
މި ގާނޫނުގައި ބަޔާންކޮށްފައިވާ ށަރުތެއް ގަންނަ މުދަލެއްގައި ފުރިހަމަނުވެގެން ނުވަތަ މި ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވެގެން، އެކަމަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ އޮމްބަޑްސްމަނަށް ހުށަހެޅުމުގެ ނުވަތަ ދައުވާކުރުމުގެ ހައްގު މުދާ ގަންނަ ފަރާތްތަކަށް ލިބިގެންވެއެވެ.
ހަތަރުވަނަ ބާބު
ލިބިގަންނަ ހިދުމަތެއްގައި ހުންނަންޖެހޭ ށަރުތުތައް
24 ވަނަ މާއްދާ - ބާބު ހިނގާނެ ދާއިރާ
މި ބާބު ހިނގާނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށް؛ އަދި
(ށ) ރަޖިސްޓަރީކުރުމަށް ގާނޫނު ލާޒިމްކުރާ، އެހެންނަމަވެސް ރަޖިސްޓަރީނުކޮށް ހިންގާ ވިޔަފާރިތަކަށް.
25 ވަނަ މާއްދާ - އެކަށީގެންވާ ފަރުވާ ބެހެއްޓުމާއި ހުނަރު ލިބިފައިވުން
ހިދުމަތެއް ފޯރުކޮށްދޭންވާނީ އެ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެކަށީގެންވާ ފަރުވާ ބެހެއްޓުމާއެކު އެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކުންނެވެ.
26 ވަނަ މާއްދާ - ހިދުމަތް ދިނުމުގައި އެކަށީގެންވާ ތަކެތި ބޭނުންކުރުން
ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތަކެއްޗަކީ އެކަމެއް ކުރުމަށް ނުވަތަ އެ ހިދުމަތެއް ފޯރުކޮށްދިނުމަށް އެކަށީގެންވާ ތަކެތި ކަމުގައި ވާންވާނެއެވެ.
27 ވަނަ މާއްދާ - ވަކިކަމެއް ކުރުމަށް އެކަށީގެންވުން
(ހ) ހިދުމަތް ލިބިގަންނަ ފަރާތަކުން އެ ހިދުމަތެއް ލިބިގަތުމުގެ ކުރިން ނުވަތަ ހިދުމަތެއް ހޯދާއިރު، އެ ހިދުމަތަކުން ނުކުންނަން ބޭނުންވާ ނަތީޖާ ހިދުމަތް ފޯރުކޮށްދޭ ފަރާތަށް އަންގާފައިވާނަމަ، އެ ހިދުމަތަކުން އެ ނަތީޖާއެއް ހާޞިލުވާންވާނެއެވެ.
(ށ) ހިދުމަތްދޭ ފަރާތުން ދޭ އިރުށާދުތަކާ އެއްގޮތަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުނުކުރާ ހާލަތްތަކުގައި، ނުވަތަ ހިދުމަތްދޭ ފަރާތުގެ ހުނަރާއި ދެވޭ އިރުށާދުތަކަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކުރުމަށް އެކަށީގެންނުވާ ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވެފައިނުވާކަމަށް ނުބެލެވޭނެއެވެ.
28 ވަނަ މާއްދާ - ހިދުމަތް ލިބުމުގެ މުއްދަތު
އަންނަނިވި ހާލަތްތަކުގައި މެނުވީ، ހިދުމަތެއް ލިބުމުގައި އެ ހިދުމަތެއް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހިދުމަތެއް ލިބެންވާނެއެވެ.
(ހ) ކޮންޓްރެކްޓެއްގެ ދަށުން މުއްދަތު ކަނޑައަޅާފައިވުން؛
(ށ) ކޮންޓްރެކްޓެއްގެ ދަށުން ވަކި މުއްދަތެއް ކަނޑައެޅުމަށް އެއްބަސްވެފައިވުން؛
(ނ) ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދު ކުރެވޭ މުއާމަލާތްތަކުން މުއްދަތު ކަނޑައެޅުމަށް އެއްބަސްވެފައިވުން.
29 ވަނަ މާއްދާ - ހިދުމަތުގެ އަގު
(ހ) އަންނަނިވި ހާލަތްތަކުގައި މެނުވީ، ހިދުމަތް ލިބިގަންނަ ފަރާތަކުން ހިދުމަތަށް ދައްކަންޖެހޭ އަގަކީ އެ ހިދުމަތެއް ހޯދުމަށް އެކަށީގެންވާ އަގަށްވުރެ ބޮޑު އަގަކަށް ވެގެންނުވާނެއެވެ.
- ކޮންޓްރެކްޓެއްގެ ދަށުން އަގު ކަނޑައަޅާ ހާލަތެއްގައި؛
- ކޮންޓްރެކްޓެއްގެ ދަށުން އަގު ކަނޑައެޅުމަށް އެއްބަސްވެފައިވާ ހާލަތެއްގައި؛
- ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދު ކުރެވޭ މުއާމަލާތްތަކުން އަގު ކަނޑައަޅާ ހާލަތެއްގައި.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި، އެކަށީގެންވާ އަގު ކަނޑައަޅާނީ، އެ މުއާމަލާތެއް ހިނގާދިޔަ ގޮތެއް ބެލުމަށްފަހުގައެވެ. އަދި ވަކި ހާއްސަގާނޫނަކުން ހިދުމަތުގެ އަގު ކަނޑައަޅާފައިވާނަމަ، އެކަށީގެންވާ އަގަކީ އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ އަގެވެ.
ފަސްވަނަ ބާބު
ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް
30 ވަނަ މާއްދާ - ދައުވާކުރުމުގެ ހައްގު
އަންނަނިވި ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ލިބިގަންނަ ހިދުމަތެއްގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ށަރުތެއް ފުރިހަމަނުވެގެން ނުވަތަ ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވެގެން، އެކަމަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންވެއެވެ.
(ހ) ށަރުތު ފުރިހަމަވެފައިނުވަނީ، ހިދުމަތްދޭ ފަރާތް ނޫން އެހެން ފަރާތަކުން ކޮށްފައިވާ އަމަލެއް ނުވަތަ ނުކޮށް ދޫކޮށްލާފައިވާ އަމަލަކުން ނުވަތަ ދީފައިވާ އިރުށާދަކާ އެއްގޮތަށް އަމަލުކުރުމުން ކަމަށްވުން؛
(ށ) ށަރުތު ފުރިހަމަ ވެފައިނުވަނީ، މީހަކަށް ބާރުނުފޯރުވޭނެފަދަ ކަމެއްގެ ސަބަބުން ކަމުގައިވުން.
31 ވަނަ މާއްދާ - ލިބިގަންނަ ހިދުމަތް ރަނގަޅުކުރުމަށް އެންގުމުގެ ހައްގު
ލިބިގަންނަ ހިދުމަތެއްގައި މައްސަލައެއްވާނަމަ، އެކަމެއް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ހިދުމަތްދޭ ފަރާތަށް އެންގުމުގެ ހައްގު ހިދުމަތް ލިބިގަންނަ ފަރާތަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ - ލިބިގަންނަ ހިދުމަތެއްގައިވާ ބޮޑެތި މައްސަލަތައް
(ހ) ލިބިގަންނަ ހިދުމަތެއްގައިވާ މައްސަލައަކީ، އެކަމެއްގެ ޒާތުން ބޮޑު މައްސަލައެއް ކަމަށްވެފައި، އެކަމަކީ ރަނގަޅު ނުކުރެވޭނެ ކަމެއް ނަމަ، އެ ހިދުމަތެއް ލިބިގަތުމުގެ އެއްބަސްވުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އުވާލައި، އެކަމެއްގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ހިދުމަތް ލިބިގަންނަ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެކަމެއްގެ ޒާތުން ބޮޑު މައްސަލައެއްކަމަށް ބަލާނީ، އާންމުކޮށް އެ ހިދުމަތަކުން ލިބޭ ނަތީޖާއާ ތަފާތު، ނުވަތަ ބޭނުންނުކުރެވޭ، ނުވަތަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަނގަޅު ނުކުރެވޭނެ ކަމެއްކަމުގައިވާނަމަ، ނުވަތަ ރައްކާތެރި ކަމެއްކަމުގައި ނުވާނަމައެވެ.
(ނ) އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެނެއްނުވެއެވެ.
- ލިބިގަންނަ ހިދުމަތަކީ މުދާ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން ލިބިގަންނަ އިތުރު ހިދުމަތެއް ކަމުގައިވުން؛ އަދި
- މުދާ ގަންނަ ފަރާތަށް އެ ހިދުމަތަކުން ލިބޭ އެއްޗެއް އަނބުރާ ރައްދުކުރުމުގެ ހައްގު ލިބިފައިވުން.
ހަވަނަ ބާބު
މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް
33 ވަނަ މާއްދާ - ތަފާތުނުކުރުން
މުދާ ވިއްކާ ފަރާތުންނާއި ހިދުމަތްދޭ ފަރާތުން މުދާ ވިއްކުމުގައި ނުވަތަ ހިދުމަތްދިނުމުގައި، ވަކި ފަރާތެއް ނަހަމަގޮތުގައި ތަފާތުކޮށްގެންނުވާނެއެވެ.
34 ވަނަ މާއްދާ - އެކަށީގެންނުވާ އަމަލުތައް
(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމުގައި، މުދާ ވިއްކާ ނުވަތަ ހިދުމަތްދޭ ފަރާތުން މުދާ ވިއްކުމުގައި ނުވަތަ ހިދުމަތްދިނުމުގައި، ބާރުގެ ބޭނުންކޮށްގެން ނުވަތަ ގަދަކަމުން ނުވަތަ އިންސާފުވެރިނޫން ވިޔަފާރީގެ އުކުޅުތައް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އެކަށީގެންނުވާ އަމަލެއް ކޮށްގެންނުވާނެއެވެ.
- މުދަލެއް ނުވަތަ ހިދުމަތެއް މާކެޓްކުރުން؛
- މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން؛
- މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް އެއްބަސްވުމަށް މަށްވަރާކުރުން، ނުވަތަ އެފަދަ އެއްބަސްވުމެއްވުން ނުވަތަ އެފަދަ އެއްބަސްވުމެއް ތަންފީޒުކުރުމަށް މަސައްކަތްކުރުން؛
- މުދަލެއް ނުވަތަ ހިދުމަތެއްގެ އަގު މުދާ ގަތް ފަރާތުގެ ކިބައިން ހޯދުމަށް މަސައްކަތްކުރުން؛
- މުދާ ގަތް ފަރާތުގެ ކިބައިން މުދާ އަނބުރާ ހޯދުމަށް މަސައްކަތްކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ އިތުރުން މުދާ ވިއްކާ ފަރާތުން ނުވަތަ ހިދުމަތްދޭ ފަރާތުން މުދާ ގަންނަ ފަރާތަކީ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ލިޔަންކިޔަން ނުދަތުމުގެ ސަބަބުން ނުވަތަ އެފަދަ އެނޫން ސަބަބެއް މެދުވެރިވެގެން އެ މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅިގެން އެ ފަރާތުގެ ހައްގު ހިމާޔަތްކުރުމަށް ނުކުޅެދިފައިވާ ފަރާތެއްކަން އެނގިހުރެ އެ ފަރާތުގެ ހައްގު ގެއްލޭފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.
35 ވަނަ މާއްދާ - މުދާ ނުވިއްކާ ބެހެއްޓޭނެ ހާލަތްތައް
އަންނަނިވި ހާލަތްތަކުގައި، މުދާ ގަންނަން އެދޭ ފަރާތްތަކަށް މުދާ ނުވިއްކާ ބެހެއްޓިދާނެއެވެ.
(ހ) ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ފުރިހަމަ ކުރުމަށްޓަކައި އެކަމެއް ބަޔާންކޮށް ވަގުތީގޮތުން މުދާ ނުވިއްކުން؛
(ށ) މުދަލެއް ގަންނަން އައި މީހާއަށް އެފަހަރު އެކަށީގެންވާ އަދަދަކަށް އެ މުދަލެއް ވިއްކާފައިވުން؛
(ނ) ގަނޑުކޮށް މުދާ ވިއްކާ ފަރާތެއްގައި، އެފަރާތަކުން އާންމުކޮށް ވިއްކާ އަދަދަށްވުރެ މަދު އަދަދަކަށް މުދާ ގަންނަން އެދުން.
36 ވަނަ މާއްދާ - މުދަލުގެ އަގު ފެންނަން ހުރުން
(ހ) މިނިސްޓްރީން އިސްތިސްނާކުރާ މުދަލެއް ފިޔަވައި އެހެން މުދަލެއް ވަކިން ވިއްކާނަމަ ނުވަތަ ގަނޑުކޮށް ވިއްކާނަމަ، އެ މުދާ ވިއްކާ އަގު، މުދަލުގައި ނުވަތަ މުދާ ގަންނަ މީހުންނަށް ފެންނަގޮތަށް އެތަނެއްގައި ލިޔެފައި ބަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މިނިސްޓްރީން އިސްތިސްނާކުރާ މުދާ އާންމުކުރަންވާނެއެވެ.
37 ވަނަ މާއްދާ - އަގުގެ އިތުރުން އެހެން ށަރުޠާއެކު މުދާ ނުވިއްކުން
(ހ) އެއްވެސް މުދަލެއް ގަންނަމީހާ، އެ މުދަލަކާއެކު އެހެން މުދަލެއް ގަތުން ށަރުތުކޮށް، ނުވަތަ އެ މުދަލެއް ގަތުމަށްޓަކައި އެ މުދަލެއްގެ އަގު ދިނުމުގެ އިތުރަށް އެހެންކަމެއް ކުރުން ށަރުތުކޮށް މުދާ ވިއްކައިގެން ނުވާނެއެވެ.
(ށ) މުދާ އުފައްދާފައިވާ ފަރާތުން ނުވަތަ ވިއްކުމަށްޓަކައި މުދާ ފޯރުކޮށްދީފައިވާ ފަރާތުން އެއް ވައްތަރެއްގެ އެކައްޗަށްވުރެ ގިނަ ތަކެތި އެއްކޮށް ނުވަތަ އެއް ބާވަތަށްވުރެ ގިނަ ބާވަތްތަކުގެ ތަކެތި އެއްކޮށް ބަންދުކޮށްފައި ވިއްކަން ނެރެފައިވާނަމަ އެގޮތަށް އެ ތަކެތި ވިއްކުމަކަށް ނުވަތަ ވަކިން ގަންނަން އެދޭ މީހަކަށް، ވަކިން ގަންނަން ލިބެން ހުންނަ މުދަލެއް، އެހެން މުދަލަކާ ނުވަތަ މުދާތަކަކާއެކު ބަންދުކޮށްގެން ވިއްކުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
38 ވަނަ މާއްދާ - ހިދުމަތުގެ އަގާއި ށަރުތުތައް އެނގެން ހުރުން
(ހ) ހިދުމަތްދޭ ފަރާތުން ހިދުމަތްދޭ އަގާއި، ވަކި ށަރުތުތަކެއްގެ މަތިން ދޭ ހިދުމަތެއްނަމަ، އެ ށަރުތުތައް ލިޔެފައި ފަސޭހައިން ފެންނާނެގޮތަކަށް ހިދުމަތްދޭ ތަނުގައި ބަހައްޓަންވާނެއެވެ. ނުވަތަ ހިދުމަތަށް އެދޭ މީހާ ބޭނުންނަމަ، އެ މައުލޫމާތު ހިމެނޭ ލިޔުމެއް ހިދުމަތްދޭ ތަނުން އެ މީހަކަށް ލިބޭގޮތަށް ހަމަޖެހިފައި އޮންނަންވާނެއެވެ.
(ށ) ހިދުމަތަށް އެދި ފުރަންޖެހޭ އެއްވެސް ފޯމެއް ބޭރުބަހަކުން އޮތްނަމަ، އެ ފޯމު ފުރުމާބެހޭ ހުރިހާކަމެއް ދިވެހި ބަހުންވެސް ކުރެވޭގޮތަށް ހިދުމަތްދޭ ތަނުގައި ހަމަޖެހިފައި ހުންނަންވާނެއެވެ.
39 ވަނަ މާއްދާ - މުދަލުގައި ލޭބަލްކުރުން
ވިއްކުމަށްޓަކައި އިމްޕޯޓްކޮށްފައި، ނުވަތަ ދިވެހިރާއްޖޭގައި އުފައްދާފައި ހުންނަ، ނުވަތަ ޕެކެޓްކޮށް ނުވަތަ ދަޅުގައި ނުވަތަ ފުޅީގައި ނުވަތަ ފޮށީގައި ބަންދުކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތަކުގައި، އެއީ ކޮންބާވަތެއްގެ އެއްޗެއްކަމާއި، އޭގައި ހިމެނޭ ބައިތަކާއި، ބަރުދަން ނުވަތަ މިންވަރު، އަދި އުފެއްދި ތާރީހާއި، އެ އެއްޗެއް ބޭނުންކުރުމަށް މުއްދަތެއް ކަނޑައެޅިފައިވާނަމަ އެ މުއްދަތާއި، ވަކި ގޮތަކަށް ބޭނުން ކުރަންޖެހޭ އެއްޗެއްނަމަ، ބޭނުންކުރަންޖެހޭގޮތް، އެ ތަކެތީގައި ނުވަތަ އެ ތަކެތި ބަންދުކޮށްފައިވާ ދަޅު، ފުޅި، ޕެކެޓް ނުވަތަ ފޮށީގައި، މިނިސްޓްރީން ކަނޑައަޅާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ލިޔެފައި ހުންނަންވާނެއެވެ.
40 ވަނަ މާއްދާ - މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ތަކެތި ނުވިއްކުން
ބޭނުންކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ހުންނަ ތަކެތި، އެ މުއްދަތު ހަމަވުމަށްފަހު ވިއްކުމަށް ބެހެއްޓުމާއި، ހަލާކުވެ ނުވަތަ ނުބައިވުމުގެ ސަބަބުން އިންސާނުން ކެއުމަށް ނުވަތަ ބުއިމަށް ނުވަތަ ބޭނުންކުރުމަށް އެކަށީގެންނުވާ ތަކެތި ވިއްކުމަށް ބަހައްޓައިގެން ނުވާނެއެވެ.
41 ވަނަ މާއްދާ - ރަސީދު ދިނުން
މުދަލެއް ވިއްކިކަމުގެ ރަސީދެއް، ނުވަތަ ހިދުމަތެއް ދިންކަމުގެ ރަސީދެއް ހޯދުމަށް އެ މުދަލެއް ގަންނަ ފަރާތަކުން ނުވަތަ އެ ހިދުމަތް ލިބިގަންނަ ފަރާތަކުން އެދިއްޖެނަމަ، ތިރީގައިވާ މައުލޫމާތު ހިމެނޭ ރަސީދެއް މުދާ ވިއްކާ ފަރާތުން ނުވަތަ ހިދުމަތްދޭ ފަރާތުން މުދާ ގަންނަ ފަރާތަކަށް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަކަށް ދޭންވާނެއެވެ.
(ހ) މުދަލުގެ ނުވަތަ ހިދުމަތުގެ ނަމާއި، އަދަދާއި، ބާވަތް؛
(ށ) މުދަލުގެ ނުވަތަ ހިދުމަތުގެ އަގު؛
(ނ) މުދާ ވިއްކި ނުވަތަ ހިދުމަތް ދިން ތާރީހް؛
(ރ) މުދާ ވިއްކި ފަރާތުގެ، ނުވަތަ ހިދުމަތް ދިން ފަރާތުގެ ނަމާއި އެޑްރެސް.
ހަތްވަނަ ބާބު
މުދަލާއި ހިދުމަތުގެ ރައްކާތެރިކަމުގެ މިންގަނޑުތަކާއި މުދަލާއި ހިދުމަތާ ގުޅިގެން އުފުލަންޖެހޭ ޒިންމާ
42 ވަނަ މާއްދާ - ރައްކާތެރިކަމުގެ ނުވަތަ އެހެނިހެން މިންގަނޑުތައް
(ހ) ވިއްކާ މުދަލެއް ނުވަތަ ދެވޭ ހިދުމަތެއްގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ ނުވަތަ އެހެނިހެން މިންގަނޑުތައް މިނިސްޓްރީން ނުވަތަ ކަމާގުޅޭ އެހެން އިދާރާއަކުން ކަނޑައަޅަންވާނެއެވެ.
(ށ) ވަކި މުދަލަކަށް ނުވަތަ ވަކި ހިދުމަތަކަށް ތަފާތު މިންގަނޑުތައް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ނ) މުދަލެއްގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައަޅަންވާނީ އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ.
- މުދާ ބޭނުންކުރެވޭނެ ގޮތް، ނުވަތަ މުދާ އުފެއްދުމުގައި ބޭނުންކުރާ މާއްދާތައް، ނުވަތަ މުދާ އުފައްދާ ގޮތް ނުވަތަ އުފެއްދުމުގެ މަރުހަލާ، ނުވަތަ މުދަލުގެ ޑިޒައިން، ނުވަތަ މުދާ ޕެކޭޖްކުރެވޭ ގޮތް ނުވަތަ މުދާ އުފައްދާ ނިންމާއިރު އެ މުދަލެއް ހުންނަންވާނެ ގޮތް؛
- މުދާ އުފައްދާއިރު ނުވަތަ އުފެއްދުމުގެ މަރުހަލާގައި ޓެސްޓްކުރުން؛
- މުދަލުގައި ހުންނަންޖެހޭ އިރުށާދުތައް، ފާހަގަތައް ނުވަތަ ސަމާލުވާންޖެހޭ ކަންކަމާ ގުޅޭގޮތުން ހުންނަންޖެހޭ އެންގުންތައް.
(ރ) ވިއްކާ މުދަލެއް ނުވަތަ ދެވޭ ހިދުމަތަކާ ގުޅިގެން ރައްކާތެރިކަމުގެ ނުވަތަ އެހެނިހެން މިންގަނޑުތައް ކަނޑައަޅާފައިނުވާނަމަ، މުދާ ވިއްކާ ފަރާތުން ނުވަތަ ހިދުމަތްދޭ ފަރާތަކުން، އެ މުދަލެއް ވިއްކުމުގައި ނުވަތަ ހިދުމަތެއް ދިނުމުގައި، އެ ތަކެތި ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަކަށް ރައްކާތެރިކަން ލިބޭނެ މިންގަނޑަކަށް އެ މުދަލެއް ނުވަތަ ހިދުމަތެއް ފެތޭތޯ ބަލަންވާނެއެވެ.
43 ވަނަ މާއްދާ - ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުން
މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފުވާގޮތަށް އެއްވެސް ފަރާތަކުން އެއްވެސް މުދަލެއް ވިއްކައި ނުވަތަ ހިދުމަތެއް ދިނުމަކީ މަނާކަމެކެވެ.
44 ވަނަ މާއްދާ – ދިފާއު
(ހ) އަންނަނިވި ހާލަތްތަކުގައި، ވިއްކާ މުދަލެއް ނުވަތަ ދެވޭ ހިދުމަތެއް މި ގާނޫނުގެ 43 ވަނަ މާއްދާއާ ހިލާފުވެފައިވާކަމަކަށް ނުބެލެވެއެވެ.
- އެ ހިލާފުވުމެއް އުފެދިފައިވަނީ އެހެން ގާނޫނެއްގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑަކާ އެއްގޮތަށް އަމަލުކުރުމުން ކަމަށްވުން؛
- އެ ހިލާފުވުމެއް އުފެދިފައިވަނީ، މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ނުގުޅޭ ކަމަކާ ގުޅިގެން ކަމަށްވުން.
(ށ) މި ބާބުގައި ކަނޑައަޅާފައިވާ ކަމަކާ ހިލާފުވެގެން ބެލޭ މައްސަލައެއްގައި، މުދާ ވިއްކާ ފަރާތަކުން ނުވަތަ ހިދުމަތްދޭ ފަރާތަކުން އެ މުދަލެއް ވިއްކިއިރު ނުވަތަ ހިދުމަތެއް ދިންއިރު، މިންގަނޑަކާ ހިލާފުވެފައިވާކަން އެނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ނުވާކަމަށް ސާބިތުކޮށްދީފިނަމަ، މި ބާބުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފުވީ ކަމަކަށް ނުބެލެވޭނެއެވެ.
45 ވަނަ މާއްދާ - މުދާ ވިއްކުން ނުވަތަ ހިދުމަތް ދިނުން މަނާކުރުން
(ހ) ވިއްކާ ވަކި މުދަލަކީ ނުވަތަ ދެވޭ ވަކި ހިދުމަތަކީ ރައްކާތެރިނޫން މުދަލެއް ނުވަތަ ހިދުމަތެއްކަމަށް މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، އެ މުދަލެއް ވިއްކުން ނުވަތަ ހިދުމަތެއް ދިނުން މަނާކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ ދަށުން މުދަލެއް ވިއްކުން ނުވަތަ ހިދުމަތެއް ދިނުން މަނާކުރާނަމަ، އެކަން ދިވެހިސަރުކާރުގެ ގެޒެޓުގައި އިއުލާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މުދަލެއް ނުވަތަ ހިދުމަތެއް ދިނުން މަނާކުރުމަށް އަންގާ އެންގުމުގައި އަންނަނިވި ކަންކަން ކުރުމަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
- ވިއްކުމަށް ބަހައްޓާފައިވާ މުދާ ނެގުން؛
- މުދަލެއް ވިއްކުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ހުއްޓުވުން؛
- މުދަލެއް ވިއްކުން ނުވަތަ ހިދުމަތެއް ދިނުމަށް ކުރެވޭ އިށްތިހާރުތައް ނެގުން ނުވަތަ ހުއްޓުވުން؛
- އެ މުދަލަކާ ނުވަތަ އެ ހިދުމަތަކާ ގުޅިގެން އާންމުންނަށް މައުލޫމާތު ދިނުން؛
- މަނާކޮށްފައިވާ މުދަލެއް ނުވަތަ ހިދުމަތެއް ރަނގަޅުކުރުން؛
- މަނާކޮށްފައިވާ މުދަލެއް ގަނެފައިވާ ނުވަތަ ހިދުމަތެއް ހޯދާފައިވާ ފަރާތަކަށް ފައިސާ ނުވަތަ ފައިސާއިން ބައެއް ރައްދުކޮށްދިނުން.
(ރ) މި ބާބުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފުވާ މުދަލެއް ނުވަތަ ހިދުމަތެއް ދިވެހިރާއްޖެއަށް އެތެރެކޮށްގެން ނުވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި، އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ރެގިއުލޭޓްކުރާ މުދަލެއް ނުވަތަ ހިދުމަތެއް އިސްތިސްނާވެގެންވެއެވެ.
46 ވަނަ މާއްދާ - މައްސަލަޖެހިފައިވާ މުދާ
(ހ) އާންމުގޮތެއްގައި އެ މުދަލަކުން ލިބެންވާ ރައްކާތެރިކަން ނުލިބޭނަމަ، އެ މުދަލަކީ މައްސަލަޖެހިފައިވާ މުދަލެއްކަމަށް ބެލެވޭނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، އާންމުގޮތެއްގައި މުދަލަކުން ލިބެންވާ ރައްކާތެރިކަން ނުލިބޭ މުދަލެއްކަމުގައި ބެލުމުގައި، އަންނަނިވި ކަންކަން ހިމެނޭގޮތަށް، އެ މުއާމަލާތެއްގެ ވަށައިގެންވާ ކަންކަމަށް ބަލަންވާނެއެވެ.
- މުދާ މާކެޓްކޮށްފައިވާ ގޮތާއި، މުދާ މާކެޓްކޮށްފައިވާ ބޭނުން؛
- މުދާ އިށްތިހާރުކޮށްފައިވާ ގޮތް؛
- މުދާ ބޭނުންކުރުމާ ގުޅޭގޮތުން މުދަލުގައިވާ އިރުށާދުތައް ނުވަތަ ސަމާލުވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންކަން؛
- އާންމުކޮށް އެ މުދަލެއް ބޭނުންކުރާ ނުވަތަ ބޭނުންކުރެވޭ ގޮތް؛
- މުދާ ފޯރުކޮށްދީފައިވާ ވަގުތު.
47 ވަނަ މާއްދާ - މައްސަލަޖެހިފައިވާ މުދަލަކާ ގުޅިގެން ދައުވާކުރުމުގެ ހައްގު
މައްސަލަޖެހިފައިވާ މުދަލެއް ގަތުމާ ގުޅިގެން ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އެ މުދަލެއް ގަންނަ ފަރާތްތަކަށް ލިބިގެންވެއެވެ.
48 ވަނަ މާއްދާ - މައްސަލަޖެހިފައިވާ މުދަލަކާ ގުޅިގެން ނަގަންޖެހޭ ޒިންމާ
(ހ) މައްސަލަޖެހިފައިވާ މުދަލަކާ ގުޅިގެން ލިބޭ ގެއްލުމުގެ ޒިންމާ ނަގަންވާނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކުންނެވެ.
- މުދާ އުފައްދާފައިވާ ފަރާތް؛
- މުދަލުގައި ޖަހާފައިވާ ފާހަގައެއް ނުވަތަ ލޭބަލެއްގެ ސަބަބުން އެ ފަރާތަކީ މުދާ އުފެއްދި ފަރާތްކަމަށް ބަޔާންކޮށްފައިވާ ފަރާތް؛
- ފޯރުކޮށްދިނުމުގެ ގޮތުން އެ މުދަލެއް ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ފަރާތް؛
- މުދާ ވިއްކާ ފަރާތް.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ބާބުގެ ދަށުން މައްސަލަޖެހިފައިވާ މުދަލެއްގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު، އެކަކަށް ވުރެ ގިނަ މީހުން ނަގަންޖެހޭ ހާލަތެއްގައި، އެކަމުގެ ޒިންމާ ހުރިހާ ފަރާތްތައް ވަކިވަކިން ނުވަތަ އެއްކޮށް ނަގަންވާނެއެވެ.
49 ވަނަ މާއްދާ - ދިފާއުތައް
މައްސަލަޖެހިފައިވާ މުދަލަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއްގައި، އެކަމެއްގެ ޒިންމާ ނަގަންޖެހޭ ފަރާތަކުން އަންނަނިވި ކަންކަން ސާބިތުކޮށްދީފިނަމަ، އެ މުދަލެއްގެ ސަބަބުން ލިބިފައިވާ ގެއްލުމަކަށް އެފަރާތަކުން ޒިންމާވާކަށް ނުޖެހޭނެއެވެ.
(ހ) މުދަލުގައިވާ މައްސަލައަކީ އެހެން ގާނޫނަކުން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަކުރުމުގެ ގޮތުން އުފެދިފައިވާ މައްސަލައެއް ކަމުގައިވުން؛
(ށ) އެއްވެސް އިރެއްގައި މައްސަލަޖެހިފައިވާ މުދަލެއް ފޯރުކޮށްދީފައި ނުވުން؛
(ނ) މުދާ ފޯރުކޮށްދިން އިރު މުދަލުގައި މައްސަލައެއް ޖެހިފައިނުވުން؛
(ރ) އެއިރެއްގެ ފަންނީ އަދި ސައިންޓިފިކް މައުލޫމާތު ހުރިގޮތުން އެ މުދަލެއްގައި މައްސަލަޖެހިފައިވާކަމަށް، އެކަށީގެންވާ ގޮތެއްގައި ބެލިކަމުގައިވިޔަސް ނޭނގުން.
50 ވަނަ މާއްދާ - ސީދާ އިށްތިހާރުކުރުން
(ހ) ވިއްކާ މުދަލަކާ ގުޅިގެން ނުވަތަ ދޭ ހިދުމަތަކާ ގުޅިގެން، މުދާ ވިއްކާ ފަރާތަކުން ނުވަތަ ހިދުމަތްދޭ ފަރާތަކުން ހިންގާ ސީދާ އިށްތިހާރުކުރުމުގެ ހަރަކާތްތައް ބަލައިނުގަތުމުގެ ހައްގު، ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެކަން ކުރެވިދާނެއެވެ.
- ސީދާ ހުށަހަޅާ ހާލަތުގައި އެ ބަލައިނުގަތުން؛
- އެމީހަކު ކައިރިއަށް ސީދާ އައިސް ހިންގާ އިށްތިހާރުކުރުމުގެ ހަރަކާތްތައް ހުއްޓުވަން އެންގުން؛
- އެމީހަކު ކައިރިއަށް ސީދާ އައިސް ކުރާ ނުވަތަ ހިންގާ ހަރާކަތްތައް ފިޔަވައި، މުވާސަލާތީ ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ހިންގާ ސީދާ ހަރަކާތްތައް ބްލޮކްކުރުން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް މުދާ ގަންނަ ފަރާތުން ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން އެދިއްޖެނަމަ، އެ އިންތިޒާމުތައް އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި މުދާ ވިއްކާ ނުވަތަ ހިދުމަތްދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް މުދާ ގަންނަ ފަރާތަކުން ނުވަތަ ހިދުމަތް ލިބި ގަންނަ ފަރާތަކުން އަމަލުކުރުމަށް އެދޭ ހާލަތުގައި، އެކަމަށް އެއްވެސް ފީއެއް ނުވަތަ ޗާރޖެއް މުދާ ވިއްކާ ނުވަތަ ހިދުމަތް ދޭ ފަރާތުން ނަގައިގެން ނުވާނެއެވެ.
(ބ) ސީދާ އިށްތިހާރުކުރުމާ ގުޅޭގޮތުން މުދާ ވިއްކާ ފަރާތްތަކުން ނުވަތަ ހިދުމަތް ދޭ ފަރާތްތަކުން ކޮށްގެންނުވާނެ ކަންކަމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
އަށްވަނަ ބާބު
އިންސާފުވެރިނޫން އަމަލުތައް
51 ވަނަ މާއްދާ - ހަގީގަތާ ހިލާފަށް ނުވަތަ އޮޅުވާލުމަށް ބުނާ ބުނުން ނުވަތަ އިށްތިހާރުކުރުން
މުދާ ވިއްކާ ފަރާތަކުން ނުވަތަ ހިދުމަތްދޭ ފަރާތަކުން ބަހުން ނުވަތަ އަމަލަކުން ވިޔަސް، މުދާ ވިއްކުމުގައި ނުވަތަ ފޯރުކޮށްދިނުމުގައި ނުވަތަ ހިދުމަތް ދިނުމުގައި ނުވަތަ އިށްތިހާރުކުރުމުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.
(ހ) އޮޅުންއަރާގޮތަށް ނުވަތަ ހަގީގަތް އޮޅޭގޮތަށް ނުވަތަ ހަގީގަތާ ހިލާފަށް، މުދަލެއްގެ ބާވަތް، ނުވަތަ އުފެއްދި ގޮތް، ނުވަތަ ހާއްސަސިފަތައް، ނުވަތަ ފެންވަރު، ނުވަތަ ވަކިކަމެއް ކުރުމަށް އެކަށީގެންވާ މިންވަރު، ނުވަތަ ލިބެންހުރި އަދަދު ބަޔާންކުރުން ނުވަތަ އިށްތިހާރުކުރުން؛
(ށ) އޮޅުންއަރާގޮތަށް ނުވަތަ ހަގީގަތް އޮޅޭގޮތަށް ނުވަތަ ހަގީގަތާ ހިލާފަށް، ހިދުމަތެއްގެ ބާވަތް، ނުވަތަ ހާއްސަސިފަ، ނުވަތަ ފެންވަރު، ނުވަތަ ވަކިކަމެއް ކުރުމަށް އެކަށީގެންވާ މިންވަރު ބަޔާންކުރުން ނުވަތަ އިށްތިހާރުކުރުން؛
(ނ) އޮޅުންއަރާގޮތަށް ނުވަތަ ހަގީގަތް އޮޅޭގޮތަށް ނުވަތަ ހަގީގަތާ ހިލާފަށް، އެ މުދަލަކީ އާ ނުވަތަ ކުރިން ބޭނުންކޮށްފައިނުވާ މުދަލެއްކަމަށް ބަޔާންކުރުން ނުވަތަ އިށްތިހާރުކުރުން؛
(ރ) އޮޅުންއަރާގޮތަށް ނުވަތަ ހަގީގަތް އޮޅޭގޮތަށް ނުވަތަ ހަގީގަތާ ހިލާފަށް، މުދަލެއްގެ ނުވަތަ ހިދުމަތެއްގެ އަގު ހެޔޮވެއްޖެކަމަށް ބަޔާންކުރުން ނުވަތަ އިށްތިހާރުކުރުން؛
(ބ) އޮޅުންއަރާގޮތަށް ނުވަތަ ހަގީގަތް އޮޅޭގޮތަށް ނުވަތަ ހަގީގަތާ ހިލާފަށް، މުދާ ވިއްކާ ފަރާތަކީ ނުވަތަ ހިދުމަތްދޭ ފަރާތަކީ، ވަކިފަރާތެއްގެ ރުހުން ލިބިފައިވާ، ނުވަތަ ވަކި ފަރާތަކާ ގުޅިފައިވާ ފަރާތެއްކަމަށް ބަޔާންކުރުން ނުވަތަ އިށްތިހާރުކުރުން؛
(ޅ) އޮޅުންއަރާގޮތަށް ނުވަތަ ހަގީގަތް އޮޅޭގޮތަށް ނުވަތަ ހަގީގަތާ ހިލާފަށް، މުދަލެއްގެ ގެރެންޓީއިން ނުވަތަ ވޮރަންޓީއިން ލިބޭ ފައިދާތައް ބަޔާންކުރުން ނުވަތަ އިށްތިހާރުކުރުން.
52 ވަނަ މާއްދާ - ހަގީގަތް އޮޅޭގޮތަށް އަމަލުކުރުން
(ހ) މުދާ ވިއްކާ ފަރާތަކުން ނުވަތަ ހިދުމަތްދޭ ފަރާތަކުން، އަންނަނިވި ކަންކަން، މުދާ ވިއްކުމުގައި ނުވަތަ ފޯރުކޮށްދިނުމުގައި ނުވަތަ ހިދުމަތް ދިނުމުގައި ކުރުމަކީ މަނާކަމެކެވެ.
ވިއްކާ މުދަލަކާ ގުޅިގެން، ނުވަތަ ފޯރުކޮށްދޭ ހިދުމަތަކާ ގުޅިގެން އެ މުދަލެއް ނުވަތަ ހިދުމަތެއްގެ ބާވަތް، ނުވަތަ މުދާ އުފެއްދި ގޮތް، ނުވަތަ ހިދުމަތް ދޭ ގޮތް، ނުވަތަ ހާއްސަސިފަތައް، ނުވަތަ ފެންވަރު، ނުވަތަ ވަކިކަމެއް ކުރުމަށް އެކަށީގެންވާ މިންވަރު، ނުވަތަ ލިބެންހުރި އަދަދާ ގުޅޭގޮތުން، ހަގީގަތް އޮޅޭގޮތަށް އެއްވެސް ކަމެއް ކުރުން؛
ވިއްކާ މުދަލެއް ނުވަތަ ދޭ ހިދުމަތެއްގެ ހާއްސަސިފައަކާ ގުޅިގެން ގަބޫލުނުކުރެވޭފަދަ ނުވަތަ އޮޅުންއަރާފަދަ ގޮތަކަށް މައުލޫމާތު ދިނުން ނުވަތަ އެ މުދަލެއް ގަންނަ ނުވަތަ ހިދުމަތް ހޯދާ ފަރާތަށް އެނގިފައި އޮންނަންވާނެ މައުލޫމާތެއް ހަގީގަތް އޮޅުވާލުމުގެ ނިޔަތުގައި ފޯރުކޮށް ނުދިނުން؛
މުދާ ގަންނަ ނުވަތަ ހިދުމަތް ހޯދާ ފަރާތަށް އެ މުދަލެއް ގަތުމަށް ނުވަތަ ހިދުމަތެއް ހޯދުމަށް ނިންމާފައިވަނީ އެފަރާތަކަށް ލިބިފައިވާ ނުރަނގަޅު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނުވަތަ އަރާފައިވާ އޮޅުމެއްގެ ސަބަބުންކަން މުދާ ވިއްކާ އަދި ހިދުމަތްދޭ ފަރާތަށް އެނގިހުރެ، އެކަމެއްގެ ސައްހަ މައުލޫމާތު ފޯރުކޮށް ނުދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން މުދާ ވިއްކާ ފަރާތެއްގެ ނުވަތަ ހިދުމަތްދޭ ފަރާތެއްގެ ނަމުގައި، އެހެން ފަރާތެއް މެދުވެރިކޮށްގެން ކުރުމަކީވެސް މަނާކަމެކެވެ.
53 ވަނަ މާއްދާ - ބެއިޓް އެޑްވަޓައިސިންގ
(ހ) މުދާ ވިއްކާ ފަރާތަކުން ނުވަތަ ހިދުމަތްދޭ ފަރާތަކުން، އަންނަނިވި ކަންކަން، މުދާ ވިއްކުމުގައި ނުވަތަ ފޯރުކޮށްދިނުމުގައި ނުވަތަ ހިދުމަތް ދިނުމުގައި ކުރުމަކީ މަނާކަމެކެވެ.
- އިށްތިހާރުކުރެވޭ އަގުގައި، އެ އިށްތިހާރެއްގައިވާ މުއްދަތުގެ ތެރޭގައި، މުދާ ނުވިއްކޭނެކަން ނުވަތަ ހިދުމަތް ނުދެވޭނެކަން އެނގިހުރެ އިށްތިހާރުކުރުން؛
- މުދާ ވިއްކާ ނުވަތަ ހިދުމަތްދޭ މާކެޓްގެ ޒާތަށާއި، އިށްތިހާރުގެ ޒާތަށް ބަލާއިރު، އިށްތިހާރުކުރެވޭ އަގުގައި، އެ އިށްތިހާރެއްގައިވާ މުއްދަތުގެ ތެރޭގައި، އެކަށީގެންވާ އަދަދަކަށް އެ މުދާ ފޯރުކޮށްދެވިދާނެކަމަށް ނުވަތަ އެކަށީގެންވާ ގޮތެއްގައި އެ ހިދުމަތެއް ފޯރުކޮށްދެވިދާނެކަމަށް ބެލުމަށް އެކަށީގެންވާ ސަބަބެއް ނެތި އިށްތިހާރުކުރުން.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އިށްތިހާރުކޮށްފައިވާ ގޮތަށް އެ މުދަލެއް ނުވަތަ ހިދުމަތެއް އެހެން ފަރާތެއް މެދުވެރިކޮށް ވިއްކުމަށް މުދާ ވިއްކާ ފަރާތުން ނުވަތަ ހިދުމަތްދޭ ފަރާތުން ހުށަހަޅާފައިވާނަމަ އަދި މުދާ ގަންނަ ފަރާތުން ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން އެކަމަށް އިންކާރުކުރާނަމަ، މި މާއްދާގެ (ހ) ގެ ދަށުން މަނާކޮށްފައިވާ އަމަލެއް ކުރީ ކަމުގައެއް ނުބެލެވޭނެއެވެ.
54 ވަނަ މާއްދާ - ހަދިޔާ، ފައިސާ ނުވަތަ ހިލޭ ދޭ ތަކެތި
(ހ) މުދާ ވިއްކާ ފަރާތަކުން ނުވަތަ ހިދުމަތްދޭ ފަރާތަކުން، މުދާ ވިއްކުމުގައި ނުވަތަ ފޯރުކޮށްދިނުމުގައި ނުވަތަ ހިދުމަތް ދިނުމުގައި، ހަދިޔާއެއް ނުވަތަ ފައިސާއެއް ނުވަތަ ހިލޭ އެއްވެސް އެއްޗެއް ނުވަތަ އެނޫންވެސް އެފަދަ އިނާޔަތެއް ދިނުމަށް އެއްބަސްވުމަށްފަހު، އެފަދައިން އެއްބަސްވެފައިވާގޮތަށް އެ އެއްޗެއް ނުދިނުމަކީ މަނާކަމެކެވެ.
(ށ) މުދާ ވިއްކާ ފަރާތަކުން ނުވަތަ ހިދުމަތްދޭ ފަރާތަކުން، މުދާ ވިއްކުމުގައި ނުވަތަ ފޯރުކޮށްދިނުމުގައި ނުވަތަ ހިދުމަތް ދިނުމުގައި، ހަދިޔާއެއް ނުވަތަ ފައިސާއެއް ނުވަތަ ހިލޭ ދިނުމަށް ބުނެފައިވާ އެއްޗެއް ނުވަތަ އެނޫންވެސް އެފަދަ އިނާޔަތެއް ދޭ ގޮތަށް މުދާ ވިއްކާފައިވާނަމަ ނުވަތަ ހިދުމަތެއް ފޯރުކޮށްދީފައިވާނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުށަހެޅުމަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ނ) އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ށ) އާ ހިލާފުވީ ކަމުގައެއް ނުބެލެވޭނެއެވެ.
- ހަދިޔާއެއް ނުވަތަ ފައިސާއެއް ނުވަތަ ހިލޭ އެއްވެސް އެއްޗެއް ނުވަތަ މިފަދަ އިނާޔަތެއް ދެވިފައިނުވަނީ، ބާރުނުފޯރުވޭ ކަމެއްގެ ސަބަބުން ކަމަށްވުން.
- ހަދިޔާއެއް ނުވަތަ ފައިސާއެއް ނުވަތަ ހިލޭ އެއްވެސް އެއްޗެއް ނުވަތަ މިފަދަ އިނާޔަތެއް ދެވިފައިނުވަނީ، އެކަށީގެންވާ މިންވަރަށް ފިޔަވަޅު އެޅުމުންވެސް އެކަމެއް ހާޞިލުނުވުމުގެ ސަބަބުން ކަމަށްވުން.
55 ވަނަ މާއްދާ - ފައިސާ ނެގުން
(ހ) މުދާ ވިއްކާ ފަރާތަކުން ނުވަތަ ހިދުމަތްދޭ ފަރާތަކުން، މުދާ ނުވިއްކޭނެކަން ނުވަތަ ހިދުމަތް ފޯރުކޮށް ނުދެވޭނެކަން އެނގިހުރެ، އެ މުދަލެއް ވިއްކުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް ފައިސާ ނަގައިގެން ނުވާނެއެވެ.
(ށ) މުދާ ވިއްކާ ފަރާތަކުން ނުވަތަ ހިދުމަތްދޭ ފަރާތަކުން، ގަންނަ މުދަލަކާ ތަފާތު މުދަލެއް ނުވަތަ ބަލައިގަންނަ ހިދުމަތަކާ ތަފާތު ހިދުމަތް ފޯރުކޮށްނުދެވޭނެކަން އެނގިހުރެ، އެ މުދަލެއް ވިއްކުމަށް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް ފައިސާ ނަގައިގެން ނުވާނެއެވެ.
ނުވަވަނަ ބާބު
އިންސާފުވެރިނޫން މާއްދާތައް
56 ވަނަ މާއްދާ - މި ބާބު ހިނގާ ދާއިރާ
މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، މުދާ ވިއްކާ ނުވަތަ ހިދުމަތެއްދޭ ފަރާތްތަކުގެ ހައްގުތަކާއި، ޒިންމާތައް ބަޔާންކޮށްފައިވާ އެއްބަސްވުންތަކާއި، ނޯޓިސް، ލިޔެކިޔުން، ނުވަތަ އެނޫންވެސް އެންގުންތަކުގެ މައްޗަށް މި ބާބު ހިނގާނެއެވެ.
57 ވަނަ މާއްދާ - އިންސާފުވެރިނޫން އެއްބަސްވުން، ނޯޓިސް އަދި އެންގުމެއްކަމަށް ބެލުން
މި ގާނޫނުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމެއްގައި، ނުވަތަ ނޯޓިސްއެއްގައި، ނުވަތަ ލިޔެކިޔުމެއްގައި، ނުވަތަ އެނޫންވެސް އެންގުމެއްގައި ހިމެނޭ ށަރުތަކީ ނުވަތަ މާއްދާއަކީ އަންނަނިވި ހާލަތްތަކުގައި އިންސާފުވެރިނޫން ނުވަތަ ބުއްދި ގަބޫލުނުކުރެވޭފަދަ ށަރުތެއް ނުވަތަ މާއްދާއެއްކަމަށް ބަލަންވާނެއެވެ.
(ހ) އެ މުދަލެއް ގަންނަ ފަރާތް ނުވަތަ ހިދުމަތް ހޯދާ ފަރާތް ފިޔަވައި، އެހެން ފަރާތަކަށް ބޮޑަށް މަންފާވާ ގޮތަށް ހުރުން؛
(ށ) މުދާ ވިއްކުމުގެ ނުވަތަ ހިދުމަތް ހޯދުމުގެ މުއާމަލާތުގައި ނުވަތަ އެއްބަސްވުމުގައި ހިމެނޭ މާއްދާގެ ސަބަބުން މުދާ ގަންނަ ނުވަތަ ހިދުމަތް ހޯދާ ފަރާތަށް ގަބޫލުކުރެވޭ މިންވަރަށްވުރެ ބޮޑަށް ގެއްލުންވުން؛
(ނ) މުދަލެއް ނުވަތަ ހިދުމަތަކާ ގުޅިގެން އޮޅުވާލައިގެން ނުރަނގަޅު މައުލޫމާތެއް ދީފައިވަނިކޮށް، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް މުދާ ގަންނަ ނުވަތަ ހިދުމަތް ހޯދާ ފަރާތަށް ގެއްލުންވުން.
58 ވަނަ މާއްދާ - އިންސާފުވެރިނޫން މާއްދާއާ އެއްގޮތަށް އަމަލުކުރަން ނުޖެހުން
މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، މުދާ ވިއްކާ ނުވަތަ ހިދުމަތެއްދޭ ފަރާތްތަކާ ދެމެދު ހެދިފައި ހުންނަ އެއްބަސްވުންތަކާއި، ނޯޓިސް، ލިޔެކިޔުން، ނުވަތަ އެނޫންވެސް އެންގުންތަކުގައި ހުންނަ އިންސާފުވެރިނޫން މާއްދާތަކާ އެއްގޮތަށް މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކުރާކަށް ނުޖެހޭނެއެވެ.
59 ވަނަ މާއްދާ - އިންސާފުވެރިނޫން މާއްދާކަމުގައި ބެލެވޭނެ ހާލަތްތައް
(ހ) މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، މުދާ ވިއްކާ ނުވަތަ ހިދުމަތެއްދޭ ފަރާތްތަކާ ދެމެދު ހެދިފައި ހުންނަ އެއްބަސްވުން، ނޯޓިސް، ލިޔެކިޔުން، ނުވަތަ އެނޫންވެސް އެންގުންތަކުގައި ހުންނަ މާއްދާތަކަކީ އިންސާފުވެރިނޫން މާއްދާއެއްކަމުގައި ބެލެވޭނީ، ހެޔޮ ނިޔަތުގެ މަބްދައުއާ ހިލާފަށް، އެ މާއްދާއެއްގެ ސަބަބުން ދެފަރާތުގެ ދެމެދުވާ ހައްގުތަކާއި ޒިންމާތައް، މުދާ ވިއްކާ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަށްވުރެ ބޮޑަށް މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަށް ގެއްލުންވާ ގޮތަށް މާނަކުރެވޭނަމައެވެ.
(ށ) އިންސާފުވެރިނޫން މާއްދާއެއްކަމަށް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- އެ މުއާމަލާތެއްގައި ވިއްކާ މުދާ ނުވަތަ ދެވޭ ހިދުމަތުގެ ބާވަތް؛
- އެ އެއްބަސްވުމެއް ނުވަތަ ނޯޓިހެއް ނުވަތަ ލިޔުމެއް ނުވަތަ އެންގުމެއް އެންގިއިރު، ވަށައިގެންވާ ކަންކަން؛
- އެއްބަސްވުން ނުވަތަ ނޯޓިސް ނުވަތަ ލިޔުން ނުވަތަ އެންގުމުގައި ހިމެނޭ އެހެނިހެން މާއްދާތައް؛
- އެ މާއްދާއެއް ބަދަލުކުރުމަށް އެންގުމުގެ އިހްތިޔާރު ނުވަތަ ބާރު މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަށް ލިބިފައިވާ މިންވަރު؛
- ދެފަރާތުގެ ދެމެދު ކުރިން ހަދާފައިވާ އެފަދަ އެހެނިހެން އެއްބަސްވުންތައް ނުވަތަ ކޮށްފައިވާ މުއާމަލާތްތައް؛
- އެއްބަސްވުމުގައި ސޮއިކުރުމުގައި، މުދާ ގަންނަ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަކުން މުދާ ފޯރުކޮށްދޭ ނުވަތަ ހިދުމަތްދޭ ފަރާތުގެ އިރުށާދަށް، ހުނަރަށް ނުވަތަ ލަފަޔަށް ބަލާފައިވާ މިންވަރު.
- މުދާ ގަންނަ ފަރާތަށް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަށް ފައިސާ އަނބުރާ ރައްދުކޮށްދިނުމަށް ނުވަތަ އެ މުދަލެއް އަލުން ފޯރުކޮށްދިނުމަށް؛
- މުދާ ގަންނަ ފަރާތަށް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް؛
- މިފަދަ އަމަލުތައް ތަކުރާރުނުވާނެ ގޮތަށް މުދާ ވިއްކާ ފަރާތް ނުވަތަ ހިދުމަތް ދޭ ފަރާތުގެ އިންތިޒާމްތައް އިސްލާޙުކުރުމަށް އެންގުން.
60 ވަނަ މާއްދާ - ސާބިތުކޮށްދިނުމުގެ ޒިންމާ
މުދާ ވިއްކުމަށް ނުވަތަ ފޯރުކޮށްދޭން ނުވަތަ ހިދުމަތެއްދިނުމަށް ހުންނަ އެއްބަސްވުންތައް، ނޯޓިސްތައް، ލިޔެކިޔުންތައް، ނުވަތަ އެންގުންތަކުގައި ހުންނަ ޒިންމާ ކުޑަކުރުމަށް ނުވަތަ ޒިންމާވާން ނުޖެހޭގޮތަށް، ނުވަތަ ހައްގުތަކާއި ޒިންމާތައް ނުލިބޭގޮތަށް ހުންނަ މާއްދާތަކަކީ އިންސާފުވެރި މާއްދާއެއްކަން ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލާނީ މުދާ ވިއްކާ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތުންނެވެ.
61 ވަނަ މާއްދާ - އިންސާފުވެރިނޫން މާއްދާއަކާ ގުޅިގެން ޖަވާބުދާރީވުމަށް އެންގުން
ހުށަހަޅާފައިވާ މައްސަލައެއްގައި ހިމެނޭ ފަރާތަކުން އިންސާފުވެރިނޫން މާއްދާއަކާ ގުޅިގެން އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވިނަމަވެސް، އެ މައްސަލައެއް ބަލާ ފަރާތަށް އިންސާފުވެރިނޫން މާއްދާއެއްކަމަށް ފެންނަ މާއްދާތަކާ ގުޅޭގޮތުން ޖަވާބުދާރީވުމަށް، މުދާ ވިއްކާ ނުވަތަ ހިދުމަތްދޭ ފަރާތަށް އެންގިދާނެއެވެ.
ދިހަވަނަ ބާބު
އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ ވިޔަފާރި
63 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ވިޔަފާރިކުރުމުގައި ނުވަތަ ހިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލު
(ހ) މި ގާނޫނުގެ ދެ ވަނަ ބާބު އަދި ތިން ވަނަ ބާބުގައި މުދަލެއްގައި ނުވަތަ ހިދުމަތެއްގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރަށް، މަދުވެގެން އަންނަނިވި މައުލޫމާތުތައް އިލެކްޓްރޯނިކް ޒަރީއާއިން މުދާ ވިއްކުމުގައި ނުވަތަ ހިދުމަތެއް ދިނުމުގައި މުދާ ގަންނަ ފަރާތަށް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަށް ދޭންވާނެއެވެ.
- މުދާ ވިއްކާ ފަރާތް ނުވަތަ ހިދުމަތްދޭ ފަރާތުގެ ނަން؛
- މުދާ ވިއްކާ ފަރާތް ނުވަތަ ހިދުމަތްދޭ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީ ނަންބަރު؛
- މުދާ ނުވަތަ ހިދުމަތަކަށް ކަނޑައަޅާފައިވާ އަގުގެ އިތުރުން، އެ މުދަލެއް ނުވަތަ ހިދުމަތަކަށް އިތުރު ފީއެއް ނުވަތަ ޗާޖެއް ނަގާނަމަ އެކަން؛
- އިލެކްޓްރޯނިކް ޒަރީއާއިން މުދާ ގަތުމަށްފަހު ނުވަތަ ހިދުމަތް ހޯދުމަށް ހުށަހެޅުމަށްފަހު، އެ ހުށަހެޅުމެއް ކެންސަލްކުރުމަށް ނުވަތަ އެ ހުށަހެޅުމެއް އަނބުރާ ގެނައުމުގެ ފުރުޞަތު އޮތްނަމަ އެކަމަށް ލިބޭނެ މުއްދަތު؛
- ވިއްކާ މުދަލެއް ނުވަތަ ލިބޭ ހިދުމަތެއްގައި އެއްވެސް މައްސަލައެއްވާނަމަ، މުދާ ވިއްކާ ފަރާތް ނުވަތަ ހިދުމަތްދޭ ފަރާތަށް އެ ތަކެތި އަނބުރާ ރައްދުކޮށްދިނުމަށް ނުވަތަ މި ގާނޫނުގެ ދަށުން މުދާ ގަންނަ ފަރާތަށް ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތަށް ލިބިފައިވާ ހައްގު ހޯދުމަށް އަމަލުކުރަންޖެހޭ އުސޫލު.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، އަންނަނިވި ބާވަތްތަކުގެ މުއާމަލާތްތަކުގެ މައްޗަކަށް މި މާއްދާއެއް ނުހިނގާނެއެވެ.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ލިބިގެން ހިންގާ މާލީ ވިޔަފާރިތަކުން، އިލެކްޓްރޯނިކް ޒަރީއާއިން ކުރާ މާލީ މުއާމަލާތްތައް؛
- ބަސް، ނުވަތަ ފްލައިޓް ނުވަތަ ދަތުރުފަތުރުގެ ޓިކެޓް ވިއްކުމުގެ ހިދުމަތްތައް؛
- އިލެކްޓްރޯނިކް ޒަރީއާއިން ކުރިނަމަވެސް ވަކި ކޮންޓްރެކްޓެއްގެ ދަށުން ގަންނަ މުދާ ނުވަތަ ދޭ ހިދުމަތްތައް؛
- އެނޫންވެސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާކުރާ މުދަލާއި ހިދުމަތްތައް.
64 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ ވިޔަފާރި ނުވަތަ ދެވޭ ހިދުމަތްތަކާގުޅޭ ގަވާއިދު ހެދުން
(ހ) އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ ވިޔަފާރި ނުވަތަ ދެވޭ ހިދުމަތްތަކާގުޅޭ ގަވާއިދުތައް ހެދުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، އެ ވިޔަފާރިއަކީ ނުވަތަ އެ ހިދުމަތަކީ ވަކި އިދާރާއަކުން ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާ ވިޔަފާރިއެއް ނުވަތަ ހިދުމަތެއްނަމަ، އެ ވިޔަފާރިއާ ނުވަތަ ހިދުމަތާގުޅޭ ގަވާއިދުތައް ހެދުމުގެ ބާރު ލިބިގެންވަނީ އެ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާ އިދާރާއަކަށެވެ.
އެގާރަވަނަ ބާބު
މިނިސްޓްރީގެ ބާރުތަކާއި މަސްއޫލިއްޔަތު
65 ވަނަ މާއްދާ - އަގު ކޮންޓްރޯލްކުރުން
(ހ) ދިވެހިރާއްޖޭގައި ވަކި ބާވަތެއްގެ މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އިގްތިސާދީ ހާލަތު އެއިރަކު އޮންނަ ގޮތަކުން، ރާއްޖޭގައި ވިއްކާ މުދަލެއްގެ އަގު ކޮންޓްރޯލްކުރުމަށް ނުވަތަ ވިއްކޭނެ މިންވަރު ކޮންޓްރޯލްކުރުމަށް މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، އެ މުދަލެއް ވިއްކޭނެ މިންވަރު ކޮންޓްރޯލްކުރުމާއި، އެ މުދަލެއްގެ އަގު ކޮންޓްރޯލްކުރުމާއި، މުދާ އުފުލުމުގެ ހަރަދަށް ބަލައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮންޓްރޯލްކޮށްފައިވާ އަގު ތަފާތުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) ދިވެހިރާއްޖޭގައި ދެވޭ ހިދުމަތެއް ބޭނުންތެރިކަން އޮތްގޮތަކުން، ނުވަތަ ރާއްޖޭގެ އިގްތިސާދީ ހާލަތު އެއިރަކު އޮންނަގޮތަކުން، ރާއްޖޭގައި ދެވޭ ހިދުމަތެއްގެ އަގު ކޮންޓްރޯލްކުރުމަށް އެ ހިދުމަތަކާބެހޭ މިނިސްޓްރީއަކަށް ފެނިއްޖެ ހިނދެއްގައި، އެ ހިދުމަތެއްގެ އަގު ކޮންޓްރޯލްކުރުމާއި އެ ހިދުމަތެއް ދިނުމުގެ ހަރަދަށް ބަލައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮންޓްރޯލްކޮށްފައިވާ އަގު ތަފާތުކުރުމުގެ އިހްތިޔާރު އެ ހިދުމަތަކާބެހޭ މިނިސްޓްރީއަކަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އަގު ކޮންޓްރޯލްކުރެވޭ އެއްވެސް މުދަލެއް ކޮންޓްރޯލް އަގަށް ވުރެ ބޮޑު އަގަކަށް ވިއްކުމާއި، މި މާއްދާގެ (ށ) ގެ ދަށުން އަގު ކޮންޓްރޯލްކުރެވޭ އެއްވެސް ހިދުމަތެއް، ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގަކަށް ދިނުމަކީ މަނާކަމެކެވެ.
66 ވަނަ މާއްދާ - މޮނިޓަރކުރުން
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީން ކަނޑައަޅާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިން، މުދާ ވިއްކާ ފަރާތްތައް ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް މޮނިޓަރކުރެވިދާނެއެވެ.
67 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ބާރު
(ހ) މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، މުދާ ވިއްކާ ފަރާތްތަކުން ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މޮނިޓަރކުރުމަށް، ދުވާލުގެ އެކަށީގެންވާ ވަގުތުތަކުގައި، މުދާ ވިއްކާ ތަނަކަށް ނުވަތަ ހިދުމަތްދޭ ތަނަކަށް މަދުވެގެން 2 (ދޭއް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު، އެ ތަނަކަށް ވަދެ، މި ގާނޫނާ އެއްގޮތަށް ކަންތައްތައް ހިނގާތޯ މިނިސްޓްރީން އައްޔަންކުރާ ބަޔަކަށް ބަލައި، ޗެކްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކަށީގެންވާ ފިޔަވަޅު އެޅުމަށްފަހުވެސް ނޯޓިސް ދެވިފައިނުވާނަމަ، ނުވަތަ އެތަނަކަށް ވަނުމަށް ރުހުން ދީފައިނުވާނަމަ ނުވަތަ ހުރަސްއަޅައިފިނަމަ، ކޯޓުގެ އަމުރެއް ހޯދުމަށް މިނިސްޓްރީއަށް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރުމަށް މުދާ ވިއްކާ ތަނަކަށް ނުވަތަ ހިދުމަތްދޭ ތަނަކަށް ވަންނަ މިނިސްޓްރީން އައްޔަންކުރާ ބަޔަކަށް އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
- ވީޑިއޯ ކުރުމާއި ފޮޓޯ ނެގުން؛
- އެއްވެސް ލިޔުމެއްގެ ކޮޕީ ހެއްދުން ނުވަތަ ކޮޕީ ހަދާފައި ދިނުމަށް އެންގުން؛
- ތަޙްގީގަށް ބޭނުންވާ މުދަލެއް ނުވަތަ ލިޔެކިޔުމެއް އެތަނުން ނެރުމަށް އެންގުން؛
- އެ ތަނަކުން މައުލޫމާތު ދޭ ފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ހޯދުން ނުވަތަ ދިނުމަށް އެންގުން.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ވިޔަފާރިކުރާ ތަނަކަށް ނުވަތަ ހިދުމަތް ފޯރުކޮށްދޭ ތަނަކަށް ވަންނަ ފަރާތަކަށް، އެއީ މިނިސްޓްރީގެ ފަރާތުން އައްޔަންކޮށްފައިވާ ބަޔަކުކަން އެނގޭނެ ލިޔުމެއް މިނިސްޓްރީން ދޫކުރަންވާނެއެވެ.
68 ވަނަ މާއްދާ - ލިޔެކިޔުން ނުވަތަ މައުލޫމާތު ހޯދުން
މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، މުދާ ވިއްކާ ފަރާތްތަކުން ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މޮނިޓަރކުރުމަށް، ވަކި ލިޔުމެއް ނުވަތަ މައުލޫމާތެއް ހުށަހެޅުމަށް ނުވަތަ ވަކި ފަރާތެއްގެ ބަޔާނެއް ދިނުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
69 ވަނަ މާއްދާ - މުދާ ރިކޯލްކުރުން
(ހ) އެއްވެސް މުދަލަކީ އެއްވެސް ފަރާތަކަށް ގެއްލުމެއްވާފަދަ މުދަލެއްކަމާއި، އެ ގެއްލުމަކުން ރައްކާތެރިވުމަށް އެ މުދާ ވިއްކާ ނުވަތަ ފޯރުކޮށްދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމަށް މިނިސްޓަރަށް ގަބޫލުކުރެވޭނަމަ ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރާ ނޯޓިސްއެއް މެދުވެރިކޮށް އެ މުދަލާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- އެ މުދަލެއް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ރިކޯލްކުރުމަށް އެންގުން؛
- އެ މުދަލާ ގުޅިގެން އަންނަނިވި މައުލޫމާތު އާންމުންނަށް ނުވަތަ އާންމުންގެ ވަކި ބަޔަކަށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަށް އެންގުން؛
- އެ މުދަލުގައި ހިމެނޭ އުނިކަން ނުވަތަ އެ މުދަލުގައި ހިމެނޭ ނުރައްކާތަކަކީ ކޮބައިކަން.
- އެ މުދާ ބޭނުންކުރުމުން ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތަކަކީ ކޮބައިކަން.
- އެ މުދާ ނައްތާލުމުގައި އަމަލުކުރަންވީ ގޮތްތައް.
- އެ މުދަލާ ގުޅިގެން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އަމަލުކުރުމަށް މުދާ ވިއްކާ ނުވަތަ ފޯރުކޮށްދޭ ފަރާތުން އެއްބަސްވެފައިވާކަން އެންގުން؛
- އެ މުދަލަކީ ބޭނުންކުރުމުން އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ މުދަލަކަށް ނުވާނަމަ، އެ މުދަލެއް މަރާމާތުކޮށްދިނުން.
- އެ މުދާ ބަދަލުކޮށްދިނުން.
- އެ މުދަލުގެ އަގު ރިފަންޑުކޮށްދިނުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން އަންގާ އެންގުމާ ހިލާފުވާ ފަރާތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން އަންގާ އެންގުމަކާ މުދާ ވިއްކާ ފަރާތް ހިލާފުވުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް، އެ އެންގުމާ ހިލާފުވި މުދާ ވިއްކާ ފަރާތުގެ ކިބައިން ގެއްލުމުގެ ބަދަލު ހޯދުމަށް ކަމާބެހޭ ކޯޓަކަށް ހުށަހެޅިދާނެއެވެ.
ބާރަވަނަ ބާބު
ކޮންސިއުމަރ އޮމްބަޑްސްމަން
70 ވަނަ މާއްދާ - ކޮންސިއުމަރ އޮމްބަޑްސްމަން އައްޔަންކުރުން
(ހ) މި ގާނޫނުގެ ދަށުން އުފުލާ ށަކުވާތައް ބެލުމަށްޓަކައި އައްޔަންކުރެވޭ ކޮންސިއުމަރ އޮމްބަޑްސްމަނެއް ހުންނަންވާނެއެވެ.
(ށ) ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް މީހަކު އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންސިއުމަރ އޮމްބަޑްސްމަންކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން އައްޔަންކުރެވޭ ކޮންސިއުމަރ އޮމްބަޑްސްމަން، އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަޙްގީގުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީވާނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށެވެ.
(ބ) ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަކީ، މިނިސްޓްރީގައި ގާއިމްކުރެވޭ އިދާރާއެކެވެ. ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ފޯރުކޮށްދޭނީ، މިނިސްޓްރީންނެވެ.
71 ވަނަ މާއްދާ - ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތު
ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނާ ހިލާފުވެގެން ހުށަހެޅޭ މައްސަލަތައް ހުށަހަޅާނެ ނިޒާމެއް ގާއިމުކުރުން؛
(ށ) މި ގާނޫނާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަޙްގީގުކުރުން؛
(ނ) މި ގާނޫނާ ހިލާފުވެގެން ހުށަހަޅާ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ނިންމުން؛
(ރ) މި ގާނޫނާ ހިލާފުވެފައިވާ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ބ) މި ގާނޫނާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް ނިންމާގޮތް އާންމުކޮށް ށާއިއުކުރުން.
72 ވަނަ މާއްދާ - ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމުގެ ށަރުތު
ކޮންސިއުމަރ އޮމްބަޑްސްމަންކަމަށް އައްޔަންކުރެވޭ މީހެއްގެ ކިބައިގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން؛
(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
(ނ) އިންތިހާބުކުރެވިގެން ނުވަތަ އައްޔަންކުރެވިގެން ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން؛
(ރ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހެއްކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މުވައްޒަފެއްކަމުގައި ނުވުން؛
(ބ) މުދާ ވިއްކާ ފަރާތެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ކަމުގައިނުވުން؛ އަދި
(ޅ) މި ގާނޫނުގައި ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތުތައް ކަމަށް ބަޔާންކޮށްފައިވާ ކަންކަން އަދާކުރެވޭވަރުގެ ގާބިލުކަމާއި ވިޔަފާރީގެ ދާއިރާއިން ނުވަތަ މުދާ ވިއްކާ ނުވަތަ ހިދުމަތްދިނުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލުކޮށްފައިވުމާއެކު، ކަމާގުޅޭ ތަޖުރިބާ ހުރި ފަރާތެއް ކަމުގައިވުން.
73 ވަނަ މާއްދާ - ކޮންސިއުމަރ އޮމްބަޑްސްމަންކަމުގެ މުއްދަތު
ކޮންސިއުމަރ އޮމްބަޑްސްމަންކަމަށް މީހަކު އައްޔަންކުރާނީ 5 (ފަހެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރަށެވެ.
74 ވަނަ މާއްދާ - މަގާމުން އިސްތިއުފާދިނުން
ކޮންސިއުމަރ އޮމްބަޑްސްމަން، އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ކޮންސިއުމަރ އޮމްބަޑްސްމަން، އޭނާގެ މަގާމުން ވަކިވީއެވެ.
75 ވަނަ މާއްދާ - މަގާމުން ވަކިކުރުން
ކޮންސިއުމަރ އޮމްބަޑްސްމަން މަގާމުން ވަކިކުރާނީ، އޭނާގެ މަގާމާ އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް ނާގާބިލުވެއްޖެކަމަށް ފެނިއްޖެ ހިނދެއްގައި، ރައީސުލްޖުމްހޫރިއްޔާއެވެ.
76 ވަނަ މާއްދާ - މަގާމުން ވަކިވުން
މި ގާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ކޮންސިއުމަރ އޮމްބަޑްސްމަންގެ ކިބައިން އުނިވެއްޖެނަމަ، އެމީހަކު ކޮންސިއުމަރ އޮމްބަޑްސްމަންކަމުގެ މަގާމުން ވަކިކުރަންވާނެއެވެ.
77 ވަނަ މާއްދާ - މުސާރައާއި އިނާޔަތް
ކޮންސިއުމަރ އޮމްބަޑްސްމަނަށް ދެވޭ މުސާރައާއި އިނާޔަތް ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
78 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ބާރު
(ހ) ހުށަހަޅާފައިވާ މައްސަލައެއް ބަލައި ތަޙްގީގުކުރުމަށްޓަކައި، ދުވާލުގެ އެކަށީގެންވާ ވަގުތުތަކުގައި، މުދާ ވިއްކާ ތަނަކަށް ނުވަތަ ހިދުމަތްދޭ ތަނަކަށް މަދުވެގެން 2 (ދޭއް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު، އެ ތަނަކަށް ވަދެ، މި ގާނޫނާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ކޮންސިއުމަރ އޮމްބަޑްސްމަނަށް ނުވަތަ އޭނާ އައްޔަންކުރާ ބަޔަކަށް ބަލައި، ޗެކްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކަށީގެންވާ ފިޔަވަޅު އެޅުމަށްފަހުވެސް ނޯޓިސް ދެވިފައިނުވާނަމަ، ނުވަތަ އެތަނަކަށް ވަނުމަށް ރުހުން ދީފައިނުވާނަމަ ނުވަތަ ހުރަސްއަޅައިފިނަމަ، ކޯޓުގެ އަމުރެއް އެކަމަށް ހޯދުމަށް ކޮންސިއުމަރ އޮމްބަޑްސްމަނަށް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރުމަށް މުދާ ވިއްކާ ތަނަކަށް ނުވަތަ ހިދުމަތްދޭ ތަނަކަށް ވަންނަ ކޮންސިއުމަރ އޮމްބަޑްސްމަން އައްޔަންކުރާ ބަޔަކަށް އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
- ވީޑިއޯ ކުރުމާއި ފޮޓޯ ނެގުން؛
- އެއްވެސް ލިޔުމެއްގެ ކޮޕީ ހެއްދުން ނުވަތަ ކޮޕީ ހަދާފައި ދިނުމަށް އެންގުން؛
- ތަޙްގީގަށް ބޭނުންވާ މުދަލެއް ނުވަތަ ލިޔެކިޔުމެއް އެތަނުން ނެރުމަށް އެންގުން؛
- އެ ތަނަކުން މައުލޫމާތު ދޭ ފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ހޯދުން ނުވަތަ ދިނުމަށް އެންގުން.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ވިޔަފާރިކުރާ ތަނަކަށް ނުވަތަ ހިދުމަތް ފޯރުކޮށްދޭ ތަނަކަށް ވަންނަ ފަރާތަކަށް، އެއީ ކޮންސިއުމަރ އޮމްބަޑްސްމަންގެ ފަރާތުން އައްޔަންކުރާ ބަޔަކުކަން އެނގޭނެކަމުގެ ލިޔުމެއް ކޮންސިއުމަރ އޮމްބަޑްސްމަން ދޫކުރަންވާނެއެވެ.
79 ވަނަ މާއްދާ - ލިޔެކިޔުން ނުވަތަ މައުލޫމާތު ހޯދުން
ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ވަކި ލިޔުމެއް ނުވަތަ މައުލޫމާތެއް ހުށަހެޅުމަށް ނުވަތަ ވަކި ފަރާތެއްގެ ބަޔާނެއް ދިނުމަށް އެންގުމުގެ ބާރު ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވެއެވެ.
80 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭ މުއްދަތު
މި ގާނޫނާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް، އެކަމެއް ހިނގި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހަޅަންވާނެއެވެ.
81 ވަނަ މާއްދާ - ކޯޓަށް މައްސަލަ ހުށަހެޅުން
މި ބާބުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަން އަޅާފައިވާ ފިޔަވަޅަކާ ނުވަތަ ނިންމާފައިވާ ނިންމުމަކާ ހިތްހަމަ ނުޖެހިއްޖެނަމަ، އެ މައްސަލައެއް ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.
ތޭރަވަނަ ބާބު
އިދާރީ ފިޔަވަޅު
82 ވަނަ މާއްދާ - ކޮންސިއުމަރ އޮމްބަޑްސްމަން ކަނޑައަޅާ އަދަބުތައް
މި ގާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހަޅާ މައްސަލަތަކުގައި، މި ގާނޫނުން މަނާކޮށްފައިވާކަމެއް ކޮށްފައިވާ ފަރާތެއް ނުވަތަ މި ގާނޫނާ ހިލާފުވެފައިވާ ފަރާތެއް އަންނަނިވި އަދަދުތަކުން ޖޫރިމަނާކުރުން ނުވަތަ އެ ފަރާތެއްގެ މައްޗަށް އަންނަނިވި ފިޔަވަޅުތައް އެޅުމުގެ ބާރު ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވެއެވެ.
(ހ) ފުރަތަމަ ފަހަރު 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން؛
(ށ) ތަކުރާރުކުރާ ކޮންމެ ފަހަރަކު 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން؛
(ނ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، 5,000 (ފަސްހާސް) ރުފިޔާއާއި 250,000(ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެތަނެއް 6 (ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުން.
83 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގައި އަމަލުކުރާ އުސޫލުގެ ގަވާއިދު ހެދުމުގެ ބާރު
މި ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި، ކޮންސިއުމަރ އޮމްބަޑްސްމަން އަމަލުކުރާނެގޮތުގެ ގަވާއިދު ހެދުމުގެ ބާރު ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވެއެވެ.
84 ވަނަ މާއްދާ - މިނިސްޓްރީން ކަނޑައަޅާ އަދަބުތައް
މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން މުދާ ވިއްކާ ފަރާތްތައް ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް މޮނިޓަރކުރުމުގައި، މި ގާނޫނުން މަނާކޮށްފައިވާކަމެއް ކޮށްފައިވާ ފަރާތެއް ނުވަތަ މި ގާނޫނާ ހިލާފުވެފައިވާ ފަރާތެއް އަންނަނިވި އަދަދުތަކުން ޖޫރިމަނާކުރުން ނުވަތަ އެ ފަރާތެއްގެ މައްޗަށް އަންނަނިވި ފިޔަވަޅުތައް އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ހ) ފުރަތަމަ ފަހަރު 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން؛
(ށ) ތަކުރާރުކުރާ ކޮންމެ ފަހަރަކު 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން؛
(ނ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، 5,000 (ފަސްހާސް) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެތަނެއް 6 (ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުން.
85 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު ހެދުމުގެ ބާރު
މި ގާނޫނުގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި، މިނިސްޓްރީން އަމަލުކުރާނެގޮތުގެ ގަވާއިދު ހެދުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ސާދަވަނަ ބާބު
އެހެނިހެން ކަންކަން
86 ވަނަ މާއްދާ - އިސްތިސްނާ
ނީލަމުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މި ގާނޫނުން އިސްތިސްނާވާނެއެވެ.
87 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.
(ށ) މި ގާނޫނުގެ ބާރަވަނަ ބާބުގެ ދަށުން، ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުންނެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި އާންމުކުރަންވާނެއެވެ.
88 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
89 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1996-01 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު) އުވުނީއެވެ.
90 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "މުދާ" ކަމަށް ބުނެފައި އެވަނީ، ހިފާ ގެންގުޅެވޭގޮތަށް ނުވަތަ އެނޫންވެސް ގޮތަކަށް، އަމިއްލަ ބޭނުންތަކަށް ވިއްކާ ތަކެއްޗަށެވެ. މީގެ ތެރޭގައި ޑިޖިޓަލް ފޯމްއެއްގައި ތައްޔާރުކުރެވިފައި ހުންނަ ސޮފްޓްވެއަރފަދަ ތަކެތި ހިމެނޭނެއެވެ.
(ށ) "ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، ވިއްކުމަކުން ނުވަތަ ބަދަލު ކުރުމަކުން ނުވަތަ ކުއްޔަށްދިނުމަކުން ނުވަތަ ފަހުން އަގުދޭގޮތަށް ބާޒާރަށް މުދަލެއް ނުވަތަ ހިދުމަތެއް ވާސިލުކޮށްދޭ ކޮށްދިނުމަށެވެ.
(ނ) "ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ތަނެއް ބެލެހެއްޓުމާއި، ހިންގުމާއި، މަރާމާތުކުރުމާއި ނުވަތަ ބަދަލުކުރުން ހިމެނޭގޮތުން ދެވޭ ހިދުމަތްތަކަށެވެ.
(ރ) "ރީކޮންޑިށަންކޮށްފައިވާ މުދާ" ކަމަށް ބުނެފައި އެވަނީ، ގަނެފައިވާ މުދަލެއް އަނބުރާ ރައްދުކުރާ ހާލަތްތަކުގައި، އެ މުދަލެއް ސާފުކޮށް، އެކްސްޓެންސިވް ޓެސްޓިންގއަށްފަހު އަލުން ބަންދުކޮށް ވިއްކުމަށް ނެރެފައިވުމަށެވެ.
(ބ) "އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ ވިޔަފާރި ނުވަތަ ދެވޭ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް މިފަދަ ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުންކޮށްގެން ކުރެވޭ މުއާމަލާތެއް ހިމެނޭގޮތުން ހިންގޭ ވިޔަފާރި ނުވަތަ ދެވޭ ހިދުމަތްތަކަށެވެ.
(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ކ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(އ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، މާލޭގައިނަމަ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ސިވިލް ކޯޓަށެވެ. ނުވަތަ ދިވެހިރާއްޖޭގެ އެހެން ރަށެއްގައިނަމަ، އެ ކޯޓަކަށް ލިބިފައިވާ އިހްތިސާސްއާ އެއްގޮތަށް، އެ ގާނޫނުގެ ހަތަރުވަނަ ބާބުގައި ބުނެފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
(ވ) "ސީދާ އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ލިޔެކިޔުމެއް މެދުވެރިކޮށް، ނުވަތަ ޕޯސްޓުން، ނުވަތަ ފޯނުން، ނުވަތަ އިންޓަރނެޓްފަދަ ޑިޖިޓަލް ވަސީލަތެއް މެދުވެރިކޮށް ސީދާ މުދާ ގަންނަ ފަރާތަކަށް ނުވަތަ ހިދުމަތެއް ލިބިގަންނަ ފަރާތަކަށް ވިއްކާ މުދަލެއް ނުވަތަ ދެވޭ ހިދުމަތަކާ ގުޅިގެން ކުރާ އިށްތިހާރުކުރުމަށެވެ.
ކިޔުންތެރިންގެ ހިޔާލު