ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 42/2014)

0 occurrences found.

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 42/2014)

 

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.

35. (ކ) ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ޓެކްސް، އެ ޓޫރިސްޓުންގެ އަތުން ނަގައި، ދައުލަތަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

36. ޓެކްސް ނެގުމާބެހޭ އިންތިޒާމުތައް

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ނަގާ ޓެކްސް ނަގާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ.

(ށ) މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ނަގާ ޓެކްސް، މި މާއްދާގެ (ހ) ގެ ދަށުން ނެގުމަށްޓަކައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

37. ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާކުރުމާއި ހުއްދަ ބާތިލުކުރުން

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޓެކްސް ދައްކަންޖެހޭ ފަރާތަކުން، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ޓެކްސް ނުދައްކައިފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެމަތިން އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

(ށ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޓެކުހާއި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ އެ އެއްޗެހި ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، އެތަނެއް ހިންގުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދައެއް ބާތިލުކޮށްފިނަމަ، އަލުން އެ ހުއްދައެއް ދޫކުރެވޭނީ، މި ގާނޫނުގެ ދަށުން އެފަރާތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާވާ ޓެކުހާއި ޖޫރިމަނާ ދައްކާ ނިންމުމުންނެވެ.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2015 ވަނަ ދުވަހުން ފެށިގެންނެވެ.

   

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com