ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވާލުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2010-01)
1 ވަނަ މާއްދާ - ކުރުނަމާއި ތައާރުފް
(ހ) މިއީ މިހާރު އަމަލުކުރަމުންދާ ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވާލުމުގެ ގާނޫނުއެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ގާނޫނު ނަންބަރު 1978-72 ހުޅުލެއަށް އެރުމާބެހޭ ގާނޫނު އުވާލުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ގާނޫނު ނަންބަރު 1978-72 ހުޅުލެއަށް އެރުމާބެހޭ ގާނޫނު
އެއަރޕޯޓު އޮފީހުން ދޫކުރާ ހުއްދައެއް އޮވެގެންނޫނީ އާދައިގެ ގޮތުގައި ހުޅުލެއަށް އެރުމަކީ މަނާކަމެކެވެ.
3 ވަނަ މާއްދާ – ގާނޫނު ނަންބަރު 1983-04 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އަށް 1 ވަނަ އިސްލާު ގެނައުމުގެ ގާނޫނު
(ހ) ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އަށް ތިރީގައި މިވާ އިސްލާހު ގެނައުން.
(ށ) ނަން ގަނެވިދިޔަ ގާނޫނުގައި "އެއަރޕޯޓް އޮފީހުން" މިހެން އޮތްތަން "މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން" މިގޮތަށް ބަދަލުކުރުން.
4 ވަނަ މާއްދާ – ގާނޫނު ނަންބަރު 1985-05 1995-2-18 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ހ) ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އަށް ތިރީގައިމިވާ އިސްލާހު ގެނައުން.
(ށ) ބުނެވިދިޔަ ގާނޫނުގައި "މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީ" މިހެން އޮތްތަން "ސިވިލް އޭވިއޭށަން އޮތޯރިޓީ" މިގޮތަށް ބަދަލުކުރުން.
5 ވަނަ މާއްދާ - ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވުން
ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވާލުމުގެ ބިލު، މި ގާނޫނަށް ގާނޫނު ނަންބަރު 1983-04 ގާނޫނުންނާއި ގާނޫނު ނަންބަރު 1985-05 ގާނޫނުން، ގެނެސްފައިވާ 2 އިސްލާހާއެކު އުވާލުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުން، ގާނޫނު ނަންބަރު 1978-72 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވުނީއެވެ.
އުވާލެވުނު ގާނޫނު
ރިފަރެންސް
28 ޑިސެމްބަރ 2009 ވި ހޯމަދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 79 ވަނަ ޖަލްސާއިން ފާސްކުޅަ ގާނޫނު ނަންބަރު 72/1978 (ހުޅުލެއަށް އެރުމާބެހޭ ގާނޫނު) އުވާލުމުގެ ބިލު) ބަލައި، ތަސްދީގުކޮށްފައިވަނީ 4 ޖެނުއަރީ 2010 (18 މުޙައްރަމް 1431)
ކިޔުންތެރިންގެ ހިޔާލު