ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999) އަށް 8 ވަނަ އިސްލާހް ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 13/2016)

0 occurrences found.

ގާނޫނު ނަންބަރު 2/1999 ( ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލާހް ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 13/2016)

 

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުން

(ހ) ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދޭންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ދެ ދޮތުން ކުރެ ގޮތަކަށެވެ.

  1. ޓޫރިޒަމާބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުއްޔަށް ދިނުން؛ ނުވަތަ
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް ރަށުގައި، ނުވަތަ ބިމުގައި، ނުވަތަ ފަޅުގައި ހިންގުމަސް ބޭނުންވާ މަޝްރޫއެއްގެ ތަފްސީލާއެކު، އެ ރަށަކަށް، ނުވަތަ ބިމަކަށް، ނުވަތަ ފަޅަކަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދިނުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދޭންވާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވުމުންނެވެ.

  1. އެ ރަށް، ނުވަތަ ބިން، ނުވަތަ ފަޅަކީ، އެ ތަނެއްގައި ހިންގަން ހުށަހަޅާ މަޝްރޫއު ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށްވުން؛ އަދި
  2. ރަށަށް، ނުވަތަ ބިމަށް، ނުވަތަ ފަޅަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ އެކުއިޒިށަން ފީ، އެކީ އެއްފަހަރާ ދައްކާފައިވުން؛ އަދި
  3. ރަށަށް، ނުވަތަ ބިމަށް، ނުވަތަ ފަޅަށް އެދޭ ފަރާތަކީ، އެތަނެއްގައި ހިންގަން ހުށަހަޅާފައިވާ މަޝްރޫއު ހިންގުމަށް މާލީ ގޮތުންނާއި، ފަންނީ ގޮތުން ގާބިލު ފަރާތަކަށްވުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން ޓޫރިޒަމާބެހޭ މިނިސްޓްރީން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި އިތުރު ށަރުތު ކަނޑައެޅުމަކަށް މި މާއްދާގެ (ށ) ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދިނުމުގައި ޓޫރިޒަމާބެހޭ މިނިސްޓްރީނަ އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. އެއިން ރަށަކަށް، ނުވަތަ ބިމަކަށް، ނުވަތަ ފަޅަކަށް އެދި ހުށަހަޅާ ހުށަހެޅުންތައް، ހަމަހަމަކަމާއި ހާމަކަން ބޮޑު ގޮތެއްގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ވަޒަންކުރާނެ ގޮތުގެ މިންގަނޑެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި، ހުށަހެޅޭ ކޮންމެ ހުށަހެޅުމެއް އެ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ވަޒަންކުރުން؛
  2. ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ހޯދުން؛
  3. ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ދޫކުރުމަށްފަހު، އެ ކަމާބެހޭ ތަފްސީލީ މައުލޫމާތު ލިޔުމުން އެންޓި-ކޮރަޕްށަން ކޮމިށަނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރުން.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރަށް ނުވަތަ ފަޅު ނުވަތަ ބިން ދޫކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ ދާސުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި، އެ ތަންތަނާބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަޝްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ. އަދި އެ ލިސްޓަށް އުނިއިތުރު ގެންނަން ބޭނުންވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދައާއެކު އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ކ) ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މި ގާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ ދަށުން، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަނެއް ހިއްސާދާރަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

(އ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދިނުމުގައި އަމަލުކުރަންވާނީ މި ގާނޫނަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. (ރ) މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފީ، ދައްކައި ހަލާސްކޮށްފައިނުވާ ފަރާތްތަކުންނާއި، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލަހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދެވޭނެ ފަރާތްތަކުން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، 31 ޑިސެންބަރު 2017 ގެ ނިޔަލަށް ދައްކައި ހަލާސްކޮށް ނިންމަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަނޫނުގެ 9 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން

9. (ބ) މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދެވޭ އަދި މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފީ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިނން ދައްކައި ހަލާސްކޮށްފައިނުވާނަމަ، މި މާއްދާގެ (ށ) ގެ ދަށުން އެ ރަށްރަށުގެ ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކޮށްދީފައި އޮތް އޮތުން ބާތިލުވާނެއެވެ. އަދި އެ ހާލަތް މެދުވެރިވެއްޖެ ހިނދެއްގައި، އެ ރަށްރަށުގެ ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެފަރާތްތަކާއި ދިވެހިސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ކަމާގުޅޭ މާއްދާތައް، މި މާއްދާއާ ފުށުއަރާ ނިސްބަތަށް ބާތިލުވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. (ޅ) މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އެކަމަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުންތައް ފުރިހަމަކަމަށްވާނަމަ، 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީން އެ ފަރާތްތަކަށް މުއްދަތު އިތުރުކޮށްދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކުރެވިފައިއެވާ 9 ވަނަ މާއްދާގެ (ކ) އަދި (އ) އުނިކޮށް، އަކުރުތައް ތަރުތީބުކުރުން.

9. (ކ) މި ގާނޫނު ފާސްވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު ހިންގަންފެށިފައި ނުވާ ރަށްރަށް ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެ ރަށް ނުވަތަ އެ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، މީލާދީ 36 (ތިރީސްހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަންވާނެއެވެ.

(އ) މި މާއްދާގެ (ބ) އަދި (ޅ) ގައިވާ ގޮތުގެމަތިން، މުއްދތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ހުށަހަޅާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީން އެކަން ކޮށްދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ވ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން

9. (ވ) (1) ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ، އެ ފައިސާ ދައްކައި ހަލާސްކޮށްފައިވުން. މީގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާއެއް ނުހިމެނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

35. (އ) ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކަސް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުބް، 1 އޮކްޓޫބަރު 2016 އިން ފެށިގެން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

35. (ވ) މި މާއްދާގެ (ކ) އަދި (އ) ގައި ބަޔާންކުރާ ޓެކްސް، އެ މާއްދާތަކުގައި ބަޔާންކުރާ ޓޫރިސްޓުންގެ އަތުން ނަގައި، ދައުލަތަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެކެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން

51. ހިދުމަތްތަކަށް ފީ ނެގުން

ފަތުރުވެރިކަމާބެހޭ ކަންކަމާ ގުޅިގެން ޓޫރިޒަމާބެހޭ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިދމަތުގެ ފީއެއް ނެގިދާނެއެވެ. އެގޮތުން ދެވޭ ހިދުމަތްތަކަށް ފީ ނެގޭނެ އުސޫލާއި މިންވަރު ކަނޑައަޅާއި، ކަމާބެހޭ ގަވާއިދު، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާއަށް އަންނަނިވި ލަފުޒުތަކުގެ މާނަކުރުން އިތުރުކުރުން.

52. (މ) "ފަތުރުވެރިކަމާބެހޭ ކަންކަން" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ، ސިޓީ ހޮޓާ، އަދި ޔޮޓް ބަނދަރު ފަދަ ތަންތަން ހަދައި ތަރައްގީކޮށް ހިންގުމަށާއި، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހާއްސަކުރެވިގެން ދެވޭ ފީނުމާއި، ވޯޓަރ ސްޕޯޓްސް އަދި ފަތުރުވެރިން ދަތުރުދިއުމުގެ ހިދުމަތް ދިނުން ފަދަ ކަންކަމަށެވެ.

(ފ) "އެކުއިޒިށަން ފީ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި ހިންގުމަށް ހުށަހަޅާ މަޝްރޫއަށް ބިނާކޮށް، އެއިރެއްގެ މާކެޓް އަގަށް ބަލައި، ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭ ލީސްހޯލްޑް ހައްގުތައް ލިބިގަތުމަށްޓަކައި ދައުލަތަށް ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަޝްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ފީ އަށެވެ.

 

11 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

12 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com