-

އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2015-11

(ދިވެހިރާއްޖޭގެ) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2019-08)

 

ގާނޫނު ނަންބަރު 2015-11 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. ޔުނިވަރސިޓީގެ އިސް އޮފިސަރުން

(ހ)  ޔުނިވަރސިޓީގެ އިސް އޮފިސަރުންގެ ގޮތުގައި ހިމެނޭނީ އަންނަނިވި ފަރާތްތަކެވެ.

  1. ޔުނިވަރސިޓީގެ ޗާންސެލަރ؛
  2. ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ؛ އަދި
  3. ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 9 ވަނަ މާއްދާގެ (ށ) އުނިކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރާނީ 9 ރައީސުލްޖުމްހޫރިއްޔާއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޔުނިވަރސިޓީގެ ޗާންސެލަރ އައްޔަންކޮށް، ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. 

(ށ) ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. 

(ނ) ޗާންސެލަރުގެ މަސްއޫލިއްޔަތަކީ ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމެވެ.

 

4 ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. ވައިސް ޗާންސެލަރ

(ހ) ޔުުނިވަރސިޓީގެ ވައިސް ޗާންސެލަރ އައްޔަންކޮށް، ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ވައިސް ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ވައިސް ޗާންސެލަރަކީ ޔުނިވަރސިޓީގެ މަޖިލީހުން ނިންމާ އުސޫލުތަކާ އެއްގޮތަށް ޔުނިވަރސިޓީގެ ތައުލީމީ، އިލްމީ އަދި އިދާރީ ކަންތައްތައް ހިންގާ އެންމެ އިސްވެރިޔާއެވެ. ވައިސް ޗާންސެލަރުގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

  1. ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޔުނިވަރސިޓީގެ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމާއި، ޔުނިވަރސިޓީގެ ތައުލީމާއި އިލްމީ ފެންވަރު ރަނގަޅުކޮށް ޔުނިވަރސިޓީ ތަރައްގީކުރުން؛
  2. ޔުނިވަރސިޓީގެ ތަރައްގީގެ މަށްރޫއުތަކާއި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް  ހިންގުން؛
  3. ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޔުނިވަރސިޓީއާބެހޭ މައުލޫމާތު ޔުނިވަރސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ލިބޭނެގޮތް ހަމަޖެއްސުން؛
  4. ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް  ޔުނިވަރސިޓީގެ މުވައްޒަފުންނާއި ފައިސާއާއި ތަކެއްޗާއި އިމާރާތްތަކާއި އެހެނިހެން ތަކެތީގެ ބޭނުން އެންމެ ފައިދާ ބޮޑު ގޮތަކަށް ހިފޭނެގޮތް ހަމަޖެއްސުން؛
  5. ޔުނިވަރސިޓީގެ މަޖިލީހުން ނިންމާ ގޮތެއްގެމަތިން މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި، މުވައްޒަފުން، އެކިއެކި މަސައްކަތަށް ހަމަޖެއްސުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން. 

12.ޑެޕިއުޓީ ވައިސް ޗާންސެލަރުން

(ހ) ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކޮށް ވަކިކުރާނީ ޔުނިވަރސިޓީގެ މަޖިލީހުންނެވެ.

(ށ) ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ޔުނިވަރސިޓީގެ މަޖިލީހުންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 16 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އުނިކުރުން.

16(ހ)(5). ޔުނިވަރސިޓީ ހިންގުމާބެހޭ އެންމެހައި ސިޔާސަތުތައް އެކަށައެޅުމާއި 16 ޔުނިވަރސިޓީގެ އެކިއެކި ގުނަވަންތަކުން ހަދާ ގަވާއިދުތައް ތަސްދީގުކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

17(ށ).އަންނަނިވި ކަންކަން، ޔުނިވަރސިޓީގެ މަޖިލީހުން އެހެން ފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ.

  1. ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރުން؛
  2. ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭނާއި ބަޖެޓް ފާސްކުރުން؛
  3. ޔުނިވަރސިޓީގެ ނުއުފުލޭ މުދާ އެއްވެސް ސިފައެއްގައި ދޫކޮށްލުން؛
  4. ޔުނިވަރސިޓީގެ ނުވަތަ ޔުނިވަރސިޓީން ކޮންޓްރޯލުކުރާ ތަނެއްގެ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިން ޔުނިވަރސިޓީގެ މާލިއްޔަތަށާއި ހަރަކާތްތަކަށް ބޮޑު ގެއްލުމެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެފަދަ މުއާމަލާތްތައް ބެލެހެއްޓުން؛
  5. ޔުނިވަރސިޓީގެ ހިންގުން މުރާޖައާކުރުން؛
  6. ޔުނިވަރސިޓީގެ އަހަރީ ރިޕޯޓު ފާސްކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

18.ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުން

ޔުނިވަރސިޓީގެ މަޖިލިސް އެކުލެވިގެންވަނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) މަގާމުގެ ހައިސިއްޔަތުން ހިމެނޭ 2  (ދޭއް) މެންބަރުން؛

(ށ) ޔުނިވަރސިޓީގެ މަޖިލީހުން ހުށަހަޅާ، މަދުވެގެން 16 (ސޯޅަ) މީހުންގެ ލިސްޓަކުން، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ 8 (އަށެއް) މެންބަރުން؛ 

(ނ) އިންތިހާބުކުރާ 8 (އަށެއް) މެންބަރުން؛ އަދި 

(ރ) ޔުނިވަރސިޓީގެ މަޖިލީހަށް ފެނިއްޖެ ހިނދެއްގައި މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް ޔުނިވަރސިޓީގެ މަޖިލީހުން އައްޔަންކުރާ އެކަކު.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން. 

19.މަގާމުގެ ހައިސިއްޔަތުން ހިމެނޭ މެންބަރުން

މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އަންނަނިވި މެންބަރުން ޔުނިވަރސިޓީގެ މަޖިލީހުގައި ހިމެނޭނެއެވެ.

(ހ) ޔުނިވަރސިޓީގެ ޗާންސެލަރ؛

(ށ) ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ.

 

20.އިންތިހާބުކުރާ މެންބަރުން

އަންނަނިވި މެންބަރުންނަކީ، ޔުނިވަރސިޓީގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރުންނެވެ.

(ހ) ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ތެރެއިން އިންތިހާބުކުރާ އެކަކު؛

(ށ) ޔުނިވަރސިޓީގެ އެކަޑެމިކް ބޯޑުން އިންތިހާބުކުރާ 1 (އެކެއް) މެންބަރު؛

(ނ) ފެކަލްޓީތަކުގެ ޑީނުންގެ ތެރެއިންނާއި މަރުކަޒުތައް ހިންގާ އެންމެ އިސްވެރިންގެ ތެރެއިން އިންތިހާބުކުރާ 2 (ދޭއް) މީހުން؛

(ރ) މި ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައިވާ މީހުންނާއި، ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި، ކޮލެޖް، ފެކަލްޓީ، ސެންޓަރުތައް ފަދަ ތަންތަނުގެ އިސްވެރިން ފިޔަވައި، ކިޔަވައިދޭ އެހެން މީހުންގެ ތެރެއިން އިންތިހާބުކުރާ އެކަކު ؛

(ބ) ޔުނިވަރސިޓީގެ އިދާރީ މުވައްޒަފުންގެ ތެރެއިން އިންތިހާބުކުރާ އެކަކު ؛

(ޅ) ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން އިންތިހާބުކުރާ އެކަކު ؛ އަދި

(ކ) ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ ދަރިވަރުންގެ ތެރެއިން އިންތިހާބުކުރާ އެކަކު.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

20.ޔުނިވަރސިޓީގެ މަޖިލީހަށް އައްޔަންކުރާ މެންބަރުންގެ މަގާމުގެ މުއްދަތު 

މަޖިލީހުގެ މެންބަރުންގެ ދައުރު ދެމިއޮންނާނީ އަންނަނިވި ގޮތަށެވެ.

(ހ) މަގާމުގެ ހައިސިއްޔަތުން ޔުނިވަރސިޓީގެ މަޖިލީހުގައި ހިމެނޭ މެންބަރުން، އެ މަގާމުތަކުގައި ދެމިތިބޭހާ ހިނދަކު، ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ދެމިތިބޭނެއެވެ.

(ށ) މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ 8 (އަށެއް) މެންބަރުން، މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނީ 4 (ހަތަރު) އަހަރުދުވަހަށްވުރެ ދިގުނުވާ ގޮތެއްގެމަތިން، އައްޔަންކުރާއިރު، ކަނޑައެޅޭ މުއްދަތަކަށެވެ.

(ނ) މި ގާނޫނުގެ ދަށުން ޔުނިވަރސިޓީގެ މަޖިލީހަށް އިންތިހާބު ކުރާ މެންބަރުންގެ ތެރެއިން ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ ދަރިވަރު ފިޔަވައި އެހެން މެންބަރުންގެ މެންބަރުކަމުގެ ދައުރަކީ 2 (ދޭއް) އަހަރުދުވަހެވެ.

(ރ) ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ ދަރިވަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުގެ ދައުރަކީ 1 (އެކެއް) އަހަރުދުވަހެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

21. މެންބަރުން އިންތިހާބުކުރާނެ ގޮތް

(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައިވާ ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބާބެހޭ އުސޫލުތައް ކަނޑައަޅާނީ ޔުނިވަރސިޓީގެ މަޖިލީހުންނެވެ.

(ށ) އިންތިހާބެއް ބާއްވަން ޖެހުމުން އެ މަސައްކަތްކުރުމަށް ޔުނިވަރސިޓީގެ މަޖިލީހުން އިލެކްށަންސް އޮފިސަރެއް އައްޔަންކުރަންވާނެއެވެ.

(ނ) ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކުގެ މަތިން އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދާނީ އިލެކްށަންސް އޮފިސަރެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު މާއްދާ އިތުރުކުރުން.

 22.މަޖިލީހުގެ ނޮމިނޭށަން ކޮމިޓީ 

މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ލިސްޓު އެކުލަވާލާނީ، ޔުނިވަރސިޓީގެ މަޖިލީހުގެ ނޮމިނޭށަން ކޮމިޓީންނެވެ. އެ ކޮމިޓީ އެކުލެވިގެންވާނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ. 

(ހ) ޗާންސެލަރ؛

(ށ) ވައިސް ޗާންސެލަރ؛

(ނ) ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ އުސޫލެއްގެ މަތިން ޗާންސެލަރ އައްޔަންކުރާ 6 (ހައެއް) މެންބަރުން.

 

23.ނޮމިނޭށަން ކޮމިޓީން ނަން ލިސްޓު އެކުލަވާލާނެގޮތް

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މެންބަރުން އައްޔަންކުރުމަށް ހުށަހަޅާ ނޮމިނޭށަން ލިސްޓުގައި މަދުވެގެން 16 (ސޯޅަ) މީހުންގެ ނަން ހިމަނަންވާނެއެވެ. 

(ށ)  ނޮމިނޭށަން ކޮމިޓީން ނޮމިނޭށަން ލިސްޓު އެކުލަވާލާއިރު، އެކި ފަންނުގެ ހުނަރުތަކުގެ މީހުން ހިމަނަންވާނެއެވެ. 

(ނ) ނޮމިނޭށަން ކޮމިޓީން އެކުލަވާލާ ނޮމިނޭށަން ލިސްޓުގައި އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ނަން ހުށަހަޅައިގެންނުވާނެއެވެ.

  1. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް؛
  2. ޔުނިވަރސިޓީގެ ދާއިމީ މުވައްޒަފެއް؛
  3. ޔުނިވަރސިޓީގެ ދަރިވަރެއް؛
  4. ނޮމިނޭށަން ކޮމިޓީގެ މެންބަރެއް.

 

24.ނޮމިނޭށަން ކޮމިޓީގެ ލިސްޓުން މެންބަރުން އައްޔަންކުރުން 

ނޮމިނޭށަން ކޮމިޓީގެ ނޮމިނޭށަން ލިސްޓު މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ލިސްޓުގައިވާ މެންބަރުންގެ ތެރެއިން އެ ވަޒީރަށް ފެންނަ ގޮތުގައި ޔުނިވަރސިޓީގެ މަސްލަހަތު ކުރިއަރުވަން އެންމެ އެކަށީގެންވާ 8 (އަށެއް) މެންބަރުން އައްޔަންކުރަންވާނެއެވެ.

 

25.ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ފަރާތްތައް

(ހ) ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ދެވޭނީ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށެވެ.

(ށ) އެކަޑެމިކް ބޯޑުން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ދެވޭނީ އެކަޑެމިކް ބޯޑުގެ މެންބަރުންނަށެވެ. 

(ނ) ޑީނުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ދެވޭނީ ކޮލެޖް، ނުވަތަ ފެކަލްޓީ، ނުވަތަ ސެންޓަރު ހިންގަން ތިބޭ ދާއިމީ އެންމެ އިސްވެރިންނަށެވެ.

(ރ) ކިޔަވައިދޭ މީހުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ދެވޭނީ އެ އިންތިހާބަކަށް ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅޭއިރު، ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ މަސައްކަތުގައި ފާއިތުވި އަހަރު ހޭދަކޮށްފައިވާ އަދި އިންތިހާބުގެ ކަންތައް ހިނގަމުންދާ ވަގުތުގައިވެސް ކިޔަވައިދިނުމުގެ މަސައްކަތުގައި ދެމިތިބި ދާއިމީ މުވައްޒަފުންނަށެވެ.

(ބ) އިދާރީ ބައިގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ އެ އިންތިހާބަކަށް ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅޭއިރު، ޔުނިވަރސިޓީގެ އިދާރީ ބައިގެ މަސައްކަތުގައި ފާއިތުވި އަހަރު ހޭދަކޮށްފައިވާ އަދި އިންތިހާބުގެ ކަންތައް ހިނގަމުންދާ ވަގުތުގައި ވެސް އިދާރީ ބައިގެ މަސައްކަތުގައި ދެމިތިބި ދާއިމީ މުވައްޒަފުންނަށެވެ. 

(ޅ) އެލަމްނައިގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ އެލަމްނައި އެސޯސިއޭށަންގެ މެންބަރުންނަށެވެ.

(ކ) ދަރިވަރުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޯޓު ދެވޭނީ ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ ދިގު މުއްދަތުގެ ކޯސްތަކުގައި ރަޖިސްޓަރީކޮށްފައިވާ ދަރިވަރުންނަށެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

22.(ށ)(1)  ވައިސް ޗާންސެލަރ؛

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

28.އިސްތިއުފާދިނުން

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗާންސެލަރާއި ވައިސް ޗާންސެލަރ އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މީހަކު އެ މަގާމުން ވަކިވީއެވެ.

(ށ)  މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ޔުނިވަރސިޓީގެ ޗާންސެލަރަށް ހުށަހަޅައި، އެ ސިޓީ ޗާންސެލަރަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

30.ބައްދަލުވުންތައް 

(ހ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ  ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވުމުންނެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

31.ވަގުތީގޮތުން ވައިސް ޗާންސެލަރާ އި ޑެޕިއުޓީ ވައިސް ޗާންސެލަރު ގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހުން އައްޔަންކުރުން 

(ހ) އަަންނަނިވި ހާލަތްތަކުގައި ވަގުތީގޮތުން ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރު ގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހަކު އައްޔަންކުރުމުގެ ބާރު ޔުނިވަރސިޓީގެ މަޖިލީހަށް ލިބިގެންވެއެވެ.

  1. ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރު ގެ މަގާމު ހުސްވުން؛
  2. ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރު ގެ މަގާމާ ހަވާލުވެގެން ހުރި މީހަކު ރަށުން ބޭރުގައިވުން ނުވަތަ އެހެންވެސް ސަބަބަކަށްޓަކައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުން.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

(ށ) ޗާންސެލަރ ނުވަތަ ވައިސް ޗާންސެލަރ އައްޔަންކުރުން ސައްހަނުވުމުގެ ސަބަބުންނާއި، ކޮމިޓީއަކަށް ގަވާއިދާ ހިލާފަށް އިންތިހާބުކުރެވިފައިވާ މީހަކު ހުރުމުންނާއި، ކޮމިޓީއެއް އެއްކުރުން ގަވާއިދާ ހިލާފުވުމުންނާއި، ޔުނިވަރސިޓީގެ މަޖިލިސް ނުވަތަ އެކަޑެމިކް ބޯޑު ނުވަތަ ކޮމިޓީއަކަށް ހޮވަންޖެހޭ މެންބަރެއް ނުހޮވި އޮތުމުގެ ސަބަބުން އެފަދަ މީހަކު ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމެއް ބާތިލެއް ނުވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

41.ޔުނިވަރސިޓީގެ މާލިއްޔާ

(ހ) ޔުނިވަރސިޓީގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ދައުލަތުގެ މާލިއްޔާއިން، ކޮންމެ އަހަރަކު ޔުނިވަރސިޓީއަށް ދޫކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

41.(ބ) އަންނަނިވި ގޮތްގޮތުން ޔުނިވަރސިޓީއަށް ލިބޭ ފައިސާ، ޔުނިވަރސިޓީގެ މަޖިލީހުން ނިންމާ އުސޫލެއްގެ މަތިން، ހަރަދުކުރުމުގެ ހައްގު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މި ފައިސާ ހޭދަކުރަންވާނީ ހަމައެކަނި ޔުނިވަރސިޓީގެ ބޭނުމަށެވެ.

  1. އެކި ގޮތްގޮތުން ދަރިވަރުންނާއި މުވައްޒަފުންގެ އަތުން ނެގޭ ފީއާއި ފައިސާ؛ އަދި 
  2. ޔުނިވަރސިޓީއަށް އާމްދަނީ ހޯދުމަށް މި ގާނޫނުގެ ދަށުން ހިންގާ 2 މުއާމަލާތްތަކުން ލިބޭ ފައިސާ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

47.އަހަރީ ރިޕޯޓު 

(ހ) ޔުނިވަރސިޓީގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 1 (އެކެއް) ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަށް ޔުނިވަރސިޓީގެ މަޖިލީހުން ފޮނުވަންވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން. 

48.(ށ)(7). ހާއްސަ ހާލަތްތަކުގައި ވައިސް ޗާންސެލަރު ގެ ޒިންމާތަކާއި ބާރުތައް ޑެޕިއުޓީ ވައިސް ޗާންސެލަރ އުފުލައި ބޭނުންކުރާނެ ގޮތްތައް ކަނޑައެޅުން.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

50.އިންތިގާލީ ކަންކަން 

(ހ) ގާާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ ދަށުން ފުރަތަމަ އައްޔަންކުރާ ޔުނިވަރސިޓީގެ ޗާންސެލަރާއި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އެކުލަވާލާ ފުރަތަމަ ޔުނިވަރސިޓީގެ މަޖިލިސްއަށް މެންބަރުން އައްޔަންކޮށް، އަދި އިންތިހާބުކުރަންޖެހޭ މެންބަރުން އިންތިހާބުކުރުމަށްފަހު އެ މަޖިލިސް އަލުން އެކުލަވާލަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ޔުނިވަރސިޓީގެ މަޖިލިސް އެކުލަވާލުމުގެ ކަންކަން އިންތިޒާމުކޮށް ހަމަޖެއްސުމުގެ މަސައްކަތްކުރާނީ، ޔުނިވަރސިޓީގެ ޗާންސެލަރ އެކަމަށް އައްޔަންކުރާ ވަގުތީ ކޮމިޓީއަކުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކޮމިޓީ އެކުލެވިގެންވާނީ، ޗާންސެލަރުގެ އިތުރުން، ޔުނިވަރސިޓީގެ މަގާމުތައް ފުރަމުންދާ ފަރާތްތަކުގެ ތެރެއިން ޗާންސެލަރ އައްޔަންކުރާ 4 (ހަތަރެއް) މެންބަރުންގެ މައްޗަށެވެ. 

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ޔުނިވަރސިޓީގެ މަޖިލިސް އަލުން އެކުލަވާލުމާއެކު، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކޮމިޓީ އުވުނީއެވެ. 

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ޔުނިވަރސިޓީގެ މަޖިލިސް އަލުން އެކުލަވާލެވެންދެން ގާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ޔުނިވަރސިޓީގެ މަޖިލިސް ދެމިއޮންނާނެއެވެ.

 

23 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރުތައް ތަރުތީބުކުރުން.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

25 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2015-11)

 

ކޮންސޮލިޑޭޓް ކުރެވުނު ގާނޫނު

އިސްލާމިކް ޔުނިވަރސިޓީގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު